އަޙްމަދު ޒަކީ އޮނަރަބްލް އަލްފާޟިލް އަޙްމަދު ޒަކީ (ރަޙިމަހުﷲ)ގެ މި ލިޔުުއްވުން ނަކަލުކޮށްފައި މިވަނީ ރާއްޖޭގައި ކުރިކެޓު ކުޅޭން ފެށިތާ 25 އަހަރު ފުރުމުގެ މުނާސަބަތުގައި ޝާއިޢުކުރެވިފައިވާ ފޮތަކުންނެވެ. _________________________ ކޮންމެ މައުޟޫޢަކަށް އިންސާފު ކުރިޔަސް މުސްތަޤްބަލާއި މެދު ފަހި ޚިޔާލެއް ހަމަޖެއްސޭނީ މިހާރާއި، މާޟީގެ މައްޗަށް ވިސްނާފައެވެ. މިގޮތުން ދިވެހިރާއްޖޭގައި ކްރިކެޓްގެ މައްޗަށް ބަލާއިރު އަޅުގަނޑުގެ ހިތް މާހަމަޖެހޭކަށް ނާދެއެވެ. ވަރަށް ގިނަ އަދި އަޅުގަނޑުގެ ކުރިމަތީގައި އެކަށީގެންވާ ސަބަބުތަކެއް ވެސް ހުރެގެންނެވެ. އެންމެ ފުރަތަމަ،…

އަޙްމަދު ޒަކީ20170412_235113

އޮނަރަބްލް އަލްފާޟިލް އަޙްމަދު ޒަކީ (ރަޙިމަހުﷲ)ގެ މި ލިޔުުއްވުން ނަކަލުކޮށްފައި މިވަނީ ރާއްޖޭގައި ކުރިކެޓު ކުޅޭން ފެށިތާ 25 އަހަރު ފުރުމުގެ މުނާސަބަތުގައި ޝާއިޢުކުރެވިފައިވާ ފޮތަކުންނެވެ.

_________________________

ކޮންމެ މައުޟޫޢަކަށް އިންސާފު ކުރިޔަސް މުސްތަޤްބަލާއި މެދު ފަހި ޚިޔާލެއް ހަމަޖެއްސޭނީ މިހާރާއި، މާޟީގެ މައްޗަށް ވިސްނާފައެވެ. މިގޮތުން ދިވެހިރާއްޖޭގައި ކްރިކެޓްގެ މައްޗަށް ބަލާއިރު އަޅުގަނޑުގެ ހިތް މާހަމަޖެހޭކަށް ނާދެއެވެ. ވަރަށް ގިނަ އަދި އަޅުގަނޑުގެ ކުރިމަތީގައި އެކަށީގެންވާ ސަބަބުތަކެއް ވެސް ހުރެގެންނެވެ.

އެންމެ ފުރަތަމަ، އޭގެ އެއްވެސް، ތަފްޞީލަކަށް ނުގޮސް، ރާއްޖޭގައި ކްރިކެޓް ކުޅޭތާވީ ދުވަސްތައް ބަލާލަމާތޯއެވެ. އެއަށްވުރެ ބޮޑަށް ގުޅޭނެ އިބާރާތަކީ ދިވެހިރާއްޖެއަށް ކްރިކެޓް ތަޢާރަފް ވީތާ ކިހާދުވަހެއް ވެއްޖެތޯއެވެ.

ވަރަށްވެސް ނުރަސްމީ އަންދާޒާ އަކަށް ބިނާކޮށް ދަންނަވަމެވެ. ވެއަތުވެދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި ކްރިކެޓް ރާއްޖޭގައި “އާލާވީ” ކިހާވަރަކަށްތޯއެވެ؟ އާދޭހެވެ. ކުޅިވަރު އާލާވާންވީ ވަރަކާއި ގާތަށްވެސް މިރާއްޖޭގައި އާލާވެފައެއް ނެތްކަމަށް އަޅުގަނޑު އެއްބަސްވަމެވެ. ނަމަވެސް މިހާތަނަށް ފެނިއުޅޭ ކުޅިވަރުތަކުގެ ތެރެއިންވެސް ކްރިކެޓް އެއީ އެންމެ ފޮރުވިފައި” ވާ ކުޅިވަރެވެ.

ކްރިކެޓް އެކި ދައުރުތަކުގައި ކުޅެވުނުއިރުވެސް، ޢާއްމުކޮށް އެކުޅިވަރު “ފެތުރިނުލައި” އޮތީވެސް ކީއްވެތޯއެވެ؟

ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުގެ ނަޒަރުގައި މިހެންވާން ޖެހުނު އެއްސަބަބަކީ، އެކުޅިވަރަކީ އެންމެ ފުރަތަމަ “ދަސްކުރުމުގެ މުއްދަތު” ވަރަށް ދިގު ކުޅިވަރެކެވެ. އެޔާއިއެކު “ކުޅުމުގެ މުއްދަތު” ވެސް ވަރަށް ދިގު ކުޅިވަރެކެވެ. މިހެންވާއިރު އަޅުގަނޑުމެންގެ ދިރިއުޅުމާއި ޞިއްޙަތާއި އަދި އެކި ގޮތްގޮތުން ބަލާއިރު ހަށިތަކުގެ ޙަރަކާތްތައް އާދައިގެ ހިގާ މިނާއި ތަފާތު ކުޅިވަރަކަށް ކްރިކެޓްވެއެވެ. މިހެންކަމުން އެކުޅިވަރުގެ މައްޗަށް ޚިޔާލުކުރާން އަޅުގަނޑުމެންނަށް ފެށޭ ޢުމުރުގެގޮތުން، އެހެނިހެން ކުޅިވަރުތަކާއި ތަފާތު ގޮތެއްގައި ލަހުންކުރިއަރާކަމަށް ވެފައިވަނީއެވެ. އަދި މިޔާއިއެކު އެހެންވެސް ކުޅިވަރުތަކަށް މެދުވެރި ވާ އިޤްތިޞާދީ ސަބަބުތައް އަޅުގަނޑުހަދާން ކުރަމެވެ. ނަމަވެސް ފަހަރެއްގައިވެސް އެކުޅިވަރަކީ، އަޅުގަނޑުމެންގެ ތެރޭގައި އާލާ ނުވާނެ އެއްޗެއްނޫނެވެ. އަޅުގަނޑު ޔަޤީން ކުރާގޮތުގައި، އެކުޅިވަރަށް އެކަށީގެންވާ ސަމާލުކަން ދެވިގެން ޅަކުދިންގެ ތެރޭގައި، ކްރިކެޓް ކުޅޭން ދަސްކޮށް ދިނުމުގެ އިންތިޒާމު (ޚާއްޞަކޮށް މަދަރުސާތަކުގައި) ރޭވިއްޖެނަމަ، ގިނަގޮތްގޮތުން އެކުޅިވަރަށް އެކަށޭނަ “ޖައްވެއް” ވަރަށް އަވަހަށް ޢާއްމު ވެގެން ހިގައިދާނެއެވެ.

މިދެންނެވި ފިޔަވަޅާއެކު ރާއްޖޭގެ ކްލަބްތަކުގައިވެސް ކްރިކެޓްގެ މައްޗަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެގޮތް މެދުވެރިވުމަކީ، އަޅުގަނޑުގެ ނަޒަރުގައި މިކަން ކާމިޔާބުވުމަށް ވަރަށް ވެސް އެދެވޭ ފިޔަވަޅެކެވެ.

އަދު، ޑިޕާރޓްމަންޓް އޮފް ހޯމް އެފެއާރސްއިން  ރާއްޖޭގައި ކުޅިވަރު އާލާކުރެއްވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްޕުޅުގެ ތެރޭގައި، ކްރިކެޓްގެ ފޯރި އާލާކުރައްވާކަން އެއީ އަޅުގަނޑުދެކޭ މުސްތަޤްބަލުގައި ކްރިކެޓްއަށް ލިބޭ ވަރަށްވެސް ވަރުގަދަ އުއްމީދެކެވެ. މިފަދަ ފިޔަވަޅުތައް އެޅުއްވުމަށް ކްލަބްތަކާއި ބެހޭ ބައި ހުއްޓުމެއްނެތި ގެންދެވިއްޖެނަމަ މާތްﷲ ގެ ވާގިފުޅާއި ލައިގެން ދިވެހިރާއްޖޭގައި ކްރިކެޓްގެ މުސްތަޤުބަލު އުޖާލާވާނީ އަޅުގަނޑުމެންގެ ހިތް ހަމަޖެހޭވަރަށެވެ.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖެއަށް އެދެވޭ ހުރިހާ ކުރިއެރުމެއް، އޮމާންކަމާއި އެކު ލިބެމުންދިއުމެވެ. ދިވެހިރާއްޖޭގެ މިނިވަންކަން ހަރުދަނާގޮތުގައި ދިވެހިންގެ އަތްމަތީގައި އަބަދުމެ ލެހެއްޓުމެވެ.

__________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment