000އަޙްމަދު ފާރޫޤް މުޙައްމަދު ފަޟީލަތުއްޝައިޚު އަޙްމަދު ފާރޫޤް މުޙައްމަދުގެ ލިޔުއްވުމެއް، ލިޔުންތެރިންގެ ސައިޓަށް ހަދިޔާ ކޮށްދެއްވިކަމަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ______________________ އަމިއްލައަށް މަރުވެއްޖެ މީހާއާއި، މުސްލިމުންގެ މުދަލުން ޚިޔާނާތްތެރިވެއްޖެ މީހާގެމައްޗަށާއި، އެނޫންވެސް ކުށްފާފަތަކަށް އަރައިގެންފައިވާ މީހުންގެމައްޗަށްވެސް ކަށުނަމާދު ކުރަންޖެހޭނެކަމަށް ޢިލްމުވެރިންކުރެ ގިނަބޭކަލުން ދެކެލައްވައެވެ. އަލްއިމާމުއް ނަވަވީ ލިޔުއްވާފައިވެއެވެ. އަލްޤާޟީ (ޢަޔާޟު ބްނު މޫސާ) ވިދާޅުވިއެވެ. [އެންމެހައި ޢިލްމުވެރިން ދެކެލައްވާ ގޮތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ކަށުނަމާދު ކުރުމެވެ. އޭނާއަކީ، ޙައްދެއްގައި މަރުވި މީހަކުކަމުގައި…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އަޙްމަދު ފާރޫޤް މުޙައްމަދު

ފަޟީލަތުއްޝައިޚު އަޙްމަދު ފާރޫޤް މުޙައްމަދުގެ ލިޔުއްވުމެއް، ލިޔުންތެރިންގެ ސައިޓަށް ހަދިޔާ ކޮށްދެއްވިކަމަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

______________________

އަމިއްލައަށް މަރުވެއްޖެ މީހާއާއި، މުސްލިމުންގެ މުދަލުން ޚިޔާނާތްތެރިވެއްޖެ މީހާގެމައްޗަށާއި، އެނޫންވެސް ކުށްފާފަތަކަށް އަރައިގެންފައިވާ މީހުންގެމައްޗަށްވެސް ކަށުނަމާދު ކުރަންޖެހޭނެކަމަށް ޢިލްމުވެރިންކުރެ ގިނަބޭކަލުން ދެކެލައްވައެވެ.

އަލްއިމާމުއް ނަވަވީ ލިޔުއްވާފައިވެއެވެ. އަލްޤާޟީ (ޢަޔާޟު ބްނު މޫސާ) ވިދާޅުވިއެވެ. [އެންމެހައި ޢިލްމުވެރިން ދެކެލައްވާ ގޮތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ކަށުނަމާދު ކުރުމެވެ. އޭނާއަކީ، ޙައްދެއްގައި މަރުވި މީހަކުކަމުގައި ނުވަތަ ރަޖަމުކުރެވުނު މީހަކުކަމުގައި ނުވަތަ އަމިއްލައަށް މަރުވި މީހަކުކަމުގައި ނުވަތަ ޒިނޭގެ ދަރިއަކުކަމުގައި ވިއަސްމެއެވެ.][1]

އަމިއްލައަށް މަރުވެއްޖެ މީހާގެމައްޗަށާއި އަލްޣާއްލުގެމައްޗަށް[2] މާތްނަބިއްޔާ صلّى الله عليه وسلّم  އިމާމުވެވަޑައިގެން ކަށުނަމާދު ކުރައްވާފައިނުވަނީ، އެފަދަ ކުށްތަކަށް އަރައިގަންނަ އަރައިގަތުމަށް ކުރެއްވި އިންކާރުކުރެއްވުމެކެވެ. އެއީ ދަރަނިވެރިންގެ މައްޗަށްވެސް އެކަލޭގެފާނު އިމާމުވެވަޑައިގެން ނަމާދުކުރައްވާފައި ނުވާފަދައިންވާ ކަމެކެވެ. އަދި އެއިން ކޮންމެ މީހެއްގެމައްޗަށްވެސް ކަށުނަމާދުކުރުމަށް އެކަލޭގެފާނުވަނީ މީސްތަކުންނަށް އަމުރު ކުރައްވާފައެވެ.

އިބްނުޙަޒުމް ވިދާޅުވިއެވެ. [ކޮންމެ މުސްލިމެއްގެމައްޗަށްމެ ކަށުނަމާދުކުރުން ހުއްޓެވެ. އޭގެތެރެއިން ހެޔޮލަފާ މީހުންނާއި، ނުބައިނުލަފާ ފާޖިރުންގެ މައްޗަށްވެސް މެއެވެ. ޙައްދެއްގައި ޤަތުލުކުރެވިއްޖެ މީހާއާއި، މަގުފޭރުމުގެ ޙާދިޘާއެއްގައި މަރުވާ މީހުންނާއި، އިސްލާމީ ވެރިކަމާ ޚިލާފަށް ބަޣާވަތްކުޅަ ބައަކުގެތެރެއިން މަރުވާ މީހުންނާއި، މިއިން ކޮންމެ މީހަކީވެސް މުސްލިމަކުކަމުގައި ވާހިނދު، މުސްލިމުންގެ އިމާމު ނުވަތަ އެހެން މީހަކުވިއަސް އެފަދަ މީހުންގެމައްޗަށް ކަށުނަމާދުކުރަން ޖެހޭނެއެވެ. ހަމައެފަދައިން އޭނާގެ ބިދުޢާގައި ކުފުރުގެ ދަރަޖައަށް ފޯރާފައި ނުވާނަމަ އެފަދަ ބިދުޢަވެރިޔާއާއި، އަމިއްލައަށް މަރުވިމީހާއާއި، ޙައްޤަކާނުލައި މީހަކުމެރި މީހާއާއި، މި ބިންމަތީގައިވާ އެންމެ ނުލަފާމީހާކަމުގައި އެފަދަ މީހަކު ވިނަމަވެސް އެއީ މުސްލިމަކު ކަމުގައިވާނަމަ، ރަސޫލު اللَّهِ صلّى الله عليه وسلّم  ޙަދީޘްކުރައްވާފައިވާ {صَلُّوا عَلَى صَاحِبِكُمْ.} (ތިޔަބައިމީހުންގެ (ދީނުގެ) އެކުވެރިޔާގެމައްޗަށް ތިޔަބައިމީހުން ނަމާދުކުރާށެވެ.)  މިބަސްފުޅުގެ ޢާއްމު މާނާގައިވާފަދައިން މި އެންމެތަކުންގެމައްޗަށް ކަށުނަމާދު ކުރުން ހުއްޓެވެ. އެހެނީ ކޮންމެ ޙާލެއްގައިވެސް މުސްލިމުންނީ އެއްބަޔަކު އަނެއްބަޔަކަށް އަޚުންނެވެ. އެކުވެރިންނެވެ. މާތް اللَّهُ ވަޙީކުރައްވާފައިވެއެވެ. ((إِنَّمَا الْمُؤْمِنُونَ إِخْوَةٌ)) [3] މާނައީ: [މުއުމިނުން ވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައެވެ. ] އެހެން އާޔަތެއްގައި ވަޙީކުރައްވާފައި ވެއެވެ. ((وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ )) [4] މާނައީ: (މުއުމިނު ފިރިހެނުންނާއި، މުއުމިނުއަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ.) މުސްލިމެއްގެމައްޗަށް ކަށުނަމާދު ނުކުރުމަށް ބުނެފި މީހަކު ހަމަކަށަވަރުން އެ ބުނަނީ ބޮޑުވެގެންވާ ވާހަކައެކެވެ. ހަމަކަށަވަރުން، ފާފަފުއްސެވުން އެދެވިގެންވާ ހެޔޮލަފާ މީހުންނަށްވުރެ ނުބައިނުލަފާ ފާސިޤުންނީ، އެއުރެންނަށް ރަޙުމަތް ލައްވައި ފާފަފުއްސެވުންއެދި އޭނާގެ މުސްލިމު އަޚުންގެ ދުޢާއަށް ބޭނުންބޮޑުވެގެންވާ މީހެކެވެ.

ޞައްޙަ ޙަދީޘުން ސާބިތުވާގޮތުގައި ޚައިބަރު (ހަނގުރާމައިގެތެރޭގައި) މީހަކު މަރުވުމުން، ރަސޫލު اللَّهِ صلّى الله عليه وسلّم ޙަދީޘްކުރެއްވިއެވެ. {صَلُّوا عَلَى صَاحِبِكُمْ إِنَّهُ غَلَّ فِي سَبِيلِ اللَّهِ.} [5] (ތިޔަބައި މީހުންގެ (ދީނުގެ) އެކުވެރިޔާގެމައްޗަށް ތިޔަބައިމީހުން ނަމާދުކުރާށެވެ. އޭނާ ވަނީ ޣަނީމާ މުދަލުގައި ޚިޔާނާތްތެރިވެފައެވެ.) ފަހެ، ތިމަންމެން އޭނާގެ އެއްޗެހި ބެލިއިރު އޭގައި ޔަހޫދީންގެ ގަހަނާގެތެރެއިންވާ ގަހަނާގެ ބާވަތެއްވެއެވެ. އެއީ ދެ ދިރުހަމުގެ އަގުވެސް ނުހުންނަހާ ކުޑަ އެއްޗެކެވެ.]

އަދި ޢަޠާއުގެ އަރިހުން ޞައްޙަމަގުން ސާބިތުވާގޮތުގައި، ޒިނޭގެ ދަރިންގެ މައްޗަށާއި، އެފަދަ ކުދިންގެ މައިންގެ މައްޗަށާއި، ލިޢާނުކޮށްފައިވާ ދެމީހުންގެ މައްޗަށާއި، ޤިޞާޞުހިފުމުގެގޮތުން މަރާލެވޭ މީހާގެ މައްޗަށާއި، ރަޖަމުކުރެވިގެން މަރުވާމީހުންގެ މައްޗަށާއި، ޖިހާދުގެ މައިދާނުން ފިލައިގެންދާ މީހާ ޤަތުލުކޮށްލެވޭހިނދު، އެފަދަ މީހުންގެ މައްޗަށްވެސް އެ ކަލޭގެފާނު ކަށުނަމާދުކުރައްވައެވެ. ޢަޠާއު ވިދާޅުވެއެވެ. [لاَ إِلَهَ إِلاَّ اللهُ ކިޔައިއުޅޭ މީހެއްގެ މައްޗަށް ތިމަންނާ ކަށުނަމާދު ނުކުރައްވައި ނުހުންނަވާހުށީމެވެ. އެހެނީ، މާތް اللَّهُ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. ((مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ)) [6] މާނައީ: [ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ އަހުލުވެރިންކަން އެއުރެންނަށް ފާޅުވެ އެނގުމަށްފަހުގައެވެ.]  ޢަޠާއު ވިދާޅުވެއެވެ. އެބައިމީހުންނީ ނަރަކައިގެ އަހުލުވެރިންކަން އެނގެނީ ކާކަށްހެއްޔެވެ؟

އިބްރާހީމުއްނަޚަޢީގެ އަރިހުން ޞައްޙަމަގުން އައިސްފައިވެއެވެ. ހަމަކަށަވަރުން، އެ ކަލޭގެފާނު ވިދާޅުވިއެވެ. [ޤިބުލައިގެ އަހުލުވެރިން އެބަހީ: މުސްލިމުންކުރެ އެއްވެސް މީހެއްގެމައްޗަށް ކަށުނަމާދުކުރުމަށް ކުރީގެ ޢިލްމުވެރިން އިންކާރުކުރައްވާފައެއް ނުވެއެވެ. އަމިއްލައަށް މަރުވެއްޖެ މީހާގެ މައްޗަށްވެސް ކަށުނަމާދު ކުރުންވެއެވެ. އަދިވެސް އެ ކަލޭގެފާނު ވިދާޅުވެއެވެ. ސުންނަތުން ސާބިތުވާ ގޮތަކީ، ރަޖަމުކުރެވުނު މީހާގެ މައްޗަށް ވެސް ކަށުނަމާދު ކުރުމެވެ.]

ޤަތާދާ (އިބްނު ދަޢާމާ) ވިދާޅުވާކަމުގައި ޞައްޙަމަގުން އައިސްފައިވެއެވެ. ހަމަކަށަވަރުން، އެ ކަލޭގެފާނު ވިދާޅުވިއެވެ. [لاَ إِلَهَ إِلاَّ اللهُ ކިޔައިފި އެއްވެސް މީހެއްގެ މައްޗަށް ކަށުނަމާދުކުރުމަށް އެއްވެސް ޢިލްމުވެރިޔަކު އިންކާރުކުރައްވާފައިވާކަމެއް ތިމަންނާއަށް އެނގިފައެއް ނުވެއެވެ.]

(މުޙައްމަދު) އިބްނު ސީރީނު ވިދާޅުވާކަމުގައި ޞައްޙަމަގުން އައިސްފައިވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. [ޤިބުލައިގެ އަހުލުވެރިންކުރެ އެއްވެސް މީހެއްގެމައްޗަށް ކަށުނަމާދުކުރުމާމެދު ތިމަންނާއާ ބައްދަލުވި އެއްވެސް ޢިލްމުވެރިޔަކު ދެބަސްވެ ވަޑައިގެންފައެއް ނުވެއެވެ.]

އަބޫޣާލިބު (ޙަޒުވަރު)ގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. [އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫއުމާމަތުލް ބާހިލީއަށް ތިމަންނާ ދެންނެވީމެވެ. ބަނގުރާ ބޮއިއުޅޭ މީހަކު މަރުވުމުން އޭނާގެމައްޗަށް ކަށުނަމާދު ކުރެވޭނެތޯއެވެ؟ އެ ކަލޭގެފާނު ވިދާޅުވިއެވެ. އާނއެކެވެ. ފަހަރުގައި އޭނާގެ ތަންމަތީގައި އޮށޯވެއޮވެ،لاَ إِلَهَ إِلاَّ اللهُ ކިޔައި ތައުބާވެދާހުއްޓެވެ. ފަހެ، އެހާރުން اللهُތަޢާލާ އޭނާގެ ފާފަފުއްސަވައިފާ ހުއްޓެވެ.]

އަލްޙަސަނު (އަލްބަޞަރީ) ވިދާޅުވާކަމުގައި ޞައްޙަމަގުން އައިސްފައިވެއެވެ. ހަމަކަށަވަރުން، އެ ކަލޭގެފާނު ވިދާޅުވިއެވެ. [لاَ إِلَهَ إِلاَّ اللهُ ކިޔައި ޤިބުލައަށް ކުރިމަތިލައިއުޅޭ (އެބަހީ:ނަމާދުކޮށްއުޅޭ) ކޮންމެ މީހެއްގެމައްޗަށް ކަށުނަމާދު ކުރުންވެއެވެ. ހަމަކަށަވަރުން، އެއީ ވެވޭ ޝަފާޢަތެކެވެ.] [7]

________________________________________

[1]    شَرْحُ النَّوَوِى عَلَى صَحِيْحِ مُسْلِمٍ، كِتَابُ الْجَنَائِزِ، تَرْكِ الصَّلاَةِ عَلَى قَاتِلِ نَفْسَهُ،   (7/47)

[2]  ނޯޓް: ޝަރުޢީ އިޞްޠިލާޙުގައި [الغَالُ] އަކީ، ޣަނީމާ މުދައު ބެހުމުގެކުރިން އެއިން ވައްކަންކުރާ މީހާއެވެ. މި މައުޟޫޢުގެ ޢުންވާނުގައި [މުސްލިމުންގެ މުދަލުން ޚިޔާނާތްތެރިވެއްޖެ މީހާ] ކަމަށް މާނަކޮށްފައި އެވަނީ، ޣަނީމާ މުދަލަކީ ޖިހާދުގައި ބައިވެރިވި އެންމެންގެމެދުގައި ބެހެވޭ އެއްޗަކަށްވެފައި، އެ މުދައު ބެހުމުގެކުރިން ވައްކަންކުރުމާއި، މިޒަމާނުގައި ވަރަށްގިނައިން ކަންހިގާފަދައިން ޤައުމުގެ އެންމެން ޝާމިލުވާ މުދަލުން ކުރެވޭ ޚިޔާނާތް އެއްގޮތްވާތީއެވެ. [މުތަރުޖިމު]

[3]   سُورَةُ الْحُجْرَات: 10

[4]   سُورَةُ التَّوبَة: 71

[5]  النَّسَائِىُّ، كِتَابُ الجَنَائِزِ، الصَّلَاةُ عَلَى مَنْ غَلَّ، برقم: 1959 (4/64)

[6]  سُورَةُ التَّوبَة:  113

[7]   الْمُحَلَّى بِالآثَارِ لاِبْنِ حَزْم، كِتَابُ الْجَنَائِزِ، [مَسْأَلَةٌ يُصَلَّى عَلَى كُلِّ مُسْلِمٍ بَرٍّ أَوْ فَاجِرٍ] (5/171،169) ނޯޓް: [ފިޤުހުއްސުންނާ] ގައި ބަޔާންކުރައްވާފައި މިވަނީ، [އަލްމުޙައްލާ] ގައި 5 ވަނަ ވޮލިއުމްގެ 169 ވަނަ ޞަފުޙާއިން ފެށިގެން 171 ވަނަ ޞަފުޙާއާ ދެމެދު، އިބްނުޙަޒުމް ލިޔުއްވާފައިވާ ލިޔުއްވުމުން ތަންތަންކޮޅެވެ.   [މުތަރުޖިމު]

About the author
Leave Comment