-ޢަލީ ޙުސައިން ނައިފަރު- ފާދިއްޕޮޅު ނައިފަރު، އަލްފާޟިލް ޢަލީ ޙުސައިން (ރަޙިމަހުﷲ) ގެ މި ލިޔުއްވުމުގެ މިބައި ނަކަލުކޮށްފައި މިވަނީ، ”ފަތްތޫރަ” މަޖައްލާގެ 71 (ފެބުރުވަރީ 1985) ގެ އަދަދުންނެވެ. _____________________ ރަށުގައި ވަށައިފާރު ރައްޔިތުންފަށްފަތަށް ބެހުމާއި ވިދިގެން ވަރަށް ގާތް ދުވަސްވަރެއްގައި، ރަށުގެ ދެކޮޅުގައި ވަށައިފާރު (ބޮޑުފާރު) ލެވުނެވެ. އޭގެ އެންމެބޮޑު ބޭނުމަކީ ރަށްފުރެމުން އަންނާތީވެ ޤަޟާޙާޖާ ކުރުމުގައި، ޚާއްޞަކޮށް އަންހެނުން ނިވައިވެގެން ތިބެވޭގޮތް ހެދުމެވެ. މިފާރު ލެވުނީ ދެކުނުކޮޅު އާމިސްކިތާ ދިމާ އިރުމަތީ ހޭޅިން…

-ޢަލީ ޙުސައިން ނައިފަރު-

ފާދިއްޕޮޅު ނައިފަރު، އަލްފާޟިލް ޢަލީ ޙުސައިން (ރަޙިމަހުﷲ) ގެ މި ލިޔުއްވުމުގެ މިބައި ނަކަލުކޮށްފައި މިވަނީ، ”ފަތްތޫރަ” މަޖައްލާގެ 71 (ފެބުރުވަރީ 1985) ގެ އަދަދުންނެވެ.

_____________________


ރަށުގައި ވަށައިފާރު

ރައްޔިތުންފަށްފަތަށް ބެހުމާއި ވިދިގެން ވަރަށް ގާތް ދުވަސްވަރެއްގައި، ރަށުގެ ދެކޮޅުގައި ވަށައިފާރު (ބޮޑުފާރު) ލެވުނެވެ. އޭގެ އެންމެބޮޑު ބޭނުމަކީ ރަށްފުރެމުން އަންނާތީވެ ޤަޟާޙާޖާ ކުރުމުގައި، ޚާއްޞަކޮށް އަންހެނުން ނިވައިވެގެން ތިބެވޭގޮތް ހެދުމެވެ. މިފާރު ލެވުނީ ދެކުނުކޮޅު އާމިސްކިތާ ދިމާ އިރުމަތީ ހޭޅިން ފެށިގެން ދެކުނުން ރަށްވަށައިލައިގެން ގޮސް ހުޅަނގު ފަރާތުން މިހާރު “އަތިރީގެ” އެހުރި ދިމާޔަށެވެ. އެއީ 1300 ފޫޓެވެ. އުތުރު ކޮޅުން މިފާރުލެވުނީ މިހާރު “ވޮއްކޮޅުގެ” އެހުރި ހިސާބުގައިވާ ރުއްގަނޑަކުން ފެށިގެން “އައްޔޫގެ” ކިޔާގޭގެ އުތުރުކޮޅާ ހިސާބަށެވެ. އެއީ 500 ވަރަކަށް ފޫޓެވެ.

ވޭތުވެދިޔަ ސާޅީސް އަހަރުގެ ތެރޭގައި ރަށް ގިރަމުން ދިއުމުގެ ސަބަބުން، ބައެއް ފަރާތުން މިފާރުވެއްޓި، ބައެއް ފަރާތުން މީހުނަށް ގޯތިދިނުމަށްޓަކައި އެކި ދިމާއިން އުތުރުކޮޅު އަށިގެޔަކީ “އިރުމަތީގެ” ޔާ ދިމާގައި ތަންކޮޅެއް އުތުރުން އެއްގަމުގައި މިހާރު ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ޢިމާރާތެވެ.

އަދި ރަށުގެ އެކި ދިމަދިމާގައި މެހުމާނުން ފެންވަރާނޭ ވަޅުވަޅު، ވަށައިފާރު ލައިގެން ތައްޔާރުކުރުމާއި މީހުން ނިކުމެއުޅޭ މަގުމަގުގައި ހުންނަ ހޮޅުއަށީގެ ބަދަލުގައި ސިމެންތިއަށި (ފިނިމައިޒާން) ރޭނުން ހިމެނެއެވެ.

އިހުގައި ގޭގޭގައި ގިފިއްޔެއް ނުހުރެއެވެ. 1350ހ. ހައިތާނގައި ހުންނަ ހަނދާންވަނީ ދިހަވަރަކަށް ގިފިއްޔެވެ. ގިނަ އަންހެނުން ފެން ވަރަނީ މޫދަށް އެރިގެންނެވެ. ލިބާސް އެއްޗެތި ދޮންނަނީވެސް ފިރިހެނުން ނޭރޭ ދިމަދިމާގައި މޫދަށް އެރި ގެނބިގެން ތިބެގެންނެވެ. މޫދުން އަރައި އެކިއެކި ގޭގޭގެކައިރީގައި ހުންނަ ނިވައި ނުކުރާ ވަޅުވަޅުން ފެންލައި ލޮނުފިލުވައިގެން، އެތެރެގޭތެރެޔަށް ވަދެ ހެދުން ބަދަލުކުރަނީއެވެ. ފިރިހެނުން ފެންވަރަން އެކިދިމަދިމާގައި އަވަށުން ބޭރުގައި ހަދާފައިހުންނަ ވެލިގަލުގެ ވަޅުވަޅު ހުރެއެވެ.

އެއީ ސައިބޯނި ނުގެންނަ ދުވަސްވަރުކަމުން ތަކެތި ދާވީމާ، ގޮނޑުދޮށު ދޮންވެލިގަނޑުގައި ތަޅައި ދޮންނަނީއެވެ. މާބޮޑަށް ދާވީމާ، އަޅިފެނުގައި ކައްކައިގެންވެސް ތަޅައި ދޮވެއެވެ. އަދި މޫދުގައި އޮޅުފަސް ހުންނަތަންތާ ދެތިން ދުވަހަކު މޫދުއަޅާފައި ބާއްވައިވެސް ހަދައެވެ.

 މީގެ 50 އަހަރު ކުރީގައި ރަށުގައި ހުންނާނޭ ކަމަށް ގުނައިލެވެނީ 15 ވަރަކަށް ރޭނިގެއެވެ. މިހާރު ގިނަވާނީ ރޭނިގެއެވެ.

މަސައްކަތްތެރިކަމުގެ ގޮތުން ނައިފަރު މީހުނަކީ ފާޑުވެރި އަތްހިނގާ އަދި އުފެއްދުންތެރި ބައެކެވެ. އެއްޗެއް ފެންނައިރަށް އެއެއްޗެއް ކޮޕީކޮށްލާ ބައެކެވެ. ވަޑިން، ކަނބުރުން، ތިލޭރުން، ރާނާ މީހުން ފަދަ މަސައްކަތްތެރިން އަބަދުވެސް އުޅެފައިވެއެވެ. ފަހަކަށް އައިސް ފަންނުތައް ކުރިއަރައި މަސައްކަތް ތެރީންނާ އުފެއްދުންތެރިކަން ގިނަވެ، 1367ހ.އިން ފެއްޓިގެން ރާއްޖޭގައި ބޭއްވެވުމުންއައި އަތްތެރި މަސައްކަތުގެ މަޢުރަޟްތަކުގައި ނައިފަރު ހިމެނެމުން އައީ އެންމެމަތީ ވަނަތަކުގެ ތެރޭގައެވެ.

ތަޢުލީމީ ގޮތުންވެސް، ވަރަށް ކުރީއްސުރެ ނައިފަރު އަންނަނީ ފާހަގަ ކުރެވެމުންނެވެ. އެއީ އެކިދުވަސްވަރު މާލޭގެ ޢިލްމުވެރި މަތީ ފެންވަރުގެ މީހުން، ނައިފަރަށް އައިސްފައި ވާތީ ކަމަށް ލަފާކުރެވިދާނެއެވެ. އެކަމުގެ ސަބަބުން ރަށުގެ ފަސްގަނޑުގައި އިލްމުގެވަސް ހިފައިފައިވަނީއެވެ. ފަހަކަށް އައިސް މާލޭގެ ބޮޑުގަލު ޙަސަން މަނިކޭ ކިޔާ ބޭކަލަކު، އަދި އަލްޢާލިމުއް ޝައިޚު މުޙައްމަދު ޖަމާލުއްދީން (ނައިބުތުއްތު) އަދި އަލްޢާލިމު ހުތް ޢަލި ދީދީ ފަދަ ޢިލްމުވެރިން  ނައިފަރަށް ދުރުވެ، މީހުނަށް ޢިލްމު އުނގަނައި ދެއްވާފައިވެއެވެ. އަދި މާލެއިން އައްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ އަރިހުންނާއި، މާލޭން ދެކުނުން އައްޑޫއަތޮޅުންވެސް ނައިފަރުގެ ދަރީން ޢިލްމު ޙާޞިލުކޮށްފައިވެއެވެ.


ރަށުގެ މަގުހެދުން

އެއްސީދަލަށް އެއްވަރަކަށް ހެދިފައިވާ މަގުމަގެއް ކުރިޔަކުން ނޯވެއެވެ. ގެތައް އެޅިފައި ހުންނަނީ، ދޮރުމަތީގައި ބަދިގެ ހުންނަ ގޮތަށެވެ. ގެޔާ ބަދިގެޔާ ދެމެދުގައި އޮންނަނީ ޢާއްމުން ހިނގާމަގެވެ. އެމަގުތައް އޮންނަނީ، ގެތަކުގެ އިންތިޒާމެއް ނޯންނަފަދައިން ގުދުގުދުލައި ބައިބައިވެފައެވެ. އަދި ހަނިހަނިމަގުތަކަކަށެވެ. މިހާރުވެސް ބޮޑުމަގުތައް ފިޔަވައި ގެތަކުގެ ތެރެޔަށް ވަނުމުން އެގޮތް ފެންނާނެއެވެ. ރަށުގެ ބޮޑެތި މަގުތައް ހެދުނީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ރާއްޖެ ހިންގެވި ދުވަސްވަރު، މުޅި ރާއްޖޭގެ ރަށްރަށުގައި މަގުތައް ހެއްދެވިއިރު، އަލްފާޟިލް ޢަބްދުލްޙަކީމު ކާންނާ ކަލޭގެފާނުގެ އަތޮޅުވެރިކަމުގައެވެ. މަގު ހަދަންވެގެން، ރާނައި ޓިނުޖަހާފައިވާ 46 ގެޔާއި، ނުރާނައިހުރި 59 ގެ ނެގުނެވެ. މިގޭގެ އަޅައި ދެވުނީ  ރައްޔިތުންގެ މާލިއްޔަތުންނެވެ. (މަގުހަދަން ނެގުނުގެތައް ލިޔެފައިވާ ފޮތުން)


ގަސްގަހާގެހި

ރަށުގައި ޢާއްމުކޮށް ހުންނަ އެންމެގިނަ ގަހަކީ ކާނިގަހެވެ. މުޅި ރަށުގެ ހުރިހައި ތަނެއްގައިވެސް ކާނިގަސް ހުރެއެވެ. އަށެއްކަ މީހުން އަތްގުޅިނުކާހައި ބިޔަ ގަސްގަސް ހުއްޓެވެ. އުތުރުކޮޅުން ކުޑަމިސްކިތްމަގާ ހަމައިން ފެށިގެން ތުނޑިޔާ ހަމަޔަށް، ވަރަށްބޮޑު ހިސާބުގަނޑެއް ގައި ފެތުރިފައިއޮތް ފުނަވަލެއް އޮތެވެ. ނިކަ، މަސްކަނދު، ވަރުކަނދު، ޅޮސް ގިނައިން ހުރެއެވެ. ކިނބި، ބެރެބެދި، ވަރަށް ބިޔަ ތިން ހަތަރުގަހެއް ހުއްޓައި ދުށީމުއެވެ. ބޮޑުހިޔާ ގަހާއި، ފިލިގަސްވެސް ދެތިންގަހެއް ހުއްޓެވެ.

އެންމެގިނައީ ރުކެވެ. އެ ހެއްދުމަށް އެންމެން ފަރުވާ ބަހައްޓާތަން ފެނެއެވެ. ކޮންމެ ކުއްޖަކު އުފަންވީމާވެސް އެކުއްޖަކު ފެންވަރުވާ ފެންތެލި ކައިރިޔަށް ބޮޑު ދެކާށިލުމަކީ، ވަރަށް ގިނަ ރަށްރަށުގެ އާދައެއްކަމުގައިވާ ފަދައިން، ނައިފަރުގެވެސް އާދަޔެކެވެ. އެދެކާށި ރުއްފަޅައިގެން ކުއްޖާޔާއެކު ބޮޑުވަމުން އަންނާނެއެވެ. ދެން ރުއްބޮޑުވެ ގޭގައި ނުހުރެވޭވަރުވީމާ ގެންގޮސް ވަލުތެރޭގައި އިންދައިގެން ފެންދީ ހައްދަނީއެވެ. މިރުކަށް ކިޔަނީ “ފެންތެލިދޮށުލީރުއް”އެވެ.

ވަކި ވެރިޔަކުނެތި ވަލުކާނާގެ ގޮތުގައި ހުންނަ ތަކެއްޗެއް ނުހުރެއެވެ. އެކިއެކި މީހުން ހައްދާފައި ހުންނަ ބަނބުކެޔޮ، ކަށިކެޔޮ، ލުނބޯ، ޖަނބުރޯލް، ކުންނާރުފަދަ ގަސްގަސް ހުރެއެވެ. މީހުނަށް ގޯތި ދިނުމަށް ގަސްރުއް ކަނޑަމުންގޮސް، މިއަދާ ހަމަޔަށް އެއްވެސް ބޮޑުގަހެއް ނެތެވެ. ރުކުގެ ތެރެއިން މިހާރު ހުރީ ފޯދިފައިހުރި 380 ރުކެވެ.


ރަށުގެ ބޮޑުމިން

 މިއަދާ ހަމަޔަށް ނައިފަރުގެ ބޮޑުމިނަކީ ދިގަށް 700 ފޫޓު، ހުރަހަށް 1000 ފޫޓެވެ. ސިފަޔަކީ އުތުރަށް ހިމަކޮޅުއޮތް ކުކުޅުބިހެއްގެ ބުރެވެ. ވޭތުވެދިޔަ 60 ވަރަކަށް އަހަރުތެރޭގައި އުތުރުކޮޅު ތުނޑިން ފެށިގެން، ރަށުގެ ހުޅަނގު ބިތުންގޮސް ދެކުނުކޮޅު ވަށާލައި، އަތޮޅުގެޔާ ދިމާ ވާޓަރާ ހަމަޔަށް 30 ވަރަކަށް ފޫޓުގެ ފުޅާމިން ގިރައިގެން ގޮސްފައި ވާނޭކަމަށް ފެނެއެވެ. އަޅުގަނޑުމެން ކުޑައިއިރު އަރައިގެން އުޅުނު ބައެއް ގަސްގަސް ހުރިތަންތަން، މިހާރު ވަނީ މޫދަށްވެފައެވެ. އިހުގައި އުވަވަޅުޖެހިތަންތަން ވެސް މިހާރުވަނީ ގިރައިގެންގޮސްފައެވެ.

މީގެ 70 އަހަރުކުރިން، ކުޑަމިސްކިތުގެ އުތުރަށް އޮންނަނީ، ޖަންގައްޔެވެ. ދުވާލު މެންދުރަށްވެސް އެހިސާބުން ޒާތްޒާތުގެ އެއްޗިއްސާއި، ކުޑަކުދިންނާއި ކަޅުމީހުން ދެކިގެން، މީހުން ހޭނެތި ގޮތްގޮތްވާ ވާހަކަ ދައްކައެވެ. އެއީ ލޮލަށް އަރާ އެކިއެކި ހިޔަނީގެ ސަބަބުން ބިރުގަނެގެން ހިނގާ ކަންކަން ކަމަށް ފެނެއެވެ.

ދެކުނުކޮޅުންވެސް އާމިސްކިތް ކައިރީގައި އޮންނަނީ ގަސްރުކާއި ވާފަޅިއެވެ. ހުޅަނގު ފަރާތުން ވައިލެޓްމަގާ އިންވެގެން ދެކުނަށް ވަނީ ގަސްރުކާއި، ބޯކޭލާއި، ޅޮސް، މިރިހި ޒާތުގެ ގަސްގަހުގެ ވާގަނޑު ތަކެވެ. އަތޮޅުގެ އެހުރިތަނާއެކު، ދެކުނަށްވެސް ގަސްރުކާއި ވަލެވެ. ހުކުރު މިސްކިތުން ފެށިގެން ކުޑަ މިސްކިތާ ދޭތެރެޔާ އެކު، އުތުރަށާއި ހުޅަނގަށް ވަނީ ބޮޑެތިގަސްތަކެވެ.

(ނިމުނީ)

===============

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. އެނޮނީމަސް

    ކިއުންތެރިއެއް
    މި ބޭނުންތެރި ލިޔުން ކިޔަމުން ދިޔައިރު އަޅުގަނޑުގެ ހިތަށްއެރިއެވެ. ކޮންމެ މީހަކުވެސް އެމީހަކު ދުށްތަންތަނާއި މުހިންމު މީހުންގެ މައުލޫމާތު ހިމަނައގެން އެމީހަކު އުފަން ނުވަތަ ވަޒަންވެރިވެފައިވާ ރަށެއްގެ ވާހަކަ ލިޔާ ނަމަ އެއީ ތާރީޚަށްޓަކައި ރައްކާކުރެވޭ ކޮންފަދަ އަގުހުރި ގަލަމީ ތަސްވީރި ތަކަކަށް ވާނެތޯއެވެ؟

    (0)(0)
Leave Comment