ކައިވެނީގެ ސަޔަށް އައިސް ތިބީ މަދު މީހުންކޮޅެކެވެ. އެހެންނަމަވެސް ތައްޔާރުކޮށްފައިވާ ވައްތަރުތައް ގިނައެވެ. ގިނަ މީހުން ކެއުމުގައި މަސްޣޫލުވެގެން ތިއްބެވެ. ހެވިލައިފައި ހުއްޓައި ފެންނަނީ އެންމެ މީހެކެވެ. އެއީ މިގޭގެ ވެރިމީހާއެވެ. އެހެންވާނެކަން ކަށަވަރެވެ. އޭނާގެ ކައިވެނީގެ ރޭގައި އުފައުކުރުން އެންމެ ޙައްޤުކަން ބޮޑު މީހަކީ ޚުދު އޭނާއެވެ. އޭނާގެ ކައިވެނީގެ  ބައިވެރިޔާ ކުރީގެ އުޞޫލުގެ މަތީން މެހުމާނުންގެ ޚިދުމަތުގައި، ކާއެއްޗެއްސާއި ބޯއެއްޗިހި ގެނެސްދިނުމުގައި މަސައްކަތްކުރަނީއެވެ. އާދަޔާ ޚިލާފު ރީތި ހެދުމެއްގައި، ކުރިޔާ ޚިލާފު އަމުރުވެރި ގޮތެއްގައި…

ކައިވެނީގެ ސަޔަށް އައިސް ތިބީ މަދު މީހުންކޮޅެކެވެ. އެހެންނަމަވެސް ތައްޔާރުކޮށްފައިވާ ވައްތަރުތައް ގިނައެވެ. ގިނަ މީހުން ކެއުމުގައި މަސްޣޫލުވެގެން ތިއްބެވެ. ހެވިލައިފައި ހުއްޓައި ފެންނަނީ އެންމެ މީހެކެވެ. އެއީ މިގޭގެ ވެރިމީހާއެވެ. އެހެންވާނެކަން ކަށަވަރެވެ. އޭނާގެ ކައިވެނީގެ ރޭގައި އުފައުކުރުން އެންމެ ޙައްޤުކަން ބޮޑު މީހަކީ ޚުދު އޭނާއެވެ. އޭނާގެ ކައިވެނީގެ  ބައިވެރިޔާ ކުރީގެ އުޞޫލުގެ މަތީން މެހުމާނުންގެ ޚިދުމަތުގައި، ކާއެއްޗެއްސާއި ބޯއެއްޗިހި ގެނެސްދިނުމުގައި މަސައްކަތްކުރަނީއެވެ. އާދަޔާ ޚިލާފު ރީތި ހެދުމެއްގައި، ކުރިޔާ ޚިލާފު އަމުރުވެރި ގޮތެއްގައި ހިނގާތަން ފެނެއެވެ. އޭނާގެ ހިތުގައި ވަނީ އުފައުވެރި އަސަރުތަކެއް ކަމެއް ނޭނގެއެވެ. އެހެންނަމަވެސް ޝަކުވާއެއް އޮތެކޭ ހިއެއް ނުވެއެވެ. ކައިވެންޏަށްޓަކައި ގޭތެރެ ވަނީ އުވަލައި ދަވާދުލައި ރީތިކޮށްފައެވެ. ދޮރުފޮތި ދަމައި ބޭރަށް ކަށިވެލި ލައިފައެވެ.

ދިވެހިންގެ ކައިވެންޏަކީ މާބޮޑު ރަސްމިއްޔާތުތަކަކާއި މާބޮޑު ދީނީ ކަންތައްތަކެއް އެކުލެވިފައިވާ ޙަފުލާއެއް ނޫނެވެ. 10 ވަރަކަށް މިނިޓްގެތެރޭގައި ކައިވެނީގެ  ކަންތައްތައް ނިމިއްޖެއެވެ. ސައިބޮއިގެން ކާވެނިކޮށްދިން މީހުން މިހާރު ގެއިން ނިކުމެގެން އެދަނީއެވެ. އެ މީހުން މިގެއަށް ވަންފަހުން އަދި ބައިގަޑީއިރެއް ނުވެއެވެ.

އަންހެނަކާއި ފިރިހެނަކު، ކައިވެނީގެ ވަރުގަދަ ގޮށުން ގުޅުވައިދެނީ، އިންސާނުންގެ ދަރިފަސްކޮޅު ދެމިގެން ދިއުމުގެ ވަރުގަދަ ބާރަކުންނެވެ. ލިބޭ ދަރިން ރަނގަޅު އިންސާނުންގެ ގޮތުގައި ބޮޑުކޮށް، ދުނިޔޭގެތެރެއަށް ނެރުމުގެ ވަރުގަދަ މަސްއޫލިއްޔަތު ޙަވާލުވާ ފަދަ ގޮތެއްގައެވެ. ބަލިޙާލުގައި އުޅޭއިރުވެސް މުސްކުޅިވެ ގައިގެ ވަރުދެރަވާ ދުވަހުވެސް އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިވުމުގެ މަޤުޞަދުގައެވެ. އަދި ގެދޮރު ބިނާކޮށް، ދަރީންނަށާއި ދަރީންގެ ދަރީންނަށް ވެސް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައެވެ. އެކުގައި ދިރިއުޅުން ތަނަވަސްކުރުމުގެ ވާޖިބުވެސް ބޮލުގައި އެޅިފައިވާ ގޮތެއްގައެވެ. އެހެންގޮތަކަށް ބުނާނަމަ، އެގުޅުމަކީ އުފައުތަކާއި ހިތާމަތަކާއި ތަނަވަސްކަމާއި ފަޤީރުކަން ވެސް އެކުގައި ޙިއްޞާކުރާ ފަދަ ގުޅުމެކެވެ.

ޢަލީ އާއި ފާރިޝާގެ ކައިވެނީގެ ހުރިހައި ކަމެއްވެސް ނިމިދިޔައީ ވަރަށް ސާދާ ގޮތަކަށެވެ. އެކަކު އަނެކަކަށް ދަސްވެފައި ވީނަމަވެސް ކައިވެނީގެ ގުޅުމުން ގުޅެންޖެހުމުގެ ސަބަބު، ކޮންމެ މީހަކު ވެސް ހިތްއަވަސްވުމެއްގައި ވާކަން ކަށަވަރެވެ. ފާރިޝާގެ ހެދުންތައް ވެސް ޢަލީގެ ކޮޓަރިއަށް ބަދަލުކޮށްފިއެވެ. ބަލާބެލުމަށް ވެސް، ގެންގުޅޭ ކުއްޖަކަށްވުރެ ބޮޑަށް ގޭގެ ވެރިމީހާގެ އަންހެނުންކަން އެނގޭފަދަ ޙަރަކާތްތަކެއް މިރޭ ފާރިޝާ ގެންގުޅެން ފެށިއެވެ. އަލަށް ގެއަށް ގެންނަ އަލަތު އަންބެންގެ ފުށުން ފެންނަ ލަދުވެތިކަމާއި ރަކިކަމެއް ނެތެވެ. އެހެންނަމަވެސް ވާހަކަ ވަރަށް މަދެވެ. ކުރިޔަށްވުރެ ވެސް ހިންގުންތެރިކަން ބޮޑުކަމަށް ފެނެއެވެ. ކައިވެނީގެ  ކަންތައްތަކުގައި އުޅުނު ފިހާރައިގެ މީހުން ވެސް ޢަލީގެ އަންހެނުންނަށް ބަހައްޓަންޖެހޭ ޤަދަރާއި ޙުރުމަތްތެރިކަން ބަހައްޓަން ފެށިކަން އެނގުނެވެ.

ކައިވެނީގެ ޙަފުލާއަށް ގެއަށް ވަދެއުޅުނު ބޭރު އެންމެން ހިނގައްޖެއެވެ. ޢަލީ ފާރިޝާއަށް ގޮވާލައިފިއެވެ. އަދި އޭނާ އައުމުން އުނދޯލީގައި އިށީނުމަށް ބުނެފިއެވެ. ފާރިޝާ އުނދޯލީގައި އިށީނުމުން، އޭނާގެ އަތުގައި ޢަލީ އަތުން ފިރުމާލިއެވެ. އަދި ބުންޏެވެ.

“މިހާރު ތިޔައީ މިގޭ ކަންތައްތަކުގެ އިސްމީހާ.”

ފާރިޝާ އެއްޗެއް ނުބުނުމުން އަނެއްކާވެސް ބުންޏެވެ.

“ބަދިގޭގެ ކަންތައްތައް ބަލަހައްޓާނެ މީހަކު ގެންނާނަން. ބޭނުންކަމެއް އޮތިއްޔާ ބުނޭ.”

ފާރިޝާ ހިތަށްއެރިއެވެ. އަހަރެން ބޭނުންވާނީ އިތުރު ކޮން ކަންތައްތަކެއް ހެއްޔެވެ؟” ގޭގައި ގެންގުޅޭ ކުއޖަކުން އަހަރެން މިވަނީ ގޭގެ ވެރިމީހާގެ އަންހެނުންގެ މަޤާމަށް ބަދަލުވެފައެވެ. އަހަރެން މިއީ، މީހަކު ދެކެ ލޯބިވެގެން އުޅުނު މީހެއް ނޫނެވެ. އަހަރެން އެދެނީ ރީތި ދިރިއުޅުމެއް އުޅެވޭތޯ ބަލާށެވެ. ޢަލީގެ ހިތްހަމަޖައްސައިދިނުމަށެވެ. މާބޮޑު ކަންތައްތަކަކަށް އެދޭހިތެއް ނުވެއެވެ. އެދެވޭނެ ޖާގައެއް ވެސް ނެތެވެ.

“ފާރިޝާ އެއްޗެއް ބުނެބަލަ.”

އަމިއްލަ ޚިޔާލުތަކުގައި އިނދެފައި ސިއްސައިގެންދިޔަ ކަހަލަ ގޮތަކަށް ޢަލީ ބުނި އެއްޗަކާމެދު ވިސްނައިލިއެވެ.

“އަހަރެން ބުނާނެ އެއްޗެއް ނެތް. އިތުރަށް އެދޭނެ ކަމެއް ވެސް ނެތް. “

މިހެން ބުނެފައި ހިތަށްއެރިއެވެ. ވާހަކަދައްކަންވާނީ ރީއްޗަށްކަންނޭނގެއެވެ. އެކަމަކު އިނދެގެން އުޅޭ ދެމީހަކު، ނުރަސްމީ ވާނީ ކޮންވަގުތެއްގައިބާވައެވެ؟

ފާރިޝާގެ އަތަށް ޢަލީ ފިތާލިއެވެ. ފާރިޝާގެ ގައިން ހީބިހި ނެގިއެވެ. ހޫނުވާން ފެށިއެވެ. މީގެކުރިން ނުކުރެވޭ ފިކުރެއްގެ ތެރެއަށް ގެނބިގެންދިޔައެވެ. އެއީ، ކުރެވޭ ފިކުރަކީ، މިއިނީ އަހަރެންގެ ފިރިމީހާތާއޭ، މިރޭ މީނާ ނިދާނީ އަހަރެންގެ ގާތުގައިތާއޭ ހިތަށްއަރައި ކުރެވެން ފެށި ފިކުރެކެވެ. ދެމީހުންކުރެ އެކަކަށް ވެސް ނޭނގި އުނދޯލި ހެއްލުން ބާރުވަމުންދެއެވެ. ފާރިޝާ ހިތަށްއެރިއެވެ. އެހީއަކަށް އެދި ގޮވައިލާނެ ގާތްތިމާގެ މީހަކުވެސް ނެތެވެ. ހިއްވަރުކުރާނީއެވެ. ދިރިއުޅުން އެހައި ނުރައްކަލެއް ނުވާނެއެވެ. ދިރިއުޅުން ނުރައްކައުވަނީ ދިރިއުޅުމާ ކުރިމަތިލާން ނުކެރި ފިލަން ދުވީމައެވެ. އަހަރެން އެގޮތަކަށް ދުވާކަށް ނެތީމެވެ.

ދެމީހުން އިރުކޮޅަކު އެއްޗެއް ނުބުނެ ތިއްބެވެ. ފުރަތަމަ ވާހަކަދެއްކީ ޢަލީއެވެ.

“ކިޔެވުން ކުރިޔަށް ގެންދޭ.”

ފާރިޝާ ޢަލީގެ މޫނަށް ބަލައިލިއެވެ. އޯގާވެރިކަމުގެ ނަޒަރަކުންނެވެ. އަހަރެން އިންނަން މިޖެހުނީ އަހަރެންގެ ހިތުގައި އެމީހަކާމެދު ލޯތްބެއް އުފެދިފައި ނެތް މީހަކާއެވެ. އެކަމަކު އޭނާއަށް ޤަދަރުކުރަމެވެ. އަހަރެން ބަލަހައްޓަމުން ގެނެސްފައިވާލެއް ރަނގަޅުކަމަށްޓަކައެވެ. އަދި އަހަރެން އެންމެ ބޭނުންވާ ކަންތައް ކުރުމަށް ހުރަސްނާޅާތީއެވެ. އެކަމަކީ ކިޔެވުމެވެ.

“ކިޔެވުން ދޫކޮށްލަން ބޭނުންވާނަމަ ބުނަންވާނެ.”

“އަހަރެން ކިޔަވަން ބޭނުން.”

“އެހެންވީމާ ތިޔަކަން ހަމަޖެހޭނެ.”

“އެކަމަކު…..”

ފާރިޝާގެ ވާހަކަ ހުއްޓޭގޮތް ވުމުން ޢަލީ އަހާލިއެވެ.

“އެކަމަކު…. ކީކޭތަ؟”

“އަހަރެން މީހަކާ އިނީމާ އެގެއަށް ކިޔަވަން ދާން ޖެހިލުންވޭ.”

“އެއީ ކީއްވެ. އަހަރެންނާ އިނދެވުނީމާ ލަދުގަންނަނީތަ؟”

“ނޫން.”

“ދެން ކީއްވެ؟”

“ކަމެއް ނުވޭ.”

“އަހަރެން ހީކުރީ ފާރިޝާ އެކަކާ ވެސް ރައްޓެހިވެގެން ނޫޅޭކަމަށް.”

“ޖެހިލުންވެއޭ މި ބުނީ މީހަކާ ރައްޓެހިވެގެން އުޅުނީމައެއް  ނޫން.”

“ދެން ކީއްވެ؟”

“މީހުން އެއްޗެހި ކިޔާނެއޭ ހީވަނީ.”

“އެހެންވިއްޔާ މާ ރަނގަޅު ގޮތެއް ބުނެފާނަން.”

“ކޮން ގޮތެއް؟”

“މިގެއަށް ރަނގަޅު މުދައްރިސަކު ގެންނާނީ.”

“ތިޔަހާ އުނދަގޫ ނުއުފުލާ.”

“ކާކު ބުނީ އުނދަގުލެކޭ. ބަލަ ތިޔައީ އަހަރެންގެ އަނބިމީހާ. ކަލެއަށްޓަކައި އެވަރުގެ ކަމެއް ނުކޮށްދެވެންވީ ކީއްވެ. އެކަން އުނދަގުލެއް ކަމަކަށް އަހަރެން ނުބަލަން.”

ފާރިޝާ ހިތަށް އެރިއެވެ. ދިރިއުޅުން ދެމީހުން އެކުގައި ޙިއްޞާކުރުމަކީ މިއީ ކަމަށް ވާނަމަ، ކޮން ހިތްދަތިކަމެއް ބާވައެވެ؟ އަހަރެންގެ ބޭނުންތަކަށް އޭނާ ވިސްނައެވެ. އަހަރެން ވެސް އޭނާގެ ބޭނުންތަކަށް ވިސްނާނަމަ، ދިރިއުޅުމުގައި ޖެހޭނީ ކޮން ހަމަނުޖެހުމެއް ބާވައެވެ؟ އަހަރެންގެ ދިރިއުޅުން ޢަލީއާއެކު ރަނގަޅު ގޮތަކަށް ގެންދިއުމަށްޓަކައި، އޭނާ އަހަރެންގެ މައްޗަށް އެ ބަހައްޓާ އޯގާތެރިކަން އަހަރެން ވެސް އޭނާއާ މެދު ބަހައްޓާނަމެވެ.

ހެއްލެމުންދާ އުނދޯލީގެ ވަޔާއެކު ފާރިޝާގެ މޫނުމައްޗަށް އެއްލެމުންދާ އިސްތަށިކޮޅެއް ޢަލީގެ އަތުން ރަނގަޅުކޮށްލައިދިނެވެ. އަދި ބުރަކަށީގައި ފިރުމައިލިއެވެ. ފާރިޝާގެ ގައިން ހީބިހިނެގިއެވެ.

އަންހެނެއްގެ ޙަޔާތުގައި އަންނަ އެންމެ މުހިންމު ދުވަސްތަކުގެ ތެރެއިން އެއްދުވަސް ފާރިޝާގެ ދިރިއުޅުމާ ކުރިމަތިލީއެވެ. އެއީ މީހަކާ އިންނަ ދުވަހެވެ. އޭނާ ހުރީ އެއްވެސް މީހަކު ދެކެ ލޯބިވާން ބޭނުންވެފައެއް ނޫނެވެ. އެއްވެސް މީހަކު އޭނާ ދެކެ ލޯބިވާނެނަމައޭ ހިތަށް އަރައިފައެއް ވެސް ނޫނެވެ. އަދި އެއްވެސް މީހަކާއެކު ލޯބީގެ ދައުރެއް ފަށަން ތައްޔާރަކަށް ވެސް ނޫނެވެ. އެހެންނަމަވެސް ކޮންމެވެސް މީހެއްގެ ޙިމާޔަތަށް އެދިއެދިއެވެ. އެއީ އަންހެނުންގެ ލަތީފުކަމާއި އެކަނިވެރިކަމުގައި ޤުދުރަތުން ލައްވައިފައިވާ ބޭނުންތަކުން ބޭނުމެއްކަމަށް ވުން ގާތެވެ. އެހެންކަމުން، ޢަލީ ކަހަލަ މީހަކު، އޭނާއާ އިންނަން އުޅެން ފެށުމުން އެކަމާ ފުރަގަސްދޭން އޭނާ ބޭނުން ނުވީއެވެ. އެއީ ސަލާމަތަށްޓަކައެވެ. ކޮންމެވެސް ގެރެންޓީއެއްގެ ބޭނުމުގައެވެ.

ހެއްލެމުންދާ އުނދޯލި މަޑުވާން ފަށައިފިއެވެ. ހަށިގަނޑަށް ލިބިލިބިހުރި ފިނިކަން ކެނޑި އުދާސްވާން ފަށައިފިއެވެ. އޭނާ ވަނީ ބިރުގެންފައެވެ. އޭނާ ވަނީ ލަދުވެތިވުން ހަނދާންނެތޭ ފަދަ ހާސްކަމެއްގެ ތެރޭގައެވެ. ތަފާތު ފިކުރުތަކުގެ ތެރޭގައި، ހިތަށް އަރައި ފައިބަމުންދާ ކަންތައްތައް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.

އަދި ލޮލުގައި ކަރުނައިގެ ތެއްކަން އުފެދިފައިވަނީ ކޮން ސަބަބަކާހުރެ ކަމެއްވެސް އޭނާއަކަށް ނުވިސްނެއެވެ. އޮޕަރޭޝަން ތިއޭޓަރުން ނެރުނު ބަލިމީހާ މަޑުމަޑުން ހޭއަރަމުން އަންނަ ގޮތަށް، ވަށައިގެން ހިނގާ ކަންތައްތަކުގެ މައްޗަށް ވިސްނެން ފެށިއެވެ. އިވޭ އަޑުތަކަށް ކަންފަތް ދެވެން ފެށިއެވެ. އިވެނީ ކޮންމެވެސް މީހެއްގެ ގުގުރީގެ އަޑެވެ. ރަނގަޅަށް ވިސްނައިލުމުން އެއީ އޭނާގެ އަލަތު ފިރިމީހާގެ ގުގުރީގެ އަޑުކަން އެނގުނެވެ.

ތެދުވަން އުޅެފައި އުނދޯލި ގުޑޭނައަތީ މަޑުމަޑުން އޮތީއެވެ. ހިތަށް އަރަންފެށީ މިކުރެވުނީ ބުއްދިވެރިކަމެއް ބާވައޭއެވެ؟ މީހަކާ އިނުމަކީ މާ ފަސޭހަ ކަމެއްކަމަށް ގިނަ އަންހެނުންނަށް ހީވިނަމަވެސް މިޒާޖު ނޭނގޭ މީހަކާ އިނުމަކީ، އަންހެނަކަށް މުސީބާތަކަށް ވެދާނެ ކަމެއްކަމަށް ފާރިޝާ ޤަބޫލުކުރެއެވެ. މިހާރު އޭނާގެ ހިތަށް އަރަނީ އިނީ އޭނާ ދަންނަ މީހަކާ ކަމަށްވިޔަސް އޭނާއާމެދު އެއްޗެއް އެނގެނީ ކިހާވަރަކަށް ބާވައޭއެވެ. މީހަކާ ފަރިތަވުމަކުން އޭނާގެ މިޒާޖު އަނެކަކަށް ދަސްވުން ލާޒިމެއް ނޫނެވެ. އެއް ގޭގައި އުޅުމަކުން، އެކަކު އަނެކަކު ރަނގަޅަށް ދަސްވުމަކީ މާފަސޭހަ ކަމެއް ނޫނޭ މިހާރު ފާރިޝާގެ ހިތަށް އަރައެވެ. ކޮންމެއަކަސް މިއޮތީ ދިރިއުޅުން ފެށިފައެވެ. ދެން އޮތީ ކުރިޔަށް ދިއުމެވެ. ދެނެގަތުމާއި ދަސްކުރުމަކީ ކުރިޔަށް އޮތްތަނުގައި ކުރެވިދާނެ ކަންކަމެކެވެ. ޝައްކުކުރެވެނީ އޭނާގެ ފިރިމީހާއާއެކު ދިރިއުޅުން ޙިއްޞާކުރެވިދާނެ މިންވަރަކާ މެދުގައެވެ. ޝައްކު އުފެދެން މެދުވެރިވި ސަބަބުތައް ވަނީ އޭނާގެ ސިކުނޑީގެ ފުރަގަހުގައެވެ. ދުލުކުރިޔަކަށް ނާދެއެވެ. ބުނެދޭކަށް ނޭނގެއެވެ.

**********

ޢަލީގެ މޫނަށް އިރުކޮޅަކު ބަލަން ހުރެފައި ކެޕްޓަން އަހައިލިއެވެ.

“ކަލެއަށް ވީ ކީއްތަ؟”

ޢަލީ އިސްދަށަށް ޖެހިއެވެ. ކެޕްޓަން އޭނާގެ ކޮނޑުގައި އަތްޖައްސައިލިއެވެ. ޢަލީ ފެންކަޅިވާގޮތް ވިއެވެ. އިސްއުފުލައިނުލައި ހުރެފައި ބުންޏެވެ.

“އަހަރެންގެ މަންމަ މަރުވެއްޖެ.”

ކެޕްޓަން އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ބުންޏެވެ.

“އަހަރެން ހިތާމަކުރަން! ހިތްވަރުގަދަކުރޭ!”

ޢަލީ އެއްޗެއް ނުބުނެ ހުރީމައި، އޭނާގެ ކޮނޑުގައި އަތްޖައްސައިލައިފައި ބުންޏެވެ.

“ހިނށގާ މަށާއެކީ.”

ޢަލީ އެއްޗެއް ނުބުނެ އޭނާއާއެކު ކެޕްޓަންގެ ކޮޓަރިއަށް ދިޔައެވެ. ކެޕްޓަން ދެއްކި ގޮނޑިއެއްގައި އިށީނިމުން، ރާފުޅިއެއް ގެނެސް ކައިރީގައި ހުރި މޭޒެއްގައި ބެހެއްޓިއެވެ. ޢަލީ ބުންޏެވެ.

“އަހަރެން ނުބޯނަން.”

“ކަންބޮޑުނުވޭ. ފިކުރުތައް ފުހެލާ.”

ޢަލީ ނޫނެކޭ ބުނެފައި، ހިތަށްއެރިއެވެ. ތިޔައިން ފިކުރުތައް ފުހެލައިދެނީ ކާކުގެހެއްޔެވެ؟ ނޫނީ އިންސާނާގެ އަގުވައްޓައިލަދެނީހެއްޔެވެ؟ ތިޔަ ބޮއިގެން އުޅޭ މީހުންގެ ޙާލު އަހަރެން ދެކެފީމެވެ. ކޮންމެ ކަމެއް ކުރިޔަށް ތިޔަކަމަކަށް ސަލާމެވެ. ގާތްތިމާގެ މީހަކު މަރުވާ ކޮންމެ ފަހަރަކު ރާބޯންވީހެއްޔެވެ؟

އަހަރެންގެ މަންމައަކީ ވަރަށް އޯގާތެރި ނިކަމެތި ކުޑަކުޑަ އަންހެނެކެވެ. އޭނާއަކީ އަހަރެން ބަލައި ބޮޑުކުރުމުގެ ވާޖިބު އުފުލި މީހެއް ނޫނެވެ. އަހަރެން ދުނިޔެއަށް އައުމަށްފަހު ހަނދާން ހުންނަން ފެށީއްސުރެ އުޅުނީ އެކަނިމާ އެކަންޏެވެ. އަހަރެންގެ މަންމަ މަރުވުމުން ހިތާމަކުރާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އަހަރެން މި ދުނިޔެއަށް އުފަންވުމުގައި މެދުވެރިޔަކީ އޭނާއެވެ. ވީމާ، އޭނާއާމެދު އޯގާތެރިކަމާއި ކުލުނު އަހަރެންގެ ހިތުގައި ވެއެވެ. މަންމައެއް މި ދުނިޔެއަކުން ދެނެއް ނުލިބޭނެއެވެ. އެކަމާ ދެރަވެއެވެ. އަދި އަހަރެންގެ ފުށުން ލިބެންޖެހޭ އެހީ ނުދެވިއުޅެނިކޮށް މި ދުނިޔެއާ ވަކިވިކަން އެނގި އެކަމާ ލަދުވެތިވެ، ދެރަވުމެވެ. އެހެން ކަންތައްތައ ކުރެވުނީ ވެސް ސަބަބެއް ނެތިއެއް ނޫނެވެ. އެ ސަބަބަކީ އަހަރެންގެ މައްޗަށް އޯގާތެރިކަމާއި ހަމްދަރުދީއާއި ލޯބި ނުލިބުމުން އަހަރެން ބޮޑުވެފައިވަނީ ހިތްހަރު، ގޮތެއް ނެތް މަސްގަނޑެއްގެ ސިފައިގައެވެ. ފުރިހަމަ އިންސާނެއްގެ ގޮތުގައެއް ނޫނެވެ.

ކެޕްޓަން އަހައިލިއެވެ.

“ގައިމުތަ. ނުބޯނަން.”

“ގައިމު.”

އެވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި، ދެތަށި ފުރައި އަޅައިފައި އެ ބޯލީއެވެ. ކެޕްޓަނުގެ މޫނުން އޮއްދާހިއްލާގޮތް ވާން ފެއްޓެވެ. މޭމަތިން ގަމީހުގެ ގޮށްތައް ނައްޓައިލުމަށްފަހު، ސިގަރެޓް ރޯކޮށްލަމުން ކެޕްޓަން ބުންޏެވެ.

“އަހަރެންގެ ބައްޕައެއް މަންމައެއް ނެތް. އެމީހުންގެ ނަން ވެސް މަ ނުދަންނަން. ހަނދާން ހުންނަން ފެށިއިރު ހޮޓާހޮޓަލުގައި ތަށިދޮވެދެނީ. އަހަރެންގެ ދައްތައެއް ބޭބެއެއް ނެތް. ކޮށްކޮއެއް ނެތް. ފަރުވާލެއް ނެތް. އެއްވެސް ފަރުވާލެއް ނެތް.”

މިހެން ބުނެފައި މޫނުގައި ދެއަތް އަޅައިގެން ރޯންފެށިއެވެ. ޢަލީގެ ހިތަށްއެރިއެވެ. ފަރުވާލެއް ނެތޭ ނުބުނާށެވެ. ކަލޭގެ އެކަނިވެރިކަމާހުރެ ކަލޭ ތިޔަވަނީ މުޅިދުނިޔެދެކެ ފޫހިވެފައެވެ. ކަލޭގެ ޙިމާޔަތަކީ ރަލެވެ. އެއިން ކަލޭގެ ހަށިގަނޑަށް ކުރާ ވަރު އަހަރެން ދެކެމެވެ.

ލޮލުން ކަރުނަތައް ފައިބަމުން ދަނިކޮށް، އޭނާގެ އެކުވެރިޔާ އިތުރު ތައްޓެއް އެޅިއެވެ. ޢަލީ ހިތަށއެރިއެވެ. ހުއްޓުވާނީއެވެ. އެކަމަކު ހިތަށްއެރިއެވެ. ކީއްކުރަން ހެއްޔެވެ؟އެއް ޤައުމުގެ މީހެއް ވެސް ނޫނެވެ. އެހެންނަމަވެސް ހިތަށްއެރިއެވެ. އެއީ އިންސާނެކެވެ. އޭނާ ވަނީ ކެކުޅުންތަކެއްގައެވެ. ވޭންތަކެއްގައެވެ. އޭނާއަކީ މި ދުނިޔޭގައި އެކަނިވެރިއެކެވެ. އޭނާ ފަދައިން އަހަރެންވެސް މިއީ އެކަނިވެރިއެކެވެ. ޢަލީ ކެޕްޓަނާ ދިމާއަށް ބަލަން އިނދެފައި ބުންޏެވެ.

“ބޭރަށް ހިނގާ. ފިނިވާނެ.”

އޭރު ކެޕްޓަންގެ ލޯ ފުހެލަނީއެވެ. ޢަލީއާ ދިމާއަށް ބުންޏެވެ.

“ކަލެއަކީ ރަނގަޅު މީހެއް. މަސައްކަތް ވެސް ރަނގަޅު.”

ޢަލީ ބޯޖަހައިލިއެވެ.

ދަލާއެކު ކެޕްޓަންގެ ގައިގައި ތަތްލައިފައިވާ ގަމީސް ބާލައި، ތަޅުންގަނޑަށް އެއްލައިލައިފައި ގޮނޑިއެއްގައި އަޅުވައިފައި ހުރި އެހެން ގަމީހެއް ލިޔެވެ. ބޯޓްގެ ގުޑުމާއެކު އަރިއަޅާލަން އުޅުނުކަހަލައެވެ. އެހެންމަވެސް ހަމަޖެހިލައި ބޭރަށް ނިކުތުމަށް ހިނގައިގަތެވެ. ބޭރުގެ ފިނިވައިޖެހުމުން ޢަލީއަށް ހީވީ ބަދިގެއަކުން ނުކުމެވުނުހެންނެވެ.

އުޑުގައި ވަނީ ފިޔަޖަހާ ތަރިތަކެވެ. ވަށައިގެން ވަނީ ކަޅުކުލައިގެ ކަނޑެވެ. ޖެހޭ ފިނިވައިގެ ސަބަބުން ހަށިގަނޑަށް ވެރިވަނީ ހީކެރުވުމުގެ އަސަރެވެ.

ޢަލީގެ ޚިޔާލުގައި ވަނީ ކަޅު އަނދިރި ރެއެކެވެ. ރަށެއްގެ ބޭރުގައި އަޅައިފައި އޮތް ބައްތެއްޔެއްގެ ހިޔާމަތީގައި އޮވެފައި ޖޯއްޔަށް ދާން ތެދުވި ރެއެކެވެ. އެއީ އެތައް އަހަރެއްވީ ހަނދާންތަކެކެވެ. އެއީ ސަތޭކަ އަހަރު ކުރީގެ ހަނދާންތަކެކެވެ. އެރޭ އޭނާ ހުރީ ހުމައެވެ. މިރޭ މިހުރީ ފިނިވެފައެވެ. ވަށައިގެންވާ ކަޅުކުލައިގެ ކަނޑު އޭނާއަށް ގެނެސްދިން ހަނދާންތައް ގުޅުވައިދެނީ އިސްލާޙިއްޔާއާއެވެ. އެ އިސްލާޙިއްޔާ ގޮސް ގުޅެނީ އޭނާގެ މަންމަގެ ހަނދާންތަކާއެވެ. މަންމަގެ މަރުގެ ވާހަކަ އިވިފައި ކުރި އަސަރުތަކުގެ ސަބަބުން ޚިޔާލު ނުކޮށް ހުރި ކަންތައްތަކާމެދު ޚިޔާލުކުރެވެން ފެށުނީއެވެ. މާޒީއަކީ އެއާ ތިމާ ދުވަހަކުވެސް ވަކިނުވެވޭނެ އެއްޗެވެ. އަދި އޭގެތެރެއަށް ނުވެސް ދެވޭނެ އެއްޗެކެވެ. މިއަދުގެ ވޭންތަކާއި ކެކުޅުންތަކުގެ ސަބަބުން މާޒީގެ ތެރެއަށް ދިއުމަށް އެދެވެއެވެ. އެކަމަކު އެހެނެއް ނުވާނެއެވެ. އެއީ ޤުދުރަތީ ހަމަތަކާއި ގުޅޭކަމެއް ނޫނެވެ. ދިމާވެފައިވާ ދެރަކަންތައްތަކާ ގެއްލިފައިވާ އަބުރެއް އެއީ ނުވާ ކަމަކަށް ހެދޭތޯ ބަލަން އުޅެވެއެވެ. އެކަމަކު މާޒީއަކާ ދުރަކަށް ނުދެވެއެވެ. ވަތްކެއް ނުވެވެއެވެ. އަބަދުވެސް އެ ދުވަސްތައް އައިސް އައިސް ހުރެއެވެ. ކޮންމެ ނާޒުކު ދަނޑިވަޅެއްގައެވެ.

ޗެންޗޭނު ދަގަނޑުގައި ހިފަހައްޓައިގެން ތިބި ދެމީހުންނަށް އެއްފަހަރާ އެކަކު އަނެކަކާ ދިމާއަށް ބަލައިލެވުނެވެ. ކެޕްޓަން ހީނލިއެވެ. އޭނާއަށް ކޮށްފައިވާ އުދާސްތައް ހަމަޖެހިއްޖެ ކަހަލައެވެ. އަދި ޢަލީގެ ހިތަށް ކުރި އަސަރާއި ވެރިވި ކުއްލި ހިތާމައަށް ވެސް ލުޔެއް ލިބުނު ކަހަލައެވެ. ކެޕްޓަނާއެކު ވާހަކަ ދައްކައިލެވުނުކަމުގެ މައްޗަށް އުފައުވިއެވެ. އަނެކުންގެ އެކަނިވެރިކަމާއި އަނެކުންގެ ހިތުގެ ވޭންތައް އެނގުމަކީ ތިމާއަށް ލިބޭ ޝިފާއަކަށް ވާކަހަލައެވެ. ސަބަބަކަށް ވަނީ، މި އުޅޭ ޙާލަށްވުރެ ނުވަތަ މިކުރާ ހިތާމައަށްވުރެ ބޮޑު ޙާލެއްގައި ނުވަތަ ބޮޑު ހިތާމައެއްގައި އުޅޭ އަނެކަކަކާ ދިމާވުމުން ލިބޭ ތަސައްލީއެވެ.

ޢަލީގެ ހިތަށްއެރިއެވެ. އަހަރެންގެ މައިބަފައިން ނެތެކޭ ބުނާކަށް ނުޖެހެއެވެ. އެކަމަކު ޙަޤީޤަތަކީ ޢަލީވެސް އަދި އޭނާ އުޅެމުން ގެންދާ ބޯޓްގެ ކެޕްޓަނަކީ ވެސް މާޒީއާ ދުރަށް ނުދެވިގެން އުޅޭ ދެމީހުންކަމަށް ވާކަމެވެ.

ޢަލީ ބުންޏެވެ.

“ނިދަން ދޭ.”

“ކަލޭ ޑިއުޓީތަ؟”

“ނޫނޭ!”

“އާނ! ދަނީ އިނގޭ. ރަނގަޅު ރޭގަނޑަކަށް އެދެން.”

“ރަނގަޅު ރޭގަނޑަކަށް އެދެން.”

ކެޕްޓަން ސަލާމްކޮށްލުމަށް ޢަލީއަށް އަތްދިއްކޮށްލިއެވެ. ޢަލީ އެ އަތުގައި ހިފައި ސަލާމްކޮށްލިއެވެ. ކެޕްޓަނަކީ ރާބޮއިގެން އޭނާގެ މާޒީގެ ވާހަކަތައް ދައްކައި، ރޮއިހަދާ މީހެއްކަން ޢަލީއަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް މިރޭ ނޫނީ،އޭނާ އިންތަނެއްގައި އެކަހަލަ ކަމެއް ކޮށްފައެއް ނެތެވެ. އެގޮތަށް ޢަމަލުކުރުމަކުން ޢަލީގެ ހިތުގައި ކެޕްޓަންގެ މައްޗަށް ފޫހިކަމެއް އުފެދުނީއެއް ނޫނެވެ. އައު ގާތްކަމަކާއި ރަޙުމަތްތެރިކަމެއް އުފެދުނީއެވެ. ހިތުގައި ހަމްދަރުދީއެއް އުފެދުނީއެވެ.

*******

                       (ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment