އަހަރެން އަބީދު ކުރެން އަހައިލީމެވެ.” ބަލަ ހަސްފަތާލުން ދޫކޮށްލީ ތަ؟” “ނޫން. އަދި ދޫކޮށެއް ނުލާ. މިދެން ސިނގިރޭޓެއް ބޮއިލަން ހޮޓަލަށް ޖައްސައިލީ. އެތަނުން މިތަން ހިނގާލައިފައި އަންނާކަށް ވެސް ދުރެއް ނޫނެއް ނު. އެތާ ސިނގިރޭޓެއް ވެސް ބޮވެނީއެއް ނޫން. ކަލޭ ނައިސްގެން މި މަޑުކޮށްލެވެނީ. މިސިނގިރޭޓު ބޮއިލައިގެން ދެމީހުން އެކުގައި ދާނީ. އަންހެނުންނާއި ފަހަރި ފަތިސްވަންދެން ދަމަށް ތިބެފައި މިހާރު ތިބީ ކޮޓަރީގައި ނިދާފައި.” މީނާ ބަސް ނުދަންނާތީ ހަސްފަތާލުން ވީއްލުމުގެ ކަންތަކަށް އަހަރެން…

އަހަރެން އަބީދު ކުރެން އަހައިލީމެވެ.” ބަލަ ހަސްފަތާލުން ދޫކޮށްލީ ތަ؟”

“ނޫން. އަދި ދޫކޮށެއް ނުލާ. މިދެން ސިނގިރޭޓެއް ބޮއިލަން ހޮޓަލަށް ޖައްސައިލީ. އެތަނުން މިތަން ހިނގާލައިފައި އަންނާކަށް ވެސް ދުރެއް ނޫނެއް ނު. އެތާ ސިނގިރޭޓެއް ވެސް ބޮވެނީއެއް ނޫން. ކަލޭ ނައިސްގެން މި މަޑުކޮށްލެވެނީ. މިސިނގިރޭޓު ބޮއިލައިގެން ދެމީހުން އެކުގައި ދާނީ. އަންހެނުންނާއި ފަހަރި ފަތިސްވަންދެން ދަމަށް ތިބެފައި މިހާރު ތިބީ ކޮޓަރީގައި ނިދާފައި.”

މީނާ ބަސް ނުދަންނާތީ ހަސްފަތާލުން ވީއްލުމުގެ ކަންތަކަށް އަހަރެން ގޮވައިގެން ދާން ބޭނުން ވަނީ ކަން ވިސްނުނެވެ.

އެދަނޑިވަޅުގައި ނޫކުލައިން “ނަވަލޯކަ” ހަސްފަތާލުގެ ނަން ބޮޑުއަކުރުން ފަވާލައިފައި އޮތް ހުދު ކުލައިގެ ކާރެއް ވަދެގެން އައިސް ހާމަ ފެންޑާ ކުރިމައްޗަށް ހުއްޓާލައިފިއެވެ. އެއިން ދެމީހުން ފޭބިއެވެ. އެކަކީ އިއްޔެ ހެނދުނު ޑަކުޓަރު އެންގި އެންގުމަށް އެނދުމަތި ކުރަން އަބީދު ފުރޮޅުލީ ގޮނޑިއެއްގައި ގެންދިޔަ އެހީތެރިޔާއެވެ. ދެވަނަ މީހާ އަކީ ޖާނާއި އިސްކޮޅު ހުރި މީހެކެވެ. އެއީ ހަސްފަތާލުގެ ފާރަވެރިއެއްކަން އަޅައިގެން ހުރި ނިތްގަނޑު ލީ ތޮތްޕާއި ކާކީ ޔުނީފޯމުން އެނގެއެވެ. އަތުގައި އޮޅައިލައިފައި ކަރުދާސްގަނޑެއް އޮތެވެ. އެހީތެރިޔާ އަބީދަށް ބަލައިލައިފައި ބުނެފިއެވެ.

“ބަލަ ހަސްފަތާލުން ދޫކޮށް ނުލަނީސް ފިލައިގެން އައިސް ތިޔަ އުޅެނީ ބިލު ވެސް އަދާނުކޮށް ނު؟ އަހަރެމެންނާއެކު ހަސްފަތާލަށް އަންނަންވީ!” ދެން ދެމީހުން އައިސް ދެފަރާތުން އަބީދު އަތުގައި ހިފައިފިއެވެ.

މިކުޅިވަރެއް ދެކެން މި ހޮޓަލުގެ ބައެއް މުއައްޒިފުންނާއި އަދި ފޮށިއަތް ދަބަހާއެކު ފުރަންދާން ނިކުތް ބަޔަކު ވެސް ހައިރާންވެގެން ހުއްޓި ތިއްބެވެ.

ފާރަވެރިޔާގެ ވާހަކަ ދޭހަވެގެން އަބީދު އަތްފޮޅުވާލަމުން ދިވެހި ބަހުން ބުންޏެވެ. “ފިލައިގެންނޭ. މަ ހަސްފަތާލުން ނިކުމެގެން އައީ ކަލޭ ކުރިމަތިން އަޅައިފައި. ކަލޭ ހިނިތުންވެލުމުން ހިނިތުންވެލައިފައި. ހަލޯއޭ ބުނުމުން ހަލޯއޭ ގޮވައިލައިފައި. ގަޑިން ވީވަރު އެހުމުން މަގޭ އަތުކުރީ ގަޑި ދައްކައި ވީވަރު މަގޭ ބަހުން ބުނެދީފައި. ސިނގިރޭޓު ޖަހައިގެން ހުންނަ ދެއިނގިލި ތުންފަތުގައި ދެފަހަރަކު ޖައްސައިލައި މަންމަން އިޝާރާތުން ހޮޓަލަށް ސިނގިރޭޓެއް ބޮއިލަން ދަނީއޭ ބުނެފައި. ކަލޭމެން ވެސް މިތަނަށް ތިޔަ އައީ ސިނގިރޭޓު ބޯހިތުން ކަމަށް ވަންޏާ …އަން މިއޮތީ ސިނގިރޭޓުފޮށި. މިތާ ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލައިގެން މީގެ ޖަމަލު ޖެހި މީރު ސިނގިރޭޓެއް ބޮއިލަ ބަލަ” މިހެން ބުނެފައި ފޮށި ފޯރުވައިލައިފިއެވެ. މީނާގެ ވާހަކަ ދޭހަކޮށްދިނުމުން އެދެމީހުން ގާތަށް ވެސް އައީ ހިންޏެވެ. އަދި އަހަރެން ކުރެން އަހައިލައިފިއެވެ.

“މީނާގެ ބަލަދުވެރިއެއްގެ ގޮތުން ސޮއިކޮށްފައި އޮތް ހަލީމަކީ ތިޔައީ ދޯ؟ މީނާއާއެކު ކަލޭ ވެސް ހަސްފަތާލަށް އަންނަން އެބަ ޖެހޭ. ބިލު އަދާކޮށް ނިމުމުން އެނބުރި ހޮޓަލަށް އާދެވިދާނެ”

އަހަރެން ފާރަވެރިޔާގެ އަތުން ބިލު އަތުލައިގެން ބަލައިލީމެވެ.

ކިހައިވަރެއް ތަ ތިޔަށް އަރަނީ؟” އަބީދު އަހައިލިއެވެ. ތިމާގެ ކަންކަމަށް އެހެން މީހުންގެ ޖީބުން ޚަރަދުކުރެވޭ މީހެއްގެ ފަރުވާކުޑަ ފާޑަށެވެ.

“ބިލަށް އަރަނީ ތިރީސް ހަހާސް އެތަކެއް ލަންކާ ރުފިޔާ”

ނޭފަތުގެ ވަސްކޮޅުގައި އިނގިލި އަޅައިގެން އިނދެ އަބީދު ކިޔައިގަތެވެ.

“ޔާރައްބީ! އިއްޔެ ބުންޏެއްނު ރެޔަކާއި ދުވާލަކަށް އެތަނަށް ދައްކަން ޖެހޭނީ ތިންހާސް ރުފިޔާއޭ؟”

“އެއީ އެނދުކުލި. އަދި އެހެނިހެން ޚިދުމަތްތައް ވެސް ހުންނާނެ ތާ.” އަހަރެން ބިލަށް ބަލަހައްޓައިގެން ހުރެ ތަފުސީލުތައް ކިޔައިދިނީމެވެ.” ޑަކުޓަރުގެ ފީ، އެނދުގެ ފަލަނގުފޭލި، މިލަފޭލި، ހެދި ޓެސްޓުތައް، ދިން ކޮއްތާއި ސައި…ހުރިހައި އެއްޗެއް.” އަދި ބުނީމެވެ.” އިސްކޮށް ދެއްކި ފަނަރަ ހާސް ކަނޑައި ބާކީ ދައްކަން ޖެހޭނީ އެކާވީސް ހާސް ރުފިޔާ”

“އިސްކޮށް ދެއްކި ފައިސާ ނުކިޔާ! އެއީ މަ ކަލެއަށް ދޭން ޖެހޭނެ ފައިސާއެއް ތާ. މަ ބުނެގެން އެފައިސާ އެތަނަށް ދައްކައިދިނީ ކަލޭ ވިއްޔަ. އެހެންކަމުން މަށަށް ޖުމްލަ ހޭދައަކީ ހަމަ ތިރީސް ހަހާސް ރުފިޔާ! ތިޔައީ ދެން ވާ ބޮޑުވަރެއް. މީ ކަލޭ ދިން ލަނޑެއް. ކަލޭ ގާތު ކިތައް ފަހަރު ބުނިން މަށަށް ޖެހިގެން މިއުޅެނީ ޖިންނިއެއްގެ ކަމެކޭ. މަގޭ ކިއެވެލިން އެސޮރު ބަލިއަރުވާލާނަމޭ. ބޭނުންވަނީ ވަގުތުން ތަދު ކެނޑޭނެ ބޭހެކޭ. އެކަމަކު ކަލޭ ހަމަ ހިލާ މަގޭ ބަސް އަހައިގެނެއް ނުވި. ކަލޭ އެހީ އެމަކަރުވެރި ޑަކުޓަރުގެ ބަސް. މިތާ ލަންކާގައި ކުރޮޅި ދުއްވާ މީހުންނެކޭ ބައެއް ޑަކުޓަރުންނެކޭ ވަކި ތަފާތެއް ނުހުރޭ. ހައްތާ ފޭރިކާ ބަދަވީން. މިލައިގަތީ ވާ ކަމެއް! މަށަކަށް މިއަދަކު ތިޔަ ބިލު އަދާކުރެވޭކަށެއް ނެތް. މަގޭ ކަންތައްތަކަށް މިތާ ޚަރަދުކޮށް އުޅޭ މީހަކީ ނިލަންތާ. އޭނާ މިއަދު ހުރީ އޭނާގެ ދަނޑުފަނގު އޮތް ރަށްފުށުގެ ރަށެއްގައި. އެނބުރި އަންނާނީ މާދަމާ ހަވީރުކޮޅު. އައުމާއެކު ތިޔަ ތަނަށް ގޮސް އޭނާ ތިޔަ ބިލު އަދާކޮށްލަފާނެ. އޭނަޔަށް ތިޔައީ ޖީބު ފައިސާކޮޅެއްހައި ކުޑަ އެއްޗެއް”

.އަބީދުގެ ވާހަކަ ހަސްފަތާލުން އައިސް ތިބި މީހުންނަށް ދޭހަކޮށް ދިނުމުން ފާރަވެރިޔާ މަށާ ދިމާއަށް ބުނެފިއެވެ.

“ތިޔަ ދައްކަނީ ކޮން ނިލާންތާއެއްގެ ވާހަކައެއް! ބަލިމީހާގެ ބަލަދުވެރިއެއް ގޮތުގައި ލިޔުއްވައިފައި އޮތީ ކަލޭގެ ނަން. އެޑުރެހަކަށް އޮތީ ކަލޭ ތިޔަހުންނަ ހޮޓާ. ފޯނު ނަންބަރަކަށް އޮތީ ކަލޭގެ ނަންބަރެއް ނޫންތަ؟ ސޮޔަކަށް އޮތީ ކަލޭގެ ސޮއެއް ނޫންތަ؟ އޭނާޔަށް ފައިސާ ދެއްކެން ނެތް ހިނދެއްގައި ފައިސާ ދައްކަން ޖެހޭނީ ކަލޭ. އެކަމަށް އިޤްރާރުވެ  ކަލޭ ލިޔުމުގައި ސޮއިކުރީ ލިޔުން ކިޔައިވެސް ނުލައިތަ؟”

ހިތަށް އެރިއެވެ. މިމަޅި އަށް މަށަށް މިއޮތީ ބޯކޮއްޕައިލެވިފައެވެ. ދެން އޮތީ ނެއްޓުނު ގޮތަކުން ނެއްޓުމެވެ. ފައިސާ ދަބަސް ފަޓުލޫނު ޖީބުން ނަގައި ބަލައިލިއިރު އޭގައި ކުރެޑިޓު ކާޑު އޮތެވެ. މިރަށުގައި ކުރަން ހުރި ކަންތައް ނުނިމި، އުއްމީދުކޮށްގެން ހުރި ވަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ކާޑުން މިހައި ތަނަށް ވަރަށް ބޮޑު ހޭދައެއް ވަނީ ހިނގައިފައެވެ. އެހެންކަމުން މިވަގުތު އެބުނާ ޢަދަދަށް ފައިސާ ކެނޑެން ހުރި ކަމެއް ވެސް ނޭނގެއެވެ. މާލެއިން، އޮފީހުން މަގޭ ކާޑު އެކައުންޓަށް ފައިސާކޮޅެއް ޖަމާކޮށްދޭނެ ކަމަށް ބުނި ނަމަވެސް، އެތާ ކަންކަން ހިނގާ އުސޫލުން ހަތް ވަލީގެ ކޮޅުން ހުއްދަ ލިބިގެން އެކަން ނިމިފައި އޮތް ނަމަ އަދި އެކަމެއް ނާންގައެވެ.

ފައިސާގެ ކަންތައް ނިންމަން ދިޔުން ނޫން ގޮތެއް ނެތީތީ މާތްކަނލާގެއާ ވަކީލުކޮށްލައިފައި ހަސްތާލުން އައިސްތިބި މީހުންނާއެކު އަބީދުގޮވައިގެން އެތަނަށް ދިޔައީއެވެ.

އެހީތެރިޔާއާއެކު އަބީދު އޮތް ވޯޑުގެ ފައިސާ ދައްކާ ބަޔަށް ދާން ލިފުޓު ތިރިޔަށް އައުމުގެ އިންތިޒާރުގައި ތިއްބާ ފަހަތުން މީހަކު “ޕަންޑިތު ޕަންޑިތޭ” ކިޔައި ގޮވައިލުމުން ދެމީހުންނަށް އެއްފަހަރާ ކަހަލަގޮތަކަށް ކަރުއަނބުރައި ފަހަތަށް ބަލައިލެވުނެވެ. ހީވީ ދަގަތްފާނަށް ދަގަނޑު ދަމައިގަތް ހެންނެވެ. އަބީދު ހިނިއައިސްފައި ސަލާމަށް އަތްދަރާލައިގެން ހުރެ ދުއްވައިގަތީ އެމީހަކާ ދިމާޔަށެވެ. ގޮވި މީހާ އެގޮވީ އަބީދަށް ތާއެވެ. އެމީހަކު ލައިގެން ހުރި ހުދު ކޯޓާއި މޫނުމަތީގައި ހުރި އަމުރުވެރި ކުލަވަރުން އެއީ މިތާނގެ އިސް ޑަކުޓަރެއްކަން ވިސްނުނެވެ. އަބީދު ފަހަތުން އަހަރެން ވެސް ގޮސް އެމީހަކު ގާތަށް ހުއްޓިއްޖައީމެވެ. ދެނަސްލެއްގެ ދެމީހުން ކަމުގައި ވިޔަސް ހެދިހުރި އިސްކޮޅާއި އޮޅަލި ކުލަވަރާއި ފަންސާހާ ގާތްކުރާ އުމުރުން އަދި ރީތި ބަޔަށް ދާ ސޫރައިން އަބީދާއި މިޑަކުޓަރުގައި ވައްތަރު ގޮތެއް ހުރީތީ ދުރުތިބީންނަށް މިފަދަ ވަގުތެއްގައި މިއީ ގާތް ތިމާގެ ދެމީހުންހެން ހީވާހައި ވެއެވެ. އަނެއްކޮޅުން ދެމީހުންގެ މަސައްކަތުގައި ވެސް އެއްގޮތް ކަމެއް އެބަހުއްޓެވެ. ދެމީހުންނަކީވެސް ބައްޔަށް ފަރުވާދޭ ދެމީހުންނެވެ. ތަފާތީ ފަރުވާ ދޭ ގޮތެވެ. މިކަންކަން އަހަރެން ފާހަގަކުރުމުން ޑަކުޓަރުގެ ރުހުން އަހަރެންގެ މައްޗަށް ލިބިއްޖެ ކަމަށް ހީވާ ކަހަލަ ބީދަޔަކަށް ހީނލައިފައި ބޯޖަހައިލިއެވެ. އަބީދު ސަލާމަށް ދިއްކޮށްގެން ހުރި އަތުގައި ސަލާމަށް ފަހު އޭނާ ހިފައިގެން ހުރީ އޭނާ ފަދަ އޯގާވެރި ޑަކުޓަރަކު ބަލިމީހެއްގެ އަތުގައި ހިފައިގެން ހުންނާނޭ ގޮތަށެވެ. ދެން އަބީދު އަތުގައި އަޅައިފައި އޮތް މަލަން ކަފަގަނޑު ފެނިގެން އަހައިލައިފިއެވެ.

“ފަންޑިތަވެރިޔާ! އަނެއްކާ ކީއްވީ؟”

އެކަކަށް އަނެކަކުގެ ވާހަކަ ދޭހަކޮށްދޭން ޖެހުނީ އަހަންނަށެވެ.

އަހަންނަށް ޑަކުޓަރު ތައާރަފު ކޮށްދެމުން އަބީދު ބުންޏެވެ.” މީ ޑަކުޓަރު ވީރަސޫރިޔާ. މަގޭ ބަނޑު ފެޅި ޑަކުޓަރު”

“ބަނޑު ފެޅީއޭ؟”

“މިބުނީ މަގޭ ގޮހޮރު އޮޕަރޭސަން ކުރި ވާހަކަ.”

“ތިޔަ ވާހަކަ ކަލޭ ބެލި ޑަކުޓަރު ނަތާޝާ ގާތު ނުބުނީ ކީއްވެ؟”

“އެއީ ދެން އެހައި މުހިއްމު ކަމެއް ތަ؟ މަށަށް ޖެހުނުކަމެއް ޖެހުނީ ޖިންނިއެއްގެ ފުށުން ކަމަށްވާ އިރު މަގޭ ގޮހޮރާ  އެކަމަކާ ހުރީ ކޮން ގުޅުމެއް؟”

“ކޮން އިރަކު ތިޔަ އޮޕަރޭސަނެއް ކުރީ؟”

“ހަމަސްކުރިން. ހަމަ މި ހަސްފަތާލުގައި. ޑަކުޓަރަށް އަހަރެން ތައާރަފުކޮށް ދިނީ ނިލަންތާ. ވަރަށް ހިތްހެޔޮ މާތް މީހެއް މި ޑަކުޓަރަކީ. ކިހައި ހަނދާންވެސް ގަދަ. މަޝްހޫރު ޑަކުޓަރެއް ގޮތުން، ބަނޑު ފަޅާމީހެއްގެ ގޮތުން ދުވާލަކު މީނާ ކިތައް ބަލި މީހުން ބަލައި ފަޅައި ހަދާނެ. އެކަމަކު ހަމަސް ފަހުން ވެސް އަހަރެން ހަމަ ފެނުމާއެކު ދެނެގެންފިއެއްނު؟”

އޭނާގެ ވާހަކަ އިއްވުމުން ޑަކުޓަރުގެ މޫނުމަތީގައި ހުރި ރަހުމަތުގެ ކަލަވަރު ވަކިން ފުންވެ ފުޅާވެގެންދިޔައެވެ. އަބީދަށް ވީ ގޮތުގެ ވާހަކަ އަހަރެން އަލިފުން ޔާއަށް ކިޔައިދިނީމެވެ. އަދި ހަސްފަތާލުގައި ކުރެވުނު ޓެސްޓުތަކުން އެއްވެސް ގޯހެއް އުޅޭކަމަށް ނުދެއްކި ކަމަށާއި ކަމަކީ ހަތުރުވެރި ޖިންނިއެއްގެ ފުށުން ފޯރި ގޯނާއެއް ކަމަށް އަބީދު ބުނާ ވާހަކަ ވެސް ބުނީމެވެ.

އަހަރެންގެ ވާހަކަ އަހައިފައި ޑަކުޓަރު ރަހުމަތުގެ އަތަކުން އަބީދުގެ ކޮނޑުގައި ބޮނޑިއެއް އަޅައިފައި ރާގުގަނޑު ނިކަން ބޮޑަށް ދަމައިލައިފައި ބުންޏެވެ. “ފަންޑިތަވެރިޔާ! ކަލެއާ ކަލޭގެ ޖިންނި ސައިތާނުން ދޯ! ކޯންޗެއް  ކުރީ ރޭ ކެއީ؟”

“ނިލަންތާމެން ގެޔަށް އެރޭ އިރާކޮޅު ދިޔައިރު އޭނާ ތަނަކުން ތާޒާ ހިބަރު ބަނޑާއި ބިސް ގެނެސްފައި ހުރި. އޭނާ އަންހެނުންނަކީ ހިކިކޮށް ކުޅިކޮށް ފިސާރި މީރުކޮށް އެއެއްޗެހި ހަދަން ދަންނަ އަންހެނެއް. އެ ހައްދައިގެން އެއީ ކޭ އެއްޗަކީ. ދެން ކޭ އެއްޗަކީ ބާސްމަތީ ހަނޑުލުގެ ބަތް.”

ޑަކުޓަރު ބުންޏެވެ.

“ބަލަ ފަންޑިތަވެރިޔާ! ކަލޭގެ ބަނޑު ހުރި ނެތް ގޮތް އެންމެ ރަނގަޅަށް އެނގޭނޭ މީހަކީ ވެސް އަހަރެން. އޮޕަރޭސަންކޮށްފައި ހަސްފަތާލުން ދޫކޮށްލަމުން ވެސް ބުނީމެއްނު ކުޅިގަދަކޮށް ނުކާށޭ!”

“އޮޕަރޭސަން ކުރި ފަހުން ވެސް ކުޅިކޮށް ކައި އުޅެން. ގޮތެއް ނުވާތީ ކެވެނީ.”

“ގޮތެއް ވާނީ ކޮންމެ ފަހަރަކު ނޫން. ބައެއް ފަހަރު. ކުޅިގަދަކޮށް ނުކާން ދެންވެސް ހަނދާން ކުރައްޗޭ!”

ޑަކުޓަރާ ވަކިވެގެން ލިފުޓަށް އަރަމުން އަބީދު ބުންޏެވެ. “އޭނާ އެބުނީ ޑަކުޓަރެއްގެ ގޮތުން އޭނާއަށް ކަން ވިސްނިފައި އޮތް ގޮތަށް. ޖިންނީންގެ ކަންތައްތަކެއް އެމީހުންނަކަށް ނޭނގޭނެ. މަށަށް ޖެހުނު ކަމެއް ޖެހުނީ ޖިންނިއެއްގެ ފުށުން ކަމެއް މަށަކަށް ނޯޅޭ.”

ހިތަށް އެރިއެވެ. މީނާގެ ކެއުމާ ބެހޭ ގޮތުން ޑަކުޓަރުގެ ބަސް އިއްވާންވީ މީނާގެ އަންހެނުންނަށެވެ. މީނާއާ ޚިލާފަށް އެއީ މިޒަމާނުގެ ތައުލީމު ލިބިފައި ހުރި ކުއްޖެކެވެ. މިތާ ލަންކާގައި މީނާގެ ތަރުޖަމާނަކަށް ވެފައިވަނީ ވެސް އެކުއްޖާއެވެ. އަހަރެމެން ތިބޭ ހޮޓަލުން ނޫން ނަމަ ބޭރު ރެސްޓޯރެންޓަކުން ކައި ނަމަ ކޮއްތުފޮތް ބަލައިގެން ކެއުމަށް އޯޑަރު ދީ ހަދަނީ ވެސް އެކުއްޖާ ވިއްޔާއެވެ. އެކަމަކު މީ ވެސް ފިރިމީހާގެ އަވައިގައި ޖެހި ފަންޑިތަޔަށް ގޮސް ހުސްވެފައި ހުންނަ ކުއްޖެކެވެ. އިންސާނުންގެ ލޮލަށް ނުފެނި ފަރުދާވެފައި ހުންނަ އެއްޗެހި މިކުއްޖާގެ ހަމަލޮލަށް ރާއްޖޭގައި ވެސް އަދި މިތާނގައި ވެސް ފިރިމީހާ ދައްކާ އުޅޭ ކަމަށް ބުނެއެވެ. ވެދާނެތާއެވެ…

ކުޑަދުވަސް ކޮޅެއް ފަހުން އޭނާގެ މަސައްކަތް ނިންމައިފައި ރަހުމަތްތެރި ވިޔަފާރިވެރިޔާގެ ގިނަގުނަ ހަދިޔާ ބަދިޔާއާއެކު އަންހެނުންނާއި ފަހަރި ގޮވައިގެން އަބީދު ފުރައިގެން މާލެ ހިނގައްޖެއެވެ.

ޚަބަރު ބަލައިލާނަމޭ ހިތައި އަނެއް ދުވަހު ހެނދުނު ފޯނުކުރުމުން އޭނާގެ ފޯނު ނެގީ ފަހަރިއެވެ. އަހަރެން އަހައިލީމެވެ.

“ކޮބާ ޅިޔަންބެ؟”

“ޅިޔަންބެ އޮތީ ބަނޑަށް ތަދު އަރައިގެން ހަސްފަތާލުގައި. ދައްތަ ވެސް ވެއްޖެ އެތާނގައި. ދައްތަގެ ނަންބަރު ދެންތަ؟” މިހެން ކިޔައިފައި ނަންބަރު ދީފިއެވެ.

އަހަރެން އެ ނަންބަރަށް ގުޅުމުން މަގުމަތީގެ އަޑުތައް ފޯނަށް އަރައިފައި ވާތީ އޭނާ އެއުޅެނީ މަގުމަތީގައި ކަން ވިސްނުނެވެ. ހުރި ހިސާބެއް އަހައިލުމުން ބުނީ ހަސްފަތާލަށް ދާނޭ ޓެކުސީ އެއް ނުލިބުމުން އެއީ ގެޔާ އެހައި ދުރު ތަނަކަށް ނުވާތީ ހިނގާލައިފައި ދަނީ ކަމަށެވެ. އަބީދު ރޭ ކެއީ ކޯންޗެއް ތޯ އެހުމުން ބުނީ ގެއިން އެއްޗެއް ނުކޭ ކަމަށެވެ. އެކަމަކު ރައްޓެހި ބަޔަކާއެކު ހޮޓަލަށް ކަންނެލި ބަނޑު ކާން ދާ ވާހަކަ ދެއްކި ކަމަށެވެ. ހިތަށް އެރިއެވެ. އަބީދުގެ ބަނޑު އޮޕަރޭސަން ކުރުމާ ވިދިގެން ‘ބަނޑަށް’ އޭނާ ހަމަ ރަނގަޅަށް ވެސް ބަނޑުކެނޑިފައި ހުންނަނީ ނޫން ބާވައެވެ؟

އަބީދުގެ އަންހެނުން ބުނި ގޮތުގައި ފިރިމީހާގެ ހާލު މިހާރު ރަނގަޅެވެ. ގުޅަން ބޭނުން ނަމަ ގުޅޭނޭ ނަންބަރު ފޮނުވާނޭ ވާހަކަ ބުނެފައި ފޯނު ކަނޑައިލައިފިއެވެ. ދެން ހަމަ ވަރަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި ނަންބަރު ފޮނުވައިފިއެވެ.

އަހަރެން އަބީދާ ގުޅާލީމެވެ. ފުރަތަމަ ރިންގަށް ފޯނު ނެގީ އަހަރެންގެ ކޯލެއްގެ އިންތިޒާރުގައި ހުރި ފަދަޔަކުންނެވެ. އެކަމަކު ވާހަކަ ދެއްކީ އޭނާގެ އަސްލު ގޮތަށް ޖޯޝުން ފުރިފައި ހުންނަ ރާގަކަށް ނޫނެވެ. ބަލިވެ އުޅޭތާ ދުވަސްތަކެއް ވީ މީހެއްހެން ބަލިބަލި އަޑަކުންނެވެ. ގުޅީތީ ވަރަށް އުފާވެއްޖެކަމަށް ބުނެ މަގޭ ހާލާއި މާލޭގައި ތިބި މަގޭ އަނބިދަރީންގެ ހާލު އަހުވާލު އަހައި ހެދީ އޭނާގެ އެ ހުންނަ ހިތް ހެޔޮ އެކުވެރި އުފާވެރި ގޮތުގައެވެ. އޭނާއަށް ވީ ގޮތް އެހެމުން ބުނީ ޖިންނި މޮޔަވެގެން އުޅޭ އަންހެނަކަށް އަބީދުމެން ގޭ އޭނާގެ ކޮޓަރީގައި ރޭ މެންދަމު މަލާއި މާވަހަރު ދުމާއެކު މާވަރުގަދަ ކިޔެވެއްޔެއް ބަހައްޓައިދިނީ ކަމަށެވެ.

އަބީދާ އިދިކޮޅަށް ހުރީ ފިސާރި ބިޔަ، ގަދަފަދަ، ކާފަރު ޖިންނިއެއް ކަން އެނގުނު ނަމަވެސް ކިޔަވަން އިންދާ މާގަދަ ނިންޖެއް އައިސްގެން ތާއްޔާޖެހި ނިދޭ ވަރުން މައިތިރި ދުލުން ދޫވެގެން ނިދުނީ ކަމަށެވެ. ފަސްހަނގުރާމަ ބަލަހައްޓަން ކިއެވެލި މަތީގައި ބޭންދި ‘އެފުޅު’ ވެސް އައިސްފައި އިން ނިދީގައި އަރައި ނިދީ ކަމަށެވެ. ‘އެފުޅުގެ’ ފަސްހަނގުރާމަ ބެލުމާ މަތިކުރި ފަހަރި، ނަށާ ޖިންނީގެ އަވައިގައި ޖެހިގެން އޭނާގެ ކޮޓަރީގައި މިޔުޒިކު ޖަހައިފައި ނެށީ ކަމުގައެވެ.

                         -ނިމުނީ-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment