އެ ހަނދާނުގެ ދުނިޔެއިން ޙަޤީޤީ ޢާލަމަށް އަހަރެންނަށް އާދެވުނީ އަހަރެން ކައިރީގައި އޮތް ޝިމްލާ ބޯ ހިއްލައިލައިފައި އަހަރެންނާ މުޚާތަބް ކޮށް އެއްޗެއް ބުނީމައެވެ.  “ނަޞީރު… އަދިވެސް ނިދި ނުކުރައްވަންތޯ!” އޭނާ އަހައިލިއެވެ.  “މިރޭ މިއުޅެނީ އަދި ނުނިދިގެން… ހީވަނީ މިއަދުގެ މާ މަސައްކަތް ބޮޑު ވީހެން.”  “އެހަައި މަސައްކަތް ބޮޑު ވާހަކައެއް ނުބުނުއްވަމު… އެހެންނަމަ އަޅުގަނޑުވެސް ނުނިދީމުސް.” “އަޅުގަނޑު އެ ވާހަކަ ނުބުނީވެސް ތިޔަހެން ވެދާނެތީ… ޝިމްގެ ނިދި ނަގާލާކަށް އަޅުގަނޑު ބޭނުމެއް ނޫން…”  “އަޅުގަނޑު…”…

އެ ހަނދާނުގެ ދުނިޔެއިން ޙަޤީޤީ ޢާލަމަށް އަހަރެންނަށް އާދެވުނީ އަހަރެން ކައިރީގައި އޮތް ޝިމްލާ ބޯ ހިއްލައިލައިފައި އަހަރެންނާ މުޚާތަބް ކޮށް އެއްޗެއް ބުނީމައެވެ.

 “ނަޞީރު… އަދިވެސް ނިދި ނުކުރައްވަންތޯ!” އޭނާ އަހައިލިއެވެ.

 “މިރޭ މިއުޅެނީ އަދި ނުނިދިގެން… ހީވަނީ މިއަދުގެ މާ މަސައްކަތް ބޮޑު ވީހެން.”

 “އެހަައި މަސައްކަތް ބޮޑު ވާހަކައެއް ނުބުނުއްވަމު… އެހެންނަމަ އަޅުގަނޑުވެސް ނުނިދީމުސް.”

“އަޅުގަނޑު އެ ވާހަކަ ނުބުނީވެސް ތިޔަހެން ވެދާނެތީ… ޝިމްގެ ނިދި ނަގާލާކަށް އަޅުގަނޑު ބޭނުމެއް ނޫން…”

 “އަޅުގަނޑު…”

 “ދެން އަޅުގަނޑުވެސް މިނިދަނީ. ޝިމްވެސް ނިދިކުރައްވާ.”

އަހަރެންގެ އިޙްސާސްތައް ފޮރުވަން ކުރެވުނު މަސައްކަތްތައް ވީ އަހަރެންނަށް ކުށެއް ކުރެވޭކަން ޤަބޫލު ކުރުމަށް ވެވުނު އިޙްސާސެއް ކަމަށެވެ.

އަހަރެން ބޯދޮށުން އަތް ނަގައިފައި ބާލީހުގައި ރަނގަޅަށް ބޯއަޅާލީމެވެ. އަދި ނިދުމަށް މަސައްކަތް ކުރާގޮތް ދައްކާލުމާއެކު ޝިމްލާއަށް އިވޭވަރަށް ޝަހާދަތާއި ކުރުސި ކިޔާލީމެވެ.

އެކަމަކު އަހަރެންގެ ހިތުގައި އަދިވެސް ވަނީ އެހަނދާނެވެ. މިއަދު މަދީޙާ ފެނުމަށްފަހު އަހަރެންނަށް ވީގޮތެވެ. އަހަރެންނަށް އައިބަދަލެވެ. އަހަރެންނަށް ކުރެވުނު ކަންތައްތަކެވެ.

އެދުވަހު ބޯހިމެނުމަށް ޓަކައި އަހަރުމެން ވަންނަން ހަމަޖެހިފައި ހުރި ހުރިހާގެއަކަށް ވަނުމަށްފަހު އެނބުރި އޮފީހަށް އައުމާއެކު އަހަރެންނަށް ކުރެވުނު ކަމަކީ އަހަރެންގެ މޭޒުވަތްގަނޑު ތެރޭގައި ހުރި ކަރުދާސްތަކެއް ހޭވުމެވެ. ނޫން، މިބުނެވުނީ މުޅީން ތެދަކަށް ނޫނެވެ. އަހަަރެން މަސައްކަތް ކުރީ އެވަތްގަނޑުގައި އަހަރެން ރައްކާކޮށްގެން އުޅޭ ސިޓީއެއް ހޯދުމަށެވެ. އެސިޓީ ފެނުނީ ވަރަށް ބޮޑަށް ވަތްގަނޑުތެރެ ހޭވިފަހުންނެވެ. އެސިޓީ އަހަރެން ފޮރުވީ ފަހުން އެސިޓީ ކިޔަން ނުޖެހޭނެ ކަމަށް ޔަޤީންކޮށްގެންނެވެ. އަދި އެސިޓީ ކިޔަން އަހަރެން ދުވަހަކުވެސް ދެން ބޭނުމެއްނުވާނެއޭ ހީކޮށްފައި ވެސްމެއެވެ.

އެކަމަކު އެދުވަހު އެސިޓީ ކިޔައިލުމަށް އަހަރެންގެ ހިތް އަހަރެންބަށް މަޖްބޫރު ކުރީއެވެ. އަހަރެންގެ ޙިއްޞުތައް އެކަމަަށް ބާރުއެޅީއެވެ.

އެސިޓީއަކީ މަދީޙާ އަހަރެންނަށް ފޮނުވި އެތައް ސިޓީ ތަކެއްގެ ތެރެއިން އެންމެފަހު ސިޓީއެވެ. އެސިޓީ އަހަރެންނަށް ލިބިފައިވަނީ މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރީން އަހަރެން މަދީޙާ މެންގެ ގެއިން ނުކުމެގެން ދިޔަތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

އެސިޓީ ލިބުނު ދުވަހު އަހަރެން ވަރަށްގިނަ ފަހަރު އެ ސިޓީކީމެވެ. އޭގައިހުރި އެކިއެކި ޖުުމުލަ ވަކިވަކިން އެކި ގޮތް ގޮތަށް މާނަކޮށް ހިތަށް ނެގީމެވެ. އަދި ދެތިން ހަތަރު ދުވަސް ވަންދެން އެސިޓީ އަހަރެންގެ ޖީބުގައި އަހަރެންގެ ހިތާ އެންމެ ކައިރިވާނެ ގޮތަށް ގެންގުޅުނީމެވެ.

އަދި އެންމެ ފަހުން އެސިޓީ ގެނެސް އޮފީހުގައި ހުންނަ އަހަރެންގެ މޭޒުގެ ވަތްގަނޑެއްގައި ފޮރުވީއެވެ.

އެދުވަހު އަހަރެން ސިޓީ އަލުން ބަލައިލީމެވެ. ރީތި މަޑުނޫކުލައިގެ ކްރޮގްސްލީ ގަނޑެއްގައި ލިޔެފައިވާ ސިޓީއެކެވެ. މަދީޙާގެ ލިޔުމަކީ ރީތި ލިޔުމެކެވެ. އަކުރުތައް ވަކިވަކިން އަދި ކުދިކޮށް ހުންނަ ލިޔުމެކެވެ.

ސިޓީ ފަށައިފައި ވަނީ “އަބަދުވެސް އަޅުގަނޑު އެންމެ ލޯބިވާ އަދި އެންމެ ލޯބިވާނެ ނަޞީރަށް” މުޚާތަބު ކޮށްފައެވެ. ދެން އޮތީ އަހަރެން އެގެއިން ނުކުންނާން ޖެހުނު ސަބަބަކަށްވީ އޭނާގެ ލޯބިކަމަށް ވީ ކަމާ މެދު ހިތާމަ ކުރާ ވާހަކަ ބަޔާންކޮށް ފައެވެ. މަދީޙާ ލިޔެފައި އޮތެވެ.

“އަޅުގަނޑު އަބަދުވެސް ދެރަވަނީ ނަޞީރު މިގެއިން ނުކުންނަވަން ޖެހިލެއްވި ސަބަބަކީ އަޅުގަނޑު ކަމުގައި ވީ ކަމެވެ. އަޅުގަނޑަށް ކަލާ ދެކެ ވެވުނު ލޯބި ކަމުގައި ވީ ކަމެވެ. އެކަމަކު ނަންގަންނަންތޯއެވެ؟ އަޅުގަނޑަށް ކަލާ ދެކެ ލޯބިވެވުނުކަން އަޅުގަނޑު ދެކޭނީ އަބަދުވެސް އަޅުގަނޑު އެންމެއުފާވާ ކަންތައް ކަމުގައެވެ. އަޅުގަނޑު އަބަދުވެސް އެންމެ ލޯބިވަނީ އަދި އެންމެ ލޯބިވާނީވެސް ހަމަ ކަލާދެކެއެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ލޯބިވެވޭނީ އެންމެ މީހެއްދެކެއެވެ. އެންމެ ފަހަރަކުއެވެ.”

އެދުވަހު، ސިޓީގެ އެ ހިސާބަށް ކިޔައިލެވުނުއިރު އަހަރެންގެ ހިތަށް ވެރިވެގެންދިޔައީ އެއީ ތެދެއްބާވައޭ ކުރެވުނު ސުވާލެވެ. އަހަރެން ޝިމްލާ ދެކެ މިވަނީ އަނެއްކާ ލޯތްބެއްނޫން ބާވައެވެ. އަހަރެންގެ ހިތަށް އެރިއެވެ. “އަހަރެން ހަމަގައިމުވެސް މަދީޙާ ދެކެ ލޯބިވީމެވެ. އެކަމަކު އަހަރެން ޝިމްލާދެކެވެސް މިވަނީ ހަމަ ޔަޤީނުންވެސް ލޯތްބެވެ. ލޯބިއެތައް ފަހަަރަކުވެސް ވެވިދާނެއެވެ. އެތައް ބަޔަކު ދެކެވެސް ވެވިދާނެއެވެ.” އަހަރެންގެ ހިތުގެ ތެރޭގައި ތަފާތު ޚިޔާލުތައް ހިނގައިގަތެވެ.

“އަހަރެން ޝިމްލާ ދެކެ މިވަނީ ހަމަ އެންމެ ފުރިހަމަ ލޯތްބެވެ. އަހަރެން އެންމެ ލޯބިވަނީ ޝިމްލާ ދެކެއެވެ. އަހަރެން އެހެންމީހެއްދެކެ ލޯތްބެއް ނުވެއެވެ. އަހަރެން އެހެން މީހެއްދެކެ ލޯތްބެއް ނުވެއެވެ. އަހަރެން… ޝިމްލާ ދެކެ ލޯބިވޭ…”

“ނަޞީރު… ނަޞީރު… އަނެއްކާ ކީއްވީތޯ…؟” އަހަރެންގެ ކޮނޑުގައި އަތްޖައްސައިލައިފައި ކުޑަކޮށް ތަޅުވައިލުމާއެކު ޝިމްލާ ބުނެލިއެވެ. އޭރު އޭނާ މަޑުމަޑުން ތެދުވެ އެނދުމަތީ ގައި އިށީންނަނީއެވެ.

އަހަރެންނަށްވެސް ހޭވެރިކަން ވެއްޖެއެވެ. އެދުވަހު އޮފީހުގައި އަހަރެން ސިޓީ ކިޔަން އިން އިރު ހިތަށް އެރި އެއްޗެތިތައް ބަސްތަކެއްގައި ސިފައިގައި އެމުނިގެން އަހަރެންގެ ދުލުން ކިޔެމުންދިޔައީ އެވެ. ހަނދާނެއްގެ ތެރޭގައި އޮޔާ ދަމުންގޮސް ހޭލާ އޮތުމާއި ނިދުމާ ދެމެދުގައިވާ ދުނިޔެއަަކަށް ވަދެވުނީއެވެ. ޙަޤީޤަތާއި ހުވަފެނާ ދޭތެރޭގައި އޮތް މަންޒިލަކަށް ދެވުނީއެވެ.

ކޮންމެއަކަސް އަހަރެންނަށް ހީވާގޮތުގައި އަހަރެންގެ ނަސީބު ރަނގަޅުކަމުން އަހަރެން ކައިރީގައި އޮތް ޝިމްލާއަށް އިވުނީ އަހަރެން އޭނާ ދެކެ ލޯބިވާ ވާހަކަ ދެއްކިއަޑެވެ. އަހަރެންގެ ހިތުގައި ހިނގަމުންދިޔަ އެހެން ވާހަކަތަކެއް އޭނާއަށް އެނގުނު ހެނެއް ހިޔެއްނުވެއެވެ.

“ނަޞީރު… މިރޭ ތިޔަ އުޅުއްވަނީ ކިހިނެއްތޯ؟” ޝިމްލާ ނުލާހިކު އޯގާވެރި އަޑަކުން އަހައިލިއެވެ. އަޑުގައި ވަނީ ލޯބިވެރިކަމެވެ. ޝަކްވާއެއް ނޫނެވެ. ހަމްދަރްދީ އެވެ. ނުކުޅެދުމެއް ނޫނެވެ.

 “އަޅު… އަޅުގަނޑު… ނިދޭތޯ… އުޅެނީ…” އަހަރެންނަށް ޖަވާބު ދެވުނީ އަޅަ އަޅައިގަންނަމުންނެެވެ. ޔަޤީންކަމެއް ނެތް ގޮތެއްގަ އެވެ.

 “ޝަހާދަތާއި ކުރުސި ކިޔުއްވި އަޑު އަޅުގަނޑު އެހިން. އެކަމަކު އޭގެ ފަހުން އަޅުގަނޑަށް އިވުނީ އެހެން ވާހަކަތަކެއް ދައްކަވާ އަޑު. ހީވަނީ ކޮންމެވެސް މީހަކާ…”

 “ނޫން ޝިމް. މިތާނގައި އަޅުގަނޑާ ޝިމްއާ ނުނީ ދެން އުޅެނީ ކާކުތޯ؟ އަޅުގަނޑު ވާހަކަ ދައްކާނީ ދެން ކާކާތޯ؟” އަހަރެންނަށް ވެގެން އުޅޭގޮތް ފޮރުވޭތޯ މަސައްކަތް ކުރީމެވެ.

 “އެކަމަކު… ނަޞީރު… އަޅެ ބުނުއްވަބައްލަވާ. މިރޭ ވެގެން ތިޔައުޅުއްވަނީ ކީއްތޯ؟ މިރޭ ހަމަގައިމުވެސް އެހެންރޭރެއާ ވަރަށް ތަފާތު.” ޝިމްލާގެ އަޑުގައި އިލްތިޖާގެ އަސަރު އެކުލެވޭގޮތް ވާންފެށިކަން އަހަރެންނަށް އިޙްސާސް ކުރެވުނެވެ.

 އެހެނަސް އަހަރެންނަކަށް އެއްވެސް އެއްޗެއް ނުބުނެވުނެެވެ.

 “އަނެއްކާ ނަޞީރު އަޅުގަނޑުގާތު ނުބުނުއްވާ ކަހަލަ ވާހަކައެއް އުޅެނީތޯ…؟” ޝިމްލާ އަހާލިއެވެ. “އެހެންކަމަށް ވާނަމަ އަޅުގަނޑަށް މާފު ކުރައްވާ… އެކަމަކު…”

  “ނޫން ޝިމް. އަޅުގަނޑު… ޝިމް ގާތުގައި ނުުބުނާވަރުގެ ވާހަކައެއް މިހާރަކު ނޯންނާނެ…” އެހެން ބުނެވުނުއިރު އަހަންނަށްވެސް ތެދުވެ އެނދުމަތީގައި އިށީނދެވިއްޖެއެވެ.

 ޝިމްލާ އިނީ އަހަރެންނާ ވަރަށް ކައިރީގައެވެ. އޭނާގެ ނޭވާ އަވަސްވެފައިވާކަން އަހަރެންނަށް އެނގުނެވެ. އެހެންކަމުން އިހަށްވުރެވެސް  އޭނާ އަހަރެންނާ ކައިރިކޮށްލީމެވެ. އަދި މަޑުމަޑުން އޭނާގެ ބުރަކަށީގައި ފިރުމާލީއެވެ. އަދި އަހަރެންގެ ނޭވާގެ ހޫނުކަން އޭނާގެ ކަރުދޮށަށް ފޯރާހިސާބަށް އަހަރެންގެ މޫނު އޭނާއާ ކައިރިކޮށްލީމެވެ. އެއީ އަހަރެންނަށް ގޮތެއް ވެގެން ނޫޅޭކަމަށް އޭނާއަށް ދެއްކޭތޯ ކުރެވޭކަންތަކެވެ.

 ކޮޓަރިތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ފަނޑުފަނޑު ރީނދޫކުލައިގެ އައްޔެކެވެ. އަހަރެންގެ ފިރުމާލުމާއި ކައިރިވެލުން ޝިމްލާއަށް ކަމުދާކަމަކަށް ވީކަން ނޭނގެއެވެ. އޭނާ އެއްވެސް އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ. ކޮންމެ ރެއަކުވެސް ނިދަން އޮށޯންނަމުން އޭނާ ބޭނުންކުރާ ސެންޓުގެ މީރުވަސް ނޭވާގެ ވަޔާއެކު އަހަރެންގެ ފުއްޕާމޭގެ ތެރެއަށް ދިއުމުން އަހަރެންގެ ހަށިގަނޑުގައި އެވަގުތު ހިނގަމުންދިޔަ ލެޔަށްވަނީ ވަަރަށްބޮޑު ބަދަލެއް އައިސްފައެވެ.

 އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. “މިރޭ އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަަރެންނަށް މިއަދު މިދިމާވި ކަންތަކުގެ ވާހަކަ ޝިމްލާއަށް ކިޔާދޭނީހެއްޔެވެ. އަހަރެންގެ މާޒީގެ ޞަފްޙާތައް އޭނާގެ ކުރިމަތީގައި ހުޅުވާލަންވީ ހެއްޔެވެ؟ އޭރުން އަނެއްކާ އޭނާގެ ހިތުގައި އަހަރެންނާމެދު އުފެދޭނީ ކޮންކަހަލަ ޝުޢޫރުތަކެއް ބާވައެވެ؟ އަހަރެންގެ ހިތުގައި އެހެންމީހެއްގެ ހަނދާންތަކެއް އެބަގެންގުޅޭކަން އޭނާއަށް އެނގިއްޖެނަމަ އޭނާއަށް ވާނީ ކިހިނެއް ބާވައެވެ؟”

 “ނަޞީރު… އަޅުގަނޑު… އަޅުގަނޑަށް އިތުބާރު ނުކުރައްވަނީތޯ…؟” ޝިމްލާ ބުނެލިއެވެ. އަހަރެންނަށް ހީވީ އަހަރެންގެ ހިތަށް އަރަމުންދިޔަ އެއްޗެތި އޭނާއަށް އެނގުނީހެންނެވެ.

 “ނަޞީރު… އަޅުގަނޑަށް އިތުބާރު ނުކުރައްވަނީތޯ…؟ ނޫންނަމަ ނަޞީރު ހިތްހަމަޖެހިނުލައްވާ ކަހަލަ ކަމެއް އަޅުގަނޑަށް ކުރެވުނީތޯ؟… އަޅެ ނިކަން ބުނުއްވަބައްލަވާ. އަޅުގަނޑު ހަމަގައިމުވެސް…”

 “ނޫން ނޫން. ޝިމް. އެކަހަލަ އެއްވެސް ކަމެއްނޫން… މިއަދު ދިމާވި ކަމަކުން އަޅުގަނޑަށް ވެގެންއުޅޭ ގޮތެއްމީ!” އަހަރެންނަށް އެހެންބުނެވުނީ މުޅިން ބޭއިޚްތިޔާރުގައެވެ. ނަމަވެސް އެެހެން ބުނެވިއްޖެއެވެ. ދެންވާނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. އެހެން ބުނެވުނީތީ އަދި މާހާސްވެއްޖެއެވެ.

 ޝިމްލާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާ އަމިއްލައަށް އަހަރެންނާ ތަންކޮޅެއް ބޮޑަށް ކައިރިވެލިއެވެ. އަދި އޭނާގެ މޫނު އަހަރެންނާ ދިމާއަށް އަނބުރާލިއެވެ. މިހާރު އޭނާގެ އަވަސްވެފައިވާ ނޭވާތަކުގެ ހޫނުވައިގެ އަސަރު އަހަރެންގެ މޫނަށް ހަމަރަނގަޅަށް އިޙްސާސް ކުރެވެއެވެ. ޝިމްލާގެ ކަނާއަތުގެ ހިމަހޯދި އިނގިލިތައް އަހަރެންގެ ވަތްފަރާތު ކޮލުގައި ޖައްސާލިއެވެ. އަހަރެންނަށް އެވަގުތު ވެގެންދިޔައީ އޭގެ ކުރިން ދުވަހަކުވެސް ނުވާގޮތެކެވެ. ކޮލުގެ މަސްތައް އައްސިވީހެން ވެސް ހީވިއެވެ. މުޅި މޫނަށް ހަށިގަނޑުގެ ހުރިހާލެއެއް އައިސް މޫނަށް ބަރުވެގެންދިޔަހެންވެސް ހީވިއެވ. ޝިމްލާގެ އިނގިލިތަކުގެ ކުޑަކުޑަ ބާރަކުން އަހަރެންގެ މޫނު އޭނާގެ މޫނާ ދިމާއަަށް ތެދުކޮށްލިއެވެ. އޭނާ އާއި އަހަރެންގެ ހަތަރުކަޅި ހަމަވާގޮތް ވެއްޖެއެވެ. އޭނާގެ ތޫނުފިލި ލޮލުން ފޮނުވާދޯދިތައް އަހަރެންގެ ލޯ ތޮރުފަމުން ދިޔައެވެ. އެވަގުތު އަހަރެންނަށް ފެންނަނީ ހަމައެކަނި ޝިމްލާގެ ލޮލެވެ. އޭނާގެ މޫނެވެ. އެެލޮލާއި އެމޫނުން ފޮނުވަމުންދާ ލޯބީގެ ދަޢުވަތުތަކެވެ.

 “މިހާރު ޝިމްލާގެ ހިތުގައި އޮންނާނީ ކީކޭބާވައެވެ؟ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. “މިއަދު ދިމާވި ކަމަކުން ވެގެންއުޅޭ ގޮތެކޭ މިއޮތީ ބުނެވިފައެވެ. ދެން އެވާހަކަ ބުނެނުދެނީސް ހަދާނީ ކިހިނެއް ބާވައެވެ؟ އަހަރެން މިއަދު މިވަނީ އަހަރެންގެ މާޒީއާ ވަކިވެފައިކަން އޭނާއަށް ގަބޫލުކުރެެވޭނެ ބާވައެވެ؟”

 ތަނަށް ވެރިވެފައިއޮތް ހިމޭންކަން އަނެއްކާވެސް ކަނޑުވާލީ ޝިމްލާއެވެ.

 “ނަޞީރު… މިއަދު ދިމާވީ ކޮންކަހަލަ ކަމެއްތޯ؟ އަޅުގަނޑު ގާތު ބުނުއްވަބައްލަވާ..! އޭރުން އަޅުގަނޑަށް ކޮށްދެވެން އޮތް ކޮންމެކަމެއްވެސް ކޮށްދޭނަން. ނަޞީރު ތިޔަހެން އުޅުއްވާތަން ދެކެން އަޅުގަނޑެއް ނޭދެން.”

 “އަޅުގަނޑު މިނަންގަތީ ނަޞީރު ނިދިނުކުރެއްެވިގެން އުޅުއްވާ ވާހަކަ… އަޅުގަނޑު އެކަމާ ދެރަވީ… މިއަދު ދިމާވެގެން ތިޔަ އުޅުއްވަނީ އަނެއްކާ އޮފީހުގެ ކަމެއްތޯ؟

 “ނޫން.” ޝިމް އެކަހަލަ ކަމެއްނޫން. މުޅީން އަމިއްލަަަަކަމެއް…” އަނެއްކާވެސް އަހަރެންނަށް ވާހަކަ ކުރިއަށް ގެންދަން ދަތިވިއެވެ. ނަމަވެސް އެނޫން ގޮތެއް ނެތެމުން ދާކަން އަހަރެންނަށްވެސް ވިސްނެންފަށައިފިއެވެ.

 “އެހެންވިއްޔާ ދެން ބުނުއްވަބައްލަވަ… ނަޞީރުގެ އަމިއްލަކަމެއް މިއަދު އަޅުގަނޑު ގާތު ނުބުނުއްވާވަރުގެ ކަމެއް އޮންނާނެ ކަމަކަށް އަޅުގަނޑުގެ ހިތަކަށް ނުގެނެވޭ. މިއަދު އަޅުގަނޑުމެން މިތިބީ…”

 “ޝިމް ތިޔައީ ތެދެއް. މިއަދު އަޅުގަނޑުމެން މިތިބީ ދެހަށިގަނޑުގެ ގޮތުގައި ތިބިނަމަވެސް ވަކީންނެއްނޫން. ހުރިހާ ގޮތަކުންވެސް އެކުގައި، އެހެންވީމާ ޝިމް ގާތުގައި ނުބުނާ ވަރުގެ ކަމެއް އަޅުގަނޑަކަށް މިހާރު ދިމައެއްނުވާނެ…”

 އަހަރެމެންނަށް އަދި އިހަށްވުރެވެސް ގައިގޯޅި ވެލެވުނެވެ. އަހަރުމެންގެ ހިތުގެ ތެޅުންތައް މިހާރު އެކަކު އަނެކަކަށް އިޙްސާސް ވަމުންދެއެވެ. ޝިމްލާގެ މޫނު މިހާރުވަނީ އަހަރެންގެ ކޮނޑުމަތީން ގޮސް އަހަރެންގެ ފުރަގަހުގައެވެ. އަހަރެންގެ މޫނުވެސް ވަނީ…

 “ޝިމް… ލޯބިވާ ޝިމް… އަޅުގަނޑަށް މިއަދި ދިމާވި ކަމަކީ ޝިމް ގާތުގައި ނުބުނާ ކަހަލަ ނުވަތަ ނުބުނާ ވަރުގެ ކަމެއްނޫން… އެކަމަކު އެވާހަކަ ދެއްކުމަށްވުރެ ނުދެއްކުން ރަނގަޅުވާނެ ކަމަށް ހީކުރެވިގެން އަޅުގަނޑު އެވާހަކަ ކުރީން ނަންނުގަތީ…” އަހަރެން ބުނަމުން ދިޔައީމެވެ.

 “އެކަމަކު މިހާރު އަޅުގަނޑަށް ވިސްނެނީ އެވާހަކަވެސް ޝިމްއަށް ކިޔައިދިނުމަށްވުރެ ރަނގަޅު ގޮތެއް ނެތްކަން… އަދި އަޅުގަނޑުގެ ހިތުގައި މިހާރު މިވާ ބުރަކަން ފިލުވައި ލެވޭނީވެސް އެވާހަކަ ބުނެގެންކަން… އެކަމަކު… އެކަމަކު…”

 “އެކަމަކުއޭ ނުބުނުއްވާ… އަޅުގަނޑު ނަޞީރުގެ ކޮންމެ ވާހަކައެއްވެސް އަހާނީ އަހާހިތުން… އަދި ނަޞީރަށް ދިމާވާ ކޮންމެކަމެއްގައި އެހީތެރިވާނީ އަޅުގަނޑަށް ވެވެން އޮތް އެންމެ ރަނގަޅަކަށް… އަޅުގަނޑާމެދު ޔަޤީން ކުރައްވާ… ކައިވެނީގެ ޙަޔާތެއް ބާއްޖަވެރި ވުުމުގެ އެންމެ ފުން ސިއްރަކަށްވާނީ އެޙަޔާތެއްގެ ދެބައިވެރީންގެ މެދުގައި އޮންނަ ފުރިހަމަ އިތުބާރާއި ޔަޤީންކަން…”

 “ޝިމް… އަޅުގަނޑުގެ ލޯބި… އަޅުގަނޑު އަބަދުވެސް ޝިމްއަށް އިތުބާރުކުރަން، އަދި ކުރާނަންވެސްމެ. އަޅުގަނޑުގެ ޔަޤީންކަމާމެދު އަޅުގަނޑަށް އޮންނަ އިތުބާރަށްވުރެވެސް ބޮޑަށް ޝިމްއަށް އަޅުގަނޑު އިތުބާރުކުރަން…” އަހަރެން ބުނަމުން ގެންދިޔައީމެވެ. ކުޑަކުޑަ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަނެއްކާވެސް ބުނަންފެށީމެވެ.

 “އަޅުގަނޑަށް މިއަދު ދިމާވި ކަމަކީ… އަޅުގަނޑަށް މިއަދުދިމާވި ކަމަކީ… މިއަދު ބޯހިމެނުމުގެ މަސައްކތުގައި ވަދެވުނު ގެއަކުން ކުއްޖަކާ ދިމާވީ…” އެހިސާބުން އަހަރެންނަށް ވާހަކަ ކުރިއަށް ގެންދަން ދަތިވިއެވެ.

  “އަނެއްކާ ކޮން ކުއްޖެއްތޯ…؟”

 “އެއީ މަދީޙާ… މަދީޙާ އަކީ އަޅުގަނޑު މާލެއައިސް އެންމެ ފުރަތަމަ ހުރިގޭގެ ކުއްޖެއް…”

 “އޭނާ ފެނިލެއްވުމުން ދެން އެހާކަންބޮޑުވާން ޖެހިލެއްވީ ކީއްވެތޯ؟… އަނެއްކާ…!” ޝިމްލާ އަހާލި ސުވާލުގައި އެތައް މާނަތަކެއް އެކުލެވިފައިވާކަން އަހަރެންނަށް ވިސްނުނެވެ. އޭނާގެ ހިތުގައި އަހަރެންނާ މެދު ޝައްކުތަކެއް އުފެދުނީ ބާވައޭވެސް އަހަރެންގެ ހިތަށް އެރިއެވެ. އަދި އެހެން ކަމަށްވަނީނަމަ އެފަދަ ޝައްކުތަކެއް އޭނާގެ ހިތުން ފިލުވާލެވޭނީ އަހަރެންގެ ވާހަކަ ކޮންެކަހަލަ ގޮތަކަށް ގެންގޮސްގެން ކަމާ މެދުވިސްނާލަން އަހަރެންނަށް ޖެހުނެވެ.

 “އަނެއްކާއޭ ތިޔަބުނުއްވީ އަނެއްކާ ކޮންމާނައެއްގައިތޯ؟” އަހަރެން ވާހަކަދައްކަން ފެށީ ސުވާލަކުންނެވެ. “އެއީ އަޅުގަނޑު ކުރިންވެސް ނަންގެންފަދައިން މާލެ އައިސް އަޅުގަނޑު އެންމެފުރަތަމަ ހުރި ގޭގެކުއްޖެއް… އޭނާއަކީ އެގޭގެވެރި އަލިމަނިކުގެ ދަރިފުޅު. އަލިމަނިކަކީ އަޅުގަނޑުގެ ބައްޕަަގެ ވަރަށް ބޮޑު ރައްޓެއްސެއް. އަޅުގަނޑަށް އެގޭގައި ހުރެވޭގޮތްވީ އެހެންވެގެން…”

    “އަޅުގަނޑަށް މިހާރު އެނގިއްޖެ މަދީޙާއަކީ ކޮންކުއްޖެއްކަން… އެކަމަކު އޭނާ ފެނިލައްވައިގެން ނަޞީރަށް ތިޔަވެގެން އުޅުއްވާގޮތެއް، އަދި އެގޮތެއް ވާންވީ ސަބަބެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑަށް ކަންބޮޑުވެގެން މިއުޅެނީ އެކަމާ…” ޝިމްލާގެ އަޑުގައި ނުރުހުމުގެ އެއްވެސް އަސަރެއް ނެތްކަން އަހަރެންނަށް ޔަޤީން ކުރެވުނެވެ. ޙަޤީޤަތުގައިވެސް އޭނާ އެއުޅެނީ އަހަރެންނަށް ނުނިދިގެން އުޅޭ ސަބަބެއް ނޭނގިގެންކަން އަހަރެންނަށް ޤަބޫލުކުރެވިއްޖެއެވެ. ވީމާ އަހަރެން ގަސްތުކުރީ ވީހާ އަވަހަކަށް ޝިމްލާ ގާތުގައި ބުނާށެވެ. ނަމަވެސް އެއީ އެހާފަސޭހަ ކަމަކަަށް ނުވިއެވެ. އެކަމަކު އަހަރެން މަސައްކަތް ކުރީމެވެ.

 “މަދީޙާމެން ގޭގައި އަޅުގަނޑު އުޅުނުއިރު އަޅުގަނޑުމެން އުޅެނީ ވަރަށް ގާތްކޮށް… މަދީޙާއަށް އޭނާގެ ސްކޫލްގެ ފިލާވަޅުތައް ބުނެދީ ދަސްކޮށްދީ ހަދަން އަޅުގަނޑަށް ވަރަށް ގިނައިންޖެހޭ. ޚާއްޞަކޮށް މެތެމެޓިކްސް އާއި، ފިޒިކްސް އެއީ އަޅުގަނޑު އޭނާއަށް ދަސްކޮށްދޭން ޖެހޭ ދެ މާއްދާ… މިގޮތުން އުފެދުނު ގާތްކަން އެންމެފަހުން އަޅުގަނޑުމެން ހިތްތަކުގައި ނިދާފައިވާ ޖަޛްބާތުތައް ހޭލައްވައިލި، އަދި އެއްވެސް އިންސާނަކަށް އޭގެ މައްޗަށް ބާރު ނުފޯރުވޭ ލޯބީގެ އޮއިވަރުގެ ތެރެއަށް އަޅުގަނޑުމެން ބައްސާލި.”

 އަހަރެންނަށް ވާހަކަދެއްކުމުން ދިޔައީ ވަރަށް އަވަހަށް ކަން އަހަރެންނަށް އިޙްސާސް ކުރެވުނެވެ. އެހެންނަމަވެސް މިހިސާބުން އަހަރެންގެ ވާހަކަ އަނެއްކާވެސް ކުރިއަށް ގެންދަން ދަތިވާގޮތް ވިއެވެ. ސަބަބަކަށްވީ އޭރު އަހަރެންގެ ޚިޔާލު ތަކުގައި މަދީހާ އާއި އަހަރެންގެ ލޯބީގެ ޙަޔާތުގެ އެކިއެކި ދުވަސްދުވަހުގެ މަންޒަރުތައް ކުރެހެމުން ސިފަކުރެވެމުން ދާން ފެށިކަމެވެ. އެންމެ ފުރަތަމަ މަދީޙާގެ ލޯބި އަހަރެންނަށް ހުށަހެޅި ދުވަހެވެ. އެލޯތްބަށް އަހަރެން އެދިއެދި ހުރުމާއެކުވެސް އެކަން ޤަބޫލު ނުކުރަން އަހަރެން ވާހަކަ ދެއްކިގޮތެވެ. އެއީ އަހަރެންނާ އެކަށީގެންވާ ކަމެއް ނޫންކަން ބަޔާން ކުރަން އުޅުނުގޮތެވެ. އެކަމަކު މަދީޙާ ކުޑަކޮށްވެސް އަހަރެންގެ ވާހަކަ ޤަބޫލުނުކޮށް އޭނާގެ ލޯބި އަހަރެންނަށް ޤަބޫލުކުރެވޭތޯ ކުރަމުން ދިޔަ މަސައްކަތެވެ. އެންމެފަހުން “ހުރިހާ ހަތިޔާރެއް ބަހައްޓައިފައި” އަހަރެން އޭނާގެ ލޯބި ވެރިއަކަށް ވީ ދުވަހެވެ. ހިތުންހިތަށް ވަމުންދިޔަ އިލްހާމްތަކުގެ އިތުރަށް ލޮލުން ލޮލަށް ފޮނުވެމުންދިޔަ ސިގްނަލްތަކާއި އަތުން އަތަށް ބަދަލު ކުރެވުނު ލޯބީގެ “ހަދިޔާ” ތަކާއި އަދިވެސް އެކަހަލަ އެތައް ހަނދާންތަކެއްގެ ކުލަ ތަޞްވީރު ތަކެވެ.

(ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment