ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ،  އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމަކީ، ލިޔުންތެރިއެކެވެ. ވާހަކަދެއްކުންތެރިއެކެވެ. ވާހަކަ ލިޔުންތެރިއެކެވެ. އަދި ޅެންވެރެއް ވެސް މެއެވެ. އަލްފާޟިލް ޢައްބާސް އިބްރާހީމް، 1959 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ނުކުތް ގިނަ ނޫސް މަޖައްލާތަކަށް ލިޔުއްވާފައިވެއެވެ. އަމިއްލަފުޅަށް ނޫސް ނެރުއްވައި ހިންގަވައިފައިވެއެވެ. ދުވަހުނޫސް، “ވިޔަފާރި މިއަދު”، “މޫންލައިޓް”، “ސިނަމާ”، މިދުވަސްވަރު”، “ވަގުތު” ފަދަ ނޫސްތަކަށް މަޒުމޫނާއި ވާހަކަ ލިޔުއްވާފައިވެއެވެ. އަދި “ފަތިސް” ނޫހާއި “އާފަތިސް” ސީދާ ހިންގަވައިފައިވެއެވެ. “ޢިލްމީ އޮއިވަރު” “އާބާރު”…

20170406_005343ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ،  އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމަކީ، ލިޔުންތެރިއެކެވެ. ވާހަކަދެއްކުންތެރިއެކެވެ. ވާހަކަ ލިޔުންތެރިއެކެވެ. އަދި ޅެންވެރެއް ވެސް މެއެވެ.
އަލްފާޟިލް ޢައްބާސް އިބްރާހީމް، 1959 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ނުކުތް ގިނަ ނޫސް މަޖައްލާތަކަށް ލިޔުއްވާފައިވެއެވެ. އަމިއްލަފުޅަށް ނޫސް ނެރުއްވައި ހިންގަވައިފައިވެއެވެ. ދުވަހުނޫސް، “ވިޔަފާރި މިއަދު”، “މޫންލައިޓް”، “ސިނަމާ”، މިދުވަސްވަރު”، “ވަގުތު” ފަދަ ނޫސްތަކަށް މަޒުމޫނާއި ވާހަކަ ލިޔުއްވާފައިވެއެވެ. އަދި “ފަތިސް” ނޫހާއި “އާފަތިސް” ސީދާ ހިންގަވައިފައިވެއެވެ. “ޢިލްމީ އޮއިވަރު” “އާބާރު” ފަދަ މަޖައްލާތަކުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.އަދި އެމަނިކުފާނުވަނީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްކަމުގެ މަގާމު ވެސް ގިނަ ދުވަސްތަކެއް ވަންދެން އަދާކުރައްވާފައެވެ.

އޮނަރަބްލް ޢައްބާސް އިބްރާހީމަށް ވަނީ، ނޫސްވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1985 ވަނަ އަހަރު އަދި ޝަރަފުވެރިކަމުގެ އިނާމު 2004 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. އަދި ނޫސްވެރިކަމުގެ ރަންގަލަމާއި މިނިވަން 25 ގެ އިނާމު ވެސް ލިބިވަޑައިގެންފައި ވެއެވެ.

ލިޔުންތެރީންގުޅުމުގެ ވެބްސައިޓުގެ އަހުލުވެރީންނަށް އޮންރަބްލް ޢައްބާސް އިބްރާހީމް ހަދިޔާ ކުރައްވާފައިމިވާ 2 ވާހަކައަކީ، [ލޯބީގެ ދެ މިސާލު] ގެ ނަމުގައި ޝާއިޢުކުރައްވާފައިވާ ފޮތެއްގައި ޝާއިޢު ކުރައްވާފައިިވާ ދެ ވާހަކައެވެ. އެ ދެ ވާހަކައިން ފުރަތަމަ ވާހަކައަކީ [އެހަނދާން] އެވެ. ދެވަނަ ވާހަކައަކީ، [ނުވާންވީ އިހުމާލު]އެވެ. މި ސައިޓަށް މި ދެވާހަކަ ހަދިޔާ ކުރެއްވިކަމަށްޓަކައި އޮނަރަބްލް ޢައްބާސް އިބްރާހީމަށް ޝުކުރު ދަންނަވަމެވެ.

ތިރީގައި މިވަނީ ފޮތުގެ ފެށުމުގައި ލިޔުއްވާފައިވާ ފެށުމުގެ ބަސްކޮޅެކެވެ.

______________________________


މ.ސިލްވަރކްލައުޑް

   މާލެ.


ލޯބީގެ ދެ މިސާލު

މިއީ ލޯބީގައިދިމާވާ އެކިއެކި ތަޖްރިބާ ތަކުގެތެރެއިން ފެންނާނެ ދެމިސާލެވެ. މިދެމިސާލުން ވިސްނާލާނޭ އެއްކަމެއް އެބަައޮތެވެ. ލޯބި ކާމިޔާބުގޮތެއްގައި ދެމެހެއްޓެނީ ލޯބިވާ ދެފަރާތުންވެސް އެކަމަށް މަސައްކަތް ކޮށްގެންކަމެވެ. ދެފަރާތް ދެމެދުގައި އޮންނަ އެކަކު އަނެކަކު ދެނެގަތުމާއި އެކަކު އަނެކަކަށް އިތުބާރު ކުރުމުގެ ހަރުދަނާ ކަމެއްގެ މަތީންކަމެވެ.

މާއްދީ، ސަބަބުތަކަށް ވުރެން ބޮޑަށް ހިތުން ހިތަށް ގުޅާލެވޭ ރޫޙީ ގުޅުމެއްގެ ސަބަބުން ކަމެވެ. ނުވާންވީ އިހުމާލާއި އެހނދާނާއި ދެ ވާހަކައަކީ ދ ެދުވަސް ވަރެއްގައި އަޅުގަނޑު ލިޔުނު ވާހަކައެކެވެ. މީގެ ވިއްސަކަށް އަހަރު ކުރީންނާއި ދާދި އިހަކަށް ދުވަހުއެވެ.

ދެ ވާހަކަ ލިޔުމުގައިވެސް އަޅުގަނޑު މަސައްކަތްކުރީ އާދައިގެ ދިރިއުޅުމުގައި ދިމާވާ ކުދިކުދި މައްސަލައާމެދު ހިތުގައި އުފެދޭ ޝުޢޫޫރުތަކުން ބަރުބާރު ވިޔަނުދީ ސަލާމަތްކުރުމަށް ބާރު އެޅުމުގެ މައްޗަށެވެ.

 އުފެދޭ ޝުޢޫރުތައް ވީވަރަކުން ރީތިކޮށް އަދި އޭގެ އަސަރާ އެކުގައި ގަަލަމުން ބަޔާންކޮށްދެވޭތޯއެވެ.

ޝުކުރިއްޔާ

1 ޖުލައި 2002

ޢައްބާސް އިބްރާހީމް


އެ ހަނދާން

އެރޭ  އަހަރެންނަށް އެ ވީ ގޮތެއް އޭގެ ކުރީން ދުވަހަކުވެސް ވެފައެއް ނެތެވެ. އަދި އެރޭ ވީގޮތެއް ވީއްސުރެ އަހަރެންގެ ދިރިއުޅުން އޭގެ ކުރިއަކާ އެއްގޮތެއްވެސް ނުމެ ވި އެވެ. ނަމަވެސް އެއީ އަހަރެން އެދޭ ގޮތެއް ނޫނެވެ. އަހަރެން ބޭނުން ވަނީ ހަމަ ކުރީން ވެސް އުޅުނު ގޮތަށް އުޅޭށެވެ. އުފަލުގައެވެ. ހިތް ހަމަ ޖެހުމުގައެވެ. އިތުބާރާއި ޔަ  ޤީނާ އެކުގައެވެ. ނަމަވެސް…

އަހަރެމެންގެ ކަައިވެންޏަށް އަދި ވާނީ އެންމެ ހައެއްކަ މަސްދުވަހެވެ. އަހަރެމެންގެ ކައިވެންޏޭ ބުނުމުން ތިޔަ ހީކުރެވުނީ އަދި މުޅިން ރަނގަޅަކަށް ނޫނެވެ. އަހަރުމެންގެ ކައިވެންޏަކީ ލޯބީގެ ދިގު ރާސްތާއެއްގެ ނިމުމެއް ނޫނެވެ. އަދި ކީއްހެއްޔެވެ. އެއީ ދިގުލޯތްބެއްގެ ފެށުމެވެ. އެއްމަންޒިލެއް ހޯދަން އުޅޭ ދަތުރުވެރިއެއްގެ ގުޅިފައިވާ ދަތުރެއްގެ ފެށުމެވެ. އެކައިވެނީން އުފެދުނީ ލޯތްބާއި ލޭފައިގެ ފައްވާރާތަކެވެ. ކުލުނާއި ހަމްދަރްދީގެ ސާފު އާރުތަކެވެ.

އަހަރެންގެ ޙަޔާތަށް އަހަރެންގެ ބައިވެރިޔާ އަންނަން ދިމާވިގޮތް އެއީ ޤުދުރަތު އަހަންނާ މެދު ބެހެއްޓި އާދަޔާ ޚިލާފު އޯގާވެރި ކަމެކެވެ. އެހެންނޫނީ އެކަހަލަ ހިޔަމިތުރެއް އަހަރެންގެ މީހަކަށް ވުމަކީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއްނޫނެވެ. އޭނާއަކީ މާލޭގެ އިސްކޫލެއްގެ ސުޕަވައިޒަރެކެވެ. ޑިގްރީ ފެންވަރަށް ތަޢުލީމު ޙާޞިލު ކޮށްފައިވާ، އަދި ބޭރު ޤައުމުތަކުގައި ޓްރޭނިންގް ހަދައިފައިވާ ކުއްޖެކެެވެ. އޭނާގެ ޢާއިލާއަކީ މާލޭގެ މެދުފަންތިއަށްވުރެ މުއްސަނދި ޢާއިލާއެކެވެ. އޭނާގެ ދައެްތައަކާއި ފިރިހެން ކޮއްކޮއެއްވެސް ހުރެއެވެ. އެދެކުދީންވެސް އުޅެނީ މީހުންނާ އިނދެގެންނެވެ. ރަނގަޅު މީހުންނާއެވެ. ދައްތަ ދިރިއުޅެމުންދަނީ އޭނާގެ ފިރިމީހާގެ ގޭގައެވެ. އަހަރެން ހުންނަމުން މިދަނީ އަހަރެންގެ އަންހެނުންގެ ގޭގައެވެ.

އަހަރެންނަކީ މާލޭ މީހެއް ނޫނެވެ. ނަމަވެސް މާލޭގައި އުޅޭތާ ލައްކަދުވަސް ވެފައިވާ މީހެކެވެ. އަހަރެން މާލެ އައީ ޢުމުރުން އަށް އަހަރަށް އޮއްވާ ކިޔެވުމުގެ ބޭނުމުގައެވެ. މިހާރު އޭގެފަހުން ވިހި އަހަރު ވެއްޖެއެވެ. މިހާރު ސަރުކާރުގެ ވަޒީފާއެެއް އަދާކުރާތާވެސް އަށެއްކަ އަހަރުވެއްޖެއެވެ. އެމުއްދަތުގެ ތެރޭގައި އަހަރެންނަށް އާދެވިފައިވަނީ ސީނިއަރ ސެކެޓްރީއެއްގެ މަގާމާ ހަމައަށެވެ. ޕްރޮމޯޝަން ލިބުމުގައި އަހަރެންގެ ނަސީބު އެހާރަނގަޅެއް ނޫނެވެ. އަހަރެންގެ ތަޢުލީމީ ފެންވަރުވެސް އެހާ މޮޅެއް ނޫނެވެ. ޖީ.ސީ.ސީ އޯލެވެލް އާ ހަމައަށް ދެވުނު ނަމަވެސް އެއަށްވުރެ މަތީ ތަޢުލީމަކަށް ދެވުމުގެ ނަސީބުން އަހަރެންވަނީ މަޙްރޫމް ވެފައެވެ.

 ރާއްޖެތެރެއިން އައިސްއުޅޭ މީހަކު، އަދި އެއީވެސް އޮފީހެއްގެ ސީނިއަރ ސެކްޓްރީއެއްގެ ފެންވަރުގައި އުޅޭ މީހަކު، މާލޭގެ ރަނގަޅު ޢާއިލާއެއްގައި އިން، އިސްކޫލެއްގެ ސުޕަރވައިޒަރެއްގެ މަޤާމު އަދާކުރާ ކުއްޖަކާ ޒަވާޖީ ގޮތުން ގުޅުމަކީ ކުރީންވެސް ބުނިފަދައިން ޤުދްރަތުގެ އާދަޔާ ޚިލާފު “ޢިނާޔަތަކަށް” ނޫނީ ނުވާނެއެވެ.

އަދި އަހަރެންގެ އަންހެނުން- މިހާތަނަށް އައި އިރުވެސް އޭނާގެ ނަމެއް ނުބުނެވޭ ދޯއެވެ. އޭނާގެ ނަމަކީ ޝިމްލާއެވެ. – ޝިމްލާ އަކީ ވަރަށް ރީތިކުއްޖެކެވެ. ރީއްޗޭ މިބުނީ ހަމައެކަނި ބުރުސޫރަ ރީތިވާހަކައެއްވެސް ނޫނެވެ. އަޚްލާޤުވެސް ރީތިވާހަކައެވެ. މަދްރަސީ ދައުރުގައިވެސް އަދި ފަހުން މަތީ ތަޢުލީމު ޙާޞިލު ކުރަމުން ގެންދިޔަ ދުވަސް ވަރުގައިވެސް ވަރަށް “އަބުއި” ކޮށް އޭނާގެ އުޅުން ގެންގުޅެމުން ދިޔަ ކުއްޖެކެވެ. “އަބުއި” ކޮށޭ ބުނުމުގެ ބޭނުމަކީ އޭނާއަކީ އެހެން ކުދީންނާ ނުގުޅޭ، ސަމާސާ ކުރުމާއި މަޖާނެގުމުގައި ބައިވެރިނުވާ ކުއްޖެކޭ ބުނުމެއް ނޫނެވެ. އޭނާ އާ މާބޮޑަށް ގައިގޯޅިވެ އުޅުމުގެ ފުރުޞަތު އެހެން ކުދިންނަށްނުދީ އުޅޭ ކުއްޖެކޭ ބުނުމެވެ. އެހެން ކުދީންގެ ނޭދެވޭ ސަމާސާތަކަށް ދަޢުވަތު ނުދޭ ކުއްޖެކޭ ބުނުމެވެ.

 އޭނާގެ ރީތި ސޫރައާއި ރީތި އަޚްލާޤުގެ ސަބަބުން ޝިމްލާ ވަނީ އޭނާއާއެކުގައި ކިޔަވަން އުޅުނު އަނެއް ޖިންސުގެ އެތައް ކުދީންނެއްގެ ހަންހާރަ ވެތި އުންމީދު ކަމުގައި ވެފައެވެ. ހަމަ އެހެންމެ އޭނާއާ އެއްޖިންސުގެ އެތައް ކުދީންނެއްގެ ހިތުގައި ވާދަވެރިކަން އުފެދެންޖެހޭ ސަބަބަކަށްވެސް ވެފައެވެ. ޝިމްލާއަށް އެކަން އިޙްސާސް ކުރެވެމުން ދިޔަނަމަވެސް އޭނާ އެކަންތައްތައް ޙައްލު ކުރަމުން ދިޔައީ ކެތްތެރިކަމާއި ހުނަރުވެރި ކަމާ އެކުގައެވެ. ނުވެސް އެނގޭ ކަމެއްގެ ގޮތުގައި ހަދަމުން އަބަދުވެސް އޭނާގެ ފަރާތުން ލޯތްބާއި އޯގާވެރިކަން، އެކުވެރި ކަމާއި ގާތްކަން އެހެން ކުދީންނަށް ލިއްބައި ދެމުންނެވެ.

ޝިމްލާ އާއި އަހަރެންގެ ކައިވެނި ވެގެންދިޔައީ އަހަރެންގެ ޙަޔާތުގެ އަނދިރި ރޭތަކަށް ސާދަވިލޭރޭގެ ހަނދެއް އަރައިގެން އައުންފަދަ ކަމެއް ކަމުގައެވެ. ޙަޤީޤަތުގައިވެސް ޝިމްލާއަކީ ހަނދެކެވެ. ހަމައެކަނި ރީތި ކަމަކުން ނޫނެވެ. އޭނާގެ މިޒާޖުގައިވެސް ވަނީ ހަނދެއްގެ މިޒާޖެވެ. ހަނދުގެ އަލިކަމަކީ އިރުން ހޯދައިފައިވާ އަލިކަމެކެވެ. އިރުނުވާނަމަ އެހަނދުގައި އަލިކަމެއް ނުހުރީހެވެ. އަހަރެންނާ އިނީއްސުރެ ޝިމްލާ އަލިކަން ހޯދަނީ އަހަރެންގެ ފަރާތުންނެވެ. އަހަރެންނަށްވުރެ ހުރިހާ ގޮތަކުން އޭނާގެ ދަރަޖަ މަތިވެރި ކަމުގައި ވީނަމަވެސް އެކަންއޮތީ އެހެންނެވެ. ޝިމްލާގެ ހެޔޮކަމާއި މާތްކަމުން އަހަރެންގެ “އުނިކަން” އަހަރެންނަށް އެއްގޮތަކަށްވެސް އިޙްސާސް ވިޔަކަނުދެއެވެ. އޭނާގެ ހުރިހާވެސް އުފަލަކީ އަހަރެންގެ ހިތްހަމަޖައްސައި ދިނުމެވެ. އަހަރެން އެންމެ އެދޭ ގޮތަކަށް، އަހަރެން އެންމެ އުފާވާނޭ ގޮތަކަށް ކަންތައް ކޮށްދިނުމެވެ. އެއީވެސް ހަމަ ހަނދުގެ ސިފައެއް ނޫން ހެއްެޔެވެ. އަބަދުވެސް ދުނިޔެއަށް ހަނދުވަރުގެ ނޫރުން ޒީނަތްތެރިކަން ގެނެސްދޭން މަސައްކަތް ކުރުމެވެ. ދުނިޔޭގައި އުޅޭހާ ތަކެއްޗަށް ހަނދުވަރުގެ ޖާޛްބީ އަލީން އުފަލާއި ހިތްހަމަޖެހުން ގެނެސްދިނުމެވެ. – އާނއެކެވެ. ޝިމްލާއަކީ ހަމަ ހަނދެކެވެ.

އަހަރެންނާއި ޝިމްލާގެ ކައިވެނި ވީއްސުރެ ކޮންމެ ރެއަކު އަހަރެމެން ނިދަން އޮށޯންނަނީ އެކީގައެވެ. އަދި އަހަރެމެންނަށް ނިދެނީވެސް ދާދި އެކުއެކީގައެވެ. ނިމިގެން ދިޔަ ދުވަހު ދެމީހުންގެ މަސައްކަތުގައި ދިމާވެފައިވާ ކަންތައްތަކާމެދު ވާހަކަ ދައްކައިލުމަށް ފަހުގައެވެ. އެކަކަށްވެސް ހިތް ހަމަ ނުޖެހޭ ކަހަލަ ކަމެއް ދިމާވެފައި އޮތްނަމަ އެ ކަމަކާ ބެހޭ ގޮތުން ހިތް ހަމަޖައްސައިދީ ހިތްވަރުދީ ހަދަައިފައެވެ. އަދި އުފާވެރި ކަމެއް ކުރިމަތިވީ ނަމަވެސް އަނެކަކުވެސް އެކަމުގައި ބައިވެރިކޮށް އުފާކޮށް ދީފައެވެ. އަދި އޭގެ އިތުރަށް އެކެއްގެ ހިތުގައި އަނެކަކާ މެދު އުފެދިފައިވާ އަދި ހެދިބޮޑުވަމުން ދާ ލޯތްބާއި، ކުލުނުގެ … ވާހަކަ ތަކުން “މާފޮޅުވައިފައެވެ.” ފާގަތި މުސްތަޤްބަލެއްގެ އުންމީދުތަކުގެ ތަސްވީރުތައް ހިތުގައި ކުރަހައިލައިފައި ވެސް މެއެވެ.

ކޮންމެއަކަސް ނިދުމަކީ އެރޭ އަހަންނަށް މާ ފަސޭހަ ކަމަކަށް ނުވިއެވެ. އަހަރެން ކައިރީގައި އޮތް ޝިމްލާއަށް ނިދުނުތާ މިހާރު ކުޑަ އިރުކޮޅެވެސް ވެއްޖެއެވެ. އޭނާއަކީ ކުށެއްނެތް ސާފު ހިތެއްގެ ވެރިއެއްކަން އެންމެ ބޮޑަށް ހާމަ ވެގެންދަނީ އޭނާ ނިދައިފައި އޮންނަ އިރުއެވެ. އޭނާގެ މޫނުމަތިން ފެންނަ އުފާވެރިކަމުންނެވެ. ސާދާކަމުންނެވެ.

 ބޯ ދޮށަށް އަތް ލައްވައިގެން ކޮޓަރީގެ ފަންގިފިލައާ ދިމާއަށް ބަލަން އަހަރެން އެނދުގައި އޮތް އިރު އަހަރެންގެ ހިތުގައި ހިނގަމުން ދިޔައީ މީގެ ދެތިން އަހަރު ކުރީގެ ހަނދާނެކެވެ. އެއީ އެ ހަނދާނަކާ ވަކިވާން އަހަރެން އަބަދުވެސް މަސައްކަތް ކުރާ ހަނދާނެކެވެ. އަހަރެންގެ ޙަޔާތުގެ ބައިވެރިއަކަށް ޝިމްލާ ވުމުން އެ ހަނދާނަކާ ވަކި ވެވިއްޖެ ކަމަށް އަހަރެން ޔަގީން ކުރަމުން އަންނަ ހަނދާނެއް ވެސް މެއެވެ. ނަމަވެސް … ނަމަވެސް އެ ދުވަހު ދިމާވި ހާދިސާ އަކުން އަނެއްކާވެސް އެ ހަނދާން އާ ވާ ގޮތް ދިމާވީ އެވެ. ހީވަނީ އަހަރެންގެ  ހިތުގެ ކޮންމެވެސް ހިސާބެއްގައި ފަސޭހަ ނުވެ ހުރި ފާރުކޮޅެއް އަދިވެސް ހުރީ ހެންނެވެ. ނަޒަރުގެ “އިއްތިފާޤަކުން” އަނެއްކާވެސް އެފާރުކޮޅުގައި ރިހުން އަޅާ ގޮތް ވީހެންނެވެ. އަހަރެންގެ ހިތަށް އަރަމުން ދިޔައީ އެ ދުވަހު ދިމާވި ހާދިސާގެ މަންޒަރު ތަކެވެ.

އެ ދުވަހު އަހަރެން އުޅުނީ ބޯހިމެނުމުގެ މަސައްކަތުގައެވެ. ގޭގެއަށް ވަންނަމުން އެގޭގޭގައި އުޅޭ މީހުންނާ ބެހޭ މަޢުލޫމާތު އެއްކުރަމުންނެވެ. އަހަރެންނަށް ވަދެވުނު ބައެއް ގޭގޭއަކީ ގެއެކޭ ކިއުމަށް ވުރެ ބޮޑަށް ގަނޑުވަރެކޭ ކިއުން އެކަށީގެންވާ ފަދަ ތަންތަނަށް ވާއިރު އަނެއް ބައި ގޭގެއަކީ ކޮޓަރިއެކޭ ކިއުން އެކަށީގެންވާ ފަދަ ތަންތަނެވެ. ގޯތީގެ ގޮތުގައި ކުޑަވެސް ތަންކޮޅެއް ނެތި ހަމައެކަނި ހިޔާ ކޮށްފައި އޮންނަ ތަންތަންކޮޅެވެ.

 އެ ދުވަހު އަހަރެންނަށް ވަދެވުނު ފަހުން މި ސިފަ ކޮށްދެވުނު ފަދަ ގެއަކުން އަހަރެންނާ ދިމާވި އެކަކީ އެރޭ އަހަރެންނަށް ނުނިދިގެން އުޅެން ޖެހުނު ސަބަބެވެ. އަހަރެންގެ އެ ހަނދާން އާވާން މެދުވެރިވީ ސަބަބެވެ. މީގެ ދެތިން އަހަރު ކުރިއަށް އަހަރެންގެ ޚިޔާލުތައް ގެންދަން މަޖުބޫރު ކުރި ސަބަބު މެއެވެ.

އެ ދުވަހު އެފެނުނީ ހަމަ އޭނާ އެވެ. ނަމަވެސް ކުރިން އަހަރެން ދެކޭ އޭނާއެއް ނޫނެވެ. މުޅިން އެހެން އޭނާ އެކެވެ. ނަމަވެސް އެއީ ހަމަ އޭނާއެވެ. އެ ދުވަހު އޭނާ ފެނުމާއެކު އަހަރެންނަށް ވީ ގޮތެއް ޚުދު އަހަރެންނަށްވެސް ނޭނގުނެވެ. އެއީ އުފާވެރި އިޙްސާސެކެވެ. ނަމަވެސް ފޮނި ހިތާމައެއްގެ އަސަރާ އެކު ވެފައިވާ އިޙްސާސެކެވެ.

އޭނާއަކީ މަދީޙާ އެވެ. އަހަރެންގެ ފުރަތަމަ ލޯބިވެރިޔާ އެވެ. އެ ދުވަހު އޭނާ ފެނުމާއެކު އަހަރެންގެ ހިތަށް އެރީ އެންމެ ފުރަތަމަ އަހަރެންނަށް ފެނުނު ދުވަހު އޭނާ ހުރި ގޮތެވެ. އަދި މިހާރު އޭނާ އަށް އައިސްފައިވާ ބަދަލެވެ. މަދީޙާ ކައިރީގައި ހުރި ކުޑަކުޑަ ކުއްޖެއްގެ މޫނުން ފެންނަމުން ދަނީ އެންމެ ކުރީން އަހަރެން މަދީޙާ ދުށް ދުވަހު އޭނާގެ މޫނުން ފެނުނު ތުއްތުކަމެވެ. އެއީ މަދީޙާގެ ދަރިފުޅެއްކަން އަހަރެންނަށް ޔަޤީން ކުރެވުނެވެ. މަދީޙާ ހުރީ އެއްޗެހި ދޮންނާށެވެ. ދޮންނަ މެޝިނެއްގެ ކައިރީގަ އެވެ. ގޭގެ ފެންޑާ އަަކަށްވެސް އަދި ކާކޮޓަރި އަކަށްވެސް އޮތް ތަނުގައެވެ. އެ ތާނގެ އެއް ކޮޅުގައި  ގޭސް އުނދުނެއް ވެސް ހުއްޓެވެ. ބަދިގެ އަކަށްވެސް ބޭނުން ކުރަނީ ހަމަ އެތަން ކަން ނޭނގެއެވެ.

މަދީޙާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލާ މެދު ވިސްނާ ނުލެވި އަހަރެންނަށް ޚިޔާލުކޮށް ލެވުނީ އޭނާ ދިރިއުޅެމުންދާ މާޙައުލާ ދޭތެރޭގައެވެ. ކުރިން އޭނާ އުޅުނީ ކޮން ކަހަލަ ގެއެއްގައި ހެއްޔެވެ. މިހާރު މި ފެންނަނީ ކޮން ކަހަލަ ތަނަކުން ހެއްޔެވެ.

 މަދީޙާ ފެނުމުން އަހަރެން ކުރަން އައި މަސައްކަތްވެސް ހަނދާން ނެތިފައި އެތައް އިރަކު އަހަރެންނަށް ހުރެވުނެވެ. ނަމަވެސް އަހަރެންނާއެކު އެ މަސައްކަތުގައި އައިސް ހުރި އަނެއް ކުއްޖާ އަހަރެން މާ ގިނަ އިރު އެހެން ހުއްޓަކައެއް ނުދިނެވެ.

 “މި ގެއާ ބެހޭ ގޮތުން ބޯހިމަނާ މީހުންނަށް މަޢުލޫމާތު ދެއްވާނީ ކޮންބޭފުޅެއްތޯ؟” އަހަރެންނަށް ބުނެވުނީ ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށެވެ.

“އަޅުގަނޑު.” މަދީޙާ ހުރީ ހަމަ ސީދާ އަހަރެންގެ ލޮލާ ދިމާއަށް ބަލާށެވެ.

“މި ގޭގައި އުޅެނީ ކިތައް މީހުންތޯ؟”

 “އުމުރަކީ…؟”

 “އަޅުގަނޑުގެ ޢުމުރަކީ 26 އަހަރު. އަޅުގަނޑުގެ ފިރިމީހާ އަށް 28 އަހަރު. އެއް ކުއްޖަކަށް 2 އަހަރު. އަނެއް ކުއްޖާއަށް އަދި މިވީ 4 މަސް.”

މަދީހާގެ އަޑުގައި ކޮންމެވެސް ވަރެއްގެ ތުރުތުރުއެޅުމެއް އެކުލެވިގެން ދާކަން އަހަރެންނަށް ފާހަގަކުރެވުނެވެ. މިހާރު އޭނާ ހުރީ އަހަރެންނަށް ފުރަގަސްދޭ ކަހަލަ ގޮތަކަށްވެސް މެއެވެ. އޭނާ ކައިރީގައި ހުރި ކުޑަދަރިފުޅުގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ.

 ސުވާލުތައް ކުރަން އަހަރެންނަށްވެސް އުނދަގޫވާ ގޮތް ވެއްޖެއެވެ. ނަމަވެސް ސުވާލުނުކޮށް ވާކަށްވެސް ނޯވެއެވެ.

    “ފިރިކަލުންގެ ވަޒީފާއަކީ؟”

    “އަމިއްލަ މަސައްކަތް ކުރަނީ”

    “އާމްދަނީ…؟”

    މަދީޙާ ގެ ޖަވާބެއް ނައެވެ.

    “އާމްދަނީ އަކީ ކިހާވަރެއްތޯ؟ މަހަކު 1000 އަށްވުރެ ދަށްތޯ 1000 އާ 5000 އާ ދެމެދު ނުވަތަ 5000 އާ…”

    “އެއް ހާހަށްވުރެ ދަށް” އަހަރެންގެ ސުވާލު ކުރިއަށް ގެންދިއަނުދީ ޖަވާބުދިނެވެ. އޭނާގެ އަޑުގައި ވަނީ ނުކުޅެދުމުގެ އަސަރުތަކެވެ.

    “ކަލާ ވަޒީފާއެއް އަދާކުރައްވަންތޯ؟”

    “ނޫން…!”

    “އާމްދަނީއެއް…”

    “ނެތް…”

 އަހަރެންނަށް އިތުރު ސުވާލެއް ކުރަންދަތި ވެއްޖެއެވެ. މަދީޙާ ގެ ހަށިގަނޑަށް އެހާބޮޑު ބަދަލުތަކެއް އަންނަން ދިމާވެފައިވާ ސަބަބު އަހަރެންނަށް އެނގިއްޖެއެވެ.

މަދީޙާ އަހަރެންނާ ދިމާއަށް އެނބުރިލިއެވެ. އޭނާގެ ލޮލުން ފެންނަނީ ނީރެމުންދާ ކަރުނައިގެ އަސަރެވެ. ނަމަވެސް އޭނާގެ ތެތްކަން ކެނޑި ފައިވާ ދެތުން ފަތުން ދެއްކޭތޯ މަސައްކަތް ކުރަނީ ހިނިތުންވުމެވެ. އަހަރެންނަށް ހުރެވުނީ މަދީޙާއާ ދިމާއަށް ބަލާށެވެ. އެއްވެސް އެއްޗެއް ނުބުނެވިފައެވެ.

 “އަޅުގަނޑު ޖެހިގެން ހުރިގެއަށް ވަދެލާނަން. ނަޞީރު ދުރުވާއިރަށް އެގޭ މީހުން ތައްޔާރުކޮށްލާނަން އިނގޭތޯ!” އަހަރެން ސިއްސައިގެން ދިޔައީ އަހަރެންނާއެކު ބޯހިމެނުމުގެ މަސައްކަތުގައި ހުރި އަނެއްކުއްޖާ މިހެން ބުނި އަޑަށެވެ. އޭރު އޭނާ އެގޭ ދޮރާށިން ނުކުންނަނީއެވެ.

މިހާރު މިތިބީ އަހަރެންނާ މަދީޙާއާ އެކަންޏެވެ. އޭނާގެ ކުޑަދަރިފުޅާ އެކުގައެވެ. މަދީޙާ އަހަރެންނާ ދިމާއަށް ބަލަން ހުއްޓެވެ. އޭނާ އެއްޗެއް ބުނަން ބޭނުންވެފައިވާ ހެންހީވެއެވެ. އެއީ ހަމައެކަނި އަހަރެންނަށް ހީވި ހީވުމަކަށްވެސް ވެދާނެއެވެ. އެކަމަކު އަހަރެން ކޮންމެވެސް އެއްޗެއް ބުނަން ބޭނުންވާކަން އޭރު އަހަރެންނަށް އިޙްސާސް ވަމުން ދެއެވެ. ހިތަށް އަރަނީ އެތައް ވާހަކަ އެކެވެ. އެތައް ދުވަހެއްގެ ވާހަކަ ތަކެވެ. އެހެންކަމުން ބުނަން އެންމެ ބޭނުމީ ކޮން ވާހަކައެއް ކަން އަހަރެންނަކަށް ވެސް ނޭނގެއެވެ.

“ނަޞީރު… ކިހިނެއްތޯ؟” މިފަހަރުވެސް އިސްނެގީ މަދީޙާއެވެ. އެންމެފުރަތަމަ ލޯބި ހުށަހެޅުމުގައިވެސް އިސް ނެގި ފަދައިންނެވެ. އަބަދުވެސް ނުކެރިފައި ހުންނަ މީހަކަށް އަހަރެން ހަދައިފައެވެ.

“ރަނގަޅު. މަދީ ކިހިނެއްތޯ؟”

“މަދީ. ހަމަ އަބަދުވެސް މަދީ!” އޭނާ ހީނލިއެވެ. އޭނާއަށް އަހަރެން ލޯބިން ގޮވާލާ އުޅޭނަމަކީ މަދީ އެވެ. އެހެންވެ އޭނާ އަބަދުވެސް އެގޮތަށް ސަމާސާ ކޮށް ހަދައެވެ. އެކަމަކު މި ފަހަރު އޭނާ އޭނާގެ ނަން އެ ބޭނުން ކުރީ އޭނާގެ ޙަޔާތަށް މިއަދު ދިމާވެފައިވާ ގޮތް ބަޔާން ކޮށްދޭށެވެ.

“ކޮން އެއްޗެއްތޯ މަދީ؟” އަހަރެންވެސް ހީނލީމެވެ.

“ހުރިހާ އެއްޗެއްވެސް…” އޭނާ އަނެއްކާވެސް އަހަރެންނަށް ފުރަގަސްދިނެވެ.

“ނަޞީރު ނެތީމާ ހުރިހާ އެއްޗެއްވެސް ހަމަ މަދީ…” އޭނާގެ އަޑު ބެދޭގޮތް ވިއެވެ.

“ނަޞީރު އުފަލުން ހުންނަވަނިކޮށް ފެނިފައި މަދީ ވަަރަށް އުފާވި. އަޅުގަނޑު އަބަދު ދުޢާ ކުރަނީވެސް ނަޞީރު އުފަލުން އުޅުއްވުން އެދި…” އޭނާ މޫނު އަނބުރައިލައިފައި އަޅުގަނޑާ ދިމާއަށް ބަލައިލީމެވެ.

އަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.

“މަދީ… މަދީވެސް އުފަލުން އުޅުއްވޭތޯ ބައްލަވާ…. އަޅުގަނޑުވެސް އެދެނީ މަދީ އަބަދުވެސް އުފަލުގައި އުޅުއްވުމަށް.” އަހަރެން ބޭރު ދޮރާށްޓާ ދިމާއަށް އެނބުރިލީމެވެ. “ދެން އަޅުގަނޑު ދަނީ އިނގޭތޯ!”

އިތުރަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ދޮރޯށިން ނުކުންނަމުން އެނބުރި ބަލާލި އިރު މަދީޙާ ހުރީ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ލޮލުން ކަރުނަތައް އޮހެނީއެވެ.

(ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment