އަޙްމަދު ޒާހިރު އެއްދުވަސްވަރެއްގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ނޫސްވެރިއެއް ކަމުގައިވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އޮނަރަބްލް އަލްފާޟިލް އަޙްމަދު ޒާހިރު (ސީނާ ޒާހިރު)ގެ މި ލިޔުއްވުން ނަކަލުކޮށްފައި މިވަނީ، އޭނާ އިސްކޮށް ހުންނަވައިގެން ނެރުއްވި [ހަފުތާ] ނޫހުގެ 4 މޭ 1979 (ހުކުރު) ދުވަހުގެ އަދަދުން ނެވެ. މިހާދިސާއަށް މިއަދަށް 38 އަހަރު ފުރުނީއެވެ. ________________ މިހާރު އެކަންތައް ނިމިއްޖެއެވެ. އެޕްރީލްގެ 4 ގެ ފަތިހުގެވަގުތެއްގައި ރާވަލް ޕިންޑީގެ ނުބައިވަސްދުވާ ޑިސްޓްރިކް ޖަލަށް ސްޕްރިން…

އަޙްމަދު ޒާހިރު

އެއްދުވަސްވަރެއްގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ނޫސްވެރިއެއް ކަމުގައިވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އޮނަރަބްލް އަލްފާޟިލް އަޙްމަދު ޒާހިރު (ސީނާ ޒާހިރު)ގެ މި ލިޔުއްވުން ނަކަލުކޮށްފައި މިވަނީ، އޭނާ އިސްކޮށް ހުންނަވައިގެން ނެރުއްވި [ހަފުތާ] ނޫހުގެ 4 މޭ 1979 (ހުކުރު) ދުވަހުގެ އަދަދުން ނެވެ. މިހާދިސާއަށް މިއަދަށް 38 އަހަރު ފުރުނީއެވެ.

________________

މިހާރު އެކަންތައް ނިމިއްޖެއެވެ. އެޕްރީލްގެ 4 ގެ ފަތިހުގެވަގުތެއްގައި ރާވަލް ޕިންޑީގެ ނުބައިވަސްދުވާ ޑިސްޓްރިކް ޖަލަށް ސްޕްރިން ޓެންޑެންޓް (ޖަލުގެވެރިޔާ) ދިޔައެވެ. އޭރު އެތާގައި އިންނެވީ ޕާކިސްތާނުގެ ވެރިކަމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ޒުލްފިޤާރު ޢަލީ ބުއްޓޯ އެވެ.

މިސްޓަރ ބުއްޓޯއަށް މެރުމަށް އައި ޙުކުމް އޭނާއަށް އިއްވީއެވެ. އަދި އޭނާގެ ފަރާތުން އޭނާގެ ކުށް އަފޫ ކުރުމަށް އެދުނު އެދުން 20 މަސް ދުވަސް ކުރީން އޭނާ ވެރިކަމުން ދުރުކުރެއްވި އޭނާގެ އަމިއްލަ ސިފައިންގެ ވެރިޔާ ޖެނެރަލް ޟިޔާއުލް ޙައްޤު ޤަބޫލުފުޅެއް ނުކުރެއްވިއެވެ.

ކުޑަ ހިދުކޮޅެއްގެ ތެރޭގައި ބުއްޓޯ ދަންޖައްސާތަނަށް މޫނު މަތީގައި އެއްޗެއް އެޅުމަށް ގެންދެވުނެވެ. އަދި ކަރުގައި މަޅިއެއް ޖަހާފައި ބައިގަޑިއެއްހާ އިރަށް ވުރެ ގިނައިރު ވާންދެން ބެހެއްޓުނެވެ. އޭގެ ފަހުން މެޑިކަލްއޮފިސަރ އައިސް ބަލާފައި އޭނާ އޮތީ މަރުވެފައި ކަމަށް އެންގިއެވެ. ތާރީޚުން ބުއްޓޯ ދަންޖެއްސުނު ފަދަ އެހެން ހާދިސާއެއް ހޯދަން އުދަގުލެވެ. ޑިމޮކްރެޓިކް އުޞޫލުން ހޮވިފައިވާ ސިޔާސީ ލީޑަރއެއް ގެ އަތުން ވެރިކަން ސިފައިންގެ ރޭވުމަކުން އެއްލާލުމަށްފަހު ޝަރިޢަތެއް ބާއްވާފައި ޤާނޫނީ ރަސްމިއްޔާތަކަށްފަހު ނިންމީ މީހަކު މެރުމަށް ބާރު އެޅި މީހެއް ކަމަށެވެ. އަދި މިކުށުގެ އުޤޫބާތަށް އޭނާ ޖަންޖެއްސުނެވެ.

ރައީސުން މަރާލެވިފައިވެއެވެ. އީރާނުގައި ހިގިފަދަ އިންޤިލާބް އިންޤިލާބުން ލޭ އޮހޮރުވިގެން  ދާތަން ފެނުމަކީ އާދައިގެ ކަމެކެވެ. އާދޭހެވެ. ބަދަލު ހިފުމުގެއެވެ. އެހެންނަމަވެސް ބުއްޓޯގެ ޝަރީޢަތަކީ ހަމަ އިސްތިސްނާ އެކޭވެސް ދެންނެވިދާނެއެވެ. އޭނާ ވެރިކަމަށް އިސްވެވަޑައިގަތީ 1971 ވަނަ އަހަރު ކްރިސްމަސް (25 ޑިސެމްބަރ ) ގެ ކުރިންނެވެ. އިންޑިޔާ އާއި ޕާކިސްތާނާއި ދެމެދު ހަގުރާމައިގެ ތެރޭގައެވެ. އަދި ޕާކިސްތާނުގެ އީސްޓްޕާކިސްތާން މިހާރު ގެ ބަންގްލަދޭޝް ވަކިވުމާއެކުގައެވެ.


ބާރު

 އޭނާވީ ޕާކިސްތާނުގެ ޢާއްމުންގެ ތެރެއިން 13 އަހަރު ދުވަސްވާންދެން ވެރިކަން ކުރެއްވި ވެރިއަކަށެވެ. 1959 ވަނަ އަހަރުން ފެށިގެން ސަރުކާރުން ޢާއްމުންނަށް އެގޭ ވައްތަރުގެ މަސައްކަތް ތަކުގައި އޭނާ އުޅުއްވިއެވެ. ޢުމުރުން 30 އަހަރުގައި އޭނާ ޕާކިސްތާންގެ ފޮރިން މިނިސްޓަރ އަކަށް ވެވަޑައިގެންނެވިއެވެ. އެއީ 1963 ވަނަ  އަހަރުގައެވެ. އޭގެ ކުރިން އޭނާ ޚިދުމަތް ކުރެއްވީ ޕާކިސްތާންގެ ޔޫ.އެން.ޑެލިގޭޝަންގައެވެ. 3 އަހަރު ފަހުން އޭނާ ޖަލަށް ލެވުނެވެ. ޖަލުގައި އެތަކެއް މަސްދުވަސް ވާންދެން ހުންނެވިއެވެ. ކަމުގެ ސަބަބުން އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގެ ނިމުމަކަށްވީ އައްޔޫބު ޚާންގެ ވެރިކަން ނިމުމެވެ.

 ހަމަ މިދުވަސްކޮޅުގައި ކަހަލަ ގޮތަކަށް އޭނާ ޕާކިސްތާންގެ ޕީ ޕަލްސް ޕާރޓީ އުފެއްދެވިއެވެ. މިސްޓަރ ބުއްޓޯއަކީ އޮކްސްފޯރޑް ގައި ތަޢުލީމް ޙާޞިލު ކުރައްވާފައިވާ ޕާކިސްތާންގައި އެންމެ ބިން ގިނަ ޢާއިލާގެ ބޭފުޅަކަށް ވިއަސް އޭނާގެ ޕާރޓީން ގޮވާލެއްވީ “އިސްލާމް، ޑިމޮކްރަސީ އަދި ސޯޝިއަލިޒަމް އަށެވެ.”

އީސްޓް ޕާކިސްތާންގެ ވައި ބަލާހަން މައްޗަށް ދިއުމާއެކު އޭރު އަބުރު ވެއްޓިފައި ހުންނެވި ޔަޙްޔާ ޚާން ވެރިކަމުން ދުރުކުރައްވާފައި ބާރު ހޯއްދެވުމަށް ބުއްޓޯ ފުރުޞަތުގެ ބޭނުންފުޅު ރަގަޅަށް ކުރެއްވިއެވެ. އާދޭހެވެ. ކޮންމެވެސް ދުވަހަކު ބަންގްލަދޭޝް (އީސްޓް ޕާކިސްތާން) ހޯދައި ދިނުމުގެ ފަޑު ވަޢުދާއި އެކުގައެވެ.

އޭރުވެސް ބުއްޓޯގެ ރިޔަލުގައި ހުރީ ވައިހިފާފައެވެ. އޭނާ ދޯނި ދުއްވީ ފައްސިޔާގަ އެވެ. އޭނާގެ އަބަދު ހަގުރާމަ ކުރާ ޤައުމުގެ އެންމެ މަތީ ވަޒީފާ އަދާކުރެއްވުމުގެ ކުރިން ވިދާޅުވިއެވެ. “ވަރަށްކުޑަދުވަސް ކޮޅެއްގެ ތެރޭގައި އަހަރެން ވެރިކަން ހޯދާނަމެވެ. ނޫންނަމަ ޖަލަށް ދާނަމެވެ.” އޭނާގެ ފުރަތަމަ ވަޒީފާ އަކަށް ވީ ޕާކިސްތާން އަނެއްކާވެސް ބައިބައި ވިޔަނުދިނުމެވެ. އީސްޓް ޕާކިސްތާން އާއި ވެސްޓް ޕާކިސްތާން ދެ ޤައުމަކަށް ވުމަކީ އެއްގޮތަކަށް ބަލާލާއިރު 1947 ވަނަ އަހަރު ގައި ކުރި ބައިކުރުމުން ނުވެ ނުދާނެކަމެކެވެ. އެއް ޤައުމެއް މާދުރުދުރުގައި ބައިވެފައި އޮވެގެން ހިންގުމަކީ ދަތި މިސާލެކެވެ. ބުއްޓޯ ގެ މަސައްކަތް ޕުޅަކަށްވީ ޕާކިސްތާން ތަފާތު ވަކިވުމުގެ 4 ބައި އެއްކުރެއްވުމަށްފަހު ބާރުގަދަ ފެޑަރަލް ސަރުކާރެއް އުފެއްދުމެވެ.


މަތީ ޚިޔާލެއް

އޭނާގެ ކާމިޔާބުތައް ގުޅުވާލުން އުދަގުލެވެ. އެހެންނަމަވެސް އޭނާގެ މަތީ ޚިޔާލު ތަކާއި އެއްގޮތަކަށް ކަންތަކެއް ނުގެންދެވުނެވެ. މިސާލަކީ އިންޑަސްކޯރުގެ ބާރުގަދަ ފެންގަޑު ޓާރބޭލާގެޑޭމް (ބޮޑުވެޔޮ ފަދަ ތަނެއް) ގައި ޖެހުމުން ގޮންގްރީޓް ގަޑުފަޅައިގެން ދިއުމުގެ ސަބަބުން އެތަނުން މަސައްކަތް ކުރަނީ ހަމައެކަނި 25 ޕަރސެންޓްއަށެވެ.

 1974 ވަނަ އަހަރު ލާހޯރުގައި އިސްލާމީ ސަމިޓެއް ބޭއްވުނެވެ. އެހެންނަމަވެސް ހަމަ އެއަހަރު އޮޕެކް ގެ ޤައުމުތަކުން ތެލުގެ އަގު ބޮޑުކުރުމުން ޕާކިސްތާން އިންޑަސްޓްރީސްގެ ގޮތުން ކުރިއަށް ދިއުމުގެ އުންމީދު އަދިކުރިއަށްވުރެ ބޮޑަށް ހަލާކުކޮށްލިއެވެ.

ޕާކިސްތާން ދަރާފައިވާ ދަރަންޏާއި މިސްޓަރ ބުއްޓޯ ރުހުން ހޯދުމަށް ކުރައްވާފައިވާ ވަޢުދުތަކަށް މިކަންތައްތަކަކީ އޭނާގެ ކަރުގައި އެލުވައިފައި އޮތް ބަރު ހިލަގަޑަކަށް ވެއްޖެއެވެ.

މިހުރިހާ ކަންތައްތައް ހުރިއިރުވެސް ބުއްޓޯވީ ޕާކިސްތާންގައި އެންމެ މީހުން ރުހޭ ޤައުމީ ލީޑަރއަށެވެ. 1977 ވަނަ އަހަރުގެ ޢާއްމު އިންތިޚާބަށް އިޢުލާނު ކުރެވުނު އިރުވެސް އޭނާއަށް ތަރުހީބު ދޭ މީހުންގެ އެކަށީގެންވާ އަދަދެއް އޮތެވެ. އޭރު ކަންތައް އޮތްގޮތުން މިސްޓަރ ބުއްޓޯ އާއި އިދިކޮޅު ޕާރޓީތައް އޭނާއަށް ބަލިކޮށް ލެއްވުނީއެވެ. އެ ޕާރޓީ ތަކުގެ އެންމެނަށް އެއްބަސް ވެވޭހާވެސް ޕޮއިންޓަކީ މިސްޓަރ ބުއްޓޯ ވެރިކަމުގައި ނުބެހެއްޓުމެވެ. އެހެންނަމަވެސް އިންތިޚާބު ނިމުނީ ބުއްޓޯއަށް ވަރަށް ނުބައިކޮށް އަދި ނުރައްކާ ތެރި ގޮތަކަށެވެ.

 އެއްވެސް ބޭނުމަކާ ނުލައި އިންތިޚާބުގެ ނަތީޖާ އާއި މެދު މިސްޓަރ ބުއްޓޯ ވަށާލައިގެން އުޅޭ ކުދިކުދި ނުލަފާ މީހުންތައް އެކިއެކި ވިޔާނުދާ ކަންތައްތައް ކުރިއެވެ.

މުޅި ރަށުގައި ބުއްޓޯގެ ނަމުގައި އެކިއެކި ކަންތައްތައް ކުރެވުނެވެ. މިކަންތައްތައް ހިގީ ބުއްޓޯގެ ކަންޓްރޯލުން ބޭރުގައެވެ. މިކަންތައްތަކުގެ ޒިންމާ އޭނާގެ އިސްތަށިފުޅުގައި އަޅުއްވަން ހުންނެވީ ތައްޔާރަކަށް ނޫނެވެ.

 ޕާކިސްތާންގެ އިންތިޚާބުގެ ކުރިން އިދިކޮޅު ޕާރޓީތައް އެއްވެސް ޙާލެއްގައި ދެރަވުން ޤަބޫލު ނުކުރާނެ ކަމަށް ބުނުމުން މިވާހަކަތައް ބުއްޓޯއަށް ތަރުހީބު ދޭ ހަރުކަށި ނުލަފާ މީހުންނެގީ މާސީރިއަސް ކޮންނެވެ. ނަތީޖާ އަކަށްވީ އެކަށީގެން ނުވާހާ ކުޑަކުޑަ އަޣްލަބިއްޔަތެއް ލިބުމެވެ. ނޫންނަމަ އެކަށީގެންވާ ވަރުގެ މަތީ އަޣްލަބިއްޔަތެއް ހޯއްދެވުމަކީ ބުއްޓޯއަށް އުދަގޫ ފުޅު ކަމަކަށްނުވީހެވެ.

 އިންތިޚާބު ބޭއްވުނީ ރަގަޅަށް ނޫންކަމަށް ދެކެވުނު ވާހަކަ ތަކުން ކަރާޗީ އާއި ލާހޯރުގައި ވަރަށް ހަމަ ނުޖެހުންތައް އުފެދުނެވެ. ސިފައިން ކުރީ ކޮޅުގައި ކަންތައް ހަމަޖައްސަމުން ގެންދިޔައެވެ. އެހެން ނަމަވެސް ފަހުން ކުއްލިއަކަށް އެ މީހުން އެއްއިރެއްގައިވެސް ޤަބޫލު ނޫން ލީޑަރއެއް ވެރިކަމުން ދުރު ކުރުމަށް ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުން ކުރިއެވެ.


އިންޤިލާބު

އިންޤިލާބާއި އެކުއެކީ ހެން ޤާނޫނީ ޝަރީޢަތެއް ބުއްޓޯ އާއި މެދު ހިގަންފެށިއެވެ. އޭނާ އާއި އިދިކޮޅު ސިޔާސީ ލީޑަރއެއް މަރާލަން އުޅުމުގެ ތެރޭގައި އެލީޑަރ ގެ ބައްޕަ މަރާލެވުނު ކަމުގެ ތުހުމަތުގައެވެ.

ލާހޯރުގެ ކޯރޓްއަށް ދެފަހަރު ޝަރިޢަތް ހުށަހެޅުނު އިރާއި އަދި ސްޕްރީމް ކޯރޓަށް އިސްތިސްނާފަށް އެދިފައި އޮތްއިރުވެސް ސިފައިންގެ ސަރުކާރު ބުއްޓޯ ކުރެއްވިކަމަށް ބުނާ ކަންތައްތައް އާއްމުރައްޔިތުންނަށާއި ދުނިޔެއަށް ފެތުރުމުގެ މަސައްކަތް ވަރަށް ވަރުގަދައަށް ހިންގިއެވެ.

ބުއްޓޯ އާއި މެދު ޝަރީޢަތް ހިންގީ ރަގަޅަށްތޯ ނުވަތަ ނުރަގަޅަށްތޯ އާއި މެދު ބަހުސް ކުރެވިދާނެއެވެ. އިގިރޭސި ވިލާތުގެ ގިނަ ޤާނޫނީ ފަރާތްތަކުގެ ޚިޔާލަކީ ޝަރީޢަތް ހުށަހެޅުނު ހެކިތަކާއެކު ބުއްޓޯ އަށް މަރުގެ އަދަބު ދީގެން ނުވާނެކަމަށެވެ. އެކަމުގެ ހެއްކެއްގެ ގޮތުން ދައްކަނީ ސްޕްރީމް ކޯރޓުން ބުއްޓޯއަށް މަރުގެ ނިޔާ ކަޑައެޅުނުގޮތް ބެހުނު ގޮތެވެ. މަރުގެ ނިޔާ ކަޑައެޅުމަށް 4 ވޯޓެވެ. ކަޑަ ނޭޅުމަށް 3 ވޯޓެވެ.

 ބުއްޓޯ ވެރިކަމުގައި ހުންނެވި އިރުވެސް ކޮންމެވެސް ދުވަހަކު ސިފައިން އޭނާ ވެރިކަމުން ދުރުކޮށްފާނެ ކަމަށް ނުވަތަ އޭނާ މަރާލަފާނެ ކަމަށް ވާހަކަ ދެއްކެވި ކަމަށް ވެއެވެ.


ހަރުނުލުން

އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ. “ވެރިކަން ކުރަން މިއީ ނާމުމްކިން ޤައުމެކޭ ބައެއްފަހަރަށް އަހަރެންގެ ހިތަށް އަރައެވެ. ޤައުމުގެ މީހުންގެ ސިކުޑީގައި ދެކޮޅުވެރިކަމާއި ހަމަނުޖެހުންތައް ވަނީ އަށަގެންފައެވެ.”

 “ކޮންމެވެސް ދުވަހަކު އެ މީހުން އަހަރެންގެ ކިބައިން ސަލާމަތް ވާންވެސް އުޅެފާނެއެވެ. އޭރުން އަހަންނަށް ހީވަނީ އަހަންނާއި ކަންތައް ދިމާވާނީ ވަރަށް ނުބައިކޮށް ހެންނެވެ. އެހެންނަމަވެސް އަހަރެން ދުވަހަކުވެސް ޕާކިސްތާން ދުލެއް ނުކޮށްލާނަމެވެ. އަހަރެންގެ އަތުގައި އެއްވެސް ސުއިސް ބޭންކް އެކައުންޓެއް ނެތެވެ. އެމީހުން އަހަރެން ދަން ޖައްސަން ބޭނުމިއްޔާ ދަންޖައްސާށެވެ.” މިއީ މިސްޓަރ ބުއްޓޯގެ މަތީ ޚިޔާލެވެ. އޭނާގެ ނިމުމަށް އޭނާ އަމިއްލަ ފުޅަށް ބެއްލެވީ ބަތަލެއްގެ ނިމުމަކަށެވެ. ކަރާޗީގެ ފެޝަނަބަލް ހިސާބެއް ކަމުގައިވާ ކްލިފްޓަންގައި ހުންނަ އޭނާގެ ގޭގެ ލައިބްރަރީ (ކުތުބުޚާނާ) ވަނީ ނެޕޯލިއަން އާއި ބެހޭ ފޮތްތަކުން ފުރާލެވިފައެވެ. އެއްވެސް ޖެހިލުމެއް، ލަދުފުޅު ގަތުމެއްނެތި އޭނާގެ ބަޠަލު ނެޕޯލިއަން އާއި އޭނާ އަޅާކިއުއްވައެވެ.

ބުއްޓޯ ދަންޖައްސަން ގެންދެވުނު އިރު އޭނާއަކީ ތާރީޚުގައި އޭނާއަށް ލިބިވަޑައިގަންނަވާނެ މަޤާމަކާމެދު ޔަޤީންފުޅު ވެފައިވާ ބޭފުޅެކެވެ. އަދި އޭނާގެ މަރު އޭނާގެ ދުޝްމިނުންގެ ހަލާކަށް ވާނެ ކަމުގެ ޔަޤީންފުޅުކަންވެސް އޮތެވެ.

މިވަގުތު ޕާކިސްތާން ވަނީ ޙައިރާން ކަމާއެކު މަޑުމައިތިރިވެފައެވެ. އެހެންނަމަވެސް ވަރަށްގިނަ ޕާކިސްތާން މީހުން ބުނާގޮތުގައި ބުއްޓޯ ދަންޖެއްސުމުގެ ސަބަބުން ޖަނަރަލުން ޕާކިސްތާންގެ ހަމަނުޖެހޭ ފެޑެރަލް ސަރުކާރު ބައިބައިވުމަށް މަގެއް ފަހި ކުރެއްވީއެވެ.

__________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment