-މުޙައްމަދު ވަޙީދު/މަޑުލު- ޢަލީގެ ހުށަހެޅުމަށް ނޫނެކޭ ބުނުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށް ފާރިޝާގެ އެތެރެހަށި ބުނަމުން ގެންދިޔައެވެ. އެހެންނަމަވެސް ކުއްލިއަކަށް އާނއެކޭ ބުނުމަކީ މާ ހަރުދަނާ ސިފައެއް ނޫނޭވެސް ހިތަށްއެރިއެވެ. ކުއްލިއަކަށް ފާރިޝާގެ ހަނދާނަށް އަންނަންފެށީ މަރުޙޫމާ ޙައްވާމަނިކެގެ ހަނދާންތަކެވެ. ޙަޤީޤަތުގައި ފާރިޝާ މީހަކަށް ހަދައިދިނުމަށް ފުރަތަމަ ފިޔަވަޅު އެޅީ އޭނާއެވެ. މަތީރަށަށް ޙައްވާމަނިކެ ކުރި ދަތުރުގައި ވިއްސާރައިގެ ސަބަބުން ފާރިޝާމެންގެ ރަށުގައި ޖައްސައި، ދެދުވަހު ތިބެންޖެހުނެވެ. ކަތީބު ބުނުއްވުމާއެކު ޙައްވާމަނިކެމެންނަށް ކާންދިނުމުގެ ކަންތައްތައް ބެލެހެއްޓީ ފާރިޝާއެވެ.…

-މުޙައްމަދު ވަޙީދު/މަޑުލު-

ޢަލީގެ ހުށަހެޅުމަށް ނޫނެކޭ ބުނުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށް ފާރިޝާގެ އެތެރެހަށި ބުނަމުން ގެންދިޔައެވެ. އެހެންނަމަވެސް ކުއްލިއަކަށް އާނއެކޭ ބުނުމަކީ މާ ހަރުދަނާ ސިފައެއް ނޫނޭވެސް ހިތަށްއެރިއެވެ. ކުއްލިއަކަށް ފާރިޝާގެ ހަނދާނަށް އަންނަންފެށީ މަރުޙޫމާ ޙައްވާމަނިކެގެ ހަނދާންތަކެވެ. ޙަޤީޤަތުގައި ފާރިޝާ މީހަކަށް ހަދައިދިނުމަށް ފުރަތަމަ ފިޔަވަޅު އެޅީ އޭނާއެވެ. މަތީރަށަށް ޙައްވާމަނިކެ ކުރި ދަތުރުގައި ވިއްސާރައިގެ ސަބަބުން ފާރިޝާމެންގެ ރަށުގައި ޖައްސައި، ދެދުވަހު ތިބެންޖެހުނެވެ. ކަތީބު ބުނުއްވުމާއެކު ޙައްވާމަނިކެމެންނަށް ކާންދިނުމުގެ ކަންތައްތައް ބެލެހެއްޓީ ފާރިޝާއެވެ. އޭރު އޭނާއަކީ ސާދަ އަހަރަށްދާ ޢުމުރަށްވުރެ އުފެދުމާއި ހަށިގަނޑުގެ ސަމައްތަރު ހެޔޮ ޒުވާން އަންހެނެކެވެ. ޙައްވާމަނިކެ އަށް މި ޒުވާނާގެ ޙަރަކާތްތަކާއި ވާހަކަދެއްކުމުގެ ސާދާކަމާއި ބަސްމަގުގެ ރީތިކަން ފެނިފައި ހަމަ ޙައިރާންވިއެވެ. އަދި މިކަހަލަ ކުއްޖަކު އޭނާގެ ގޭގައި ގެންގުޅެން ލިބޭނެނަމަ ކިހާ ރަނގަޅުހޭ ހިތަށްއެރިއެވެ. މި ކަމަށް ޢަލީ ތައްޔާރުކުރި، މުޅި ދަތުރަކީ ކަތީބުގެ ވަޞީއްޔަތެއް ފުރިހަމަކުރުމަށްޓަކައި ކުރި ދަތުރެކެވެ.  އެކަން އެނގެނީ ހަމައެކަނި ޢަލީއަށެވެ.

މާލޭން އައިސް އުޅޭ ގްރޫޕަށް ކާންހަދައިދީ ހެދުމުގައި، ފާރިޝާ ޚާއްޞަ ސަމާލުކަމެއް ބެހެއްޓި ސަބަބަކީ، ގެއެއްގައި މަސައްކަތްކޮށްދީ އުޅެމުން ވެސް، މާލޭގައިނަމަ އިތުރަށް ކިޔެވުމުގެ ފުރުޞަތު ލިބިދާނޭކަމަށް ހީވެފައި އޮތީމައެވެ. މިމީހުންގެ ތެރޭގައި ވެސް ފާރިޝާ މާލެ ގެންގޮސްފާނެ މީހަކު ހުރެދާނެ ކަމަށެވެ.

ޙައްވާ މަނިކެގެ އެދުމާއި ފާރިޝާގެ ބޭނުމާއި ޢަލީގެ މަޤްޞަދު ޙާޞިލްވީ އެކުއެކީގައެވެ. މާލެ ގޮސް ގެއެއްގައި އުޅެން ކެރިދާނެތޯ އެހުމުން، ކިޔެވެންޏާ ކެރިދާނެއޭ ބުންޏެވެ. އެ ފަހަރު މަތީރަށުން އެނބުރި މާލެ ދަމުން ފާރިޝާގެ ރަށުގައި ޖައްސައި، ފާރިޝާ ގޮވައިގެން ޙައްވާ މަނިކެ މާލެ އައީއެވެ. އެއީ މީހެއްގެ އެދުމަކަށް ޢަލީ ރޭވި ރޭވުމެއްގެ ދަށުން ވާ ކަމެއްކަން ޙައްވާ މަނިކެ ނުދެނަހުއްޓެވެ. ފުރަތަމަކޮޅު މާލެއަކީ އުނދަގޫ ތަނެއްކަމުގައި ފާރިޝާއަށް ފެނުނުނަމަވެސް ކެތްތެރިވެލައިގެން ވީހާ ރަނގަޅަކަށް ގޭގައި މަސައްކަތްކުރަމުން ގެންދިޔައެވެ. ފާރިޝާ ޙައިރާންވި ކަމަކީ މާލެ ދާން ފާރިޝާ އެއްބަސްވި ކަންތައް ޙައްވާ މަނިކެ ހަނދާން ނައްތައިލީމައެވެ. އެއީ ކިޔަވައިދިނުމެވެ. އެހެންނަމަވެސް އަދި އިހަށް ކެތްކޮށްލައިގެން ހުރީއެވެ. އެއީ ޢަލީ އާއި ޙައްވާ މަނިކެގެ ދިރިއުޅުމާމެދުވެސް މާ ހިތްހަމަނުޖެހޭތީ އާއި ޙައްވާ މަނިކެ ކޮންމެވެސް ބައްޔެއްގައި އުޅޭކަމަށް ހީކުރެވިގެންނެވެ.

ކޮންމެއަކަސް މިއަދު މިއޮތީ، ޙައްވާ މަނިކެ އިނދެގެން އުޅުނު މީހާ ފާރިޝާއާ އިންނަން ހުށަހަޅައިފައެވެ. ޢަލީއާ އިނުމަކީ މީހުން ލާނެއްދޭނެ ކަމެއްކަންނޭނެއެވެ. އެއީ ޙައްވާ މަނިކެއަށްޓަކައި ކޮށްދެވޭ ހެޔޮކަމެއްކަމަށް ޤަބޫލުނުކުރެވެންވީ ކީއްވެގެންހެއްޔެވެ؟ ކޮންމެ ގޮތެއްގައި ވެސް، ފާރިޝާ އަކީ މާޒީއެއް ނެތްފަދައިން މުސްތަޤުބަލެއް އޮތް މީހެއް ނޫނެވެ. މިތަން ދޫކޮށް ދާނެ ދެވަނަ ތަނެއް ފެނިފައިވާ މީހެއް ވެސް ނުމެ ނޫންމެއެވެ.

ފަތިސްވަމުން ދަނިކޮށް ލޯމެރޭގޮތް ވިއެވެ. ހުވަފެނުގައި ފެންނަނީ، އޭނާގެ މަންމައެވެ. ފާރިޝާއަކަށް އޭނާގެ މަންމަ ހުންނަ ގޮތެއް ނޭނގެއެވެ. ހުވަފެނުގައި ފެނުނު އަންހެންމީހާގެ މޫނުގެ ސިފަވެސް ސާފެއް ނުވެއެވެ. މަންމަގެ އަތުގައި ހިފަހައްޓައިލައިގެން ދިގު މަގެއްގެ އެއްކޮޅުން ފެންނަން ހުރި ހުދުކުލައިގެ ގެއަކާ ދިމާއަށް ހިނގަމުން ދިޔައެވެ. މަންމަ އަހައިލިއެވެ.

“ކިޔެވުން ރަނގަޅުތަ؟”

“މާ ރަނގަޅެއް ނޫން.”

“މާ ރަނަގޅެއް ނޫނޭ ތިޔަބުނީ، މަސައްކަތްކުރަން ކަންނެތްކަމުންތަ؟”

“ނޫނޭ މަންމާ.”

“ދަރިފުޅާ! ދުނިޔެ އެއްވެސް އިރަކު މާކަ ރަނގަޅެއް ނުވާނެ. ދުނިޔެއަކީ އާޚިރަތަށްޓަކައި ދަތުރުކުރާ ފާލަމެއް. އެކަން ދަންނަމެއްނު ދޯ؟”

“އާން! ދަންނަން!”

“އެހެންވީމާ ދުނިޔޭގައި އުޅެންވާނީ މާދަމާ ވެސް އެ ފާލަމުގެ ކޮޅަށް އާދެވިދާނެ ކަމަށް ބަލައިގެން. ދަރިފުޅު އުޅެންވާނީ، ދަރިފުޅު ހިތްހަމަޖެހޭ ގޮތަކަށް. ނަމަނަމަ ބޭއިންސާފުން މީހެއްގެ ހިތުގައިޖެހޭ ކަހަލަ ކަމެއް ނުކުރާތި.”

މަންމަ ނެތީމައި ދެރަވަނީ.”

ދަރިފުޅަކީ މި ދުނިޔޭގައި އެކަނި ދިރިއުޅެން އައި މީހެއްކަމަށް ބަލާ. މަންމަ ނެތަސް ބައްޕަ ނެތަސް، ދަރިފުޅުގެ ފިރިޔަކު މަރުވިޔަސް، ދަރިފުޅަށް ލިބޭ ކުދިން މަރުވިޔަސް އެކަމާ މާޔޫސް ނުވާތި. ކެތްކޮށްގެން ތިމާ ބޭނުން ދިރިއުޅުމެއް އުޅޭ. އެކަމަކު ހަމަ އާއި އިންސާފުން އެއްކިބާ ނުވާތި.”

“މަންމާ..”

“ކީކޭ؟”

“ކީއްވެތަ. ތިޔަހާ ބޮޑަށް ނަސޭޙަތްދެނީ.”

“އެއީ ވަކިވާންޖެހޭތީ. އެހަރަ ގެއާ ހަމައިން ދަރިފުޅާ ވަކިވާންޖެހޭނެ. ކެތްކުރޭ. ހިއްވަރުކުރޭ. އެކަނިވެރިވާނެކަމެއް ނެތް. އަމިއްލަ ފައިމައްޗަށް ތެދުވެގެން އަމިއްލަ ދިރިއުޅުމެއް އުޅޭ.”

ފާރިޝާގެ އަތްދޫކޮށްލުމަށްފަހު، އޭނާގެ މަންމަ ދެން ދަނީއޭ ބުނެފައި އެ ގެއާ ދިމާއަށް ތަންކޮޅެއް ބާރަށް ހިނގައިގެންފިއެވެ. މަންމަ ނުދާށޭ ބުނެ ފާރިޝާއަށްރޯންފެށުނެވެ. ގިސްލެވެން ފެށުނެވެ. އޭނާ ހުއްޓި ހުރެ ރޮނީއެވެ. އޭނާގެ މަންމަ ގޭގެ އަނެއް ފަރާތަށް ގޮސް، ލޯމަތިން ގެއްލުނީއެވެ. ގިސްލެވެނީއެވެ. ރޮވެނީއެވެ.

ކޮނޑުގައި މީހަކު އަތްޖައްސައިލައި ތަޅުވައިލިއެވެ. ލޯ ހުޅުވައިލައިފައި ބަލައިލިއިރު އޭނާއާ ދިމާއަށް ބަލަން ހުރީ ޢަލީއެވެ. ފާރިޝާ ވަނީ ދާހިއްލާ ފޯވެފައެވެ. މޫނު ވަނީ ކަރުނައިން ތެމިފައެވެ. ހިތުގައި ވަނީ އެކަނިވެރިކަމުގެ ބިރެވެ. އޭނާއަށް ފެނުނު ހުވަފެނުން ކޮށްފައިވާ އަސަރުން ޢަލީ އެތަނަށް އަންނަންޖެހުނު ގޮތާމެދު ޚިޔާލުކުރާހާ ހިއްވަރެއް ނެތެވެ. ޢަލީ އަހައިލިއެވެ.

“ހުވަފެނެއް ފެނުނީތަ؟”

ފާރިޝާ ބޯޖަހައިލައިފައި މަޑުމުން ތެދުވިއެވެ. މަންމައެއްގެ ކުލުނާއި ބައްޕައެއްގެ ލޯބި ނުލިބި ޅަދުވަސް ފާއިތުވެ، ޒުވާންކަމާ ކުރިމަތިލައި، ދިރިއުޅުމެއް ފަށަންޖެހޭ ދުވަސް އައުމުން، ހިތުގައި ފޮރުވިފައިވާ އަސަރުތައް މަޑުމަޑުން ހޭލަނީއެވެ. ފާރިޝާއަކީ ހިތްވަރުގަދަ ކުއްޖެކެވެ. އެހެންނަމަވެސް އޭނާއަށް ފެންނަ ހުވަފެންތައް ނުފެންނާނެ ގޮތަކަށް ކޮންޓްރޯލްކުރުމަކީ އޭނާއަށް ބާރުލިބިފައިވާ ކަމެއް ނޫނެވެ. ހަމަ އެގޮތަށް އޭނާ ވިސްނަން ބޭނުން ނޫން، އެހެންނަމަވެސް އޭނާއާ ވަކިނުވެ ސިކުނޑީގެ ކޮންމެވެސް ކަނެއްގައި ފޮރުވިފައިވާ ހިތާމަތަކަކީ، އޭނާގެ ބާރު ފޯރައިގެން އާލާވި ހިތާމަތަކެއް ވެސް ނުމެނޫންމެއެވެ.

މައިންބަފައިންގެ ލޯތްބާއި އޯގާތެރިކަމާއި އެމީހުންގެ އެހީގެ ދަށުން ބޮޑުވެފައިވާ މީހުންނަށް ފާރިޝާގެ “އެކަނިވެރިކަން” އިޙްސާސްކުރާކަށެއް ނުވެސް އެނގޭނެކަން ކަށަވަރެވެ.

ފާރިޝާ އަނގައިން ބުނާހިތެއް ނެތެވެ. ޢަލީ ހިތަށްއެރީ މަޖުބޫރުކުރުމެއްގެ ތެރެއިން، ފާރިޝާ ޢަލީއާ އިންނަންޖެހުމުން އެކަމާ ރޮއި ހިތާމަކުރާކަމަށެވެ. ޢަލީ ހިތަށް ހަމްދަރުދީ ވަނެވެ. އަދި މިގެއަށް ފާރިޝާ ގެނައި މީހަކީ މިއަދު ދުނިޔެއާ ވަކިވެފައިވާ ކަތީބުބޭގެ އެދުމާއި ޢަލީގެ އަނބިމީހާކަން ހަނދާންވުމުން ލަދުވެތިކަން ހިތަށް ވަނެވެ. އަމިއްލައަށް ބުނެލާގޮތަށް ބުންޏެވެ.

“އަހަރެން މަޖުބޫރުކޮށްގެން ފާރިޝާއާ އިންނާކަށް ނޫޅެން. ކުރިންވެސް އުޅުނު ގޮތަށް މިގޭގައި އުޅޭ. އަހަރެން ނެރެ އެއްލައެއް ނުލާނަން.”

“މަޖުބޫރުކުރެއެކޭ އަހަރެން ނުބުނަން. ހުވަފެނުން މަންމައާ ވާހަކަދެއްކިން. މަންމަ އަހަރެން ބަހައްޓައިފައި ދިޔައީ. އެކަމާ ރޮވެނިކޮށް ހޭލެވުނީ.”

“މިގޭގައި ފާރިޝާ އުޅެނީ ހިތްމަޖެހިގެން ދޯ؟”

“ހިތްމަޖެހޭ”

“އެހެންވީމާ ހިތާނަނުކުރޭ.”

“ހިތާމައެއް ނުކުރަން.”

“ދެން މި ބުނިހެން، އަހަރެން ބުނީތީ އަހަންނާ އިންނަން ނިންމާނެކަމެއް ނެތް.”

“މަޖުބޫރެއް ނެތް. އަހަރެން މިހިރީ ޢަލީއާ އިންނަން. އެކަމަކު، އަހަރެން ކިޔަވަމުން ގެންދާނަން… އެއްބަސްތަ؟”

ގެއަށް މީހަކު ގެނެސްގެން ވެސް ކިޔެވިދާނެ.”

“އެންމެ ރަނގަޅު.”

********

ކުޅެން ތިބި ތިންކުދިންގެ ތެރެއިން ދޮށްޓަށް ހުރި ކުއްޖާ ކުޅެން ގެންގުޅުނު ދަނޑިބުރިން މެދުގައި ހުރި ކުއްޖާ ހަދައިފައިވާ ދޯނީގައި ޖެހުމާއެކު ފަރުމާނު ބިނދިއްޖެއެވެ.

އެ ދެކުދީންގެ ތަޅާފޮޅުން ފެށިއްޖެއެވެ. ވެލިޖެހުމުގެ ތެރޭގައި ކައިރީގައި އިން އެ ދެކުދީންގެ ކޮއްކޮގެ ލޮލަށް ވެލި ހިނގައްޖެއެވެ. އެ ކުއްޖާ ރޯންފެށިއެވެ. އޭނާއަށް އެހީވެދޭކަށް އޭނާގެ ބޭބެމެންނެއް ނޫޅެއެވެ. މި ކުދީންގެ ތަޅާފޮޅުން ބަލަން ދުރުގައި އިނީ ރަށަށް އަރުވާލައިފައިވާ މީހެކެވެ. އޭނާގެ ހިތަށް އަރައިފައިބަމުން ދިޔައީ އޭނާ ބޮޑުވަމުން އައި ދުވަސްވަރެވެ. ދޮށްޓަށް ތިބޭ އެއްބަނޑުއެއްބަފާ މީހުންގެ ފަރާތުން ލިބެންވީ އެހީތެރިކަން ނުލިބި، އެމީހުންގެ ފަރާތުން ލިބެމުން ދިޔަ އުނދަގޫތަކެވެ.

ގޭގެތެރެއިން އަންހެނަކު ހަޅޭއްލަވައިގަތެވެ. ރޯން އިން ކުއްޖާ ތެދުވެގެން އެ އަޑާ ދިމާއަށް ދާންފެށިއެވެ. އޭނާގެ ލޮލެއް ނުހުޅުވެއެވެ. މި 3 ކުދީންގެ މަންމަ ބަލަންހުރީ ހޮޅުއަށީގައި އިން ޒުވާނާއަށެވެ. އެއްވެސް އަސަރެއް ނެތް، އެއްވެސް އިޙްސާސެއް ނެތްގޮތެއްގައި، ކުދީންތައް ތަޅާފޮޅާތަން ބަލަން އެއިނީއެވެ.

ކުޑަދަރިފުޅުގެ ލޮލަށް ފުމެލަމުން އަންހެންމީހާގެ ހިތަށްއެރިއެވެ. މާލޭގެ މީހުންނަކީ އެހެން މީހުންނާ އަޅާލުން ކުޑަ، ރަޙުމް ކުޑަ ބައެކޭ ބުނާ ބުނުމަކީ ހަމަ ތެދެއްތާއެވެ. އޭނާގެ ފިރިމީހާއަކީ ފުރުޞަތު ނެގުމުގެ ބޮޑެކެވެ. އެހެންކަމުން އެރަށަށް އަރުވައިލި ހައިކަލް ނަމަކަށްކިޔާ ޒުވާނަކު އެގޭގައި ބަހައްޓަން ގެނައީއެވެ. އެރަށު މީހުންނަށް މި ހައިކަލަކީ ކާކުކަން ނޭނގުނަސް މިގޭގެ ވެރިމީހާއަށް މި ހައިކަލަކީ ކާކުކަން އެނގެއެވެ. އެއީ ރާނާ ގުރޫޕެއްގައި މަސައްކަތްކުރަން އުޅުމުގެތެރޭގައެވެ. އެހެންކަމުން މީނާ ސަލާމަތްވާ ދުވަހަކުން ލިބިދާނެ ފައިދާތަކެއް އޮވެދާނެކަމަށް ފެނިގެން، ކަތީބަށް ނަންގަނެގެން، މި ޒުވާނާ އެގެއަށް ގެނައީއެވެ.

އެ ދެކުދީންގެ މަންމަ އަންނަތަން ފެނިފައި، ތަޅާފޮޅަން ތިބި ދެކުދީން ދުވެ ހިނގައްޖެއެވެ. ހައިކަލާ ދިމާއަށް އެޗެއް ބުނަން އުޅެފައިމެ، އެ އަންހެން މީހާގެ ހިތަށް އެރިއެވެ. ރަށަށް މީނާ އަލީއެވެ. ބީރައްޓެހިކަމުން ފަރުވާލެއް ނުބަހައްޓާ މީހެކޭ ހީވަނީކަންނޭނެއެވެ. އެކަމަކު ރާބޮއި، އަފިހުން ދުންބޯ މީހުން ވަރަށް ރަޙުމްކުޑަވާނެއޭ ބުނާތީ އިވެއެވެ. އެކަމަކު، މިއިން މީހަކީ ނުލަފާ މީހެއްގެ ވައްތަރެއް ނުޖަހާ މީހެކެވެ.

ޝައްކެއް ނެތެވެ. އެންމެ ނުލަފާ އެންމެ ރަޙުމްކުޑަ އެންމެ މުނާފިޤު މީހުން ތިބެނީ ވަރަށް ރީއްޗަށެވެ. ބަލާބެލުމަށް، މަޢުސޫމްކޮށެވެ. އެކަން ގިނަ މީހުންނަކަށް ނޭގެއެވެ.

އަންހެންމީހާ އެނބުރިލައިފައި ދާތަން ފެނިފައި ހައިކަލް ހިތަށްއެރިއެވެ. އަހަރެންގެ މަންމައަކީ ވެސް ހަމަ މިކަހަލަ ރަށްފުށު އަންހެނެކެވެ. އެކަމަކު ހާދަ ކެތްތެރިއެވެ. ބައްޕަ ދެބަސްވިޔަސް ދުވަހަކުވެސް ދަރީންނާ ދިމާއަށް ހަޅޭއްލަވައެއް ނުހަދައެވެ. ހަމަ އެ ޚިލާލާ ގުޅިގެން ހިތަށްއެރިއެވެ. ފައިސާ ހުރިނަމަވެސް ދަރީންތައް އެގޮތް މިގޮތްވެ ދިޔައީވެސް އަދަބުދޭންޖެހޭ ކަންތައްތަކަށް އަދަބު ނުދިނީމާވެސް ތޯއްޗެކެވެ.

މި ޚިޔާލުގައި އިނދެފައި، ތެދުވެގެން އަތިރިމައްޗަށް ދިއުމަށްޓަކައި ހިނގައިގެންފިއެވެ. ރަށަށް ބީރައްޓެހިކަމުން ތަންތަނަށް ދާންވީ ގޮތެއް ނޭނގެއެވެ. ރަށަށް ބީރައްޓެހިކަމުން އަނގައިން ބުނެލާނެ މީހަކު ނުވެއެވެ. އިއްޔެ ބައްދަލުވި ދެ ޒުވާނުން ފެނިއްޖެނަމަ، ތަންކޮޅެއް ފޫހިފިލާނެއޭ ހިތަށްއެރިއެވެ. އެ ދެމީހުންނަކީ، ރިސޯޓެއްގައި ކޮޓަރިބަލަހައްޓަން އުޅޭ ދެމީހުންނެވެ. މަސްތުވާތަކެތީގެ މައްސަލައިގައި އަރުވާލާފައިވާ މީހެއްކަމަށް ވާތީއޭ ކިޔައިފައި ވަކި ވައްތަރެއްގެ ގޮތަކަށް ބަލާހެން ހީނުކުރެވޭކަން ހައިކަލަށް ޤަބޫލުކުރެވުނެވެ.

ހިނގަމުން ގޮސް ހަތަރުއަނގޮޅިއަކަށް ނިކުމެވުނުއިރު، ރަށުގެ ހަތަރުފަރާތު ގޮނޑުދޮށަށް ދިއުމަށް މިއިން ކޮންމެ މަގެއް ވެސް ރަނގަޅުވާނެކަން އެނގުނެވެ. އިރުހުރިގޮތުން ހިނގައިގައިތީ އިރުމަތީ ފަރާތަށެވެ. އޭނާއަށް ފެންނަނީ ނަމެއް ނެތް މޫނުތަކެކެވެ. ދިރުމެއް ނުވާ ގެތަކެކެވެ.

މީހުންތައް ކޮބައިބާވައެވެ. އަންހެނުން ވަލުގައިކަން ނޭނގެއެވެ. ފިރިހެނުން މަހަށްގޮސްފައިވަނީ ތޯއްޗެކެވެ. ޒުވާން ފިރިހެން ކުދީން ރިސޯޓްތަކުގައިކަމަށް ލަފާކޮށްލިއެވެ. ޒުވާން އަންހެންކުދީން މަދަރުސާއަށް ގޮސްފައިކަމަށް ވެދާނެއެވެ. މިކަހަލަ ރަށްރަށަށް ތަރައްޤީއޭ މިކިޔާ ކަންތައްތަކުގެ އަސަރު މާނަހުރި ގޮތެއްގައި ފޯރަން ހާދަ ދުވަހެއް ވާނެތާއޭ ހިތަށް އެރިއެވެ. އަދި ހަށިގަނޑުގެ އެތެރެއިން ތިމަން މިއީވެސް އެހެން ދުނިޔެއެއްގައި އުޅޭ މި މީހުންގެތެރެއިން އެކެއްކަމުގެ އިޙްސާސްތަކެއް އުފެދުނެވެ. މަންމައަކީ ވެސް ބައްޕައަކީ ވެސް ރާއްޖެތެރޭގެ މީހުންނެވެ.

އިރުވައިގެ ރޯޅިތައް މޫނުގައި ޖެހެންފެށިއެވެ. ހަށިފުރައި ނޭވާއެއްލިއެވެ. ދެއުކުޅުގައި އަތްވިއްދާލިއެވެ. އުދަރެހަށާއި ކަނޑަށާއި މޫދަށް ނަޒަރު ހިނަގައިލިއެވެ. މީހެއްގެ އަސަރެއް ނެތެވެ. ދުރުން ކަނިކަނިލާ އެންމެ ރަށެއް ނޫނީ ފެންނާކަށް ނެތެވެ. ދުއްވާ އެއްޗެއް ނުފެނެއެވެ. ރިޔަލެއް ވެސް ކުނބެއް ވެސް ނުފެނެއެވެ. ނަގާ ބޮޑެތި ރާޅުތަކާއި ރީތި މޫދާއި ހުދު ދޮންވެލިގަނޑު އުދަރެހުގައިވާ މަޑުނުލާއި ކަނޑުގެ ގަލަދުންކުލައާއި ގުޅިގެން ހޭޅީގެ ފެހި މަގޫގަސްތަކުގެ އޮފުއަރާ ފަތްތަކާއި އުޑުގައިވާ ސާފު ވިލާތަށް ހީވަނީ ތަމްސީލަކަށް ތައްޔާރުކޮށްފައިވާ ސްޓޭޖެއްގެ ފަސްމަންޒަރުހެންނެވެ. އެ ސްޓޭޖްގައިވާ ރަށުގެ ދޮންވެލިގަނޑުގައި ހުރީ އޭނާ އެކަންޏެވެ.

ވެލިގަނޑުމަތީ އިށީނދެއްޖެއެވެ. ގަހުން ވެރިފައިވާ ބައެއް ކާނިއޮށާއި މާތަކުން ދެތިން އެއްޗެއް ނަގައިގެން ބިންމަތީގައި ވަކި އެއްޗެއް ނޭނގޭ ކުރެހުމެއް އަޅަންފެށިއެވެ.

ތިޔައިނީ ކީއްވެފައިހޭ މީހަކު އަހައިލި އަޑަށް ފަހަތަށް އެނބުރި ބަލައިލިއިރު، އެއީ ރަށުއޮފީހުގައި އުޅޭ މީހެއްކަން އެނގިއްޖެއެވެ.

ކޮޅަށް ތެދުވެއްޖެއެވެ. ބިންމަތީގައި އަޅަމުން ގެންދިޔަ ކުރެހުން އެހުރި ގޮތަށް ބަހައްޓައިފައި، އައިމަގުން އެއްގަމަށް އަރައިގެން ހިނގައިގެންފިއެވެ. މިސްކިތްދޮށުން ލައިފައި ރަށުތެރެއަށް އަރަން ދިޔައިރު، ނަމާދަށް އަރާމީހުން މިސްކިތުގެ ވަޅުދޮށުގައި ވުޟޫކުރަން ތިއްބެވެ.

ޖެހިގެން އޮތް މަގަށް އަޅަމުން ފަހަތަށް ބަލައިލިއިރު، ވަޅުދޮށުގައި ތިބި އެންމެންހެން ތިބީ އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެ ދައްކަނީ އޭނާގެ ވާހަކަކަމަށް ހީކުރިއެވެ. އެޅިމަގުން ތަންކޮޅަކަށް ނުދެވެނީސް ކުރިމަތީގައި ހުރި ގެއަކުން ނިކުތް ފުރާވަރުގެ ދެ އަންހެނުންކުދީން އޭނާއާ ދިމާއަށް ހިނގައިގެންފައިމެ ހުއްޓި އެކަކު އަނެކަކަށް ސިއްރުން އެއްޗެއް ބުނެފައި ހިނގައިގަތުމަށްފަހު، އެނބުރި ދުވަމުންގޮސް، ނިކުތް ގެއަށް ވަދެއްޖެއެވެ.

މި ފެންނަ ކަންތައްތަކުގެ ތަސްވީރު އަރަނީ މި ދާ މީހާގެ ލޮލަށެވެ. ހިތަށާއި ސިކުނޑުއަށް އެއްވެސް އެއްޗެއް ނާރައެވެ. ވިސްނަނީ ނުވަތަ ފިކުރުކުރެވެނީ ކޮންކަމަކާ ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އޭނާ ވަނީ ތަނަށް ބީރައްޓެހިވުމާއި މި އަރުވައިލުމުން ލިބުނު ކުއްލި ޝޮކްގައި މުޅިން ދީވާނާވެފައިކަން ވެސް ނޭނގެއެވެ.

*********

ހައިކަލްއޭ މީހަކު ގޮވާލި އަޑު އިވިފައި ސިއްސައިގެންގޮސް ހުއްޓެވިއްޖެއެވެ. އެނބުރި ބަލައިލިއިރު އޭނާ ހުންނަ ގޭގެ ވެރިމީހާ މިއޮތް އަންނަނީއެވެ. ހަނދާންކުރަން އުޅެއުޅެވެސް އޭނާގެ ނަމެއް ހަނދާނެއް ނުވިއެވެ. އެމީހާ އައިސް އަރާ ހަމަކޮށްފައި ބުންޏެވެ.

“ކޮބާ ވަކިކަމެއް ބޭނުންތަ؟ ކަމެއް ޖެހިގެން ނުބުނެ ނުހުންނައްޗޭ. އަހަރުމެން ކަހަލަ މަދު މީހަކު ނޫނީ ތިޔަހެން އަރުވާލާފައި ތިބޭ މީހުންނަށް އެހީވާނެ މާގިނަ ބަޔަކު ނޫޅޭނެ.”

މި ދެއްކި ވާހަކައަށް މި ޒުވާނާ އެއްޗެއް ނުބުނުމުން އަނެއްކާވެސް ބުނެޏެވެ.

“ފޫހިވެފައި ހުންނާނެ ކަމެއް ނެތް. މަހަށްގޮސް އުޅެންފަށަންވީ.”

“މަހަށް ދާނީ ކާކާއެކު.”

“އަހަރެން ދޯންޏެއް ހަމަޖައްސައިދީފާނަން.”

“މަސްވެރިކަމުގެ ކަންތައްތައް ވަރަށް ނޭނގޭނެ.”

“އަޅައިނުލާ! ދާން ފެށީމާ ދަސްވެދާނެ. ބޭނުމިއްޔާ މިރޭ ފަރުމަހަސް ދެވިދާނެ.”

“ތިޔައީ ވެސް ރަނގަޅު ކަމެއް.”

“ފައިސާ އެބަހުރިތަ.”

“އާނ! އެބަހުރި.”

” ބުނަން ވާހަކައެއް! މިރަށުތެރެއަށް ގިނަވެގެން ނޫޅޭތި. މިއީ ވަރަށް އެހެންކަހަލަ ބަޔަކު އުޅޭ ރަށެއް.”

ޒުވާނާގެ ހިތަށް އެރިއެވެ. ތިމާގެ އަމިއްލަ ވަޒަނާމެދު މިފަދަ ވާހަކައެއް ދައްކާ މީހަކީ މާ ރަނގަޅު މީހަކަށް ނުވާނެއެވެ. މި ހުރެވުނީ ކޮންކަހަލަ ގެއެއްގައި ކަމެއް ވެސް ނޭނގެއެވެ.

“ތިޔަދަނީ ގެއާ ދިމާއަކަށް ނޫންތަ؟”

“ގެއާ ދިމާއަށް.”

“ހިނގާ ދާން. އަހަރެން ވެސް މިދަނީ ގެއަށޭ.”

“އަހަރެންގެ ކެއުމުގެ ކަންތަކަށް އަގެއް ހަމަޖައްސަންވާނެއެއްނު.”

“ތިޔަކަމާ ކަންބޮޑުނުވޭ. އަހަރެންގެ ގެއަކީ ހައިކަލްގެ ގެކަމަށް ބަލާ. ފެނުނު އެއްޗެއް ދީ. އެއްޗެއް ނުދިނަސް އަހަރެން އަޅައެއް ނުލާނަން. އެކަމަކު…”

“އެކަމަކު ކީކޭ.”

“އަހަރެން ބުނަން އުޅުނީ……. ދެން އެ ވާހަކަ ހުއްޓާލާ.”

“ނޫން. ނޫން! ތިޔަ ބުނަން އުޅޭ އެއްޗެއް ބުނެބަލަ.”

“އަހަރެން ބުނަން އުޅުނީ. އަހަރުމެން ރާއްޖެތެރޭގައި މިއުޅޭ ދަތި ދިރިއުޅުން، ކަލޭމެންކަހަލަ، މާލޭގެ މުއްސަނދިންނަކަށް ނޭނގޭނެއޭ.”

“ތިޔަ ބުނީ ކީކޭ؟”

“މި ބުނީ މިބުނިހެން.”

މިހިސާބަށް ވާހަކަ ދިޔަތަނާ، ގެއާ އަރާ ހަމަވެއްޖެއެވެ. އޭރު ބޮޑުއަށީގެ ކައިރީގައި ހުރި މޭޒެއްގެ މަތީގައި ކާންހަދައިފައި ހުއްޓެވެ. މަތިޖަހައިފައި ނެތުމުގެ ސަބަބުން މެހިއުޅެއެވެ. ބަތްތަށީގައި މެހި އިށީނދެ ތިބިތަން ފެނިފައި މާލޭން އައިސް ހުރި ޒުވާނާ މޭބޮޑުވެއްޖެއެވެ. ކާހިތްކެނޑިއްޖެއެވެ.

މީހަކު ކެއްސައިލި އަޑަށް ކުޑައަށްޓާ ދިމާއަށް ބަލައިލިއިރު މުސްކުޅިއަކު އެ އަށީގައި އޮތެވެ. އެއީ ރޭގައި ކެއްސި މީހާކަން އެނގުނެވެ. ހައިކަލް ނިދި ފަތްޖެހިއެނދުގެ ބަދަލުގައި މިހާރު ހުރީ މޭޒެކެވެ. އެ މޭޒަށް މި ހުރީ ކާންހަދައިފައެވެ.

ގޭގެ ވެރިމީހާ އެތެރެއަށް ވަދެފައި، އަތަށް އެއްޗެއް ލައިގެން ނިކުމެ، ޒުވާނާގެ އަތަށް އެއިން އެއްޗެއް ދިނެވެ. އެއީ ރޯމިރުހެކެވެ.

“މިރަށަކީ ކުރީން މިކަހަލަ އެއްޗެތި ހާދަ ތިޔާގި ރަށެކޭ. އެކަމަކު މިހާރު، ގަނެގެން ނޫނީ ހިކަނދިފަތެއް ވެސް ނުލިބޭ. ރަށުގައި ނުހައްދަނީ.”

މިރުސް އަނބުރާ ދިއްކޮށްލަމުން ޒުވާނާ ބުންޏެވެ.

“އަހަރެންގެ ބަނޑު ރަނގަޅެއް ނޫން. ކައިފިއްޔާ ގޯސްވެދާނެ. ނުކާނަން. ސައިތައްޓެއް ލިބުނިއްޔާ ރަނގަޅު.”

ގޭގެ ވެރިމީހާ އޭނާގެ އަންހެނުންނަށް ގޮވައިލައިފައި، ސައިކުރާ ހޫނުކޮށްލަން ބުންޏެވެ. އެއަށްފަހު، މޭޒުކައިރީގައި އިށީނފެ އެހެން މީހަކަށް ބެލުމެއް ނެތި ކާންފެށިއެވެ. މިތަން ބަލަން އިން ޒުވާނާއަށް މީނާ ކާލެއް މަޖާކަމުން ކުޅުދިޔާވާ ގޮތް ވިއެވެ. އެކަމަކުވެސް ހިތްވަރުކޮށްލިއެވެ. ދެފަހަރަކު މޮޑުނު ތަށިވަރު ހުސްކޮށްލުމަށްފަހު، ތިންވަނަ ފަހަރަށް ބަތްއަޅަމުން ކުޑައަށީގައި އޮތް މީހާ ކުރެން އަހައިލިއެވެ.

“ބައްޕަ ކައިފިންތަ؟”

އެމީހާ މަގަތަށް އެނބުރިލައިފައި ބަލި އަޑަކުން ބުންޏެވެ.

“އަދި ނުކަން. ބަތްޕެންފޮދެއް ލިބޭތޯ ކަނބުލޮ ގާތުގައި ބުނެގެން މިއުޅެނީ.”

“ބައްޕާ ތިޔައީއޭ ގައިގައި ވަރުނުޖެހޭ ކަމަކީ. ހުރި އެއްޗެއް ކާންވާނެ.”

މުސްކުޅި މީހާ އަނގައަކުން ނުބުނެއެވެ. ގޭގެ އަންހެން މީހާ ސައިތައްޓެއް ހިފައިގެން އައިސް އެތެރެގޭތެރެއިން ބޭރަށް ނިކުމެއްޖެއެވެ. އަދި މާލޭން އަރުވާލި ޒުވާނާގެ އަތަށް ތަށި ދިއްކޮށްލިއެވެ.

ޖޯޑުގެ ބޭރުގައި އަތް ޖައްސައިލައިފައި މާ ހޫނު ނޫންކަން އެނގުމުން ރަހަ ބަލައިލިއެވެ. ހަކުރު ހުރީ ކަރުކަނޑާވަރަށް އަޅައިފައެވެ. ފަން ޖައްސައިގެން ކުރާ ހޫނުކުރީކަން ސައިގައި ލާ ދިލަރަހައިން އެނގުނެވެ.

***********

                       (ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment