މަންދު މުޙައްމަދު ވަޙީދު އަލްފާޟިލް މަންދު މުޙައްމަދު ވަޙީދު (ރަޙިމަހުﷲ) އަކީ ތާރީޚީ ތަފާތު މައުލޫމާތު ދިރާސާކުރައްވައި ގިނަ ލިޔުންތަކެއް ލިޔުއްވާފައި ލިޔުންތެރިއެކެވެ. އޭނާ އެންމެފަހުން ވަޒީފާ އަދާކުރައްވާފައިވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ތާރީޚާ ބެހޭ ބައިގައެވެ.  މަންދު މުޙައްމަދު ވަޙީދުގެ މި ލިޔުއްވުން ނަކަލުކޮށްފައި މިވަނީ، [ފަތްތޫރަ] މަޖައްލާގެ 71 (ފެބުރުވަރީ 1985) ވަނަ އަދަދުންނެވެ. ________________ ދިވެހީންގެ ތާރީޚްގެ ނޭނގުމުގެތެރޭގައިވާ ފަތްފުށްތައް ހޯދުމަށް ޝައުޤުވެރިވެފައިވާ އަޅުގަޏދުމެންނަށް ވަރަށް ފުރިހަމަ އުންމީދީ އެދުންތަކެއް…

މަންދު މުޙައްމަދު ވަޙީދު

އަލްފާޟިލް މަންދު މުޙައްމަދު ވަޙީދު (ރަޙިމަހުﷲ) އަކީ ތާރީޚީ ތަފާތު މައުލޫމާތު ދިރާސާކުރައްވައި ގިނަ ލިޔުންތަކެއް ލިޔުއްވާފައި ލިޔުންތެރިއެކެވެ. އޭނާ އެންމެފަހުން ވަޒީފާ އަދާކުރައްވާފައިވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ތާރީޚާ ބެހޭ ބައިގައެވެ. 

މަންދު މުޙައްމަދު ވަޙީދުގެ މި ލިޔުއްވުން ނަކަލުކޮށްފައި މިވަނީ، [ފަތްތޫރަ] މަޖައްލާގެ 71 (ފެބުރުވަރީ 1985) ވަނަ އަދަދުންނެވެ.

________________

ދިވެހީންގެ ތާރީޚްގެ ނޭނގުމުގެތެރޭގައިވާ ފަތްފުށްތައް ހޯދުމަށް ޝައުޤުވެރިވެފައިވާ އަޅުގަޏދުމެންނަށް ވަރަށް ފުރިހަމަ އުންމީދީ އެދުންތަކެއް ގެނެސްދީ ޤައުމީ ތާރީޚް އެތަކެއް ހާސް އަހަރު ކުރިޔަށް ޖައްސާލުމުގެ ފަޚުރުވެރި އުއްމީދު ޑޮކްޓަރ ތޫ ހައިދާލު ހޯއްދަވައިދެއްވައިފިއެވެ.

ހައިދާލު މިތަނަށް އައެވެ. އަދި މިތާ ދަތުރުކޮށް ކާމިޔާބު ވެސް ކުރިއެވެ. އެ މަޝްހޫރު ދަތުރުވެރިޔާ ލިޔަމުންދިޔަ ފޮތް ނިމުމުގެ ދެތިން މަހެއްހައި ދުވަސް ކުރިން ދިވެހިރާއްޖެއިން އޭނާއަށް ލިބުނު ޕޯސްޓް ކާޑެއް ގައިވާ ތިންރިޔާނެގި ބައްތެލީގެ ފޮޓޯ އޭނާ ދިވެހިރާއްޖެއަށް އައުމަށް ޝައުޤުވެރި ކުރުވިއެވެ.

 1982 ނޮވެމްބަރ 6 ވަނަ ދުވަހުގެ ވަރަށް ހަވީރު ވަގުތެއްގައި، ވޯލްޑްވިއު އިންޓަރ ނެޝަނަލް ފައުންޑޭޝަން (ޑަބްލިޔޫ.އައި.އެފް)ގެ އެހީގައި އެޖަމްޢިއްޔާ ތެރެއިން ޑޮކްޓަރ ތޫ ހައިދާލު ފުރަތަމަ ފަހަރަށް މިރާއްޖެއަށް އައެވެ. ފުވައްމުލަކާއި، ހުވަދޫއަތޮޅު ގަމަށް އޭނާ ދަތުރުކުރިއެވެ. މުލަކުގެ ބައެއް އާސާރީ ހަނދާންތަކާއި، އަދި އެހާތަނަށް އެއްވެސް މީހަކު އެތަނެއްކޮނެ ހަލާކުކޮށްފައި ނުވާ ހުވަދުއަތޮޅު ގަމުގައި ހުންނަ އުސް ގާފުނި ތަކެއްގެ މިސާލުގައިވާ ހަވިއްތަތައް ބެއްޔެވެ. އަދި ބެލެހެއްޓުމެއްނެތި ދުވަސްވުމުގެ ސަބަބުން ވައުވެފައިވާ ވަލުތެރޭގެ ގަސްތައް ނޮޅައި، ކޮށައިގެން ފޮޓޯތައް ނެގިއެވެ. ހަވިއްތައިން ވަކިވެފައިވާ  ބައެއްގައު މާލެއަށް ގެނައެވެ. މިހާ ހިސާބުން ކަންވީގޮތް ތިޔަބޭފުޅުންނަށް އޮންނާނީ އެނގިވަޑައިގެންފައެވެ. 19 ނޮވެމްބަރ 1982 ދުވަހުގެރޭ ދާރުލްޢުލޫމް ހޯލުގައި މަޝްހޫރު ދަތުރުވެރިޔާ ހައިދާލު ދެއްކި ސުލައިޑު މަންޒަރުތަކާއި އޭނާ ދެއްވި ތަޤްރީރު ތިޔަބޭފުޅުންވެސް އަޑުއެއްސެވިއެވެ.

އެއާއި ގުޅިގެން ހިނގައިދިޔަ ކަންތައްތަކާއި ލިޔެވެންފެށި ލިއުންތައް އަދިވެސް ކުރިއަށް ދަނީއެވެ. އެ، މަޝްހޫރު ދަތުރުވެރިޔާ ރާއްޖެއަށް އެތަކެއް ފަހަރު އައިސް އިތުރު ހޯދުންތައް ހޯދަނީއެވެ. މިކަންކަމާ ގުޅޭ ގޮތުން 1984 ޑިސެމްބަރުގައި ނުކުތް އިންޑިއަން އޯޝަން ނިއުސްލެޓަރުގައި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމުގައިވާ ދިވެހީންދަންނަ، ޕްރޮފެސަރ އެންޑްރޫލް ޑީ ޑަބްލިޔޫ. ފޯރބްސް ލިއުއްވި މަޒުމޫނެއްގައި އޭނާ ބަޔާންކުރައްވާ ބައެއް ވާހަކަ ތަކުގައިވާ ގޮތުން ނޯވޭގެ “ތާރީޚީ ހޯދުންތެރިއާ” ތޫ ހައިދާލު ރާއްޖެއަށް ކުރިދަތުރު ތަކާއި ވިދިގެން ރާއްޖޭގެ އާބާދުވުން މީގެ 3500 އަހަރު ކުރިއަށް ދެމިފައިވާކަން އޭނާ ހާމަކޮށްދިނެވެ. ހާމަކުރެވިފައިވާ ލިޔުންތަކުން އެނގޭގޮތުގައި، ހައިދާލު ރާއްޖެއަށް އައި ސަބަބަކީ، “ޓައިގްރިސް” ކަނދުފަތީގައި އޭނާ 78-1977 ގައި އިންޑިއާ ކަނޑު ހުރަސް ކުރުމަށްފަހު، އޭނާއަށް ވިސްނުނު ވިސްނުމެވެ. އޭނާ  ވިސްނާ ގޮތުގައި މެދުއިރުމައްޗާއި އިންޑަސްވާދީ ނުވަތަ އިންޑަސްވެލީއާ ދުރުއިރުމައްޗާ ދޭތެރޭ ދަތުރުކުރާ މަގުމަތީގައި އޮންނާނީ ދިވެހި ރާއްޖެއެވެ. އަދި ކުރީ ޒަމާނުގެ ނެވިގޭޝަނާއި ގުޅޭ ގޮތުން އޭނާއަށް ލިބިފައިވާ ތަޖުރިބާގެ މައްޗަށް ބިނާކޮށް އޭނާ ނިންމަނީ، ޚައްޠު އިސްތަވާގައިވާ ގިނަ ރަށްތަކަށް ކުރީ ޒަމާނުގެ ދަތުރުވެރިން ޒިޔާރަތްކޮށް އާބާދުކޮށްފައި  ވާނެ ކަމުގައެވެ. އެހެންކަމުން ހައިދާލުގެ ހޯދުންތައް ބޮޑަށް ކުރިއަށް ގެންދެވިފައި ވަނީ އެޚައްޠުގެ ދެފަރާތުގައިވާ ފުވައްމުލަކާއި، ހުވަދޫއަތޮޅުގެ ރަށްތަކުގައެވެ.

އިންޑިއަން އޯޝަން ނިއުސްލެޓަރުގައި ވަނީ، “ހައިދާލުގެ ހޯދުންތަކުގެ ނަތީޖާއަކަށްވީ ވަރަށް ކުރު މުއްދަތެއްގެ ތެރޭ އިރަށް އަޅުކަން ކުރުމަށް ޓަކައި، ތައްޔާރުކޮށްފައިވާ ފައްޅިއެއް ފެނުނުކަމާއި، އެފައްޅިވަނީ ގަސްހެދުމުގެ ސަބަބުން ވަރަށް ބޮޑަށް ނިވައުވެފައި ކަމުގައެވެ.” އެހެންނަމަވެސް އެތަނަކީ، އޭގެ އެތައް އަހަރެއްކުރީން ދިވެހިން ހޯދާފައިވާ ތަނެކެވެ. އަދި އެނގޭގޮތުގައި އެތަން ބެލެހެއްޓުމުގެ ގޮތުން ކޮންމެވެސް ވަރަކަށް ސާފުކޮށްފައިވެސް ވެއެވެ. މިހެންވިއަސް އެތަނާއި ބެހޭ ގޮތުން އިތުރު އެއްވެސް މަޢުލޫމާތެއް އެހައިތަނަށް ހޯދިފައެއް ނުވެއެވެ. އަދިވެސް އެނޫހުގައިވާ ގޮތުގައި، ހުވަދޫ އަތޮޅުން ފެނިފައިވާ ހިރިގަލެއްގެ ބައެއްގައި ހައިރޮގްލިފިކްސް އިން ލިޔެ ސަންޑިސްކް އަކާއި، ސޯލާރސްވާސްޓިކާ ތަކެއް ކުރަހާފައި ހުރިކަމުގައާއި، ހައިދާލު ބަޔާންކުރާ ގޮތުގައި އެއީ، އިންޑަސްވެލީގެ ކުރިއަރާފައިވާ ދުވަސްވަރު އެތާ ގެންގުޅެފައިވާ ތަކެއްޗާއި ވަރަށް ބޮޑަށް އެއްގޮތް އެއްޗިއްސެވެ. މިބަޔާނުގައި އެގަލާއިމެދު އިތުރުއެއްޗެއް އެނގެން ނެތްނަމަވެސް އެގަލަކީ، އޭގެ އެތައް އަހަރެއް ކުރީން ހުވަދޫއަތޮޅު ވާދޫން ފެނިގެން މާލެގެނެވި ދާރުލް އާޘާރުގައި އޮންނަ ގަލެކެވެ. ހައިދާލަށް އެގައު ފެނުނީ މާލޭގެ ދާރުލް އާޘާރުންނެވެ. ހައިދާލު ރާއްޖެއަށް އައުމުގެ ކުރިން ދިވެހިންގެ ޤައުމީ ތާރީޚް ހިއްސާ ކޮށްފައިވަނީ، ވަރަށްކުރު ތާރީޚެއް ނަމަވެސް ހައިދާލުގެ މި “އައު ހޯއްދެވުމުން” ކޮލަމްބަސް އެމެރިކާ ހޯދުމުގައިވެސް 3000 އަހަރު ކުރިޔަށް ދިވެހި ތާރީޚް “ކޮއްޕާލުމުގެ” ފޮނި އުއްމީދުތައް ދިވެހިރައްޔިތުންނާއި، ރަސްމީ ދާއިރާތަކުން ކުރެވެން ފެށުމުގެ ނަތީޖާއިން ހައިދާލުގެ މިހޯދުންތަކަށް ވަރަށް ހޫނު ތަރްހީބެއްދީ ދިވެހީންގެ ޤައުމީ ރޫޙު ވަރަށް ބޮޑަށް އިތުރުވެ ފަޚްރުވެރި ތާރީޚެއް މާޒީ ވެފައިވާ ކަމުގައި ދިވެހީން ދެކެން ފެށިއެވެ.

އެންޑްރޫވް ފޯރބްސް ހީކުރައްވާ ގޮތުގައި، ހައިދާލުގެ “ކޮންޓިކީ” ނުވަތަ “ރާ” ފަދަ ކަނދުފަތީގެ ދަތުރެއްގައި އިންޑަސްކޯރުން ފެށިގެން މެދުތެރޭ އިންޑިއާ ކަނޑަށް ދަތުރެއް ކުރެއްވުމަށް ރާވާފާނެއެވެ. މިފަދަ ގިނަބައެއްގެ ނަޒަރު އެކަމަށް ހުއްޓޭނެއެވެ. ނަމަވެސް ހައިދާލު މިކުރާ ދަޢުވާއަށް ހެކިދޭނެ އެއްވެސް ޤަރީނާއެއް ނެތްވާހަކަ ހިތާމައާއެކު އޭނާ ލިއުއްވައެވެ.

ހުވަދު އަތޮޅުގަމުން ފެނިފައިވާ ތަކެއްޗާއި، ވާދޫން ފެނިފައިވާ ގަލުގައި ހުރި ހައިރޮގްލިފްކްސްގެ ފޮޓޯތައް މިހާރު ވަނީ، ރާއްޖޭގެ ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގުން 1 ޑިސެމްބަރ 1982 ދުވަހު ނެރެވުނު ނިއުސްބްލެޓިނާއެކީ ނެރެފައިވާ ސަޕްލިމެންޓްގައި ޝާއިޢު ކޮށްފައެވެ. ވިއަސް ހައިދާލު ރަސްމީގޮތުން، އޭނާގެ ހޯދުންތައް އިޢުލާނެއް ނުކުރެއެވެ.

އިންޑިއަން އޯޝަން ނިއުސްލެޓަރުގައި މިކަމާގުޅޭ ގޮތުން ލިއެވިފައިވާ ލިއުމުގައި، ޔުނިވަރސިޓީ އޮފް ހެލްސިންކީގެ ޑިޕާޓްމަންޓް އޮފް އޭޝިއަން އެންޑް އެފްރިކަން ސްޓަޑީޒްގެ ޕްރޮފެސަރ އަސްކޯޕަފޯލާ މިކަމާމެދު ބުނުއްވާ އެއްޗެއްވެސް ހާމަ ކުރައްވައެވެ. އަދި ވާދޫން ފެނުނު، ބުއްދާގެ “މަނގަލާ”އާ އިންޑަސްވެލީގެ ލިއުންތަކާ އެއްވެސް ގުޅުމެއް ނެތްކަމަށް އެފަރާތުންނާއި، ބްރިޓިޝް މިއުޒިއަމާއި، ކޭމްބްރިޖް ޔުނިވަރސިޓީގެ ގިނަ ޢަދަދެއްގެ ތާރީޚް ޢިލްމުވެރިން ސާބިތުކޮށްދެއެވެ.

އެފޮޓޯތަކަށް ބަލާއިރު، އެހިރިގަލުގައި އެވަނީ، ބުއްދާ ޕަޑޫކާ (ފައިތިލަ) އެއް ކަމަށް ޔަޤީނާއި ގާތަށް އެނގޭކަމާއި، އަދި ހައިދާލު ބަޔާންކުރާ “ސަންޓެމްޕިލް” އަކީ “ބުޑިސްޓް ފައްޅި” އެއް ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭކަމުގައި އެފަރާތްތަކުން ބުނެދެއެވެ. އަދި އެފަދަ ޕަންޑޫކާއެއް ޖޯޑުހަމަކޮށް އާކިއޮލޮޖިކަލް ކޮމިޝަން އޮފް ސްރީލަންކާގެ ފަރާތުން ހޯދިހޯދުމެއްގައި، 68-1967 ގައި ސްރީލަންކާގެ ޖަފްނާ ކައިރިން ފެނިފައިވާ ކަމާއި، އެޕަޑޫކާއާއި ރާއްޖެއިން ފެނުނު ޕަޑޫކާއާއި ވަރަށް އެއްގޮތް ކަމުގައިވެސް ލިއުއްވައެވެ. އަދި އެހިރިގައު އެއީ ޔަގީނާގާތަށް ބުއްދާ ޕަޑޫކާ އެކެވެ. އަދި މިއީ ޖޯޑެއްގެ އެކަތިކަމާއި، ހައިރޮގްލިފިކްސްއޭ އެބުނާ ކުރެހުން ތަކަކީ (އިންޑަސްވެލީގެ ތަހުޒީބު ޒަމާނުގައި އަކުރުގެ ބަދަލުގައި ލިއެކިއުމަށް ބޭނުންކޮށް އުޅުނު ކުރެހުން) މިފަދަ ޕަޑޫކާ ތަކުގައި، ރަނގަޅު ނަސީބަށް އެދި ކުރަހާފައި ހުންނަ “މަނގަލާ” ތަކެއް ކަމުގައިވެސް އޭނާ ލިއުއްވާފައި ވެއެވެ.

ވާދޫން ފެނިފައިވާ ގަލުގައި ހުރި ކުރެހުންތަކުގެ އިތުރު މަޢުލޫމާތުވެސް އެންޑްރޫވް ފޯރބޯސް ލިއެފައި ވެއެވެ. އެ ކުރެހުންތަކުގައި ވަނީ:

މަހެއް     Mtsya

ސަންގެއް   Shanka

މާޖަހާ އެއްޗެއް   Kalasha

ކާލިގަނޑެއް     Swastika

އެތެއްގެ ދަތެއް   Ankusha

ކަނޑިއެއް      khadga

ބެރެއް         Bheri

ބުޑިޒަމްގާނޫގެފުރޮޅު     Dharmachakra

ކޮންމެއަކަސް އަޅުގަނޑުމެނާއި ހަމައަށް އެކިފަރާތްތަކުގެ އަޑުއިވި އަދި އެކުރެހުންތައްވެސް ފެންނާން އެބަހުއްޓެވެ. ދާދިފަހަކުން ރާއްޖެއަށް އައި ޖަޕާނުގެ ޕްރޮފެސަރުންގެ ޓީމަކުން، ވާދޫން ފެނިފައިވާ ގަލާއިމެދު ބުނިބުނުންވެސް 1984 މޭ މަހު ނުކުތް ފަތްތޫރައިން އަޅުގަނޑުމެން ދެކެފީމުއެވެ.

ޖުމުލަ ގޮތެއްގައި ބަލާއިރު ހުވަދޫއަތޮޅު ގަމުންނާއި، ވާދޫން ފެނުނު އެއްޗިއްސަކީ ބުޑިސްޓް އާސާރުތަކެއް ނޫން އެއްޗެއް ކަމަށް ނުބުނެވޭނެ ކަމަށާއި، ގަމުން ފެނުނު ހައްތެލި އެއީ، ހަމަ ޔަޤީނުންވެސް ބުޑިސްޓް ފައްޅިއެއް ކަމުގައި އެމަޖައްލާގައި ލިޔެފައި ވެއެވެ.

ހައިދާލަކީ މަޝްހޫރު ދަތުރުވެރިއަކަށް ވީހިނދު ތަޖުރިބާގެ މައްޗަށް ބަލާފައި އޭނާ އަކީ ތާރީޚް ޢިލްމުގެ ބޭކަލެއް ކަމުގައިވެސް އަޅުގަނޑަށް ވިސްނެއެވެ. އެހެން ކަމުން އޭނާގެ އެއާކިއޮލޮޖީއާއި ޖިއޮގްރަފީ އެކުލެވޭ ނަޒަރިއްޔާއަށް އަޅުގަނޑުމެން ފުންކޮށް ވިސްނާން ޖެހިއްޖެއެވެ. އޭނާގެ ތިން ހަތަރު ދަތުރުގައި އޭނާ ރާއްޖޭގައި ކުރެއްވި މަސައްކަތުގެ މައްޗަށް އެކުލަވާލައި ރާއްޖޭގެ ކަމާއި ބެހޭ ފަރާތްތަކުން ހުށަހަޅައިފައިވާ ރިޕޯޓްތައް އަންނަންއޮތް ޒަމާނަށް ޓަކައާއި ފާއިތުވީ ޒަމާންތަކަށް ޓަކައި އަޅުގަނޑުމެނަށް ބޭނުންތެރިކަން ބޮޑު އެއްޗެއް ކަމުގައި ދެކެމެވެ. އަދި ހުވަދޫ އަތޮޅު ނިލަންދޫ ދާގަބާއާއި، ހުވަދުއަތޮޅު ވާދޫން ކޮނުނު ކޮނުމުގައި އެތަންތަނުގެ އެކި ހިސާބުތަކުންނާއި ފުވައްމުލަކުން ނެގިފައިވާ ގަލާއި ތަށިމުށި، ރުނބާ މުށްޓާއި ދެލިފަދަ ތަކެއްޗާއި، ކަށްޓާއި ވެލީގެ އެތަކެއް ކިލޯ ބަރުދަނުން އޭނާ ކުރައްވާފައިވާ ތަޙްލީލު ތަކާއި، އޭނާއަށް ދޫކުރެވިފައިވާ އެކިކަހަލަ ކުރެހުމާއި، އެކި ސިފައަށް ހުރި ގާގަލުން އޭނާ ހޯއްދެވި ތަޖުރިބާތައްވެސް އަޅުގަނޑުމެން އިތުރަށް ދަނެގަންނަން ވެއްޖެއެވެ. ކުރީގެ ފަހަރުތަކުގައި ވީހެން ޢަމަލީ މަސައްކަތްތަކަށް ފަށަންވާއިރު އޭނާގެ ދަރިވަރުން ނޫންބައަކު ނެތް ދުވަހަކާއި ހަމައަށް ދިޔުމުގެ ކުރިން އެކަންކަމަށް ޓަކައި އަޅުގަނޑުމެން ޢިލްމީ އަދި ޢަމަލީ ރޮނގުން ހޯދުންތައް ހޯދުމަށްޓަކައެވެ. އެހެނީ، އެންޑްރޫވްފޯރބޯސް، އިންޑިއަން އޯޝަން ނިއުސްލެޓަރު ގައި ލިޔުއްވަނީ، ހައްދުންމަތީ ގަމުން އެޗް.ސީ.ޕީ،ބެލް ހޯއްދެވި ހައްތެއްޔާއި ހުވަދޫއަތޮޅު ގަމުން ފެނިގެން މިއުޅޭ ހައްތެލި އެއީ ހުރިހާ ރޮނގަކުންވެސް އަޅާބެލިދާނެ ދެތަން ކަމުގަޔާއި، މި ޙަޤީޤަތް އަދި ދިވެހިންނަށާއި ދެކުނު އޭޝިޔާގެ ޚަބަރު ފަތުރާ ފަރާތްތަކަށް އޮޅިފައި އޮތް ނަމަވެސް އެޙަޤީޤަތް ހައިދާލަށް މިހާރު ޔަޤީންވެދާނެ ކަމުގައެވެ. އަދި އިންޑަސް ވެލީން ރާއްޖެއަށް ކުރެވޭ ދަތުރެއް ރޭވުނު ކަމުގައިވިއަސް މިޙަޤީޤަތްތަކަށް ސަމާލުކަން ދޭންވާނެ ކަމުގައާއި، ހައިދާލުގެ ފޮތްތަކަށާއި، ޕެސިފިކް ސަރަޙައްދުގައި އޭނާ ކުރައްވާ ފައިވާ މަސައްކަތްތަކަށް ވަރަށް ހޫނު ތަރުހީބެއް ދެއްވާ ކަމުގައިވެސް ލިއުއްވައެވެ. އެހެންނަމަވެސް ދިވެހި ތާރީޚާއި ގުޅޭ ގޮތުން ހައިދާލު ކޮށްފައިވާ ކުށްހީ އަވަހަށް ރަނގަޅުނުކޮށްފިނަމަ، ދިވެހީންގެ ވަރަށް ގިނަވަގުތާއި، އެތަކެއް ފައިސާ ބޭނުމެއްނެތް ގޮތުގައި ބޭކާރުވެގެން ހިނގައިދާނެ ކަމަށްވެސް އެންޑްރޫވްފޯރބްސް ލިއުއްވައެވެ.

އަޅުގަނޑުމެންގެ ތާރީޚް ޢިލްމުވެރިންނާއި އެ ޢިލްމުގެ ތެރެއަށް ވަދެވޭތޯ މަސައްކަތްކުރާ ޒުވާނުންގެ ސަމާލުކަމަށް ކިތަންމެހައިވެސް ބޮޑަކަށް ރާއްޖޭގެ ޤައުމީ ތާރީޚް ވަނީ ބޭނުންވެފައެވެ. އަޅުގަނޑުމެންގެ އަމިއްލަ ހޯދުންތަކުން ގޮތެއް ކަނޑައެޅުމުގެ ކުޅަދާނަކަން އަޅުގަނޑުމެން ލިބިގަންނަން ވެއްޖެއެވެ. އަޅުގަނޑުމެންގެ ތެރޭގައިވާ ތާރީޚް ޢިލްމުގެ ޢިލްމުވެރީންގެ ހޯއްދެވުންތައް އަޅުގަނޑުމެންގެ ތާރީޚްގެ ހޯދުންތައް ކުރިއަށް ގެންގޮސް ދެއްވަން ވެއްޖެކަމުގައިވެސް ދެކެމެވެ.

 =======

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment