000 އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ނ.ޢ.ޢ.ވ. (ރަޙިމަހުﷲ) ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ) ގެ މި ލިޔުއްވުން ނަކަލުކޮށްފައި މި ވަނީ، [އަމާޒު] މަޖައްލާގެ 27 ވަނަ (އޮކްޓޯބަރ 1974)ގެ އަދަދުންނެވެ. ___________________________ ދުނިޔޭގެ އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ތެރެއިން އިންޑިޔާގެ ޚާރިޖީ ވަޒީރު ސަރުދާރު ސުވަރަންސިންގ ހިމެނެނީ މީހުން ލެންބުމަށް އެންމެކުޅަދާނަ ވަޒީރުންގެ ސަފުގައެވެ. އޭނާއަކީ ޢުމުރުފުޅުން ދުވަސްވެފައިވާ ބޭފުޅަކަށް ވިޔަސް އޭނާގެ ޝަޚްޞިއްޔަތުގައި ހިތްގައިމު…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ނ.ޢ.ޢ.ވ. (ރަޙިމަހުﷲ)

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ) ގެ މި ލިޔުއްވުން ނަކަލުކޮށްފައި މި ވަނީ، [އަމާޒު] މަޖައްލާގެ 27 ވަނަ (އޮކްޓޯބަރ 1974)ގެ އަދަދުންނެވެ.

___________________________

20170417_235922ދުނިޔޭގެ އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ތެރެއިން އިންޑިޔާގެ ޚާރިޖީ ވަޒީރު ސަރުދާރު ސުވަރަންސިންގ ހިމެނެނީ މީހުން ލެންބުމަށް އެންމެކުޅަދާނަ ވަޒީރުންގެ ސަފުގައެވެ. އޭނާއަކީ ޢުމުރުފުޅުން ދުވަސްވެފައިވާ ބޭފުޅަކަށް ވިޔަސް އޭނާގެ ޝަޚްޞިއްޔަތުގައި ހިތްގައިމު ގޮތެއް ހުންނަކަމަށް ބުނެވެއެވެ.

ސުވަރަންސިންގ ދުނިޔޭގެ އަލިކަން ދެކިވަޑައިގަތީ 1907 ވަނަ އަހަރުގެ އޯގަސްޓުން 19 ވަނަ ދުވަހުއެވެ. ވީމާ މިހާރު އޭނާގެ ޢުމުރުފުޅުން 67 އަހަރު ވެއްޖެއެވެ. އޭނާގެ ޢާއިލާއަކީ ވަރަށް ފަޤީރު ނިކަމެތި ބައެކެވެ. ފަޤީރުންގެ ޠަބީޢަތުގައި އެކުލެވިފައިވާ ހުރިހާ މާތްސިފަތަކެއް އޭނާގެ ކިބައިގައިވެސް ވެއެވެ.

ސުވަރަންސިންގގެ ބައްޕަ އެސް.ޕްރަޓާޕް ސިންގއަށް ސިކުންގެ މީހުން ވަރަށް ބޮޑަށް އިޙްތިރާމް ކުރެއެވެ. ސުވަރަން ސިންގ ކިބައިވާ ދީނީ ގޮތްތައް އޭނާގެ ބައްޕަގެ ކިބައިން ވާރުތަވެފައިވާ ކަމަށް ބުނެވެއެވެ. އަދި ބައްޕައެކޭ އެއްފަދައިން އޭނާވެސް ސިކު މަޒުހަބުގައި ވަރަށް ބޮޑަށް ހިފަހައްޓަވައެވެ. އެކަމަކު އޭނާއަކީ ދީނީ ތައައްޞުބެއް ގެންގުޅުއްވާ ބޭފުޅަކަށް ނުބެލެވޭނެއެވެ.

އޭނާ ތަޢުލީމު ޙާޞިލުކުރެއްވީ ވާހޫރުގެ ގަވަރމެންޓް ކޮލެޖް އިންނެވެ. 1930 ވަނަ  އަހަރު އެތަނުން އެމް.އެސް.ސީ (ފިޒިކްސް) ނެންގެވިއެވެ. އޭގެ ފަހުން 2 އަހަރު ދުވަސް ވާންދެން ޤާނޫނު ދަސްކުރެއްވުމަށްފަހު އޭނާގެ ރަށުގައި ޤާނޫނީ ވަކީލެއްގެ މަސައްކަތް ކުރެއްވިއެވެ. އަދި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ޕަންޖާބުގެ އެންމެ އިސްކުރިމިނަލް ވަކީލެއްގެ ތެރޭގައި ސުވަރަންސިން، ފާހަގަ ކުރެވޭން ފަށައިފިއެވެ.

ސުވަރަންސިންގ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ 1946 ވަނަ އަހަރުއެވެ. އަކާލީ ޕާރޓީގައި އޭނާގެ ބައްޕައަށް ލިބިވަޑައިގެންފައިވާ ޝުހުރަތުގެ   ބާރުގައާއި، އަދި ޤާނޫނީ ވަކީލެއްގެ ގޮތުން އޭނާ ހޯއްދަވާފައިވާ ކާމިޔާބީގެ ސަބަބުން އެޕާރޓީގެ ފަރާތުން ޕަންޖާބުގެ ރައްޔިތުންގެ މަޖްލިސްއަށް ކުރިމަތިކުރާ ކެންޑިޑޭޓް އަކަށް އޭނާ ވިއެވެ. އަދި މި އިންތިޙާބު އޭނާ ކާމިޔާބު ކުރެއްވިއެވެ.

ސުވަރަންސިންގ ފުރުއްވާފައިވާ، ވަޒީރު ކަމުގެ ގޮނޑިތައް ގިނަވެފައި ތަފާތެވެ. މިގޮތުން ބަލާއިރު އޭނާއަކީ އިންޑިޔާގެ ވަރަށް މަދު ވަޒީރަކަށް ނޫނީ ކައިރިކޮށްނުލެވޭހާ މަތީ ދަރަޖައިގެ ސިޔާސީ އެކެވެ. ޕަންޖާބު ސަރުކާރުގެ ވަޒީރަކަށް އޭނާ ހުންނެވި ދުވަސްވަރު، ދާޚިލިއްޔާއާއި މާލިއްޔާއާއި، އިލެކްޓްރިސިޓީއާއި، ސިވިލް ސަފްލައިޒް އާއި، އަދި އެތައް ވަޒީރުކަމެއް ކުރައްވާ ފައިވެއެވެ. 1952 ގައި އިންޑިޔާގެ ބޮޑުވަޒީރަކަށް ހުންނެވި ޝްރީ ޖަވާހިރުލާލް ނެހުރޫ، ޕަންޖާބު ސަރުކާރުން އިންޑިޔާގެ މަރުކަޒީ ސަރުކާރަށް ސުވަރަން ސިންގ، ގެންނެވީއެވެ. މިސަރުކާރުގައި މިހާތަނަށް އޭނާ ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އަޝްޣާލާއ،ި ތެލާއި، މަައިންސްއާއި، ރޭލްވޭއާއި، ކާނާއާއި، ޒިރާޢަތާއި، މާލިއްޔަތާއި، ވިޔަފާރިއާއި، ދިފާޢާއި، ޚާާރިޖީ އާއި، އަދިވެސް ބައެއް ވުޒާރާގެ ވަޒީރުކަން ކުރެއްވިއެވެ.

ސަރުކާރުގެ ރަސްމީ މަސައްކަތުގައި ބޭރުގެ އެކި ޤައުމުތަކަށް އޭނާ ކުރައްވާފައިވާ ޒިޔާރަަތްތަކާއި ބައިވެރިވެ ވަޑައިގެންފައިވާ ބައިނަލްއަޤްވާމީ ކޮންފަރެންސްތަކާއި، އަދި ޙަރަކާތްތެރިވެ ވަޑައިގެންފައިވާ މިޝަންތަކުގެ ޢަދަދަށް ވިސްނާލާއިރު މިހާރުވެސް ޤަބޫލު ނުކުރެވޭހާ ގިނައެވެ. ޤައުމުގެ ޚިދުމަތުގައި 28 އަހަރުގެ ތެރޭގައި އޭނާ އެކިއެކި ތަންތަނަށް ކުރައްވާފައިވާ ދަތުރުތަކުގައި 1 މިލިޔަން މޭލުގެ ރާސްތާ ކަޑައްތުކުރެއްވިފައި ވާނޭކަމަށް ލަފާކުރެވެއެވެ. މިއީ ޢުމުރުން 67 އަހަރުވީ މީހަކާއި ނިސްބަތްކޮށްބަލާއިރު އާދައިގެ ކަމެއްނޫނެވެ.  ހަމަ އެހެންމެ އޭނާ ކުރެއްވި ދަތުރުތަކަކީ އަމިއްލަ އުފަލަކަށް ޓަކައި ކުރެއްވި ދަތުރުތަކެއްނޫނެވެ. އަދި ކީއްތޯއެވެ؟ އޭނާގެ އަރިހުގައި ދަތުރުކުރާ އޮފިޝަލުންނަށް އަރާމުކުރާނޭ ހުސްވަގުތު ކޮޅެއް ލިބެނީ ވަރަށްވެސް މަދުންނެވެ. އޭނާވެސް އެމީހުންނާއިއެކު އަބަދުހެން އުޅުއްވަނީ އެދަތުރަކާއި ބެހޭ ރަސްމީ ކަންކަމުގައެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި އޭނާއަށް ހަރަކާތް ތެރިވެ ވަޑައިގަންނަވާނެ ފުރޞަތެއް ފުރަތަމަ ލިބިވަޑައިގަތީ 1947 ގައެވެ. އެއީ، އިންޑިޔާ އާއި ޕާކިސްތާނު ވަކިވުމަށްފަހު އެދެ ޤައުމުގެ ސަރަޙައްދީ ރޮގު ފާހަގަ ކުރުމަށް ޓަކައި ޢައްޔަން ކުރެވުނު “ރެޑްކްލިފްކޮމިޝަން” ގައި އިންޑިޔާގެ ފަރާތުން ބައިވެރިވާ ވަކީލެއްގެ ގޮތުންނެވެ. އަދި ޕަންޖާބު ދެބައިވުމުން އެތާގެ ކަންތައްތައް އިންސާފު ވެރިގޮތަކަށް ނިންމުމަށް ހޮވުނު ޕާރޓިޝަން ކޮމިޓީގެ މެމްބަރަކަށްވެސް އޭނާ ހުންނެވިއެވެ.

އިންޑިޔާގެ މަޝްހޫރު ބޮޑުވަޒީރު ޝްރީ ޖަވާހިރުލާލް ނެހްރޫ، ސުވަރަން ސިންގ އާ މެދު ވިދާޅުވަނީ “އޭނާއަކީ ވަަރަށް ވިސްނުންތޫނު އަދި ހީވާގި ކަމާއިއެކު މަސައްކަތް ކުރާ ބައިވެރިއެއް” ކަމުގައެވެ. ނެހްރޫއަށް ފަހު އިންޑިޔާގެ ބޮޑުވަޒީރު ކަންކުރެއްވި ލާލް ބަހާދުރްޝާސް ތުރީގެ ދައުރުގައި މަޝްހޫރު ޓާޝްކަންޓް އެގްރިމެންޓްގެ މަޝްވަރާ ތަކުގައިވެސް، ޝާސްތުރީގެ އެންމެ އަރިސް އެޑްވައިޒަރަކަށް ހުންނެވީ ސުވަރަންސިންގ އެވެ. އަދި އޭގެ ފަހުން ސިމްލާ ސަމިޓްގައި މިސިޒް އިންދިރާ ގާނދީގެ އަރިހުގައިވެސް އޭނާ ޚިދުމަތް ކުރައްވާފައިވެއެވެ.

ސުވަރަން ސިންގގެ ސިޔާސީ ޚިދުމަތުގެ ދައުރުގައި ހިސާބަކަށް ނާކާމިޔާބީ އާއިވެސް ކުރިމަތިލައްވާން އޭނާއަށް ޖެހިވަޑައިގެންފައިވެއެވެ. މިގޮތުން 1966 ގައި އިންޑިޔާގެ ޚާރިޖީ ވަޒީރުކަމުން އެހެން ވަޒީރު ކަމަކަށް އޭނާ ބަދަލު ކުރެވުނެވެ. ނަމަވެސް ފަހުން އަނެއްކާވެސް ޚާރިޖީ ވަޒީރުކަން އޭނާ އާއި ހަވާލުކުރާންޖެހުނެވެ. އަދި ޕަންޖާބުގެ ސިޔާސީ ޖައްވުގައިވެސް އޭނާގެ ތަރިއަށް ހިސާބަކަށް ފަޑުކަމެއް އައެވެ.

    މަރުކަޒީ ސަރުކާރުގައި އޭނާ އަދާކުރައްވާ ބައި ކިތަންމެ މުހިއްމުވެފައި އޭނާގެ ވަގުތުތައް އަބަދުހެން ފުރިފައިވިޔަސް އޭނާ އިންތިޚާބު ވެފައިވާ ރަށުގެ މަތިން ސުވަރަންސިންގ ހަދާން ނައްތައެއް ނުލައްވައެވެ. އަދި ވަރަށް ގިނައިން ޕަންޖާބަށް އޭނާ ޒިޔާރަތްކުރައްވައި އޭނާގެ ރަށުގެ އަހްލުވެރީންނާއި ބައްދަލުކުރައްވައި އުޅުއްވައެވެ. މިހާރު އޭނާއަކީ ކޮންގްރެސް ޕާރޓީގެ އެންމެ ހަރުދަނާ އެއްތަބެވެ. އަދި އިންޑިޔާގެ ކެބިނެޓްގައި ހިމެނޭ ވަޒީރުންގެ ތެރެއިން އެންމެ ދިގު މުއްދަތެއްގައި ވަޒީރުކަން ކުރައްވާފައިވާ ތަޖުރިބާކާރަކީވެސް އޭނާއެވެ.

އަތްބެލުމާއި، ފާލުބެލުން ފަދަ ކަންކަމަކީ އޭނާ އިތުބާރު ކުރައްވާ ކަންކަމެއްނޫނެވެ. ނަމަވެސް އެކަންކަން ޤަބޫލުކުރާ ބައެއް މީހުން ބުނާގޮތުގައި ކޮންމެވެސް ދުވަހަކުން ސުވަރަންސިންގއަކީ އިންޑިޔާ ސަރުކާރުގެ އެންމެ މަތީ މަޤާމު ފުރުއްވާނޭ ބޭފުޅެކެވެ.

ސަރުދާރު ސުވަރަންސިންގ އަކީ ސުލްހައިގެ ވާހަކަ ދެކެވޭ މޭޒުތައް ދޮށުގައި ކުޅަދާނަ ވާހަކަދެއްކުންތެރިއަކަށް ވިޔަސް އޭނާގެ ވާހަކަދެއްކެވުމުގައި ފަށުވި ޢިބާރާތްތައް ބޭނުމެއް ނުކުރައްވައެވެ. މިހެންވެ، އޭނާގެ ވާހަކަ ދެއްކެވުމުގައި އެއްވެސް ކުލައެއް ނުހުންނަ ކަމުގައި ބައެއް މީހުން ބުނެއުޅެއެވެ. ނަމަވެސް އޭނާގެ ކުޅަދާނަކަމުގެ ތެރެއިން ފާހަގަ ކުރެވޭ އެއްކަމަކީ މީހަކު ކޮށްފައިވާ މަސައްކަތެއްގައި ކުށެއްވާނަމަ އެކަމެއް ނުވަތަ ދިގު ރިޕޯޓެއްގައިވާ ގިނަ މަޢުލޫމާތުތަކެއްގެ ތެރޭގައި ކުށެއްވާނަމަ އެކުށެއް ހަމަ ވަގުތުން ފާހަަގަކުރެއްވުމެވެ.

ސުވަރަންސިންގ މީހުން ޤަދަރުކުރުމުގެ އެންމެ ބޮޑުސިއްރަކީ އޭނާގެ ސްޓާފުން ހުރިހައި ވަގުތެއްގައިވެސް އޭނާއަށް ބަލަބަލާ ތިބުމަކީ ބޭނުން ކަމެއްކަމަށް ދެކިވަޑައިނުގަންނަވާ ކަމެވެ. އޭނާ އޮފީސް ތިން ތަނެއްގައި ހުރެއެވެ. އެއީ ސައުތު ބްލޮކްގައާއި، ރައްޔިތުންގެ މަޖްލިސްކުރާ ގޭގައާއި އަދި އޭނާގެ އަމިއްލަފުޅު ގޭގައެވެ. އެތަނުން އެއް އޮފީހެއްގައި އޭނާ އިންނަވަނިކޮށް އެހެން އޮފީހެއްގެ އޮފިޝަލްއަކަށް ބޭނުންފުޅު ވިޔަސް އެމީހަކު އޭނާގެ އަރިހަށް ގެންނެވުމުގެ ބަދަލުގައި ހައްދަވާ ގޮތަކީ، އެމީހަކު ހޯއްދަވަން އޭނާ ވަޑައިގަންނަވަނީއެވެ. އަދި އޭނާގެ ކިބައިގައިވެސް ބައެއް އުނިކަންތައްތައް އެބަހުއްޓެވެ. މީގެ އެއް މިސާލަކީ އޭނާ އާދަކޮށް މެންދުރު ފަރީއްކުޅުއްވަނީ ނުހަނު ލަހުން ކަމަށްވާތީ، އޭނާގެ ސްޓާފުންނަށް މެންދުރު ނުކައި އެތައްއިރެއް ވާންދެން އެމީހުންގެ ޑެސްކުތަކުގައި ތިބޭންޖެހޭކަމެވެ. ފިނިވެފައިވާ ކެއުމެއް އެހާލަހުން ކެއުމަކީ ގިނަ މީހުން މާ ހިތްހަމަ ޖެހޭ ކަމަކަށް ނުވެއެވެ. ނަމަވެސް، އޭނާގެ ސްޓާފުން މިހާރު މިކަމަށް  ހޭނިއްޖެއެވެ.

ރަސްމީ ގޮތުން އޭނާއާއި ބައްދަލުވުމަށް އަންނަ މީސްމީހުންނަށް އޭނާ ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައެވެ. އޭނާއާއި ބައްދަލު ކުރާ ޑިޕްލޮމޭޓްއަކާއި އެންމެ މަދުވެގެންވެސް ގަޑިއެއްހާއިރު ވާހަކަނުދައްކަވައި އޭނާގެ ހިތްޕުޅު ހަމަައެއް ނުޖެހެއެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ދުވަސްދުވަހު، ހަވީރު ވަރަށް ލަސްވަންދެން އޭނާއަށް އޮފީހުގައި އުޅުއްވާން ޖެހިވަޑައިގަނެއެވެ. އެކަމަކު މިއީ އޭނާ މާބޮޑަށް ވިސްނާ ވަޑައިގަންނަވާ ކަމެއް ނޫނެވެ. ހަމައެކަނި އޭނާގެ އެދުންފުޅަކަށް ވެފައި އޮންނަނީ އޭނާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އޭނާގެ ކެތްތެރިކަމާއި، ކަމޭހީކުރެއްވުމުގެ ސަބަބުން ހިތްހަމަޖެހުން ލިބެމުން ދިއުމެވެ.

ސަރުދާރު ސުވަރަންސިންގު، މޮޅުއެއްޗިއްސަށާއި މޮޅުކަން ކަމަށް ލޯބިކުރައްވައެވެ. ޕަންޖާބު ކެއުމަށްވުރެ، އޭނާއަށް ރަގަޅު ކަމަށް ވަނީ ވިލާތު ކެއުމެވެ. އޭނާއަކީ، ރަލާއި މަސްތުވާ ތަކެއްޗަށް ނަފުރަތު ކުރައްވާ ބޭފުޅެކެވެ. އޭނާގެ ޞިއްޙަތަށްޓަކައި ކުރައްވާކަމަކީ، ގިނަގިނައިން ހިންގެވުމެވެ. މިއީ އޭނާގެ ހޮބީ ކަމުގައި ބައެއް މީހުން ލަފާކުރެއެވެ. އޭނާ ހެދުންކޮޅު ތުރުކުރައްވަނީ، ފަރުވާތެރިކަމާއި އެކު ނަލަކޮށެވެ. އަދި މޭޒު މަތީގެ އަދަބުތަކަށް އޭނާ ވަރަށް ބޮޑަށް ލެބިވަޑައިގަނެއެވެ.

ސަރުދާރު ސުވަރަން ސިންގއާއި އޭނާގެ އަބިކަބަލުން ޗާރަންކޯރުއާއި، ދެ ކަބަލުންގެ ހަތަރު އަންހެންބޭފުޅުން، އެބަތިއްބެވިއެވެ. އަދި ކާފަ ވިދާޅުވާ 8 ބޭފުޅުން އެބަ ތިއްބެވިއެވެ.

___________________

About the author
Leave Comment