މުޙައްމަދު ވަޙީދު،  މަޑުލު ޢަލީގެ ހިތަށް އެރިއެވެ. އަހަރެންގެ މާޒީއަކީ ނެތް އެއްޗެއް ކަމަކަށް ނުހެދޭނެއެވެ. އެހެންނަމަވެސް އަހަރެންގެ މާޒީގެ ދަތިޙާލު، މުއްސަނދި މުސްތަޤުބަލަކުން ބަދަލު ދައްކުވައިދޭނަމެވެ. އަތުގައި ޖަމާވެފައިވާ ފައިސާއާއި އެ ފައިސާ އިތުރުކުމަށް ކުރެވެން ހުރި ކަންތައްތަކާމެދު ވިސްނައިނުލާ ދެނެއް ނުހުންނާނަމޭ ހިތަށްއެރިއެވެ. މި ޚިޔާލުތަކަށް ދެތިންމަހެއް ނުވެއެވެ. ގިނަޢަދަދަކަށް ފައިސާ އޭނާ އަތަށް ޖަމާވާން ފެއްޓެވެ. މުދައު ލައި ތަޅުލައިފައި ހުންނަ ބިޔަ ކޮންޓެއިނަރުތައް ހުޅުވައިލައި އެއިން ބޭނުން އެއްޗެއް ނަގައި، ހުރިގޮތަށް…

މުޙައްމަދު ވަޙީދު،  މަޑުލު

ޢަލީގެ ހިތަށް އެރިއެވެ. އަހަރެންގެ މާޒީއަކީ ނެތް އެއްޗެއް ކަމަކަށް ނުހެދޭނެއެވެ. އެހެންނަމަވެސް އަހަރެންގެ މާޒީގެ ދަތިޙާލު، މުއްސަނދި މުސްތަޤުބަލަކުން ބަދަލު ދައްކުވައިދޭނަމެވެ. އަތުގައި ޖަމާވެފައިވާ ފައިސާއާއި އެ ފައިސާ އިތުރުކުމަށް ކުރެވެން ހުރި ކަންތައްތަކާމެދު ވިސްނައިނުލާ ދެނެއް ނުހުންނާނަމޭ ހިތަށްއެރިއެވެ.

މި ޚިޔާލުތަކަށް ދެތިންމަހެއް ނުވެއެވެ. ގިނަޢަދަދަކަށް ފައިސާ އޭނާ އަތަށް ޖަމާވާން ފެއްޓެވެ. މުދައު ލައި ތަޅުލައިފައި ހުންނަ ބިޔަ ކޮންޓެއިނަރުތައް ހުޅުވައިލައި އެއިން ބޭނުން އެއްޗެއް ނަގައި، ހުރިގޮތަށް ކޮންޓެއިނަރ ބަންދުކޮށް ސިލްޖެހުމަކީ ޖެހިލުމެއް ނެތި ކޮށްލާ ކަންތައްތަކަށް ވެއްޖެއެވެ. ގިނައިން ނަގަނީ ސެންޓްފަދަ، ފަސޭހައިން ރައްކާކުރެވޭ އެއްޗިއްސެވެ. މި ތަކެތި އެކިއެކި ބަނދަރަށް ވިއްކައިލަނީ، ކަސްޓަމްގެ އޮފިސަރުންނަށް ހިތްހަމަޖެހޭވަރަށް ތަކެތި ދީފައެވެ. އެހެންކަމުން ޢަލީ މަސައްކަތްކުރާ ބޯޓް އާދަވެގެން ޖައްސާ ބަނދަރުތަކުގެ ކަސްޓަމުގެ މީހުންގެ ރައްޓެއްސަކަށް އޭނާ ވިއެވެ.

ހަމަ އެފަދައިން ބޯޓްގެ ކެޕްޓަންގެ އެންމެ ގާތް ފަޅުވެރިއަކީ ވެސް ޢަލީ ކަމުގައި ވިއެވެ. އެހެންނަމަވެސް މި ދެ ރަޙުމަތްތެރީންގެ ދެމެދުގައި ވަރަށް ބޮޑު ކަމެއް ވަނީ ސިއްރުކުރެވިފައެވެ. މިކަމުގައި ނުބައިބައި ކުޅެނީ ޢަލީއެވެ. ވާނުވާއެއް ނޭނގި ހުރީ ކެޕްޓަނެވެ. އެ ސިއްރު ބޭޒާރުވާ ދުވަހަކީ މި ދެ ރަޙުމަތްތެރީންގެ ގާތްކަމަށް ކޮންފަދަ ބަދަލެއް އަންނާނެ ދުވަހެއްކަމެއް ދެމީހުންކުރެ އެކަކަށް ވެސް ނޭނގެއެވެ.

ޢަލީގެ ވައްކަމުގެ ޢަމަލުތަކުގައި ބައިވެރިވަނީ ފަޅުވެރީންގެ ތެރެއިން ދެތިން މީހެކެވެ. އެހެންކަމުން މިކަމުން ލިބޭ ފައިސާގެ ބައި ނޭޅޭ އެހެންނަމަވެސް އެކަން އެނގޭ މީހުންގެ ހިތުގައި ޙަސަދަވެރިކަން އުފެދުނެވެ. އިންސާނުންގެ ތަފާތު މިޒާޖުތަކަކީ، އަންތަރީސް ވާކަހަލަ ކަންތައްތަކެކެވެ. ބަޔަކު ކުރާ ކުށެއްގެ ސަބަބުން ރުޅިވެރިކަން އުފެދި، އެކަން ހުއްޓުވުމުގެ ބަދަލުގައި، އެ ކުށުން ފައިދާ ލިބޭ މީހުންގެ ތަނަވަސްކަމަށް ވިސްނައި، އެފައިދާ ނުލިބޭތީ ޙަސަދަވެރިވެވެނީއެވެ.

އެއީ، ފަހަރެއްގައި ވެސް ހެވެއް އެދޭތީ، ކަންކަން ރަނގަޅުކުރަން ބޭނުންވާތީ ވާގޮތެއް ނޫނެވެ. އެ ފައިދާ ތިމާއަށް ނުލިބޭތީ އުފެދޭ ޙަސަދަވެރިކަމެކެވެ. ޑުރަގު އެއީ ވަބާއެއް ކަމާއި އެ ޑުރަގަކީ ދީން މަނާކުރައްވާ ކަމެއްކަން އެނގެއެވެ. އެކަމަކު ޑުރަގްގެ ފައިސާ ބޭނުންކުރަން ހަމަ ރަނގަޅެވެ. ޢާއިލާގެ މީހުން އެ ފައިސާއިން ކައިބޮއިހަދައެވެ.

ދުނިޔަވީ ކަންކަމުގައި ހެއްލިގެން ގޮސް، ގެއްލޭފަދަ ގޮތެއްގައި އުފެދިފައިވާ ލެއާއި މަހުގެ މި ނިކަމެތި މަޚުލޫޤަކީ، އޭނާގެ އީމާންކަން އަމިއްލަ ފައިދާއަށްޓަކައި ބޭނުންކުރެވޭ މަޚުލޫޤެކެވެ. ތެދުވެރިކަމާއި ނުގުޑާފަދަ ޢަޒުމާއި އީމާން އޭގެ އަސްލު ގޮތުގައި އޮންނާނީ، އެހެން މީހުން އެ ސިފަތަކަށް ތާރީފުކުރާކަން އެނގޭ ތަންތަނުގައެވެ. އެނޫން ކޮންމެ ސިއްރު ދަނޑިވަޅެއްގައި، ބޭވަފާތެރި، ދޮގުވެރި، ޚިޔާނާތްތެރި މުނާފިޤަކަށް ބަދަލުވާކަން ލަހެއް ފަހެއް ނުވެއެވެ. މާކަ ގިނައިރުތަކެއް ނުވެއެވެ. އެއްވެސް ޖެހިލުމެއް ނުވެއެވެ.

އިންސާނާގެ ތަފާތު މޫނުތައް ތަފާތު ވައްތަރުތަކުގައި ބޭނުންކުރަނީ އަނެކުންނަށް ޙަޤީޤަތް ނޭންގުމަށްޓަކައެވެ. މުނާފިޤުކަމުގެ ހައްދުފަހަނަޅައިފައިވާ މީހާވެސް އަނެކުންނަށް ރަނގަޅު މަގު ދެއްކުމަށް ތެދުވެ، އީމާންތެރިއެއްގެ ގޮތް ދައްކައެވެ.

ޖާހިލުކަމުގައި، ހަމައެއް ނެތި އުޅުނު ޖަނަވާރެއް ފަދަ  މީހާގެ ހިތްވެސް އަނެކުންނަށް އޯގާތެރިވުމުގައި، ދެވަނަ މިސާލެއް ނެތްފަދަ މީހަކަށް ބަދަލުވެއެވެ.

ޢަލީއާއި ކެޕްޓަންގެ ގުޅުމަށް ވެގެން ދިޔައީ އެފަދަ ގޮތެކެވެ. މަސައްކަތަށް ރަނގަޅުކަމުންނާއި ބޭރުފުށުން ފެނުނު މާތް މީހެއްކަމަށް ދެއްކުވި ސިފަތަކެއްގެ ސަބަބުން ކެޕްޓަނާ ހަމައަށް އައި ޢަލީގެ ވާހަކަތައް ކެޕްޓަނަކަށް ޤަބޫލެއް ނުކުރެވުނެވެ. އެހެންނަމަވެސް އަހައިނުލައި ހުންނަން ހިތްހަމައެއް ނުވެސް ޖެހުނެވެ. އެހެންކަމުން އެއްރޭގެ ހަމަހިމޭން މެންދަމުގައި ޢަލީ ނިދާފައި އޮއްވައި ކެޕްޓަން ގޮސް އޭނާއަށް ގޮވައިލިއެވެ. ޢަލީގެ ކުރިމަތީގައި ހުރެގެން ކެޕްޓަން ހިނގައިފައި ދިޔައިރު ޢަލީ ހިތަށްއެރިއެވެ. މިރޭ މާ ރަނގަޅެއް ނޫނެވެ. ވަރަށް ބޮޑުވަރު ނުވާނަމަ، އެގޮތަށް ހިނގައިފައެއް ނުދާނެއެވެ. ނަމަވެސް އަނގައިން ނުބުނެ، ކޮޓަރިއާ ދިމާއަށް ދާތީ ޙައިރާންވިއެވެ. ކުޑަކޮށް ވެސް ޢަލީގެ ކުށެއްގެ ވާހަކަދައްކަން އުޅޭކަމެއް ހީނއެއް ނުކުރެއެވެ.

ކެޕްޓަންގެ ކޮޓަރީގެ ގޮނޑިސެޓްގައި ދެމީހުން ހަމަޖެހިލުމަށްފަހު، ކެޕްޓަން އަހައިލިއެވެ.

“ނިދާފައި އޮއްވައި ގޮވީމައި ހިތްހަމަނުޖެހިފައިތަ؟”

ޢަލީ ޙައިރާންވީ، ކުރީން އޭނާ ހީކުރިގޮތާ ޚިލާފަށް ކެޕްޓަންގެ ވާހަކަދެއްކުމުގައި ހުރި ހަމަޖެހުން ފެނިފައެވެ.

“އަހަންނަށް މައްސަލައެއް ނެތް.”

“ރަނގަޅު.”

އެއްވެސް އެއްޗެއް ނުބުނެ ދެމީހުން ތިއްބެވެ. ޢަލީއަށް ނުތަނަވަސްކަމެއް އިޙްސާސްވާން ފެށިއެވެ. އެހެންވާންވީ ސަބަބެއް ނުވިސްނޭމެއެވެ. ކުއްލިއަކަށް ކެޕްޓަން ވާހަކަދައްކަން ފެށިއެވެ.

“ޢަލީ. ކަލެއަކީ އަހަރެންގެ ވަރަށް ގާތް މީހެއްގެ ގޮތުގައި ބަލާ މީހެއް.”

“ތިޔަކަން އަހަރެން ވެސް ދަންނަން.”

“އެހެންވިއްޔާ ތެދަށް ބުނޭ……..”

“ކީކޭ؟”

“ބޯޓަށް އަރުވާ މުދަކުން ކަލޭ ދުވަހަކުވެސް ވައްކަން ކުރިންތަ؟ މި ބުނީ ކޮންޓޭނަރު ފަޅަންތަ؟ ނޫނީ އެކަމުގައި ބައިވެރިވަންތަ؟”

ޢަލީ އަށް ލިބުނު ޙައިރާންކަމާއި ލިބުނު ޝޮކްގައި ޖަވާބުދިނުމަށް އޭނާގެ އަނގައިން ބަހެއް ބޭރެއް ނުވިއެވެ. ލަގޮނޑި ބޮޑުވެގެން އައިސް ކަރުގައި ތާށިވެ، ކޮށިއަރަން އުޅޭކަހަލަ ގޮތެއް ވިއެވެ. ލަދުވެސް ގަންނަން ޖެހުނެވެ. ޢަލީ ހީކުރީ ކެޕްޓަނަކީ ރާބޮއި، މީހުން ކުރާ ކަންތަކަށް އަޅައިލުންކުޑަ މީހަކަށް ވާތީ، އެކަހަލަ ކަންތައް ބޯޓްގައި ހިނގަނީ ކެޕްޓަނަށް ވެސް އެނގިގެންކަމަށެވެ. ޢަލީ ހިތަށްއެރިއެވެ. މަށާ ތިޔަ ސުވާލުކުރަނީ، ކަލޭ ތިޔައީ މާ ފުރިހަމަ އިންސާނަކަށް ވާތީހެއްޔެވެ؟ ކަލޭ ވައްކަން ނުކުރާކަން މަށަށް ޔަޤީންވާނީ ކިހިނެއްހެއްޔެވެ؟ ޢަލީ އިސް އުފުލައިލައިފައި ކެޕްޓަންގެ މޫނަށް ބަލައިލިއެވެ.

ޢަލީގެ ހަމަހިމޭންކަމާއި އޭނާގެ މޫނުމައްޗަށް އަރައިފައިވާ ކުލަތަކުން، ކެޕްޓަނަށް ޖަވާބު ލިބިއްޖެއެވެ. ކެޕްޓަން ހިތަށްއެރިއެވެ. މީހަކު ހުންނަ ސިފައަކުން ނޫނީ ބޭރުފުށުން ދައްކުވައިގެން އުޅޭ ކުލަތަކަށް ބަލައިގެން އެކަނި ކަމަކުނުދާނެއެވެ. މީނދަ މީހާއަށް އަހަރެން އިތުބާރުކުރީ ކިހާ ބޮޑަކަށްހެއްޔެވެ؟ އޭނާ ވެސް އަހަރެންގެ އުންމީދުތަކުގައި ފައިންޖެހީއެވެ. ދެން ބުނާނީ ކީކޭހެއްޔެވެ؟މިއީ ކޮންފަދަ ދުނިޔެއެއް ހެއްޔެވެ؟ އަމާނާތްތެރިންނަކީ ކިތައް މީހުންގެ ތެރެއިން އެކަކުބާވައެވެ؟

“ޢަލީ.. އަހަރެން އިތުރު ޖަވާބެއް ބޭނުމެއް ނޫން. ރަށަށް ދާން ތައްޔާރުކުރޭ. ކަލެއާމެދު އަހަރެން ބެހެއްޓި ގާތްކަމަށް އެއްވެސް އިޙްތިރާމެއް ކަލޭ ނުކުރި. ކަލޭ ހީކުރާނެ ކަންނޭނގެ. އެހެން ބޯޓްފަހަރުގެ ކެޕްޓަނުންވެސް ޚިޔާނާތުގެ ކަންތަކަށް ލޯމަރާލައި އަނެއް ފަރާތަށް މޫނު އެނބުރައިލާތީ އަހަރެން ވެސް އެހެން ހަދާނެއޭ. ކަލޭ ހީކުރީކަންނޭނގެ އަހަރެން ވެސް މިއީ ވަގެކޭ، އަހަންނަށް ވެސް ބައިއަޅައޭ.

އެކަމަކު، ކަލޭގެ ހީކުރުންތައް މުޅިން ކުށް. މަށަކީ ވަގެއްވެސް ނޫން. މަށަކީ ޚިޔާނާތަށް ތަރުޙީބު ދޭނެ މީހެއް ވެސް ނޫން. މަށަކީ ތެދުވެރި ނޫން އެއްޗެއްގައި އަތްލާނެ މީހެއް ވެސް ނޫން. މަމީ ނަޙަލާލު ދަރިއަކަށް ވެސް ވެދާނެ. އެކަމަކު އަހަރެން ހިފަހައްޓާ އުޞޫލެއް ވޭ. ހަމަތަކެއް ހުރޭ. އެއީ އެހެން މީހުންގެ ޙައްޤުތަކާ ނުބެހުމުގެ އުޞޫލު.”

“މަޢާފުކުރޭ.”

ޢަލީއަށް މިހެން ބުނެވުނުއިރު އޭނާގެ ދެލޮލުން ކަރުނަ ފައިބައެވެ. އޭނާ ރުއިދުވަހެއް ހަނދާންވެސް ނެތެވެ. އެހެންނަމަވެސް ގަތް ލަދެއްގެ ބޮޑުކަމުންނާއި އޭނާއާ މެދު އެހާ ބޮޑަށް އިތުބާރުކުރި މީހަކާމެދު ކަންތައް ކުރެވުނު ގޮތުން އޭނާގެ އެތެރެހަށި އާދޭސްކޮށް ގިސްލާން ފެށިއެވެ.

“ޢަލީ. އަހަރެން ދައްކާނެ މާގިނަ ވާހަކައެއް ނެތް. އަދި ކަލޭގެ ތިޔަފަދަ ކުށަކަށް އަހަރެން މަޢާފުދޭކަށް ވެސް ނެތިން. ހީނުކުރާތި، ދުނިޔޭގައި އުޅެން އޮތީ އެންމެ މަގެކޭ. ގަދަފަދަކަމާއި ޚިޔާނާތާއި މަކަރާއި ހީލަތުގެ މަގު އެއީ ކަލޭ ޤަޞްދުކުރި މަގުކަމުގައި ވާނަމަ، އަހަރެން ކަލޭގެ އެކުވެރިއަކަށް ވާކަށް ނެތިން. އެކަނި ހިނގަންޖެހުނަސް އަހަރެން ބަލާނީ އަމާނާތްތެރިޔަކަށްވެ ހުރެވޭތޯ؟ މިހެން މި ބުނަނީ، އަހަރެންގެ ޒުވާން ދައުރުގައި ތަޖުރިބާކޮށްފައި ހުރި ބޭއިންސާފާއި އަނިޔާ އާއި ބިރުދެއްކުމާއި ބާރުގެ ބޭނުންކުރުމާއި މި ކަންތައްތަކުގެ ސަބަބުން ކަންނޭނގެ. އެހެންނަމަވެސް ތެދުވެރި ނޫން ގޮތަކުން ހޯދާ އެއްޗަކުން ތިމާ ގެދޮރު އަޅައި، އެ އެއްޗެހިން ދިރިއުޅުން ކުރިޔަށް ގެންދަން ވިސްނަން ހެޔޮނުވާނެ. އެކަހަލަ ނުތާހިރުކަމެކޭ ނަޙަލާލު ކުދިންތަކެއް އުފަންދަމުން ދިއުމެކޭ އަހަރެންގެ ގާތުގައި ތަފާތެއް ނެތް. މުޅި މުޖުތަމަޢު ހަލާކުވަނީ! ވަގުން ވަގު! ނަޙަލާލުން ނަޙަލާލު! ކޮބައި ސަލާމަތް، ކޮބައި ހަމަޖެހުން؟”

ކެޕްޓަން ވާހަކަދެއްކުން ހުއްޓައިލައިފިއެވެ. ޢަލީ ހިތަށއެރިއެވެ. ކަލެއަކީ ހަމަ ފައްކާ ކާފަރެކެވެ. އެކަމަކު ކަލޭ ތިޔަ ދެއްކި ވާހަކަތައް އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަމެވެ. ވެދިޔަތަން ކޮންމެ ގޮތަކަށް ދިޔަނަމަވެސް، އަނބުރައެއް ނުގެނެވޭނެއެވެ. ނަމަވެސް ދެން އޮތް ތަނުގައި ތެދުވެރިކަމުގައި އަހަރެން އުޅޭނަމެވެ.

ކެޕްޓަން ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. އިރުގެ އައްޔަށް އުދަރެސް ރަތްވަމުން އަންނަކަން، އާނގަތަކުން ޢަލީއަށް ފެނުނެވެ. ދެން އޭނާއަށް އެނގުނީ އޭނާ ބޯޓްދަތުރުކުރުމުގެ ދައުރުވެސް ނިމުމަކަށް އަތުވެއްޖެކަމެވެ.

ދުނިޔެއާއި ދުނިޔޭގައި ކަންތައްތައް ހިނގާ ގޮތާއި އެ ދުނިޔޭގައި މީހުން އުޅޭ ދިރިއުޅުމަކީ، ބައެއް ފަހަރަށް ހީހީ ބަލިވާ ކަހަލަ ކަންކަމަކަށް ވެސް ދެވާނެއެވެ. އެއީ ހަމްދަރުދީ ވެސް އުފެދޭ ފަދައިންނެވެ.

މި ސާލަކީ، ޢަލީގެ ދިރިއުޅުމަށް ގެންނަން އޭނާ އަމިއްލައަށް ކަނޑައެޅި ބަދަލެކެވެ. އެއީ އޭގެފަހުން ޚިޔާނާތްތެރިއަކަށް ނުވުމަށް ކަނޑައެޅި ކަނޑައެޅުމެވެ. މިހައިތަނަށް އޭނާ ލޫޓުވައިގެން ހޯދި ފައިސާ އަނބުރައި ދޭކަށް ޚިޔާލެއް ނުކުރެވުނެވެ. މިއީ ތެދުވެރިކަން ހިތަށް ވަން މީހާއަށް ވީ ވަރެވެ. އެއްވެސް ޝައްކެތް ނެތެވެ. އޭނާ ފަޅައިލި ފޮށިތަކުގެ ވެރިން ހޯދުމަކީ، ފަސޭހަ ކަމަކަށް ނުވާނެއެވެ. އޭގެ މާނައަކީ، ޢުމުރުގެ ދެން އޮތް ބައިގައި ޢަލީ އަޅަން ޤަޞްދުކުރި ރަސްކަމުގެ “ދަރުބާރުގެ” ޚިޔާނާތުގެ ވެލިންނާއި ވަގަށްނެގި ގަލުން އެޅުންބާވައެވެ؟ މާނަކުރާނެ ގޮތެއް އެނގޭނީ އެމީހަކަށެވެ. ހަމަގައިމުވެސް ޢަލީ އޭނާގެ ވިޔަފާރިއާއި އަމިއްލަ ދިރިއުޅުން ފެށީ ޚިޔާނާތުގެ ފައިސާތަކުންނެވެ. ކޮންމެ މުއްސަނދިކަމެއްގެ ފަހަތުގައި ވަނީ ބޮޑު ކުށެއްކަމަށް ބުނާ ބުނުން، އެހެންމީހުންނަށް ބަލާއިރު ދިމާނުވިޔަސް ޢަލީގެ ދިރިއުޅުމަށް، މި ބަސް ތެދުކަން އެނގެއެވެ. ހަމަނޫން ގޮތުގައި، ވައްކަމާއި ރިޝްވަތާއި ޚިޔާނާތާއި ނާޖާއިޒު ގޮތްގޮތުން ހޯދާ ތަކެތި ދަރީންނަށް ކާންދޭން ނުވަނީ އެހެންވެގެންނެވެ. އެފަދަ އެއްޗިހި ބޭނުންކޮށްގެން ބޮޑެތި ވާ ކުދީންގެ ހަށިގަނޑުގައި ހުންނާނީ ވަގު ޖީނެވެ. އެ ޖީން އެއް ދަރިކޮޅުން އަނެއް ދަރިކޮޅަށް ވާރުތަވަމުން ދެއެވެ. މި ބުރު ފުނޑުފުނޑުކޮށްލެވޭނީ ﷲ ގެ މަގުގައި ސާބިތުވެ ހުންނަ މީހަކަށް އެކަންޏެވެ.

**********

ހައިކަލް އޭނާގެ މަންމަގެ ނިދާ ކޮޓަރިއަށް ވަދެ، ވަތްގަނޑުތައް ހާވަމުން ދެއެވެ. އެއްވެސް ތަނަކުން ފައިސާއެއް ނުފެނުނެވެ. ހެދުންތައް ލައިފައި ހުންނަ އަލަމާރި ހުޅުވައިލަންވެގެން އަތްގަނޑުގައި ހިފިއިރު އަލަމާރި ހުރީ ތަޅުލައިފައެވެ. އަލަމާރިމަތީގައި ތަޅުދަނޑި އޮތްތޯ އަތް ކާއްތައިލިއެވެ. އެތަނަކުވެސް ތަޅުދަނޑިއެއް ނުފެނުނެވެ. ވީ ފޫހިން އަލަމާރީގެ ދޮރުފަތުގައި ގޮށްމުށުން ޖެއްސެވެ. ތަޅުލައިފައި ހުރި ފަރާތުގެ ދޮރުފަތް ހުރިގޮތަށް ހުއްޓައި އަނެއް ދޮރުފަތުގެ ތަންޑު ނެއްޓިގެން މަޑުމަޑުން ދެ ދޮރުފަތް ހުޅުވެން ފެށިއެވެ. އަޑު ނުކިޔާގޮތަށް ދޮރުފަތް ހުޅުވައިލައި، އަލަމާރީގެ ތެރެއަށް ބޯދިއްކޮއްލިތަނާ، ފަހަތުން މީހަކު އަހައލިއަޑު އިވުނީ،

“ބަލަ ތިޔައުޅެނީ ކީއްކުރަން؟”

ސިއްސައިގެން ގޮސް ބޯދަމައިގަންނަން ހަދައިގެން، މެދުފަތިގަނޑުގައި ކަނާތު ކަންކަށި ޖެހި ވަރަށް ބޮޑަށް ތަދުވިއެވެ.

އެނބުރި ބަލައިލިއިރު، ހައިކަލްގެ މަންމަ އޭނާއާ ދިމާއަށް ބަލަން ހުއްޓެވެ. ހައިކަލް ހަމަޖެހޭގޮތް ދައްކައިލިއެވެ. ރީއްޗަށް ދޮރުފަތް ލައްޕައިލައިފައި ގޮސް މަންމަ ގާތުގައި ހުއްޓި މަންމަގެ އަތުގައި ދެއަތުން ހިފައިލިއެވެ.

“ވީ ގޮތަކީ ތަޅުދަނޑި ފެނޭތޯ ބަލައިލީ. ނުފެނިގެން ވީ ފޫހީގައި ދޮރުގައި ޖަހައިލިތަނާ ތަންޑު ނެއްޓިގެން ދޮރުފަތް ހުޅުވުނީ.”

” ކީއްކުރަން ތަޅުދަނޑި ހޯދީ.”

“އަހަންނަށް ކުޑަވެފައި ހުރި ޓީޝާރޓްތަކެއް އެބަހުއްޓެން ނޫން. އެ އެއްޗެހި ކުއްޖަކަށް ދޭންވެގެން.”

“ހައިކަލް. މަންމައަށް ހީވަނީ އަދި ތިޔަ ހަދަނީ ތެދެއް ނޫންހެން. ރަނގަޅަށް ބުނެބަލަ.”

“މަންމާ. ދުއިސައްތަ ރުފިޔާ ދީފާނަންތަ.”

“ކީއްކުރަން.”

“ޕާޓީއެއް ބާއްވަންވެގެން.”

“އެހެންވީމާތަ އަލަމާރި ހުޅުވޭތޯ އުޅުނީ.”

ހައިކަލް އިސްދަށަށް ޖަހައިލިއެވެ. އޭނާގެ މަންމަވެސް އިސްދަށަށް ޖަހައިލިއެވެ. އަދި މަޑުމައިތިރު ރާގަކަށް އަމިއްލައަށް ބުނެލިއެވެ.

“ހައިކަލާމެދު މަންމަ ކަންތައްތައް ކުރާގޮތާމެދު ހިތްހަމަނުޖެހޭނަމަ މިގެއިން މަންމަ ހިނގައިދާނަން.”

“ކީއްވެ ހިތްހަމަނުޖެހޭކަމަށް ހީކުރަނީ.”

“ތިޔައުޅޭ ދިރިއުޅުމުން.”

“ނޫނޭ. މަންމަ ގޮސްގެން ނުވާނެ. މަންމަ ބުނިގޮތަކަށް އަހަރެން އުޅޭނީ.”

އަހަރެންގެ އަތުން އެއްޗެއް ބޭނުންވާ ކޮންމެ ފަހަރަކު، ތިޔަ ހުރިހައި ވާހަކައެއް ދައްކަން ޖެހޭނެތަ؟”

ހައިކަލްގެ މަންމަ ގޮސް އަލަމާރި ހުޅުވައިފައި އަތްދަބަހެއް ނަގައި، ދުއިސައްތަ ރުފިޔާ ނަގައި، އޭނާގެ ދަރިފުޅުގެ އަތަށް ދިއްކޮށްލިއެވެ. ހައިކަލް ފައިސާގައި ހިފަން އަތްދިއްކޮށްލުމުން، އޭނާގެ މަންމަ އަތް ފަހަތަށް ދަމައިގަތެވެ.

“މިދިޔަ ހަފުތާގައި ބައްޕަ އަތުން އަތުލި ފައިސާ ކޮބާ؟”

“މިހާ ގިނަދުވަހު އެ ހުންނާނެތަ؟”

ކީއްތަ ކުރަނީ. ސާފުކޮށް ބުނެބަލަ. މަސްތުވާތަކެތި ގަންނަނީތަ؟”

“މަންމާ!” މިހެން ބުނެފައި ހައިކަލް ދެލޯ ބޮޑުކޮށްލިއެވެ. އޭނާގެ މަންމަ ހިތަށްއެރިއެވެ. މިކަހަލަ ޝައްކުކުރާކަށް ނުވާނެއެވެ. އެކަމަކު މި ޒަމާނުގައި އެނގޭނީ ކިހިނަކުންހެއްޔެވެ.

“ނަމަނަމަ ވިޔާނުދާ ކަމަކަށް ފައިސާ ޚަރަދުނުކުރާތި. އެހެން ހަދާކަން އެނގިއްޖެއްޔާ އަހަރެންގެ އަތުން އެއްވެސް އެއްޗެއް ނުލިބޭނެ.”

“ކަންބޮޑުނުވޭ. ތިޔަކަހަލަ ކަމެއް ނުކުރާނަން.”

މިހެން ބުނަމުން މަންމަ އަތުގައި އޮތް ސަތޭކަ ރުފިޔާގެ ދެނޫޓް ޖަހައިގަނެގެން ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނިކުމެއްޖެއެވެ. އޭނާ ދިޔައީ ކީއްކުރަންކަން، އޭނާގެ މަންމައަށް ޝައްކެއްގެ ގޮތުގައި ހީވިހީވުން އެއީ ޙަޤީޤަތަކަށް ވާނެ ކަމެއްކަމަކަށް ހުވަފެނުންވެސް ނުދެކެއެވެ.

އެކަމަކު، ޙަޤީޤަތަކީ، ބަދަލުވާނެ އެއްޗެއް ނޫނެވެ. ޙަޤީޤަތް ޖެހޭނީ ބަދަލުކޮށްލާށެވެ. އެ ވަގުތަކަށް ތިމާއަށް އެންމެ ފައިދާހުރި ހިތްހަމަޖެހޭ ގޮތަކަށެވެ.

ހައިކަލް ނިކުމެގެން ދިއުމުން، އަލަމާރި ތަޅުލައިފައި ހައިކަލްގެ މަންމަ ގޮސް ބޮޑު އުނދޯއްޔެއްގައި އިށީނދެ ފިކުރެއްގެ ތެރެއަށް ގެއްލިއްޖެއެވެ.

އަނެއްކޮޅުން ހައިކަލް އޭނާގެ އެކުވެރިންނާއެކު ކާރެއްގައި ގޮސް މަޑުކުރި ތަނަކަށް ފައިބައިފިއެވެ. އެމީޙުން ބައްދަލުކުރީ، ދިވެއްސަކާ އިނދެގެން އުޅޭ ބޭރުގެ މީހަކާއެވެ. އެއްކުރި ފައިސާތައް އެކުގައި އެމީހާގެ އަތަށް ދިނެވެ. އެއީ ގާތްގަނޑަކަށް ހަތަރުސަތޭކަ ރުފިޔާއެވެ. އޭގެ އަގަށްވާ މުދައު އެމީހުންނަށް ރައްދުކޮށްފިއެވެ.

ކާރުގައި ދަތުރުކުރި ޒުވާނުން އެކަކު އަނެކަކަށް ސުވާލުކުރަމުން ގެންދިޔައީ، މި އެއްޗެތި އެތެރެކުރާ ގޮތަކާމެދުގައެވެ. އެއްވެސް މީހަކަށް އެ ސިއްރެއް ނޭނެއެވެ. ޚާއްޞަކޮށް އެމީހަކީ ދީލަތި މީހަކަށް ވެފައި، ގާތްގޮތެއް ބަހައްޓާ މީހަކަށް ވާނަމަ، އެއީ އާދަޔާ ޚިލާފު ނުބައިކަންތައްތަކެއް ކުރާނެ މީހެއްކަމަކަށް ނުބަލައެވެ.

ދޫހެލޭ މީހުން އެމީހުންގެ ދާއިރާ ޙިމާޔަތްކުރުމަށް ވަކާލާތުކުރާއިރު، އަމިއްލަ ވިޔަފާރި ރައްކާތެރިކުރުމާއެކު، ސަރުކާރުގެ މަޤާމުގެ ބާރުގައި، އޭނާގެ ހައިބަތު ދައްކަން ބޭނުން މީހާ ހަލަބޮލި ކަނޑުތަކުގެ ރާޅުތަކުގައި ނުޖެހި، ގޮނޑުގޮނޑުންލައިފައި ދަތުރުކުރެއެވެ. އެންމެންނަކީ ވެސް މުސްލިމުންނެވެ. ގެދޮރާއި އަނބިންނާއި ދަރިންގެ މުސްތަޤުބަލަށްޓަކައި އުނދަގުލާ ނުބެހި އުޅޭ މީހުންނެވެ.

އެފަދަ މީހުންނަކަށް އުނދަގުލަށް ފައިން އެރޭއިރަކުވެސް ނޭނގޭނެއެވެ. ހޭލެވޭއިރު، ކައިރީގައި ޖެހިގެން ހުރި ގެއަކުން ރޯވި އަލިފާން، ވައިހުރި ގޮތަކުން ތިމާގެ އަމިއްލަ ގެއާއި އަމިއްލަ މުދަލާއި އެ ބަރީގެ އެންމެންގެ ގެދޮރު ނެތިދެއެވެ. އަލިފާން ރޯވި ސަބަބު އެނގޭނީ ކިހިނެއް ހެއްޔެވެ. މަސްތުވެފައިވާ މީހާ އޭނާ ބޯން އޮތް ސިގަރެޓާއެކު ނިދިގެން އެ ސިގިރެޓްބުރިން އެނދުގައި އޮތް ގޮދަޑިގައި ރޯވެގެން ބިތުގައި އަލިފާން ހިފައިގެންކަން ހޯދާނީ ކިހިނެއްހެއްޔެވެ؟ ބުނާނީ ކާކުހެއްޔެވެ؟ އިތުރު ޚަބަރެކެވެ. ރޭޑިއޯ އާއި ނޫސްތަކުގެ ބޮޑު ވާހަކައަކަށް ވުމަށްފަހު، އެ އަލިފާން ނިއްވައިލުމަށް ޒިންމާވާކަށް ޢާންމުންނަށް ފެނުނު މީހުން ލަހުން އައިސްގެން ވީ ކަމެއްކަމަށް އެމީހުންގެ މައްޗަށް ނަފުރަތު އުފެދި އެ ނިމިދިޔައީއެވެ. އެހީގެ ގޮތުގައި އެތަކެއް ހާސް ރުފިޔާ ޙާލުގައި ޖެހުނު މީހުންނަށް ލިބުނީއެވެ.

***********

                        (ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. މ

    ހާދަ އަސަރު ހުރި ވާހަކައެކޭ. ވާހަކައެއްގައި ހުންނާނޭ ހުރިހާ ދަމާ ބާރެއް ފުރިހަމައަށް ހުރި ރީތި ވާހަކައެއް. ދުނިޔޭގެ ހިތި ހަގީގަތްތައް ކިޔައިދީފައިވަނީ އެހަ ފުރިހަމައަށް.

    (2)(0)
Leave Comment