އިބްރާހީމް މާހިރު

28. އިސްލާމީ ފިޤްހު އާކުރުން
އިސްލާމް ދީނަކީ މެދުމިނުގެ ދީންކަން ހާމަވާ ސިފަތުގެ ތެރޭގައި އިސްލާމީ ފިޤްހު އާވެއާވެ ހުރުން ހިމެނެއެވެ. ކީރިތި ޤުރްއާނާއި ނަބަވީ ސުއްނަތް ފަހްމުކޮށްގަތުމުގައި އަބަދާ އަބަދު ވިސްނަން ޖެހެއެވެ. އަލްއަންޢާމް ސޫރަތުގެ 98 ވަނަ އާޔަތުގައި ވަނީ " قَدْ فَصَّلْنَا الْآَيَاتِ لِقَوْمٍ يَفْقَهُونَ" މާނައަކީ: "ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އާޔަތްތައް ވަކިވަކިން ބަޔާން ކޮށްދެއްވަނީ ވިސްނާ ބަޔަކަށެވެ". ކީރިތި ރަސޫލު صلى الله عليه وسلم ގެ ބަސްފުޅެއްގައި ވަނީ "من يرد الله به خيرا يفقهه في الدين" މާނައަކީ: "ﷲ ހެޔޮގޮތް އިރާދަކުރައްވައިފި މީހަކު ނަމަ އެމީހަކު ދީނުގައި ފިޤްހުވެރިކުރައްވާނެތެވެ."
ފިޤްހު ވެރިވުމުގެ މާނާގައި އެތައް ކަމެއް ޝާމިލުވެއެވެ. އޭގެތެރޭގައި ކައުނުގެ ކަންކަން ހިނގާގޮތް އެނގުމާއި، ޝަރީޢަތުގެ މަޤްޞަދުތައް އެނގުމާއި، ކަންކަން ނިމިދިއުން ހަމަޖެހިފައިވާ ޢާއްމު ހަމަތައް އެނގުމާއި، ކަންކަން އަޅައިކިޔަން އެނގުމާއި، އިސްކަންދޭންޖެހޭ ކަންކަމާއި ފަސްކުރަންޖެހޭ ކަންކަން އެނގުމާއި، އެއްބަސްވާޖެހޭ ކަންކަމާއި އެއްބަސްނުވެވޭނެ ކަންކަމަކީ ކޮބައިކަން އެނގުމާއި، ރަށްވެހިކަމާ ގުޅުންހުރި ކަންތައްތައް އެނގުމާއި، ކަންކަމާއި އެއްޗެހި ބަދަލުވަމުން އަންނަގޮތް އެނގުމާއި، ތިމާގެ ވަށައިގެންވާ ކަންކަމުގެ މިހާރުގެ ޙާލަތު އެނގި ފަހުމްވުން ހިމެނެއެވެ.

މިޒަމާނުގެ ޢިލްމުވެރިންގެ މައްޗަށް ވާޖިބުވެގެން ވަނީ އެންމެ ކުޑަވެގެން އެމީހަކު މަސައްކަތްކުރާ ދާއިރާގައި ވީހާވެސް ފުންކޮށް ޢިލްމުވެރިވެ ފިޤްހުވެރިވުމެވެ. އޭރުން ދީނަށް ގޮވައިލާ މީހާ އެކަން ކުރާނީ ބަޞީރަތާއެކުގައެވެ. މާނައަކީ، އޭނާ ދައްކާ ވާހަކަ ދައްކާނީ ހިތާއި ލޮލަށް ފެނިގެން ހުންނަ ޙާލަތުގައެވެ. މުފްތީއަކު ނަމަ އޭނާ ފަތުވާދޭނީ ރޯފިލައި ހުރެގެންނެވެ. އެދުރަކު ނަމަ ކިޔަވައިދޭނީ ޢިލްމުގެ އަލިކަމާއެކުގައެވެ. ފަނޑިޔާރަކުނަމަ އޭނާ ޙުކުމް ކުރާނީ ހެއްކާއެކުގައެވެ.

29. އިސްލާމީ އުއްމަތުގެ ރަށްވެހިކަމުގެ ކާމިޔާބީތައް ބަލައިގަތުން
މުޅި ދުނިޔެ ހައިރާންވާފަދަ ތާރީޚީ ކާމިޔާބުތަކެއް އިސްލާމީ އުއްމަތް ހޯދައިފައިވާކަމީ ޝައްކަކަށް ޖާގައެއް އޮތްކަމެއް ނޫނެވެ. އެތައް ބިމެއް މުސްލިމުން ފަތަޙަ ކޮށްފައިވަނީ ކުރު މުއްދަތެއްގެ ތެރޭގައެވެ. އެއްވެސް ޙާލެއްގައި މުސްލިމުން އެކަން ކޮށްފައިވަނީ އެބިންތަކުގެ ރައްޔިތުން އަޅުވެތިކުރާކަށް ނޫނެވެ. މުސްލިމުންގެ ބޭނުމަކަށް ވެފައިއޮތީ، ކީރިތި ޤުރްއާނުގައި އަމުރުކުރައްވާފައިވާ ފަދައިން އެބިންތަކުގައި އަޅުވެތިވެ ނިކަމެތިވެ، އަނިޔާ ލިބިލިބި ތިބި އެތައް ރައްޔިތުންނެއް މިނިވަން ކުރުމެވެ. މިނިވަންކަމާއެކު އެމީހުންގެ ދީން އިޚްތިޔާރުކުރުމުގެ ފުރުސަތު ދިނުމެވެ.

އިސްލާމީ ޙަޟާރަތު ބިނާވެގެންވަނީ ޢިލްމާއި އީމާންކަމާ އެކުއެކީގައެވެ. ރައްބާނިއްޔަތާއި އިންސާނިއްޔަތާއެކުގައެވެ. މާއްދީ ތަރައްޤީއާއި މަތިވެރި އަޚްލާޤާއެކުގައެވެ. އެމަސައްކަތުގައި ޣައިރު މުސްލިމުންގެ ތެރެއިން ވެސް ބައެއް މީހުން ވަނީ ބައިވެރިވެފައެވެ. އެފަދަ މީހުންގެ ސަބަބުން މުސްލިމުންނަށް ދަތިވެގެންނޭ ބުނެ އެމީހުންނަށް މުސްލިމުން އެއްވެސް ކަމަކަށް މަޖުބޫރުކޮށް ނިކަމެތި ކޮށްފައެއް ނުވެއެވެ. ކަންކަމުގެ ރަނގަޅުގޮތް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިންސާނުންނަށް އުނގަންގައި ދިނުމުގައި އެ ޙަޟާރަތު ވަނީ އަށް ޤަރުނަށްވުރެ ގިނަ ދުވަސް ވޭތުކޮށްފައެވެ. އެ ޙަޟާރަތު ދެމިއޮތީ ޢިލްމުގެ ނޫރު ފެތުރުމުގައެވެ. ދިރާސާކޮށް ކަންކަން ހޯދުމުގައި މިޒަމާނުގައި ގެންގުޅޭ މަންހަޖުތައް ޔޫރަޕުގެ މީހުން ދަސްކުރީ މުސްލިމުންގެ ފަރާތުންނެވެ. އިބްނު ރުޝްދާއި އެނޫންވެސް ޢިލްމުވެރިންގެ ފަރާތުން ޔޫރަޕު ވަނީ ދަރިވަރުވެފައެވެ.

އިސްލާމީ ތާރީޚަކީ ކުށުން ބަރީއަ ވެގެންވާ މަޢުޞޫމު ތާރީޚެއްކަމަށް މުސްލިމުން ދަޢުވާއެއް ނުކުރެތެވެ. އެއީ އިސްލާމްދީނުގެ އުނިކަމެއް ނޫނެވެ. އެފަދަ ބައެއް ޢަމަލުތައް މުސްލިމުންގެ ފަރާތުން މަދުން ނަމަވެސް ފެނިފައިވަނީ މުސްލިމުންކަމުގައި ވިއަސް އެއީ އިންސާނުންކަމަށް ވާތީއެވެ. އެހެން ނަމަވެސް ދުނިޔެ ދުށް އެހެން ޙަޟާރަތްތަކާ އަޅާބަލާއިރު، އިސްލާމީ ޙަޟާރަތަކީ އެންމެ ކުށްމަދު އެންމެ އީޖާބީކަން ބޮޑު ޙަޟާރަތަށް ވަނީ ވެފައެވެ. އެހެންކަމުން މުސްލިމުންގެ ތާރީޚު ކިލަނބުކޮށް ހުތުރުކުރުމަށް ކުރެވޭ މަސައްކަތަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. ޚާއްޞަކޮށް ކީރިތި ރަސޫލު صلى الله عليه وسلم އެބަޔަކަށް ސަނާ ވިދާޅުވެފައިވާ ހެޔޮ ޤަރުނުތަކުގެ ތާރީޚެވެ.

ޙަޟާރަތުގެ މައިދާނުގައި މިޒަމާނުގެ މުސްލިމުންގެ މައްޗަށް އޮތް ވާޖިބަކީ ކުރީގެ އިސްލާމީ ތާރީޚާ އެއް ދަރަޖައަކަށް ޢަމަލީގޮތުން ދެވޭތޯ ބެލުމެވެ. މާޒީގައި މުސްލިމުން ހޯދި ކުރިބޯށިތައް ހަނދާންކޮށް ފަޚުރުވެރިވުމަކުން ނުވަތަ މުސްލިމުން ތަޙައްމަލުކުރި ހިތާމަތަކުގެ މައްޗަށް ދެރަވެ ރުއިމަކުން ނުފުދެއެވެ. މިއަދު މުސްލިމުން ކުރަންޖެހޭ ކަމަކީ، މާޒީން އިލްހާމު ލިބިގަނެ، މިއަދުގެ ޙާލަތު ތަރައްޤީކޮށް މުސްތަޤުބަލު ޝަރަފުވެރިކުރުމެވެ.

30. އިސްލާމީ މުއްސަނދި ތަރިކައިގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުން
މުސްލިމުންނަކީ މުއްސަނދި އަދި އެހައިމެ ތަނަވަސް ތަރިކައެއް ލިބިގެންވާ ބައެކެވެ. އެތަރިކައިގެ ބޭނުން އެންމެފުރިހަމަ ގޮތުގައި ހިފަން މަސައްކަތްކުރުމަކީ މުސްލިމުންގެ ޒިންމާއެކެވެ. އިސްލާމީ ތަރިކައިގެ ތެރޭގައި، ފިޤްހުވެރިންގެ މިންކުރުންތަކާއި، އުޞޫލީންގެ ހަމަދެއްކުންތަކާއި، ޙަދީޘް ޢިލްމުވެރިންގެ ހިތުދަސްކުރުމާއި، ޢިލްމުލްކަލާމުގެ އަހުލުވެރިންގެ ބުއްދިވެރިކަމާއި، މުތަޞައްވިފުންގެ ރޫޙާނިއްޔަތު ހިމެނެއެވެ. އަދި އަދީބުންނާއި ޝާޢިރުންގެ ފަށުއި ރީތި ބަސްތަކާއި، ޙަކީމުންގެ ފިކުރުކުރުމާއި، ޢިލްމުވެރިންގެ ތަޖުރިބާތައް ހިމެނެއެވެ.

މިހުރިހާ ތަރިކައަކީވެސް އިންސާނާގެ ބުއްދީގެ މަސައްކަތުގެ ނަތީޖާކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ. އޭގެ ތެރޭގައި ހިމެނޭ ދީނުގެ މަސްދަރުތަކާ ގުޅުންހުރި ތަރިކަތަކުގައި ވެސް ބުއްދީގެ ދައުރު ކުޑައެއް ނޫނެވެ. އެހެންކަމުން މިތަރިކަތަކަކީ ކުށެއްނެތް މަޢުޞޫމް ތަރިކަތަކެއް ނޫނެވެ. އެހެންކަމުން އެއީ ބިނާކުރުވަނިވި ފާޑުކިޔައި، މުރާޖަޢާކޮށް، ބަހުސްކުރުމަށް ޖާގައޮތް ކަންކަމެވެ. އަދި އެއިން އެކައްޗެއްގެ މައްޗަށް އަނެކައްޗަށް ބުރަދަންދިނުމާއި، ޟަޢީފުކުރުމަކީވެސް ކުރެވޭނެ ކަންކަމެވެ. ނަމަވެސް، މުޅި އިސްލާމީ އުއްމަތް އެކުގައި މަގުފުރެދުމެއްގެ މައްޗަށް އެއްގަލަކަށް ނާރާނެއެވެ.

އިސްލާމީ ތަރިކަތަކަށް ނަޒަރުކުރަންޖެހޭނީ، އިލާހީ ވަޙީގެ އަލީގައެވެ. އަދި އިންސާނުން ހޯދައިފައިވާ ދެބަސްނުވެވޭނެ ޢިލްމީ ޙަޤީޤަތްތަކުގެ ތެރެއިންނެވެ. އަދި ހަމަ އެއާއެކު މި މުއްސަނދި ތަރިކަ ރައްކާތެރިކޮށް ދިރުވައި، މިޒަމާނުގެ ވަސީލަތްތަކުގެ ބޭނުންހިފައި އެތަރިކަތަކަށް ޚިދުމަތްކުރަން ޖެހޭނެއެވެ. އުއްމަތުގެ ކުރިއެރުމަށް އެތަރިކަތައް އަދާކުރަންޖެހޭ ދައުރު ފުރިހަމަ ގޮތުގައި އަދާކުރެވި، ދެމިގެންދާ އިސްލާމީ ރިސާލަތު އަދާކުރުމަށް އެހީތެރިވެދޭ އެއްޗަކަށް މުއްސަނދި އިސްލާމީ ތަރިކަ ވާނީ އޭރުންނެވެ.

(ނިމުނީ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.