ލިޔުނީ: ޗުނީ ލާލް މާދިއާ ގުޖްރާތީ ބަހުން އިނގިރޭސި ބަހަށް އެނބުރީ: ސާރލާ ޖަގްމޯހަން އިނގިރޭސި ބަހުން ދިވެހި ބަހަށް އެނބުރީ:  އިބްރާހިމް ހުސެން މަނިކު                ——————————————————- ޗުނީ ލާލް މާދިއާ އަކީ ގުޖުރާތުގެ ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ހުރީ ގުޖުރާތު ބަހުންނެވެ. އޭނާގެ އުމުރަކީ ނިސްބަތުން ކުރު އެއްޗެކެވެ. ނަމަވެސް އޭނާގެ އަދަބީ އުފެއްދުންތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ދިގު ވާހަކަޔާއި ކުރުވާހަކަޔާއި ޅެމާއި މަޒުމޫނު ހިމެނެއެވެ. އޭނާ ބޮޑަށް މަޝްހޫރުވެފައި ވަނީ…

ލިޔުނީ: ޗުނީ ލާލް މާދިއާ

ގުޖްރާތީ ބަހުން އިނގިރޭސި ބަހަށް އެނބުރީ: ސާރލާ ޖަގްމޯހަން

އިނގިރޭސި ބަހުން ދިވެހި ބަހަށް އެނބުރީ:  އިބްރާހިމް ހުސެން މަނިކު

               ——————————————————-

ޗުނީ ލާލް މާދިއާ އަކީ ގުޖުރާތުގެ ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ހުރީ ގުޖުރާތު ބަހުންނެވެ. އޭނާގެ އުމުރަކީ ނިސްބަތުން ކުރު އެއްޗެކެވެ. ނަމަވެސް އޭނާގެ އަދަބީ އުފެއްދުންތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ދިގު ވާހަކަޔާއި ކުރުވާހަކަޔާއި ޅެމާއި މަޒުމޫނު ހިމެނެއެވެ. އޭނާ ބޮޑަށް މަޝްހޫރުވެފައި ވަނީ ވާހަކަ ލިޔުންތެރިއެއް ގޮތުގައި ނަމަވެސް އޭނާގެ ކުރު އަދި ދިގު ތަމްސީލުތަކަކީ ގުޖުރާތީ ބަހުގެ އަދަބިއްޔާތުގެ އައު ބާބެއް ފަދަ ތަމްސީލު ތަކެކެވެ. އޭނާއަށް ވަނީ އެބަހުގެ އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ރޮނގުން “ނަރުމަދް” ގެ ރަން މެޑެލި ލިބިފައެވެ. އަދި މި ރޮނގުން ދެވޭ އެންމެ މަތީ ޝަރަފު ކަމުގައިވާ “ރަންޖިތްރަމް” ގެ ރަންމެޑެލި ވެސް ލިބިފައެވެ. އޭނާ އުފަންވީ 1922 ވަނަ އަހަރުގައެވެ. ނިޔާވީ 1968 ވަނަ އަހަރުގައެވެ.

              ———————————————————

ހަރުފަ ނައްޓާ މީހެއްކަމުގައިވާ ޖަކްރާ އޭނާގެ އޮނު ފުންމަމުން ދިޔައެވެ. މިއީ މަލެއްގެ ފިޔަތަކުގެ ސިފަޔަށް ހުދު، ކުދި ބޮލި ޖަހައިފައިވާ އޮނެކެވެ. އޭނާ އޮނު ފުންމަމުން ދިޔަލެއް ގަދަކަމުން އޭނާގެ ކޯ ފުފި ހިނދެމުން ދިޔައީ ހިންގައިފައިވާ ގިނރުބާއެއްގެ ހަން ފަދައިންނެވެ. ފުފިގެން ދާހިނދު ފަޅައިގެން ނުދާނެ ބާވައޭ ހީވެއެވެ. ކޯބްރާ ހަރުފަ ޖޯޑު ފުންމަމުން ދިޔަ ރާގަށް ދެއަތަށް ހެލެމުން ނަށަމުން ދިޔައެވެ. މީ އުޖާދިޔާ ތޮށިމަތީ ހުރި ހިނިއުތުރޭ ފަސްފުންޏަކުން ޖަކްރާ ހިފައިގެން އުޅޭ ހަރުފަ ޖޯޑެކެވެ.

ނެށުން ބަލަން ވަރަށް ބޮޑު ބައިގަނޑެއް އެއްވެފައި އޮތެވެ. ހަރުފަ ޖޯޑު އަރައިފައި ތިބި ފޯރީގައި ހަށި އިތުރަށް ހިއްލައިލައިލާ ބޯ ބަތްޕޮޅި އަކަށް ހަދައިގެން ތިބެ ނަށަމުން ދިޔައެވެ.

ހަރުފައިގެ ނެށުން ގަދަވި ވަރަކަށް ހަރުފަ ނައްޓަން އުޑުފައިން އިން ޖަކްރާ މަޑުމަޑުން ތެދުވަމުން ދިޔައެވެ.ހިނގާ ކޮންމެ މިނެޓަކާއެކު އޭނާގެ ކޮލުގެ މަސްތަކުގެ ވާން ކަން އިތުރުވަމުން ދިޔައެވެ. އޮނު ފުންމުމަށްޓަކައި އޭނާ ދަށްބަނޑުކޮޅުގައި ހުރި ނޭވާއަށް ދަންދެން ނެރޭ ކަހަލައެވެ. މިކަން މިހެން ނުވާ ވަރެއް ނޫނެވެ. އޭނާއަށް ހިފިގެން މިއުޅެނީ ރަސް ކޯބްރާ ޖޯޑެއް ވިއްޔާއެވެ! އެސޮރުމެންގެ މައްޗަށް ބަދު ރޫހެއްގެ ބާރުވިޔަސް ނުހިނގާނޭ ‘ގަދަ’ ހަރުފަ ޖޯޑެކެވެ. ޖަކްރާ އެސޮރުމެން ހިފައި ހައްޔަރުކުރީ އޭނާގެ ބައްޕަ ދަސްކޮށްދިން ޚާއްސަ ކިއެވެއްޔެއްގެ ބާރުގައެވެ. ބައްޕަ ވަނީ ނިޔާވެފައެވެ. ޖަކްރާ ހަރުފަ ނެށުމުގެ ޝޯ މިދެނީ އޭނާ ދިރިއުޅޭ އަވަށްގަނޑުގެ ވެރީންގެ އެދުމަކަށެވެ. މިއީ މިގޮތުން އާންމުންގެ ތެރޭގައި އޭނާ ދޭ ފުރަތަމަ ޝޯއެވެ. ޝޯ ދޭން ފެށީ އަސުރުން އިރު ތިރިވީ ފަހުންނެވެ.

ހަރުފަ ޖޯޑު ނަށަމުން ފުންމާ އޮނާ ގާތަށް ލެފެމުން ދިޔައެވެ. އެސޮރުމެންގެ އެހަރަކާތް އެންމެ ވައްތަރީ ކުރާ އައިސް ފުރިފައިވާ ގޮވާން ގަހެއް ދަނޑެއްގައި ވައިރޯޅިޔަށް ހެލިލާ ހެލިލުމާއެވެ. ޝޯ ބަލަން އެއްވެފައި އޮތް މީހުން ތިބީ ޖަކްރާގެ މިއުޒިކުގައި ޖެހިފައެވެ. ކަޅިތައް ހުއްޓިފައި ހުރީ ހަރުފަ ޖޯޑަށެވެ. ހަރުފަ ހަށިން ބޮލާވީ ބައި ލަނބާލައިގެން ހުންނަ އިރު ވައްތަރީ ކަސްރަތީ ހައްޓެއްގެ ވެރިޔަކު އުނަގަނޑުން ލަނބާލައިގެން ހުރުމާއެވެ.

މިއީ ޖަކްރާގެ ހަޔާތުގައި އައި އެންމެ ފޮނި ވަގުތުކޮޅެވެ. އޭނާގެ ބައްޕަ މަތިވެރި އަޅުކަމެއް ފަދައިން އޭނާއަށް ދަސްކޮށްދިން މިއުޒިކު ދުނިޔެއަށް އިއްވާ ދެއްކުމުގެ ވަގުތެވެ.

މިދުވަހަށް ޖަކްރާ ތައްޔާރުވާން ފެށީ މީގެ އަހަރުތަކެއް ކުރިންނެވެ. މިމުގައްދަސް މިއުޒިކަށްޓަކައި “ހުސް ތޯހިރުކަން” މަތީ ނުހުރެވެނު މުސްކުޅި ލާޑޫ އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް އޮނު ފުންމުމުގެ ހުނަރު ލައިދެމުން ދިޔައީ އޭނާގެ ހުނަރު ފުހެވިގެން ދިޔަ ނުދިއުމުގެ ނިޔަތުގައެވެ. އޭނާ ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅުގެ ކުރިމަތީގައި އޮތީ ޖަލަންދުރުގެ ޔޯގީންގެ މަގަށް ވުރެވެސް ދަތި، އުނދަގޫ ގުރުބާނީތަކުން ފުރިފައި ވާ މަގެކެވެ. ތިން ކަމެއް އޭނާ ވަކިން ޚާއްސަ ގޮތެއްގައި ފާހަގަކުރިއެވެ. އެއީ ޚިޔާލުތަކުގެ ސާފު ތާހިރުކަމާއި ހަށިގަނޑުގެ ސާފު ތާހިރު ކަމާއި ބަސްމަގުގެ ސާފު ތާހިރު ކަމެވެ. މީން ކަމެއް އުނިވެއްޖެ ނަމަ ހުނަރުގެ ކުންނުން ވަރަށް ފުން އަނދަވަޅަކަށް ވެއްޓޭނެއެވެ.

އޭރު ޖަކްރާގެ އުމުރުން ވަރަށް ހަގެވެ. އެހެންނަމަވެސް އޭރުވެސް އޭނާ އޮނު ފުންމުމުގެ ތަޖްރިބާ ހުއްޓެވެ. އޭނާގެ ބައްޕަ ހަރުފަ ނައްޓަން ވަށި ކޮނޑަށްލައިގެން އެއްރަށުން އަނެއް ރަށަށް ދާއިރު އޭނާ ބައްޕަޔާ އެކުގައި ދާނެއެވެ. ފުންމާ އޮނާއި، ބޯތައްޓާއި އެހެނިހެންވެސް މަސައްކަތުގެ ސާމާނުލީ ކީއްތާނި ފޮތީގެ ކޮތަޅު އުފުއްލާނީ ޖަކްރާއެވެ.

ޝޯ ފެށުމުން އޭނާގެ ބައްޕަގެ ހުރިހައިވެސް ސަމާލުކަމެއް ދޫވެފައި އޮންނާނީ ހަރުފަ ޖޯޑަށެވެ. ލޯ ތޫނު ޖަކްރާ ކުރާ ކަމަކީ މީހުން އިނާމުގެ ގޮތުގައި އުކާ ފައިސާފޮތިފޮތި ބިންމަތިން ހޮވައި ނެގުމެވެ. މީހުން އެއްކުރަން ތާޅަފިލި ފުންމުން ފަދަ ޝޯ ފެއްޓުމުގެ ކުރިން ކުރަން ޖެހޭ ހުރިހައި ތައްޔާރީތަކެއް ވެސް ކުރާނީ ޖަކްރާ އެވެ. މިގޮތުން އޭނާ ކުރާ ކަންތައްތަކުގެ ތެރޭގައި ޝޯ ދޭ ބިން ކުނި ކަހައި ސާފުކުރުމާއި ބިމަށް “މައިތިރީ”ގެ މޮހޮރު ޖެހުން ހިމެނެއެވެ. އޭނާގެ ބައްޕަ ލާޑޫ އޮނު ފުންމުމުގެ އުނދަގޫ މަސައްކަތަށްޓަކައި “ދައްތޫރައޭ” ކިއުނު ބަނގުން އިސްތިއުމާލު ކުރާނެއެވެ.

ޝޯ ނިމުމުން ބިރުގަންނަވާލަ ކަހަލަ ރާގެއްގައި ޖަކްރާ އެއްވެފައި ތިބޭ ކުޑަކުދީންނަށް ގެއިން

ފަޑައްކު ގޮދަންފުށް ކޮޅެއް ގެނެސް ދޭން އަންގާނެއެވެ. އެކުދިން ގެނެސްދޭ ފުށް އެއްކޮށް އެއްޗަކަށް އަޅައިގެން ކޮތަޅަށް ލާނީ ވެސް ޖަކްރާ އެވެ.

ދެބަފައިންގެ އާދައަކީ ރޭވުމުގެ ކުރިން ޝޯ ދޭ ރަށުން ނިކުތުމެވެ. އެހެން ނޫނީ ސަރަހައްދީ ފުލުހުންގެ ސުވާލުތަކާ ކުރިމަތިލާން ޖެހޭނެތީއެވެ.

ދެބަފައިން ސަރަހައްދީ އިމުން ބޭރުވާން އުޅުމުން ފުލުހުން ފޮށިވަށި ފާސްކޮށް ހަދަނީ ފާސް ނުކޮށް ދޫކޮށްލައިފިނަމަ ދެބަފައިން މަތީ ފަންތީގެ ތުއްތުކުއްޖެއް ވަގަށް ގެންގޮސްފާނެ ކަމަށޯލައެވެ.

ބަފަޔާއި ދަރިފުޅު ރަށުން ނިކުމެ ވަލުތެރެއިން ވަރަށް ބިތްދޮށަށް ގޮސްފައި ރޮށިކޮޅުކޮޅު ކައި ހަދާނެއެވެ. ދެބައިންނަށް ފުދޭ ވަރުގެ އެތިކޮޅެއް ނެތް ދުވަހެއް ނަމަ ދަރިފުޅަށް ކާން ދީފައި ބައްޕަ ހުންނާނީ ހައިބަނޑަށެވެ. ނަމަވެސް އެމީހުން ގެންގުޅޭ ހަރުފަ ޖޯޑު ހައިވިޔަކަ ނުދޭނެއެވެ. ބޯތައްޓަށް ތާޒާ ގެރިކިރު އަޅައިފައި އެސޮރުމެންނަށް ބޯންދޭނެއެވެ.

ހަނދުއަރައިގެން އައިސް އެމީހުން ނިދަން ތިބޭ ބިޔަ ހެލެނބެލިގަސް ދޮށަށް އެޅި ކޮކާ ހަނދުވަރު ޖަކްރާގެ ކޯތާފަތް މަތީ ދުވަން ފެށުމުން ބައްޕަ ހަނދާން ކުރާނީ ޖަކްރާ މަންމަ މަތިންނެވެ. މަންމައަކީ ދަރިފުޅު ފަދަ ކުލަވަރު ރީތި، ހަރަކާތްތައް ފަރި އަންހެނެކެވެ. ބައްޕަ އަމިއްލަ ނަފުސަށް ބުނާނެއެވެ. ކަލޭ އެއަންހެނާއާ މާގަދަޔަށް ހިތާވީއެވެ. އޭގެ ސަބަބުން އެތައް ލައްކަ ރުފިޔާއެއްގެ އަގުހުރި ސިހުރެއް ކަލޭ ކިބައިން އުނިވީއެވެ. ހަރުފަ ނެއްޓުމުގެ މަގު ޚިޔާރުކުރާ މީހަކު އަންހެނަކާ ހެދި މޮޔަވާން ވެދާނެ ހެއްޔެވެ؟ ހުނަރަށް މޮޅުވުމަށްޓަކައި ކަލޭގެ ނަފުސުގެ މައްޗަށް ގަދަވާން ޖެހެއެވެ. ކުޑަވެސް ގޯހެއް ހެދިއްޖެ ނަމަ އޭގެ އަގު އަދާކުރާން ޖެހޭނީ ކަލޭގެ ފުރާނައިންނެވެ.

އާނއެކެވެ. ހަރުފަނެއްޓުމުގެ ހުނަރަކީ ލިބިގަންނަށް އުނދަގޫ އެއްޗެކެވެ. ލިބިގަތުމަށް ފަހު ހުނަރު މަތީ ދެމިހުރުމަކީ ހަމަ އަދި މާ އުނދަގޫ ކަމެކެވެ. އަންހެން ސިންގާއެއްގެ ކިރު ހިހޫކުރެވޭނީ ރަނުގެ ބޯތައްޓަކަށް އަޅައިގެންނެވެ. މުށީގެ ބޯތައްޓަކަށް އަޅައިގެން ހިހުލެއް ނުކުރެވޭނެއެވެ. ގަންގާ ކޯރު އުޑުން ބިމަށް ބާވައިލައްވައި ހަންމަތަ ވުނީ މަތިވެރި “މަހަދޭވް” އެތަނަށް ބިމަށް ފައިބައި ވަޑައިގެން ނޫން ހެއްޔެވެ؟

މިފަދަ ހިނދު ހިނދަށް ލާޑޫގެ ހިތުގެ އަޒުމް ހަށީތެރޭގައި ހިރުވައިގަންނާނެއެވެ. އަދި ކަންފަތްދޮށުގައި ސިއްރު ސިއްރުން ބުނެލާނެއެވެ. ކަލޭގެ ހަޔާތުގައި ފުރިހަމަ ނުވެ އޮތް އުއްމީދު ކަލޭގެ ދަރިފުޅު ފުރިހަމަކޮށްދޭނެއެވެ. ކަލެއަށް ހަރުފަ ނައްޓާ “ފަންޑިތަ” ދަސްވީ ކިހައި ދަތި އުނދަގޫ ރާސްތާއެއް ކަޑައްތު ކުރިފަހުން ހެއްޔެވެ؟ ކަލޭގެ “ފަންޑިތަ” އެއީ ކަލެއާއެކު މަރުވެ ކަށްވަޅަށް ދާނެ އެއްޗަކަށް ވިޔަނުދޭށެވެ. ކަލޭގެ ދަރިފުޅު އެއީ މިސަރަހައްދުގެ ހަރުފަނައްޓާ މީހުން ލަދުގަންނަވާލާ ފަދަ ކުޅަދާނަ މީހަކަށް ހަދާށެވެ. މިއަޒުމްގައި އޭނާ ޖަކްރާއަށް ނަސޭހަތްތެރިވީ ކައިވެންޏެއް ނުކޮށް ހަވާ ނަފުސުގެ އެދުންތަކުން އެއްކިބާވެ ހުސްތޯހިރުކަން މަތީ ހުރުމަށެވެ. މިފަދަ މީހުން ކުރިމަތީ އޮންނަ މަގަކީ ގުރުބާނީތަކުން ފުރިގެންވާ މަގެކެވެ. ކުޑަދުވަހުއްސުރެ ޖަކްރާ ސާބިތުވެ ހުރީ މިމަގުގައެވެ. “އަންހެން” ކިޔައިފި ނަމަ އޭނާ ހަމަހުގެ ތުއްތު ކުއްޖަކާ ދިމާއަށް ވެސް ބަލައި ނުލާނެއެވެ. އަންހެނުންނާ މެދު އޭނާ ހިތަމުން އެއީ އެއީ އެއްބަނޑު އެއްބަފާ ކޮއްކޮއިން ދައްތައިން ނުވަތަ މައިން ކަމުގައެވެ. އޭނާގެ ދީނުގައި ހުއްދަ ނޫން އެއްވެސް ޒާތެއްގެ ކާއެއްޗެއް އޭނާ ނުކާނެއެވެ. އެހެންމީހަކު އެތިފޮދެއް ބޮއިފައި ހުރި ފެންތައްޓެއް ނުމެ ބޯނެ މެއެވެ. އޭނާގެ ހަށިގަނޑު އަބަދުވެސް ބަހައްޓާނީ ކިލަމިލައިން ސާފުކޮށް ތާހިރުކަން މަތީގައެވެ. އޭނާ ފައިވާނަށް ފައިމަހައިލާނީ ހިރަފުސް ދުއްވާލަން ފައިވާނުން ބިމުގައި ތިން ފަހަރު ޖަހައިލައި ކިޔަން އޮންނަ ދުއާ ކިޔައިފައެވެ.

ނުތާހިރު މީހެއް ގައިގައި އޮޅިގެންވެސް ބީހެވިއްޖެ ނަމަ އޭނާ ވަގުތުން ހިނައިގަންނާނެއެވެ. ޖަކްރާ ފުރާވަރަށް އަރަމުން އައިއިރު އެއީ މީހުންގެ ކަޅިތައް ހުއްޓުވާލާ ފަދަ ބުރުސޫރަ ރިވެތި ކުއްޖެކެވެ. އޭނާގެ ހަރަކާތްތައް ސާމަރާ ދޫންޏެއްގެ ހަރަކާތްތައްހައި ފަރިއެވެ. އޭނަވީ އޭނާގެ ބައްޕަގެ އަނގުންތައް ވަރުން އެޅިގެންވާ ހައްޓާއި އޭނާގެ މަންމަގެ ފަރި ހަރަކާތްތައް ވާރުތަކޮށްގެން ހުރި ކުއްޖަކަށެވެ. ޚިޔާލުތަކުގެ ސާފު ތާހިރުކަމާއި ހިއްސުތައް ހާނުވާލި ސުލޫކު އޭނާގެ ރިވެތި މޫނަށް ގެނެސްދީފައި ވަނީ ޗާލު އޮފެކެވެ. އޭނާގެ ހަށިގަނޑުގެ ކޮންމެ ވަނާއެއްމެ ދޭހަކޮށްދެނީ އޭނާގެ ޒާހިދުކަމެވެ. އޭނާގެ މޫނުގައިވި ޖާދުވީ އިޝާރާތްތައް އަންގައިދެނީ މިހައި ޅަ އުމުރުގައި ވެސް އޭނާގެ ހުނަރު ތަރައްގީވެފައިވާ މިންވަރެވެ.

އޭނާގެ ހަރުފަ ނެއްޓުމުގެ ޖާދޫ އޭނާ އިމްތިހާނު ކުރީ ދެހަރުފަ ޖާދޫގައި ޖައްސައިގެންނެވެ. މީހުން ބުނާ ގޮތުގައި އެދެހަރުފަ އުޅެނީ އުޖާދާ ތޮށިމަތީގައި ހުންނަ ހިނި އުތުރޭ ފަސްފުނީގައެވެ. ހަރުފަ ނެއްޓުމަށް އެންމެ އަރާ ތިބި މީހުން އެމީހުން ވަރުބަލިވަންދެން އޮނު ފުމުނު އިރުވެސް އެންމެ ކުޑަމިނުން ހޮރުން ބޯހިއްލައިލައި ބަލައިވެސް ނުލިއެވެ.

ފަސްފުނި ދޮށަށް ޖަކްރާ ގޮސް އޭނާގެ އޮނު ފުންމަން ފެށިއެވެ. ރީތި އަލި ދަތްޕިލައެއްގެ ދެފަޅި ހެން ހުދު، ސާފު ބޮލި އެތުރިފައި ހުރި އޮނެވެ. ދެދުވަހު އޭނާ އޮނު ފުންމިއިރު ވެސް ކަހާ ތަން ހިރުވައި ނުލިއެވެ. ނަމަވެސް ތިންވަނަ ދުވަހު އޭނާ ފުމެމުން ދިޔަ ފޮނި ރާގުގައި ނުޖެހި ހިފަހައްޓައެއް ނުލެވުނެވެ. އެހިސާބުން ހޮރުން ބޯ ދީގެން ތިބެ ދެސޮރު ނަށަން ފެށީއެވެ. ފަސްފުނިން ފައިބައިގެން ދުވަމުން ނަށަމުން އައީ ކައިރި ފަށަށެވެ. އޭނާ ހެދި މަންތަރަށް ދެ ސޮރު ތަން ހަރުވެ، ބިންމަތީ ބާއްވައިފައި އޮތް ދެގަނޑު ދަނޑި ހެން ގުޑައިނުލެވިފައި ތިއްބެވެ. ދެން ޖަކުރާ ވަށި ޖަހައިފައި އެ ދެސޮރު ވައްޓަށް ލިއެވެ.

މުސްކުޅި ލާޑޫ މަރުގެ ތަންމަތީގައި އޭނާގެ ދަރިފުޅަށް ވަސިއްޔަތް ކުރިއެވެ. “މާތްކަލާނގެ ރުހިވޮޑިގަތުން އަހަރެމެންނަށް ލިބޭނީ ލެއްވިހައި ސޫފާސޫފި ވެސް އެއީ އަހަރެމެންނާ އެއްލޭ ހިނގާ އެއްޗެހި ކަމުގައި ހިތީމައެވެ. ހަރުފަ ހިފައިފައި ބާއްވަން ވާނީ ފޮއި ދުވަހުއެވެ. ހަނދާންކުރާށެވެ. ފަނަރަވަނަ ދުވަހު އެސޮރުމެން މިނިވަންކޮށް ދޫކޮށްލަން ވާނެއެވެ. އެމުއްދަތަށް ވުރެ އެންމެ ދުވަހެއްވެސް އިތުރަށް އެސޮރުމެން ހައްޔަރުކޮށްފައި ބައިތިއްބުން ވާނީ ބަސްނުމޮށެވޭ މަންމަން ސޫފާސޫތްޕަށް އަހަރެމެންނަށް ދެއްކޭ އަހުވަޔަކަށެވެ. އެކަމުގެ އަޒާބު މާތްކަލާނގެ އަހަރެމެންނަށް ދެއްވާނެއެވެ.

ބައްޕަގެ މި ވަސިއްޔަތާ އެއްގޮތަށް ޖަކްރާ އަމަލު ކުރަމުން ދިޔައެވެ. ވިހަދަތް އުފުރައިލައިފި ނަމަ ކުޑަކުއްޖަކަށް ވެސް ހަރުފައެއް ގެންގުޅެވިދާނެއެވެ. ޖަކްރާ ދުށް ގޮތުގައި އޭނާ ފަދަ ފަންނީ މީހަކު ގެންގުޅޭ ހަރުފަ ޖޯޑެއްގެ ވިހަ ދަތް އުފުރައިލުން ވާނީ އެސޮރުމެންނަށް ދެވޭ އަނިޔާއަކަށެވެ. އެފަދަ ކަމެއް އޭނާއެއް ނުކުރާނެއެވެ.

ވައިރޯޅިއާއެކު ރަށުތެރޭގައި އެނބުރިގަތީ ޖަކްރާ އައު ކޯބްރާ ޖޯޑެއް ފުންމާ އޮނުގެ ޖާދޫއިން ހިފި ވާހަކައެވެ. ‘އަވަށު މުސްކުޅީންނަށް’ މިޚަބަރު ލިބުމުން ޖަކްރާ އަވަށުވެރި ގެއަށް ހާޒިރުކުރެވުނެވެ.

ހަރުފަ ނެއްޓުމަށްޓަކައި އިސްޓޭޖު އޮތީ ތައްޔާރުކޮށްފައެވެ. ކުޅިބަލަން އެއްވަމުންދިޔަ މީހުންގެ އަދަދު އައީ އިތުރުވަމުންނެވެ. އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ ނަށަމުންދާ ކޯބްރާ ޖޯޑަށެވެ. އެކަމަކު ނަށަމުންދާ ޖޯޑަށް ބެލުމެއް ނެތި އޮނު ފުންމާ ބުރުސޫރަ ރިވެތި ޒުވާނާއަށްޓައި ހުއްޓި ޝޯޚުވެފައި ހުރި ދެލޯ ހުއްޓެވެ. އެދެލޮލަށް ހަރުފައިގެ ނެށުމަށް ވުރެ ހަރުފަ ނައްޓާ މީހާ ވީ މާ ޖާދުވީ މީހަކަށެވެ. އެދެލޮލުގެ ވެރިޔަކީ އެކަމަނާގެ ކިއްލާގެ ބެލްކަނީގައި ސިއްރުން ކުޅިބަލަން ހުންނެވި ތޭޖާ ބާއެވެ. އެކަމަނާއަކީ އެސަރަހައްދުގެ އައު ‘ތަކާރާނީ’އެވެ. މި ޒުވާން ރާނީއަށް ލަގަބު ލިބިވަޑައިގަތީ ދާދި ފަހުންނެވެ. މިއީ ރީތި ހުސްކޮށްގެން ހުންނެވި ފުރިހަމަ ހަނދެއް ފަދަ ކަމަނާއެކެވެ. މުޅި ރަށް ވެސް ވަނީ އަކަމަނާގެ ޖާދޫގައި ޖެހިފައެވެ. މިއީ ފިސާރި ބޮޑާ އަންހެނެކެވެ. އެކަމަނާ ބައްލަވާލައްވާނެ އަމީރަކު ވަޒީރަކު މިއޮތް ބޮޑު އިންޑިއާގައި ނެތް ކަހަލައެވެ. އެކަމަނާއާ ރީތީގައި އަރާއަރަފޯދިގެންވާ ފިރިހެނަކު ފެނިވަޑައިނުގަނެގެން އެކަމަނާ ހުންނެވީ ބޭގަރާރުވެފައެވެ. ނަމަވެސް ޖަކްރާ ފެނިވަޑައިގަތުމާއެކު އިހުސާސްކުރެއްވުނީ އެކަމަނާ ހިތްޕުޅާވާ ސިފަ ހުރި ފިރިހެނަކު ފެނިއްޖެ ކަމަށެވެ.

ޖަކްރާ އޮއްބޮޑު ކާޢްޓެއްހައި ވަރަށް ކޯ ފުއްޕާލައިގެން ހުރެ އޮނު ފުންމަމުން ދިޔައެވެ. މިއުޒިކަށް ވަޖިދުވެ ދެއަތަށް ހެލިލަހެލިލައި ހުރެވުނެވެ. އޭނާޔާއެކު ކޯބްރާ ޖޯޑުވެސް ނަށަމުން ދިޔައެވެ. ފިރިހެން ސޮރުގެ “ނިތް” މަތީގައި ވަރަށް ރީތި ކަޅުތިލައެއް ހުއްޓެވެ. އެސޮރުގެ ދިހުންއަރާ ރީތި ކަޅުބޯ،  ހުދު ނޫކުލައިގެ ކަނދުރާމަތިން ހާމަވާއިރު އެންމެންނަށް ވެސް ހީކުރެވުނީ މީ އަނެއްކާ ކޯބްރާއިންގެ ރަސްގެފާނު ނޫން ބާވައެވެ. އަދި ހަމަ އެފަދައިން ރަސް ކޯބްރާ ކައިރީގައި އިނދެ ނަށަމުންދާ އަންހެން ކޯބްރާ އެއީ ކޯބްރާއިންގެ ރާނީއޭ ހިތަށްއަރައިހައި ރީއްޗެވެ. ޖަކްރާގެ ލޮލާއި ބޮލާއި ކަންފަތާއި ނޭފަތާއި މުޅި ނަފުސު މިހާރު ހުއްޓިފައި ހުރީ ފިރިހެން ކޯބްރާގެ ނޯށަށާއި އަންހެން ކޯބްރާގެ ތޫނުފިލި ލޮލަށެވެ. އެހަމަހިމޭން ދެލޯ އެންމެ ހިދުކޮޅަކަށް ވެސް ހަމަހިމޭން ގޮތް ދޫކޮށްލައި “ފުންމާލާ” ގޮތް ނުފެންނީ ކީއްވެ ހެއްޔެވެ؟ އޮނުފުންމާ މީހާ އާއި އޮނަކީ މިހާރު އެކައްޗެކެވެ.

ކޯބްރާގެ ސަމާލުކަން އެކަމަނާގެ މައްޗަށް އަނބުރާލުމަށްޓަކައި ތޭޖާ ބާ، އެއްއަތްޕުޅުގައި ހުރި އުޅާބައިން އަނެއް އަތްޕުޅުގައި ހުރި އުޅާބައިގައި ޖައްސަވާލެއްވިއެވެ. ހަމަ އެހިނދު، ފަޅި ސިކުންތަކަށް ޖަކްރާގެ ނަޒަރު އެކަމަނާ އަށް ހުއްޓިއްޖެއެވެ.

ފުންމަމުން ދާ ރާގު ކުންނަށް އަރަމުން ދިޔައިރު ކޯބްރާ ޖޯޑު ތިބީ ވަޖިދުއައިސް ނެށުމައިގެން މޮޔަވާ ދަރަޖައަށް ގޮސްފައެވެ. އެސޮރުމެން މައިތިރި ކުރުމަށްޓަކައި އޮނު ފުންމުން ޖެހޭނީ މަޑުމަޑުން ލަސްކުރަމުން ގެންދާށެވެ. އޭގެ ބަދަލުގައި ކަތިވެގެން ދިޔަ އޮނުފުންމާ މީހާގެ ނަޒަރަށް މިޔުޒިކު މެދުކެނޑުނީއެވެ. މީގެ ސަބަބުން ކޯބްރާ ޖޯޑަށް އެރި ލޮޅުމުގެ ނަތީޖާ އައީ ވަރަށް ހިތިކޮށެވެ. އެސޮރުމެން އަރައިގަތް ރުޅީގައި ކޮއްޖަހައި ޖަކްރާ އަތުގައި ދައިގަތީއެވެ. އާނއެކެވެ. ވިހަލީއެވެ. އެއާއެކު އަތުން ދޫވެގެން ފުންމާ އޮނު ބިންމައްޗަށް ވެއްޓިއްޖެއެވެ. ފެނިގެން ދިޔަ ހިތާމަވެރި މަންޒަރުން އެއްވެފައި ތިބި މީހުން ހޭލަމޭލަވެގަތެވެ. އެހެނަސް އޮނު ފުންމި ސަމާލުކަން އަދިވެސް ޖަކްރާ ގައިން ދޫވެގެންނެއް ނުދެއެވެ. އެގޮތް މިގޮތުން އޭނާ ހަރުފަ ވައްޓަށް ވެއްދިއެވެ. ޖަކްރާގެ އަތުގައި، ކޯބްރާ ވިހަލީ ތާނގައި އިސާހިތަކު ފެހި ބިއްލޫރީގެ އޮފުހުރި ފާހަގައެއް އުފެދި ފެތުރިއްޖެއެވެ. ހަރުފަ ނެއްޓުމުގެ ކުޅި ބަލަން އެއްވި މީހުން އިނާމުގެ ގޮތުގައި އުކި ފައިސާ ފޮތިތައް ހުރީ ބިންމަތީގައެވެ. އެއިން ފައިސާ ފޮއްޗެއްގައި ޖަކުރާއަށް އަތްވެސް ނުލެވުނެވެ. އޭނާ ހަރުފަލީ ވަށީގައި ބޯ އަޅައިލައިގެން އޮވެ ލޯމަރަލައިފިއެވެ. އިސާހިތަކު މީހާގެ ހޭ ހުސްވެއްޖެއެވެ.

އެއްވެފައި ތިބި މީހުން ގޮތް ކިޔަން ފަށައިފިއެވެ. އެކަކު ބުންޏެވެ. “ހަރުފައަކަށް ގެރިކިރު ބޯންދީ ބޮޑުކުރެވިދާނެއެވެ. އެކަމަކު އެވާނީ ދެންވެސް ހަރުފަ އަކަށެވެ. އޭގެ ތަބީއަތަކީ ބަދަލުވާނެ އެއްޗެއް ނޫނެވެ.”

އެހެން މީހަކު ބުންޏެވެ. “ހަށިގަނޑުން ކިތަންމެ ކުޑަ ސޫތްޕަކަސް ކޯބްރާ އެއީ ގެންގުޅެން ހޮޔޮވާނެ އެއްޗެއް ނޫނެވެ. އެވިހަލައިފި މީހަކު ވާނީ މަރެވެ. ވިހަޔަކީ ކިތަންމެ ކުޑަމިންވަރެއް ވިޔަސް އެއީ ބޭހެއް ފަރުވާއެއް ނެތް އެއްޗެކެވެ. ވިހަ ވާނީ ވިހައަށެވެ.”

އެހެން މީހަކު ބުންޏެވެ. “ރާނާ މީހުން މަރުވަނީ ރާނަން އުހަށް އަރާ ހުއްޓާ ވެއްޓިގެންނެވެ. ރަންމުތަށް ފީނާ މީހުން މަރުވަނީ ފީނަން އުޅެނިކޮށް ގަދަ ކަނޑުގައެވެ. ހަރުފަ ނައްޓާ މީހުން މަރުވާނީ ހަރުފަ ވިހަލައިގެންނެވެ.”

“މިއީ ހަމަ ރަނގަޅު ޖޯކެކެވެ. އެވަރުގެ ބޮޑެތި ހަރުފަ އެކަހަލަ ވަށިވަށީގައި ގެންގުޅުމެވެ. އެއީ ކުރަފަތެއްގެ މިއަމަތީ ހިނގުން ފަދަ ކަމެކެވެ.”

“މީހަކަށް ދުނިޔެއަޅައި ގޮސް ހޮހަޅެއްގައި އިންނަ ޔޯގީއެއްހެން ދުނިޔަވީ އުފާތަކުން އެއްކިބާވެ، ދަތި އުނދަގޫ އަޅުކަންތައްތަކެއް ޚިޔާރު ކުރެވިދާނެއެވެ. ހަރުފަ ކިޔަމަން ކުރުވުމަށްޓަކައި އެފަދަ އަޅުވެރިއެއްގެ ނަފުސުގެ ތޯހިރުކަން ބޭނުން ވެއެވެ. ހިނި އުތުރޭ ފަސްފުނިފުނީގައި ލެއްވި ކޯބްރާ ވައްޓެއްގައި ގެންގުޅުމީ މާފަސޭހަ ކަމެއް ނޫނެވެ.”

“އެހެން ނޫނަސް ޖަތުރިބާކާރު ހަރުފަނައްޓާ މީހަކު ހަމަ ރަނގަޅަށްވެސް ހަރުފަ ނައްޓަން ދަންނާނެއެވެ. އެމީސްމީހުންގެ ނިސްބަތުން މިޖަކްރާ މީ އަދި ކިރުބޯ ކުއްޖެއް ނޫން ހެއްޔެވެ؟ މިސޮރަށް ހަރުފައިން ރެކެން އެނގޭނީ ވެސް ކިހިނެއް ހެއްޔެވެ؟”

“ގަބޫލު ކުރާށެވެ. ހަރުފަ ނެއްޓުމުގެ ހުނަރަކީ ހުނަރުތަކުގެ ތެރެއިންވެސް ލިބިގަންނަން ދަތި އުނދަގޫ ހުނަރެކެވެ.ހަރުފަ ގެންގުޅެންވާނީ ތިމާގެ އުފަންދަރީން ގެންގުޅޭ ހެން ލޯބިންނެވެ. ހަރުފައެއް ހިފައި ހައްޔަރުކޮށްފައި ފޮއިދުވަހަށް ވުރެ ގިނަ ދުވަހު ބައިންދައިގެން ނުވާނެއެވެ.”

“ހައްޔަރުކޮށްފައި އިންނަ ފޮއި ދުވަހުގެ ތެރޭގައި ވެސް ކޯބްރާ ޖޯޑެއް ފައިސާ ފޮއްޗެއް އެދުމުގައި ނެއްޓުމަކީ ހަމަ ރަނގަޅަށް ވެސް ޖޯކެކެވެ. ނައްޓާ މީހާގެ އޮންނަންވާނީ އެކަތައިގެ ހިތެކެވެ. އެފަދަ ހިތެއްގެ ވެރިއަކަށް ކޮންމެ ކޮންމެ މީހަކަށް ވެވިދާނެ ހެއްޔެވެ؟ ހަވާ ނަފުސުގެ އެދުންތަކުން އެއްކިބާވެ ހުސްތޯހިރުވެ ހުންނަން ޖެހެއެވެ. ނަޒަރު ވެސް ވާން ޖެހޭނީ ރައްކާކުރަން ފުޅިޔަކަށް އަޅާ ތޮޔޮ ފަދަ ސާފު އެއްޗަކަށެވެ. ކުޑަވެސް ހަޑިމުޑުދާރު ކަމެއް ހުރެއްޖެ ނަމަ އޭގެ ގެއްލުން އަންނާނެއެވެ.”

“ހަރުފަ ނައްޓާ މީހުން ވާން ޖެހޭނީ އެއްގެއިން އަނެއް ގެއަށް ކާއެތިކޮޅު ހޯދަން ސަލަން ޖަހާ މީހަކު ފަދައިންނެވެ. ގޭގެ ވެރި އަންހެންސާހިބާ އުޅާބައި ތަޅުވާލި ނަމަވެސް އޭނާ ހުންނަން ޖެހޭނީ އިސްޖެހިފައެވެ. އިސްއުފުލައިލައި ބަލައިލައިގެން ނުވާނެއެވެ.”

“ހުނަރުގެ މަގަކީ ދިރޭރަހަ ފަދަ އެއްޗެކެވެ. އެމަގުގައި ފައިތިލަ ސާބިތުކޮށް ހިފަހައްޓާލެވޭނީ އަސްލު ހުނަރުވެރީންނަށެވެ. އާދައިގެ މީހުންނަކަށް އެގޮތުގައި ހިފަހައްޓައެއް ނުލެވޭނެއެވެ. ހަރުފަ ނައްޓަން ދަސްކުރުމަކީ ފަސޭހަ ކަމެކެވެ. އުނދަގޫ ކަމަކީ މިހުނަރުގެ އަރާހުރި އެދުރަކަށް ވުމެވެ. އެދުރަކަށް ވެވޭނީ ފިސާރި ހުނަރުވެރީންނަށެވެ.”

ވާޗްދާގެ ކިއެވެނި ކަލޭގެފާނު ޖަކްރާ އަށް ފަރުވާ ދިނުމަށް ގެނެވުނެވެ. އޭނާ ދުންއަޅައިގެން ކިއެވެލި ފެއްޓިއެވެ. ގޮވެލިފައްޗަކަށް ފަހު ގޮވެލިފައްޗެއް އިއްވަމުން ދިޔައެވެ. އޭނާގެ ކިއެވެއްޔަކުން މަންތަރަކުން ކުރި ފައިދާއެއް ނެތެވެ.

އެއްވެފައި ތިބި މީހުން މާޔޫސްވެއްޖެއެވެ. ޖަކްރާގެ ހަށިގަނޑު އޮތީ މާނިދި މަތުރާފައި އޮތް މީހެއްހެން ހަރުދަނޑިއަރައިފައެވެ. ހޭވެރިކަމުގެ ކަންފުޅެއް ވިޔަސް ނެތެވެ.

އެއްވެފައި ތިބި މީހުންގެ ބޭގަރާރުކަން ތަފާތު އިބާރާތްތަކުން ފާޅުކުރަމުން ދިޔައެވެ. ކިއެވެނި ކަލޭގެފާނު ދަންނަންޏާ ދަންނަ ކިއެވެއްޔެއް ކިޔަވަމުން ގެންދިޔައެވެ. އެހެނަސް ކުރި ފައިދާއެއް ރާހަތެއް ނެތެވެ. ގޮތް ހުސްވާ ދަރަޖަ އަށް ދިއުމުން އޭނާ އެންމެ ފަހުގެ ކިއެވެލި ފެއްޓިއެވެ. މިއީ ހަރުފަ ވިހަލާ މީހުން ގަދަކުރަން ކިޔަވާން އޮތް އެންމެ “ގަދަ” ކިއެވެއްޔެވެ. މިކިއެވެލި ކިއެވީ ބަދުރޫހެއް ފަހައިލާން އުޅޭ ފަދައަކުން ފޮށާ ޖަހަމުންނެވެ. މިއާއެކު ވިހަލީ ހަރުފަޔަށް އެންމެ ފަހުގެ އިންޒާރު ދެވުނެވެ. މިއިންޒާރުން ޖަކްރާގެ ހަށީގައި ހުރި ވިހަ ނިކުންނާނެ ކަމަށް އެއްވެ ތިބި މީހުން އުއްމީދު ކުރިއެވެ. ނުނިކުމެއްޖެ ނަމަ އޮތީ ފޮށާ ވީދައި ކުދިކުދި ކުރުމެވެ. އެއާއެކު ކިއެވެލީގެ ބާރުގައި ހަރުފަވެސް ހަމަ އެގޮތަށް ވީދި ފަޅަފަޅައިގެން ދާނެއެވެ.

ޖަކްރާ ކައިރީގައި ތިބި މީހުން ހޭދެބައިވެފައި އޮތް މީހަކު ތުންތަޅުވައި ކިޔާ ޒާތުގެ އެއްޗެއް ޖަކްރާ ކިޔާތީ އެއްސެވެ. އޭނާ ކީ ކަމަށްވަނީ “ކިއެވެނި ކަލޭގެފާނެއެވެ. ވަށީގައި އޮތް ހަރުފަޔަށް ކަލޭގެފާނު ތިޔަވަރުގެ އަހުވައެއް އަޒާބެއް ދިޔަ ދައްކަވަނީ ފަހެ ކީއްވެ ތޯއެވެ؟ މަގޭ ލެޔާ އެކުވެފައި މިހުރީ ހަމައެކަނި ހަރުފަ ވިހަ ނަމަ ތިޔަ ކިއެވެލީގެ ބާރުގައި އެވިހަ ހަށިން ނިކުންނާނެތާ ކިތަންމެ އިރެކެވެ. އެވިހަޔާ އެކުވެފައި ވަނީ ރީތި އަންހެނެއްގެ ލޮލުންލީ ލޯބީގެ ޒަހަރެވެ. އެނގިލައްވާ ތޯއެވެ؟ އެއީ ހާދަ ފޮނި ޒަހަރެކެވެ. އަދި ހުތް ޒަހަރެއް މެއެވެ. އެޒަހަރަށް ކިޔަވާނޭ ކިއެވެއްޔެއް، ހަދާނޭ ބޭހެއް ފަންޑިތައެއް، ދޭނޭ ފަރުވާއެއް ކަލޭގެފާނު ފުށަކު ނުވެއެވެ.

ކިއެވެލި ކޮޅަށް ނުދަނީސް ޖަކްރާގެ ހުވާސް ހިނގައްޖެއެވެ. އެކަމަކު ބެލްކަނިން ބައްލަވަން ހުންނެވި ތޫނުފިލި ލޯފުޅު ހުއްޓިފައި ހުރީ ޖަކްރާގެ ފުރާނަ ނެތް މަސްގަނޑަށެވެ.

-ނިމުނީ-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment