"ގާތްތިމާގެ މީހުންނަށް އޭނާގެ ޙައްޤުދޭށެވެ!"

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު،
އަޅުގަނޑުމެން ދިވެހިންނަކީ ألله سبحانه وتعالىގެ ގިނަ ގުނަ ނިޢުމަތްތައް މިންވަރުކޮށްދެއްވައިފައިވާ ނަސީބު ގަދަ ބަޔެކެވެ. ރީތި ސާފު މާޙައުލެއް އަޅުގަނޑުމެންނަށް ވަނީ ދެއްވައިފައެވެ. އަމާންކަމާއި ޞުލްޙަވެރިކަން ވަނީ ދެއްވައިފައެވެ. ދުނިޔޭގެ އެތައް ހާސް ބަޔަކު ކާބޯތަކެތީގެ ދަތިކަމާ ހުރެ ބަނޑަށް މަރުވަމުންދާއިރު، ތަނަވަސްކަމުގެ ނިޢުމަތް އަޅުގަނޑުމެންނަށް ދެއްވައިފައިވެއެވެ. ބޯހިޔާކޮށްލާނެ ތަނެއް ނުލިބި މަގުމަތީގައި ދޭހައި އަތްވަކާއި ވެހޭހައި ވާރޭއެއްގައި ދުނިޔޭގެ އެތައް ނިކަމެތީންނެއް އުޅޭ އިރު މިފަދަ ޙާލެއް އަޅުގަނޑުމެންނަކަށް މިންވަރު ކުރައްވައިފައެއް ނެތެވެ. ތަޢުލީމުގެ ފުރުޞަތުތައް އަޅުގަނޑުމެންނަށް އޮތީ ފަހިވެފައެވެ. މިހެން ގޮސް ގުނައި ޢަދަދު ނުކުރެވޭ ފަދަ ކިތަންމެ ކިތަންމެ ނިޢުމަތްތަކެއް އަޅުގަނޑުމެންނަށް މާތް ﷲ ދެއްވައިފައި ވެއެވެ.
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page
މި ހުރިހާ ނިޢުމަތްތަކަކަށް ވުރެ ވެސް މަތިވެރި ނިޢުމަތަކީ އަޅުގަނޑުމެންނަށް ދެއްވައިފައިވާ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތެވެ. މިކަންކަމާމެދު ވިސްނައި ފިކުރުކޮށްފި ނަމަ އަޅުގަނޑުމެންގެ ހިތްތައް އަންނާނީ ޝުކުރުން ފުރިގެންނެވެ. މާތް ألله ވަޙީކުރައްވައިފައިވެއެވެ.  لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ” (“ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރުކޮށްފި ނަމަ ތިޔަބައި މީހުންނަށް (ނިޢުމަތް) އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައި މީހުން (ޝުކުރު ނުކޮށް) ކާފިރުވެއްޖެ ނަމަ (ދަންނާށެވެ!) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވެއެވެ.”)
އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ މަތިވެރި ނިޢުމަތްކަމުގައިވާ އިސްލާމް ދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމަކަށް މަގުދައްކާ ޝާމިލު ދީނެކެވެ. އެއީ ހަމަ އެކަނި ޢަޤީދާއާއި ޢިބާދާތުގެ ދީނެއް ނޫނެވެ. އެއީ އަޚުލާޤުގެ އެންމެ މަތިވެރި ދީންވެސް މެއެވެ. އެއީ އެއީ މުޢާމަލާތުގެ ހުރިހާ ކަމެއްވެސް ހިމަނުއްވައިފައިވާ ފުރިހަމަ ދީނެވެ. މާތްވެގެންވާ އިސްލާމް ދީނުގެ މުޅި މަންހަޖަކީ ދިރިއުޅުގެ ހުރިހާ ކަމެއްގެ އަސާސެވެ. ކަންކަން ކުރަންވީ ގޮތުގެ ޤަވާޢިދެވެ. އުޞޫލެވެ. އެއީ ހަމައެކަނި އިސްލާމް ދީނުގެ 5 ރުކުނުގެ ތެރޭގައި ޤައިދުވެފައިވާ ދީނެއް ނޫނެވެ. ދުނިޔެ އުޅުމުގައި ހިމެނޭ ކޮންމެ ކަމަކީ ދީނުގައި ހިމެނިފައިވާ ކަމެކެވެ.
އަޅުގަނޑުމެން ދިވެހީންނަކީ ޒަމާނުއްސުރެ ދީނަށް ލޯބިކުރާ ބަޔެކެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ދީން މާނަކުރެވެނީ ވަރަށް ހަނި ދާއިރާއެއްގައެވެ. ޢިބާދާތުގެ ބައިގައެވެ. ނަމާދުކުރުމާއި ރޯދަހިފުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދެމުއެވެ. ސުންނަތް ނަމާދުތައްކުރަމުއެވެ. ސުންނަތް ރޯދަތައް ވެސް ހިފަމުއެވެ. ނަމާދުގައި ހިމެހޭ ކުދިކުދި ފަރުޢީ މައްސަލަތަކުގެ ތަފުޞީލުތަކަށް ދާނދެން އަޅުގަނޑުމެން ސަމާލުކަންދެމުއެވެ. އެކަންކަން އޮޅުންފިލުވައި ދަސްކޮށް ހަދަމުއެވެ. ނަމާދުގެ ސަފުގައި ހުއްޓެންޖެހޭ ގޮތާއި އަތްބަހައްޓަންޖެހޭ ގޮތާއި ދެއަތް ފޭކުރާންޖެހޭ މިންވަރާއި މިފަދަ ކުދިކުދި ކަންކަމާމެދު އަޅުގަނޑުމެން އޮޅުންފިލުވައި، ބޮޑެތި ބަހުސްތައްވެސް ކުރަމުއެވެ. އެއީ އަޅުގަނޑުމެން ސުންނަތަށް ސަމާލުކަންދޭ މިންވަރު އަންގައިދޭ ކަންކަމެވެ. އެކަމަކު އަޅުގަނޑުމެން މިކަހަލަ ފަރުޢީ ނުވަތަ އިޚުތިލާފީ މައްސަލަތަކަށް އެހާ ބޮޑަށް ސަމާލުކަންދޭ އިރު، ދީނުގެ އެންމެ މުހިއްމު ބައި ކަމުގައިވާ މުޢާމަލާތުގެ ބަޔާމެދު އަޅުގަނޑުމެންނަށް ސަމާލުކަން ދެވެނީ ވަރަށް ކުޑަކޮށެވެ. ނުވަތަ ގިނަ މީހުންނަށް މިކަމަށް ސަމާލުކަމެއް ނުވެސް ދެވެއެވެ. އަދި ދޭދޭ މުޢާމަލާތުތަކަކީ ދީނުގެ ކަމެއް ކަމަށް ހީއެއްވެސް ނުކުރެއެވެ. ހެޔޮ ގޮތުގައި ވިޔަފާރިކުރުމާއި އެކިއެކި މުޢާމަލާތުތަކުގައި ތެދުވެރިވުމާއި ދޭދޭ އަޚުންނާ ރީތިބަހުން މުޢާމަލާތުކުރުމާއި ތިމާގެކަމުގެ ގުޅުން ދެމެހެއްޓުމަކީ ދީނީ ކަމެއްގެ ގޮތުގައި ގިނަ މީހުންނެއް ނުދެކެއެވެ. މިކަންކަމާމެދު ސުވާލުކޮށް އޮޅުންފިލުވައި ހަދާތަނެއް ނުފެނެއެވެ. މިއީ ހިތާމަހުރިކަމެކެވެ.
އެއްވެސް ޝައްކެއްނެތެވެ. މާތް ألله ވަޙީކުރައްވައިފައިވަނީ وَمَا خَلَقْتُ الْجِنَّ وَالأِنْسَ إِلاَّ لِيَعْبُدُونِ  މިފަދައިންނެވެ. މީގެ މާނައަކީ ހަމައެކަނި ނަމާދުކޮށް ރޯދަހިފައި ޒަކާތްދީ ޙައްޖުވެ ހަދައިލީމާ ފުދޭނެ ވާހަކައެއް ނޫނެވެ. މި ދުނިޔޭގައި ތިމާ ހޭދަކުރާ ކޮންމެ ވަގުތަކުވެސް ކޮންމެ ޙާލަތެއްގައި ވެސް ألله سبحانه وتعالى އަށް ކިޔަމަންތެރިވުމަކީ އަޅުކަމެވެ. އެކަލާނގެ އެންގެވި ކޮންމެ ކަމެއް ބަރާބަރަށް ކޮށް، ނަހީކުރެއްވި ކަންކަމުން ދުރުވެގަތުމަކީ އަޅުކަމެވެ. ދުނިޔެ އުޅުމަށްޓަކައި ކުރާ ހުއްދަ ކޮންމެ މަސައްކަތެއް ވެސް ألله އަށްޓަކައި، އެކަލާނގެ އެންގެވި މަގުން ކުރުމަކީ އަޅުކަމެކެވެ. މާތް ألله ވަޙީކުރައްވައިފައިވަނީ “وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ” (“އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން ألله އީ ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.”) މިފަދައިންނެވެ.
އިސްލާމީ ޝަރީޢަތުގައި މުޢާމަލާތުގެ ބަޔަކީ ވަރަށް މުހިއްމު ބަޔެކެވެ. ދޭދޭ މީހުންގެ ގުޅުމާއި ރީތި އަޚުލާޤަށް އިސްލާމް ދީނުގައި ދީފައިވަނީ ވަރަށް މަތިވެރި އަހައްމިއްޔަތެވެ. ޚާއްޞަކޮށް ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުމަކީ އިސްލާމް ދީނުގައި ވަރަށް ގަދަޔަށް އަމުރުކުރައްވައިފައިވާ ކަމެކެވެ. ކީރިތި ރަސޫލާއާ މުޚާޠަބުކުރައްވައި މާތް ألله  ވަޙީކުރައްވައިފައިވެއެވެ. “قُلْ تَعَالَوْاْ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلاَّ تُشْرِكُواْ بِهِ شَيْئاً وَبِالْوَالِدَيْنِ إِحْسَاناً”.   (“ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަރާމްކުރެއްވި ކަންތައްތައް ކިޔައި ދެއްވާނަމެވެ. ތިޔަބައިމީހުން އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރިކޮށް ޝަރީކުނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ!”)  އަދި މިފަދައިން ވެސް ވަޙީކުރައްވައިފައިވެއެވެ. “وَآتِ ذَا الْقُرْبَىٰ حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ”  (“ގާތްތިމާގެ މީހުންނަށް އޭނާގެ ޙައްޤު ދޭށެވެ! އަދި މިސްކީނުންނަށާއި ދަތުރުވެރިޔާއަށް ވެސް މެއެވެ.”)
ޙައްޤުތައް އަދާކުރުމަކީ ކޮބައިތޯއެވެ؟ އެއީ އެމީހުންނަށް ހެޔޮކޮށް ހިތުމެވެ. ޤަދަރުކުރުމެވެ. ކަމޭހިތުމެވެ. އޯގާތެރިވުމެވެ. އިޙުތިރާމްކުރުމެވެ. އެ މީހަކަށް ދޭންވާ ޙައްޤު އެ މީހަކަށް ދިނުމަކީ އެއީއެވެ.
ގާތް ތިމާގެ މީހުންނަކީ ތިމާއާއި ތިމާގެ މައިންބަފައިންނާއި ކާފައާއި މުންނައާއި މާފައާއި މާމަ އާއި މުނިކާފަ މުނިމާމައާއި ހޫރުކާފަ ނުވަތަ ޙޫރު މާމައާއި އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފައި ނުވަތަ އެއްބަނޑު އަޚުންނާއި އުޚުތުންނާއި އެ މީހުންގެ އަޚުންނާއި އުޚުތުންނާއި އެމީހުންގެ ދަރިންނާއި އެމީހުންގެދަރިންނެވެ. ދަރީންގެ ދަރީން، ބައްޕައިންގެ ބައްޕައިން މައިންގެ މައިން މިހެން ގޮސް ކިތަންމެ ދުރަށް ދިޔަޔަސް އެއީ ހަމަ ގާތްތިމާގެ މީހުންނެވެ.
ހެޔޮ ދަރުމައާއި ސަވާބަށް އެދޭނަމަ، ދީނުގެ ރުކުންތައް އަދާކުރުމަށް ފަހު ކުރާން އޮތް އެންމެ މުހިއްމު ކަމަކީ ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމެވެ. އެއީ މައިންބަފައިންނާއި ކާފަ މާމައިންނާއި ގާތްތިމާގެ އެންމެންނެވެ. މިއީ ﷲ އާއި އެކަލާގެ ރަސޫލާ މި އުންމަތަށް އަންގަވައި އަމުރުކުރައްވައިފައިވާކަމެކެވެ. މިއީ ދީނުގެ ވަރަށް މުހިއްމު ބަޔެކެވެ. މިކަމާ މެދު އަޅުގަނޑުމެން ޣާފިލުވެގެންނުވާނެއެވެ! މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. “قُلْ تَعَالَوْاْ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلاَّ تُشْرِكُواْ بِهِ شَيْئاً وَبِالْوَالِدَيْنِ إِحْسَاناً    (“ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ޙަރާމްކުރެއްވި ކަންތައްތައް ކިޔައި ދެއްވާނަމެވެ. ތިޔަބައިމީހުން އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރިކޮށް ޝަރީކު ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ!”) އަދި މިފަދައިންވެސް ވަޙީކުރައްވައިފައިވެއެވެ. ” وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا”. (“އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އެކަލާނގެއީ އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ ސުވާލުކޮށް ކަންކަމަށް އެދި އުޅޭ ރަސްކަލާނގެއެވެ. އަދި ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ކަންތައް ބައްލަވައިވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.”)
ކީރިތި ރަސޫލާ (صلى الله عليه وسلم)  ރަސޫލުކަމާއިގެން ފޮނުއްވުނު އެއް ބޭނުމަކީ ތިމާގެކަމުގެ ގުޅުން ދެމެހެއްޓުމަށް އެންގެވުންކަން އެކަލޭގެފާނުގެ ސުންނަތުން ފެންނަން އެބަ އޮތެވެ.
“އެއް ދުވަހަކު ކީރިތި ރަސޫލާއަށް މީހަކު ސުވާލު ދެންނެވިއެވެ. ކަލޭގެފާނަކީ ކޮންބޭކަލެއްތޯއެވެ؟ ހަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނީ ނަބިއްޔަކީމެވެ. އެ މީހަކު ދެންނެވީމެވެ. ކޮންފަރާތަކުން ފޮނުއްވި ނަބީބޭކަލެއް ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ﷲ ގެ ޙަޟުރަތުން ފޮނުވުނު ނަބިއްޔަކީމެވެ. އޭނާ ދެންނެވިއެވެ. ކަލޭގެފާނު ފޮނުއްވުނީ ކޮންކަމަކާއިގެން ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނު ފޮނުއްވިފައިވަނީ ރަޙިމުގެ ގުޅުން ދަމަހައްޓާން އެންގެވުމަށާއި، ބުދުތައް މުގުރުއްވުމަށާއި، ﷲގެ އެއްކައުވަންތަކަމަށް ހެކިވެ، އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރިވެގެން ނުވާކަން ބަޔާންކޮށްދެއްވުމަށެވެ.”
އަޅުގަނޑުމެން ސުވަރުގެ ހޯދާން އެދި، ސަވާބު ގިނަކުރުމަށްޓަކައި، ހަމައެކަނި ނަމާދުކޮށްލުމަކުން ނުފުދެއެވެ. ޢިބާދާތަކީ އިސްލާމް ދީނުގެ އެއްބައި ކަމުގައި ވާފަދައިން އަޚުލާޤާއި މުޢާމަލާތަކީ ވެސް ދީނުގެ މުހިއްމު ބައިތަކެވެ. ޚާއްޞަކޮށް މުޢާމަލާތަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމާ ގުޅިފައިވާ އެންމެ މުހިއްމު ބަޔެވެ. ދުނިޔަވީ ހުއްދަ ކޮންމެ ޢަމަލެއް ވެސް ހެޔޮ ނިޔަތުގައި، ﷲގެ ރުއްސެވުމާއި ސަވާބަށް އެދިގެން ކުރާ ނަމަ، އެ ޢަމަލެއް ހިމެނޭނީ ހެޔޮ ޢަމަލުގެ ތެރޭގައެވެ. ކޮންމެ ހެޔޮ ޢަމަލަކީ އަޅުކަމެކެވެ. ޚާއްޞަކޮށް މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް އިޙުސާންތެރިވެ ހެޔޮ ފޯރުވައި އުޅުމަކީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ވަރަށް މަތިވެރި އަމުރަކުން އަމުރުކުރައްވައިފައިވާކަމެކެވެ. ރަޙިމުގެ ނުވަތަ ތިމާގެ ކަމުގެ ގުޅުން އެއްވެސް ސަބަބަކާ ހުރެ ކެނޑުމަކީ ﷲ ނަހީކުރައްވައިފައިވާ ކަމެކެވެ. އެއީ ތިމާ ސުވަރުގެވަނުން މަނާކުރާނެ ނުބައިކަން ބޮޑު ޢަމަލެވެ.
ތިމާގެކަމުގެ ގުޅުން ދެމެހެއްޓުމަކީ ވަރަށް މަތިވެރި ހެޔޮ ޢަމަލެއް ކަމުގައި ވީ ފަދައިން އެ ގުޅުން ކަނޑައިލުމަކީ އެހާމެ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. މާތް ﷲ ލަޢުނަތް ލައްވައިފައިވާ ކަމެކެވެ. އެކަލާނގެ ވަޙީކުރެއްވި އެވެ. وَالَّذِينَ يَنْقُضُونَ عَهْدَ اللَّهِ مِنْ بَعْدِ مِيثَاقِهِ وَيَقْطَعُونَ مَا أَمَرَ اللَّهُ بِهِ أَنْ يُوصَلَ وَيُفْسِدُونَ فِي الْأَرْضِ ۙ أُولَٰئِكَ لَهُمُ اللَّعْنَةُ وَلَهُمْ سُوءُ الدَّارِ (“ﷲ އަށް ޢަހުދު ކަށަވަރު ކުރުމަށް ފަހު  އެ ޢަހުދު އުވައިލައި، އަދި ގުޅިފައިވުމަށް ﷲ އަމުރުކުރައްވައިފައިވާ ގުޅުންތައް ކަނޑައިލައި، އަދި ބިމުގައި ފަސާދަކުރާ މީހުންނާ މެދު (ދަންނާށެވެ!) އެއުރެންނަށް ލަޢުނަތް ހުއްޓެވެ. އަދި އާޚިރަތް ދުވަހުން އެއުރެންނަށް ނުބައިވެގެންވާ ގޮވަތި ހުއްޓެވެ!”)
ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުމަކީ ކިހާ މުހިއްމު ކަމެއްކަން އަންނަނިވި ޙަދީޘުން އެކަނިވެސް ސާބިތުވެއެވެ. ކީރިތި ރަސޫލާ (صلى الله عليه وسلم) ގެ ޙަދީޘްފުޅެއްގައިވެއެވެ. لَا يَدْخُلُ الْجَنَّةَ قَاطِعُ رَحِمٍ   މާނައީ “ގާތްތިމާގެ ކަމުގެ ގުޅުންކަނޑައިފި މީހަކު ސުވަރުގެ ނުވަންނަހުއްޓެވެ.”
އަޅުގަނޑުމެން ސަވާބު ހޯދުމަށްޓަކައި ސުންނަތަށް ތަބާވުމަށްޓަކައި ކުދިކުދި ކަންތަކާ ސުވާލުކޮށް ނުވަތަ ޒުވާބުކޮށް ހަދަނީ ސުވަރުގެ ދިޔުމަށް މަގު ފަހި ކުރުމަށްޓަކައިކަން ކަށަވަރެވެ. އެކަމަކު އަޅުގަނޑުމެންނަށް އިހުމާލުވެވިފައިވާ ކަމަކީ ނުވަތަ ހަނދާން ނައްތައިލެވޭ ކަމަކީ، ދީނުގައި ހިމެނޭ ޢިބާދާތުގެ ބައި ފިޔަވައި އެހެން ބައިތަކެވެ.  މުޢާމަލާތުގެ ބަޔަކީ ދީނުގެ ކަމެކޭ އަޅުގަނޑުމެން ހީނުކުރާ ކަހަލައެވެ. އެހެންނަމަވެސް ދީނުގެ އެންމެ މުހިއްމު އެއްބަޔަކީ މުޢާމަލާތެވެ. މުޢާމަލާތުގެ ތެރޭގައި ހިމެނޭ، ގާތްތިމާގެކަމުގެ ގުޅުމަކީ އިސްލާމް ދީނުގައި ވަރަށް މަތިވެރި އަހަންމިއްޔަތެއް ދެއްވައިފައިވާ ކަމެކެވެ.
އާދޭހެވެ! ކުރީން ވެސް ދެންނެވުނު ފަދައިން އިސްލާމް ދީނުގެ ރުކުންތައް ފުރިހަމައަށް އަދާކުރުމަށްފަހު، ދެން އެންމެ ބޮޑަށް ސަމާލުކަންދޭންވީ ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމަށާއި އެ ގުޅުން ބަދަހިކުރުމަށްޓަކައެވެ. އެބައި މީހުންނަށް ހެޔޮކޮށް ހިތުމަށްޓަކައެވެ. އެއީ ألله އަމުރުކުރައްވައިފައިވާ ކަމެކެވެ. އެހެން ނޫންނަމަ، އަޅުގަނޑުމެން މި ކުރާ ޢަމަލުތައް ބާޠިލުވެގެން ހިނގައިދާނެއެވެ. ވީމާ، ހެޔޮ ދަރުމަޔާއި ސަވާބު ހޯދުމަށްޓަކައި، އަދި ނަރަކައިން ދިނި، ސުވަރުގެ ވަނުމުގެ ނަސީބު ހޯދުމަށްޓަކައި ގާތްތިމާގެކަމުގެ ގުޅުން ދެމެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެމާތޯއެވެ!
——————————————-
ޙަވާލާ:
  ކީރިތި ޤުރުއާން
  އަލްޤުރްއާނުލްކަރީމްގެ ދިވެހި ތަރުޖަމާ
  ޞަޙީޙު މުސްލިމް

About the author