-އާމިނަތު ޙުސައިން- އަންނަބީލާ އާމިނަތު ޙުސައިން (ރަޙިމަަހަﷲ) އަކީ، ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ލިޔުންތެރިއެކެވެ. ކުޅަދާނަ ޅެންވެރިއެކެވެ. ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ [ވައިލެޓްމަލެވެ.] އާމިނަތު ޙުސައިން އަދާކުރައްވާފައިވާ ނަގާމުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޒަޢީމާކަމާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން ހިމެނެއެވެ. އަދި މަދްރަސަތުއް ސަނިއްޔާގެ ނާޒިރާކަމާއި މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލުކަމާއި ރައްޔިތުންގެ މަޖިލީހާއި ބަސްކޮމިޓީއާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލިސްގެ މެންބަރުކަން ކުރައްވާފައިވެއެވެ.   އާމިނަތު ޙުސައިންގެ މި ލިޔުއްވުން ނަކަލުކޮށްފައި…

-އާމިނަތު ޙުސައިން-

20170416_231908އަންނަބީލާ އާމިނަތު ޙުސައިން (ރަޙިމަަހަﷲ) އަކީ، ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ލިޔުންތެރިއެކެވެ. ކުޅަދާނަ ޅެންވެރިއެކެވެ. ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ [ވައިލެޓްމަލެވެ.]

އާމިނަތު ޙުސައިން އަދާކުރައްވާފައިވާ ނަގާމުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޒަޢީމާކަމާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން ހިމެނެއެވެ. އަދި މަދްރަސަތުއް ސަނިއްޔާގެ ނާޒިރާކަމާއި މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލުކަމާއި ރައްޔިތުންގެ މަޖިލީހާއި ބަސްކޮމިޓީއާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލިސްގެ މެންބަރުކަން ކުރައްވާފައިވެއެވެ.  

އާމިނަތު ޙުސައިންގެ މި ލިޔުއްވުން ނަކަލުކޮށްފައި މި ވަނީ، [ފަތްތޫރަ] މަޖައްލާގެ 71 (ފެބުރުވަރީ 1985)ގެ އަދަދުންނެވެ.

__________________________

 ދިވެހި ބަހުން އަޅުގަނޑުމެން ވާހަކަދައްކާ އުޅޭއިރު ތަފާތު ގޮތްތަކެއް ގެންގުޅެމުއެވެ. އެއީ ހޫނ އަންނަން ކިއުމާއި، ލައްބަ ދުރުވަން ކިއުމާއި، އާދެވަޑައިގަންނަވަން ކިއުމެވެ. މިހާރަކަށް އައިސް ބައެއް މީހުން ވާހަކަދައްކާ އުޅޭއިރު މިތިން ގޮތް އޮންނަނީ އެކުވެލާމެހި މަސްހުނިވެފައެވެ. އަނެއް ބަޔަކު ވާހަކަދެއްކޭތޯ އުޅެނީ މުޅިން އާދެ ވަޑައިގަންނަވަން ކިޔާގޮތަށެވެ. މި ޒަމާނުގެ ޅަކުދިންނާއި ޅަބޭފުޅުން އަދި ވަކިން ޚާއްޞަކޮށް ޔާފަތާ ޒުވާން ބޭފުޅުން ގިނައިން ވާހަކަފުޅު ދައްކަވާ ކަމަށް ފެންނަނީ ހޫނ އަންނަން ކިޔާ ގޮތަށެވެ. ވާހަކަދެއްކުމުގެ ތަފާތު ދަރަޖަތައް އޮންނަންޏާ މިކަހަލަ ތަހުޒީބު ޒަމާނެއްގައި ވާނީ ވެސް އެހެން ދޮގެއްތޯއެވެ. ކޮންމެ ބޭފުޅަކުވެސް ވާހަކަފުޅު ދައްކަވާނީ އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަކަށެވެ. އެއީ މިޒަމާނުގެ މިނިވަންކަން ކަމަށް ވެސް ވެދާނެއެވެ.

ދަރަޖައިގެ ގޮތުން ނުވަތަ ނަސަބުގެ ގޮތުން އެންމެން އެއްވަރުކަމަށް ބައްލަވާފައި އެއްގޮތަކަށް ވާހަކަފުޅު ދައްކަވަން ފެނިވަޑައިގަންނަވާނަމަ އަޅުގަނޑަށް ފެންނަނީ އާދ ެވަޑައިގަންނަވަން ކިޔާގޮތަށް ވާހަކަފުޅު ދެއްކެވުމެވެ. އެއީ އަޅުގަނޑަށް ވިސްނޭ ގޮތުގައި އަޅުގަނޑުމެން ވާހަކަދައްކާ އުޅޭ ތިން ގޮތުންކުރެ އެންމެރީތި ގޮތަކީ އެގޮތްކަމަށް ވާތީއެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. އެހެންކަމުން ބައެއް ބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ ހޫނ އަންނަން ކިޔާ ބަހުރުވައިން އެންމެންނާ އަދި އެންމެބޭފުޅުންނާ ވާހަކަފުޅު ދެއްކެވުން ކަމަށްވެސް ވެދާނެއެވެ. މިހާރު ޒުވާން ބޭފުޅުންގެ ތެރޭގައި އެގޮތް އެހާ ގިނަވަމުން އެދާ ސަބަބަކީވެސް މިއީކަމަށް ވެދާނެއެވެ. ނަމަވެސް މިކަމާމެދު އަޅުގަނޑުގެ ޚިޔާލުވެސް ދަންނަވައިލީއެވެ.

ދެން އަޅުގަނޑު ދަންނަވާލަން މިއުޅެނީ ރޭޑިޔޯއާއި ޓީ.ވީ.ގެ ޛަރީޢާއިން ޚަބަރުތައް ފޮނުއްވާއިރުވެސް އަދި ނޫހުގައި ޝާއިޢު ކުރައްވާފައި ހުންނަ ލިއުއްވުންތަކުންވެސް އަޅުގަނޑަށް ފާހަގަ ކުރެވޭ، އަދި އަޅުގަނޑު އޭގައި އަޅައިގަންނަކަމެއްގެ ވާހަކައެވެ. އެޚަބަރުތައް ހުންނަނީ އަދި ފޮނުއްވަނީ އަޅުގަނޑުމެން ވާހަކަދައްކައި އުޅޭ ތިންގޮތުންކުރެ އާދެ ވަޑައިގަންނަވަން ކިޔާ ގޮތަށެވެ. ނަމަވެސް އެޚަބަރުތަކުގެ ޢިބާރާތް ހުންނަ ގޮތުން ހޫނ އަންނަން ކިޔާ ގޮތަށްވެސް ބައެއް ބޭފުޅުންނާ ބެހޭ ގޮތުން ވާހަކަ ދެއްކެވޭގޮތް ވެފައި ހުރެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ އެވެނި ބޭފުޅަކު މިވެނި ބޭފުޅަކަށް މަރްޙަބާ ދެންނެވިއެވެ. އަލްވިދާޢު ދެންނެވިއެވެ. ޝުކުރު ދެންނެވިއެވެ. މިވެނި ބޭފުޅަކު އެމްބެސެޑަރކަމުގެ ފަތްކޮޅު އެރުވިއެވެ.މިކަހަލަ ގޮތްގޮތަށް އެޚަބަރުތަކުގައި ހުރެއެވެ. ދެން މިދަންނަވާލަނީ ނޫހަކުން ނަކަލުކުރި ޢިބާރާތެކެވެ. [މިބައްދަލުކުރެއްވުމުގައި އިސްލާމީ މަރުކަޒާބެހޭ ފޮޓޯއަލްބަމަކާ ވިޑިއޯ ފިލްމަކާ އިސްލާމީ މަރުކަޒު ހުޅުވި ދުވަހުގެ ހަނދާނީ ބައެއްތަކެތި ރައީސުލްޖުމްހޫރިއްޔާ ސަޢޫދީއެރެބިޔާގެ ރަސްގެފާނަށް ވެދުމަށް އެރުވިއެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ދެންނެވިއެވެ. އެރުވިއެވެ. މިއީ ހޫނ އަންނަން ކިޔާގޮތުގައި ބޭނުންކުރާގޮތެވެ. އެހެންވީމާ އެކަމެއް ކުރެއްވި ބޭފުޅަކާ ބެހޭ ގޮތުން އެބަސްބަސް ބޭނުން ކުރެއްވެނީ ހޫނ އަންނަން ކިޔާ ބަހުރުވައިންނެވެ. އާދެ ވަޑައިގަންނަވަން ކިޔާގޮތަށް ވާހަކަފުޅު ދައްކަވާނަމަ އެވެނިބޭފުޅަކު މިވެނިބޭފުޅަކަށް [މަރްޙަބާ ވިދާޅުވިއެވެ] [އަލްވަދާޢު ވިދާޅުވިއެވެ] [ޝުކުރު އަދާކުރެއްވިއެވެ.] މިގޮތަށް ވިދާޅުވީމާ ރަނގަޅުވާނެއެވެ. އެއްބޭފުޅަކު އަނެއްބޭފުޅަކަށް ވެދުމެއްގެ ގޮތުގައި އެއްޗެއް ދެއްވިވާހަކަ ވިދާޅުވާނަމަ އެއެއްޗެއްގެ ނަން ވިދާޅުވެފައި [ވެދުމަށް އެރުއްވިއެވެ.] މިގޮތަށް ވިދާޅުވީމާ ދެފަރާތަށްވެސް އެވާހަކަދެއްކެވެނީ އާދެ ވަޑައިގަންނަވަން ކިޔާ ބަހުރުވައިންނެވެ. އެމްބެސެޑަރކަމުގެ ފަތްކޮޅު ރައްދުވާ ވާހަކަ ވިދާޅުވާނަމަ މިވެނި އެމްބެސެޑަރަކު ރައީސުލްޖުމްހޫރިއްޔާއަށް [އެމްބެސެޑަރުކަމުގެ ފަތްކޮޅު އެރުއްވިއެވެ. މިހެން ވިދާޅުވީމާ އެވާހަކަ ދެއްކެވެނީ، ދެފަރާތަށްވެސް މާތްބަހުންނެވެ. އާދެ ވަޑަައިގަންނަވަން ކިޔާގޮތަށެވެ.

މިއީ އަޅުގަނޑުގެ ޚިޔާލު އިނގޭތޯއެވެ. ބައެއްބޭފުޅުންގެ ޚިޔާލުފުޅު މުޅިން ތަފާތުވުމަކީވެސް އެކަށީގެވާ ކަމެކެވެ.

____________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment