އިބްރާހީމް ރަޝީދު މޫސާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ މި ލިޔުއްވުން ނަކަލުކޮށްފައި މި ވަނީ [ފަތްތޫރަ] މަޖައްލާގެ 137 (އޮގަސްޓް 1990) ގެ އަދަދުންނެވެ. ___________________________________ އިންސާނާގެ ޞިއްޙަތަކީ، މާތްﷲ އޭނާއަށް ދެއްވާފައިވާ އެންމެބޮޑު އެއްނިޢުމަތެވެ. މިޞިއްޙަތު އޭނާ ބެލެހެއްޓި ގޮތަކާމެދު ޤިޔާމަތް ދުވަހު އޭނާއާ ސުވާލު ކުރެވޭނެއެވެ. ވީމާ އަޅުގަނޑުމެން ޞިއްޙަތު ބެލެހެއްޓުމަށް ޓަކައި ފިޔަވަޅު އެޅުމަކީ ދީނީ ވާޖިބެކެވެ. މީގެ އިތުރުން އެއީ ޤައުމީ ވާޖިބެއްވެސް މެއެވެ. ޤައުމުގެ ތަރައްޤީ އަށާއި ކުރިއެރުމަށް…

އިބްރާހީމް ރަޝީދު މޫސާ

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ މި ލިޔުއްވުން ނަކަލުކޮށްފައި މި ވަނީ [ފަތްތޫރަ] މަޖައްލާގެ 137 (އޮގަސްޓް 1990) ގެ އަދަދުންނެވެ.

___________________________________

އިންސާނާގެ ޞިއްޙަތަކީ، މާތްﷲ އޭނާއަށް ދެއްވާފައިވާ އެންމެބޮޑު އެއްނިޢުމަތެވެ. މިޞިއްޙަތު އޭނާ ބެލެހެއްޓި ގޮތަކާމެދު ޤިޔާމަތް ދުވަހު އޭނާއާ ސުވާލު ކުރެވޭނެއެވެ. ވީމާ އަޅުގަނޑުމެން ޞިއްޙަތު ބެލެހެއްޓުމަށް ޓަކައި ފިޔަވަޅު އެޅުމަކީ ދީނީ ވާޖިބެކެވެ. މީގެ އިތުރުން އެއީ ޤައުމީ ވާޖިބެއްވެސް މެއެވެ. ޤައުމުގެ ތަރައްޤީ އަށާއި ކުރިއެރުމަށް ޓަކައި މަސައްކަތް ކުރާއިރު ފުރިހަމަ ޞިއްޙަތެއްނެތް ބަޔަކު ގޮވައިގެން މަސައްކަތެއް ކުރާނީ ކިހިނެއްތޯއެވެ؟

އަޅުގަނޑުމެން ކޮންމެ މީހެއްގެ މަޤާމު އޮތީ އެމީހަކު ކުރާ މަސައްކަތެއްގެ މަތީގައެވެ. އެމީހެއްގެ ސަބަބުން ޤައުމަށާއި، މުޖްތަމަޢަށް، ފަރްދުންނަށާއި ޖަމާޢަތަށް ލިބޭ ލާބަޔަކާއި ފައިދާއެއްގެ މަތީގައެވެ. ﷲގެ ޙަޟްރަތުގައި މިމަޤާމު މިނެދޭ އެއްމިންގަނޑަކީ މީސްތަކުންގެ ގާތުގައި އެމީހަކަށް ލިބިފައިވާ މަޤްބޫލުކަމެވެ. މިމަޤްބޫލުކަމަކީ އެމީހެއްގެ ފަރާތުން ލިބޭ މަންފާތަކާ ގުޅިފައިވާ ކަމެއް ކަމާމެދު ޝައްކެއްނެތެވެ.

ތިމާގެ ފަރާތުން ބަޔަކަށް، ނުވަތަ ޤައުމަށް ފައިދާތަކެއް ކޮށްދެވޭނީ ތިމާގެ ގައިގައި އެފަދަ ކަމެއް ކޮށް ދިނުމުގެ ޤާބިލިއްޔަތު ހުރިނަމައެވެ. އިސްލާމްދީނުގައި، ހަރުދަނާ ވަރުގަދަ މުއުމިނާގެ ދަރަޖަ، ނިކަމެތި މުއުމިނާގެ ދަރަޖައަށް ވުރެ މަތިވެރިވެގެންދަނީ މިހެންވެގެންނެވެ.

ދީނުގައި އަންގަވާފައިމިވާ ވަރުގަދަ ކަމާއި ހަރުދަނާ ކަމުގައި ޖިސްމާނީ ވަރުގަދަކަންވެސް ހިމެނެއެވެ. މާތްﷲ މުސްލިމުންނަށް އަންގަވާ ފައިވަނީ ދުޝްމަނުންނަށް ޓަކައި ހުރިހާ ބާވަތެއްގެ ބާރަކާއެކު ތައްޔާރުވެ ތިބުމަށެވެ. މިގޮތުން އަންގަވާފައިވާ މިހުރިހާ ބާރުގެތެރޭގައި ހަށިގަނޑުގެ ބާރުވެސް ހިމެނެއެވެ. އަޅުގަނޑުމެންގެ ހަށިގަނޑު ފުރިހަމަ ޞިއްޙަތެއްގައި ބެހެއްޓުމަށް ޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ހިމެނެއެވެ. ބަލިތަކުން ދިފާޢުވުމަށް ޓަކައި އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމާއި ބަލިވެއްޖެނަމަ ބޭސްފަރުވާ ކުރުމެވެ. ބަލިތަކުން ދިފާޢުވުމަށް ޓަކައި އަޅަން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ ހަށިގަނޑަށް ބޭނުންވާ ކަސްރަތު ހަށިގަނޑަށް ދިނުމެވެ. ޞިއްޙަތު ރައްކައުތެރިކަމުގައި ބެހެއްޓުމަށް ޓަކައި ޖަރުމަނުގެ “މެންފްރެޑް ކެންލަޚްނަރ” ހަތް އުޞޫލެއް ކަނޑައަޅުއްވާފައި ވެއެވެ. އެއީ ރަނގަޅަށް ނޭވައިލުމާއި ކެއުމާއި ބުއިމާއި ޙަރަކާތްތެރިވުމާއި އަރާމުކުރުމާއި ވިސްނުމާއި ކަންތައްތަކަށް ސަމާލުވުމެވެ. ރޫސީ ވިލާތުގެ ފިޒިއޯލޮޖިސްޓެއް ކަމުގައިވާ އަރްޝަވުސްކީ ވިދާޅުވާ ގޮތުގައި، މިކަންތައްތަކުން އެންމެ އިސްކަން ދޭންޖެހެނީ ޙަރަކާތަށެވެ. އިންސާނެއްގެ ޙަރަކާތްތައް ގިނަވި ވަރަކަށް އޭނާގެ ހަށިގަނޑާއި ނަފުސުގެ ދިރުން އިތުރުވާނެއެވެ.

ޤަދީމީ ޒަމާނުއްސުރެ ޢިލްމުވެރިން ޙަރަކާތުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އިސްލާމީ މަޝްހޫރު ފިލޯސަފަރެއް ކަމުގައިވާ “އިބްނުސީނާ” އޭނާގެ މަޝްހޫރުފޮތް “އަލް ޤާނޫނު” ގައި ރަނގަޅު ޞިއްޙަތެއް ގައި އިންސާނަކު ދެމިހުރުމަށް ޓަކައި ކަސްރަތަށާއި ރަނގަޅު ކާނާއަށް ބޭނުންވެފައިވާ މިންވަރު ބަޔާންކޮށްދެއްވާފައިވެއެވެ. ފަރަންސޭސި ވިލާތުގެ “ސީމޯން އެންޑްރޭ” ނަމަކަށް ކިޔާ މަޝްހޫރު ޑަކްޓަރަކު ވިދާޅުވާ ގޮތުގައި، ކަސްރަތަކީ ހުރިހާ ބައްޔަކަށް ލިބިގެންވާ ފަރުވާއެކެވެ. ނަމަވެސް ކަސްރަތުގެ ބަދަލުގައި ބޭހެއް ބޭނުމެއް ނުކުރެވޭނެއެވެ.

ފުރިހަމަ ޞިއްޙަތެއްގައި ދެމިހުރުމަށް ޓަކައި ދުވާލަކު 10 ހާހާއި 30 ހާހާ ދެމެދުގެ މިންވަރަކަށް ފިޔަވަޅު އަޅަން ޖެހޭނެކަމަށް ޢިލްމު ވެރިން ވިދާޅުވެއެވެ. ހަފްތާއަކު 6 ގަޑިއާއި 10 ގަޑިއާ ދެމެދުގެ މިންވަރަކަށް ކަސްރަތު ކުރަން ޖެހޭނެއެވެ. ހަށިގަނޑުގެ ތަރުބިއްޔަތާބެހޭ ރޫސީވިލާތުގެ ޢިލްމީ މަރްކަޒު ބުނާ ގޮތުގައި، މަދްރަސާއަށް ދާންނުޖެހޭ  ޢުމުރުގެ ތުއްތު ކުދިން ހަފްތާއަކު 21 ގަޑިއާއި 28 ގަޑިއާ ދެމެދުގެ މިންވަރަކަށް ކަސްރަތު ކުރަންޖެހޭނެ އެވެ. މަދްރަސާއަށް ދާ ޢުމުރުގެ ކުދިންނަށް ހަފްތާއަކު 14 ގަޑިއާއި 21 ގަޑިއާ ދެމެދުގެ މިންވަރަކަށް ކަސްރަތު ކުރަންޖެހޭނެއެވެ. ޔުނިވަރސިޓީގައި ކިޔަވާކުދިންގެ ޢުމުރުގެ ކުދިންނަށް 10 ގަޑިއާއި 14 ގަޑިއާ ދެމެދުގެ މިންވަރަކަށް ކަސްރަތު ކުރަން ޖެހޭނެއެވެ. ބުރަ މަސައްކަތްކުރާ މީހުންނަށް ކަސްރަތު  ބޭނުންވަނީ ހަފްތައަކު 6 ގަޑިއިރުގެ މިންވަރަށް ކަމަށް މިމަރްކަޒުގެ ބަހުސްތައް ބުނެއެވެ.

ޑަކްޓަރުންގެ ބަހުސްތައް ބުނާގޮތުގައި، ޙަރަކާތް މަދުވުމަކީ ހިތުގެ ހިނގުން އަވަސް ކުރުވާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ހަޖަމުކުރަން ދަތިވުމާއި ކުޑަގެފިއްޔާ އެކު ކެލްސިއަމް ބޭރަށް ނުކުތުން ގިނަވުމާއި، ބަނޑުހިކުމާއި، ހަށިގަނޑުގެ ތެރޭގައި ހިނގާލޭ މަދުވުމާއި، ހަށިގަނޑުގެ ދިފާޢީ ބާރު ކުޑަވުން ހިމެނެއެވެ.

ކަސްރަތަކީ، ހަށިގަނޑުގެ ކަށިތަކާއި، މަސްތައް ވަރުގަދަކުރުވާ ތަމްރީނު ތަކެކެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ ކުދި ލޭނާރުތައް (ނުވަތަ ކެޕިލަރީތައް) ފުޅައުވެ ތަނަވަސްވެއެވެ. އަދި ފުއްޕާމޭ އިތުރަށް ތަނަވަސްވެ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން އެއްވެސް ދަތިވާކަމަކާ ނުލައި ހަށިގަނޑަށް ހޯދާދެއެވެ.

ކަސްރަތަކީ  އެކި ޢުމުރަށް އެކި މިންވަރަށް ބޭނުންވާ އެއްޗެކެވެ. އެކި މީހުންނަށްވެސް ކަސްރަތު ބޭނުންވަނީ އެކި މިންވަރަށެވެ. ލުއިކަސްރަތާއި ބަރުކަސްރަތެވެ. ކޮންމެ ގޮތެއްގައި ނަމަވެސް ކަސްރަތަކީ ހަށިގަނޑުގެ ހުރިހާ ގުނަވަން ތަކަކަށް ބޭނުން އެއްޗެކެވެ. އެގުނަވަން ތަކުގެ މަސައްކަތްތައް އެދެވޭ ގޮތުގައި އަދާ ކުރުމަށް ޓަކައެވެ. ޑަކްޓަރުން ބުނާގޮތުގައި ކިޔަވާ ކުދިންނަށް ފިލާވަޅު ދަސްކުރުމަށްޓަކައިވެސް ކަސްރަތަށް ބޭނުން ވެއެވެ. ތިމާ ހެއްދެވި ފަރާތަށް އެއްގަޑިއިރު، ތިމާގެ ހަށިގަނޑަށް އަނެއްގަޑިއިރު ހޭދަކުރުމަށް އިސްލާމްދީން ގޮވައިލަނީ މިހެންވެގެންނެވެ. ތިމާ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރެވެން އޮތީ މި ގޮވައިލުމާ އެއްގޮތަށް ޢަމަލުކުރެވިގެންނެވެ.

ރަޞޫލުﷲގެ ފާނު ޙަދީޘް ކުރައްވަނީ “ތިޔަބައި މީހުންގެ ދަރީންނަށް ފަތާށާއި ހެވިކަމާއި ހަނގުރާމައިގެ ހުނަރުތައް އުނގަންނާދޭށެވެ.” އެއީ، އެދުވަސްވަރު ދުނިޔެ ދަންނަ ހުރިހާ ކަސްރަތުތަކެވެ. މިއަދުގެ ކަސްރަތުތައްވެސް މިދާއިރާ ފަހަނަޅާ އަދިވެސް ނުދެއެވެ.

___________________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. ބާރުޤަދީދު

    އިބުނު ސީނާ އަކީ މުސްލިމެއް ނޫން ހަމަ ބުނެލީ، އެއީ ޑީވިއޭޓެޑް ސެކްޓެއްގެ މީހެއް

    (0)(2)
Leave Comment