-މުޙައްމަދު ވަޙީދު / މަޑުލު- އަންހެނެއް ނަމަވެސް ސިޔާސީ ކުށެއްގައި ބެދިއްޖެނަމަ، އެކަމުން ލިބެންޖެހޭ އަދަބު ދެވޭތޯ ބަލާހިތްވާ މީހުން ތިބޭ ރާއްޖެއެއްގައި ކުރިހާ އާދޭހާއި ލީހާ ސިޓީއަކުން ޝަރީފާ ދީދީއަށް ވީކަމެއް ނެތެވެ. އޭނާގެ ކުށަކީ ރައީސްކަމަށް ކުރިމަތިލައިފައިވާ އެއް ކެންޑިޑޭޓަކީ، ޙަރާން އެއްޗެހި ކާންދީގެން ބޮޑުކޮށްފައި ހުރި މީހެކޭ، އޭނާ ވައްކަން ނުކޮށެއް ނުހުންނާނެއޭ ބުނުމެވެ. 10 އަހަރަށް އޭނާ އަރުވާލީއެވެ. ޝަރީފާ ދީދީ ގެ ބޭބެ އާއި ބޭބެގެ ދޮށީ ދަރިފުޅު ޖަލުގައި…

-މުޙައްމަދު ވަޙީދު / މަޑުލު-

އަންހެނެއް ނަމަވެސް ސިޔާސީ ކުށެއްގައި ބެދިއްޖެނަމަ، އެކަމުން ލިބެންޖެހޭ އަދަބު ދެވޭތޯ ބަލާހިތްވާ މީހުން ތިބޭ ރާއްޖެއެއްގައި ކުރިހާ އާދޭހާއި ލީހާ ސިޓީއަކުން ޝަރީފާ ދީދީއަށް ވީކަމެއް ނެތެވެ. އޭނާގެ ކުށަކީ ރައީސްކަމަށް ކުރިމަތިލައިފައިވާ އެއް ކެންޑިޑޭޓަކީ، ޙަރާން އެއްޗެހި ކާންދީގެން ބޮޑުކޮށްފައި ހުރި މީހެކޭ، އޭނާ ވައްކަން ނުކޮށެއް ނުހުންނާނެއޭ ބުނުމެވެ. 10 އަހަރަށް އޭނާ އަރުވާލީއެވެ. ޝަރީފާ ދީދީ ގެ ބޭބެ އާއި ބޭބެގެ ދޮށީ ދަރިފުޅު ޖަލުގައި މަރުވީއެވެ. ވެރިކަމުގެ ދަހިވެތިކަމުގައި އޭނާގެ ޢާއިލާކަމަށް ދުށް މީހުން ރޭވިރޭވުމުގައި، އޭނާ ހުރީ ރަނގަޅަށް ބަނދެވިފައެވެ. ތެދެކެވެ. ކާމިޔާބުވީނަމަ، ވެރިކަން ކުރާނެއެވެ. ނާކާމިޔާބުވުމުން ބާޣީންނަށް ވީއެވެ. ރައްޔިތުންގެ ޙައްޤުގައި ކުރި ހުރިހާ މަސައްކަތް، މުނާފިޤުވަންތަކަމުގެ ބަލިން ހަލާކުވެގެން ދިޔައީއެވެ.

ޝަރީފާ ދީދީ އަރުވައިލި ރަށުން ވެސް އޭނާއަށް ކުރިމަތިވަމުން ދިޔައީ މީހުންގެ ޖެއްސުމާއި އުނދަގުލާއި ދަތިކުރުމުގެ ކަންތައްތަކާއެވެ. މިކަންތައްތައް ކުރަނީ “އަންގަވައިފައި” އޮވެގެންކަމަށް އޭނާއަށް ހަމްދަރުދީވާ މީހަކު ބުނެދިނެވެ. 2 އަހަރެއްވީތަނާ ހަމްދަރުދީގެ އަގުދައްކަން ޖެހިއްޖެއެވެ. އެހެންކަމުން އިބްރާހީމްފުޅާ އިނީއެވެ. ބަލައިލަން ރީތިނަމަވެސް އުޅުމެއް ނެތް، ގޮތެއް ފޮތެއް ނެތް މީހެއްކަން އެނގުނީ އެކުގައި ދިރިއުޅެން ފެށީމައެވެ. މިޒާޖު ނުގުޅޭކަމާއި ކަންނެތްކަން ހުރިވަރު ފެނިފައި ހުއްދަ ހޯދައިގެން މިހަކާ އިންނަން ކުރި މަސައްކަތުގެ އަގުވެސް ނުޖެހުނޭ ހިތަށް އެރިއެވެ. މިކަމުގެ ފޫހިގަނޑު ފެށުމުގެ ތެރޭގައި ހައްޔަރުގައި އިންކަން އެނގި، އިބްރާހިމްފުޅު ދެކެ ވާންފެށި ފޫހި އަދި މާ ބޮޑުވިއެވެ. ނުވިހަނީސް ވަރިވާން ޖެހިއްޖެއެވެ. ވަރިކުރިތާ ހަފުތާއެއް ނުވަނީސް އިބްރާހީމްފުޅު އެހެން މީހަކާ އިންވާހަކަ ޝަރީފާ ދީދީއަށް އިވުނެވެ. ހިތަށްއެރިއެވެ. އަންހެނުންނަށް ހަމަ ސާބަހެވެ. އިންނަ މީހަކީ ކާކުތޯ ބަލައިލައިފައި އިނިއްޔާ ވާނީ ކީއްހެއްޔެވެ؟ ޚުދު އޭނާގެ ކައިވެނީގެ  މަތީން ހިތަށް އަރައިފައި އެތެރެހައްޓަށް ހިނިއައެވެ.

ޝަރީފާ ދީދީ އަކީ ޅެންވެރިއެކެވެ. އޭނާގެ ޙަޔާތުގެ ވާހަކަތައް ލަވަފޮތެއްގެ ސިފައިގައި ލިޔަމުން ގެންދިޔައެވެ. ފުރަތަމަ ލިޔުނު ލަވަފޮތް ސިޔާސީ ވާހަކަތައް ހުރި ލިޔުމެއްގެ ގޮތުގައި އޮފީހަށް ގެންދިޔައީއެވެ. އޭނާގެ އަތުގައި އެފަދަ އެއްޗެއް އޮތްކަން އެނގުނީ އޭނާގެ ފޮށި ކޮންމެވެސް މީހަކު ބަލާތީކަން އެނގުނެވެ.

އެހެންކަމުން އޭނާގެ ކާވެންޏާއި އޭނާގެ ދިރިއުޅުމާއި އޭނާއަށް އަލަށް ލިބޭ ދަރިފުޅާމެދު ކުރި އުންމީދުތައް އޭނާގެ ގަލަމުން ލިޔަމުން ދިޔައީ ލެއިން ކަފުނުގައި ލިޔާނެ ފަދައިންނެވެ ފުން އަސަރުތަކެއް އެކުލެވިފައިވާ ގޮތެއްގައެވެ. މިނިވަންކަމަށް ކުރާ އުންމީދަކީ ކާކާ ބައްދަލުކުރަން ކުރާ، ކޮންރަށަކަށް ދާން ކުރާ އުންމީދުކަމެއް އޭނާއަކަށް ވެސް ނޭނގޭ ކަމަށް ލިޔުނެވެ. އޭނާގެ އޮތްނަމަ އޮތް ޢާއިލާއަކީ އޭނާގެ ބަނޑުގައިވާ ދަރިފުޅެވެ. އެ ދަރިފުޅު ދުނިޔެއަށް އައިސް، ގަދަވެ ސަލާމަތުން ބޮޑުވެއްޖެނަމަ، މިނިވަންކަމުގެ އުފައު ލިބުނީއެވެ. އޭނާގެ ކުޅަދާނަ ޝާޢިރީ ޚިޔާލުތަކުގައި ލިޔެލައިފައި ވެއެވެ. “ދަރިފުޅުގެ ބައްޕައޭ ކިޔައިފައި ދައްކާނެ މީހަކު ނެތެވެ. ޙަޤީޤީ ބައްޕައަކީ ދަރިޔަކު ބައްޕައޭ ކިޔައިފައި ގޮވައިލަން ލާއިޤު މީހެއް ނޫނެވެ. އަނތްބަކު ފިރިއެއްގެ ގޮތުގައި އެކުއުޅެން އެކަށީގެންނުވާކަހަލަ ސިފަތަކެއް ހުރި މީހެއްކަން އެނގުނުއިރު ދަރިފުޅު ވަނީ މަންމަގެ ބަނޑުގައި އަށަގެންފައެވެ. ޤުދުރަތުގެ ރޭވުންތަކާމެދު ހަމަ އަޖައިބުވެ  އަންތަރީސްވާން ޖެހެއެވެ. އެކަމަކު ދަރިފުޅަކީ ޝަކުވާގެ ކުއްޖަކަށް ނުވާނެއެވެ. ވިސްނާށެވެ. މޮޅުމީހަކަށް ވާށެވެ. ދުނިޔޭގެ ބިމުގައިވާ ކަށިތައް ގިނައެވެ. ޒަޚަމްވާވަރަށް އެއިން ކައްޓެއް ހެރުނަ ނުދޭށެވެ. ފިރިހެނުންނަކީ ދިރިއުޅުމުގައި ބައިވެރިއެއްގެ ގޮތުން ގުޅެންޖެހޭ ބައެކެވެ. އެމީހުން ދެކެ ފޫހިނުވާށެވެ. އެހެންނަމަވެސް ކޮންމެ ކޮންމެ މީހަކު ދެކެ ލޯބިނުވާށެވެ. އިންނަންވާނީ ގޮތް ފޮތް ހުރި މީހަކާއެވެ. މިބުނީ ކޮންމެހެން މާމޮޅު މީހަކު ހޯދާށެކޭ ނޫނެވެ. ކިޔަވައިގެން ހުރި މީހަކަށް ނުވިނަމަވެސް އަޚުލާޤު ރަނގަޅު މާތް މީހުން ތިބެއެވެ. ކިޔަވައިގެން ތިބި، ގޮތެއް ފޮތެއް ނެތް ޖާހިލުން ތިބޭ ބީދައިގެންނެވެ. ރަނގަޅު މަޅިއަކަށް ނޫނީ ފައިނުލާށެވެ.

އޭނާގެ ދަރިފުޅު ބޮޑުވާ ދުވަހަކުން އޭނާއަށް ފެންނާނެ ކަމަށް ޝަރީފާ ދީދީ ލިޔުނު ފޮތް އޮތްތަނެއްގައި އޮތީއެވެ. ވިހޭގެތެރޭގައި އޭނާ މިދުނިޔެ ދޫކުރީއެވެ. މިއީ އިންސާނެއްގެ ޙަޔާތުގެ ހިތާމަވެރި ސިލްސިލާއެއް ލިޔަން ޤަޞްދުކުރާ މީހަކަށް ވަރަށް އަސަރުގަދަ ވާހަކައަކަށް ވާނެއެވެ. ބާރާއި ފައިސާއާއި އަރާމުގެތެރެއިން ވަރަށް ނިކަމެތި ޙާލުގައި ބީރައްޓެހި ޖައްވެއްގައި، ލޯބިނުވާ މީހަކާ އިނދެ، ލިބުނު ދަރިފުޅު ލޮލުން ނުދެކި މިދުނިޔެ ދޫކުރީ އަޅާލާނެ މީހަކު ނެތިއެވެ. ޤުދުރަތުގެ އަޖާއިބެއް ފަދަ ރޭވުންތަކުގައި މިވާ ޙިކުމަތްތެރިކަމަކީ، އަހައި ފޫހިނުވާ، ކިޔައި ވަރުބަލިނުވާ ވާހަކަތަކެކެވެ. ކޮންމެ މީހެއްގެ ޙަޔާތަކީ އަނެކުންނަށް ހުރި ޢިބުރތެކެވެ. އޭގައި ފާހަގަކުރެވެނީ، ފައިސާ އާއި އަރާމާއި މޮޅު ދިރިއުޅުންތަކުގެ ވާހަކަ އެކަންޏެއް ނޫނެވެ. ވޭނާއި ކެކުޅުމާއި ހިތާމަތަކުގެ ވާހަކަތައް ވެސް އެއީ ހަމަ ފިލާވަޅުތަކެކެވެ. އުނގެނެންވީ އެންމެ ދަރުސެކެވެ. އަބަދަށް ދިރިނޫޅެވޭނެކަމާއި ރާވާހައި ގޮތަކަށް ކަންތައްތައް ނުދާކަމެވެ.

ޝަރީފާ ދީދީއަށް ލިބުނު ދަރިފުޅު ބެލުމުގެ މައްސަލަ ވީ ރަށުގެ ވެރިންނަށް ވެސް ބޮޑު މައްސަލައަށެވެ. އެ ތުއްތު ކުއްޖާގެ ބައްޕަ ކައިރި ރަށަކުން ދެއަނތްބަން މީހަކާ އިނދެގެން ގޮސް އުޅެނީ އެ ރަށުގައެވެ. ދޮންމަންމަ އެކުއްޖާ ބަލާކަށް އެއްބަހެއް ނުވިއެވެ. އެ ކުއްޖާގެ ބައްޕަ ފަރާތުގެ ބޮޑުދައިތައިން އެކަކު އަނެކަކަށް ފާކޮށްކޮށް ތިބީއެވެ. އެންމެ ފަހުން އޮފީހުން އަންގަވައިގެން އޭގެތެރެއިން ބޮޑުދައިތައަކު އެ ކުޑަކުއްޖާއާ ޙަވާލުވީއެވެ. އިންސާނުން ދުނިޔެއަށް އައުމާއެކު، ގެރިބަކަރިފަދައިން ތެދުވެ ހިނގާބިގާވެ، އަމިއްލައަށް ކާންބޯން ނޫޅޭގޮތަށް ހަމަޖެހިފައިވަނީ، އިންސާނުންނަކީ ޖަނަވާރުން ނޫންވީމައެވެ. ރަޙުމާއި ކުލުނާއި ސިކުނޑިއާއި ބުއްދިއާއި ފިކުރުކުރުމާއި ޢާއިލީ ލޯބިވުން އެހެން މަޚުލާޤުންނަށްވުރެ ފުރިހަމައަށް އިންސާނުންނަށް ދެއްވައިފައިވާތީއެވެ. އެހެންނަމަވެސް ބައެއް ކުދީން ދުނިޔެއަށް އުފަންވުމާއެކު އެއީ އުނދަގުލެއްކަމުގައި ދެކޭ މައިންބަފައިން އެފަދަ ކަމެއް މެދުވެރިވެދާނެ ޢަމަލުތައް ކުރަނީ ކީކޭ ހިތަށް އަރައިގެންބާވައެވެ. ޝައްކެތް ނެތެވެ. ޖާހިލުކަމުންނެވެ. ޖަނަވާރުންނޭ ނުކީނަމަވެސް ބައެއް ކަންތައްތަކުގެ ފެންވަރު ޖަނަވާރުންނާ އެއްވަރުވީމައެވެ.

ޝަރީފާ ދީދީ ގެ ދަރިފުޅުގެ ނަސީބު ކިތަންމެހައިވެސް ރަނގަޅެވެ. މީހުންގެ ހަމްދަރުދީގެ ސަބަބުން އޭނާއަށް އެކި މީހުން ދޭ ކާއެއްޗިހިން ރަނގަޅު ޞިއްޙަތެއްގައި ބޮޑުވަމުން އައެވެ. ކިޔެވުމަށް ޝައުޤުވެރިވެއެވެ. ފަސްއަހަރުވިއިރު ތާނައަކުރާއި ޢަރަބިއަކުރު ލިޔެއުޅެއެވެ. ކިޔަވައިދޭ ގޭގެއަށް ގޮސް ކުދީންނަށް ކިޔަވައިދޭތަން ބަލަން ހުރެއެވެ. އަޑުދަށުން ކިޔަވައިހަދައެވެ. ޢުމުރުން ހަތްއަހަރަށް އަޅައިގެންއިރު، ތާނައިން ލިޔެފައި ހުންނަ އެއްޗިހި ކޮށަކޮށައިގެން ކިޔައެވެ. އޭނާގެ މިޒާޖަކީ ޙައިރާންވާކަހަލަ ރަނގަޅު މިޒާޖެކެވެ. ވިޔާނުދާ ވާހަކަ ދެއްކުމާއި ނުދޭ އެއްޗެއްގައި އަތްލުމާއި ނުރުހޭ މީހުންގެ ގޭގެއަށް ވަނުމަކީ އޭނާ ކުރާ ކަންތައްތަކެއް ނޫނެވެ. އޭނާގެ އުޅުމުގައި ހުންނަ ރީތި ގޮތާއި ވާހަކަދެއްކުމުގައި ހުންނަ މާތްގޮތާއި ބޮޑެތި  މީހުންނަށް ކިޔަމަންތެރިވުމުގައި ހުންނަ މަޑުމައިތިރި ގޮތް އެއީ އޭނާގެ ޢުމުރަށް ނުފެތޭ، އޭނާގެ މަންމަގެ ލެއިން ވާރުތަވީ ކަންތައްތަކެވެ. އެކަންތައްތަކުގެ ސަބަބުން މީހުންގެ ލޯތްބާއި އަޅާލުމާއި ކުލުނު އޭނާގެ މައްޗަށް އިތުރުވަމުން ދިޔައެވެ.

މި ދުނިޔެ މިއީ ތަމްސީލްކުޅޭ މީހުންގެ އިސްޓޭޖެކޭ ބުނާއަޑު އިވެއެވެ. އެކަމަކު މިފަދަ ކަންތައްތަކަކީ ހަމަ ޤުދުރަތުގެ އަޖާއިބުތަކުގެ ތެރޭގައި އޭގެ ސަބަބު ފޮރުވިފައިވާ ކަންތައްތަކެވެ. ވަށައިގެން ޚާދިމުންނާއި ކުޅޭ އެއްޗިއްސާއި މީރު ކާނާ އާއި މައިންބަފައިންގެ ލޯބި ލިބިގެން ބޮޑުވާ ކުއްޖާގެ އަޚުލާޤެއް ނެތިފައި އެންމެންނަށް އުނދަގުލަކަށްވެ، އަޅައިލުން ނުލިބޭ ކުއްޖާ ރަނގަޅު ކުއްޖަކަށް ވުން އެއީ ފަހެ އަޖައިބެއް ނޫންހެއްޔެވެ؟

ޢުމުރުން 8 އަހަރުގައި ކަތީބުގެ ޚަރަދުގައި ކިޔެވުމާއި ޔުނިފޯމްގެ ހުރިހައި ކަމެއް ބަލަހައްޓާގޮތަށް ޝަރީފާ ދީދީ ގެ ދަރިފުޅު މަދަރުސާއަށް ވެއްދިއެވެ. މަދަރުސާގައި 3 އަހަރުވީއިރު މާ ދޮށީކުދިންނަށްވުރެ ކިޔެވުމަށް މޮޅުވެފައި ހިތް އައްޔެވެ. މަދަރުސާގެ ހަތަރުވަނަ އަހަރު ފެށުނުތަނާ އޭނާއަށް އެހީވި މީހާ މައްސަލައެއްގައި އަރުވައިލައިފިއެވެ. އިންތިޚާބެއްގައި ވޯޓްދޭންވީ ފަރާތް އަންގައިފައިވަނިކޮށް އެފަރާތަކަށް މީހުންލައްވައި ވޯޓްނުލެއްވުމުގެ ސަބަބުން ވެރިކަމާ ދެކޮޅު މީހަކަށް ހަދައިފައެވެ. މި މަޢުސޫމް ކުއްޖާއަށް އެހީތެރިވާނެ މީހުން ތިއްބެވެ. އެހެންނަމަވެސް އެފަދަ ސިޔާސީ މައްސަލައެއްގައި ބެދިފައިވާ މީހަކު ބެލެހެއްޓި ކުއްޖަކާ ހަވާލުވުމަށް އެކަކަށްވެސް އިސްނަގާކަށެއް ނުކެރުނެވެ. އެއިން ކޮންމެ މީހަކުވެސް ޙިމާޔަތްކުރަންޖެހޭ ފަޅުރަށެއް، ވިޔަފާރިއެއް، ދުއްވާ ބޯޓެއް ނޫނީ ކޮންމެވެސް ޒިންމާއެއް އޮވެއެވެ. ދުނިޔެއަށް ބާކީވެފައިވާ ކުޑަކުޑަ ކުއްޖެއްގެ ޙައްޤުގައި އެމީހުންގެ އަމިއްލަ އަރާމާއި ލިބޭ ޢާމްދަނީއަށް ހުއްޓުމެއް އަރައިފާނެ ކަމަށް ހީވާކަހަލަ ޢަމަލެއް އެއްވެސް މީހަކު ކުރާހިތެއް ނުވިއެވެ. ސަތޭކައިން ސަތޭކަ އިސްލާމީ ޤައުމެއްގެ ކެރޭ، ހިއްވަރުގަދަ، ކުޅަދާނަ ބަޔަކު މި ކުޑަކުޑަ ކުއްޖާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށްވުރެ ކުރާނެ މާ ރަނގަޅު ކަންތައްތައް އެމީހުންނަށް ފެނެއެވެ. މިއީ، އިންޑިއާ ކަނޑުގައިވާ އިސްލާމްދީނުގެ އަބުރާއިޝަރަފު ހިފަހައްޓާ ކިއްލާއެވެ.

*******

ޝަރީފާ ދީދީގެ ދަރިފުޅަށް ސްކޫލެއްގެ ތަޢުލީމް ނުލިބި 2 އަހަރު ފާއިތުވެ ހިނގައްޖެއެވެ. އެ ދެއަހަރުގެތެރޭތައި އެ ކުއްޖާއަކީ ރަނގަޅު އަޚުލާޤެއްގެ ވެރި ކުއްޖެއްކަމުން ކިޔެވުމުގެ ކަންތައްތައް ވެވުނު ވަރަކުން އަމިއްލައަށް ކުރިޔަށް ގެންދިޔައެވެ. އެއީ އޭނާ ބަލަހައްޓާ ބޮޑުދައިތައަށް އެހީވަމުން ވެސްމެއެވެ. ބޮޑުދައިތަގެ ޚިޔާލަކީ މުސްކުޅިވާ ދުވަހު ކައިރީގައި އެހީވުމަށް ހުންނާނެ ކުއްޖަކަށް މި ކުއްޖާ ހެދުމެވެ. ބޮޑުދައިތައަކީ އޭނާ ކުރި ޢަދަދު ނޭނގޭ ކައިވެނިންވެސް ދަރިޔަކު ނުލިބި ހުރި، މިހާރު ދުވަސްވެފައިވާ އަންހެކެވެ. މި ކުޑަކުޑަ ކުއްޖާއާ ޙަވާލުވުމުގެ ކުރިން ކުޑަކުދީން ދެކެ އޭނާ ފޫހިވިއެވެ. ސަބަބަކީ ކުއްޖަކު ނުލިބުމުން ވީ ފޫއްސާއި ކުއްޖަކު ލިބުމަކީ، އެ ކުއްޖާގެ ތަޢުލީމާއި އެ ކުއްޖާގެ ބަލިތަކަށް ބޭސްކުރުމުގެ ޒިންމާ ބޮލުގައި އެޅޭނެ ކަމެއްކަން އެނގުމާއި ކުއްޖަކު ނުލިބި ހުރުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް ޤަބޫލުކުރެވުމުން ވާންފެށި ފޫއްސެކެވެ.

ބޮޑުދައިތައަށް ކުއްޖަކު ބަލަން ޙަވާލުވުމުން އަރައިގެންފައިވާ ރުޅި މަޑުމަޑުން ފުހެވެމުން ދިޔައީ އެކުއްޖާއަށް މީހުންގެ ފުށުން ލިބޭ އެހީގައި، މަސައްކަތެއް ނުކޮށް، ޚުދު އޭނާއަށް ވެސް ދިރިއުޅެވޭނެ މަގު ތަނަވަސްވީތީއެވެ. އެ ކުއްޖާ ބޮޑުވަމުން ދިޔަދިޔަހެން އޭނާގެ ތޫނުފިލިކަން އިތުރުވިއެވެ. މީހުންގެ ލޯބި އެކުއްޖާއަށް ލިބޭތަން ފެނުމުން ބޮޑުދައިތަގެ ހިތް ދިޔައީ އޭނާގެ މައްޗަށް ލެނބެމުންނެވެ. އެކުއްޖާ ހަނދާން ހުންނަން ފެށިއިރު، އޭނާގެ މަންމަގެ ގޮތުގައި ބަލައިއުޅުނު ބޮޑުދައިތައަކީ ހެޔޮއެދޭ، ހެޔޮލަފާ ރަނގަޅު މީހެއްކަމަށް ޤަބޫލުކުރިއެވެ. ކިޔެވުމުގެ ބޭނުން އޮތްލެއް ކިތަންމެ ބޮޑުނަމަވެސް އޭނާގެ ބޮޑުދައިތަގެ ފަރާތުން އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރެއެވެ. އެއީ އޭނާގެ މަންމަ މަރުވެފައިވާކަމާއި ބައްޕައަކީ ގޮތެއް ނެތް ފިރިހެނުންގެ ތެރޭގައި ހިމެނޭ މީހެއްކަން އެނގުމުންނެވެ. އަދި އޭނާއަށް އެހީވި ކަތީބުބޭބެއަށް ޝުކުރުވެރިވުމާއެކު އޭނާ އަންނާނެ ދުވަހަކަށް އުންމީދުކޮށްކޮށް ހުރީއެވެ.

********

“ކަތީބުބޭ” މައްސަލަތަކުން ސަލާމަތްވީ، ހުރިހައި ކުށްވެރިންނަށް ލިބުނު ޢާންމު މަޢާފެއްގައެވެ. އޭނާ ބޭނުންވީ އެނބުރި ރަށަށް އަންނާކަށެއް ނޫނެވެ. އޭނާއަކީ ކުޅަދާނަ މާލިމީއެއްކަމުން، އަމިއްލަ މީހެއްގެ ބޯޓްގައި ކޮޅުނބަށާއި ކޮޗިނަށާއި މާލެއަށް ދަތުރުކުރަން ފެށިއެވެ. އޭނާގެ އުފަން ރަށުގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އޭނާއަށް ލިބުނު މުސާރައިގެ 10 ގުނަ އޭނާއަށް ލިބުނުނަމަވެސް ހުރީ ރަށަށް ދާހިތުންނެވެ. އެހެންނަމަވެސް ބޯޓްދަތުރުކުރަން ދިޔައީއެވެ. ރަށަށް ދިއުން ހުއްޓުވީ އޭނާގެ އަމިއްލަ ރަށުން އޭނާ ކަރުކަނޑާލި ކުރަފަތްތަކުގެ ކޮށިކަމާއި ގާތްކޮށް އުޅުނު މީހުންގެ ދެފުށް ދެގޮތްކަމާއި ވަޒީފާގެ ތެދުވެރި ޚިދުމަތުގެ އަގު ވަޒަންކުރާނެ މީހަކު އާޚިރަތުގައި ނޫނީ ނުލިބޭނެކަމަށް ވިސްނުމުންނެވެ.

އޭނާ ދަތުރުކުރަން އުޅުނުއިރުވެސް އޭނާ ކިޔަވައިދިން ޝަރީފާ ދީދީގެ ޔަތީމު ދަރިފުޅު މަތީން ހަނދާނެއް ނުނެތެއެވެ. އެ ކުޑަކުޑަ ކުއްޖާގެ މައްޗަށް އޭނާގެ ހިތުގައި އުފެދުނު ލޯބި ސިއްރުކޮށް ބޭއްވިއެވެ. އެހެންކަމުން އޭނާ އުޅުނު ބޯޓްގެ ސަރަނގު ދަތުރު ހުއްޓައިލައި ވިޔަފާރިކުރުމަށް މާލެ ފައިބާން އުޅެން ފެށުމުން ފުދޭވަރެއްގެ ޢަދަދަކަށް ފައިސާ ދީފައި ވަރަށް ބޮޑުކަމަކު އެދުނެވެ. އެއީ މަންމަ މަރުވެފައިވާ، ބައްޕަ އަޅައިނުލާ ކުއްޖަކު މާލެ ގެނެސް، ވެވުނު ވަރަކުން އެ ކުއްޖާއަށް ކިޔަވައިދެވޭތޯ ބެލުމެވެ. މިކަން ކޮށްދިނުމަށް ޢަލީ އެއްބަސްވިއެވެ. އެހެންކަމުން އޭނާ ދަތުރުކުރުން ހުއްޓައިލައި ވިޔަފާރިކުރުމަށް މާލެ ފޭބިތާ 1 އަހަރުގެތެރޭގައި ފާރިޝާ މާލެ ގެނެސްފިއެވެ. ގޭގައި ގެންގުޅޭ ކުއްޖަކަށް ގެނައިނަމަވެސް ވެވުނުވަރަކުން ކިޔަވައިދިނުމަކީ ޢަލީގެވެސް މަޤުޞަދެކެވެ. ފާރިޝާގެ ބޮޑުދައިތައަކަށް ވެސް ފާރިޝާއަކަށް ވެސް ޢަލީ އެރަށަށް ގޮސް، ފާރިޝާ މާލެ ގެނައީ ވަކި މީހެއްގެ އެދުމަކަށް ކަމެއް ނާންގައެވެ. އެއީ އެ ވާހަކަ ބުނުމަކީ ބޭނުންކަމެއްކަމަށް ނުފެނުނީތީއެވެ. އެހެން ނޫނަސް ބޯޓްގެ އެންމެންވެސް ކިޔާ ނަމުންނަމަ “ކަތީބު” އަކީ އެނބުރި ރާއްޖެ ގޮސް ދިރިއުޅުމަކާ ކުރިމަތިލާނެ މީހަކަށް ނުވާނެކަން ޔަޤީނާ ގާތަށް އެނގޭތީއެވެ. މަސްތުވާ ތަކެއްޗަށް އޭނާ އަޅުވެތިވީ އޭނާގެ އަމިއްލަ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރަށްވުރެ ބޮޑަށެވެ. އެހެންނަމަވެސް އެއީ ޒުވާން، ކެރޭ، ދެފުށް ދެގޮތް ނޫން، އޭނާގެ މަސައްކަތް ދަންނަ މާލިމީއެއްކަމުން އެންމެންވެސް އޭނާ ދެކެ ލޯބިވިއެވެ. ޢަލީ ހިތަށް އެރިއެވެ. ދިރިއުޅުމުގައި ދިމާވާ ކަމަކާ ހުރެ ދުނިޔެއާއި ވެރިކަންކުރާ އެންމެންނާ މެދު ޙަސަދަވެރިވުމުގެ ބެނުމަކީ ކޮބައިބާވައެވެ؟ އެހެން ނޫނަސް، ތިމާގެ އެތެރެހަށީގައި އަނދާ އަލިފާނެއް ނިއްވުމަށް މަސްތުވާ ތަކެއްޗަށް އެނބުރިލުމަކީ ޙައްލެއް ބާވައޭ އޭނާ ހިތަށްއަރައެވެ. ދިރިއުޅުމާ ކުރިމަތިލާން ނުކެރުމަކީ ކޮންމެވެސް އެއްޗެއްގެ ނިވަލުގައި ތިމާ ފިލަންޖެހޭ ކަމެކެވެ. ބައެއް މީހުން މަސްތުވާތަކެތީގެ ނިވަލުގައި ފިލާއިރު، އަނެއްބަޔަކު މުނާފިގުކަމުގެ ފަރުދާއާ އޮޅިގަނެގެން އެމީހުންގެ ސިފަ ފޮރުވައެވެ. އަދި އަނެއް ބަޔަކު އެ ދިރިއުޅުމާ ކެރިގެން ކުރިމަތިލާ މީހުންގެ ގޮތުގައި ނޭދެވޭ ފިޔަވަޅުތައް އަޅައި، ޤާނޫނީގޮތުން ހަލާކުވެގެން ދެއެވެ. ކަތީބު އަންތްބެއް ދަރިއެއް ނެތްކަމީ ނަސީބެވެ. އޭނާއަށް ލިބޭ ފައިސާ އޭނާ ޚަރަދުކުރީ ދުނިޔަވީ ފިކުރުތަކުގެ ތެރެއަށް ނައިސް ވޭތޯ ބެލުމަށެވެ. އެކަމަކު އެ ފިކުރުތަކަށް ފިލަންދާނީ ކޮންތާކަށްހެއްޔެވެ؟ ދެވޭނީ އެންމެ ތަނަކަށެވެ. އެއީ ކަށްވަޅެވެ. އެހެން ދުނިޔެއެކެވެ. ހިތާމަވެރި ޚަބަރަކަށް ވީނަމަވެސް ފާރިޝާގެ މައްޗަށް ނޭނގޭ ލޯތްބެއް ވަމުންދިޔަ އިންސާނާ ދިޔައީ އެ ދުނިޔެއަށެވެ. އެނބުރި ރާއްޖެ ނައިސް އޭނާ ދިޔައީ ތާ އަބަދުގެ ދިރިއުޅުމުގެ ގޮވައްޗަށެވެ.

**********

                       (ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. ެއަޙްމަދު ޝިޔާމު

    މަޑުލު ވަހީދުގެ މިވާހަކަ ކިޔަމުން ދިޔަ ވަރަކަށް ދަނީ އެތައް އިހުސާސް ތަކެއް ކުރެވެމުންނެވެ. އުފަލާއި ހިތާމައިގެ ވާހަކަ އެވެ. އިބުރަތްތެރި އެތައް ވާހަކަ ތަކެއް ދަނީ ބުނެދެމުންނެވެ. ވަހީދުގެ ވާހަކަ އެއް މި ސައިޓުން ފެނުމުން ވަރަށް އުފާވިއެވެ. ވަހީދަށް ފަށްފަށުން ޝުކުރިއްޔާ.

    (4)(0)
Leave Comment