އިބްރާހީމް ރަޝީދު މޫސާ
 
އަހަރެއް ނިމި ، އައު އަހަރަކާ ކުރިމަތިލާ އިރު މުސްލިމުންގެ ހިތްތަކަށް ،ކީރިތި ރަސުލާގެ ހިޖްރައިގެ ޛިކްރާތައް ވަދެ ،އައު އަހަރު ރަނގަޅު އަހަރަކަށް ވޭތޯ ދުޢާ ކުރެވެއެވެ. ކީރިތި ރަސޫލާ   ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ހިޖްރައަކީ އިންސާނީ އެހެނިހެން ހިޖްރަކުރުންތަކާ މުޅިން ތަފާތު ހިޖްރައެކެވެ. އިންސާނީ ހިޖްރަކުރުންތަކާ ގުޅިފައިވާ  ފަދަ ބޭއިންސާފުގެ ޢަމަލުތަކާއި،  ލޭއޮހޮރުވުމާއި، ނަސްލު ނައްތައިލުމުގެ އެއްވެސް ކަހަލަ ޢަމަލެއް ، ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މި ހިޖްރަ ކުރެއްވުމުގައި އައިސްފައެއް ނުވެއެވެ. 
 
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page
ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ  ހިޖްރައަކީ އައު ޙަޔާތެއްގެ ފެށުމެކެވެ. އައު ކާމިޔާބުތަކެއްގެ ފެށުމެކެވެ. އައު އުސްމިންތަކަކަށް ވާޞިލުވުމުގެ  ދަހިވެތިކަމުގައި ކުރެވުނު ހިޖްރައެކެވެ. މި ހިޖްރައިގެ ސަބަބުން އިސްލާމީ  ދައުލަތެއް ޤާއިމުވެ އިސްލާމީ ބޮޑު ޙަޟާރަތެއް ޤާއިމުވުމަށް މަގު ކޮށުނެވެ.
 ކީރިތި ރަސޫލާގެ މި ހިޖްރައަކީ ބާޠިލު ޢަޤީދާއާއި ފާސިދު ފިކްރުތަކަށް ލިބުނު ބޮޑު ނާކާމިޔާބެކެވެ.ހަމަ އެފަދައިން އެއީ އިންސާނިއްޔަތުކަމުގެ  ތާރީޚުގައި އިންސާނާއަށް ލިބުނު އައު ފަތަޙައެކެވެ. ރަސޫލާގެ މި ހިޖްރަ ކުރެއްވުމުން އެނގެނީ ކިތަންމެ ދުވަހެއް ވިޔަސް ޙައްޤަށް ވަޠަނެއް ، ހިޔާވަހިކަމެއް ، ނަޞްރުދޭނެ ބަޔަކު ލިބިގެންވާނެ ކަމެވެ. ޙައްޤަށް ހުރަސްއެޅުމަށް ބާޠިލު އަބަދު ވެސް މަސައްކަތް ކުރާނެކަމެވެ. ޙައްޤު ނައްތައިލުމަށް ޓަކައި ފުރްޞަތަށް ބަލަބަލައި، ބާޠިލު އަބަދުވެސް އޮންނާނެ ކަމެވެ.
ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް  އިސްލާމުދީނަށް ޓަކައި މި ކުރެއްވި ހިޖްރަ ކުރެއްވުމުން ޙާޞިލުކުރަން ޖެހޭ ޢިބްރަތްތަކަކާއި ފިލާވަޅުތަކެއް ވެއެވެ. އޭގެ ތެރޭގައި މި ފަހަރު އަޅުގަނޑު ފާހަގަކޮށްލާނީ މި ކަމުގައި އެކަލޭގެފާނު ގެންގުޅުއްވި ރޭވުންތެރިކަމަށެވެ. މި ޒަމާނަށް ބަލައި އިރު ރޭވުމުގައި ހިމެނޭނީ ތިން ސުވާލެއްގެ  ޖަވާބެވެ. އެއީ (ހ) އަހުރެމެންނަކީ ކޮން ބައެއްހެއްޔެވެ ؟ (ށ) އަހުރެމެން ދާން ބޭނުންވަނީ ކޮންތާކަށްހެއްޔެވެ؟ (ނ) އަހުރެމެންނަށް އެ ތަނަށް ދެވޭނީ ކިހިނެއް ހެއްޔެވެ؟
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާއިން މަދީނާއަށް ހިޖްރަކުރެއްވި އިރު ،މި މާނަތައް ރަސޫލާ ގެ  އިސްތަށިފުޅުގައި  ކުރައްސަވާފައި ވަނީ ކިހިނެއްތޯއެވެ؟ މާތްﷲގެ އަމުރުފުޅަށް ކުރެއްވި ކަމެއް ކަމުގައި ވީ ނަމަވެސް ، އެކަލޭގެފާނު ، ﷲއަށް ތަވައްކުލު ކުރެއްވުމަށް ފަހު ، އެކަލޭގެފާނާ ހަވާލު ކުރެއްވި މި މަސްއޫލިއްޔަތު އަދާކުރެއްވުމަށް ޓަކައި ، އަޅުއްވަން ޖެހިވަޑައިގެން ހުރިހާ ފިޔަވަޅުތަކެއް އެޅުއްވިއެވެ.
ހިޖްރައިގެ ސްޓްރެޓެޖީ
އިސްލާމުދީން ނައްތައިލުމަށާއި، އިސްލާމީ ރިސާލަތު މުލުން ލުހެލުމަށް ޓަކައި މުޝްރިކުންގެ ބޮޑުން ރާވަމުންދިޔަ ރޭވުންތަކާއި އެމީހުން ޢަރަބި ކަރައިގެ ވެށީގެ ތެރެއަށް ފަތުރަމުން ދިޔަ  އަނިޔާވެރިކަމާއި ބޭއިންސާފުގެ ތެރޭގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް  މި ދަތުރުފުޅަށް ޓަކައި ސްޓްރެޓީޖިކް ރޭވުމެއް ރޭއްވެވިއެވެ. މި ރޭއްވެވުމުގެ މަލަތަކަކީ
1- ރިސާލަތު ( މިޝަން ) ކަނޑައެޅުއްވުން : އަހުރެމެންނަކީ ކޮން ބައެއް ހެއްޔެވެ؟ އަހުރެމެންގެ ވުޖޫދުގެ ލަނޑުދަނޑިއަކީ ކޮބައިހެއްޔެވެ؟ އަހުރެމެންނާ ކުރިމަތިވެފައިވާ މަސްއަލަތަކަކީ ކޮބައިހެއްޔެވެ؟
އާދެ! ލަނޑުދަނޑި ވަރަށް ސާފެވެ. އެއީ އިސްލާމީ ދަޢުވަތު ފެތުރުމަށް ބޭނުންވާ ބިމެއް މުސްލިމުންނަށް ހޯދައި ދިނުމެވެ. އެ ބިމުގައި އިސްލާމީ ދައުލަތް ޤާއިމުކޮށް އައު އުދަރެސްތަކަކަށް އިސްލާމީ ދަޢުވަތު ފެތުރިގެންދާނެ މަގު ތަނަވަސް ކުރުމެވެ. މި ކަމަށް ހުރަސްއަޅައި ބޮޑު ހުރަހަކީ މައްކާގެ މުޝްރިކުންގެ ބޮޑާކަމާއި ބޯހަރުކަމާއި އަނިޔާވެރިކަމެވެ. އެމީހުންގެ ޙައްދުފަހަނަޅައި ދިޔުން ވަނީ ޚުދު ކީރިތި ރަސޫލާގެ ފުރާނަފުޅު ދުއްވާލުމާ ހަމައަށް ވާޞިލުވެފައެވެ.
2- ވަށައިގެންވާ ވެށި ވަޒަންކޮށް ބެލުން : ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާގައި ތޭރަ އަހަރު ދީނަށް ގޮވައިލެއްވުމުގައި ހޭދަކުރެއްވިއެވެ. އިސްލާމީ ރިސާލަތާއި ދަޢުވަތު ފެތުރުމަށް ޓަކައި މައްކާގެ ބިމަކީ އެކަށީގެންވާ ތަނެއް ނޫންކަން އެކަލޭގެފާނަށް ކަށަވަރުވެ ވަޑައިގަތެވެ. އިސްލާމުދީނާއި، މުސްލިމުންނާ  ދެކޮޅަށް މުޝްރިކުން ކުރަމުން ދިޔަ މަސައްކަތްތައް  ދުވަހުން ދުވަހަށް ދިޔައީ ހަރުކަށިވަމުންނެވެ. މުޝްރިކުންގެ ހިތްތައް ދިޔައީ ގައު ވަމުންނެވެ. އެ ހިތްތައް ހިލައަށް  ވުރެވެސް ހަރުކަން ގަދައެވެ. ހިލަތަކަކަށް ކިތަންމެ ވަރަކަށް މުޚާޠަބު ކުރިއަސް އަޑެއް ނީވޭނެތެވެ. އެހެންކަމުން އިސްލާމީ ދަޢުވަތަށް މައްކާގެ މަގު ވަނީ ބަންދު ވެފައެވެ.އެ ދަޢުވަތަށް އިޖާބަ ދޭނެ ބަޔަކު އެ ރަށުގައި ނެތް ފަދައެވެ. އެކަމަކު، އިސްލާމީ ދަޢުވަތު ބަލައިގަންނާނެ މި ބިން ޢަރަބި ފަސްގަނޑަކަށް ވާން ޖެހެއެވެ. އެހެނީ މި ދީނުގެ ފޮތުގެ ބަހަކީ ޢަރަބި ބަހެވެ. މި ދީނުގެ ރަސޫލާގެ މާދަރީ ބަހަކީ ވެސް ޢަރަބި ބަހެވެ. މި ފަދަ ފަސްގަނޑަކަށް ޠާއިފު ވެދާނެ ކަމަށް އުއްމީދު ކުރެއްވިގެން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޠާއިފަށް ވަޑައިގެންނެވިއެވެ. ޠާއިފަކީ ޢަރަބިންގެ ތެރޭގައި މަތިވެރި މަޤާމެއް ލިބިފައިވާ ރަށަކަށް ވާތީއެވެ.  ނަމަވެސް ރަސޫލުﷲ  ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ޠާއިފުން ލިބިވަޑައިގަތީ ހަމަ މައްކާގެ މުޝްރިކުންގެ ކިބައިން ލިބިވަޑައިގަންފައިވާ  ފަދަ ނޭއްގާނި އިޖާބައެކެވެ. މިހެންވެ ރަސޫލުﷲގެފާނު މައްކާއަށް އަންނަ ސޭލްތަކުގެ މޫސުންތަކުގެ ބާޒާރުތަކަށް ކުރިމަތި ލެއްވިއެވެ.  ޢުކާޡު ބާޒާރާއި، މިޖަންނާ ބާޒާރާއި ، ޛިލް މަޖާޒު ބާޒާރުތަކަށެވެ. މި ސޭލްތަކުން އެއްޗެހި ގަންނަން އަންނަ ޢަރަބީންނާ ބައްދަލު ކުރައްވައި އިސްލާމުދީން އެމީހުންނަށް ހުށައެޅުއްވުމަށް ޓަކައެވެ. ނަމަވެސް ޤުރައިޝުންގެ ބޮޑުންގެ ރުހުން ނުލިބިދާނެތީ މި ބާޒާރުތަކަށް އަންނަ ގިނަ ބަޔަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ  ބަސްފުޅު އަޑު އެހުމަށް ޝައުޤުވެރިއެއް ނުވިއެވެ. މި މީހުންގެ ތެރެއިން އެކަލޭގެފާނަށް އިޖާބަ ދީފާނެ ކަމަށް ފެނިވަޑައިގަތީ ޔަޘްރިބު ( ނުވަތަ މަދީނާ)ގެ މީހުންނެވެ. މިހެންވެ ރަސޫލުﷲގެފާނު އެމީހުންގެ ގާތަށް މަދީނާއަށް ، މުޞްޢަބުގެފާނު ފޮނުއްވިއެވެ. މި ކަމުގެ ސަބަބުން މަދީނާގެ ބިން އިސްލާމުދީނަށް މަރްޙަބާ ކިޔާނެކަން ރަސޫލުﷲގެފާނަށް ކަށަވަރުވެ ވަޑައިގަތެވެ.
3-   ފަހަށް ރައްކައު ކުރެއްވުން : އިސްލާމީ ދަޢުވަތު ފެތުރުއްވުމަށް ޓަކައި އެހެން ބިމެއް ހޯއްދަވަމުން ގެންދެވި ނަމަވެސް ، ރަސޫލުﷲގެފާނަށް މައްކާގެ މުހިއްމުކަން ވަނީ އެނގިވަޑައިގެންފައެވެ. ޤުރައިޝުންގެ ކިބައިގައި ހުރި ޤާބިލުކަމާއި ކެރިފޯރުންތެރިކަން އިސްލާމީ ދަޢުވަތަށް ޓަކައި ބޭނުން ކުރައްވަން ރަސޫލާ ވަނީ ރާއްވަވައިފައެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޠާއިފުން ނުކުމެ ވަޑައިގެން މައްކާއަށް ވަޑައިގެން މަގުމަތީގައި ޖިބްރީލުގެފާނާއި ފަރުބަދަތަކުގެ މަލާއިކަތާ ވަޑައިގެން އެކަލޭގެފާނަށް ޠާއިފުގެ މީހުން ކުރި އަނިޔާއަށް ބަދަލު ހިއްޕަވަން ބޭނުންފުޅުތޯ ދެންނެވުމުން، އެކަލޭގެފާނު ޙަދީޘް ކުރެއްވީ ކީކޭތޯއެވެ. ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަނީ އެބައިމީހުންގެ މައިކަށިތަކުން އަރަހުށި ﷲއަށް އަޅުކަން ކުރާނެ ބަޔަކު ނެރެދެއްވުމަށެވެ. މިއީ އެކަލޭގެފާނުންގެ އޯގާތެރިކަމުގެ އިތުރަށް އެކަލޭގެފާނުގެ ދުރު ވިސްނުންފުޅާއި ދުރު ރާސްތާ ރޭއްވެވުމުގެ މޮޅުކަން ދޭހަކޮށްދޭ ކަމެއް ނޫންތޯއެވެ؟ ކުރިމަގަށް ޓަކައި ހަތުރުވެރިން ފަހަށް ރައްކައުކުރެއްވުމެއް ނޫންތޯއެވެ؟ ޠާއިފުގެ ދުވަހުގައި އަޚްޝަބައިނީގެ ދެ ފަރުބަދަ ދެމެދަށް މައްކާގެ އަހްލުވެރިން ލައި ފިއްތައި ލެވުނު ނަމަ، ޚާލިދު ބުނުލް ވަލީދާއި ، ޢަމްރު ބުނުލް ޢާޞާއި، ޢިކްރިމަތު ބުނު އަބީ ޖަހްލާއި، ސުހައިލު ބުނު ޢަމްރު ފަދަ އިސްލާމީ ކޮމާންޑަރުންތައް ރަސޫލާއަށް ލިބިވަޑައިގަންނަވާނެތޯއެވެ؟ ޠާއިފުގެ އަހްލުވެރިން އިސްލާން ވުމަށް ފަހު ވެގެން ދިޔައީ އިސްލާމުދީނަށް ޓަކައި އެންމެ ބޮޑަށް ޖިހާދު ކުރި ޢަރަބި ޤަބީލާއަށެވެ. އިސްލާމީ އެތައް ފުތޫޙާތުތަކެއް ޠާއިފުގެ ހަނގުރާމަވެރިންގެ އަތްމަތިން ލައިފައި އައިސްފައިވެއެވެ.
4- ބަދީލެއް ހޯދުމާއި ޚިޔާރު ކަނޑައެޅުން : ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އިސްލާމްދީނަކީ ކޮން އެއްޗެއްކަމާއި އެ ދީނުގެ ރިސާލަތަކީ ކޮބައިކަން ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެކަލޭގެފާނަށް ތަނުގެ ވެށްޓާއި ، ކުރިމަތިވެފައި ހުރި ދަތިތައް ރަނގަޅަށް ތަޞައްވުރު ކުރެއްވެއެވެ. އެކަލޭގެފާނުންގެ ސްޓްރެޓެޖީކް ތަޞައްވުރަށް ރިޢާޔަތް ކުރައްވައި  ކުރިއަށް ވަޑައިގަތުމަށް ޓަކައި ހުރި ބަދީލުތަކާ މެދު ވިސްނެވިއެވެ. އެކަލޭގެފާނުގެ ކުރިފުޅު މަތީގައި އޮތް  އެއް ޚިޔާރަކީ މައްކާގައި ދީނަށް ގޮވައިލެއްވުން މަތީގައި ދެމި ހުންނެވުމެވެ. އެކަމަކު އެއީ ފޫ ނެތް ފަޔަކަށް ފެން ފުރުން ފަދަ ކަމެކެވެ. ދެވަނަ ޚިޔާރަކީ އައު ވެށްޓެއް ފެނިވަޑައިގަންނަވާތޯ  ނުކުމެ ވަޑައިގަތުމެވެ. ބަދީލެއް ހޯއްދެވުމުގެ މަސައްކަތްޕުޅުގެ ނަތީޖާ ވަރަށް ފޮންޏެވެ. މި ނަލަ ވައިރޯޅި އައީ ޔަޘްރިބާ ދިމާއިންނެވެ.
5- ފިޔަވަޅު އެޅުއްވުމުގައި މަޑުމަޑުން ކުރިއަށް ވަޑައިގަތުން : ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މި ބުރަ މަސައްކަތުގައި ކުރިއަށް ވަޑައިގެންނެވީ ވަރަށް މަޑުމަޑުންނެވެ. މޭވާ ދޮންވުމުގެ ކުރިން އެ ބިންނަވާކަށް ތަނެއް ނުދެއްވައެވެ. މުޝްރިކުން  މުސްލިމުންނަށް  ދެމުންދިޔަ އަނިޔާތައް ޙައްދުފަހަނަޅައި ގޮސްފައިވާ އިރުގައި ވެސް މުސްލިމުންނަށް ހަތިޔާރުގައި އަތްލުމުގެ ހުއްދައެއް ނުދެއްވައެވެ. އެކަލޭގެފާނަށް ކަށަވަރުވެ ވަޑައިގަންނަވާ ގޮތުގައި މުސްލިމުން ނިކަމެތި ޙާލުގައި ތިބެ ހަތިޔާރު ނަގައިފި ނަމަ ޤުރައިޝުން މުސްލިމުން ވަސް އެ ހިސާބުން ދުއްވައިލާނެއެވެ. އިސްލާމީ ރިސާލަތު އެ ހިސާބުން މަރާލައި ވަޅުލާނެއެވެ. ކީރިތި ރަސޫލާ ޔަޘްރިބުގެ އަހްލުވެރިންނާއެކުގައި ވެސް ޢަމަލު ކުރެއްވީ މި ގޮތަށެވެ. އެންމެ ފުރަތަމަ އެދިވަޑައިގަތި އިސްލާމުދީން ޤަބޫލު ކުރުމަށެވެ. ދެވަނައަހަރު އެމީހުންނާއެކު  ބައިޢަތު ހިއްޕެވީ ރިވެތި އަޚްލާޤައި މާތް ސުލޫކުގެ މަތީގައި މުޢާމަލާތު ކުރުމަށެވެ. އެއަށް ފަހު އެމީހުންނަށް ދީން އުގަންނަ ދެއްވުމަށް ޓަކައި މުޞްޢަބުގެފާނު ފޮނުއްވިއެވެ. އިސްލާމުދީނަށް ނަޞްރު ދިނުމަށާއި އެކަލޭގެފާނަށް ޙިމާޔަތް އެރުވުމުގެ ވާހަކަ އައީ އޭގެ ދެ އަހަރު ފަހުންނެވެ. އިސްލާމީ ދައުލަތް ބިނާކުރުމަށް ބޭނުންފުޅުވާ ބިން ތައްޔާރު ކުރެއްވުމަށް ފަހުގައެވެ. އެމީހުންގެ ތެރެއިން ވެރިން ޢައްޔަން ކުރެއްވުމަށް ފަހުގައެވެ.
6-  ތަޞައްވުރުގެ ސާފުކަން : ޔަޘްރިބުގެ އަހްލު ވެރިން ރަސޫލާގެ ގޮވައިލެއްވުމަށް އިޖާބަ ދިނުމުން އެކަލޭގެފާނުންގެ ތަޞައްވުރުގެ ސާފުކަން ހާމަވެގެން ދިޔައެވެ. އެކަލޭގެފާނު އެބައިމީހުންގެ އިޚްލާޞްތެރިކަން ހުރި މިންވަރު ކަށަވަރު ކުރެއްވިއެވެ. އަދި އެބައިމީހުން ރަސޫލާއަށް ޙިމާޔަތް އަރުވާނެކަމާއި އިސްލާމީ ދައުލަތް ޤާއިމު ކުރުމުގައި ހުރި ފޯރި އެކަލޭގެފާނަށް އެނގިވަޑައިގެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނުންގެ މިސްރާބަކަށް ވީ ޔަޘްރިބެވެ. އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމަށް އެންމެ އެކަށީގެންވާ ބިން އެތަނުގައި އޮތީތީއެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ﷲ ސުބްޙާނަހޫ ދެއްވި މަދަދާއި، ޢިނާޔަތާއި،  ރިޢާޔަތުގެ ސަބަބުން ލިބިވަޑައިގެންފައިވާ ތޫނު ވިސްނުންފުޅާއި، ސާފު ސްޓްރެޓެޖީގެ ތެރެއިން މަގު އެނގިވަޑައިގަތެވެ. އަދި ޙާޞިލު ކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑި އެނގިވަޑައިގަތެވެ. 
ހިޖްރައިގެ ރޭވުން
 އެކަލޭގެފާނުންގެ މާރެސް  ސާފެވެ. ސްޓްރެޓެޖީގެ ހާމައެވެ. އެއީ އެތާނގައި އިސްލާމީ ދައުލަތް ޤާއިމު ކުރެއްވުމަށް ޓަކައި ޔަޘްރިބަށް ވަޑައިގަތުމެވެ. ދައުލަތެއް ނެތި އިސްލާމުދީން ނޯންނާނެތީއެވެ. އިސްލާމުދީން ނެތި އިސްލާމީ ދަޢުވަތު ނޯންނާނެތީއެވެ. އެކަމަކު އަރަހުށި ﷲގެ އަމުރުފުޅަށް އެކަލޭގެފާނު އިންތިޒާރު ކުރެއްވިއެވެ. އެންމެ ފަހުން މި އިޒުނަފުޅު ލިބިވަޑައިގެންފިއެވެ. އެކަމާ ވިދިގެން މި އަމުރުފުޅު ތަންފީޛު ކުރައްވަން ފެށްޓެވިއެވެ. އެއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކެތްތެރިކަމާއެކު އިންތިޒާރު ކުރެއްވި އަމުރުފުޅެކެވެ. ރަސޫލުﷲގެފާނު އަބޫބަކްރުގެފާނުންގެ އަރިހަށް ސިއްރިއްޔާތުގައި ވަޑައިގެން ހިޖްރަޔާ ބެހޭ މަޝްރޫޢު ރޭއްވެވިއެވެ. މަޝްރޫޢަކީ  ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިއާއި އެ ލަނޑުދަނޑިއަށް ވާޞިލުވުމަށް ބޭނުންވާ ވަސީލަތްތައް އެކަށައެޅުމެވެ. މި މަޝްރޫޢުގެ މަލަތަކަކީ :-
 ލަނޑުދަނޑި ސާފެވެ. މުޝްރިކުންގެ ފާރަލުމާއި ރޭވުންތަކުގެ ކުރިމަތީގައި މި މަޝްރޫޢު ތަންފީޒު ކުރާނީ ކިހިނެއްހެއްޔެވެ؟
ފުރަތަމަ ޤަރާރަކީ : މުޝްރިކުންނަށް އޮޅުވައިލެއްވުމަށް ޓަކައި، އަދި ރަސޫލާއަށާއި އަބޫބަކްރުގެފާނަށް މައްކާއިން ނުކުމެ ވަޑައިގެން ޘައުރު ފަރުބަދައާ ހަމައަށް ވަޑައި ގެންނެވެންދެން މުޝްރިކުން އަވަދިނެތިކޮށް ފާރަލުމުގައި މަޝްޣޫލުކޮށް ބައި ތިއްބުމަށް ޓަކައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދާންމަތިކޮޅުގައި ޢަލީގެފާނު އަވަހާރަފުޅު ލައްޕަވައިގެން އޮންނެވުމަށް ހަމަޖެއްސެވުމެވެ.
– އެއަށްފަހު އަބޫބަކްރުގެފާނުންގެ ގެކޮޅުން ނުކުމެ ވަޑައިގެން މައްކާގެ ދެކުނު ފަރާތަށް  ދަތުރުފުޅު ފެށްޓެވުމެވެ. އެއީ ޔަމަނަށް ދަތުރު ކުރާ މިސްރާބެވެ. އެ ގޮތަށް ރޭއްވެވީ،  މުޝްރިކުން އެކަލޭގެފާނު ހޯދުމަށް ނުކުންނާނެކަން އެނގިވަޑައިގަންނަވާތީއެވެ. ޤުރައިޝުން އެކަލޭގެފާނު ފެނޭތޯ މަސައްކަތް ފަށާނީ މައްކާގެ އުތުރު ފަރާތުން ކަމަށް ކަށަވަރުވެ ވަޑައިގަންނަވާތީއެވެ.
– އެކަލޭގެފާނު ހޯދުމަށް ޤުރައިޝުން ކުރާ މަސައްކަތް ކޮންމެވެސް ވަރަކަށް މައިތިރިވަންދެން މަޑުކޮށްލެއްވުމަށް ޓަކައި ޘައުރު ފަރުބަދަ އިޚްތިޔާރު ކުރެއްވީއެވެ. ޔަޘްރިބާ ދިމާއަށް ދަތުރުފުޅު ފަށްޓަވަން ހަމަޖެއްސެވީ ތިން ދުވަހު އެތާނގައި މަޑުކޮށްލެއްވުމަށް ފަހުގައެވެ. އެ ދެބޭކަލުންގެ ދަތުރުފުޅުގެ އާރުކާޓިއަށް އެ ގޮތަށް އަންގަވައިފައި ވެއެވެ. މި ދަތުރުފުޅަށްޓަކައި އަބޫބަކްރުގެފާނު ތައްޔާރު ކުރެއްވި ދެ ސަވާރީ ވަނީ އާރުކާޓީއާ ހަވާލު ކުރައްވައިފައެވެ.
– މިތަޖްރިބާކަރު އާރުކާޓީއަކީ މައްކާ- މަދީނާ މަގުތައް ރަނގަޅަށް ދަންނަ މާލިމީއެކެވެ. އޭނާއަށް އަންގައވައިފައި ވަނީ ޢާއްމުކޮށް މީހުން ދަތުރުކޮށް ނޫޅޭ އުދަނގޫ މަގަކުން މި ދަތުރުފުޅު ކުރުމަށެވެ.
– ރަސޫލާ   ޞައްލަﷲ ޢަލައިހި ވަސައްލަމް މި ދަތުރުފުޅަށް ރާއްވަވައި، މި ދަތުރުފުޅުގެ މަސައްކަތު  ޓީމެއް އެކުލަވައިލައްވައި ، އެއިން ކޮންމެ މީހެއްގެ މަސައްކަތް މި އަންނަ ގޮތަށް ކުރެއްސެވިއެވެ.
އަބޫ ބަކްރުއްޞިއްދީޤު – ދަތުރުފުޅުގެ އެކުވެރިޔާ
މުޝްތަޝާރު  އަދި ސީއީއޯ
ޢަލީ ބުނު އަބީ ޠާލިބު
މުޝްރިކުންނަށް އޮޅުވައި ލެއްވުމުގެ ގޮތުން ރަސޫލާގެ ދާންމަތިކޮޅުގައި އަވަހާރަފުޅު ލެއްޕެވުން . އެ ރޭ މުޝްރިކުން ތިބީ ރަސޫލާ އަވަހާރަކޮށްލުމަށް ޓަކައި ކަނޑި އުރައިން ދަމައިގަނެގެން ، އެކަލޭގެފާނުންގެ ގެކޮޅުގެ ބޭރުގައެވެ. ފަތިސް ނަމާދަށް ނުކުމެ ވަޑައިގަންނަވާ ވަގުތުގެ އިންތިޒާރުގައެވެ.
– އަމާނަތްތައް ރައްދު ކުރެއްވުން : އިސްލާމީ ރިސާލަތުގެ މަތިވެރިކަމާއި ރަސޫލާގެ މަތިވެރި އަޚްލާޤު މިކަމުން ހާމަވެއެވެ. ދުޝްމަނުން ކަމުގައި ވިޔަސް އަމާނަތަށް މުސްލިމުން ޚިޔާނަތްތެރިވެގެން ނުވާނެއެވެ. މި ޒަމާނުގައި ފެންނަނީ މިހެންތޯއެވެ. ހުޅަނގުގެ ޤައުމުތަކުގެ ބޭންކްތަކުގައި  ބަހައްޓާފައި ހުރި ޢިރާޤުގެ ފައިސާތަކަށް، އީރާނުގެ ފައިސާތަކަށް ، ލީބިޔާގެ ފައިސާތައް ގަނޑުކޮށްލީ ނޫންތޯއެވެ.
– މި އަމާނަތްތައް އޭގެ ވެރި ފަރާތްތަކަށް  ރައްދު ކުރެއްވުމަށް ފަހު ޤުބާއަށް ވަޑައިގެން ރަސޫލާއާ ބައްދަލު ކުރެއްވުން
 
ޢަބްދުﷲ ބުނު އަބީބަކްރު
ޤުރައިޝުންގެ ޚަބަރުތައް ހޯއްދަވައިގެން ރަސޫލާގެ އަރިހަށް ގެނެސް ދެއްވުން. ޢަބްދުﷲގެފާނު ޘައުރު ހޮހަޅައަށް ވަޑައިގަންނަވަނީ ރޭގަނޑު އަދިރިވެ މީސްތަކުން ހަމަހިމޭން ވުމުންނެވެ.
އަސްމާއު ބިންތު އަބީބަކްރު
ހިޖްރައިގެ ދަތުރުފުޅަށް ބޭނުންވާ ކޮއްތު ތައްޔާރު ކުރުން. މި ކޮއްތުގައި ހިމެނޭ ތަފާތު ބާވަތްތައް އަޅުއްވާނެ ބޮކުސާއެއް ހެއްދެވުމަށްޓަކައި އެކަމަނާގެ ހެދުންކޮޅު ދެ ފަޅިއަށް އިރައިލެއްވިއެވެ. މި ކަމުގެ ސަބަބުން އެ ކަމަނާއަށް ޛާތުއްނިޠާޤައިނީގެ ލަޤަބު އެރުވުނެވެ.
ޢާމިރު ބުނު ފުހައިރާ
ރަސޫލާއަށާއި އަބޫބަކްރުގެފާނަށް ބޭނުންފުޅުވާ ކިރުފޮދު އެރުވުން. އޭނާ މިކަން ކުރެއްވީ އޭނާ ހުއިހައްޕުވާ ބަކަރިތަކުން ބަކަރިއެއް ޘައުރު ފަރުބަދަ ދޮށަށް ދެންގޮސް އެތީގެ ކިރު ފެލައިގެންނެވެ.
– ޢަބްދުﷲ ބުނު އަބީ ބަކްރުގެފާނު އެ ހޮހަޅައަށް ވަޑައިގަންނަވާ އިރުގައި ބިން މަތީގައި ހުންނަ  ފިޔަވަޅުފުޅުތަކުގެ އަސަރުތައް ފުހުން. މިކަން ކުރަނީ އެ ބަކަރި މުޅި އެ ހިސާބުގައި ދުއްވައިގެންނެވެ.

ޢަބްދުﷲ ބުނު އުރައިޤިޠު
އަމާނަތްތެރި ތަޖްރިބާކާރު އާރުކާޓީ
މަތީގައި މި ދެންނެވި ޚާއްޞަ ބާރުގެ މެންބަރުންނަށް ބަލައިލައި އިރު ، ރަސޫލުﷲގެފާނު އެކުލަވައިލެއްވި އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ޓަކައި މި އެކުލަވައިލެއްވި ޓީމުގައި ހިމެނޭ ބޭކަލުންނަކީ ކަމުގެ ޤާބިލުކަން ލިބިވަޑައިގެން ތިއްބެވި ، ވަފާތެރި، ޤާބިލު ބޭކަލުންތަކެއް ކަން އެނގެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް  ކޮންމެ ބޭކަލަކާ ވެސް ޙަވާލު ކުރެއްވީ އެ ބޭކަލަކާ އެންމެ އެކަށީގެންވާ މަސައްކަތެވެ.
މިއީ ފަސޭހަކަމެއް ކުރުމަށް އެކުލަވައިލެވުނު ބާރެއް ނޫނެވެ. މިއީ އިސްލާމުދީން ދެމި އޮތުމާއި ފަނާވެ ދިޔުމުގެ މުހިއްމު މަސައްކަތަށް ތައްޔާރު ކުރެއްވި ބާރެކެވެ. އޭގެ ތަފްޞީލުތައް ދިރާސާ ކުރެވިގެން ރޭވުނު ވިސްނުންތޫނު ރޭވުމެކެވެ. އެއްވެސް ކަމެއް ވެދާނެކަމަކަށް ދޫކޮށްލައްވައިފައެއް ނުވެއެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް  މި ކަންތައް ރާއްވަވަމުން ގެންދެވި އިރު ، މި ކަން ކާމިޔާބުކޮށް ދެއްވުމަށާއި ، މިކަން ސިއްރުކޮށް ވަންހަނާކޮށްދެއްވުމަށް އެދި ދުޢާ ކުރައްވަމުން ގެންދެވިއެވެ. ކޮންމެ ފިޔަވަޅެއް އަޅުއްވަމުން ގެންދެވީ ﷲގެ ޙަޟްރަތަށް އިބްތިހާލުވެ ވަޑައިގަންނަވަމުންނެވެ. މި ގޮތަށް ރޭއްވެވުމަށް ފަހު ﷲއަށް ވަކީލު ކުރެއްވިއެވެ. މިހެންވެ މާތްﷲ ވަޙީ ކުރައްވަނީ ” وَإِذْ يَمْكُرُ بِكَ ٱلَّذِينَ كَفَرُوا۟ لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَـٰكِرِينَ  – الأنفال : 30-  ކާފިރުވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު، ހަނދުމަކުރައްވާށެވެ! އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ. އަދި اللَّه (އެއުރެންގެ ރޭވުންތައް، ބާޠިލު ކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) ތަދްބީރު ކުރައްވަތެވެ. اللَّه އީ، މަކަރުވެރިންނަށްވުރެ، ތަދްބީރު ކުރެއްވުން މޮޅު ރަސްކަލާނގެއެވެ.”
އާދެ! މިއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ހިޖްރައެވެ. މިއީ އެ ހިޖްރައިގެ ބައެއް ދަރުސްތަކެވެ. އަޅުގަނޑުމެންގެ ތާރީޚު ނިސްބަތް ކުރެވެނީ އެ ކަމަށެވެ. އަޅުގަނޑުމެން މުސްލިމުން ނިސްބަތް ވަނީ އެކަމަށެވެ. ކީރިތި ރަސޫލާގެ ޞަޙާބީން ނިސްބަތްވަނީ އެ ކަމަށެވެ. މަދީނާ ނިސްބަތް ވަނީ އެ ކަމަށެވެ. އިސްލާމުދީނުގެ ދައުލަތް ނިސްބަތް ވަނީ އެކަމަށެވެ.
—————————-
 

  
About the author