(މިއީ د.خالد بن صالح المنيف  ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެކެވެ) ތަރުޖަމާ: އިބްރާހީމް މާހިރު މީހާގެ ޢުމުރުން އަހަރުތައް ފާއިތުވަމުން ގޮސް، ބައެއް މީހުންގެ ވިސްނުމާ ފިކުރު އެމީހުން ވަރަށް އުފާވެރިކުރުވާ މަރުޙަލާއަކަށް ގެންދާނެއެވެ. މި މަރުޙަލާއަށް ރަސްފުރާ ކަމުގައި ކިޔަމާ ހިނގާށެވެ. އެއް ސަބަބަކީ، މި މަރުޙަލާގެ ހިތްގައިމުކަމާއި ފުރިހަމަކަމެވެ. އަނެއް ސަބަބަކީ މި މަރުޙަލާގައި، ޙަޔާތުގައި އެމީހަކަށް ލިބިފައިވާ ކަންކަމާމެދު އުފާވާ މިންވަރާއި މުޅިމީހާއަށް ލިބޭ ރާޙަތުގެ ބޮޑުކަމުންނެވެ. މި…

(މިއީ د.خالد بن صالح المنيف  ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެކެވެ)

ތަރުޖަމާ: އިބްރާހީމް މާހިރު

މީހާގެ ޢުމުރުން އަހަރުތައް ފާއިތުވަމުން ގޮސް، ބައެއް މީހުންގެ ވިސްނުމާ ފިކުރު އެމީހުން ވަރަށް އުފާވެރިކުރުވާ މަރުޙަލާއަކަށް ގެންދާނެއެވެ. މި މަރުޙަލާއަށް ރަސްފުރާ ކަމުގައި ކިޔަމާ ހިނގާށެވެ. އެއް ސަބަބަކީ، މި މަރުޙަލާގެ ހިތްގައިމުކަމާއި ފުރިހަމަކަމެވެ. އަނެއް ސަބަބަކީ މި މަރުޙަލާގައި، ޙަޔާތުގައި އެމީހަކަށް ލިބިފައިވާ ކަންކަމާމެދު އުފާވާ މިންވަރާއި މުޅިމީހާއަށް ލިބޭ ރާޙަތުގެ ބޮޑުކަމުންނެވެ.

މި މަރުޙަލާއަކީ، އިންސާނާއަށް އޭނާގެ ދިރިއުޅުން މިލްކުވާކަމުގެ އިޙްސާސްކުރެވޭނެ މަރުޙަލާއެވެ. މީހާއަށް އެނގޭ މިންވަރު އެތައް ގުނައެއް ފުޅާވެ، ދުރުވިސްނުން އިސްކުރެވި، ކަންކަން ހަޖަމުކުރެވޭ މިންވަރު ބޮޑުވާ މަރުޙަލާއެވެ. މި މަރުޙަލާއަށް މީހާއަށް ދެވެނީ ދިރިއުޅުމުގައި ދިމާވާ އެތައްކަމެއް ތަޖުރިބާކުރުމުގެ ސިލްސިލާއަކަށް ފަހުގައެވެ. ދިރިއުޅުމުގައި ދިމާވާ ބައެއް ކަންކަމުގައި ހޭލާހުރި ސިކުނޑިއަކުން ވިސްނައި ބުއްދި އިސްކުރާނަމަ މީހާއަށް ކިހާކަމެއް ދަސްވޭ ހެއްޔެވެ؟ މިމަރުޙަލާއަށް ބައެއް މީހުނަށް ދެވެނީ ވަރަށް ފަހުންނެވެ. ކިތަންމެ ލަހުން ނަމަވެސް ފޯރުމަކީ، އެއްގޮތަކަށް ވެސް ނުފޯރުމަށްވުރެ ރަނގަޅު ކަމެކެވެ. ޢުމުރުގެ ކޮންމެ ހިސާބަކުން ނަމަވެސް ރަސްފުރާގެ ރަހަ ލުމުގެ ބޭނުންތެރިކަން ބޮޑުވީމައެވެ.

** ރަސްފުރާގައިވާ މީހާ “ކުދިހަނގުރާމަތަކެއް” ނުކުރާނެއެވެ. ނަތީޖާއެއް ނެތް ކަންކަމުގައި މީހުންނާ ޖަދަލުކޮށް ކުރިހޯދާކަށް ބޭނުމެއް ނުވާނެއެވެ. މުހިއްމުކަމެއް ނެތް މައުޟޫޢުތަކަށް ބަހުސްކުރުމުގައި ވަގުތު ބޭކާރެއް ނުކުރާނެއެވެ. އެފަދަ ބަހުސެއްކުރުމަށް މަޖުބޫރުކުރުވާ ޙާލަތެއް މެދުވެރިވެއްޖެ ނަމަވެސް، ރަސްފުރާގައިވާ މީހާ ގިނަވަގުތު ހުންނާނީ ހަނެވެ. ކުރިމަތީގައިވާ މީހާ “ބަލިކޮށްލެވޭތޯ” ބެލުމަކީ ރަސްފުރާގެ މީހުންނަށް މުހިއްމުކަމެއް ނޫނެވެ.

** ރަސްފުރާގައި ކުދިކުދި ކަންކަމަށް، އެކަށީގެންނުވާ ވަރަށް މީހާގެ ސަމާލުކަން ހުއްޓި، ކަންބޮޑުވެގެން އުޅޭކަން ނުޖެހޭނެއެވެ. ކުޑަކުއްޖަކު އަޑުގަދަކުރުމާއި، މޭޒުމައްޗަށް ނުވަތަ ސޯފާ މައްޗަށް ޖޫސްތައްޓެއް، ފެންތައްޓެއް ބަނޑުންވުމަކީ ބޮޑު މައްސަލަގަނޑަށް ހަދައި ކަންތައް ބޮޑުކުރާކަށް ރަސްފުރާގެ މީހުން ނޫޅޭނެއެވެ. މަގުމަތީގެ ހަލަބޮލިކަމުގެ ސަބަބުން އެފުރާގެ މީހުންގެ މިޒާޖު ޚަރާބެއް ނުވާނެއެވެ. “ބަލިމީހަކު” އެއްލާ ބަހަކުން އެޢުމުރުގައިވާ މީހުން ބިރުން ފިއްކަނޑައިގެން ނުދާނެއެވެ. އަދި ރުޅިގަދަވެ މީހާ އަނދަމުންނެއް ނުދާނެއެވެ. އެފަދަ ކަންކަމާ ކުރިމަތިވާ ހިނދުގައި ވެސް، އެހުންނަނީ ކަންބޮޑުވާންޖެހޭވަރުގެ ކަންކަން ނޫންކަމުގައި ރަސްފުރާގެ މީހުންނަށް ވިސްނޭނެއެވެ. ﷲ އަށް ކިޔަމަންވުމަށްވުރެ، އިސްކަންދިނުން ޙައްޤު އެހެން އެއްވެސްކަމެއް ނުވާކަމުގެ އިޙްސާސް އެމީހުން ކުރާނެއެވެ.

** ރަސްފުރާގެ މީހުން އެމީހުންގެ ވިސްނުމާއި ފިކުރު އެހެން މީހަކަށް ކުއްޔަކަށް ނުދޭނެއެވެ. އެމީހުންގެ ކަންކަމުގައި އެމީހުންގެ ބަދަލުގައި އެހެންމީހުން ވިސްނައި ގޮތް ކަނޑައަޅަން ދޫކޮށްގެން ނުތިބޭނެއެވެ. އެހެންމީހުންނާމެދު  އެ ފުރާގެ މީހުން ދެކޭ ގޮތް ހާމަކުރާނީ ޢަދުލުވެރިކަމާ އެކުގައެވެ. ދިފާޢުވުމުގެ ރޫޙެއް އަދި އަވަސް އަރުވާލުމެއް ނެތިއެވެ.

** ރަސްފުގެ މީހުން ދޮގުވެރިންނާ ކުރިމަތިލާނީ ތަފާތު ގޮތަކަށެވެ. ކުރިމަތީގައިވާ މީހާ ދޮގުހަދާކަން އެނގުނު ނަމަވެސް، އެކަމާ ރުޅިގަދަވެ އެމީހުންގެ އެންމެ އިސްތައްޓެއް ވެސް ކޮޅަކަށް ނުޖެހޭނެއެވެ. އެމީހާގެ ދޮގުވެރިކަން ސާބިތުކޮށްދިނުމަށް ޙުއްޖަތްތަކާއި ޤަރީނާތައް އޮއްސާކަށް ނޫޅޭނެއެވެ. އެކަން ސާބިތުކުރުމަށްވުރެ، އެފުރާގެ މީހުން އިސްކަންދޭނީ އެމީހުންގެ އަގުހުރި ވަގުތު ބޭކާރުނުކޮށް ވާނެ ގޮތެއް ހޯދުމަށެވެ.

** ރަސްފުރާގެ މީހުން ހިތުގެ އަޑިން ޤަބޫލުކުރާނީ، ހިދާޔަތް ދެއްވުމަކީ ﷲ ގެ ޙަޟްރަތުގައިވާ ކަމެއް ކަމުގައެވެ. މުޖުތަމަޢުގެ ބައެއް މީހުންނަކީ ޖާހިލުންކަމާއި، އަނެއްބަޔަކީ އެހެން މީހުންނަށް ބަހަލައްޓަންޖެހިފައިވާ މީހުންކަމާއި، އަނެއްބަޔަކަށް ކިތަންމެ ނަސޭހަތަކާއި ވަޢުޡެއް ބޯމަތިން އޮއްސި ނަމަވެސް، އެމީހުންގެ އުޅުމަށް ބަދަލުނާންނަ ކަން ރަސްފުރާގެ މީހުން ޤަބޫލުކުރާނެތެވެ. އެމީހުންގެ ޒިންމާއަކީ މަސައްކަތްކުރުންކަމާއި ކަންކަން ހިންމަވައި ދެއްވުން ވަނީ ޢާލަމްތަކުގެ ވެރި އިލާހުގެ ޙަޟްރަތުގައިކަން އެފުރާގެ މީހުން އުނދަގުލެއް ނެތި ޤަބޫލުކުރާނެއެވެ.

** ރަސްފުރާގެ މީހުން ކޮންމެ ކަމެއްގައި “އެންމެ ރަނގަޅު”، “އެންމެ މޮޅު”، “އެންމެ ރީތި” ހޯދާކަށް ޢުމުރުގެ ދުވަސްތައް ދުއްވައެއް ނުލާނެއެވެ. އެއީ އެކަންކަމުގެ ސަބަބުން، ނިމުމެއް ނުވާ އިންތިޒާރަކަށް މީހާ ގެންދާނެތީ އެކަމުން ސަލާމަތްވުމުގެ ބޭނުމުގައެވެ. ރަސްފުރާގެ މީހުންނަށް “ރީތި މިންވަރު”، “ރަނގަޅު މިންވަރު” ކަމުދާނެއެވެ. އޭރުން ދުވަސްތައް ފާއިތުވާވަރަކަށް، ކުރިއަށްވުރެ ތިމާގެ ޙާލަތު ރަނގަޅުމަވުންދާކަން އިޙްސާސް ވާނެއެވެ.

** ރަސްފުރާގެ މީހުން އެމީހުންގެ ޞިއްޙަތާއި ދިރިއުޅުމުގެ ކަންކަމާ ޒިންމާދާރުވެ މަސްއޫލިއްޔަތު އުފުލާ ބައެއްކަމުގައި ވާނެއެވެ. ތިމާގެ ކަންބޮޑުވުންތަކާއި، ވޭންތައް އުފުލާނެ އެހެން މީހަކު ނުހުންނާނެކަން އެމީހުން ދަންނާނެއެވެ. އެފުރާގެ މީހުންނަކީ، އެމީހުންގެ ޙަޔާތުގެ ބައިވެރިޔާއާއި އެމީހުންގެ ދަރިންނާ ގުޅުވައިދޭ ސިލްސިލާގެ ބަލިކަށި ބޮޅެއްކަމުގައި ވެގެން އެމީހުން ނުތިބޭނެއެވެ. އަނދައި ވިރެމުންދާ އުއްބައްތިތަކެއް ފަދައިން، އެފުރާގެ މީހުން ނުތިބޭނެއެވެ. “ދެވަނަ ދަރަޖައިގެ” މީހުންގެ ގޮތުގައި ޢުމުރުގެ ބާކީ އެމީހުން ވޭތުކޮށެއް ނުލާނެއެވެ. އެފުރާގެ މީހުން އެމީހުންގެ ހިތްހަމަޖެހުމަށް ވިސްނާނެއެވެ. އަމިއްލަ އެދުން ބޮޑުކުރުމެއް، އަދި އެހެން މީހެއްގެ ޙައްޤަކަށް އަރައިގަތުމެއް ނެތިއެވެ.

** ޙަޔާތުން ފާއިތުވިތަނުގައި މީހާއަށް މެދުވެރިވެފައިވާ ރަނގަޅުގޮތްތައް ރަސްފުރާގެ މީހުންނަށް ވަރަށްބޮޑަށް އިޙްސާސްވާނެއެވެ. ކުރިއަށް އޮތްތަނުގައި ތިމާ ކުރަންޖެހޭކަމަކީ، ހިތް ސާފުކަންމަތީ ބޭއްވުމާއި، ﷲ އަށް ވަކީލުކޮށް ރަނގަޅުކަންކަމުގައި އިސްނެގުންކަން އެ ފުރާގައި ޤަބޫލުކުރާނެއެވެ. އޭރުން ދިރިއުޅުމުގެ ހުރިހާ ދިމާއަކުން އެމީހަކަށް “ހިބަތައް” އޮހެމުންދާނެއެވެ.

** ރަސްފުރާގެ މީހުން، އެމީހުންގެ ދިރިއުޅުމުގައި އެމީހުންނަށް އޮތް އެންމެހެޔޮ މަގަކީ، ރަނގަޅު ކަންކަމަށް ލޯބިކުރުންކަން ޤަބޫލުކުރާނެއެވެ. ހެއްދެވި ފަރާތްދެކެ ލޯބިވުމާއި، ތިމާގެ ޒާތުދެކެ ލޯބިވުމާއި، އެނޫންވެސް ހެވެއްކަމަށް ބެލެވޭ ކޮންމެ ކަމެއް ދެކެ ލޯބިވުމެވެ. މުޅި އިންސާނިއްޔަތުދެކެ ލޯބިވާނެއެވެ. ޙަޔާތުގެ ދަނޑުން ރަނގަޅު ގޮވާން ކަނޑާނީ ލޯބި ރުވާ މީހުންކަން ރަސްފުރާގައި ވިސްނޭނެއެވެ.

** ރަސްފުރާގައި، މީހާގެ ނަފުސާމެދު އިހުމާލެއް ނުވާނެއެވެ. ނަފުސުގެ ލަގަން އެހެންމީހަކަށް ދޫކޮށެއް ނުލާނެއެވެ. ނަފުސަށް ނިކަމެތިކަމެއް ލިބުމަށް ފުރުސަތެއް ނުދޭނެއެވެ. ޙަޤީޤީ ބާއްޖަވެރިކަމަކީ ނަފުސުގެ މައްޗަށް ބާރުވެރިވެ، ނަފުސަށް ނިކަމެތިކަމެއް ނުދީ، ހަމަ މަގުގައި ނަފުސު ހިފެހެއްޓުންކަން އެމަރުޙަލާގައި ހިތުގެ އަޑިން ޤަބޫލުކުރާނެއެވެ. ތިމާގެ ނަފުސަށް ލޯތްބާއި ޤަދަރު ޙައްޤުކަން ކުރިއަށްވުރެ ބޮޑަށް އިޙްސާސްކުރެވޭނެއެވެ.

** ރަސްފުރާގެ މީހުން ޤަބޫލުކުރާނީ، އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ނޯންނާނެކަމުގައެވެ. ތަދު ފިލައިދާނެކަމުގައެވެ. ވޭނަށް ނިމުމެއް އަންނާނެކަމުގައެވެ. އަނިޔާ އުފުލިގެން ދާނެކަމުގައެވެ. ދިރިއުޅުމުގައި މީހާ މާޔޫސްވެ ގޮތް ހުސްވާންޖެހޭނެ ކަމެއް ނުޖެހޭނެކަމުގައެވެ. އެކަމަކުން މީހާއަށް ސަލާމަތް ނުވެވޭނެވަރުގެ ކަންކަން މެދުވެރިވާނީ ވަރަށް ނާދިރު ޙާލަތްތަކުގައި ކަމުގައެވެ. އެފަދަ ކަމެއް ތަޙައްމަލު ކުރަންޖެހުމަކީ ވެސް މީހާ ގޮތްހުސްވާންޖެހޭ ކަމެއްގެ ގޮތުގައި އެފުރާގެ މީހުން ނުދެކޭނެއެވެ.

** ރަސްފުރާގައި، އެހެންމީހުންގެ ކަންކަން ހުރިނެތްގޮތް ބަލައި، ޚަބަރުތައް ހޯދުމަށް އިސްކަމެއް ނުދޭނެއެވެ. ޖާސޫސުކުރާހިތެއް ނުވާނެއެވެ. އެވެނި މީހަކު މިވެނިތަނަކަށް ދަތުރެއް ކުރިޔަސް، ނުކުރިޔަސް، އެވެނި އެއްޗެއް ކެޔަސް ނުކެޔަސް، އެވެނި ސަވާރީއެއް ބޭނުންކުރިޔަސް، އެވެނި ޢިމާރާތެއްގައި ދިރިއުޅުނަސް އެފުރާގެ މީހުންނަށް ފަރުވާލެއް ނެތެވެ. އެއިން އެއްވެސް ކަމަކީ، އަނެކާގެ ދިރިއުޅުން ކުރިއަށް ނުވަތަ ފަހަތަށް ޖައްސުވާނެ ކަންކަމެއް ނޫންކަން އެފުރާގެ މީހުނަށް އެނގޭނެއެވެ.

** ރަސްފުރާގައި އެންމެ ބޮޑަށް ސަމާލުކަން ދޭނީ އެމީހެއްގެ ނަފުސު އިޞްލާޙުކުރުމަށެވެ. މި ރީތި މަރުޙަލާގައި އެހެންމީހުންގެ ޙަލަތާއި ތިމާގެ ޙާލަތު އަޅާކިޔަން އުޅުމުގެ ބަދަލުގައި ، ތިމާއަށް މިންވަރު ކުރައްވާފައިވާ ގޮތައިގެން ދިރުއުޅުން ކުރިއަށް ގެންދާނެއެވެ. ﷲ ދެއްވާފައިވާ ނިޢުމަތްތަކާމެދު ޝުކުރުވެރިވެ އެކަންކަން އުފަލާއެކު ބަލައިގަނެގެންނެވެ. ރަސްފުރާގެ މީހުން ދެކޭނީ، ދިރިއުޅުން ބިނާވަނީ އެމީހުން ކަންކަމާމެދު ވިސްނާ ގޮތުގެ މައްޗަށް ކަމުގައެވެ. ދިރިއުޅުން ބަދަލުވާނީ، ދިރިއުޅޭ މާހައުލު ބަދަލުކޮށްގެން، ލިބޭ މުދާ އިތުރުވެގެން ނުވަތަ ވަޒީފާގެ ކުރިއެރުން ލިބިގެނެއް ނޫންކަން އެމީހުން ދަންނާނެތެވެ. ދިރިއުޅުން އުޖާލާކުރުމަށް އެދޭނަމަ، އެކަންކަމަށްވުރެ މުހިއްމީ، މީހާގެ ވިސްނުން ފަހިކުރުންކަން ރަސްފުރާގައި ޤަބޫލުކުރާނެއެވެ.

** އިންސާނުންނަކީ މަލާއިކަތުން ފަދަ ބައެއް ނޫންކަމާއި، އިންސާނުންގެ ތެރޭގައި ޚުލްޤު ނުބައި މީހުންނާއި، ދީންވެރިކަން ކުޑަ މީހުންނާއި، ވިސްނުންކޮށި މީހުން އުޅޭނެކަން ރަސްފުރާގެ މީހުން ދަންނާނެތީ، އެފުރާގެ މީހުން އެހެން މީހުންނާ މުޢާމަލާތް ކުރާނީ އެކަން ދަނެތިބެގެންނެވެ. އެހެންކަމުން އެފަދަ މީހުންގެ ފަރާތުން ކުރިމަތިވާ ކަންކަން ހަޖަމުކުރުމަކީ، ރަސްފުރާގެ މީހުނަށް ދަތިކަމަކަށް ނުވާނެއެވެ.

** ރަސްފުރާގެ މީހުންނަކީ، ކުރިމަތިވާ ޙާލަތްތަކަށް ހޭނުމުގެ ޤާބިލުކަން ހުންނަ ބައެކެވެ. ބާއްޖަވެރިކަން ލިބުމުގެ އެންމެ މުހިއްމު އެއްކަމަކީ، ޙާލަތަށް ރުހުންކަން އެފުރާގެ މީހުނަށް އެނގޭނެއެވެ. ދަތިކަމެއް އުފުލަން ޖެހުމަކީ ނުވަތަ ވޭނެއް ތަޙައްމަލުކުރަންޖެހުމަކީ ނަސީބު ކުށްވެރިކުރަންޖެހޭ ނުވަތަ ޒަމާނާއި ޙާލަތަށް ލަޢުނަތްދޭންޖެހޭ ކަމެއް ނޫންކަން ރަސްފުރާގެ ވިސްނޭ މީހުންނަށް އެނގޭނެއެވެ. އެފުރާގެ މީހުންގެ ގޮތަކީ، އެފަދަ ޙާލަތްތަކުގައި ވެސް ބަދަލުކުރެވެން ހުންނަ ކަންކަން ރަނގަޅު ގޮތަށް ބަދަލުކުރަން އުޅުމާއެކު، ތިމާގެ ބާރު ނުފޯރާ ކަންކަމުގައި، ވެއްޓަށް ހޭނުމެވެ.

***** ފަހު ނުކުތާއެއްގެ ގޮތުން ދަންނަވަމެވެ. ރަސްފުރާގެ އުފާވެރިކަން ލިބިގަތުމަށް ޢުމުރުގެ ވަކި ހިސާބަކަށް މީހާ ފޯރަންދެން ތިބުމުގެ ބޭނުމެއް ނެތެވެ. މިހާރު ތިބި ޢުމުރުގައި ތިބެ، މިހިސާބުން ފެށިގެން ވެސް އެ އުޖާލާ ވިސްނުމުގެ ފުރާ ފެށުމަށް ހުރަހެއް ނެތެވެ. ޙަޔާތުގެ ފިލާވަޅުތަކުން ވަރަށް މަދު ފިލާވަޅެއް ނޫނީ، ހިލެއަކު ނުލިބޭނެއެވެ. ބުއްދިވެރިންގެ ގޮތަކީ، ޙިކުމަތް ބަލައިގަތުމެވެ. ހެޔޮމީހުންނާއެކު އުޅުމެވެ. އެހެންމީހުންގެ ތަޖުރިބާތަކުންނާއި، ދުނިޔޭގައި ކަންހިނގާ ގޮތް ދެނެގަނެ ފައިދާހުރި ގޮތް ހޯދުމެވެ. މިކަންކަން ޙާޞިލުކުރުމަށް ޢުމުރުގެ މުސްކުޅިފުރާ އަންނަންދެން މަޑުކުރުމުގެ ބޭނުމެއް ނެތެވެ. ޙަޤީޤީ މާނާގައި އުފާވެރި ދިރިއުޅުމެއް ލަސްނުކޮށް ފަށަންވީއެވެ. ޒުވާން ޢުމުރުން ފެށިގެން ރަސްފުރާ ފަށަންވީއެވެ.

_____________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. އެނޮނީމަސް

    ކިއުންތެރިއެއް
    ލުއި، ރީތި އިބާރާތްތަކުގެ ގިލަފައްޗެއް ކަމުގައިވާ މި އަގުމާތް ލިޔުން މިސައިޓުގެ ކިއުންތެރިންނަށް ހަދިޔާކުރެއްވީތީ މާހިރަށް ފަށްފަށުން ޝުކުރިއްޔާ. މާހިރުގެ މިފަދަ ލިޔުންތައް ކުރިޔަށް އޮތް ތާނގައި ވެސް ކިޔަން ލިބޭނެ ކަމަށް އުއްމީދު ކުރަން!

    (3)(0)
Leave Comment