100 ފަޟީލަތުލް އުސްތާޛުއް ޝައިޚް މުޙައްމަދު ޖަމީލު (ރަޙިމަހުﷲ) ގެ މި ލިޔުއްވުން ނަކަލުކޮށްފައި މި ވަނީ، ދުވަހުނޫސް [ހަވީރު]ގެ 20 ޖުލައި 1981 (ހޯމަ) ދުވަހުގެ އަދަދުންނެވެ. ______________________ ދިރިއުޅުމޭ ކިޔުނު ތަނަވަސް މައިދާނުގައި ހުރަހަށާއި ދިގަށް ރޮނގުތައް އަޅަމުން ފިޔަވަޅުތައް އަޅަމުންދާއިރު ދެބާވަތެއްގެ ގޮތްތަކެއް މެދުވެރިވަމުން ދާކަމީވެސް ވެވޭން އޮތްކަމެއްނޫނެވެ. އުފަލާއި ހިތްހަމަޖެހުމެވެ. ހިތާމައާއި ހިތްހަމަނުޖެހުމެވެ. ހަމައެފަދައިން ފަސޭހައާއި އުދަގުލެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ، ހިތްހަމަ ޖެހޭ އުފާވެރި ފަސޭހަ ދިރިއުޅުމެކެވެ. އަޅުގަނޑުމެން ކުރާހައި…
Share on Facebook1Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ފަޟީލަތުލް އުސްތާޛުއް ޝައިޚް މުޙައްމަދު ޖަމީލު (ރަޙިމަހުﷲ) ގެ މި ލިޔުއްވުން ނަކަލުކޮށްފައި މި ވަނީ، ދުވަހުނޫސް [ހަވީރު]ގެ 20 ޖުލައި 1981 (ހޯމަ) ދުވަހުގެ އަދަދުންނެވެ.

______________________

ދިރިއުޅުމޭ ކިޔުނު ތަނަވަސް މައިދާނުގައި ހުރަހަށާއި ދިގަށް ރޮނގުތައް އަޅަމުން ފިޔަވަޅުތައް އަޅަމުންދާއިރު ދެބާވަތެއްގެ ގޮތްތަކެއް މެދުވެރިވަމުން ދާކަމީވެސް ވެވޭން އޮތްކަމެއްނޫނެވެ. އުފަލާއި ހިތްހަމަޖެހުމެވެ. ހިތާމައާއި ހިތްހަމަނުޖެހުމެވެ. ހަމައެފަދައިން ފަސޭހައާއި އުދަގުލެވެ.

ކޮންމެ މީހަކުވެސް ބޭނުންވާނީ، ހިތްހަމަ ޖެހޭ އުފާވެރި ފަސޭހަ ދިރިއުޅުމެކެވެ. އަޅުގަނޑުމެން ކުރާހައި މަސައްކަތާއި ވަމުން ދާހައި ވަރުބައްޔެއް ވަމުން މިދަނީ އެބޭނުމަށްޓަކައެވެ.

ޝައްކެތް ގޮތުގައި ސާފުތާހިރުކަމީ މިދެންނެވި ކަހަލަ އުފާވެރި ދިރިއުޅުމެއްގެ ރުކުންތަކުގެ ތެރެއިން އެންމެ މުހިންމު އެއްރުކުނެވެ. އެއީ ހަމައެކަނި އާއްމު ޞިއްޙަތަށްޓަކައި، އޮތްކަމެއް ނޫނެވެ. މުޅި ދިރިއުޅުމާއި ބެހޭކަމެކެވެ.

ސާފުތާހިރުކަމޭ ބުނެވޭބަސް، ގޯތި ގެދޮރާއި، އެނދުއައްޓާއި، ފާޚާނާތައްޓާއި ފެންދާވަޅުގަނޑާއި މިފަދަ ތަންތަނަށް ރައްދުކުރެވޭ ފަދައިން މީހާގެ ހަށިގަނޑަށްވެސް ރައްދުކުރެވެއެވެ. ހަށިގަނޑުގެ އެތެރެފުށާއި ބޭރުފުށަށްވެސް ރައްދުކުރެވެއެވެ. މީހާގެ ހިތުތެރެއަށާއި ބޮލުތެރެއަށްވެސް ރައްދުކުރެއެވެ. ޖަމާޢަތުގެ ތެރޭގައި މީހާއުޅޭ އުޅުމަށްވެސް ރައްދުކުރެވެއެވެ. އެހެން ކަމާއެކު މިހުރިހާ ފަރާތެއްވެސް ސާފުކޮށް، ތާހިރުކޮށް އޮތުމަކީ އުފާވެރި ދިރިއުޅުމެއް އުޅުމުގައި އެންމެ ބޭނުންވާ ކަންތަކެވެ.

މިކަހަލަ ކޮންމެ ވާހަކައެއްވެސް ގެންގޮސް ދީނުގައި ޖައްސާން ޖެހެއެވެ. އެގޮތަކީ، އިންސާނާގެ ދިރިއުޅުމާއި އަޅައިބަލާއިރު ދީން ވެފައި އޮންނަނީ ހުންގާނަށެވެ. ދީނާ ނުލައި ދިރިއުޅުމަށް އޮނާނީ، ހުންގާނެއް ނެތް އުޅަނދަށްވެފައެވެ. ބޭނުން ދިމާއަކަށް ދަތުރުކޮށްފައި ދިޔުން ދަތިވާނެއެވެ.

އަޅުގަނޑުމެންނަކީ ސަތޭކައިންސަތޭކަ މުސްލިމު އުއްމަތެކެވެ. އެހެންކަމުން ދީނުގައި އޮތްގޮތްބަލައި، އެގޮތުގެ ފަހަތުން ދިޔުމަކީ ދިރިއުޅުން ބާއްޖަވެރި ކުރުމަށްޓަކައި ކުރާން އޮތް ކަމެކެވެ.

ސާފުތާހިރުކަން ހިފެހެއްޓުމަށް އަޅުގަނޑުމެންގެ މާތް ދީން ގޮވައި ލައިފައިވަނީ ވަރަށް ބާރަށެވެ. ވަރަށް ހަރުއަޑަކުންނެވެ.

ކީރިތި ޤުރްއާނަށް ބަލާއިރު ތައްވާބުންނާއި މުތަޠައްހިރީން ދެކެ، ﷲ ސުބުހާނަހޫ ވަތަޢާލާ ލޯބިވެ ވޮޑިގެންވާކަމަށް އޮވެއެވެ. ތައްބާވުން ނަކީ، ތިމާގެ ކުށްތަކުން ތައުބާވެ، ތައުބާގެ މަތީގައި ދެމިތިބޭ މީހުންނެވެ. އެހެން ގޮތަކަށް ބުނާނަމަ ހަޑިހުތުރު ފާފަވެރި ގޮތްތަކުން ސާފުވެތާހިރުވެގެން ތިބޭ މީހުންނެވެ. މުތަޠައްހިރީންނަކީ ނަޖިސްތަކެތީންނާއި، ހަދަސްވެރިކަމުން ފަށްފަށްކޮށް ތާހިރުވެ ސާފުވެގެން ތިބޭ މީހުންނެވެ. ތެދެކެވެ. މިއީ ދެފުށުގެ ސާފުތާހިރުކަމެވެ. ހަމައެކަނި މަލަމަތީގެ ސާފުތާހިރުކަމެއް ނޫނެވެ.

އަޅުގަނޑުމެން މުސްލިމުންނަކީ ރެއާއި ދުވާލު ފަސްވަގުތު ފަސްނަމާދު ކުރާންވެފައިވާ ބައެކެވެ. ތިމާހަށިގަނޑާއި ފޭރާމާއި ތަން ހުރިހައި ހަޑިކަމަކުން ސާފުތާހިރުވެގެން ނޫނީ، ނަމާދު ކަމުދާކަށް ނޯވެއެވެ. ނަމާދަށް ތައްޔާރު ވުމުގެ ގޮތުން ދެ ހަދަސް އާއި ނަޖިހުން ތާހިރުވާން ޖެހެއެވެ. އެކަމަށް ޓަކައި ބޭނުންކުރާ ފެނަކީ ތާހިރު ފެންކަމުގައި ވާންޖެހެވެ. ތިމާގެ ދަތްތަކާއި އަނގަ އަބަދާއި އަބަދު ސާފުތާހުރިކަން މަތީ ލަހައްޓާން ޖެހެއެވެ. ސާފުތާހިރުކަމާނުލައި، ތިމާގެ އީމާންކަންވެސް ހަމައެއްނުވާނެއެވެ. ކައުއިތުރު ރަސޫލާގެ ބަސްފުޅެއްގައި ވެއެވެ. ތާހިރުކަމަކީ އީމާން ކަމުގެ އެއްބައެވެ.

ތެދެކެވެ. މުސްލިމެއްގެ ގޮތުގައި، މުސްލިމަކަށް އުޅެވޭނީހުރިހައި ގޮތަކުންވެސް ސާފުތާހިރުކަމަށް ރައްކައުތެރިވެ ސާފުވެތާހިރު ވެގެންނެވެ.

ވިސްނަވައި ބައްލަވާށެވެ! ތިމާ ހައްދަވައި ބޮޑުކުރެއްވި މާތްރަސްކަލާނގެ ފަރުޟުކުރައްވާފައިވާ ނަމާދު އަދާކުރާން މިސްކިތަށް އަރާތިބެގެން، ޚާއްސްކިޔާފައި މިސްކިތުގެ ކުޑަދޮރުން ބޭރަށް އުކާކުޅުތަކުގައި އޮތީ ކޮންތާހިރުކަމެއްތޯއެވެ. ހަޑިކަމުގެ އިންތިހާއެވެ. ކުޅުގަނޑު އެއްލުމާއެކު ލޫވަރުތަކަށް ނުވަތަ ކުޑަދޮރުގެ ކަންޏަށް ބުރަބުރައިގެންދާ ތިކިތަކުގައި ހަމަގައިމުވެސް ސާފުތާހިރުކަމެއް ނޯންނާނެއެވެ. އެކަން ކުރާ މީހާ، ކިތަންމެ ރީތި ގަމީހެއްލައި، ކިތަންމެ މޮޅު ފޮއްޗެއްގެ ގަމީހެއް ލައިގެން ހުއްޓަސް އެކަމަކީ ހަޑިކަމުގެ އިންތިހާއެވެ. ހާމުންޑިޔެއްހެން ތިމާގެ ބޮލާއި އެހެނިހެން ތަންތާގެ އިސްތަށިތައް ދިގުކޮށް ހާވާލައި، އުކުނޭ ކިޔުނު ދޫނިސޫފާ ސޫފީގެ ހާއްޔަކަށް ހަދައިގެން ތިބޭ ތިބުމަކީ ސާފުތާހިރު ކަމެއްތޯއެވެ؟ ޝައްކެއްނެތެވެ. އެއީ ހަޑިކަމުގެ އިންތިހާއެވެ.

އެންމެފަހުން އަނގައެވެ. ތިމާގެ ހިތަށް އަރާ އެރުންތައް އަނެކުންނަށް އަންގައި ދިނުމުގެ މަގެއްކަމުގައިވާ ބަސްތައް ނިކުމެގެންދާ މަގެވެ. އެމަގު ހަޑިކޮށް ކިސަޑުތަކާއި ކިލާތައް ހައްދައި ބިޑިސުއްޓާ ސިގިރެޓްވަހާއި ހައްޕުންޑުވަސް ފަޒާގެ ތެރެއަށް ފޮނުވާ ގޭސްގުންބާއަކަށް ހަދައިގެން ތިބުމުގައި ސާފުތާހިރުކަމެއް އޮންނާނެތޯއެވެ! އެއީ ހަޑިކަމުގެ އިންތިހާއެވެ.

ތެދެކެވެ. ސާފުތާހިރުކަމަކީ އުފާވެރި ދިރިއުޅުމަށްޓަކައި ކޮންމެހެން ލާޒިމު ކަމެކެވެ. އެންމެފުރަތަމަ ތިމާ ގައިން ތާހިރުވުމެވެ. ގެންގުޅޭ  ތަކެތި ތާހިރުވުމެވެ. އުޅޭތަން ތާހިރުވުމެވެ. ބޯފެނާއި، ތާހިރުވެގަތުމަށް ބޭނުންކުރާ ފެން ތާހިރުވުމެވެ. ދެން އުޅުމާއި ގުޅުންތާހިރުކުރުމެވެ.

ހުރިހައި މާނައެއްގައި ސާފުތާހިރުކަން ލިބިގަތުމަކީ، އުފާވެރި ދިރިއުޅުމެއްގައި ތަޅުދަނޑިޔޭ ދަންނަވަމުން މި ދެތިން ބަސް ނިންމައިލަމެވެ.

==================

About the author
Leave Comment