އަޙްމަދު ޝާޒް (2017) ތަޢާރުފު : ނަފުސާނީ (Psychological) ނުވަތަ ސިކުނޑީގެ (Mental) ދުޅަހެޔޮކަން، އީޖާބީ (ޕޮޒިޓިވް) އަދި ޣައިރު އީޖާބީ (ނެގެޓިވް) މި ދެގޮތަކަށް މާނަކުރެވެއެވެ. ނަފުސާނީ ދުޅަހެޔޮކަން އީޖާބީ ގޮތެއްގައި މާނަކުރާނަމަ އެއީ އިންސާނާގެ ނަފުސަށް ނުވަތަ ސިކުނޑިއަށް ހަމަޖެހުން ލިބި އެ ޙާލަތު އެގޮތުގައި ދެމިހުރުމެވެ. އިންސާނާގެ ކަންތައްތައް ތިން އަރިމައްޗަކަށް ބެހިގެންވެއެވެ. އެއީ ތިމާގެ އަމިއްލަ ނަފުސާ ގުޅޭ ކަންތައްތަކާއި، ތިމާއާ އެހެންމީހުންނާ ގުޅޭ ކަންތައްތަކާ އަދި ތިމާއާ ހެއްދެވި ފަރާތާ…

އަޙްމަދު ޝާޒް (2017)

ތަޢާރުފު :

ނަފުސާނީ (Psychological) ނުވަތަ ސިކުނޑީގެ (Mental) ދުޅަހެޔޮކަން، އީޖާބީ (ޕޮޒިޓިވް) އަދި ޣައިރު އީޖާބީ (ނެގެޓިވް) މި ދެގޮތަކަށް މާނަކުރެވެއެވެ.

ނަފުސާނީ ދުޅަހެޔޮކަން އީޖާބީ ގޮތެއްގައި މާނަކުރާނަމަ އެއީ އިންސާނާގެ ނަފުސަށް ނުވަތަ ސިކުނޑިއަށް ހަމަޖެހުން ލިބި އެ ޙާލަތު އެގޮތުގައި ދެމިހުރުމެވެ. އިންސާނާގެ ކަންތައްތައް ތިން އަރިމައްޗަކަށް ބެހިގެންވެއެވެ. އެއީ ތިމާގެ އަމިއްލަ ނަފުސާ ގުޅޭ ކަންތައްތަކާއި، ތިމާއާ އެހެންމީހުންނާ ގުޅޭ ކަންތައްތަކާ އަދި ތިމާއާ ހެއްދެވި ފަރާތާ ގުޅޭ ކަންތައްތަކެވެ.

އެހެންކަމުން އިންސާނާގެ ނަފުސަށް ނުވަތަ ސިކުނޑިއަށް ލިބޭ ހަމަޖެހުން ޙަޤީޤީ ހަމަޖެހުމަކަށްވާނީ ބުނެވިދިޔަ ތިން އަރިމަތި ހިމެނޭ ގޮތުން ނަފުސަށް ހަމަޖެހުން ލިބިގެންނެވެ. އެގޮތުން އަމިއްލަ ނަފުސާގުޅޭ ކަންތައްތަކުން ސިކުންޑިއަށް ހަމަޖެހުން ލިބެން ޖެހެއެވެ. އަދި ތިމާގެ ވަށައިގެންވާ މުޖުތަމަޢުގައި އުޅޭ އެހެން މީހުންނާ ގުޅޭ ކަންތައްތަކުން ސިކުނޑިއަށް ހަމަޖެހުން ލިބެން ޖެހެއެވެ. އަދި ތިމާ ހެއްދެވި ފަރާތުގެ (އެބަހީ: الله ގެ) ރުހިވޮޑިގަތުން ހޯދުމަށްޓަކައި، އެފަރާތުން އަންގަވާފައިވާ އެންގެވުންތައް ފުރިހަމަކޮށް، އެކަމުން ހިތްހަމަޖެހުން ލިބިގަންނަން ޖެހެއެވެ.

ނަފުސާނީ ދުޅަހެޔޮކަން ޣައިރު އީޖާބީ ގޮތެއްގައި މާނަކުރާނަމަ އެއީ އިންސާނާގެ ނަފުސަށް ނުވަތަ ސިކުނޑިއަށް ހަމަޖެހުން ނުލިބި، ނުތަނަވަސްކަން ކުރިމަތިވެ އެ ޙާލަތު އެގޮތުގައި ދެމިހުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ އިންސާނާއަށް ކުރިމަތިވާ ނަފުސާނީ ބަލިމަޑުކަމެވެ. އިންސާނާއަށް ކުރިމަތިވާ ޖިސްމާނީ (ފިޒިކަލް) ކަންތައްތަކާ ޚިލާފަށް، ނަފުސާނީ (ސައިކޮލޮޖިކަލް) ގޮތުން ކުރިމަތިވާ ކަންތައްތައް ފުރިހަމައަށް ތަފުސީރުކުރުމަކީ ވަރަށް ދަތިކަމެކެވެ.


ނަފްސު ނުވަތަ ސިކުނޑި ހަމަޖެހި ތަނަވަސްވެ ގެންވުން 

ނަފުސު ނުވަތަ ސިކުނޑި ހަމަޖެހިގެންވުމަށް ނުވަތަ ތަނަވަސްވެގެންވުމަށް ޤުރްއާނުގައި ބަޔާންވެގެންވާ އެއްނަމަކީ  انْشِرَاحُ الصَّدْرُ އެވެ. މިސާލަކަށް: ((فَمَنْ يُرِدِ اللَّهُ أَنْ يَهْدِيَهُ يَشْرَحْ صَدْرَهُ لِلْإِسْلاَمِ))  (އަންޢާމް: 125) މާނައީ: “الله ގެ ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް އިސްލާމްދީނަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވަތެވެ.” ((قَالَ رَبِّ اشْرَحْ لِى صَدْرِى)) (ޠާހާ: 25) މާނައީ: “އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ!” ((أَلَمْ نَشْرَحْ لَكَ صَدْرَكَ)) (އައްޝަރްޙު: 1) މާނައީ: “ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟”


ނަފުސު ނުވަތަ ސިކުނޑި ހަމަނުޖެހުމުގެތެރޭގައިވުން ނުވަތަ ހިތްދަތިކަން

ނަފުސު ނުވަތަ ސިކުނޑި ހަމަނުޖެހުމުގެތެރޭގައިވުމަށް ނުވަތަ ހިތްދަތިވުމަށް ޤުރްއާނުގައި ބަޔާންވެގެންވާ އެއްނަމަކީ ضَيِّقُ الصَّدْرُ އެވެ. މިސާލަކަށް: ((وَمَنْ يُرِدْ أَنْ يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِي السَّمَاءِ)) (އަންޢާމް: 125) މާނައީ: “އަދި އެކަލާނގެ މަގުފުރެއްދެވުމަށް އިރާދަކުރައްވާމީހާ، އުޑާދިމާއަށް (މައްޗަށް) އަރައިގެންދާ މީހެކޭ އެއްފަދައިން، އެކަލާނގެ އެމީހެއްގެ ހިތުގައި ދަތިކަމާއި ނުތަނަވަސްކަން ލައްވަތެވެ.” ((وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ)) (އަލްޙިޖުރު: 97) މާނައީ: “ހަމަކަށަވަރުން އެއުރެން ބުނާބުނުމުން، ކަލޭގެފާނުގެ ހިތްޕުޅު ދަތިވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.” ((وَيَضِيقُ صَدْرِي)) (އައްޝުޢަރާއު: 13) މާނައީ: “އަދި (އެއުރެން ތިމަންކަލޭގެފާނު ދޫކޮށްފާނެކަމަށް) ތިމަންކަލޭގެފާނުގެ ހިތްޕުޅު ދަތިވެއެވެ.”

ކީރިތި ޤުރްއާނުން އެނގޭގޮތުގައި ނަފުސާނީގޮތުން ހިތްތަކަށް ހަމަޖެހުން ލިބެނީ ތަޤްވާވެރިވުމުންނެވެ. އަދި ނުތަނަވަސްކަމާއި ހިތްދަތިކަން ގެނުވަނީ މަޢުޞިޔަތު ނުވަތަ ފާފައިގެ ސަބަބުންނެވެ. އައްރަޢުދު ސޫރަތުގެ 28 ވަނަ އާޔަތުގައި اللّه ވަޙީކުރައްވާފައި ވެއެވެ.  ((الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُمْ بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ)) މާނައީ: “އެއުރެންނީ، އީމާންވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟” އަދި ޠާހާ ސޫރަތުގެ 124 ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ((وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ))   މާނައީ: “އަދި ތިމަންރަސްކަލާނގެ ޤުރްއާނަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާހުށީމެވެ.”

ނަފުސާނީ ގޮތުން ހިތަށް ލިބޭ ހަމަނުޖެހުން ދެބަޔަކަށް ބެހެއެވެ. މީގެތެރެއިން ފުރަތަމަ ބަޔަކީ ޖިސްމާނީ ސަބަބުތަކާހުރެ އިންސާނާއަށް ކުރިމަތިވާ ނަފުސާނީ ތަފާތު މައްސަލަތަކެވެ. މިފަދަ ކަންތައްތައް ހިމެނެނީ މިހާރު އޭގެތެރެއިން ބައެއް ކަންތައްތަކާއި އޭގެ ފަރުވާ ހޯދިފައިވާ އަދި އަނެއްބައި ކަންތައްތައް ތަޙުލީލުތަކުގެ އަލީގައި ފަހުން ހޯދިދާނެ ކަންތައްތަކުގެ ގޮތުގައެވެ. ދެވަނަ ބަޔަކީ އިންސާނާގެ އަޚްލާޤިއްޔާތާ ގުޅުންހުރި ނަފުސާނީ މައްސަލަތަކެވެ. މިދެބައިގެތެރެއިން ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވަނީ ފަހުން ބުނެވުނު ބާވަތުގެ ކަންތައްތަކެވެ. ފުރަތަމަ ބައިގައި ހިމެނޭ ނަފުސާނީ މައްސަލަތަކަށް ޙައްލު ހޯދޭނީ ތަފާތު ކެމިކަލްތަކާ އަދި މިނޫންވެސް ތަފާތު މާއްދީ ތަކެތީގެ ބޭނުންކޮށްގެންނެވެ. އެހެންނަމަވެސް ފަހުން ބުނެވުނު ބައިގައި ހިމެނޭ ނަފުސާނީ މައްސަލަތަކަށް ޙައްލު ހޯދޭނީ އެ މައްސަލަތަކަށް ރޫޙާނީ (spiritual) ފަރުވާ ދީގެންނެވެ. މި ރޫޙާނީ ފަރުވާގެ މަގު އިސްލާމްދީނުގައި ގެނެސްދީފައިވެއެވެ.

ނަފުސާނީ ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި ނަފުސާއި ހިތުގެ އީޖާބީ ސިފަތައް އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެގޮތުން ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ނަފުސުގެ އީޖާބީ ސިފަތަކުގެތެރޭގައި: الله ތަޢާލާއަށް ބިރުވެތިވުމާއި، އީމާންތެރިކަމާއި، އަދި އެހެންމީހުންނަށް އިސްކަން ދިނުން ހިމެނެއެވެ. އަދި ހިތުގެ އީޖާބީ ސިފަތަކުގެތެރޭގައި: ރަޙުމާއި، މަޑުމޮޅިކަމާއި، ހިތްހުޅުވި ތަނަވަސްވެގެންވުމާއި، ހިތުގެ ހަމަޖެހުމާއި ތިލަފަތް ހަމަކަމާއި، ސާފުތާހިރުކަމާއި، އަދި ސަލާމަތް ޞިއްޙަތު ހިމެނެއެވެ.

ނަފުސާނީ ޞިއްޙަތުގެ ދުޅަހެޔޮކަމަށްޓަކައި ނަފުސާއި ހިތުގެ އީޖާބީ ސިފަތައް އިތުރުކުރުމާއެކު ނަފުސު ތަރައްޤީ ކުރުމަށްޓަކައި ވެސް ކަންތައްތަކެއް ކުރަންޖެހެއެވެ. އެގޮތުން ކުރެވޭނެ އެންމެ މުހިއްމު ކަންކަމަކީ ތައުބާވުމާއި، ހެޔޮކަމުގެ މަގަށް ނަފުސު ހާނުވަން މަސައްކަތްކުރުމާއި، އަދި މުންކަރާތްތަކުން ނަފްސު ޠާހިރުކުރުމެވެ.

އިސްވެ ދިޔަ ކަންތައްތަކުގެ އިތުރުން ނަފުސާއި ހިތުގެ ޣައިރު އީޖާބީ ސިފަތައް މަދުކުރުމަކީ ނުވަތަ އެފަދަ ސިފަތަކުން މުޅީން އެއްކިބާވުމަކީ ނަފުސާނީ ޞިއްޙަތުގެ ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެގޮތުން ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ނަފުސުގެ ޣައިރު އީޖާބީ ސިފަތަކުގެތެރޭގައި: އިސްރާފުކުރުމާއި، ޙަސަދަވެރިވުމާއި، ދަހިވެތިކަމާއި، އަނިޔާވެރިވުމާއި، ފިތުނަވެރިކަމާއި، ފަސާދަވެރިކަމާއި، މަކަރާއި ޙީލަތް ހެދުމާއި، ޚިޔާނާތްތެރިކަމާއި، އަދި ހަށިގަނޑުގެ ޝަހުވަތްތައް ހިމެނެއެވެ. އަދި ހިތުގެ ޣައިރު އީޖާބީ ސިފަތަކުގެތެރޭގައި: ނުބައި ހީތައްކުރުމާއި، ހިތްހަރުކަށިވުމާއި، އަދި ވަސްވާސްވެރިކަން ހިމެނެއެވެ.

ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި އިސްލާމްދީން ދައްކަވާފައިވާ އަނެއް މަގަކީ ހިތަށްޖެހޭ ބަލިތަކުން ސަލާމަތްވުމެވެ. އެބަލިތަކުގެތެރޭގައި: ޙަސަދައާއި، ނޭނގުން ނުވަތަ ޖާހިލުކަމާއި، އެކަކު އަނެކަކުގެ މައްޗަށް ނުނިޔަތްލުމާއި، އިންތިހާ ދަރަޖައިގެ ރުޅިއާއި، ކިބުރުވެރިކަމާއެކު ޖަދަލުކުރުމާއި، އަދި މުނާފިޤުކަން ހިމެނެއެވެ.

ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި، ހެޔޮލަފާ މީހުން ދިރިއުޅޭ މުޖުތަމަޢެއްގައި ތިމާ ދިރިއުޅުމަކީވެސް މުހިއްމުކަމެކެވެ. އެހެނީ ފަރުދީގޮތުން ނުކުރެވޭ ބައެއް ކަންތައްތައް، ތިމާގެ ވަށައިގެން އުޅޭ މީހުން ކުރާތަން ފެނުމުން އެކަމަށް ޝައުޤުވެރިވެގެން ކުރެވޭތަން އާދެއެވެ. ރަނގަޅު މީހުން ދިރިއުޅޭ މުޖުތަމަޢުއަކުން ފެންނާނީ ރަނގަޅު ކަންތައްތަކެވެ. އަދި ނުބައި މީހުން ދިރިއުޅޭ މުޖުތަމަޢުއަކުން ފެންނާނީ ނުބައި ކަންތައްތަކެވެ. އެހެންކަމުން ޞާލިޙު މުޖުތަމަޢެއްގައި ދިރިއުޅުމަކީ ނަފުސު ޠާހިރުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާކަމެކެވެ.

ނަފުސާނީ ބަލިމަޑުކަމެއްގެތެރެއަށް މީހާ ހުށަހެޅިދާ މައިގަނޑު ސަބަބަކީ އަމިއްލަ ނުކުޅެދުންތެރިކަމެވެ. މިސާލަކަށް މީހާއަކީ ނުބައި ޢަމަލުތައް ކުރުމުގައި ދެވިހިފާފައިވާ މީހެއްކަމުގައި ވެދާނެއެވެ. އެފަދަ މީހާ ހިމެނެނީ އޭނާގެ އަމިއްލަ ނަފުސުގެ ޙައްޤުތަކާއި ޢާއިލާގެ ޙައްޤުތަކާ އަދި މުޖުތަމަޢުގައި އޭނާ އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމަށް ނުކުޅެދުންތެރިވެފައިވާ މީހެއްކަމުގައެވެ. މިފަދަ ނުކުޅެދުންތެރިކަމުގެ އެންމެ ފަހު ނަތީޖާއަކީ ހިތާމައާއި މޮޅިވެރިކަމާއި ހިތް ނުތަނަވަސްވުމާއި ކުރިމަތިލާންޖެހުމެވެ.

އަމިއްލަ ނުކުޅެދުންތެރިކަމާއި ކުރިމަތިލާންޖެހޭ މައިގަނޑު ސަބަބަކީ الله ތަޢާލާ ހަނދުމަކުރުމާއި ދުރުހެލިވުމެވެ. އެކަލާނގެ އަމުރުފުޅުތަކާއި ނަހީތައް ހަނދާން ނައްތައިލުމެވެ. ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ އުންމަތަށް އިރުޝާދުދެއްވާފައިވަނީ ސަބަބުތަކުގައި ހިފުމާއެކު ކޮންމެ ކަމެއްގައިވެސް الله ގެ ޙަޟުރަތުން ވާތްގާއި މަދަދަށް އެދުމަށެވެ. މޮޅިވެރިކަމާއި ހިތާމަތަކާއި ނަފުސާނީ އަދި ޖިސްމާނީ ބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުން އެދިވަޑައިގެން ކީރިތި ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ދުޢާކުރައްވާފައި ވެއެވެ. މިފަދަ އެއްދުޢާއަކީ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ وَالْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ ‏ ‏وَضَلَعِ ‏ ‏الدَّيْنِ وَغَلَبَةِ الرِّجَالِ (البخاري: 5109) ‏މާނައީ: ”ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! ހަމަކަށަވަރުން އިބަ ރަސްކަލާނގެ ވާގިފުޅާ ލައިގެން، ވާން އޮތް ކަންކަމަށް ވެވޭ ދެރަ، އަދި ނިމިފައިވާ ކަންކަމަށް ކުރެވޭ ހިތާމަ، އަދި ނުކުޅެދުންތެރިކަން އަދި ކަންނެތްކަން، އަދި ފިނޑިކަން އަދި ދަހިވެތިކަން އަދި ބަރު ދަރަނިވެރިވުން އަދި އެހެން މީހުންގެ ބާރު ދަށުވުމުން، ރައްކާތެރިކަމަށް މިއަޅާ އެދެމެވެ.” އަދި ހަމަ މިއާއެކު ބަލިމަޑުކަމެއް ޖެހުމުގެ ކުރިން އެކަމަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމާއި ބަލިވެއްޖެނަމަ އެކަށީގެންވާ ބޭސްފަރުވާ ކުރުމަށްވެސް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވެއެވެ.

                                                                       ……………………………………………………

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment