މިވާހަކައަކީ ކުރިން ޝާޢިއު ކުރެވިފައިވާ ވާހަކައެކެވެ. މިސައިޓުގައި ވާހަކަ ޖަހައިފައި އެވަނީ ބައެއް ބަދަލާއެކުގައެވެ. _____________________ “ކޮބާ! މަބުނީމެއް ނު ޖެހިގެން އުޅެނީ ޖިންނިއެއްގެ ކަމެކޭ. ޑަކުޓަރުން އެއޮތް ހެދިހާ ޓެސްޓުތައް ދިޔައީ ހަމަ ސޮކަށް. އެއްވެސް ގޯހެއް އުޅޭކަމަކަށް ނުދެއްކި!” އަބީދު ފޯނުން ވަރަށް ހީނހީފައި ކިޔައިދިނެވެ. އަހަރެން އަހައިލީމެވެ. “އަބީދު ތިޔަ އޮތީ ހަސްފަތާލުގައި ތަ؟” “ނޫން. މި ވަގުތު މިހުރީ ހޮޓަލުގައި. ބޮޑު ފެންޑާގެ ބޭރަށް ބަގީޗާ އަށް ހުންނަ ހާމަ ފެންޑާގައި…

މިވާހަކައަކީ ކުރިން ޝާޢިއު ކުރެވިފައިވާ ވާހަކައެކެވެ. މިސައިޓުގައި ވާހަކަ ޖަހައިފައި އެވަނީ ބައެއް ބަދަލާއެކުގައެވެ.

_____________________

“ކޮބާ! މަބުނީމެއް ނު ޖެހިގެން އުޅެނީ ޖިންނިއެއްގެ ކަމެކޭ. ޑަކުޓަރުން އެއޮތް ހެދިހާ ޓެސްޓުތައް ދިޔައީ ހަމަ ސޮކަށް. އެއްވެސް ގޯހެއް އުޅޭކަމަކަށް ނުދެއްކި!” އަބީދު ފޯނުން ވަރަށް ހީނހީފައި ކިޔައިދިނެވެ.

އަހަރެން އަހައިލީމެވެ.

“އަބީދު ތިޔަ އޮތީ ހަސްފަތާލުގައި ތަ؟”

“ނޫން. މި ވަގުތު މިހުރީ ހޮޓަލުގައި. ބޮޑު ފެންޑާގެ ބޭރަށް ބަގީޗާ އަށް ހުންނަ ހާމަ ފެންޑާގައި އިންނާނީ. އައިސް ބަލަ ކަލޭ ވެސް ތިރިއަށް”

“ފާޚާނާ އަށް ވަދެލައި ހަދައިގެން އެބަ ފައިބަން!”

އަހަރެން ފޯނު ބޭއްވީމެވެ.

ދުވާލުގެ ގަދަ އަލިކަން ފަރުދާގެ ދެފޮތިގަނޑު ކުޑަކޮށް ކެހިފައިވާ ބިއްލޫރި ބިތުން ކޮޓަރިތެރެއަށް ފޫދިފައި ހުއްޓެވެ. ލޯ އުނގުޅައިލައިފައި ގަޑިބަލައިލިއިރު ނުވައެއް ޖަހައި ދާން އުޅެނީއެވެ. މިހައި ލަސްވަންދެން ނިދަން އޮތުމީ މަގޭ ކަށީގައި ހިފައިފައިހުރި ފަތިހު ހޭލުމުގެ އާދަކާދަޔާ އަރައިރުންވާ ކަމެކެވެ. އެއްރޭގެ ނިދި ޚަރާބުވީތީ ދެރެޔަށް ވާވަރަށް  މާގަދަޔަކަށް ނިދުނީ ތާއެވެ. ހަނދާނަށް އައީ ކުރީ ރޭ ފުރަ ދަންވަރު ޖަހަން ޖެހުނު ސަކަރާތްގަނޑެވެ.

މިއަދެކޭ އެއްގޮތަށް ރޭ ވެސް ހޭލެވުނީ ކޮޓަރީގެ ފޯނު ހޭރޭ އަޑަށެވެ. ފޯނު ނެގުމުން އެކޮޅުން ވާހަކަދެއްކީ އަންހެންކުއްޖެކެވެ. ދެކުނުގެ ރާގުގަނޑުން އެއީ އަބީދުމެންނާ އެކުގައި އެ އުޅޭ އޭނާގެ ފަހަރި ކަން ވިސްނުނެވެ. ބިރާއި ކަންބޮޑުވުން އެކުވެފައި ހުރި އަޑަކުން އޭނާ އަމުނައިގަތީ “ޅިޔަންބެ ބުނެގެންނޭ ނިކަން އަވަހަށް މިކޮޓަރި އަށް އައިސްދީބަލާށޭ” އެވެ. އިތުރު އެއްޗެއް ނުބުނެ ފޯނު ބާއްވައިފިއެވެ.

އެއާކޯނުގެ ފިނިކަމުން ދަފަރާވުމަށް ގައިގައި އަޅައިގެން އޮތް ބޯ ފޮތިގަނޑު ދަމައިގެންފައި ފުންމައިގެން ތެދުވީމެވެ.

އަވަސް އަވަހަށް ހެދުން ބަދަލުކޮށްލައި އަތުން ބޯ އޮމާންކުރަމުން ކޮޓަރިން ނިކުމެގެން ދިގު ސަރައްކާލީގެ އެއްކޮޅުން އަނެއް ކޮޅަށް ދާން ހިނގައިގަތީމެވެ. ކުރިޔަށް އަޅާ ކޮންމެ ފިޔަވަޅަކާ އެކު، ބަންދުކަން ބޮޑު ދެފާރު ދެމެދުން، ތަށިމުށި މަތީ ބޫޓު ޓައް ކަނޑާ އަޑު ފަހަތަށް ފަށްފަށް ވަމުން ދިޔައެވެ. އެހެން ރޭރޭ ފަދައިން ‘ނިދިނައިސްގެން އުޅޭ’ އަޑުގަދަ ބޯޓުދަތުރުކުރާ މީހުންނެއް، އައިސް ގޮސްވާ ދަތުރު ފަތުރުވެރީންނެއް މިރޭ މިދަމަކު ނުފެނެއެވެ. މިމޫސުމުގައި ސައުވީސް ގަޑިއިރުހެން ހަރަކާތުން ހުސްނުވާ މި ހޮޓާތެރޭ މިރޭ ހައްދަވައިގެން ދިރޭ ފުރާނައެއް ނޫޅެނީ ހެއްޔެވެ؟ ކޮޓަރިއެއްގެ ތެރެއިން ޓީވީއެއް އެއްޗެއްގެ އަޑު ވެސް ނީވެއެވެ. ދުރުން މަގުމަތިން ބަޅެއް ހޭރިގަތް އަޑެއް އިވުނެވެ. އަހަރެންގެ ހިތް ބިރުގަތުން ހައްތާ ވީ އިތުރެވެ.

317 ނަންބަރު ކޮޓަރީގައި ޓަކިޖަހައިލުމާއެކު ދޮރު ހުޅުވައިލީ ނިދާ ހެދުމުގައި ހުރި ފަހަރިއެވެ. ކުރިން ރަތް ބުރުގާއިން ބަނދެވިފައި ހުންނަ ހުޅިޔާއި އިސްތަށިގަނޑު މިހާރު އޮތީ ހުރަހެއް ހައްޔަރެއް ނެތި ކޮނޑު މައްޗަށް ރޫޅިފައެވެ. ރަން ފައުނު ކުލަވަރު ހުންނަ މިކުއްޖާ ފެނުމުން މިތާނގެ ކުދީން އެއީ ހަމަ ދިވެހިކުއްޖެއް ތޯ އަހައިލައެވެ.

ކޮޓަރި ތެރެޔަށް ބޯދީ ބަލައިލިއިރު އަބީދު އޮތީ އެކަހެރި އެނދުމަތީ ދަށް ބަނޑުގައި އަތް އަޅައިގެން މޫނު ވަތަށެވެ. ނެގިނެގިފައި ޖެހޭ އިރަކު ހީވަނީ ހަޅަދިޔައިގެ އުދަބާނި ވައްދާ ފަޅެއްގެ މައްޗަށް ބަންޑުން ޖަހައިލައިފައި އޮތް އޮރުވާއެއް ހެންނެވެ. އެއް އަޑަކަށް ހުރީ އައްދެއްޔޯތް އައްދެއްޔޯތް އަހަންނޯތް ގޮވައި ކުކުރާ އަޑެވެ.

އޭނާގެ ދަރިއެއްހައި ހަގު ޒުވާން އަނބިމީހާ އޮތީ ޖެހިގެން ހުރި ޑަބަލް އެނދުގައި މާނިދީގައެވެ. ދެކޭ ހުވަފެނެއްގެ ބާވަތުން ނޫން ނަމަ ދިއްލާފައި ހުރި އަލިތަކުގެ އުކުޅަކުން ކަމަށް ވެސް ވެދާނެއެވެ. އޮމާން ކޯތާފަތަށް އިހުނަށް ވުރެވެސް ރީތި ފިނިފެން ޖަންބުކުލަވަރެއް އައިސްފައި ހުއްޓެވެ. ބަނޑުފުށް މައްޗަށް އެނދުމަތީ ހާވައިލެވިފައި އޮތް އަތުގައި ރަން އުޅާބައެއް، އިނގިލީގައި އެސްޖެހި ރަން އަނގޮޓިއެއް، ކަރުގައި ރަންމުތުގެ އަބާރަނައެއް ވިދަވިދައި އޮތެވެ. މިއީ ފިސާރި ނިދި ގަދަ އަންހެނެއްކަން އަބީދުގެ ވާހަކައިން ކުރީން ވެސް އޮތީ އެނގިފައެވެ. ނިދީގައި ވަނިކޮށް ކަންފަތް ދޮށުން ހޮނުގުގުރިއެއް ޖެއްސަސް ނުހޭލެވޭނެއެވެ. މިހާރު ނިދައިލައިފައި އެއޮތް ޅަ މައުސޫމް ގޮތުން މި ޒުވާން އަންހެންކުއްޖާގެ ކައިވެންޏާ މެދު މިހައި ތަނަށް އަހަންނަށް ވިސްނިފައި ނެތް ކަމެއް ކުއްލިއަކަށް ހިތަށް ހާސާވެގެން ހިނގައްޖެއެވެ. ބަފާ ނުދެކި ބޮޑުވެފައި ހުރި މިކުއްޖާ އަށް ފިރުމަފިރުމައިފައި އުޅޭ ފިރިމީހާ ވެފައި ވަނީ ހަމަ އެކަނި ފިރިޔަކަށް ނޫނެވެ. ބަފަޔަކަށް ވެސް މެއެވެ.

އަބީދަކީ މާލެއިން އަހަރެން ދެކޭ ފަންޑިތަވެރިޔަކަށް ވިޔަސް މީހާ ރަނގަޅަށް އެނގިދެނިވެ ދެމެދުގައި ރައްޓެހިކަން ހިނގާގޮތް ވީ މިފަހަރު ކޮޅުނބުގައި މިހޮޓަލުގައި ތިބެން ދިމާވުމާ ވިދިގެންނެވެ. އޭނާގެ ފޮނިފޮނި ދުލާއި ރަހުމަތްތެރި މިޒާޖުގެ ސަބަބުން ނޫނީ ފަންޑިތައިގެ ބާރުން ނޫންކަމެއް ވެސް ނޭނގެއެވެ. ރާއްޖެ ކީއްކުރަން ހެއްޔެވެ. ރާއްޖެއިން ބޭރުގައި ވިޔަސް އެތަންތާނގެ ވަލު ޖަނަވާރު ވެސް އޭނަޔާ އޮޅުވެދާނެ ތޯއްޗެކެވެ. މިތަނަށް އައިފަހުން މިތާނގައި ދިރިއުޅޭ ދިވެހީންނަށް ވުރެ ވެސް ބޮޑަށް މިތާނގެ އަހުލުވެރީން އޭނަޔާ އޮޅެވެ. ޚާއްސަކޮށް މިތާނގެ ޖަވާހިރުގެ ވިޔަފާރިވެރީންނެވެ. މިތާނގެ ޖަނަވާރުންނާ މެދު އަދި އެއްޗެއް ބުނާކަށް ނޭނގެއެވެ. މިފަހަރު ލަންކާ އަށް އައިސް މިހޮޓަލަށް ފައިބައި އެހުރީ ވެސް ވިޔަފާރިވެރިއެއްގެ ކަމެއްގައެވެ.

އަހަރެން އައިތަން ފެނުމުން އަބީދު ވަރަށް ހިތްވަރުކޮށް އަރިނަގައިފައި ތެދުވެއްޖެއެވެ. ވޭނީ ކުކުރުމުގެ ތެރޭގައި ބުރިބުރިވެފައިވާ ބަސްކޮޅަކުން ބުނެލައިފިއެވެ. “ކިއެވެލީގެ ތެރޭގައި… ތަންކޮޅެއް ދޫވީ. މައިތިރި މަށަށް ނުއޮބެހެއްޓުނީ…. ވަތަކުތޯ ޖެހުނު ޖިންނި މަ ހޫރާލައި ހަށިފޮޅައިލައިފައި ތެދުވެ މަގޭ ދަށްބަނޑަށް ދޮންދަގަނޑު ގޯޅައިލީ. ހަލީމް ދެލޯފުޅާ. މަށެއްވާ ނެތް. މިހާރު ވެސް ހީވަނީ ދޮންދަގަނޑު ގޯޅާ ހެން. މަ އަވަދިނުވަނީސް އަވަހަށް މަ ގޮވައިގެން ހަސްފަތާލަށް ހިނގާ. އައްދޯތް. އަހަންނޯތް!”

އަހަރެން ބުނީމެވެ. “އަވަހަށް ތައްޔާރުވާށެވެ!”.

ކޮޓަރިތެރެއަށް ކަޅި ހިންގައިލި ހިނދު އެނދު ހުރި ފަރާތްނޫން އަނެއް ފަރާތުގައި ހުރި މޭޒުމަތީ ރަތުލޮއި ތައްޓެއްގައި ހަތްފުކު ދިއްލައިފައި ހުއްޓެވެ. އޭގެ މަތިން ރަންވަންލޮއި އުނބެއްގައި ކާޅިވައް ދިއްލައިފައި ހުއްޓެވެ. ރަތުލޮއިގެ ކުޑަވަރެއްގެ ދޮލަނގެއްގައި، ފެންމަތީ، މީރުވަސްދުވާ ފަސް ވައްތަރު މައު ބަހައްޓައިފައި ހުއްޓެވެ.

މޭޒުމަތީގައި ފާރުކައިރީގައި މަނދެލައި ފޫކަނޑާލައިފައި ހުރި ރަސްދަނބުރުކު ކުރުނބާތަކެއް ބަރިޖަހައިލައިފައި ހުއްޓެވެ. ކުރުނބާތައް މީ “ކަންޒޫރީ” ގެ ގޮތުގައި ބެހެއްޓިފައި ހުރި އެއްޗެހިކަމެއް ނުވަތަ ކިއެވެލީގެ ގަޑީގައި ޚުދު އަބީދު ބޯން ބެހެއްޓިފައި ހުރި އެއްޗެހި ކަމެއް ކަނޑައަޅައި ބުނަން ދައްޗެވެ. ބޮޑަށް ވައްތަރީ ފަހުން މި ބުނި ގޮތާއެވެ. ހަމަ ޔަގީނުން ވެސް އަޅިކެނޑި އަށް ފުނި ޖެހިފައި އެހުރީ އޭނާ ބޮއި ހުސްކުރާނޭ ސިނގިރޭޓުތަކުގެ އަޅިޔާއި ފިލްޓަރުބުރި ތަކެވެ. ކޮޓަރި އެއްވަސްވެފައި ހުރީ މައުމެލާމެލީގެ ވަހާ އެކުވެފައިވާ މާ ގަދަ އަތަރު ވަހަކުންނެވެ. އެވަހެއް ނޭފަތުގައި ޖެހުމުން ބޭހޯސްވާހައި ވެއެވެ.

ހޮޓަލު ޓެކްސީގައި އަހަރެން އަބީދު ގޮވައިގެން އަވަހަށް ދިޔައީ ނަވަލޯކަ ހަސްފަތާލަށެވެ. އެތާނގެ އަވަސް ފަރުވާގެ ބައިން ތަދުކަނޑުވާ އިންޖެކުޝަނެއް ޖަހައިފައި އެނދުމަތިކޮށް ގަޑިއެއް ދޮޅުގަޑިއެއް ހައިއިރު ބޭއްވިއެވެ. އެވަގުތުކޮޅު އޭނާ އަރާމުގައި ނިދައިލައިފައި އޮތެވެ. އޭނާ ދޫކޮށްލީ ހޭލެވިގެން ވޭނެއް ރިހުމެއްނެތި ނެތި މުޅިން ރަނގަޅު ވެއްޖެކަމަށް ބުނުމުންނެވެ.

އަބީދު ގޮވައިގެން އަހަރެން ހޮޓަލަށް އެނބުރި އައިއިރު ގަޑިން ފަހެއް ޖަހަން ގާތް ވެއްޖެއެވެ. ފަޖުރުލީ ކަމުގެ ނިޝާނަކަށް އިރުމަތީ ފަރާތު އުދަރެސް ދޮންކޮށްފައި ހުއްޓެވެ. މިކަހަލަ ޑިސެންބަރު މަހުގެ ފަހުކޮޅުގެ ރެއެއްގެ ފަތިސްދަމުގައި މެނުވީ ކޮޅުނބު ތަޖުރިބާ ނުކުރާ ފަދަ ތޫނު ފިނިކަމެއް މިރޭ ޖައްވުގައި ހިފައިލައިފައި ހުއްޓެވެ. އުޑުމަތިން، ހާކިސް ކަފަވިލާތަކުގެ ތެރެއިން، ހަސަނާތުތަރި ފާއްދާލައިފައި ހުއްޓެވެ. ދުރުން ގަހަކުން ކޮވެއްޔެއް ޕިއްޕިއް ލައްވާލި އަޑުއިވުނެވެ. ފުރަތަމަ އެންމެ ދޫންޏެކެވެ. ދެން ދެތިން ދޫންޏެވެ. އެންމެ ފަހުން އެތައް ދޫންޏެއްގެ އެކުނުލަވާ ތަރާނާގަނޑެކެވެ. ނިންޖަށް ބަލިވެފައި ހުރީތީ އަހަރެން ބެލީ ހަރަށް ވަދެ ގައިގައި ފޮތިގަނޑު އަޅައިގެން އަރާމުގައި ނިދައިލެވޭ ތޯއެވެ.

ދެވަނަ ފަހަރު އަބީދު ގޮވައިގެން އަހަރެން ހަސްފަތާލަށް ދާން ޖެހުނީ ހެނދުނު ހަތްގަޑި ބައި އެހައިކަށްހައިއިރު ފަހަރި ފޯނުކޮށްފައި “ޅިޔަންބެ އުޅެނީ އަނެއްކާ ވެސް އެއްކަލަ ރިހުންގަނޑު އައިސްގެންނޭ” ބުނުމުންނެވެ. އޭރު ވެސް އޭނާގެ އަނބިކަމަނާ ހަމަ ގަދަ ނިދީގައެވެ.

މިފަހަރު ޑަކުޓަރު ބަލައިފައި ބުނީ ތަދު ކަނޑުވާނެ ބޭހެއް ދިން ނަމަވެސް ދާއިމީ ފަރުވާއެއް ދެވޭނީ ބަލި ދެނެގަނެވިގެން ކަމަށެވެ. އެކަމަށްޓަކައި ބަލިމީހާ ޖެހޭނީ އެނދުމަތިކުރަން ކަމަށެވެ. އެގޮތުން، އެނދުމަތި ކުރެވުނު ފަހުން، އަބީދުގެ އަންހެނުންނާއި ފަހަރި އައިސް އަބީދާ ހަވާލުވެއްޖެއެވެ. އޭރު ގަޑިން ނުވައެއް ޖަހައި ބޮޑުވެއްޖެއެވެ. އަހަރެން ހޮޓަލަށް އައިސް ނާސްތާ އަށް ފަހު ނިކުތީ އަހަރެން ކުރަން ހުރި މަސައްކަތަށެވެ.

ކޯއްޓޭ ބާޒާރުމަތީގައި އުޅެމުން، ހަވީރު އަބީދު އަންހެނުންނަށް ފޯނުކުރުމުން ބުނީ ފިރިމީހާގެ ހާލު ރަނގަޅު ކަމަށެވެ. އައިވީ ގުޅައިހަދައިގެން، ހެނދުނު ދިން ފަރުވާއަށް ފަހު ރިހުމެއް އުނދަގުލެއް ނެތް ކަމަށެވެ. މީހާ ގަދަ ބަދަވި ކަމަށެވެ. އުއްމީދު ކުރެވެނީ މުޅިން ފަސޭހަވީ ކަމަށެވެ. އެކަމަކު ބައެއް ޓެސްޓުތަކުގެ ނަތީޖާ ލިބޭނީ މާދަން ހެނދުނު ކަމަށް ވާތީ އެހައި ތަނަށް އޮންނަން ޖެހޭނީ ހަސްފަތާލުގައި ޑަކުޓަރުންނާއި ނަރުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަހަރެންގެ އެހީތެރިކަމަށް ފަށްފަށުން ޝުކުރު އަދާކޮށްފައި ފިރިމީހާގެ ކަންތަކާ ދެން އަހަރެން ނޫޅުނުނަމަވެސް އެންމެ ރަނގަޅު ކަމަށް ބުންޏެވެ. އެވާޖިބު އޭނާޔާއި އޭނާގެ ކޮއްކޮ ދަންފަޅި ބަހައިގެން އަދާކުރާނެ އެވެ. ނިދީމާ ކަނޑާލައިފައި އޮންނަ ރުކެއް ހެން ތިރިއަރައިފައި އޮތަސް ހޭލައި ހުންނައިރު މިއަންހެންކުއްޖާ އަކީ ކަންކަން ހިންގައިލާން ދަންނަ މޮޅު ކުއްޖެކެވެ. އަބީދުގެ ހުންގާނު މިތާނގައި ‘އެ ފުޅަށް’ ދޫކޮށްލެވިފައި އޮންނަނީ މިހެން ވެގެން ކަމަށް ވެދާނެއެވެ.

އަހަރެން ފާޚާނާއިން ނިކުމެ ހެދުން އަޅައި ހަދައިގެން އަވަސް އަރުވާލައިފައި ތިރިޔަށް ފޭބީ ހޮޓަލުގެ ރިސެޕްޝަނުން އަބީދު އިންތިޒާރުގައި އިން ކަމަށް ބުނެ ދެވަނަ ފަހަރަށް ފޯނުކުރީމައެވެ.

އަބީދު އިނީ ގޮޅިޖެހި ހުދު ގަމީހަކާއި އެއްކުލައިގެ ފެހި، ފަށުއި ކަހަލަ ފޭރާމެއްގެ މުންޑެއްގައެވެ. ބޭރަށް ދާން ލައި އުޅޭ ހެދުމެއް ނޫނެވެ. ގޭތެރޭގައި ނުވަތަ ކިއެވެލީގައި އިންނައިރު ލައިއުޅޭ ހެދުމެކެވެ. ތުނބުގައި ސިނގިރޭޓު ޖަހައިގެން އިން ނަމަވެސް ބަލީގެ އެނދެއްގައި އޮތުމަށް ފަހު ތެދުވެގެން އުޅޭ މީހެއްކަން އެނގޭނޭ ހުރިހައި ނިޝާނެއް ގައިން ފެންނަން ހުއްޓެވެ. ލޭ ނަގަން އިންޖެކުސަން ކަށި ޖެހިތާނގައި އެޅި މަލަން ކަފަގަނޑާއި ފުށަތުގައި އައިވީ ގުޅަން ޖެހި ކައްޓަށް އެޅި މަލަންގަނޑު އެޅި ގޮތަށް ނައްޓައި ނުލައި ހުއްޓެވެ. ގޮނޑީގެ އެއް އަތްގަނޑުމަތީ ޖަމަލުޖެހި ސިނގިރޭޓު ފޮށި ހުޅުވައިލައިފައި އޮތެވެ. އަނެއް އަތްގަނޑުމަތީ އަޅިކެނޑީގެ ތެރޭގައި ކުރިން ހުލިކުރި ދެ ސިނގިރޭޓުގެ އަޅިޔާއި ފިލްޓަރުބުރިތައް ފުންޏަކަށް ހުއްޓެވެ.

އަބީދުގެ ދެފަރާތަށް ހުރި ދެ ގޮނޑީގައި ތިބީ މިތަނަށް ފައިބައި ތިބޭތާ މަހެއްހައި ދުވަސްވީ ދިވެހި ދެ ވިޔަފާރިވެރީންނެވެ. މިހައި ދުވަސް ވީއިރު ވެސް އެމީހުންގެ ގަޑި ހަމަކޮށްފައި ވަނީ ރާއްޖޭގެ ގަޑިޔަށެވެ. އަހައި އުޅެނީ ރާއްޖޭގެ ޓީވީތަކުން ކިޔާ ޚަބަރެވެ. ބަލައި އުޅެނީ ވޭތުވެދިޔަ ހަފުތާގެ ދިވެހި ނޫސްތަކެވެ. އެނޫސްތައް ހަފުތާއަކުން ހަފުތާއަކުން މިހޮޓަލުގެ ފަރާތުން ރާއްޖެއިން ގެނުވައި އުޅެނީ ޗާޕުކުރި ނޫސް ނޫނީ ކަމުނުދާ މިކަހަލަ ދިވެހީންނަށް ޓަކައި ތާއެވެ. ދެމީހުން ކުރެ އެކަކީ ވަރަށް ވެސް ބަނިޔާދަން ގޮތެއް ހުންނަ މީހެކެވެ. ސިފަޔާއި ކުލަވަރާއި އިސްކޮޅާއި ބަސްމަގު ނުހަނު ރީތި މީހެއް މެއެވެ. އައިސް ހުރި އާއިލާގެ މާތްކަމާއި އުޅެ ބޮޑުވި ވެށީގެ ރަނގަޅުކަން އޭނާގެ އާދަކާދައިންނާއި އަދަބު ސަދަބުން ވެސް ފެންނާން ހުރެއެވެ. އޭނާގެ ރަހުމަތްތެރިޔާއަކީ މިހޮޓަލުގެ ކުދިން “ކަޅުބޮޑޭއޭ” ކިޔައި ނަން ހަރުކޮށްގެން އުޅޭ މީހެކެވެ. މިއީ އޭނާގައި ނުފިލައި ހުންނަ ކޮންމެވެސް ބައްޔަކަށް ކާނޭ ބޭހެއް އަބަދު އަތްމަތިކޮށް ގެންގުޅޭ މީހެކެވެ. ހޮޓަލު ކުދިން ޖޯކަކަށް ކިޔައި އުޅެނީ އެއީ ބާހުގެ ބާރުގަދަ ކުރާ ބޭހެއް ކަމަށެވެ. މީހަކީ ދެވަންފުރައިން މަތީ މީހެކެވެ. ހިމާރެއްގެ އަޑު ހުރި، އަނގަހަޑި މީހެކެވެ. ޖާނާއި ބަނޑުން ވެސް ބޮޑު މީހެކެވެ. ނުދަންނަ ކަމެއް ނުބެހޭ ކަމެއް ނޯވެއެވެ.

ގޮތާއި ފޮތް މިހައި ތަފާތު ދެމީހަކު އެއްފިނދުން ގުއިރޭ ދަރަޖައިގެ ގާތް ދެ މިތުރުންނަށް ވީ ކިހިނެއް ބާވައޭ ހިތަށް އަރައެވެ. ފިނިހަކަށް، ފޫޅުބަރަވެއްޔަށް ތޮށިގަނޑު ބޭނުންވާ ފަދައިން އެމީހުންގެ މަސައްކަތުގައި އެކަކަށް އަނެކެއްގެ ބޭނުން ހަމަ ބޮޑީ ކަމަށް ވެދާނެއެވެ. ދެމީހުން އަބަދު ވެސް އުޅޭނީ ކޮންމެވެސް ވަރުގަދަ ވިޔަފާރީގެ މަޝްރޫއެއް ފައްޓައިގެންނެވެ.

ފުރަތަމަކޮޅުގައި އެމީހުން ދައްކައި އުޅުނީ ރާއްޖޭގައި ރިސޯޓެއް ހަދަން އެމީހުންނާ ގުޅޭނޭ މިތާނގެ މަހުޖަނެއްގެ ވާހަކައެވެ. އޭގެ ފަހުން ދައްކައި އުޅުނީ ސީނުކަރައިން އެމީހުން ގެނުވާނޭ ދިހަ ހާސް ޓަނު ގަސްކާނާ މިތަނަށް ވިއްކައިދޭން އެމީހުންނާ ބައިވެރިވާނޭ މިތާނގެ މާ މަނަސް ހުރި ވަޒީރެއްގެ ވާހަކައެވެ. ފަހަކަށް އައިސް ދައްކާތީ އިވެނީ މިތަނުން ވާތުސަންގެއް ދެސަންގެއް ހޯދައިގެން ސިންގަޕޫރަށް ގެންގޮސްގެން ނަފާގެ ގޮތުގައި މިލިޔަން މިލިޔަނުން ޑޮލަރު ހޯދާނޭ ވާހަކައެވެ. އެވާހަކަތަކުން ވިސްނެނީ އެބުނާ ދެސަންގެއް އެމީހުންނަށް ހޯދައިދޭނީ އަބީދު ކަމަށެވެ. ދެމީހުން މިތަނުން ނުދެކޭތާ މިހާރު ހަތަރު ފަސް ދުވަހެއް ވެއްޖެއެވެ. އަބީދުގެ ރަމަލުން ދައްކާ ދިމަދިމާ އަށް ސަންގު ހޯދަން ދުއްވީ ކަމަށް ވެދާނެ އެވެ.

އަހަރެން ފެނުމާއެކު ތިން މީހުން އެ ކުރަމުން އައި ސައްލާއެއް ހުއްޓުމަކަށް އައިސް އަނގަ ބެދިއްޖެއެވެ.   ދެވިޔަފާރިވެރީން މަށަށް ބަލައިލައިފައި ތެދުވެގެން އަވަހަށް އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ބިރެއް ފެނިގެން އުޅޭ  ފަދައެވެ. ހުސް އެކަނި މަށެއް ނޫނެވެ. އެމީހުން އެފައްޓައިގެން އުޅޭ ސިއްރު މަޝްރޫޢެއްގެ ސަބަބުން މި ފަހަކަށް އައިސް ހަތަރު ވަނަ ދިވެއްސެއްގެ ހިޔަނި ވެސް “ކަޅުބޮޑޭ” އަށް ބިރަކަށްވެފައިވާ ކަހަލައެވެ. ހަމަ އެކަނި އިސްތިސްނާ އަކީ އަބީދުގެ ފަހަރިއެވެ. އެކުއްޖާ ފެނިއްޖެ ނަމަ ގާތަށް ގޮސް ނަގޫދިގު ބުޅާ ހެދިގެން އެހެރަ އުޅޭ ވައްތަރެއް ފެނުމުން ސަހަރޯހީވާހައި ވެއެވެ. މި ކުޅިވަރަށް ހޮޓަލުގެ ކުދިން ވަރަށް އެކަށީގެންވާ ނަމެއް ވެސް ދީފިއެވެ. “ބިއުޓީ އެންޑ ދަ ބީސްޓް…”

ވިޔަފާރިވެރިޔާގެ ދައުވަތު ގަބޫލުކޮށްގެން އޭނަޔާއެކު “ފަހަރި” ނައިޓު ކުލަބަކަށް ނަށާލަން ހިނގައްޖެ ނަމަ ވަރަށް ވެސް ދީލަތި ފައިސާގެ އިނާމެއް ދޭނެޔޯލައެވެ. މިކުއްޖަކީ ފަރި، ހަރަކާތްތައް ރީތި ކުއްޖެކެވެ. އެދުރެއްގެ އެހީއާ ނުލައި، ހަމައެކަނި ވީޑިއޯ ފިލާވަޅުތަކެއް ބަލައިގެން އިންޑިޔާގެ ބައެއް މަޝްހޫރު ނެށުންތައް ދަސްކޮށްގެން އަމިއްލަ އުފަލަކަށް ކޮޓަރިތެރޭގައި އެނެށުންތައް ނަށައި އުޅޭ ކުޅަދާނަ ކުއްޖެކެވެ. ނެށުމުގެ މިފަދަ ފަންނާނަކާ ފައިހަމަކޮށްލެވޭ ވަރަށް ވުރެ ބަލި، ބުރަހެލި، އުމުރުން ދޮށީ މީހަކަށް “ބީސްޓް” ވުމަކީ އަދި އެހެން މައްސަލައެއް ތާއެވެ. މީނާގެ ކަންތަކާ ހެދި ފަހަރި އެއްފަހަރަކު ރުޅިއަރައިގަނެގެން “ފައިސާއަށް ނަށައި އުޅޭ ކުއްޖެއް ނޫނޭ” ބުނެ ބަވައިގަތުމުން ވެސް ރަތްކެއް ނުވިއެވެ. ހަމަ ހެވި ދިލިފައެވެ. އަރާ ހިކިފައެވެ.

(ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment