ބިލިއަނުން ޓްރިލިއަނުން ގުނާލެވޭ ޢަދަދުތަކުގެ ފައިސާގެ މުޢާމަލާތްތަކާއި ޙަރަކާތްތައް ދަނީ ހިނގަމުންނެވެ. ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި އެއްތަނުން އަނެއްތަނަށް، އެއްބައްރުން އަނެއް ބައްރަށް މިދަނީ ފައިސާ ގެންގޮސް ބަދަލުކުރަމުންނެވެ. މިކުރެވޭ މަސައްކަތުން ލިބޭ ކުރިއެރުމަކީ ހަމަ ތަރައްޤީ ތޯއެވެ. މި ސުވާލު ވަރަށް ގިނަ ފަރާތްތަކުން ކުރެއެވެ. އަހުރެމެންނަށް ޢާންމު ބަހުރުވައިން ހީވަނީ ތަރައްޤީއަކީ އުސްބިނާތަކާއި، ރީތި މަގުތަކާއި، ބްރިޖްތަކާއި، ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަމުގެ ރޮނގުން ކުރިއަރައި ތަޢުލީމު އުނގަންނައިދޭ ބޮޑެތި މަރުކަޒު ފަދަ ތަންތަން ޤާއިކޮށްފައި ހުރުމުން…

 

ބިލިއަނުން ޓްރިލިއަނުން ގުނާލެވޭ ޢަދަދުތަކުގެ ފައިސާގެ މުޢާމަލާތްތަކާއި ޙަރަކާތްތައް ދަނީ ހިނގަމުންނެވެ. ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި އެއްތަނުން އަނެއްތަނަށް، އެއްބައްރުން އަނެއް ބައްރަށް މިދަނީ ފައިސާ ގެންގޮސް ބަދަލުކުރަމުންނެވެ. މިކުރެވޭ މަސައްކަތުން ލިބޭ ކުރިއެރުމަކީ ހަމަ ތަރައްޤީ ތޯއެވެ. މި ސުވާލު ވަރަށް ގިނަ ފަރާތްތަކުން ކުރެއެވެ. އަހުރެމެންނަށް ޢާންމު ބަހުރުވައިން ހީވަނީ ތަރައްޤީއަކީ އުސްބިނާތަކާއި، ރީތި މަގުތަކާއި، ބްރިޖްތަކާއި، ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަމުގެ ރޮނގުން ކުރިއަރައި ތަޢުލީމު އުނގަންނައިދޭ ބޮޑެތި މަރުކަޒު ފަދަ ތަންތަން ޤާއިކޮށްފައި ހުރުމުން އެއީ ތަރައްޤީވެ ކުރިއަރާފައިވުން ކަމުގައެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އ.ދ) ގެ ޗާޓަރުގައިވާ ތިން ލަފުޒަށް ބަލައިލަމާ ހިނގާށެވެ. “ވީ ދަ ޕީޕަލްސް”. އަހުރެމެންނަކީ މީހުންނެވެ. މި އޮގަނައިޒޭޝަން، އުފެއްދީ ދުނިޔޭގައި އުޅޭ މީހުންނަށް އާދެ! އިންސާނުންނަށް ޚިދުމަތްކޮށްދިނުމަށެވެ. އެބައިމީހުން ބޭނުންވަނީ ހަނގުރާމަތަކުން މީހުން ދުރުކޮށް އެއްކިބާކުރާށެވެ. މީހުންނަށް މިނިވަންކަމާއި ޝަރަފުވެރި ދިރިއުޅުމެއް ހޯދައިދޭށެވެ. ހަމަހަމަ ކަމާއެކު މީހުންނަށް ދިރިއުޅެވޭނެ މުޖުތަމަޢެއް ޤާއިމްކޮށްދިނުމެވެ. އިންސާފުގެ ކުރިމަތީގައި ވަކި ޤައުމެއް ވަކި ނަސްލެއް ތަފާތުކުރުމެއްނެތި އެންމެންނަކީ ހަމަހަމަ ބަޔެކެވެ. ފިރިހެނުންނާއި އަންހެނުންނާއި ބޮޑެތި ޤައުމުތަކާއި ކުދި ޤައުމުތަކުގެ މެދުގައި އެންމެންނަކީ ހަމަހަމަ ބަޔަކުކަން ޤަބޫލުކުރުމެވެ.

މިހާރު އަހުރެންނަކީ 16 އަހަރުވެފައިވާ ފިރިހެންކުއްޖެއް، ނުވަތަ އަންހެންކުއްޖެއްނަމަ، އ.ދ.ގެ ޗާޓަރު އަދި އެއްފަހަރު ކިޔާފައި، ބުނާނީ “މިއީ އަހުރެމެން އެންމެންގެވެސް އަމާޒެވެ. ލަނޑުދަނޑިއެވެ”. މިއީ އަހުރެމެންގެ ލީޑަރުންގެ ފަރާތުންނާއި ސަރުކާރާއި މުޖުތަމަޢުގެ އިސްވެރިންގެ ފަރާތުން ދެކެން ބޭނުންވާ، އަދި އެބައިމީހުންގެ ފަރާތުން ލިބޭނެކަމަށް އުއްމީދުކުރާ މެސެޖެވެ. މީގެ މާނައަކީ ތަފާތުކުރުމެއްނެތި ނިކަމެތި ފަޤީރުންނަށްވެސް، ހުރިހާ އެންމެންނަށްވެސް ދިރިއުޅުމުގެ ޙައްޤު ލިބިދެއެވެ. އަދި އެބައިމީހުންނަށް ރަނގަޅު ތަޢުލީމެއް ހޯދުމުގެ ފުރުޞަތު ލިބެންޖެހެއެވެ. ހޮސްޕިޓަލްތަކުގައްޔާއި އަދި ކުލިނިކްތަކުން ޞިއްޙީ ފަރުވާ ދިނުމުގައި ތަފާތުކުރުމެއް އޮވެގެންނުވާނެކަމެވެ.  ސަރުކާރުތަކާއި، މުއްސަސާތަކާއި އިދާރާތައް އިންތިޒާމްކޮށްފައި ހުންނަންޖެހޭނީ މިއުޞޫލުން މިފަލްސަފާގެ މަތިންނެވެ. މިގޮތަށް ދުނިޔޭގެ ކަންތައްތައް ހިނގާނަމަ، ކިހާ ރަނގަޅުހެއްޔެވެ. މިކަންކަމަކީ އ.ދ.ގެ ޗާޓަރުގައިވާ އަދި ދެވަނަ ބޮޑު ހަނގުރާމައިގައި ދުނިޔެ ތަޅާ ސުންނާފަތިވުމުން އަލުން ޞުލްޙަ ގެނައުމަށް އ.ދ. އުފެއްދިއިރު އެ އިދާރާގެ އެދުމެވެ. މިހުރިހާ ވައުދުތަކަކާއި އެއްބަސްވުންތައް ވަނީ އ.ދ.ގެ މެންބަރުންގެ މެދުގައިވެފައެވެ. ތަރައްޤީގެ މާނަ މިހާރު ކޮންމެވެސް ވަރަކަށް ވަޒަންކޮށްލެވެއެވެ.

ތަރައްޤީ އަކީ އިންސާފާއި ހަމަހަމަ ކަމާއި، ރައްކާތެރިކަމާއެކު ހިނގާބިނގާވެ އުޅުމުގެ މިނިވަންކަމާއި، ދިރިއުޅޭ މާހައުލަކީ ސާފުތާހިރު ތަނަކަށްވުން ފަދަ ކަންކަމެވެ. ބިޔަ އިމާރާތްތަކާއި ކޮންކްރީޓްގެ ބޮޑެތި ޖަންގަލި ފަދަ ބިލްޑިންގތަކުން ރަށް ފުރިފައިވުމާއި، ބްރިޖްތަކާއި، ޑޭމްތަކާއި އެއަރޕޯޓް ފަދަ ތަންތަން ގިނަވުމަކުން އެއީ ތަރައްޤީކަމަށް ބެލެވޭކަށެއްނެތެވެ. ތަހުޒީބީ ބަޔަކަށްވުމަށްޓަކައި ވިސްނުމާއި ފިކުރު ތަރައްޤީވާން އެބަޖެހެއެވެ. ކޮންމެ ފަރުދެއް ބަލަހައްޓަން ފުލުހުންގެ މީހަކު ނުވަތަ ސިފައިންގެ މީހަކު ނުހުންނާނެކަން ޤަބޫލުކުރަންޖެހެއެވެ. ޤާނޫނާއި ގަވާއިދަށް ބޯލަބަންޖެހެއެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައި ހުންނަ ޓްރެފިކް އުޞޫލުތަކަށް ޢަމަލުކުރަންޖެހެއެވެ. މީހަކު ނެތަސް ގަވާއިދާއި އެއްގޮތަށް ކާރު ވެހިކަލް ފަދަ ތަކެތީގައި އުޅޭ މީހުން ޢަމަލުކުރަން ޖެހޭނެކަން ޤަބޫލުކޮށް، އެގޮތަށް އެކަން ކަނޑައަޅާފައި އޮންނަނީ ހުރިހާ އެންމެންގެ ސަލާމަތަށްކަން ދަންނަންޖެހެއެވެ. މީހަކު ބަލަން ނެތަސް މަގު މައްޗަށް ކުނިއަޅައިގެން ނުވާނެއެވެ. މީހަކަށް ނުފެނުނަސް ނުއެނގުނަސް ހަމަ ޔަޤީނުން އެނގޭނެ ފަރާތެއް ވާކަމަށް، އާދެ! މާތް ﷲ ދެނެވޮޑިގެންވާނެކަން އަހުރެމެން ކޮންމެ މުސްލިމަކު ޤަބޫލުކުރަންޖެހެއެވެ. އަދި މަގުމަތި ބޭނުންކުރާ މީހުންނަށް މަގު ހަޑިކުރީ ކާކުކަން ނޭނގުނަސް މަގުމަތިގައި ކުނިބުނި ހުރުމުން އެއީ ކޮންމެވެސް މީހެއްގެ އިހުމާލުން ހިނގާފައިވާ ކަމެއްކަން އެނގޭނެކަން އަބަދުވެސް ވިސްނުމުގައި ހުންނަންޖެހެއެވެ.

ކުރުކޮށް ބުނަނީނަމަ ތަރައްޤިއަކީ ވިސްނުމާއި ދެކޭ ގޮތުގެ ތަރައްޤީއެވެ. އޮޅުވައިލުމާއި މަކަރު ހެދުމުން ދުރިހެލިވެ، އަނެކާގެ ޙައްޤުތަކަށް އަރައިނުގަތުމެވެ. އިންސާފު ޤާއިމުވެފައި އޮތުމާއި، ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަވުމާއި އިންސާފު ލިބުމެވެ. ޤާނޫނު ތަންފީޛުކުރުމުގައި ވަކި ނަސްލަކަށް ވަކި ދަރަޖައަކަށް ބެލުމެއްނެތި ޤާނޫނު ތަންފީޛުކުރުމެވެ. ކޮރަޕްޝަނާއި ފަސާދައިން މުޖުތަމަޢު ރައްކާތެރިވެފައި އޮތުމާއި، ސާފުތާހިރު މާހައުލެއް ޤާއިމުވެފައި ވުމާއި، ހަމަޖެހުމާއި އިސްތިޤްރާރު ތަނުގައި އޮތުމެވެ. އެއްވެސް ޙާލަތެއްގައި ބޮޑެތި އުސް އިމާރާތްތަކާއި މިލިއަނުން ބިލިއަނުން ގުނާލެވޭ ފައިސާތަކާއި، ބޯޓު އުޅަނދު ފަހަރުތައް ހުރުމަކީ ތަރައްޤީ ކަމަށް ޤަބޫލުކުރެވޭކަށްނެތެވެ. ވިސްނުމާއި އުޅުމާއި ގުޅުން، އަދި ސުލޫކާއި ރިވެތި އަޚްލާޤު މުޖުތަމަޢުން ފެންނަނަމަ އެއީ ތަރައްޤީވެފައިވާ މުޖުތަމަޢެކެވެ.

_______________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment