(19 މާރޗް 2017 ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ) މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 188(ނޮވެމްބަރު 1994) ވަނަ އަދަދާއި ( ޖެނުއަރީ 1995) ވަނަ އަދަދުންނެވެ. މިއީ މި ސިލްސިލާގެ އެންމެ ފަހު ބައެވެ. _____________________________ ލުއިވުން ވިހެއުން، އަޅުގަނޑުމެން ބަލިވެ އިނދެ، ވިހަނީއޭ ބުނާއިރު މަލިކު ބަހުރުވައިގައި ނުކެރި އިނދެ ލުއިވަނީއެވެ. މީގެ އަނެއް ބަހަކަށް ބޭނުންކުރަނީ ގޭގައިވުން މިބަހެވެ. އެއީ ހަމަ އުތުރު އަތޮޅުތަކުގައި ވެސް ކިޔައި އުޅޭ ގޮތެވެ. ލަދުބެލުން…

(19 މާރޗް 2017 ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ)

މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 188(ނޮވެމްބަރު 1994) ވަނަ އަދަދާއި ( ޖެނުއަރީ 1995) ވަނަ އަދަދުންނެވެ. މިއީ މި ސިލްސިލާގެ އެންމެ ފަހު ބައެވެ.

_____________________________

ލުއިވުން

ވިހެއުން، އަޅުގަނޑުމެން ބަލިވެ އިނދެ، ވިހަނީއޭ ބުނާއިރު މަލިކު ބަހުރުވައިގައި ނުކެރި އިނދެ ލުއިވަނީއެވެ. މީގެ އަނެއް ބަހަކަށް ބޭނުންކުރަނީ ގޭގައިވުން މިބަހެވެ. އެއީ ހަމަ އުތުރު އަތޮޅުތަކުގައި ވެސް ކިޔައި އުޅޭ ގޮތެވެ.

ލަދުބެލުން

މާނައަކީ، ލަދުގަތުމެވެ. އަޅުގަނޑުމެންގެ ރައްޓެހި މުޙައްމަދު މަނިކުފާނާ އެކު އޭނާގެ ގެޔަށް ދިޔުމާއެކު ބޭރުގޭގައި ތިބި އަންހެނުންތައް ތެޅެމުން ފޮޅެމުން އެ ފަރާތަށް ހިނގައްޖެއެވެ. އެކަމާ ސުވާލުކޮށްލީމާ އޭނާ ބުންޏެވެ. އެއީ އަހަރެންގެ ކޮއްކޮމެންނެވެ. އެ މީހުން އަހަންނަށް ލަދުބަލާނެއެވެ. މިއީ ލަދުބެލުން ބޭނުންކޮށް އުޅޭ ގޮތުގެ މިސާލެކެވެ.

މިބަޔާ ގުޅިގެން އަނެއްކާވެސް ބަސްކޮޅެއް ލިއެލާނަމެވެ. މިފަހަރު އެންމެ ފުރަތަމަ ގ.ގެ ބަސްކޮޅެކެވެ.

ގޯޑާ – އަސް

ގޭގައިވުން – ވިހެއުން، ހއ. ގައިވެސް…

ގެއު   –  ހާނީއްކަ – ތަޅާތެޅުން

ގޯލި – ގޯޅި (އަކުރު އޮޅިފައި – ގޯލި ގޯއްޔާ ހަމަވުން)

ގަލަސް – ބިއްލޫރިތަށި

ގޯދާން/ގޮދަންގެ – ގުދަން

ގަނގުވާ – ގޭންގުވޭ، އުޅަނދުން ޖެޓީއަށް ފައިބަން ހުންނަ ތަން

ގާލިވަށި –  އޮޑީގައި ބޭނުންކުރާ ތަކެތި އަޅާ ވަށި

ގުޑުވަން – އުރަޔަކަށް ލައިފައި އުނަގަނޑުގައި ބަނދެލައިފައި އޮންނަ ވަޅިއެއް.

ގޯސީ –  އޮޑީގެ ފަހަތު ކުނބުގައި ހުންނަ ރިޔާ

ގޮށަކަށް – ކުއްލިޔަކަށް

ގާނިކަން – އެކުވެރިކަން – ނޭއްގާނިކަމުގެ އިދިކޮޅު

ގަލަން –  ފެންއަޅާ ހަން

ގޯތުރަ –  ވަނަން

ގެވުން – ފެނުއެޅުން، މޫދުއެޅުން

ގެވަޅު – ގޮޅި

ގުގުންގަނޑު – ގުގުމައިގަންނަ އަޑު(ސިންގާ ގޮވާލީމާ ހިފާ ގުގުން އަޑުން)

ގަންބާމޭލު – ސަބްމެރިން

ގައުތޫރަ  – ހުތުރުބަސް

އިސްވެދިޔަ ބަސް ލިސްޓަށް ނަޒަރު ހިންގާލާއިރު އެންމެ ފުރަތަމަ ގޯޑާ މިބަހާ މެދު ސުވާލު އުފެދެއެވެ.ދިވެހީންގެ ވަރަށް މަޝްހޫރު ވާހަކައެއް ކަމުގައިވާ ބޮޑު ގޮހޮޑާގެ ވާހަކަ އެއީ އެންމެންހެން ދަންނަ ވާހަކައެކެވެ. ވާހަކައިގައި އެކިޔަނީ، ބޮޑު ގޮހޮޅާ( މާ ބޮޑު އަހެއް) ގެ ވާހަކަ އެވެ. ވީމާ ގޮހޮޑާ ގޯޑާއަށް ވީ ބާވައެވެ. ނުވަތަ މިއުޅެނީ ގޯޑާ ގޮހޮޑާ އަށް ވެގެން ބާވައެވެ. ކޮންމެއަކަސް މިއީ ދިވެހީނާ ދިވެހިބަހުން ވާހަކަ ދައްކާ މީހުންނާ ނުހަނު ރައްޓެހި ބަހެއްކަން މިއިން އެބަ އެނގެއެވެ.

ގޭގައިވުން

މާނަ، ވިހެއުން، މިއީ ، ހއ.ގައި މިހާރުވެސް ބޭނުންކޮށް އުޅޭ ބަހެކެވެ.

ގޯލި

މިއީ  އޮޅުމެކެވެ. ކުރީންވެސް އަޅުގަނޑު ދެންނެވި ފަދައިން މަލިކު ބަހުރުވައިގައި ލ، އާއި ޅަވިޔަނި އޮންނަނީ އޮޅިފައެވެ. ހއ. ގެ ބައެއް ރަށްރަށުން މިކަން ފާހަގަކުރެވިފައިވާ ވާހަކަވެސް އަޅުގަނޑު ދެންނެވީމެވެ. ގޯލި ކިޔޭތީ، އެ ގޯއްޔަށް، މިގޯއްޔަށް މިގޮތަށް ބޭނުން ކުރެވެއެވެ. ވަޅިއަށްވެސް ވަލި ކިޔައިފައި، ވައްޔެއް ނެތޭ ބުނެ އުޅެއެވެ.

ގަލަސް

މިއީ ބިއްލޫރިތައްޓެވެ. މުސްކުޅި ވާހަކައިގައި ވެސް ފެން ގަލަހެއް ބޮއިގެން އެކޮއި ބޭރަށް ނުކުންނަ ވާހަކަ އަޅުގަނޑުމެން އަޑުއަހަމު އެވެ. އަދި މިހާރުވެސް ހއ. ގައި އެއީ ބިއްލޫރިތައްޓެވެ.

ކަލްކަތާއަށް ކަލްކަތާއޭ ކިޔުނީ ކީއްވެގެން؟

މިއީ، އަޅުގަނޑު ވަރަށް ގަޔާވި ވާހަކައެކެވެ. މި ވާހަކަ ފެށުނީ “ގުޑްވަން”، މި ބަހާ ގުޅިގެންނެވެ. އަޅުގަނޑުމެންގެ އެކުވެރި މުޙައްމަދު މަނިކުފާނު ވިދާޅުވިއެވެ.

“މަލިކަށް އިނގިރޭސީން ގޮސް އުޅުނުއިރު ކުރުނބައެއް ކަނޑަން ވަޅިޔަކަށް ބޭނުންވެގެން ބުނީމާ މީހަކު ގެނެސްދިނީ، ވަރަށް ފަސޭހަ އެހައިމެ ތޫނު ވަޅިޔެކެވެ. މިހެންވެ، އެއިނގިރޭސި ކަލޭގެ ބުންޏެވެ. “ގުޑްވަން” އެވެ. އެމީހުންވެސް އެކިޔާ އެއްޗެއް ނޭނގި ތިބެ އާނއެކޭ ބުންޏެވެ. އޭގެ ފަހުން އެބާވަތުގެ ވަޅިޔަށް ކިޔަންފެށީ ގުޑްވަން މިހެންނެވެ. އެއޮތީ އެވަޅިޔަށް ކިޔާ އިނގިރޭސި ބަސް(ބައިނަލް އަޤުވާމީ ނަން) ލިބިފަޔޯލައެވެ. އަދިވެސް އޭނާ ވިދާޅުވެ ދެއްވިއެވެ.

އިންޑިޔާ، އިނގިރޭސީންގެ އަތްދޮށުގައި އޮތްއިރު، އެއްދުވަހަކު އެމީހުންނަށް އިންޑިޔާގެ ކޮންމެވެސް ރަށަކަށް ދެވިއްޖެއެވެ. އޭރު އެރަށު މީހުން ތިބީ، ގޮވާން ކަނޑައިގެން ސާފުކުރާށެވެ. އިނގިރޭސީން އަހާލިއެވެ. މީ ކޮން ރަށެއް ހެއްޔެވެ؟ މިރަށަށް ކިޔަނީ ކޮން ނަމެއް ހެއްޔެވެ؟ ގޮވާން ކަނޑައިގެން އުޅޭ މީހުން ހީކުރީ އިނގިރޭސީން އެތަކެއްޗާ ބެހޭ ގޮތުން ސަވާލު ކުރަނީ ކަމަށެވެ. މިހެންވެ އެމީހުން ރަށު ބަހުން ޖަވާބުދިނެވެ. ކަލްކާޓާ(މީއްޗިހި)

ކެނޑީ އިއްޔެއެވެ. އެވަގުތު އިނގިރޭސިވެރިން ބޯޖަހާލާފައި ބުންޏެވެ. ކަލްކާޓާ! ކަލްކާޓާ، އައިސީ، އެހިސާބުން އެރަށަށް ކަލްކަތާއޭ ކިޔުނީޔޯލައެވެ. އިނގިރޭސިބަހުން އެއްޗެއް ކިއިއްޖެއްޔާ، މޮޅު ނުވާނީ ކޮން ބަޔަކަށް ތޯއެވެ. އަޅުގަނޑުމެންގެ އައްޑު އަތޮޅު ގަމަށްވެސް އެމީހުން ކީ، ގޭން އައިލެންޑެވެ. އަޅުގަނޑު އެ ދުވަސްވަރު އަޑުއެހީމެވެ. ބުނާތީ އިވެނީ، އިނގިރޭސިބަހުން އެރަށަށް ކިޔަނީ ގޭން އެވެ. ވީމާ، އިނގިރޭސީން ލިޔަން ވާނީ އެހެންނެވެ. ގޭން އައިލެންޑެވެ. ނަމަވެސް މިރަށް އޮންނަނީ ދިވެހިރާއްޖޭގައެވެ!

އަދިވެސް މިކަހަލަ އެހެން ވާހަކައެކެވެ. އިނގިރޭސީން އޮސްޓްރޭލިޔާ އަށް އަރައިގަތް ދުވަސްވަރު، ވަލުތެރޭން އާދަޔާ ޚިލާފު ޖަނަވާރެއް ފެނިގެން އެ މީހުން ކުރެން އަހާލިއެވެ. މިއަށް ކިޔަނީ ކޮން ނަމެއް ހެއްޔެވެ؟ އޮބްރިޖިނީން ބުންޏެވެ. ގަންގާރު! ގަންގާރު! އެމީހުންގެ ބަހުން އޭގެ މާނަޔަކީ ނޭނގޭ- ނޭނގޭ – މިޔޯލައެވެ.ދެން އިނގިރޭސީންނަށް އެކީ އެއްޗެއް އަހައި ރަނގަޅަށް ކިޔާން ނޭނގި ކިޔުނީ، ކޭންގާރޫ، ކޭނގާރޫ، މިހެންނެވެ. އޭގެ ފަހުން އެ ޖަނަވާރަށް ކެންގްރޫ އޭ ކިޔަން ފެށުނީއެވެ.

މިވާހަކަތަކުގެ ސިލްސިލާ ނިންމާލާ ހިތް އޮތީ އަޅުގަނޑުމެންގެ ރަށުންނެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަޕާނު މަނަވަރެއް މ.މުލީގައި ޖައްސައިފިއެވެ. ދެން އެއިން މުއްޔަށް ފޭބި މީހުންތައް ފައިބައިގަތެވެ. އެއީ ބޭރުމީހުންނާއި ދިވެހީންނާ މިހާރުހައި ފަރިތަ ދުވަސްވަރެއް ނޫނެވެ. އެހެންކަމުން އަންހެންވެރީންނާއި ކުޑަކުދީންނާ އަޅާ އިތިކޮށް ދުއަވައިގަތީ ގެޔާ ދިމާއަށެވެ. މުޅި ރަށުތެރެއިން އިވެނީ ރުއިމާއި ބިރުވެރިކަމުގެ އަޑުތަކެވެ. މިހެންވެ، އަލްމަރްޙޫމް ލޯޖެހި އިބްރާހީމް މަނިކު) ރަށުތެރެޔަށް އެރިޔަނުދީ އެމީހުން އަތޮޅު ގެއަށް ވައްދަވައި، އެމީހުންނަށް ކުރުނބާ ދެއްވަން ފެއްޓެވިއެވެ. އޭރު އެމީހުން އަހައެވެ. މިއަށް ދިވެހިބަހުން ކިޔަނީ ކީކޭ ހެއްޔެވެ؟ އޭރު ޖަޕާނުބަސް އެނގޭނީ ކާކަށްތޯއެވެ. އަތޮޅުވެރިން ހީކުރެއްވީ އެމީހުން ބަނޑުހައިވެފައި ތިބި ވަރުން ކުރުނބާ ކެނޑުން އަވަސްކޮށްދޭން ބުނަނީ ކަމަށެވެ. ވީމާ އަތޮޅުވެރިން އެތާނގައި ހުރި ތަންކޮޅެއް ޖެހިލުން ކުޑަ ހަވާސާ މީހަކަށް ގޮވައިލެއްވިއެވެ. ތުއްތު ހޮއްކޯ! ތުއްތު ހޮއްކޯ. މިއަވަހަށް ހަދަން ފަށާށެވެ. އެހިސާބުން ކުރުނބަޔަށް ކިޔާ ނަން އެމީހުންނަށް އެނގިދަސްވީ އެވެ. އާދެ، ތުއްތު ހޮއްކޮ، ތުއްތު ހޮއްކޮ އެވެ. މިހާރުވެސް އެދަތުރު މުއްޔަށް ދިޔަ މީހުން ޖަޕާނުގައި ތިބިނަމަ ކުރުނބަޔަށް ކިޔާނީ ތުއްތު ހޮއްކޮއެވެ.

ދެން ސީނުން ފެށޭ ބަސްކޮޅެއް ލިޔެލާނަމެވެ.

ސައްޓުވަ – މަސްލުހޭ ދަނޑިގަނޑު

ސަތަރި/ސަތަށި – ކުޑަ(ޗަތުރީ – ހިންދީ)

ސަރައްކާލި – ކޮރިޑޯ

ސައްކަ – ސައްކެޔޮ

ސޭނގްފަތް – މައްސާގުފަތް

ސިއްލަރު- ވަކިލާރި(ޗިއްލަރު)

ސަޕުޓާ – ފޮނިދުނބުރި

ސޭމިއާ – ސެމޫނަރު

ސައްދަރު – ތަންމަތި ބަންނަ އިރު އެންމެ މަތީގައި އޮންނަ ތަންމަތި ފަތުރާއިރު އެންމެ ދަށުގައި އޮންނަ ފޮތިގަނޑު

ސާޑި- އަތްދުއް ލައިފައި ހުންނަ މުޅީން ހުދު މުންޑު

ސާލުފައްޓު – ބޮޑުގޮޅި ހުންނަ ފަށުއި މުންޑެއް(އަންހެނުންގެ)

ސާރުދޯރު – ސާރިދޯޅު

ސުކުންދު – ސިކުންތު

ސިއްކަ – ކުޑަ. މިސާލު: ސިއްކަ އޮއިވަރެއް، ކުޑައޮއިވަރެއް.

ފަތްތޫރައިގެ އަދަދުތަކުގައި ލިޔަމުން މިއައި މަލިކުގެ ބަސް ލިސްޓް މިހިސާބަށް މިނިމުނީއެވެ. މިއީ، އެފޮތުގައި ލިޔެވިފައިވާ އެންމެ ފަހުގެ ބަސްކޮޅެވެ.

ޑިންޑިކަދާ    ރަނގަބީލު

ޓޮކި       ޓަކި

ޓީނު       ކުދިދަޅު

ޗައްޑި      ޖަނގިޔާ

ޗޭނި      ޗޭނު

ޗާލުވުން    ފެށުން

ޗާވި      ޗާބީ

ޗެޕުން     ޗާޕުކުރުން

ޖާތް      ޒާތް

ޖެހުއްވުން    ޖެއްސުން/ޖެހެވުން

ޖެއްސުން    ބަނދަރުކުރުން

ޖީބު       ތުންމަތީރިޔާ

ޖަނބުރޯޓު    ޖަނބުރޯލު

މިލިސްޓުންވެސް ދެތިން ނަމަކާމެދު ފެންނަ އެއްޗެއް ދަންނަވައިލާނަމެވެ.

ޓީނު

ޓީނުގެ މާނަޔަކަށް މިއޮންނަނީ، ދަޅެވެ. އެއީ ނެސްޕްރޭ ދަޅު، ކޯސްޓް ދަޅު ފަދަ ދަޅުތަކެވެ. އެހެންކަމަށް ވަނީ ވިއްޔާ، އެބަސް މަލިކު ބަހުރުވައިން ދަރަންޏަށް ނަގައިގެން އުޅޭކަމަށް ފެންނަނީ، އިނގިރޭސި ބަހުގެ ޓިން- މިބަހުންނެވެ.

ޗެޕުން

މިއީ، ޗާޕުކުރުމެވެ. ބަސް އުފައްދައިފައިވަނީ، ހިންދީ ބަސް ފޮތުގައި އޮންނަ ޗާޕްނާ މިބަހުންނެވެ. މިބަސް ބޭނުންކޮށްއުޅެނީ، ޗަޕައިގެން – މިގޮތަށެވެ. މާނަޔަކީ، ޗާޕުކޮށްގެން މިއެވެ.

ޗާލުވުން

މާނަޔަކީ ދަތުރަށް ފެށުމެވެ. އިންޖީނު ހިންގައިލުމެވެ. މިކަން ސާފުކޮށްލުމުގެ ގޮތުން އޭގެ ދެމިސާލެއް ލިޔެލާނަމެވެ.

ހ-  އިރުކޮޅަކުން އަނެއް ފްލައިމެޝީން(މަތިންދާބޯޓު) ޗާލުވިއެވެ.

ށ.  ފުރަން އުޅުނު ނައު ފަތިހު ފަހެއްޖެހިއިރު ޗާލުވިއެވެ.

މިހިސާބުން މަލިކު ބަހުރުވައިގެ ބައެއް ޤަވާއިދު ހުށަހަޅައިލާނަމެވެ.

ނަމަވުމަށް ބޭނުންކުރެވޭ އަކުރުތަކާއި އޭގެ މިސާލު  

ނަމަވުމަށް ބޭނުންކޮށް އުޅެނީ، އްޔާ، ނަމަ، ންޏާ މިއަކުރުތަކެވެ.

މިސާލު:

ލިޔުނީމަ    ލިޔުނީވިއްޔާ    ލިޔުނިއްޔާ

ލިޔެފިނަމަ   ލިޔެފީވިއްޔާ     ލިޔެފިއްޔާ

ލިޔާނަމަ    ލިޔަނިއްޔާ     ލިޔަނީވިއްޔާ

ލިޔަނީނަމަ   ލިޔަންޏާ

ލިޔާނެނަމަ   ލިޔާނޭވިއްޔާ    ލިޔާނެންޏާ

އަމުރު

މަލިކު ބަހުރުވައިގައި އަމުރުގެ ގޮތްތައް ވަރަށް ގިނައެވެ. އެންމެ ޢާއްމު ގޮތަކީ، ލިޔެއު – ނަގައު ބަލައު މިއެވެ.

ކަން، ޢާއްމު ކުރެވޭއިރު މިބަސްތައް ބޭނުންކޮށްއުޅެނީ ލިޔޭ، ނަގާ ބަލާ މިގޮތަށެވެ. އެހެންކަމުން، އެމީހުންގެ ބަހުރުވައިގައި ވާކަމާ އަމުރާ އޮޅޭތަނެއް ނާދެއެވެ. އަޅުގަނޑުމެންވެސް ކުރީން މިތަފާތެއް ގެންގުޅެފައިވާކަން އެނގެއެވެ.

“ދަނެއު ޚައިރު ޒާދީ އެ ތަޤްވާއިންވޭ”

  ގަނެއު ބިރު ފަރާތަށް ވަތާއިންގެ ދޭ”

                -ހުތް އަލިދީދީ-

އަދިވެސް އިތުރު މިސާލެކެވެ.

އަދި ދަނެއު ދަންނައެ

މިބޭސް އަތުގައި ވަށަނި، މިކަންތައް މިބުނި މަގުން ކުރަނި.

ނަގަގަ، އަންނަގަ، އިއްތަގަ، މިހިރީވެސް އުތުރު ބަހުރުވައިގައި ބޭނުންކުރާ އަމުރުގެ ގޮތްތަކެވެ. އެހެންނަމަވެސް މިހުރިހައި ގޮތަކަށްވުރެން ގިނަ ގޮތްތައް މަލިކު ބަހުރުވައިގައި ވެއެވެ.

މަލިކުގައި ބޭނުންކުރާ އަމުރުގެ ބަސްތައް

ލިޔަ –  ލިޔަގަ      ލިޔެބަލަގަ

ލިޔައު – ލިޔައުގަ     ލިޔެބަލައުގަ

ލިޔަނި   ލިޔަނިގަ    ލިޔެބަލަނިގަ

ލިޔެއި   ލިޔެއިގަ     ލިޔެއިބަލަގަ

ލިޔާނދެ  ލިޔާނދެގަ   ލިޔާނދެބަލަ

ލިޔައްޗޭ  ލިޔައްޗެގަ

ލިޔަންޏޭ  ލިޔަންޏެގަ

ލިޔައުވޭ   ލިޔައުވެގަ

ސުވާލުގެ ބައެއް ގޮތް

އެޔަ ބުނިޔަން

އޭނާ ބުންޏެއްނު

އޭރެން ބުނޫވަން

އެމީހުން ބުންނެއްނު

މަބުނިން ނަނަ

އަހަރެން ބުނީމެއްނު

އަހަރެމެން ބުނެފީމުއަށް

އަހަރެމެން ބުނެފީމެއްނު

20170404_002406

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment