“ދެން ވީ ކިހިނެއްތޯ؟…” އަނެއްކާވެސް ޝިމްލާ އަހައިލިއެވެ. އަހަރެންނަށް ޚިޔާލީ ދުނިޔެއިން ޙަޤީޤީ ޢާލަމަށް އަންނަން ޖެހިއްޖެއެވެެ. އެހެނަސް އެއީ އެހާފަސޭހަ ކަމަކަކަށް ނުވިއެވެ. އެކަަމަކު… “އަޅުގަނޑުމެންގެ ގުޅުން އެއީ މާނަސީބުވެރި ގުޅުމަކަށްނުވި. މަދީޙާގެ ބައްޕައަށް އެކަން އެނގިލެއްވުމާއެކު ނުރުހުން ފާޅުކުރައްވައި އަޅުގަނޑަށް ނަސޭހަތްދެއްވި. މަދީޙާއަކީ އަދި ތަޢްލީމު ހާޞިލު ކުރަމުންދާ ކުއްޖެއްކަމާއި އޭނާގެ މުސްތަޤްބަލް ހަލާކުވެދާފަދަ ކަމެއް އަޅުގަނޑުގެ ފަރާތުން ވުމަކީ މަދީޙާގެ ބައްޕަ އެއްގޮތަކަށްވެސް އެދިލައްވާކަމެއް ނޫންކަމުގައި ބުނުއްވި. އަދި މަދީޙާއަށްވެސް އޭނާ މަޖުބޫރުކުރައްވަމުން…

“ދެން ވީ ކިހިނެއްތޯ؟…” އަނެއްކާވެސް ޝިމްލާ އަހައިލިއެވެ. އަހަރެންނަށް ޚިޔާލީ ދުނިޔެއިން ޙަޤީޤީ ޢާލަމަށް އަންނަން ޖެހިއްޖެއެވެެ. އެހެނަސް އެއީ އެހާފަސޭހަ ކަމަކަކަށް ނުވިއެވެ. އެކަަމަކު…

“އަޅުގަނޑުމެންގެ ގުޅުން އެއީ މާނަސީބުވެރި ގުޅުމަކަށްނުވި. މަދީޙާގެ ބައްޕައަށް އެކަން އެނގިލެއްވުމާއެކު ނުރުހުން ފާޅުކުރައްވައި އަޅުގަނޑަށް ނަސޭހަތްދެއްވި. މަދީޙާއަކީ އަދި ތަޢްލީމު ހާޞިލު ކުރަމުންދާ ކުއްޖެއްކަމާއި އޭނާގެ މުސްތަޤްބަލް ހަލާކުވެދާފަދަ ކަމެއް އަޅުގަނޑުގެ ފަރާތުން ވުމަކީ މަދީޙާގެ ބައްޕަ އެއްގޮތަކަށްވެސް އެދިލައްވާކަމެއް ނޫންކަމުގައި ބުނުއްވި. އަދި މަދީޙާއަށްވެސް އޭނާ މަޖުބޫރުކުރައްވަމުން ގެންދެވީ އަޅުގަނޑާ ވާހަަކަ ނުދައްކަން. އަދި މަދީޙާއަށް ފިލާވަޅު ދަސްކޮށްދޭން އަޅުގަނޑު ކުރަމުން އައި މަސައްކަތްވެސް ހުއްޓާލަން އަންގަވައިފި. އެއާއެކު… މަދީޙާއަށް ޓިއުޝަން ދިނުމަށް ޓަކައި އެހެން ކުއްޖަކު ގެއަށް ގެންނަވަން ވެސް ފަށްޓަވައިފި.

އަހަރެންނަށް އެހިސާބަށް  ބުނެވުނުއިރު އަނެއްކާވެސް އަހަރެންގެ ކަރު ބެދޭގޮތް ވެއްޖެއެވެ. މެއަށްވުރެ ތަންކޮޅެއް މަތީން އަރުތެރޭގައި އުފެދުނު ކުޑަކުޑަ ރިހުމެއްގެ އަސަރުންނެވެ. އެހެންވާން ޖެހުނީ ކީއްވެެބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް ވިސްނައިލުމާއެކު އެސަބަބުވެސް އަހަރެންނަށް އެނގިއްޖެއެވެ. ޓިއުޝަންދޭން އަންނަން ފެށި ކުއްޖާ އާއި މަދީޙާއާ ދެމީހުން އެކުގައި ފެނުމުން އެދުވަސްވަރު އަހަރެންނަށް ވަމުންދިޔަ ގޮތް އެވަގުތު ހިތަށް އެރީއެވެ. އަހަރެންގެ ހިތުގައި އުފެދެމުންދިޔަ ހަސަދައާއި ނަފުރަތުގެ ޝުޢޫރުތައް އަނެއްކާވެސް ހަނދާންވީއެވެ. އެކަމަކު ޙައިރާންވާން ޖެހުނުކަމަކީ އަހަރެންނަށް ހަސަދަވެރި ވެވެނީ މަދީޙާ އަކާ ނޫނެވެ. އަހަރެންނަށް ނަފުރަތު ވެވުނީ މަދީޙާ އަކަށް ނޫނެވެ. އޭނާއަށް ޓިއުޝަންދޭން އަންނަކުއްޖާއާ މެދުގައެވެ. އޭނާއަށް އެކަން ނުވެސް އެނގޭނެ ޙާލެއްގައެވެ. އޭނާގެ އެއްވެސް ކުށަކާ ނުލައެވެ. އެކަމަކު އެއީ އެކަންވީގޮތެވެ.

އަހަރެންގެ ބުރަކަށީގައި މަޑުމަޑުން އެކަމަކު ސާބިތުގޮަކަށް ޝިމްލާ އަތުން ފިރުމާލިއެވެ. ހީވަނީ އަހަރެންގެ އަޑުބެދުނުކަން އޭނާއަށް އިޙްސާސް ކުރެވުނީ ހެންނެވެ. އަހަރެންގެ ކޮނޑުމަތީގައި ވާ އޭނާގެ ދަތްދޮޅިވެސް ތަންކޮޅެއް ބަރުވެގެން ދިޔަހެން އަހަރެންނަށް ހީވިއެވެ.

 “ދެން އަޅުގަނޑުމެންނަށް ޖެހުނީ މަދީޙާގެ ބައްޕައަށް ސިއްރުން އަޅުގަނޑުމެންގެ ލޯބި “ބޮޑުކުރަމުން” ގެންދަން. އަޅުގަނޑުމެން އެކަނިވެލާނެ ވަގުތު ހޯދަން ޖެހެނީ ބައްޕައަށް ސިއްރުން. ގޭގައި އުޅުނަސް އަޅުގަނޑު ހުންނަން ޖެހުނީބޭރު މީހެއްގެ ގޮތުގައި، އަޅުގަނޑު އަބަދުވެސް ހުންނަނީ ސިއްރުކަމެއް ކޮށްގެން އެކަން ބޭޒާރުވެދާނެތީ ބިރުން ހުންނަ މީހެއް ފަދައިން… މަދީޙާގެ ބައްޕަ އާދައިގެ ކަަމަކާ އަޅުގަނޑަށް ގޮވާލެއްވި ނަމަވެސް އަޅުގަނޑު ގަންނަނީ އަމަށަކު ބިރެއްނޫން… އެކަމަކު … އެކަމަކު…”

އަހަރެންނަށް ދެއްކެމުން ދިޔަ ވަހަކަތަކަކީ ޝިމްލާއަށް އަހަން މާފަސޭހަ ވާހަކަތަކަކަށް ނުވާނެކަންވެސް އަހަރެންނަށް އިޙްސާސް ކުރެވެއެވެ. ނަމަވެސް އެހަނދާންތަކުގެ ތެރެއަށް އަހަރެންނަށް ދެވުމުން އެވާހަކަތައް މާދިގު ކުރެވުނީއެވެ. އެދުވަސްވަރު އަހަރެން އުޅެމުން ދިޔަގޮތް ހަނދާންވީމަ އެވާހަކަތައް ކުރުކޮށްލަން ނޭނގުނީއެވެ. އެދުވަސްވަރު އަހަރެންނަށް އެނގެމުންދިޔައީ “ލޯބި އެންމެ ލޯބި ކަރުނައިގެ ތެރޭގައި” ކަމެވެ. އުނދަގޫ ތަކާއި ހުރަސްތަކަކީ ލޯބި ހީނަރުވުމުގެ ސަބަބަކަށް ނުވާކަމެވެ. އަދި ކީއް ހެއްޔެވެ. ލޯބި ވަރުގަދަވުމަށް ލޯބި ހަރުދަނާވުމަށް އެޅޭ ބާރަކަށް ވާކަމެވެ.

އެންމެފަހުން އަޅުގަނޑުމެންގެ މިސިއްރު ގުޅުންތައް ވެސް މަދީޙާގެ ބައްޕައަށް އެނގިލައްވައިފި” ކުޑައިރުކޮޅެއް މެދުކަނޑާލުމަށްފަހު އަނެއްކާވެސް އަހަރެން ބުނަން ފެށީމެވެ. ޝިމްލާ ގެ ފަރާތުން އިތުރު އެއްވެސް ޙަރަކާތެއްގެ އަސަރު އަހަރެންނަށް ފާހަގަ އެއް ނުކުރެވެއެވެ.

“ދެން މަދީޙާގެ ބައްޕަ އަލިމަނިކު އަޅުގަނޑުގެ ބައްޕައާ ވާހަކަ ދައްކަވައިގެން އަޅުގަނޑު އެގެއިން އެހެން ގެއަކަށް ބަަދަލުކުރެއްވީ. އަދި މަދީޙާ އަށް ކިޔަވައި ދެއްވާށޭ ކިޔުއްވައިފައި މަދީޙާ ގޮވައިގެން އިންޑިޔާއަށް ދުރުވީ. އަޅުގަނޑުގެ ބައްޕަ ގާތުގައި ބުނުއްވި ކަމަށް ވަނީ މަދީޙާ އިންޑިޔާގެ ކޮލެޖެކަށް ވައްދަން ވެގެން ދުރުވާތީ ގެވެސް ކުއްޔަށް ދެއްވަންޖެހިލައްވައިގެން އެގެއިން އެހެން ގެއަކަށް އަޅުގަނޑު ގެންދަން ބޭނުންވެލައްވާ ކަމަށް… ކޮންމެއަކަސް އަޅުގަނޑު އެގެއިން ނެރެގެން އެހެން ގެއަކަށް ގެންގޮސްފި.”

    “ދެން އަޅުގަނޑުމެންގެ ގުޅުން ކުރިއަށް ދިޔައީ ސިޓީގެ ވަސީލަތުން… މަދީޙާ އިންޑިޔާ އަށް ދިޔަތާ މާ ގިނަ ދުވަހެއް ނުވެ އޭނާގެ ސިޓީއެއް އަޅުގަނޑަށް ލިބުނު. އަޅުގަނޑުވެސް އޭނާއަށް ސިޓީ ފޮނުވިން. ނަމަވެސް އަޅުގަނޑުމެންގެ ލޯތްބަކީ ކުރިންވެސް ނަންގެން ފަދައިން އެހައި ނަސީބު ގަދަ ލޯތްބަކަށްނުވި. އަޅުގަނޑުމެންގެ ސިޓީގެ ސިލްސިލާވެސް މާ ދިގު ވެގެން ދާކަށް ފުރުޞަތެއް ނުލިބުނު… މާ ގިނަ ދުވަސްތަކެއް ނުވެ މަދީޙާ އެނބުރި މާލެ އަތުވެއްޖެ. އޭރު އޭނާ ވަނީ…”

އެ ހިސާބުން އަހަރެންނަށް ވާހަަކަ ކުރިއަށް ގެންދާން ދަތި ވެއްޖެއެވެ. އަހަރެންގެ އަޑު ބެދޭގޮތް ވެއްޖެއެވެ. އެ ކަން ފޮރުވޭތޯ އަހަރެންް ކުރިހައި މަސައްކަތެއްވި ނާކާމިޔާބެވެ. އަނެއްކާވެސް އަހަރެންގެ ހުއްޓެމުން ގޮސްގޮސް އޮތް ހިތުގެ ހިނގުމަށް ދިރުމެއް ގެނައީ ޝިމްލާގެ އޯގާވެރި ފިރުމާލުމަކުންނެވެ.  އަދި އޭނާގެ ނިޔަނެތި އަޑުން ކޮށްލި ސުވާލަކުންނެވެ.

“ނަޞީރު… އޭރު އޭނާއަށް ވީ ކިހިނެއްތޯ…؟”

 “އޭރު އޭނާއަކީ އެހެންމީހެއްގެ ޙަޔާތުގެ ބައިވެރިއެއް… އޭނާ…”

 އަހަރެންނަކަށް ނުބުނެވުނެވެ. އަހަރެންގެ ހިތް ތެޅެންފަށައިފިއެވެ. މިވަހަކަތައް ކިޔައިދެންފެށިއިރު އަހަރެންނަށް މިހެންވެދާނެ އޭ ކުޑަކޮށްވެސް ހިތަށް އެރިނަމަ މިވާހަކަ ޝިމްލާ އަށް ކިޔާދޭކަން ނޫޅުނީމުހެވެ. “އަހަރެން މަދީޙާ ދެކެ ލޯބިިވީމެވެ. ނަމަވެސް މިވަރަށް ކަމެއް އެގޭ ކުރިޔަކުން އަހަރެންނަކަށް ނޭނގެއެވެ. މިހާާރު އެކަން މިއެނގުނީ އަހަރެންނަށް އެކަންނެއްވެސް ނޫނެވެ.” އަހަރެންގެ ހިތަށް އަރަމުންދިޔައެވެ. “މިހާރު ޝިމްލާއަށްވެސް އެކަން މިއޮތް އެނގެނީއެވެ. މީގެ ސަބަބުން ޝިމްލާ އަހަރެންނާ މެދު ހީކުރާނީ ކިހިނެއް ބާވައެވެ. އަހަރެން ޝިމްލާ ދެކެ ލޯބިވާކަން، މަދީޙާއަށްވުރެ މާބޮޑަށް ލޯބިވާކަން. ޝިމްލާއަށް ޔަޤީންކޮށްދޭނީ ކިހިނެއް ބާވައެވެ.” މިކަަހަލަ ފިކުރުތަކެއްގެ ތެރެއަށް އަހަރެން ގެއްލިއްޖެއެވެ. އޭރު އަހަރެންވަނީ އަހަރެންގެ މާޒީގެ ޖަޛްބާތީ އޮއިވަރެއްގެ ތެރޭގައެވެ. މުސްތަޤްބަލާމެދު ވިސްނާނުލެވޭ ތާނގައި ޙާލުވެސް ހަނދާން ނައްތާލައިގެންނެވެ. “މިއީ އެހެން މީހުންނަށްވެސް ދިމާވެދާނެ ގޮތެއްބާވައެވެ.” އަހަރެންގެ ހިތަށް އެރިއެވެ. “މިއީ ހާދަހާ އުނދަގޫ ޙާލަތެކެވެ. މިވަގުތު އަހަރެން އެހީ ހޯދާނީ ކޮންފަރާތަކުން ހެއްޔެވެ. ޝިމްލާ އަހަރެންގެ އެހީތެރިޔަކަށް ވެދާނެ ބާވައެވެ. އަހަރެންގެ ހިތް އެހެން މީހެއްގެ ހަނދާނުގައި ވިރެމުން ދާކަން އެނގިއެނގި ހުރެ ޝިމްލާ އޭނާ ލޯބީގެ ތައްގަނޑަށް އެހިތް ބައްޓަން ކޮށްލަން އެހީވެދީފާނެ ބާވައެވެ.”

ނަޞީރު!” ވަރަށް ހިމޭން އަޑަކުން ޝިމްލާ ގޮވާލިއެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އަހަރެން “ހޭލައްވާލަން” އޭނާ ބޭނުންވިކަން އެނގުނެވެ. އެހެންކަމުން އަނެއްކާވެސް ހިތްވަރުކޮށްފައި އަހަރެން އެވާހަކަ ކުރިއަށް ގެންދެވޭތޯ އުޅުނީމެވެ.

“މަދީޙާ އިންޑިޔާއިން އައިއިރު އޭނާ ވަނީ ޢަލީ ޝަރީފާ ކައިވެނީގެ ގޮތުން ގުޅިފައި. ޝަރީފަކީ މަދީޙާގެ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއްގެ ކުއްޖެއް. ވިޔަފާރިކޮށް އުޅޭ ކުއްޖެއް، ކުރިންވެސް މަދީޙާ މެންގެއަށް އޭނާ އައިސްއުޅޭ. އެކަމަކު މަދީޙާ އާއި އޭނާ އާ ދެމެދުގައި އެބާވަތުގެ އެއްވެސް ގުޅުމެއް އޭރުނޯވޭ. އަދި ފަހުންވެސް އޮތް ކަމަކަށް ހިޔެއްނުވޭ…”

 ވާހަކަ އެހިސާބަށް ގެންދެވުނުއިރު އަހަރެންގެ ހިތަށް ވަންނަމުންދިޔައީ މަދީޙާ އެންމެފަހުން އަހަރެންނަށް ފޮނުވި ސިޓީގައިވާ ޢިބާރާތްތަކެވެ. އެސިޓީ އަކީ މިއަދު އޮފީހުގައި އަހަރެން ކިޔަން އުޅުނު ސިޓީއެވެ. އެސިޓީފަށައި ގަންނަން އޭނާ ލިޔެފައިވާ ބައެއް ޢިބާރާތްތައް މީގެ ކުޑަައިރުކޮޅެއް ކުރީންވެސް އަހަރެންގެ ހިތަށް އެރިއެވެ. އެއީ އަހަރެންދެކެ ލޯބިވާ ވާހަކައެވެ. އަބަދަށްވެސް ލޯބިވާނެވާހަކައެވެ. ނަމަވެސް މިހާރު އަހަރެން ހިތަށް އަރަމުންދަނީ އޭގެ ފަހުން އެސިޓީގައި ލިޔެފައިހުރި ވާހަކަތަކެވެ އޭނާ ލިޔެފައި އޮތެވެ. “ނަޞީރަށް މިވާހަކަ ނަންގަންނާނީވެސް ކިހިނެއްބާވައޭ އަޅުގަނޑުގެ އަމިއްލަ އެއްވެސް އިޙްތިޔާރެއް މިއަދު އަޅުގަނޑުގެ މައްޗަކަށް ނެތެވެ. އަޅުގަނޑުގެ ޖިސްމުވެސް މިއަދު ވަނީ އަޅުގަނޑުގެ އިޚްތިޔާރުގެ ދަށުގައެއް ނޫނެވެ. އަޅުގަނޑުގެ ފުރާނަ އެހަށިގަނޑުގައި އޮތްނަމަވެސް އެފުރާނަވަނީ އެހަށިގަނޑާ ރުޅިވެފައެވެ. އަޅުގަނޑުގެ ހިތް އޮތީ އެހަށި ގަނޑުގެ ތެރޭގައި ކަމަށް ވިޔަސް އެހިތުގައި ވާނަމަ ވާދިރުމެއްވަނީ އެހަށިގަނޑަށް ޓަކައެއް ނުނެވެ.” އަދިވެސް މަދީޙާ ލިޔެފައިއޮތެވެ. “ނަޞީރު ޤަބޫލުކުރައްވާށެވެ. މިއަދު އަޅުގަނޑަށް ވަނީ މަޖްބޫރުވެފައެވެ. އަޅުގަނޑުގެ ލޯބިވާ ބައްޕައަށް ޓަކައެވެ. މަންމައަކާވެސް ނުލައި އަޅުގަނޑު ބަލާ ބޮޑުކުރި ބައްޕައަށް ޓަކައެވެ. އެބައްޕަގެ އޯގާވެރިކަމާއި ހެޔޮކަމާ އެކު ނޫނީ އަޅުގަނޑުގެ ޙަޔާތުގެ އެންމެ ދުވަހެއްވެސް އަޅުގަނޑު ދެކެފައެއް ނޯންނާނެއެވެ. އެބައްޕަގެ ޙަޔާތަށް އެންމެ ދުވަހެއް އިތުރުކޮށް ދެވޭތޯ އަޅުގަނޑަށް ޖެހޭނީ އަޅުގަނޑުގެ އަމިއްލަ ޙަޔާތް ޤުރުބާން ކުރާށެވެ.”

“ނަޞީރު…” އަނެއްކާވެސް ޝިމްލާގެ އަޑެވެ. “އޭނާގެ އަޑުގައި އެކުލެވިފައިވަނީ ކެތްތެރިކަން ކުޑަވެފައިވާ ކަހަލަ އަސަރެކެވެ. ނޫންނަމަ ރޮވެން ކައިރިވެފައި ހުންނައިރު އަޑަށް އައިސްފައި ހުންނަކަހަލަ ބަދަލެކެވެ. އަހަރެންނަށް ވެފައި އިންގޮތުން ޝިމްލާގެ އަޑަށް އައިސްފައިވާ ބަދަލެއް އަހަރެންނަކަށް ރަނގަޅަކަށް އިޙްސާސެއް ނުކުރެވުނެވެ.

“ޝިމް… އަޅުގަނޑުގެ ލޯބިވާ ޝިމް…” އަމިއްލަ ނަފްސުގެ މައްޗަށް ކުރާ އިތުބާރު ހަރުދަނާކުރެވޭތޯ މަސައްކަތް ކުރަމުން އަހަރެން ވާހަކަދައްކަން ފެށީމެވެ. “މަދީޙާ މާލެ އައިތާ ގިނަދުވަސްތަކެއްނުވެ އޭނާ އަޅުގަނޑަށް ސިޓީއެއް ފޮނުވިއެވެ. އަދި އެނާއަށް ދިމާވި ހުރިހާ ކަމެއް ވަރަށް ސާފުކޮށް އަހަރެންނަށް އޮޅުންފިލުވައިދިނެވެ. މަދީޙާގެ ބައްޕަ އޭނާ ގޮވައިގެން އިންޑިާއަށް ދިޔަތާ ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ބައްޕައަށް ހާރޓް އެޓޭކެއް ޖެހުނީއެވެ. އެވަގުތު އޭނާ އާ އަޅާލާނެ އެއްވެސް މީހަކު އެތާކުނެތެވެ. ބައްޕަ ހޮސްޕިޓަލަށް ގެންގޮސް ހުރިހާ ފަރުވާއެއް ކޮށްދިނީ ޝަރީފެވެ.

ބައްޕައަށް ތަންކޮޅެއް ރަނގަޅުވުމުން ބައްޕަ އެދިލެއްވީ މަދީޙާ ޝަރީފާ ކައިވެނީގެ ގޮތުން ގުޅުމަށެވެ. މަދީޙާ އެކަމާ އިންކާރުކުރިއެވެ. މަދީޙާ އިންޑިޔާއަށް ގެނައީ އޭނާ އަށް ކިޔަވައިދޭންކަން ބައްޕައަށް ހަނދާންކޮށްދިނެވެ. ނަތީޖާއަކަށްވީ ބައްޕަގެ ހިތަށް އިތުރު ޝޮކެއް ލިބުމެވެ. އަދި ބައްޕަގެ ޙާލު ބޮޑުވެ ސީރިއަސްވުމެވެ. އެފަހަރުވެސް ޝަރީފުގެ އޯގާވެރިކަމާއި ޑަކްޓަރުންގެ ފަރުވާގެ ސަބަބުން ބައްޕައަށް ތަންކޮޅެއް ރަނގަޅުވާ ގޮތްވުމާއެކު ބައްޕަ ގަދައަޅުއްވައި މަދީޙާ އަށް އަންގަވަމުން ގެންދެވީ ޝަރީފާ ކައިވެނި ކުރުމަށެވެ. “ބައްޕަގެ ޙަޔާތުގައި އިތުރު ދުވަސްތަކެއް ދެކެން ދަރިފުޅު ބޭނުންވާނަމަ ޝަރީފާ އިންނާށެވެ. އޭރުން ބައްޕަ މަރުވިޔަސް މަރުވާނީ އުފަލުންނެވެ. ދަރިފުޅު ގޮވައިގެން އުޅޭނޭ ދަރިފުޅަށް ކަމޭހިތާނޭ އޯގާވެރި ފިރިއަކާ ދަރިފުޅު ޙަވާލުކުރެވުނު ކަމުގެ އުފަލުންނެވެ. އެހެންނޫނީ ބައްޕަ މަރުވާނީ…” މިއީ މަދީޙާގެ ބައްޕަ މަދީޙާ ޝަރީފާ އިނުމަށް ބާރު އަޅުއްވައި ވާހަކަ ދެއްކެވި ވަރެވެ. އެދުވަހުވެސް އެހިސާބަށް ބުނުއްވައިފައި ދެން ޚަބަރު ހުސްވާގޮތްވީއެވެ. އެވަގުތު މަދީޙާ އަށް ހަދާނެ ގޮތެއް ނޭނގިގެން އެނބުރިލާންވެސް އޮތީ ހަމަ ޝަރީފާ ދިމާއެވެ. އޭރު މަދީޙާގެ ބައްޕައަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަނީވެސް ޝަރީފެވެ. މަދީޙާގެ ކަންތައްތައް ބަލަހައްޓަން ހުރީވެސް ހަމަ ޝާރީފެވެ. އެހެންކަމުން އެންމެފަހުން މަދީޙާ ޝަރީފާ ކައިވެނިކުރީއެވެ. އަދި އޭގެ ދުވަސްކޮޅެއްފަހުން މަދީޙާގެ ބައްޕަގެ ޙާލު ތަންކޮޅެއް ރަނގަޅު ވީމާ އެމީހުން މާލެއައީއެވެ. އެދުވަސްތައް އެގޮތަށް ހޭދަވެގެން ދިޔުމުން މާލެ އައިއިރު ޝަރީފު ކުރަމުން އައި ވިޔަފާރިވެސް އޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މާލެ އައުމަށްފަހުވެސް ބައްޕަގެ ބަލި މުޅީން ރަނގަޅެއް ނުވެއެވެ. އެހެންކަމުން ޝަރީފަށާއި މަދީޙާއަށް އުޅެންޖެހުނީ އެކަމުގައެވެ. އެންމެފަހުން މަދިޙާގެ ބައްޕަ ނިޔައުވީއެވެ. އަދި އެމީހުން އުޅުނުގެވެސް ދޫކޮށްލައިފައި މަދީޙާ މެންނަށް އެހެންގެއަކަށް ދާންޖެހުނީއެވެ.”

ވަރަށް ގިނަ ވާހަކަތަކެއް އަހަރެން ކުރުކޮށްލީމެވެ. ނަމަވެސް މަދީޙާގެ ޙަޔާތަށް ކުރިމަތިވި ގިނަގުނަ ދަތިތަކުގެ ހަނދާންތައް އެ ވަގުތު އަހަރެންގެ ހިތަށް ވަންނަމުން ދިޔައެވެ. އެޔާއެކު މަދީޙާ އަށް ދިމާވި ހިތްދަތި ގޮތްތަކާމެދު އަހަރެންގެ ހިތުގައިވާ ހަމްދަރުދީގެ އަސަރުތައްވެސް އަނެއްކާ އާ ވެގެން  ދިޔައެވެ. އެއީ ލޯތްބާއި އެދުން އެކުލެވިފައިވާ ހަމްދަރުދީއެކެވެ. ޖަޛްބާތާއި އަސަރު އެކުލެވިފައިވާ ހަމްދަރުދީއެވެ.

އެހަނދާންތަކުގައި އެއްވެސް އެއްޗެއް ނުބުނެވި އަހަރެންނަށް އިނދެވުނީ ކިހާއިރަކު ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނަށް ހޭވެރިކަމެއްވީ އަހަރެންގެ ކޮނޑުމައްޗަށް ފެންތިކިތަކެއް ޖަހަމުންދާހެބް ހީވުުމުންނެވެ. ފުރަތަމަ އަހަރެންނަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. ނަމަވެސް އެއީ ހަމަ ޙަޤީޤަތެކެވެ. އަހަރެންގެ ކޮނޑުމައްޗަށް ފެންތިކި ޖަހަމުންދާތާ އިރުކޮޅެއް ވެއްޖެއެވެ. އަދި މިހާރު އެފެންތިކިތަކުން އަހަރެންގެ ޓީޝާރޓް ފޯވަމުން ދާކަންވެސް ކަށަވަރުވެއްޖެއެވެ. ޝިމްލާ އޭރުވެސް ހަމަ އެއިން ގޮތަށް އަހަރެންގެ ކޮނޑުމަތީގައި މޫނު ޖައްސައިލައިގެން އިނެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެން މަޑުމަޑުން ޝިމްލާގެ ގައިގައި ފިރުމާލީމެވެ. އަދި އެއާއެކު އޭނާގެ ބޯ އަހަރެންގެ ކޮނޑުމަތިން ވަކިކޮށްލަން މަސައްކަތް ކުރީމެވެ. ޝިމްލާއަށްވެސް އެކަން އިޙްސާސް ވުމާއެކު އޭނާގެ މޫނު އަހަރެންގެ ކޮނޑުމަތިން ނަގައިފިއެެވެ. އެވަގުތު ކޮޓަރީގައިހުރި ފަނޑުއަލި ފޮނުވައިދޭ ބޮކީގެ އަލި އޭނާގެ މޫނަށް އެޅުނެވެ. ދަޅައަޅައަޅާ ފެންނަން ހުރީ އޭނާގެ ލޮލުން ފުރިގެން އޮހެމުންދާ ކަރުނަތަކެވެ. އެކަރުނަތައް އޮހެމުން ދާތާ އިރުތަކެއް ވެއްޖެކަންވެސް އެނގޭހާވެއެވެ.

އަހަރެންނަށް ވީ ގޮތެއްވެސް ނޭނގުނެވެ. ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. “ވާނެ ހުރިހައި ނުބައެއް މިވީއެވެ.” އަހަރެންގެ ހިތަށް އެރިއެވެ. “އަހަރެންނަށް މި ވާހަކަ ނުދެއްކުނު ނަމަ ކިހައި ރަނގަޅު ވީސް ހެއްޔެވެ؟ މިހާރު ދެން… މި އޮތީ ވާނެގޮތް ވެ ނިމިފަ އެވެ.”

“ޝިމް… ލޯބިވާ ޝިމް… ރޮވުނީތަ؟ ކީއްވެ؟ އަނެއްކާ!” ވަަރަށް ހިތްވަރުކޮށްފައި އަހަރެން އަހައިލީމެވެ.

ޝިމްލާ ހަމަ އެއްވެސް އެއްޗެކޭ ނުބުނެ އެވެ. މޫނު އަނެއް ފަރާތަށް އަނބުރައިލުމާއެކު އަހަރެންގެ އަތުގެ ތެރެއިން ވަކި ވެގެން ބާލީހުގައި މޫނު ފޮރުވައިގެން އޮށޯވެއްޖެ އެވެ.

އަހަރެން ވަރަށް ބޮޑަށް ކަންބޮޑު ވެއްޖެއެވެ. “އަހަރެންނާ މެދު ޝިމްލާގެ ހިތް ގޯސް ވީއެވެ…” އަހަރެންގެ ހިތަށް އެރިއެެވެ. “އެކަމަކު އަހަރެންގެ ހިތުގައި ޝިމްލާގެ ލޯބި ނޫން ލޯތްބެއް މިއަދު ނެތްކަން ހަމަ ގައިމުވެސް ކީރިތިވަންތަ ﷲ ދެނެވޮޑިގެން ވާނެ އެވެ. އެކަން އަހަރެން ޝިމްލާ އަށް އަންގައި ދޭނޭ ކިހިނެއް ބާވައެވެ… އަދި އަހަރެން އެހެން ކިތަންމެ ވަަރަކަށް ބުންޏަސް ޝިމްލާ އެކަން ޤަބޫލު ކުރާނެ ބާވައެވެ… ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އަހަރެން މަސައްކަތް ކުރާނަމެވެ. ތެދުވެރި ވުމަށެވެ. ވަފާތެެރި ވުމަށެވެ ލޯބި ވާށެވެ… ލޯބި ވެވޭށެވެ…”

ޝިމްލާ ކައިރީގައި އަހަރެންވެސް އޮށޯވެލީމެވެ. މަޑު މަޑުން އޭނާގެ ބުރަކަށީގައި އަތް ޖައްސާލުމާއެކު އަހަރެންގެ މޫނު އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި ޖައްސާލީމެެވެ. ޝިމްލާ އެއްވެސް ޙަރަކާތެއް ނުގެނެއެވެ. ނަމަވެސް އޭނާ އަށް ގިސްލެވެމުން ދަނީއޭ ހީވާ ކަހަލަ އިޙްސާސެއް އަހަރެންނަށް ކުރެވުނެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. “އަހަރެމެންގެ ކައިވެނި ވީތާ އަދި މިއުޅެނީ އަހަރެއްހައި ދުވަސްވެސް ނުވެއެވެ ޝިމްލާގެ ލޯބި އަހަރެންނަށް ގެނެސް ދިނީ ކޮން ފަދަ އުފާތަކެއް ހެއްޔެވެ؟ އެ ލޯބި އަހަރެންނަށް ހޯދައި ދިނީ ކިހައި ހަމަޖެހޭ ދިރިއުޅުމެއް ހެއްޔެވެ؟ އެ ލޯބި އަހަރެންނަށް ހޯދައި ދިނީ ކިހައި ހަމަޖެހޭ ދިރިއުޅުމެއް ހެއްޔެވެ؟ އެ ލޯބި އަހަރެންނަށް ލިއްބައި ދިނީ…؟

އަހަރެންގެ ޒަމީރު އަހަރެންދެކެ ރުޅި އަންނަގޮތް ވާން ފަށައިފިއެވެ. އަހަރެންގެ އަމިއްލަ ޙިއްސުތައް އަހަރެންނަށް މަލާމާތް ކުރަންފަށައިފިއެވެ. އެއާއެކު އަހަރެންނަށް މިކުރެވުނު ކަންތަކާމެދު ދެރަވާންވެސް ފަށައިފިއެވެ.

 “ލޯބިވާ ޝިމް… އަޅުގަނޑުގެ އެންމެ ލޯބި ޝިމް… އަޅުގަނޑު މިވާހަކަތައް ކިޔައިދިނުމުން އަނެއްކާ އަޅުގަނޑާމެދު ކުށް ހީއެއް ކުރެއްވުނީތޯ؟” އަޅުގަނޑުގެ ހިތުގައިވާ ޝިމްގެ ލޯތްބާމެދު ޝައްކު ކުރެއްވޭގޮތް ވެލެއްވީތޯ؟ އެއްގޮތަކަށްވެސް އެހެން ހީނުކުރައްވާ! ޝިމް… އަޅުގަނޑުގެ ލޯބި…” އަހަރެން ވަަރަށް ދެރަވެލައިފައި ވާހަކަ ދައްކަން ފެށީމެވެ. ޙަޤީޤަތުގައިވެސް އެވަގުތު އަހަރެން އޮތީ ވަަރަށް ދެރަވެފައެވެ. އެއީ އަހަރެންގެ ސަބަބުން ޝިމްލާގެ ހިތުގައި ޖެހޭ ފަދަ ކަމެއް ކުރެވިގެންނެވެ. އެއީ އަހަރެން ދުވަހަކުވެސް ކުރަން ބޭނުން ކަމެއް ނޫނެވެ. އަހަރެން އަބަދުވެސް ބޭނުންވަނީ ޝިމްލާ އުފަލުން ބެހެއްޓުމަށެވެ. އެކަމަަކު މިރޭ މިދިމާވި ކަމަކީ….

 “އަޅުގަނޑު އެންމެ ލޯބިވާ ޝިމް… މިއަދު އަޅުގަނޑުގެ ހިތުގައި ވާނަމަ ވާ ހުރިހާ ލޯތްބެއް ވަނީ ހަމަ ޝިމްއަށް ދެވިފައި. އެހެންމީހެއްގެ ލޯތްބަކަށް އެހިތުގައި އެއްވެސް ތަންކޮޅެއް ނެތް… ޤަބޫލުުކުރައްވާ… ޝިމް އަޅުގަނޑަށް މިއަދު ދިމާވި މިހާދިސާގެ ވާހަކަ ކިޔައިދެވުނީވެސް ހަމަ ޝިމް އެކަމަށް އެދިލެއްވީތީ.  އެހެންނޫންނަމަ އެއީ މިހާރު އަޅުގަނޑު ދައްކަން ބޭނުން ވާހަކައެއްވެސް ނޫން އަޅުގަނޑުގެ ހިތުގައި މިހާރު މަދީޙާ އާ މެދު ހިނގަނީ ހަމްދަރުދީގެ ޝުޢޫރު ލޯބީގެ އެއްވެސް ބައެއްނެތް…”

 ޝިމްލާ އަހަރެންގެ ވާހަކަ އަޑުއަހާކަންވެސް އަހަރެންނަކަށް ނޭނގެއެވެ. ނަމަވެސް އަހަރެން ވާހަކަ ދައްކަމުން ގެންދިޔައީމެވެ.

 “އަޅުގަނޑަށް ޙަޤީޤީ ލޯތްބެއް ލިބުނީ ޝިމްގެ ފަރާތުން. އެކަން  އަޅުގަނޑު އަބަދުވެސް ހަނދާން ބަހައްޓާނަން. އަޅުގަނޑަށް އަޅުގަނޑުގެ ތަޤްދީރުގައިވާ ނަސީބުގެ މަގަށް އަދެވުނީ ޝިމްގެ ގެސަބަބުން. ޝިމްގެ ވަފާތެރިލޯބިން. ޝިމްގެ ތަފާތު ވުމެއްނެތް އޯގާވެރިކަމުން ޝިމްގެ ލޯބި އަޅުގަނޑަށް ނުލިބުނުނަމަ މިއަދު އަޅުގަނޑު އަޅުގަނޑަކަށް ނެތީސް… މިއަދު އަޅުގަނޑު…”

ޝިމްލާ ގިސްލުންތަކުގެ އަޑުވެސް މިހާރު އަހަރެންނަށް އިވޭހެބް ހީވެއެވެ. އެއިރު އަހަރެންގެ އަމިއްލަ ނަފްސު އަހަރެން ކުށްވެރި ކުރަނީއެވެ. އަހަރެންގެ ފުރާނަ އެކަމާ ހިތާމަ ކުރަނީއެވެ. އެކަމަކު ހަމަ އެއިރު  ކޮންމެވެސް ނޭނގޭ އަސަރެއް އަހަރެންގެ ހިތުގެ ތެރޭގައި ކޮންމެވެސް ކަހަލަ އުފާވެރިކަމެއް ދިރުވަމުން ދާހެންވެސް ހީވެއެވެ. އެއީ ޝިމްލާ އަހަރެންދެކެ ވަރަށް ބޮޑަށް ލޯބިވާކަން އަހަރެންނަށް ވަޒަންކުރެވޭތީ އޭ ހިތަށް އެރިއެވެ. “ޝިމްލާ އަހަރެންދެކެ ކިހާބޮޑަށް ލޯބިވޭހެއްޔެވެ. އަހަރެން އެހެންމީހެއްދެކެ ލޯބިވާ ވާހަކަ… އާނ! ލޯބިވި ވާހަކަ… އިވުމުންވެސް އޭނާ ކިހާދެރަވެއްޖެ ހެއްޔެވެ. އޭނާ ހަމަ ޙަޤީޤަތުގައިވެސް އަހަރެންދެކެ މާބޮޑަށް ލޯބިވަނީއެވެ.” އަހަރެންގެ ހިތުގެ ތެރޭގައި ފަޚުރުވެރިކަމާއެކު މިކަހަލަ ޚިޔާލުތަކެއް ހިނގަމުންދިޔައެވެ.

ޝިމްލާ ހަމައެއްވެސް އެއްޗެއް ނުުބުނެއެވެ. އޭނާގެ މޫނު އަދިވެސް ވަނީ ބާލީހުގެ ތެރޭގައެވެ. އެމޫނު އަހަރެންނާ ދިމާއަށް އަނބުރާލެވޭތޯ މަސައްކަތް ކުރަމުން އަނެއްކާވެސް އަހަރެން ވާހަކަދައްކަން ފެށީމެވެ.

 “ޝިމް… ޝިމް… ދެން ތިޔަހެން ނުހައްދަވާ. އަޅުގަނޑުދެކެ ޝިމް ލޯބި ވެލައްވާވަރު މިހާރު އަޅުގަނޑަށް ވަަޒަން ކުރެވިއްޖެ. އެކަން އަޅުގަނޑަށް ކުރިން ނުވިސްނުނު ކަމާމެދު އަޅުގަނޑު ވަަރަށް ދެރަވެއްޖެ… އަޅުގަނޑަށް މާފުކުރައްވާ! އަޅުގަނޑުދެން ދުވަހަކުވެސް އަޅުގަނޑުގެ މާޒީގެ ވާހަކަތަކެއް ދުލަކަށް ނުގެންނާނަން. ހަމައެކަނި ދުލަށް ނުގެންނާނީ އެއްނޫން. ހިތަކަށްވެސް ނާރުވާނަން. އަޅުގަނޑު ޝިމްއަށްވުރެ ވަކީން ބޮޑަށް ލޯބިވާ އެއްވެސް މީހެއް މިދުނިޔޭގަޔެއް ނޫޅޭނެ. ޝިމްނޫނީ އަޅުގަނޑުދެކެ ލޯބިވާ މީހެއްވެސް ނުހުންނާނެ…” އަހަރެންނަށް ކިޔެމުންދާ އެއްޗެއް އަހަރެންނަށްވެސް ނޭނގޭކަހަލައެވެ. އެކަމަކުވެސް ވާހަކަދައްކަމުން ގެންދިޔައީމެވެ.

 “ދެން ތިޔަހެން ނުހައްދަވާ. އަޅުގަނޑަށް ދެއްކުނު ވާހަކަތައް ހަނދާން ނައްތަވާލައްވާ. ޝިމް… ޝިމް… މަދީޙާ އަކީ މާޒީއެއް. ގެއްލިފައިވާ މާޒީއެއް. ދެން ދުވަހަކުވެސް އެނބުރި ނާންނާނޭ މާޒީއެއް. އެކަމާމެދު ހިތް ބަރުނުކުރައްވާ! އަޅުގަނޑަށް އެމާޒީ އައިސްފައިވަނީ އަޅުގަނޑަށް ޝިމް ނުވެސް ފެންނަނީސް. ކުރީން އަޅުގަނޑަށް ޝިމް ފެނުނުނަމަ…”

 ކުއްލިއަކަށް ޝިމްލާ ބޯހިއްލާލައިފައި އޭނާގެ މޫނު ބާލީހުން ވަކިކޮށްލައިފިއެވެ. އަދި އަހަރެންގެ އަތުގެ ތެރެއިން ދުރަށް ޖެހިލުމާއެކު އަހަރެންނަށް ކުރިމަތިލާ ކަހަލަ ގޮތަކަށް ފުރޮޅިލައިފިއެވެ. މިހާރު އޭނާގެ މޫނުވަނީ އަހަރެންނާ ދިމާއަށެވެ. ދެމީހުންގެ ހަތަރުކަޅި ވަނީ ބައްދަލު ވެފައެވެ. ޝިމްލާގެ ލޮލުން އޭރުވެސް ކަރުނަތައް އޮހެމުންދެއެވެ. ނަމަވެސް މިހާރު އޭނާގެ ގިސްލުންވަނީ ހުއްޓިފައެވެ. ޝިމްލާ ކަޅިޖަހާނުލައި އަހަރެންނާ ދިމާއަށް ބަލަމުން ދިޔައެވެ. އެވަގުތު އޭނާގެ އެބެލުމުން އެތައްވާހަކައެއް އަހަރެން ގާތުގައި ބުނަމުންދާ ކަހަލައެވެ. އަހަރެންނަށް އެވާހަކަތައް ތަރުޖަމާ ކުރެވޭނެ ނަމައެވެ. ކޮންމެއަކަސް އޭނާގެ ލޮލުން ފެންނަން ހުރި އަސަރުތަކުގައި އެކުލެވިފައިވަނީ އެންމެ ތާހިރު ލޯބީގެ ޖަޛްބާތެވެ. އެއަސަރުތަކުން ފޮނުވަމުން ދިޔައީ ތެދުވެރިކަމާއި ވަފާތެރި ކަމުގެ އިލްހާމްތަކެވެ. ނިޔަނެތިކަމާއި ހިތްހެޔޮކަމުގެ އިޝާރާތް ތަކެވެ.

 އަހަރެންގެ ކެތްތެރިކަން ހުސްވެއްޖެ ކަހަލައެވެ. “ލޯބިވާ ޝިމް… އަޅުގަނޑުގެ… އަޅުގަނޑުގެ ލޯބި ޝިމް… ތިޔަހެން ނުހައްދަވާ… އަޅުގަނޑަކީ އަބަދުވެސް ޝިމްގެ މީހެއް… އަޅުގަޑާމެދު ހިތް ގޯސްނުކުރައްވާ! އަޅުގަނޑާހުރެ ހިތާމަ ނުކުރައްވާ! އަޅުގަނޑު ޝިމްދެކެ އަބަދުވެސް ލޯބިވާނަން. އަޅުގަނޑުގެ ލޯތްބަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ…”

 “އަޅުގަނޑުގެ ލޯތްބަށްވެސް ދުވަހަކުވެސް ބަދަލެއް ނާންނާނެ…!” އަހަރެންނަށް ހީވީ އަލުން ޙަޔާތެއް ފެށުނީ ހެންނެވެ. ޝިމްލާގެ ލޯބިލޯބި އަޑުއިވުުމުންނެވެ. އެއަޑުގައި އެއްވެސް ކަހަލަ ނުރުހުމެއްގެ އަސަރެއް ނެތްކަން ކަށަވަރެވެ. އަދި އޭނާ އެހެން އެބުނީ މާ އުނދަގުލަކުންވެސް ނޫންކަން ޔަޤީނެވެ. ވީއިރު… ވީއިރު… އޭނާ އަށް ރޮވުނީ ކީއްވެގެން ބާވައެވެ… އޭނާ އަހަރެންދެކެ ލޯބިވާ ވަރުން ކަމަށް އަހަރެން ހިތާހިތާ ކަށަވަރުކޮށްލީމެވެ.

 “އަޅުގަނޑުގެ ލޯތްބަށްވެސް ދުވަހަކުވެސް ބަދަލެއް ނާންނާނެ!” ޝިމްލާ ތަކުރާރުކޮށް ބުނެލިއެވެ. އަދި އޭނާގެ ލޮލުން އަންނަމުންދިޔަ ކަރުނަތައް އޭނާގެ އަތްތިލައިގެ ނުފުށުން ފޮހެލެވޭތޯ މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.

 “އަޅުގަނޑު ނަޞީރު ދެއްކެވި ވާހަކަތައް އެހީ އަހާ ހިތުން. އަދި އެވާހަކަތައް ކިޔުއްވައި ދެއްވަން އަޅުގަނޑު އެހާބޮޑަށް ބާރު އަޅަމުންދިޔައީ އެވާހަކަތައް އެގޮތަށް ކިޔުއްވައި ނުދެއްވައި ނަޞީރުގެ ހިތުގައި ބާއްވަވައިގެން އުޅުއްވާނަމަ އެހެން އުޅުއްވާހާ ދުވަހަކު ނަޞީރަށް އުޅުއްވަން ޖެހިލައްވާނީ އެހަނދާތަކުގެ އަސަރުގައި ކަމަށްވާތީ. އަދި ދިރިއުޅުމުގައި ދިމާވާ ކޮންމެ އިއްތިފާޤަކުން އެހަނދާންތައް ނަޞީރަށް އުނދަގޫ ކުރާނެ. އަދި އޭގެ އިތުރަށް، އަޅުގަނޑާއި ނަޞީރާ ދެމެދުގައިވާ ލޯތްބާއި އިތުބާރަށް އުނިކަން ފޯރުވުމުގެ ސަބަބަކަށް އެހަނދާންތައްވާނެ!”

އަހަރެންނަށް ޝިމްލާގެ އަޑުއިވެމުން ދިޔައީ ޣައިބުގެ ތެރެއިން އަންނަ ނިދާއެއްގެ އަޑުހެންނެވެ. އޭނާގެ ކޮންމެ ޖުމްލައެއް އަހަރެންގެ ހިތަށާއި ސިކުނޑިއަށް އާދަޔާ ޚިޔާލު އަސަރުތަކެއް ކުރުވަމުން ދިޔައެވެ. ހީވީ އަހަރެންގެ ފުރާނަ އަހަރެންނާ މުޚާތަބު ކުރަމުންދިޔަހެންނެވެ.

ކެތެއްނުކުރެވުނެވެ.

“އެކަމަކު އަޅުގަނޑުގެ ލޯބިވާ ޝިމް. ތިޔަހާ ބޮޑަށް ރޮއިލެއްވީމާ އަޅުގަނޑު ވަރަށް ދެރަވާން ޖެހިއްޖެ. އެހާބޮޑަށް ރޮއިލެއްވީ އަޅުގަނޑަށް ދެއްކުނު ވާހަކަތަކުން ހިތުގައި ޖެހިލައްވައިގެންތޯ؟… އެެހެން ކަމަށް ވަނީނަމަ…”

“ނޫން. އެހެންވިއްޔެއްނޫން…؟ ޝިމްލާ ބުނެލިއެވެ.

އަހަރެން ޙައިރާން ވާގޮތްވިއެވެ.

 “އެއީ އަޅުގަނޑަށްވެސް އަޅުގަނޑުގެ މާޒީ ހަނދާންވީ… އެހަނދާނުން ރޮވޭގޮތްވީ…!” ލަދުރަކި ހިނިތުންވުމެއް ޝިމްލާގެ މޫނުމަތިންފެނިގެން ދިޔުމާއެކު އޭނާގެ ދެއަތުން އެމޫނު ފޮރުވާލިއެވެ.

އާނއެކެވެ. އެރޭ އަހަރެންނަށް އެވީގޮތް އޭގެކުރީން ދުވަހަކުވެސް ވެފައެއް ނެތެވެ. އަދި އެރޭ އެވީގޮތެއް ވީއްސުރެ އަހެންގެ ދިރިއުޅުން އޭގެ ކުރިއަކާ އެއްގޮތެއްވެސް ނުމެވިއެވެ. ނަމަވެސް އެއީ އަހަރެން އެދޭގޮތެއް ނޫނެވެ. އަހަރެން ބޭނުންވަނީ ހަމަ ކުރީންވެސް އުޅުނު ގޮތަށް އުޅޭށެވެ. އުފަލުގައެވެ. ހިތްހަމަ ޖެހުމުގައެވެ. އިތުބާރާއި ޔަޤީންކަމާ އެކުގައެވެ. އިރާދަކުރެއްވިއްޔާ…!

(ނިމުނީ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment