ރޯނުގޭ ޙަސަން މަނިކު ބަހަށް ޖެއްސުންކުރަން ނޫޅޭ އެބަސް ދިރުވައިހަދަން ނުކުމޭ ބަހަށް އޮތް ޤަދަރު އެބަހަށްދީ އެބަސް ކުރިއެރުވުމަށް ނުކުމޭ ލިޔާ އެކިއެކި ލިޔުންތައް ބަސްބަހާ މަސްހުނިވެ  ނޯޅޭހެން ކިޔާ މީހުންގެ މަފުހޫމަށް   ފަސޭހަމަގެއް  ކޮށަން  ނުކުމޭ ދަރިންނާ  ގޭތެރޭގައިވެސް  އަބަދު ދެކެވޭ  އެވާހަކަވެސް ދަރިންނާ އަހަރުމެންގެ ބަހުން މުޅީން ދައްކައިހަދަން ނުކުމޭ ފަރިއްސާ ޅެންތަކާ ލަވަވެސް އަމިއްލަ ބަހާ ނުރައްޓެހިގޮތް މުޅީން ދުރުކޮށް އެބައްޓަންކޮށް ހިނގަންވީ މަގު ހަދަން ނުކުމޭ ގުނައި ދަސްކޮށް އަދަދުތައްވެސް…

ރޯނުގޭ ޙަސަން މަނިކު

ބަހަށް ޖެއްސުންކުރަން ނޫޅޭ އެބަސް ދިރުވައިހަދަން ނުކުމޭ

ބަހަށް އޮތް ޤަދަރު އެބަހަށްދީ އެބަސް ކުރިއެރުވުމަށް ނުކުމޭ

ލިޔާ އެކިއެކި ލިޔުންތައް ބަސްބަހާ މަސްހުނިވެ  ނޯޅޭހެން

ކިޔާ މީހުންގެ މަފުހޫމަށް   ފަސޭހަމަގެއް  ކޮށަން  ނުކުމޭ

ދަރިންނާ  ގޭތެރޭގައިވެސް  އަބަދު ދެކެވޭ  އެވާހަކަވެސް

ދަރިންނާ އަހަރުމެންގެ ބަހުން މުޅީން ދައްކައިހަދަން ނުކުމޭ

ފަރިއްސާ ޅެންތަކާ ލަވަވެސް އަމިއްލަ ބަހާ ނުރައްޓެހިގޮތް

މުޅީން ދުރުކޮށް އެބައްޓަންކޮށް ހިނގަންވީ މަގު ހަދަން ނުކުމޭ

ގުނައި ދަސްކޮށް އަދަދުތައްވެސް ލިޔާށެ ކިޔާށެވީ މިބަހުން

ގުނަން ވީވެސް އަމިއްލަ ބަހުން ކަމަށް އަންގައިހަދަން ނުކުމޭ

އެއީ ހަމަކުރިއެރުންކަމުގައި ހިތައި ތަރުހީބު ދީ އުޅުނަސް

އެއީ   ބަލަގޯހެކޭ ހީކޮށް  އެކަންކަން   ހުއްޓުވަން  ނުކުމޭ

ބިދޭސީންނަށްވުރެންވެސް ކޮށި ބަހަށް މިވެހިން ވެ ބީރައްޓެހި

ނުދޭށޭ  މިގޮތުގައި ދާންބެހި  މިމަންޒަރުތައް  ދެކެން  ނުކުމޭ

ނަމެއްއޮތް ދިވެހި ދޫކޮށްލައި، އެއަށް އާނަންތަކެއް ހޯދައި

ނަމުން އެކިޔާ ފުރެއްދެނަމުން ކިޔުން  މައިތިރިކުރަން  ނުކުމޭ

ދެބަސް އެއްކޮށްކިޔައި އޮޅުވައި، އެ ބަސްމަގުވެސް މިތާ ފަތުރައި

ދެބަސްނުވެ  މީގެ ގެއްލުންތައް  ބަލައި ހޯދައިހަދަން  ނުކުމޭ

އުފައްދައި އާ ލަފުޒު ހޯދައި، އިތުރުކޮށް ބަސްކޮށާރު ހަދައި

އުފަންވާ ބަސްތަކުން އިތުރަށް މިބަސް މުއްސަނދިކުރަން ނުކުމޭ

ބަހަށް ނެތި ލޯބި ޤައުމީ ބަސް، ތަރައްޤީވާނެބާ އުޅުނަސް

ފަހަށްވިސްނައި ޙިމާޔަތްކޮށް ހަދަން  އެންމެން   ވެގެން ނުކުމޭ

ދިވެހިބަސް ދިވެހި ކޮށްދޭށޭ، ދިވެހިގޮތް ހާމަކޮށްދޭށޭ

ރިވެތިކަން،  ބަހުގެ މުއްސަނދިކަން ކިޔައި ބުނެދީހަދަން ނުކުމޭ

ތިމާގެދުލުން ތިމާގެބަހަށް މަލާމަތް ރައްދު ކޮށްނުހަދާ

ޙިމާޔަތް  މާދަރީބަސްކޮށް، ނުކޮށް  ޖެއްސުން  އުޅެން  ނުކުމޭ

                                             ___________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. ލޮންސި/ ވ. ފިނިވައި

    "އެމުނި ބަހުން" ބަސްއޮޅުވައިގެން ހައްދަވާ ޅެންތައް މިހާރުގެ ޒުވާންކުދިން ކިޔާލުމުން އޭގައިބުނާ އެއްޗެއް ދޭހަނުވެ ހިނގައިދާނެއެވެ. އެހެންކަމުން ބަސްމަގު ތިލަކޮށް ދޭހަވުންތައް ފަސޭހަގޮތަކަށް ޅެން ހައްދަވައިދެއްވުންއެދި ވަރަށް އަދަބު އިޙްތިރާމާއެކު ދަންނަވަމެވެ. އަދި މަނިކުފާނު ހައްދަވާފައިވާ ވަރަށްގިނަ ޅެންތަކަކީ ، އެ ޅެމަކުން ވަރަށްގިނަ ފިލާވަޅާއި މެސެޖްތައް ދެއްވާފައިވާ ޅެންތަކެއްކަމުގައިވެސް މި ފުރްޞަތުގައި ފާހަގަކޮށްލަމެވެ.

    (0)(0)
Leave Comment