ސަޢުދު އަބްދުލްކަރީމް، އއ.ފެރިދޫ
 
ޢާއިލާއެއް ބިނާކުރެވޭނީ ނުވަތަ ކާމިޔާބު ޢާއިލާއެއް ބައްޓަންކުރެވޭނީ ދެމަފިރިއެއްގެ ދެމެދުގައިވާ އުޅުމާއި ގުޅުން އިސްލާމީ ހަމަތަކާއި އެއްގޮތަށް ބައްޓަންކުރެވިގެންނެވެ. ބާއްޖަވެރި ދިރިއުޅުމެއް އުޅެވޭނީ ރަނގަޅު ޢާއިލާއެއް ބިނާކުރެވިގެންނެވެ. ޢާއިލާއެއް ބިނާކުރުމުގެ ފެށުމަކީ ޝަރުޢީ ހަމަތަކުގެ މަތިން އަޅާލެވޭ ހަރުދަނާ ބިންގަލެވެ. މިފަދަ ބިންގަލެއް އަޅާލެވޭ ވަޤުތަކީ ދެމަފިރިންގެ ޒަވާޖީ ޙަޔާތަށްޓަކައި ބަނދެވޭ ބަނދެވުމުގެ ފެށުމުގެ ވަޤުތެވެ. މިގޮތުން އެޅިގެންދާ ބިންގަލެއްގައި ދެމަފިރިންގެ ހިއްސާ ފުރިހަމައަށް ހިމެނިފައި އޮންނަންޖެހޭނެއެވެ. މިމަތިވެރި މާތް މަޤްޞަދަށްޓަކައި ރަނގަޅު ފިރިއަކު ހޯދައި ލިބިގަތުމުގެ މަގު ހުޅުވާލެވޭނީ ޒިންމާދާރު އަންހެނަކަށެވެ. ސަބަބަކީ އަންހެނުންނަކީ އެބައިމީހުންގެ ހަރުދަނާކަމުގެ ތެރެއިން ފިރިންގެ ހިތްތަކަށް ފިނިކަން ދޭންޖެހޭ މީހުންނެވެ.

 މިއުޞޫލުން ހޯދާ ފިރިމީހާ ވާންވާނީ ތިމާގެ ޚިދުމަތަށް ހިތްހަމަޖެހުން ގެނެސްދޭ ބައިވެރިއަކަށެވެ. އަދި އެއީ ދިރިއުޅުން އާރާސްތުކުރުމަށް އެޅުނު ފުރަތަމަ ބިންގާކަމުގައެވެ. ކައިވެނީގެ ގުޅުމުން ގުޅާލެވޭ ހިނދުން ފެށިގެން އަނބިމީހާ ވާންވާނީ ޢާއިލާގައި ފިރިމީހާގެ އަޙުލުންނަށާއި އެކުވެރިންނާއި ރަޙްމަތްތެރިންނަށް ހެޔޮކޮށް ކަންތައްކުރާ ޒިންމާދާރު މީހަކަށެވެ. 

 

އިސްލާމީ ޝަރީޢަތުގައި އަނބިމީހާއަށް ފިރިމީހާއާއި ޚިލާފުވެވެން އޮންނަ ހަމައެކަނި ހާލަތަކީ ޚާލިޤުވަންތަ ﷲއަށް އުރެދޭކަމެއް ކުރުމަށް ފިރިމީހާ އަމުރުކުރާ ޙާލަތެވެ. މިނޫން އެއްވެސް ޙާލަތެއްގައި އަނބިމީހާއަށް ފިރިމީހާއާއި ޚިލާފެއްނުވެވޭނެއެވެ. އަދި އަނބިމީހާ ވާންވާނީ ފިރިމީހާ ރުހޭފަދަ ގޮތަކަށް ޢަމަލުތައް ބަހައްޓާ މީހަކަށެވެ. އަދި ފިރިމީހާގެ ނިންމުންތަކަށް ބަސްކިޔާ، އަޑު އުފުލާ ނަހަދާ މީހަކަށެވެ. މީގެއިތުރަށް ގޭގައި ޚިދުމަތުގައި އިންނަ އަނތްބަކަށެވެ. ތަންތަނަށް އެކަނި ދަތުރުނުކުރާ އަދި ސުންނަތް ރޯދައެއް ވިޔަސް ފިރިމީހާގެ ހުއްދައަކާއި ނުލައި ނުހިފާ މީހަކަށެވެ. އަދި ދީނީ ހަމަތަކަށް ފެތޭ އުޞޫލުތަކާއި އެއްގޮތަށް އުޅޭ އަނތްބަކަށް ވުމެވެ. އިސްވެދެންނެވި އުޞޫލުތަކާއި އެއްގޮތަށް އަނބިމީހާގެ ދިރިއުޅުން ބައްޓަންކޮށްފިނަމަ ދެމަފިރިންގެ ޙަޔާތް ބާއްޖަވެރިވެ ޞާލިޙް ދަރިފަސްކޮޅެއް ބިނާކުރެވޭނެއެވެ. މިއީ ގިނަ ބަޔަކު ތަޖުރިބާކޮށްފައިވާ ޙަޤީޤަތެކެވެ. ހަމައެފަދައިން އަނބިމީހާއަށް ދޭންޖެހޭ ޙައްޤުތައް ފިރިމީހާވެސް ފުރިހަމައަށް އަދާކޮށްގެން މެނުވީ ކުރިން އިޝާރާތްކުރިފަދަ ބާއްޖަވެރި ދިރިއުޅުމެއް އާރާސްތުނުކުރެވޭނެއެވެ.  


ޝަރުޢީ ހަމަތަކާ އެއްގޮތަށް ޢާއިލާއެއް ބިނާކުރުމަށް ކައިވެންޏަށް ދެއްވާފައިވާ އަހައްމިއްޔަތު
 ކައިވެންޏަކީ ފިރިހެނަކާއި އަންހެނަކާއި ދެމީހުންކުރެ ކޮންމެ މީހަކަށްވެސް އެކަކު އަނެކަކުގެ ކިބައިން އަރާމާއި ހިތްހަމަޖެހުން ލިބި އެއްދާންކުރުން ހުއްދަކޮށްދޭ ޝަރުޢީ އަޤުދެކެވެ. މިކަމުގެ ދަލީލަކީ މާތްﷲ ކީރިތި ޤުރުއާނުގެ އައްނިސާ ސޫރަތުގެ 3ވަނަ އާޔަތެވެ. “فَانْكِحُوا مَا طَابَ لَكُمْ مِنَ النِّسَاءِ” މާނައީ:”އަންހެނުންގެ ތެރެއިން ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކައިވެނިކުރާށެވެ.” އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްކުރައްވާފައިވެއެވެ.  “يامعشرا الشّباب من استطاع منكم الباءة فليتزوّج فإنّه أغضّ للبصروأحصن للفرج ومن لّم يستطع فعليه باصّوم فإنّه له وجاء” (البخارى ومسلم) މާނައީ: “އޭ ޒުވާނުންނޭވެ! ތިޔަބައިމީހުން ކުރެ ކައިވެނީގެ ހުރިހާ ކަމަކަށް ކުޅަދާނަވެގެންވާ މީހަކު، ފަހެ ކައިވެނިކުރާ ހުށިކަމެވެ! ފަހެ ހަމަކަށަވަރުން، މީހަކާ އިނުމީ، ލޮލަށް ރައްކާތެރިކަން ބޮޑުވެފައި، ޖިންސީ ގުނަވަނަށްވެސް އެންމެ ރައްކާތެރިކަން ބޮޑު ގޮތެވެ. އަދި މީހަކާ އިނުމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން، އެއީ އޭނާ ނުބައި ކަންތަކުން ދުރުކޮށް ރައްކާތެރިކޮށްދޭނޭ އައްޑަނައެކެވެ”. (ފިޤްޙުލް އުސްރާ، ފަޟީލަތުއް ޝައިޚުލް އުސްތާޛު މުޙައްމަދު ރަޝީދު އިބްރާހިމް، ފެކަލްޓީ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް، ވިލާ ކޮލެޖް، މާލެ)


ކައިވެނިކުރުމަކީ ނަބީބޭކަލުންގެ ސުންނަތުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. ކީރިތި ޤުރުއާނުގެ ސޫރަތުއް ރަޢުދުގެ 38ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. “وَلَقَدْ أَرْسَلْنَا رُسُلًا مِنْ قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجًا وَذُرِّيَّةً” މާނައީ: “(އޭ މުޙައްމަދުގެފާނެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށްވުރެ ކުރިން ރަސޫލު ބޭކަލުން ފޮނުވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި ދަރިންވެސް ދެއްވީމެވެ.” ހަމައެފަދައިން ކީރިތި ޤުރުއާނުގެ ސޫރަތުއްނަޙްލުގެ 72ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. “وَاللَّهُ جَعَلَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا” މާނައީ: “އަދި މާތްﷲއީ ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ނަފްސުތަކުން އޭގެ ބައިވެރިޔާ އުފެއްދެވި ރަސްކަލާނގެއެވެ.”  


އަނބިން އުފައްދަވާ ދެމަފިރިންގެ ދެމެދުގައި ލޯތްބާއި ކުލުނު ލެއްވުމަކީ މާތްﷲގެ ކުޅަދުންވަންތަކަމުގެ ދަލީލެއްކަމުގައި ބަޔާންކުރައްވާ މާތްﷲ ކީރިތި ޤުރުއާނުގެ ސޫރަތުއް ރޫމްގެ 21 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.  “وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ” މާނައީ: “އެކަލާނގެ ކުޅަދުންވަންތަކަމުގެ ދަލީލުތަކުގެ ތެރެއިން ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ނަފްސުތަކުން ބައިވެރިޔާ އުފެއްދެވުން ހިމެނެއެވެ. އެއީ އެކަނބަލުންގެ ކައިރިން ތިޔަބައިމީހުން ހަމަޖެހުން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި ރަޙުމް ލެއްވެވިއެވެ. ހަމަކަށަވަރުން މިކަމުގައި ވިސްނާ ފިކުރުކުރާ ބަޔަކަށް (މާތްﷲގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަމުގެ) ހެކިތަކެއް ވާކަން ކަށަވަރެވެ.” 


ކައިވެނިކުރުމަކީ ތަނަވަސްކަން ލިބުމުގެ މަގެއްކަމުގައި ބަޔާންކުރައްވައި ކީރިތި ޤުރުއާނުގެ ސޫރަތުއް ނޫރުގެ 32ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. “وَأَنْكِحُوا الْأَيَامَىٰ مِنْكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ ۚ إِنْ يَكُونُوا فُقَرَاءَ يُغْنِهِمُ اللَّهُ مِنْ فَضْلِهِ” މާނައީ: “އަދި ތިޔަބައިމީހުން، ތިޔަބައިމީހުންގެ ތެރެއިން ފިރިން ނެތް އަންހެނުންގެ ކައިވެނިކޮށްދޭ ހުށިކަމެވެ! އަދި ޞާލިޙް އަޅު ފިރިހެނުންނާއި އަޅު އަންހެނުންގެ ކައިވެނިކޮށްދޭ ހުށިކަމެވެ! އެމީހުންނީ ފަޤީރުންނަމަ މާތްﷲ އެކަލާނގެ ފަޟުލުވަންތަވެރިކަމުން އެބައިމީހުން ފުދޭ ބަޔަކަށް ހައްދަވާނެތެވެ.” ޢާއިޝާ ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “تزوّجوا النّساء يأتينّكم بالمال” މާނައީ: “ތިޔަބައިމީހުން އަންހެނުންނާއި ކައިވެނިކުރާހުށިކަމެވެ! އެކަނބަލުން އަންނަހުށީ މުދަލާއެކުގައެވެ.” ހަމައެފަދައިން ޢަބްދުﷲ ބުން ޢުމަރު ބުން ޢާސްގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “الدّنيا متاع وخير متع الدّنيا المرأة الصّالحة” މާނައީ: “ދުނިޔެއަކީ ވަޤުތީ ފައިދާއެކެވެ. ދުނިޔެއިން ލިބޭނޭ ފައިދާތަކުގެ ތެރެއިން އެންމެ ހެޔޮ ފައިދާއަކީ ރަނގަޅު އަންހެނެކެވެ.” 


ހަޔާތުގެ ބައިވެރިއަކު އިޚްތިޔާރުކުރުން
ކައިވެނިކުރުމުގެ ކުރިން އަނތްބަކު އިޚްތިޔާރުކުރުމުގައި ބެލުން ރަނގަޅު ކަންތައްތައް

އަނބިމީހާއަކީ ފިރިމީހާގެ ނަފްސަށް ހަމަޖެހުން ގެނެސްދިނުމުގެ އެއް ޒަރީޢާއެވެ. އަދި ދަރިން ލިބުމުގެ އެއް އަޞްލެވެ. ފިރިމީހާގެ ޙަޔާތުގެ އަޞްލެވެ. ގޭގެ ކަންތައްތައް ބަލަހައްޓާ، ދަރިން ތަރުބިއްޔަތުކުރުމުގެ ބުރަ އުފުލާ އެންމެ އިސް ފަރާތެވެ. ފިރިމީހާގެ ދަރިންގެ މަންމައެވެ. ފިރިމީހާގެ ލޯބިވެރިޔާއެވެ. އަދި އޭނާގެ ސިއްރުތައް ހިފަހައްޓާ ބައިވެރިޔާއެވެ. އެސަބަބުތަކަށްޓަކައި އިސްލާމްދީން ބާރުއަޅަނީ ރަނގަޅު އަނތްބަކު އިޚްތިޔާރުކުރުމަށެވެ. މިފަދަ އަންހެނުންގެ ސިފަތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ސިފައަކީ ދީނުގެ ކަންތައްތަކަށް ރައްކާތެރިވާ، ރިވެތި އަޚްލާޤެއްގެ ވެރިއަކަށްވެފައި، ފިރިމީހާގެ ކަންތައްތައް ބެލެހެއްޓޭ، ދަރިން ރަނގަޅަށް ބެލެހެއްޓޭފަދަ އަންހެނަކަށްވުމެވެ. ކައިވެނިކުރުމުގައި ބަލަންޖެހޭ އެންމެ މުހިއްމު ސިފައަކީ މިއީއެވެ. މިގޮތުން ބެލެވިދާނެ ބައެއް ކަންތައްތައް ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘުން ސާބިތުވެއެވެ. 


1. ދީންވެރިކަމާއި ރިވެތި އަޚުލާޤު
2. ޙަސަބާއި ނަސަބަށް ބެލުން

އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. “އަންހެނުންނާއި ކައިވެނިކުރެވެނީ ހަތަރުކަމަކަށް ބަލާފައެވެ. އެކަނބުލޭގެ މުދަލަށާއި، އެކަނބުލޭގެ ދާނަށާއި، އެކަނބުލޭގެ ރީތިކަމަށާއި، އަދި އެކަނބުލޭގެ ދީންވެރިކަމަށެވެ. ފަހެ ކާމިޔާބުވާނީ ދީންވެރި އަންހެނަކާއި ކައިވެނިކުރުމުންނެވެ. ނުވަތަ ދީންވެރިކަމަށް އިސްކަންނުދީފިނަމަ ތިބާ ފަޤީރުވެދާ ހުއްޓެވެ” (ޞަޙީހް ބުޚާރީ 5090)


3. ގިނައިން ވިހާ އަންހެނުން ބެލުން
މަޢުޤިލް އިބްނު ޔައްސާރު ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ގިނަގިނައިން ވިހާ، އަދި ތިޔަބައިމީހުން ދެކެ ލޯބިވާ އަންހެނުންނާއި ކައިވެނިކުރާށެވެ! އޭގެ ސަބަބުން ޤިޔާމަތްދުވަހު ތިޔަބައިމީހުންގެ ސަބަބުން އެހެން އުއްމަތްތަކުގެ މައްޗަށް ތިމަންކަލޭގެފާނުގެ އުއްމަތް ގިނަވުމުން ތިމަންކަލޭގެފާނު ފަޚުރުވެރިވެވަޑައިގަންނަވާ ހުށީމެވެ.” (ސުނަނު އަބީ ދާޢޫދު 2050


4. ރީތިކަމަށް ބެލުން
އުމަރުގެފާނު ވިދާޅުވެފައިވެއެވެ. ” ތިޔަބައިމީހުން، ތިޔަބައިމީހުންގެ އަންހެން ދަރީން ހުތުރު ފިރިހެނުންނާ ނުދެވާށެވެ! އެއީ ތިޔަބައިމީހުންނަށް އެކަނބަލުން ރީތިވާގޮތަށް އެކަނބަލުންނަށްވެސް ހަމަ އެރީތި ބޭނުންވާތީއެވެ. ” (25/2 فقه السنة للسيد سابق)


5. ބިކުރުވެރިންނަށް އިސްކަންދިނުން
ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްއެއްގައިވެއެވެ. “ކައިވެނިކުރާއިރު ތިޔަބައިމީހުން ބިކުރުވެރިން އިޚްތިޔާރުކުރާށެވެ! އެއީ އެކުދިންނަކީ ރީތިކޮށް ވާހަކަދައްކައި، ގިނައިން ވިހައި، އަދި ކުޑައެތިކޮޅަކަށް ރުހޭ އަންހެނުންކަމަށް ވާތީއެވެ.” (ސުނަނު އިބްނު މާޖާ 1861)


6. ކުފޫ ހަމަވޭތޯ ބެލުން
މީގެ މުރާދަކީ އެތައް ކަމެއްގައި ފިރިމީހާއާއި އަނބިމީހާ ހަމަހަމަވުމެވެ. އާއްމުގޮތެއްގައި މިކަމަށް ބަލަނީ މީސްތަކުންގެ މަލާމާތުން ސަލާމަތްވުމަށެވެ. މިކަމުގައި އެންމެ މުހިއްމީ ދީންވެރިކަމާއި، ތަޤުވާވެރިކަމަށް ބެލުމެވެ. މިގޮތުން ފާސިޤު މީހަކު އިއްފަތްތެރި އަންހެނަކާއި ކުފޫ ހަމައެއްނުވާނެއެވެ. މާތްﷲ ކީރިތި ޤުރުއާނުގެ ސޫރަތުލް ސަޖިދައިގެ 18ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. أَفَمَنْ كَانَ مُؤْمِنًا كَمَنْ كَانَ فَاسِقًا ۚ لَا يَسْتَوُونَ މާނައީ: “މުއުމިނަކު ފާސިޤަކާ އެއްފަދަވާނެ ހެއްޔެވެ؟” އެބަހީ އެއްފަދައެއް ނުވާނެތެވެ. 


ކައިވެނިކުރުމުގެ ކުރިން ފިރިއަކު އިޚްތިޔާރުކުރުމުގައި ބެލުން ރަނގަޅު ކަންތައްތައް
އަންހެންމީހާގެ ވަލީވެރިޔާއަށް ލާޒިމްވެގެންވަނީ އެކަނބުލޭގެ ދެވާ ފިރިހެނާއަކީ އަޚްލާޤު ރަނގަޅު، ދީންވެރި އަދި އެކަނބުލޭގެ ބެލެހެއްޓޭ ފެންވަރުގެ މީހެއްތޯ ބެލުމަށެވެ. މީހަކު ޙަސަނުގެފާނަށް ދެންނެވިއެވެ. ތިމަންނަގެ އަންހެން ދަރިއަކު އެބަހުއްޓެވެ. އެކަނބުލޭގެ ދެވަންވީ ކޮންވައްތަރެއްގެ ފިރިހެނަކާތޯއެވެ؟ ޙަސަނުގެފާނު ވިދާޅުވިއެވެ. ” މާތްﷲއަށް ބިރުވެތިވާ ތަޤުވާވެރިއަކާއެވެ. އެއީ އެފަދަ މީހަކު އަންހެންކުއްޖާދެކެ ލޯބިވާނަމަ ވަރަށް ބޮޑަށް ހެޔޮކޮށް ހިތާނެތެވެ. އަދި ލޯބި ހިތުގައި ނުއުފެދުނު ކަމުގައި ވިޔަސް މާތްﷲ ދެކެ ގަންނަ ބިރެއްގެ ސަބަބުން އެއްވެސް އަނިޔާއެއް ކުރާކަށް ނުކެރޭނެތެވެ.” (20/2 فقه السنة للسيد سابق)  


ދެމަފިރިންގެ ޙައްޤުތައް
ބާއްޖަވެރި ދިރިއުޅުމެއް ބިނާކުރުމަށްޓަކައި ދެމަފިރިން އެކަކު އަނެކަކަށް ދޭންޖެހޭ ޙައްޤުތަކެއްވެއެވެ. މިގޮތުން ދެމަފިރިން އެކަކު އަނެކަކަށް ދޭންޖެހޭ ޙައްޤުތައް މައިގަނޑުގޮތެއްގައި ތިން ބަޔަކަށް ބެހިގެންވެއެވެ. އޭގެތެރޭގައި ދެމަފިރިން ބައިވެރިވާ ޙައްޤުތަކާއި، ފިރިމީހާގެ މައްޗަށް އަނބިމީހާއަށް އޮންނަންޖެހޭ ޙައްޤުތަކާއި އަނބިމީހާގެ މައްޗަށް ފިރިމީހާއަށް އޮންނަންޖެހޭ ޙައްޤުތައް ހިމެނެއެވެ. 


މިޙައްޤުތަކުގެ ތެރެއިން އަނބިމީހާގެ މައްޗަށް ފިރިމީހާއަށް އޮންނަ ޙައްޤުތަކަކީ: 


1. ބައްޔެއްގެ ސަބަބުން ނުވަތަ ފަރުޟު ރޯދައެއްގެ ސަބަބުން މެނުވީ އެއްދާންކުރުމަށް އެދުމުން އިންކާރުނުކުރުން
2.  ﷲއަށް އުރެދުމެއްނުވާ ކޮންމެ ކަމެއްގައި ކިޔަމަންތެރިވުން
3.  ފިރިމީހާގެ އިޛްނައާއި ނުލައި ގެއިން ނުނިކުތުން
4.  ފިރިމީހާ ނުރުހޭ މީހުން ގެއަށް ނުވެއްދުން
5.  ފިރިމީހާއަށް އިޚްތިރާމްކުރުން
6. ފިރިމީހާއަށް ހެޔޮގޮތުގައި ޚިދުމަތްކޮށްދިނުން
7.  ފިރިމީހާއަށް ތެދުވެރިވުމާއި ވަފާތެރިވުން
8.  ފިރިމީހާއަށް އަމާނާތްތެރިވުން


އިސްވެދެންނެވި ސިފަތަކަކީ ކައިވެނިވާ އަންހެނާގެ މައްޗަށް ލާޒިމްކުރާ ސިފަތަކެކެވެ. ހަމައެފަދައިން ފިރިމީހާގެ މައްޗަށްވާ އަނބިމީހާގެ ޙައްޤުތަކެއްވެސްވެއެވެ. މިޙައްޤުތަކުގެ ތެރޭގައި ހިމެނެނީ: 


1. މުދަލާއި ގުޅުން ހުރި ޙައްޤުތައް
2. އަނބިމީހާއަށް ހެޔޮކޮށް ހިތުމާއި އުނުއޮރިޔާން ނިވާކޮށްދިނުން
3. އަނބިމީހާ އިންނާނެ ތަނެއް ނުވަތަ ދިރިއުޅޭނެ ހިޔާވައްސެއް ފިރިމީހާގެ ނިސްބަތުން އަނބިމީހާއަށް ހޯދައިދިނުން


ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން މިކަމަށް ދަލީލުކުރާ ޙަދީޘަކީ މުޢާވިޔަތުލް ޤުޝައިރީއަށް ޙަދީޘްކުރެއްވި އަންނަނިވި ހަދީޘެވެ. މުޢާވިޔަތުލް ޤުޝައިރީ ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! އަހަރުމެންގެ ތެރެއިން މީހެއްގެ މައްޗަށް ހުރި އަނބިމީހާގެ ޙައްޤަކީ ކޮބައިތޯއެވެ؟” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “ތިބާ ކާއިރު އެކަނބުލޭގެއަށް ކާންދޭ ހުށިކަމެވެ! އަދި ހެދުން ލާއިރު އެކަނބުލޭގެއަށްވެސް އަންނައުނު ދޭހުށިކަމެވެ! އަދި އެކަނބުލޭގެ މޫނުގައި ނުޖަހާ ހުށިކަމެވެ! އަދި ހަޑިހުތުރު އެއްޗެހި ނުކިޔާ ހުށިކަމެވެ. އަދި ތިބާ އެކަނބުލޭގެއަށް ވަކިވެގެންވެސް އުޅޭ ހުށީ ހަމަ ގޭގައެވެ.” (ސުނަނު އަބީ ދާޢޫދު 2142) 


4. ގިނަ އަނބިން ތިބިނަމަ އަނބީންގެ މެދުގައި ހަމަހަމަކޮށް ކަންތައްކުރުން
5. އަނބިންނާއިއެކު ރިވެތިގޮތުގައި ދިރިއުޅުން ހިމެނެއެވެ.


ކީރިތި ޤުރުއާނުގެ ނިސާ ސޫރަތުގެ 19ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.  وَعَاشِرُوهُنَّ بِالْمَعْرُوفِ މާނަ: “އަދި ތިޔަބައިމީހުން އެކަނބަލުންނާއެކު ހެޔޮގޮތުގައި ދިރިއުޅޭ ހުށިކަމެވެ.” 


ހަމައެފަދައިން ދެމަފިރިން ޝާމިލްވާ ޙައްޤުތަކެއްވެސް ހިމެނެއެވެ. އެޙައްޤުތަކުގެ ތެރޭގައި ހިމެނެނީ: 

1. ކައިވެނީގެ އުފާ ލިބިގަތުމުގެ ކުރިން ފިރިމީހާ އަނބިމީހާއަށް ކައިވެނީގެ ރަންދިނުން


މިކަމުގެ ކީރިތި ޤުރުއާނުގެ ދަލީލަކީ ސޫރަތުއްނިސާގެ 4 ވަނަ އާޔަތެވެ. “وَآتُوا النِّسَاءَ صَدُقَاتِهِنَّ نِحْلَةً” މާނައީ: “ތިޔަބައިމީހުން، (ތިޔަބައިމީހުންގެ) އަންހެނުންނަށް އެކަނބަލުންގެ ރަން ހިތުން ރުހުމުން (އުފަލާއެކު) ދޭހުށިކަމެވެ!” ހަމައެފަދައިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން މިކަން ދޭހަވާ ދަލީލަކީ ކައިވެނިކުރަން އެދުނު މީހާއަށް ރަސޫލާ ކުރެއްވި ޙަދީޘެވެ. “(ރަނަށް ދިނުމަށްޓަކައި) ދަގަނޑު އަނގޮޓިއެއް ނަމަވެސް ލިބޭތޯ ބަލާހުށިކަމެވެ.” (ޞަޙީހް މުސްލިމް {3487}76-(1425))


2. ކައިވެނީގެ ގުޅުން ދަމަހައްޓަމުން ދާހިނދު އެކަކު އަނެކެއްގެ ސިއްރުތައް ވަންހަނާކުރުން
3. ދެމަފިރިންގެ ދަރިންގެ ނަޞްލަށް ރައްކާތެރިވުން
4. ދެމަފިރިންކުރެ އެކަކު އަނެކެއްގެ އައިބުތައް ފޮރުވުން ނުވަތަ ސިއްރެއް ގޮތުގައި ބޭއްވުން
5. ދެމަފިރިންކުރެ ކޮންމެ މީހެއްވެސް އަނެކެއްގެ އަބުރާއި ރީތިނަމަށް ރައްކާތެރިވުން
6. ހުއްދަ ޙަލާލުގޮތުގައި ޖިންސީ އުފާތަކާއި އަރާމުތައް ލިބިގަތުން


އިސްވެދެންނެވި ކަންކަމަކީ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ޙައްޤުތަކެވެ. އެކަކު އަނެކަކަށް އަދާކުރަންޖެހޭ ވާޖިބުތަކެވެ. މިއީ އިސްލާމީ ޝަރީޢަތުގައި ޝަރުޢުކުރައްވާފައިވާ ކަންކަމެވެ. މިކަންކަމަށް ރައްކާތެރިވެ މިޙައްޤުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކޮށްގެން މެނުވީ ބާއްޖަވެރި ދިރިއުޅުމެއް ބިނާއެއް ނުކުރެވޭނެއެވެ. 


އަނބިމީހާއަށް ޙައްޤު ލޯތްބާއި އިޚްތިރާމް އަދާކުރުން
ކީރިތި ޤުރުއާނުގެ ސޫރަތުލް އަޙްޤާފްގެ 15ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. “وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ إِحْسَانًا ۖ حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا” މާނައީ: “އިންސާނާ އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތްކުރެއްވީމެވެ. އޭނާގެ މައިމީހާ އުދަނގުލާއި ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުދަނގުލާއި ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާގެން މާބަނޑުވުމާއި ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ 30 މަސް ދުވަހެވެ.” މިފަދައިން ﷲ ތަބާރަކް ވަތަޢާލާ ވަޙީކުރައްވާ އަންގަވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ﷲ ވަޞިއްޔަތްކުރައްވާފައިވާކަމެވެ. އެއީ މައިމީހާ އުދަނގުލާއި ތުރާލާއި އެކު މާބަނޑުވެ އިން ޙާލު އެއުދަނގުލާއެކު ވިހޭކަމަށްޓަކައެވެ. އަދި އޭނާއިގެން މާބަނޑުވުމާއި ކިރުތުނބުން ވީއްލަންދެން އެމަންމަ އެފަދައަކުން ތިމާއަށް ހެޔޮކޮށް ކަންތައްތައް ކޮށްދީފައިވާތީއެވެ. އަދި ﷲ އަމުރުފުޅު އެފަދައަކުން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަންގަވާފައި އޮތުމުންނެވެ. 


އަދިވެސް އަންޢާމް ސޫރަތުގެ 151ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. “قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلَّا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا” މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަރާމްކުރެއްވި ކަންތައް ކިޔާދެއްވާ ހުށީމެވެ. ތިޔަބައިމީހުން އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާށެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ.”


ސޫރަތުލް އިސްރާގެ 23ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވައިފައިވަނީ “وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا” މާނައީ: “ﷲ މެނުވީ ތިޔަބައިމީހުން އަޅުކަންނުކުރުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވާ އެންގެވިއެވެ.” 


މިތިން އާޔަތުގައިވެސް މާތްﷲ ކަނޑައަޅުއްވާ އަންގަވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތަންޖެހޭ ކަމެވެ. ތިބާގެ އަރިހުގައި މައިންބަފައިން ފިޔަވައި އެންމެ މުހިއްމު މީހަކީ ތިމާގެ އަނބިމީހާއެވެ. ޙަޤީޤަތުގައި ދަރިންނަށްވުރެވެސް މުހިއްމުވާނީ އަނބިމީހާއެވެ. އެކަމަކު އަނބިމީހާގެ ލޯބީގައި މައިންބަފައިން މަތިން ހަނދާން ނައްތާލައިގެން ނުވާނެކަން އެވަނީ ބަޔާންކުރައްވާފައެވެ. އެހެންކަމުން އަނތްބެއްގެ ޙައިޞިއްޔަތުންނާއި މަންމައެއްގެ ޙައިޞިއްޔަތުން އިސްލާމްދީން ވަނީ އަންހެނާއަށް ލޯތްބާއި އިޙްޞާންތެރިކަމާއި އިޚްތިރާމް ލިބިދީފައެވެ. މިކަން އިސްވެދިޔަ އާޔަތްތަކުންވެސް ކަށަވަރުކޮށްދެއެވެ. 


އަނތްބަކަށް ވާހިނދުން ފެށިގެން އެކަނބުލޭގެ ވާނީ ފިރިމީހާގެ ޤިވާމަތު ލިބިފައިވާ ފަރާތަކަށެވެ. އެހެންކަމުން އަންހެނާ ކަންކަމުގައި ބައިވެރިކޮށްގެން ކަންކަންކުރުމީ ފިރިމީހާއަށް އޮންނަންޖެހޭ ކަމެކެވެ. ޚިޔާލުދީ އަޅާލާ އެހީތެރިކަމާއެކު ބެލެހެއްޓުން އިސްލާމްދީންވަނީ ފިރިމީހާގެ މައްޗަށް ލާޒިމްކޮށްފައެވެ. ވުމާއެކު އޭނާވާނީ ހަމަކަށަވަރުންވެސް ހެޔޮބަސްއަހާ ހެޔޮބަސް ބުނެ ހެޔޮ ކަންތައްތަކެއް ކޮށްދޭން ލާޒިމް ފަރާތަކަށެވެ. މިނޫންގޮތަކަށް ޢަމަލުކުރާ މީހަކީ މަތިވެރި މާތްﷲ ތިމާގެ މައްޗަށް ކުރެއްވި ވަޞިއްޔަތް ހަނދާންނައްތާލާ މީހެކެވެ. އެހެންވެއްޖެނަމަ އެމީހާ ވާނީ ﷲގެ ރަޙުމަތާއި ރައްކާތެރިކަމުން ދުރުހެލިވެގެންވާ މީހަކަށެވެ.


ކައިވެނީގެ ބައެއް ފައިދާތައް
އިސްލާމްދީނުގައި ދައްކަވާދެއްވާފައިވާ މަތިވެރިގޮތަށް ކުރެވޭ ކައިވެންޏަކީ، އެކަމުގެ ސަބަބުން ފަރުދީގޮތުންނާއި އިޖުތިމާޢީގޮތުން ތަފާތު ފައިދާތަކެއް މުޖުތަމައަށް ލިބިގެންދާނެ ކަމެއްކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އޭގެތެރޭގައި:


1. ކައިވެންޏަކީ ދަރިފަސްކޮޅު ދެމިހުރުމުގެ އަޞްލެވެ. ކައިވެންޏަކީ ދަރިފަސްކޮޅު އިތުރުވުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވަވާފައިވާ ސަބަބެކެވެ. ކައިވެނީގެ ސަބަބުން ދަރިފަސްކޮޅު އިތުރުވެ، މީސްތަކުންގެ ޢަދަދު ގިނަވެދެއެވެ. އުފާވެރި، ބާއްޖަވެރި ކައިވެންޏަކީ މުސްލިމުންގެ ޢަދަދު ގިނަވެ، މުޖުތަމައަށް ފައިދާކޮށްދޭނެ ޖީލެއް ފެތުރިގެންދާނެ ކަމެކެވެ.


2. ކައިވެންޏަކީ ފަރުޖުތަކަށްވާ ރައްކާތެރިކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ ހައްދަވާފައިވަނީ ޝަހްވަތްތަކެއް ލައްވާފައެވެ. ހަމައެހެންމެ އިންސާނާއަކީ ކެތްތެރިކަން ކުޑަ، ހަނދާންނެތުން ބޮޑު، ބަލި ނިކަމެތިމީހެކެވެ. ސަބަބެއްގެ ގޮތުން އިންސާނާގެ ހިތްއަބަދުވެސް ގޮވަމުންދަނީ އޭނާގެ ޝަހްވަތްތަކާ ދިމާލަށެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ ޝަހްވަތްތަކަށް ވަރަށް ފަސޭހަކަމާއެކު އިންސާނާ ހުށަހެޅިދެއެވެ. މިގޮތުން މިޝަހްވާނީ އެދުންތައް މައިތިރިކޮށްދޭނެ މަގެއް ވަނީ އަޅުގަނޑުމެނަށް ދައްކަވާ ދެއްވާފައެވެ. އެއީ ކައިވެނީގެ މަގެވެ. ހެޔޮގޮތުގައި ކުރެވޭ ކައިވެންޏަކީ އެކަމުގެ ސަބަބުން މީހާގެ ޝަހްވަތްތެރިކަން މައިތިރިކޮށްދޭނޭކަމެކެވެ. ހަމައެހެންމެ މީސްތަކުންގެ މުޖުތަމަޢުތައް ފާސިދުވެ ހަލާކުވެދާފަދަ ޙަރާމް އަޑުތަކުންނާއި ބެލުންތަކުން މީހާ ސަލާމަތްކޮށްދޭނެ މަގެކެވެ.


3. ކައިވެންޏަކީ ފިރިމީހާގެ ފަރާތުން އަނބިމީހާއަށް އަޅާލުމާއި، ސަލާމަތްތެރިކަމާއި، ޚަރަދުބަރަދު ލިބުމުގެ މަގެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަންހެނުން ބެލެހެއްޓުމުގެ ޒިންމާއާއި އެކަނބަލުންނަށް ޚަރަދުބަރަދު ދިނުމުގެ ޒިންމާ ފިރިހެނުންނާ ޙަވާލުކުރައްވާފައެވެ. މާތް ﷲ އައްނިސާ ސޫރަތުގެ 34ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.  (الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ) މާނައީ: “ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި قائمވެގެންތިބޭ ބަޔެކެވެ. (އެއީ) އެބައިމީހުންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެބައިމީހުންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ.”


4. ކައިވެންޏަކީ ދެމަފިރިން އެކަކު އަނެކެއްގެ ކިބައިން ހަމަހިމޭންކަން ލިބިގަތުމުގެ މަގެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އައްރޫމް ސޫރަތުގެ 21ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. (وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنفُسِكُمْ أَزْوَاجاً لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً) މާނައީ: “ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެއިލާހު ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ.” އަދިވެސް އަލްއަޢުރާފް ސޫރަތުގެ 189ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. (هُوَ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا) މާނައީ: “އެއިލާހީ، އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި އިލާހެވެ. އަދި އެ ނަފްސުން، އެ ނަފްސުގެ އަނބި ހެއްދެވިއެވެ. (އެއީ) އެކަނބުލޭގެ ގާތަށްގޮސް، ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ.”


5. ކައިވެންޏަކީ މުޖުތަމަޢުގެ އެއްބަޔަކު އަނެއްބަޔަކާދެމެދު އިޞްލާޙްކޮށް، މުޖުތަމަޢުގައި އުޚުއްވަތްތެރިކަން ޤާއިމުކޮށްދޭ ކަމެކެވެ. އަޅުގަނޑުމެން މުޖުތަމަޢުއަށް ނަޒަރު ހިންގާލައިފިނަމަ، ޢަދަވާތްތެރިކަން އޮތް ދެ ޢާއިލާއެއްގެ ދެމެދުގައި ޞުލްޙަވެރިވެ، ކުރިން އެހާބޮޑު ގާތްކަމެއްނެތް ޢާއިލާތަކުގެ މެދުގައި އެކުވެރިކަން އާލާވެގެން ދެއެވެ. މައެފަދައިން ކައިވެންޏަކީ އިންސާނީ މުޖުތަމަޢުތައް ނުބައި ފާހިޝް ޢަމަލުތަކުން ރައްކާތެރިކުރާކަމެކެވެ. އަދި ނަސަބުތައް ރައްކާތެރިވުމުގެ މަގެކެވެ. ހަމައެހެންމެ ޖަނަވާރުންނާ އިންސާނުންނާ ތަފާތުކޮށްދޭ ތަފާތުކޮށްދިނުމެކެވެ. މިއީ ޖަނަވާރުތަކުގެ މައްޗަށް އިންސާނުން މަތިވެރިވާކަށް ދަލީލުކޮށްދޭ ވަރުގަދަ ދަލީލެކެވެ  . (އައްޝައިޚް މުޙައްމަދު ސިނާން،13 އޮކްޓޯބަރ 2011، ކައިވެނި http://maldivianpearls.com/?p=57)


ކައިވެނި ދެމެހެއްޓުން
ކާވެނީގެ ޙަޔާތުގައި ފިރިމީހާއަށާއި އަނބިމީހާއަށް ދިމާވެދާނެ ހިތްހަމަނުޖެހުންތަކަށާއި ދަތި އުދަގޫތަކަށް ކެތްތެރިވުމަށް އިސްލާމް ދީން ވަރަށް މަތީދަރަޖައަކަށް ބާރުއަޅާފައިވެއެވެ. މާތްﷲ ނިސާ ސޫރަތުގެ 19 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. (وَعَاشِرُوهُنَّ بِالْمَعْرُوفِ فَإِنْ كَرِهْتُمُوهُنَّ فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا ) މާނަ: “އަދި ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރިވެއްޖެނަމަ، (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުންވެދާނެއެވެ. އަދި، އެ އެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވާފާނެތެވެ.”


އަބޫހުރައިރާގެ ކިބައިން އިމާމްބުޚާރީ ރިވާކުރައްވާފައިވާ ކީރިތި ރަސޫލާ (ޞ)ގެ ޙަދީޘެއްގައިވެއެވެ. (لاَ يَفْرُكُ مُؤْمِنٌ مُؤْمِنَةً، إِنْ كَرِهَ مِنْهَا خُلْقًا، رَضِيَ مِنْهَا آخَرَ) މާނައީ: “މުއުމިނު ފިރިއަކު މުއުމިން އަނތްބަކު ދެކެ ރުޅި ނާންނަހުށިކަމެވެ. އެކަނބުލޭގެ ކިބައިގައި ހިތްހަމަނުޖެހޭ އެއްސިފައެއް ހުރިނަމަވެސް، އެހެން ރަގަޅު ސިފައެއް ހުރުމުން ރުހެވޭގޮތްވެދާނެތެވެ.”


ޒަވާޖީ ހަޔާތަކީ، ދެމަފިރީންގެ އެއްބާރުލުމާއި އެކަކު އަނެކަކަށް ދޫދިނުމާއި، އެކެއްގެ ކިބައިން ފެންނަ ހިތްހަމަނުޖެހޭ ކަންކަމަށް އަނެކަކު މަޢާފުކުރުމާއި ކެތްތެރިވުމުގެ ޙަޔާތެކެވެ. އެއްވެސް އިންސާނަކީ، ހުރިހާ ގޮތަކުން ފުރާ ފުރިހަމަވެފައި ހުންނަ މީހެއްނޫނެވެ.  ދެމަފިރީންގެ ކިބައިގައި ހުންނަ އުނިކަންކަން ފުރިހަމަ ކޮށްދެނީ ދެމީހުންގެ ކިބައިގައިވެސް ހުންނަ ރަގަޅުކަންތައްތަކުގެ ސަބަބުންނެވެ. އެކެއްގެ ކިބައިގައި ހުރި އުނިކަންކަން، ފޫބައްދައިދޭންވީ، އަނެކެއްގެ ކިބައިގައި ހުރި ރަގަޅުކަންކަމުގެ ބޭނުންކޮށްގެންނެވެ. ޒަވާޖީ ހަޔާތުގެ މަރުޙަލާތަކުން ދަތުރުކޮށްދާންވީ، ދަތުރުގެ ދެ އެކުވެރީންފަދައިންނެވެ. ޒަވާޖީ ހަޔާތުގެ މި ދަތުރު އަމާންކުރުން،  ނުވަތަ ނާމާންކޮށްލުން އޮތީ އެ ދެމީހުންގެ އަތްމަތީގައެވެ. ކާވެނީގެ ބާއްޖަވެރިކަމުގެ އިޙްސާސްތަކާއެކު، ދުނިޔެވީ ހަޔާތް ހޭދަކޮށްލުމަކީ، ދެމަފިރިއެއްގެ ހެޔޮ ވިސްނުން ބޭނުންކޮށްފިނަމަ، ވަރަށް ފަސޭހަކަމެކެވެ.


ވަރިކުރުމުގެ ކުރިން
ވަރީގެ ޠޫފާން އައިސް ޒަވާޖީ ޙަޔާތަށް ކުރިމަތިވަނީ ކުއްލިއަކަށްނޫނެވެ. ވަރީގެ ތޫފާން އައުމުގެ މާކުރީން އޭގެ ސިގްނަލްތައް ލިބެން ފަށައެވެ. ވަރިވުމުގެ މާކުރީއްސުރެ، ދެމަފިރީންގެ ދެމެދުގައި ޖެހެންފަށާ ކުދި ކުދި  މައްސަލަތައް ބޮޑެތި މައްސަލަތަކަށް ބަދަލުވެ ވަރިއާ ހިސާބަށް ދެމަފިރީންގެ ގުޅުން ދުރުވެގެންދަނީ، އެކަމުގެ ޙައްލު ހޯދުމުގެ މަގު އިޚްތިޔާރު ނުކުރުމުގެ ސަބަބުންނެވެ. ދެމަފިރިއަކު، ނުހަނު ލޯބިން ކުރި ކާވެނި، އަދި އިތުބާރާއިއެކު ފެށި ޒަވާޖީ ޙަޔާތުގެ ދަތުރު، ވަރިވުމަކުން ނިމި ދިޔުމަކީ، ދެމަފިރިންކުރެ އެކަކުވެސް ބޭނުންވާނެކަމެއްނޫނެވެ. 


ދެމަފިރީންގެ ދެމެދުގައި ޖެހޭ މައްސަލަތައް ޙައްލު ކުރުމަށް ކުރެވިދާނެ ކަންތައްތައް އިސްލާމް ދީނުގައި އަންގަވާފައިވެއެވެ. އެކަންތައްތަކުގެ ތެރޭގައި ނަޞޭޙަތްތެރިވުމާއި، ހެވާއި ނުބައި ވިސްނައި ދިނުމާއި، އިޞްލާޙުކުރުމުގެ ނިޔަތުގައި، އަދި ޢިބްރަތެއް ލިއްބައިދިނުމުގެ ބޭނުމުގައި ދެމީހުން ދުރުގައި ތިބުމާއި، ދެމީހުން ދެ ތަންމަތީގައި ނިދައިލުމާއި، ދެފަރާތުގެ ޢާއިލާގެ މީހުން މެދުވެރިވެ ޞުލްޙަ ކުރުމުގެ ގޮތުން ނަޞޭހަތްތެރިވުމާއި، ދެމަފިރީންގެ ފަރާތުން ކަނޑައެޅޭ ދެ ނިޔާވެރީންގެ އެހީތެރިކަން ހޯދުން ފަދަ ކަންތައްތައް ހިމެނެއެވެ. މިފަދަ ކަންކަމަށް އިޝާރަތްކުރައްވައި ނިސާ ސޫރަތުގެ 128ވަނަ އާޔަތުގައި މާތްﷲވަހީކުރައްވާފައިވެއެވެ. 


(وَإِنِ    امْرَأَةٌ    خَافَتْ    مِنۢ    بَعْلِهَا    نُشُوزًا    أَوْ    إِعْرَاضًا    فَلَا    جُنَاحَ    عَلَيْهِمَآ    أَن    يُصْلِحَا    بَيْنَهُمَا    صُلْحًا    ۚ    وَالصُّلْحُ    خَيْرٌ    ۗ    وَأُحْضِرَتِ    الْأَنفُسُ    الشُّحَّ    ۚ    وَإِن    تُحْسِنُوا۟    وَتَتَّقُوا۟    فَإِنَّ    اللّٰـهَ    كَانَ    بِمَا    تَعْمَلُونَ    خَبِيرًا  ) މާނައީ: “ފިރިމީހާ ދުރުހެލިވެ، ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރު ހީވެއްޖެނަމަ، އެދެމީހުންގެ ދެމެދުގައި އެކުވެރިކަމުގެ ޞުލްޙަވުމަކުން ޞުލްޙަވުމާމެދު، އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ޞުލްޙަވުން ހެޔޮކަންބޮޑެވެ. އަދި (ތިމާގެ ގާތުން ކުރަން ޖެހޭ ހޭދައަކާމެދު، އަދި ތިމާއަށް ލިބެންވީ ލިބުމަކާމެދު) ދަހިވެތިވުން ހިތްތަކުގައި ލައްވާފައިވެއެވެ. އަދި ތިޔަބައިމީހުން އިޙްސާންތެރިވެ އަދި ތަޤްވާވެރިވާނަމަ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުން ކަންތައް ކުރާގޮތް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲވޮޑިގެންވެއެވެ.”


ހަމައެފަދައިން ކީރިތި ޤުރުއާނުގެ ނިސާ ސޫރަތުގެ 34ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. (وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا ۗ إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا) މާނައީ: “އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތް ދޭށޭވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި އެކަނބަލުންގެ ގައިގައި (ހާނިއްކަ ނުވާގޮތަށް) ޖަހާށެވެ! ފަހެ، ތިޔަބައި މީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، ﷲއީ އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެކަމުގައިވެއެވެ.”


މީގެ އިތުރަށްވެސް ދެމަފިރިންގެ ދެމެދުގައި ދެކޮޅުވެރިކަން އުފެދިއްޖެނަމަ ސުލްޙަކުރުމުގައި އަމަލުކުރަންވީ ގޮތް ނިސާ ސޫރަތުގެ 35ވަނަ އާޔަތުގައި މާތްﷲ ބަޔާންކުރައްވާފައިވެއެވެ.
(وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِنْ أَهْلِهِ وَحَكَمًا مِنْ أَهْلِهَا إِنْ يُرِيدَا إِصْلَاحًا يُوَفِّقِ اللَّهُ بَيْنَهُمَا ۗ إِنَّ اللَّهَ كَانَ عَلِيمًا خَبِيرًا ( މާނައީ:”އެދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައި މީހުން ބިރުގެންފިނަމަ،  އޭނާގެ އަހްލުވެރިންގެ ތެރެއިން ނިޔާވެރިޔަކާއި އެކަނބުލޭގެ އަހްލުވެރީންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! ޞުލްޙަކުރުމަށް އެދެމީހުން ޤަޞްދުކުރާނަމަ، ﷲ އެ ދެމީހުން ޞުލްޙަކުރައްވައި އެއްބަސްކުރައްވައިފާނެތެވެ. ހަމަކަށަވަރުން ﷲއީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެކަމުގައިވެއެވެ.” (މުޙައްމަދު ޝަހީމް އަލީ ސަޢީދު (2008) ޒަވާޖީ ހަޔާތެއްގެ އިރު އޮއްސުމުގެ ކުރިން ވަރީގެ ޙުކުމްތައް ދެނެގަތުން(


ދެމަފިރިންގެ މެދުގައި ކުރިމަތިވާ މައްސަލަތައް ޙައްލުކުރާނީ ކިހިނެއް؟

ދިރިއުޅުމެއްގައި ނުވަތަ ޢާއިލާއެއްގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތްކަމަށް ބުނާނަމަ އެއީ ޙަޤީޤީ ބުނުމެއްނޫނެވެ. އެބުނުމުގައި ވަންހަނާކުރުންތަކެއް ވާނެކަން ކަށަވަރެވެ. އުފާވެރި ދިރިއުޅުމެއް އަމިއްލަ ޒާތުގައި އުފެދިގެން އައުމަކީ ނާދިރުކަމެކެވެ. އުފާވެރި ގެވެހި ދިރިއުޅުމެއްގެ އަޞްލު ގުޅިފައިވަނީ  ދެމަފިރިންގެ ދެމެދުގައިވާ ގުޅުމެއްގެ މައްޗަށެވެ. ދެމަފިރިންގެ ތެރެއިން އެކަކު މަސައްކަތްކޮށްގެން ޙަޤީޤީ އުފާވެރި ދިރިއުޅުމެއް ޙާޞިލެއްނުކުރެވޭނެއެވެ. 


މިގޮތުން އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންނަމަ ދެމަފިރިންގެ ދެމެދުގައިވާ ތަފާތު ޚިޔާލު ތަފާތުވުންތައް އެއްކިބާކުރަންޖެހެއެވެ. ހަމައެއާއެކު އެއް ނަޒަރަކުން ދެކެންޖެހެއެވެ. ޝައްކުތަކާއި ވަޙުމްތަކުން މުޅިން އެއްކިބާވާން ޖެހެއެވެ. އެކަކު އަނެކަކަށް ދޫކުރުމާއި އިޚްތިރާމްކުރުމާއި ކަމޭހިތުން ޤާއިމްކުރަންޖެހެއެވެ. ދިމާވާ މައްސަލަތަކުގައި މަޝްވަރާކުރުމާއި ޚިޔާލު ބަދަލުކުރުމުގެ މާތް ސިފަ އިސްކުރަންޖެހެއެވެ. ކުށް ޤަބޫލުކުރުމާއި މަޢާފަށްއެދުމާއި މަޢާފްކުރުމާއި މިފަދަ އިސްލާމީ ރިވެތި އުޞޫލުތައް ބޭނުންކުރަންޖެހެއެވެ. ޚާއްޞަކޮށް ދެމަފިރިންނަކީވެސް އިސްލާމީ އުޞޫލުތަކަށް ތަބާވާ ދީނީ އަޤީދާ ވަރުގަދައަށް ހިފަހައްޓާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކަށް ވާންޖެހެއެވެ. މީގެއިތުރަށް ދެމަފިރިންގެ ދިރިއުޅުމުގެ ޙަޤީޤީ ފޮނި މޭވާ ކަމުގައިވާ ދަރިންނަށްޓަކައި ރޭވުންތަކެއް ދުރާލާ ރާވަންޖެހެއެވެ. އަދި އެރޭވުންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ދެމަފިރިންގެ ދެމެދުގައި މަޝްވަރާގެ އުޞޫލުން ނިންމަންޖެހެއެވެ. 


ދިރިއުޅުމުގައި މައްސަލަތައް ދިމާވަނީ އިސްވެދެންނެވި ކަންކަމަށް ސަމާލުކަން ނުދީ ވަކި ރޭވުމެއް އަމާޒެއްނެތި ދިރިއުޅުން ކުރިއަށް ގެންދިއުމުންނެވެ. ދިރިއުޅުމުގައި ކުރިމަތިވާ މައްސަލަތައް ޙައްލުކުރަން ބޭނުންނަމަ އިސްވެދެންނެވި ކަންކަމަށް ސަމާލުކަން ދީގެން ދިރިއުޅުން ރާވާ ބައްޓަންކުރުން ކޮންމެހެން ބޭނުމެވެ.


އެކި ޢާއިލާތަކުގައި ނުވަތަ އެކި ދެމަފިރިންގެ ދެމެދުގައި ދިމާވާ މައްސަލަތަކުގެ ބާވަތްތައް ތަފާތުވުން އެކަށީގެންވެއެވެ. އެހެންނަމަވެސް އިސްވެދެންނެވި އުޞޫލުން ވިސްނައި އެމައްސަލައެއްގެ ޙައްލު ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު ޙިކުމަތްތެރިކަމާއެކު އިސްލާމީ ރިވެތި އުޞޫލުން އަޅަމުން ގެންދާނަމަ އެއްވެސް ޢާއިލާއެއްގައި އަދި އެއްވެސް ދެމަފިރިއެއްގެ ދެމެދުގައި ޙައްލުނުކުރެވޭނެ މައްސަލައެއް ކުރިމައްޗެއްނުވާނެއެވެ.

 

—————————– 


މަރާޖިޢު
• ފިޤްޙުލް އުސްރާ، ފަޟީލަތުއް ޝައިޚުލް އުސްތާޛު މުޙައްމަދު ރަޝީދު އިބްރާހިމް، ފެކަލްޓީ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް، ވިލާ ކޮލެޖް، މާލެ
• އައްޝައިޚް މުޙައްމަދު ޝަހީމް އަލީ ސަޢީދު (2008) ޒަވާޖީ ހަޔާތެއްގެ އިރު އޮއްސުމުގެ ކުރިން ވަރީގެ ޙުކުމްތައް ދެނެގަތުން

• އައްޝައިޚް މުޙައްމަދު ސިނާން،13 އޮކްޓޯބަރ 2011، ކައިވެނި http://maldivianpearls.com/?p=57
• އަލްއަޚްވާލުއްޝަޚްޞިއްޔަތު (ކައިވެނި)، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ، މާލެ


 
About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.