000 بسم الله الرحمن الرحيم ދިވެހިބަހުގެ އެކެޑަމީ       މާލެ،    ދިވެހިރާއްޖެ.                                                                                                             …
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

 بسم الله الرحمن الرحيم

Maldives

ދިވެހިބަހުގެ އެކެޑަމީ

      މާލެ،

   ދިވެހިރާއްޖެ.                                                                                                                                                            ދބއ-ދދޚ.01/2017


2017ވަނަ އަހަރުގެ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި

ދިވެހިބަހުގެ އެކެޑަމީގެ ރައީސް ދެއްވާ ޚިޠާބު


 

ކުޅަދުންވަންތަ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަމެވެ. މުޙައްމަދު ނަބިއްޔާ މުހައްމަދު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ. މި ދުޢާގައި އިތުރު އެކަލޭގެފާނުގެ އެންމެހައި އާލު އަޞްޙާބުން ޝާމިލްކުރަމެވެ.

އާދޭހެވެ! ބަހަކީ އިޖުތިމާޢީ ގުޅުންތަކާއި އުޅުންތަކުގެ މައިގަނޑު އަސާސެވެ. މުޖުތަމަޢުތައް އެއްބައިވަންތަ ކުރުވަނީ ބަހުންނެވެ. ޖަމާޢަތްތަކުގެ ޖަޒުބާތާއި ޝުޢޫރު ހިތުންހިތަށް ފޯރުވައިދިނުމުގެ އެންމެ ބާރުގަދަ ވަސީލަތަކީ އެ ޖަމާޢަތެއްގެ ބަޔަކު މޮށެއުޅޭ އެބައެއްގެ އަމިއްލަ ބަހެވެ. މި އަހަރުގެ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް މސ. އައިރީނާ ބޯކްވާ ފޮނުއްވި މެސުޖގައި ބަޔާންކުރައްވައިފައިވެއެވެ.

“އަޅުގަނޑުމެންނަކީ، ޚިޔާލާއި ފިކުރު ބަހުގެ ޒަރީއާއިން ބަދަލުކުރާ އިންސާނުންނީމުއެވެ. ކުރާ އުންމީދު ހާސިލުވާނީ ބަހެއްގެ ޛަރީޢާއިންނެވެ. މި ދެންނެވި ބަސްބަހަކީ އިންސާނުން އެއްބަޔަކު އަނެއްބަޔަކަށް ދަސްވުމަށް އެހީވެދޭ އެއްޗެކެވެ. އުއްމީދުތައް ފުރިހަމަވެ، އިންސާނީ ނަސްލު މުއްސަނދިވެ، ކުރިއަރަނީ ބަހުގެ ސަބަބުންނެވެ. ބަހަށް ޤަދަރުކޮށް ބަހުގެ އަގުވަޒަންކުރުމުން ތަރައްޤީގެ ތަފާތު މުސްތަގުބަލަށް ކަންކަން ފަހިވެއެވެ. ހަމައެހެންމެ އެފަދަ މުސްތަގުބަލަކަށް ވާސިލުވުމުގެ ހަކަތަ އައު ވެއެވެ. “(މސ. އައިރީނާ ބޯކްވާ 2017).

ދިވެހިބަހަކީ ދިވެހީންގެ ޝަރަފާއި ފަޚުރެވެ. ދިވެހީންގެ އަމިއްލަވަންތަކަމުގެ އެންމެ މައި ރަމްޒެވެ.  ދިވެހިވަންތަ ޙަޟާރަތުގެ ތަރިކަތައް ޖީލުންޖީލަށް ވާރުތަކޮށްދޭ އެންމެ މުހިންމު ސަވާރީއެވެ. މިހެންވުމުން، ދިވެހިވަންތަކަން ދެމެހެއްޓޭނީ ދިވެހިބަސް ދަމަހައްޓައިގެންނެވެ. ދިވެހިބަހުގެ ބަހަވީ ސިންދަފާތަށް އިޙުތިރާމްކޮށް ޤަދަރުކޮށްގެންނެވެ. ދިވެހިބަހަކީ މުއްސަނދި ބަހެކެވެ. މުއްސަނދި ތާރީޚާއި ސަގާފަތަކާއި ތަނަވަސް ބަހުރުވަތަކެއް ވެސް ލިބިގެންވީ ބަހެކެވެ. ދިވެހިބަސް ފުރިހަމަ ބަހަކަށް ވަނީ މި ހުރިހައި ކަމެއް އެކުވެގެންނެވެ.

ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14ވަނަ ދުވަސް ފާހަގަކުރެވެނީ ދިވެހިބަހުގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު މި ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅުއްވައިފައިވާ ޝިޢާރަކީ “ދިވެހިބަސް- ދިވެހިޤައުމިއްޔަތުގެ ނާރެސް”މިއެވެ. މި ޝިޢާރުން ހާމަވަނީ ވަރަށް ބޮޑު ޙަޤީޤަތެކެވެ. ދިވެހިބަސް ވެފައިވަނީ ދިވެހީންގެ ގުޅުމާއި އުޅުމާއި ސުލޫކާއި ސަގާފީ އާދަކާދަތަކާއި ސަގާފީ ސިންދަފާތު އެ އެއްޗެއްގެ ވަށައިގެން އެނބުރޭ މައި ނާރެސްކަމުގައެވެ. ދިވެހީންގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ބިނާވެގެންވީ މައިގަނޑު އަސާސްކަމުގައެވެ.

ދިވެހިބަހަކީ ދިވެހީންނަށް މާތްﷲ ދެއްވި މަތިވެރި ނިޢުމަތެކެވެ. މުއްސަނދި މަޢުނަވީ ތަރިކައެކެވެ. ބަސް ޙިމާޔަތްކޮށް ރައްކައުތެރިކުރުމަކީ ކުރިމަގުގެ ޖީލުތަކަށް ޓަކައި އަދުގެ ޖީލުން ކޮންމެހެން ކުރާން ޖެހޭ ކަމެކެވެ.

ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑު އިލްތިމާސްކޮށް ދަންނަވަން ބޭނުންވަނީ ސަރުކާރު މުވައްސަސާތަކުންނާއި އިސްކޫލު މަދަރުސާތަކުންނާއި ޖަމިއްޔާޖަމާތްތަކުންނާއި ކުންފުނިތަކުންނާއި މީޑިޔާތަކުން ދިވެހިބަސް އެއީ ދިވެހި ގައުމިއްޔަތުގެ ނާރެސްކަމުގައި ދަމަހައްޓައި ދިވެހިބަސް ރައްކާތެރިކުރެއްވުމަށް ގިނަގުނަ މަސައްކަތްކޮށްދެއްވުމެވެ.

ރަސްމީ ގޮތުންނާއި ނުރަސްމީ ގޮތުން އެކަކުއަނެކާ ނުވަތަ އެއް އޮފީހަކުން އަނެއް އޮފީހަކާ ކުރާ މުޢާމަލާތްތައް ސާފު ދިވެހިބަހުން ކުޅައުމަށާއި އެފަދަ މުޢާމަލާތުތަކުގައި ދިވެހިބަހަށް އިސްކަންދިނުމުގެ މަގުފަހިކުރުމަށް ހުރިހައި ފަރާތްތަކުން އެއްބާރުލުން ދެއްވުމަށް އަޅުގަނޑު ގޮވައިލަމެވެ. އުނގެނުމުގައްޔާއި އިދާރީ ހިންގުމުގެ ތެރެއިންނާއި ސަގާފީ ގުޅުންތަކާއި މީޑިއާއާއި، އިންޓަނެޓުގެ ތަފާތު ވިއުގަތަކުގައްޔާއި އާންމު އެންމެހައި ވިޔަފާރީގައި ވެސް ދިވެހިބަހަށް އިސްކަންދީ ތަރުހީބު ދެއްވުމަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު އިލްތިމާސްކޮށް ދަންނަވަމެވެ.

                                                                                                                                                               އަޝްރަފް ޢަލީ

                                                                                                                                                        ދިވެހިބަހުގެ އެކެޑަމީގެ ރައީސް


 

 

 

About the author
Leave Comment