ޢަބްދުލްމާލިކް މުޖާހިދް
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް

حنين ހަނގުރާމައިގައި މުޝްރިކުންގެ ލަސްކަރުގެ ސަރުދާރަކަށް ހުންނެވީ مالك بن عوف النصرى އެވެ. بنو هوازن އަށް ނިސްބަތްވެވަޑައިގަންނަވާ މި ކޮމާންޑަރު حنين ގެ މައިދާނަށް ވަޑައިގަތީ بنو ثقيف ގެ އެހީއާއެކު ފަންސަވީސް ހާސް މީހުންގެ ލަސްކަރަކާއިގެންނެވެ. އެއީ ވިސްނުންފުޅު ތޫނު، ހިތްވަރުފުޅު ގަދަ ބޭކަލެކެވެ. ގަބީލާގައި އެކަލޭގެފާނުގެ ގަދަރު އުފުލިގެންވާ މިންވަރީ، ހަނގުރާމައަށް ނުކުންނާން ވާނީ އަނބިދަރިން ގޮވައިގެން، އަތުގައި ހުރި ހުރިހައި މުދަލެއްވެސް ހިފައިގެންނޭ އެންގެވީމާ އެ ގޮތާ އެންމެން ކަހަލަ ގޮތަކަށް ރުހި ގަބޫލު ވެއްޖެއެވެ. ދެތިން މީހަކު ދެކޮޅު ހެދި ނަމަވެސް مالك بن عوف ދުލެއް ނުކުރެއްވިއެވެ.
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އެއީ ކީއްކުރަން ކުރާ ކަމެއްތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން އެކަލޭގެފާނު ވިދާޅުވީ އެއީ ދުޝްމަނުންނަށް މެސެޖެއް ފޯރުކޮށްދެއްވާން ކުރައްވާ ކަމެއް ކަމުގައެވެ. އަނބިދަރިން ގޮވައިގެން، މުދާ ހިފައިގެން ނުކުތީމާ، މި ނުކުތީއަކީ އެނބުރި ދާން ގަސްތުކޮށްގެން ނޫންކަން އެނގޭނެއެވެ. މައިދާނުގައި ގާއިމުވެ ތިބޭން ބާރަކަށް ވާނޭވެސް މެއެވެ. އެހެނީ އެނބުރި ދާން ޖެހޭނީ އަނބިދަރިން ގާތަށެވެ. މުދަލާ ދިމާއަށެވެ. އެ ހުރިހައި އެއްޗެއް ހަނގުރާމައިގެ މައިދާނުގައި ހުރީމާ އެނބުރި ދާކަށް ނުޖެހޭނެއެވެ. مالك بن عوف ލަސްކަރު އަތުރައިލެއްވި ގޮތް ވަރަށް ކާމިޔާބެވެ. ނަތީޖާއެއްގެ ގޮތުން ހަނގުރާމައިގެ ކުރީކޮޅު މުސްލިމުން ފަސްޖެހި، ފިލާން ދުވުނެވެ.الله تعالى ގެ ޚާއްޞަ ރަޙްމަތާއި، رسول الله صلّى الله عليه و سلّم ގެ ދުރުވިސްނުންފުޅާއި، ހިތްވަރުފުޅުގެ ސަބަބުން މުސްލިމުން އަނބުރައި ގެންނަވައި، އަލުން ސަފުތައް ރުކުރުވައިލެއްވިއެވެ. ހިތްވަރާއެކު ހަނގުރާމަކޮށް މުސްލިމުން ނަޞްރު ހޯދިއެވެ. بنو هوازن އާއި بنو ثقيف ގެ ލަސްކަރު ފިލާން ދުއްވައިގަތެވެ. ފިލާން ދުވުނު މީހުންގެ ތެރޭގައި ލަސްކަރުގެ ކޮމާންޑަރު مالك بن عوف ވެސް ހިމެނުނެވެ. އޭނާ ވަޑައިގެން ވެންނެވީ طائف އަށެވެ. بنو ثقيف ގެ މީހުންގެ ގާތަށެވެ. ހަނގުރާމައިގައި އޭގެ ފަހުން ދިމާވީ ކަންތައްތަކަކާ ގުޅިގެން بنو هوازن ގެ މީހުން އިސްލާމް ދީން ގަބޫލު ކުރާން ގަސްތު ކޮށްފިއެވެ. އެ މީހުން رسول الله صلّى الله عليه و سلّم ގެ އަރިހަށް ގޮސް އިސްލާމް ދީނަށް ވަނުމުން އެ މީހުންގެ އަނބިދަރީން އަނބުރައި އެމީހުންނާ ހަވާލު ކުރެއްވިއެވެ.ވިސްނާވަޑައިގެން ބައްލަވާށެވެ! ހަނގުރާމައިގެ މައިދާން ދޫކޮށް ފިލާން ދުވާ ކޮމާންޑަރެއްގެ ޙާލަތު ހުންނާނީ ކޮން ކަހަލަ ގޮތަކަށްތޯއެވެ؟ އޭނާއަކަށް ލަދުން މީހަކާ ދިމާއަށް ބަލައިލާކަށް ނުކެރޭނެއެވެ. مالك بن عوف އެކަލޭގެފާނުގެ ގަބީލާގެ މީހުން ދޫކުރައްވައި ވަޑައިގަތީ بنو ثقيف ގެ މީހުންގެ ގާތަށެވެ. އެހެންވީމާ އެ ވަގުތު އެކަލޭގެފާނު ހުންނެވީ އެމީހުންގެ ބާރުގެ ދަށުގައެވެ. އަތްޕުޅަކު މުދަލެއް ނެތެވެ. އަރިހަކު ގަބީލާގެ މީހެއް ނެތެވެ. ހަނގުރާމައިން ބަލިވީ ކަމުގެ ޒިންމާ އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުވައި ގަތުލު ކޮށްފާނެ ކަމުގެ ބިރުވެސް އޮތެވެ.އެއް ފަރާތުން މި ފެންނަނީ ބަލިވީ ލަސްކަރުގެ ކޮމާންޑަރު مالك بن عوف އެވެ. އެކަލޭގެފާނު ހުންނެވީ ލަދުފުޅުންނެވެ. މީސްތަކުންގެ ނަފްރަތުގެ ޝިކާރައަކަށް ވެވަޑައިގެންފައެވެ. ހަނގުރާމައިން ބަލިވީ އެކަލޭގެފާނާ ހުރެ ކަމަށް މީހުން ތިބީ ގަބޫލު ކޮށްގެންނެވެ. އަނެއްކޮޅުން ފެންނަނީ އެކަލޭގެފާނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭކަލެކެވެ. ހަމްދަރްދީއާއި ލޯބިފުޅު ފައުޅު ކުރެއްވި ބޭކަލެކެވެ. އެބޭކަލަކީ ކޮބައިތޯއެވެ؟ އެއީ އަޅުގަނޑުމެންގެ މާތް ރަސޫލާ محمّد صلّى الله عليه و سلّم އެވެ. مالك بن عوف ގެ ގަބީލާގެ މީހުނާ އިތުރު އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. “مالك بن عوف ކޮބައިހެއްޔެވެ؟” އެމީހުން ދެންނެވިއެވެ. “طائف އަށް ވަދެ ފިލައި އެބައޮތެވެ. ބޮނދަބޮނދައިގެން ތަންތަނަށް ގޮސް އުޅެއެވެ. ވާނޭ ގޮތެއް ނޭނގޭތީ ވަރަށް ބިރުން އެބަހަރަ އުޅެއެވެ.”ﷲ ގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. (أَخْبِرُوا مَالِكًا أَنَّهُ إِنْ أَتَانِى مُسْلِمًا) “مالك އަށް އަންގާށެވެ. އޭނާ އިސްލާން ވެގެން އަތުވެއްޖެ ނަމަ” (رَدَدْتُ عَلَيْهِ أَهْلَهُ وَمَالَهُ) “އޭނާގެ އަހުލުންނާއި، މުދައު އޭނާއަށް ރައްދު ކުރައްވާނަމެވެ.” (وَأَعْطَيْتُهُ مِأَةً مِنَ لْإِبِلِ) “އަދި އޭނާއަށް ސަތޭކަ ޖަމަލުވެސް ދެއްވާނަމެވެ.”ވިސްނާވަޑައިގެން ބައްލަވާށެވެ. އެއްވެސް މީހަކު އެ މީހެއްގެ ޖާނީ ދުޝްމިނަކާ މެދު މިފަދަ ގޮތަކަށް ޢަމަލު ކޮށްފާނޭތޯއެވެ؟ ހަމަ ދާދި ދެންމެއަކު ނަޞްރު ހޯދި ލަސްކަރެއްގެ ކޮމާންޑަރަކު، ބަލިވީ ލަސްކަރުގެ ކޮމާންޑަރާ މެދު މިފަދަ ގޮތަކަށް ކަންތައް ކޮށްފާނޭތޯއެވެ؟ ނުކުރާނޭކަން ކަށަވަރެވެ. އެކަމަކު އަޅުގަނޑުމެންގެ މާތް ނަބިއްޔާގެ މާތް އަޚްލާޤުފުޅަކީ މިއީއެވެ. ދުޝްމިނު މީހާވެސް މޭފުޅުގައި ލައްކޮށްލައްވަނީއެވެ.مالك بن عوف އަށް رسول الله صلّى الله عليه وسلّم ގެ މެސެޖް ލިބިވަޑައިގަތީމާ، ދިމާވެފައިވާ ދަތިކަމުން މިންޖުވެވަޑައިގަންނަވާން އޮތް ގޮތަކީ އިސްލާމް ދީން ގަބޫލުފުޅު ކުރެއްވުންކަން ވިސްނި ވަޑައިގެންފިއެވެ. އެހެންވީމާ طائف ން ނުކުމެވަޑައިގެން، رسول الله صلّى الله عليه وسلّم ގެ އަރިހަށް ވަޑައިގެން އިސްލާމް ދީން ގަބޫލުފުޅު ކުރައްވައިފިއެވެ.رسول الله صلّى الله عليه وسلّم ގެ އަޚްލާޤުގެ މަތިވެރިކަން ދެކެވަޑައިގެން ބައްލަވާށެވެ! އިތުރު އެކަލޭގެފާނު مالك بن عوف އަކަށް އެއްވެސް ކަހަލަ ޝަރުޠެއް ނުކުރައްވައެވެ. މަލާމާތެއް ނުކުރައްވައެވެ. އިހާނެތި ބަހެއް ވިދާޅެއް ނުވެއެވެ. ސުވާލު ކުރައްވައެއް ނުހައްދަވައެވެ. އެކަލޭގެފާނު ކަންތައް ކުރެއްވީ مالك بن عوف ހީފުޅުވެސް ނުކުރައްވާ ފަދަ ގޮތަކަށެވެ.مالك بن عوف އަށް އަނެއްކާވެސް بنو هوازن ގެ ސަރުދާރުކަން ދެއްވިއެވެ. އަދި طائف ފަތަޙަ ކުރެއްވުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެއްވިއެވެ.

(السيرة النبوية لابن هشام: 4/134، والإصابة: 5/550، 551، وأسدالغابة: 5/38، والسيرة النبوية لمهدى رزق الله: 600، والبداية والنهاية: 4/632،633.)


————————-

About the author