ޢައްބާސް އިބްރާހީމް ތެލެފޯނަކީވެސް އަޖައިބުވާ ކަހަލަ ބާރެއް ހުންނަ އެއްޗެކެވެ. ނަޒީރު އަހަރެންގެ ކުރިމަތީގައި ހުންނެވިނަމަ އަހަރެންނަށް މިހުރިހާ އެއްޗެއް އޭނާއާ ދިމާއަށް ކިޔާކަށް ނުކެރުނީހެވެ. ނަމަވެސް އޭނާ ކުރިމަތިން ފެންނަން ނެތިފައި، ނަމަވެސް އޭނާއަށް މިހުރިހާ ވާހަކައެއް އިވޭނެކަން ޔަޤީންވާތީ އަހަރެންނަށް މި އެއްޗެތިތައް ކިޔެމުން ދިޔައީއެވެ.      “އަޅުގަނޑު ނަންގަންނަން އޮތީ އެންމެ އެއްޗެއް. އަޅުގަނޑު އަދިވެސް މިއިނީ ނަޒީރަށް ޓަކައި. ނަޒީރުގެ މީހެއްގެ ގޮތުގައި. ނަމަވެސް އަޅުގަނޑު ނަޒީރުގެ ގާތަށް ދާނީ ނަޒީރު…

ޢައްބާސް އިބްރާހީމް

ތެލެފޯނަކީވެސް އަޖައިބުވާ ކަހަލަ ބާރެއް ހުންނަ އެއްޗެކެވެ. ނަޒީރު އަހަރެންގެ ކުރިމަތީގައި ހުންނެވިނަމަ އަހަރެންނަށް މިހުރިހާ އެއްޗެއް އޭނާއާ ދިމާއަށް ކިޔާކަށް ނުކެރުނީހެވެ. ނަމަވެސް އޭނާ ކުރިމަތިން ފެންނަން ނެތިފައި، ނަމަވެސް އޭނާއަށް މިހުރިހާ ވާހަކައެއް އިވޭނެކަން ޔަޤީންވާތީ އަހަރެންނަށް މި އެއްޗެތިތައް ކިޔެމުން ދިޔައީއެވެ.

     “އަޅުގަނޑު ނަންގަންނަން އޮތީ އެންމެ އެއްޗެއް. އަޅުގަނޑު އަދިވެސް މިއިނީ ނަޒީރަށް ޓަކައި. ނަޒީރުގެ މީހެއްގެ ގޮތުގައި. ނަމަވެސް އަޅުގަނޑު ނަޒީރުގެ ގާތަށް ދާނީ ނަޒީރު ދުރުވެ އަޅުގަނޑު ގެންދެވި އިރަކުން. އަދި ނަޒީރަށް އަޅުގަނޑުގެ ބޭނުން އިޙްސާސް ވެލެއްވީމާ. އަޅުގަނޑާ ނަޒީރާ ދެމެދުގައިވާ ގުޅުމުގެ އަގު ނަޒީރަށް ވަޒަން ކުރެއްވުނީމާ…”

     އަހަރެން ފޯނުގެ އަތްގަނޑު ބާއްވައިފީމެވެ. ނަޒީރުގެ ޖަވާބެއް އަހަންވެސް އެވަގުތު އަހަރެން ބޭނުމެއްނޫނެވެ. ފަހަރެއްގައި ނަޒީރުގެ ޖަވާބުވާނީ އަހަރެން އަދި މާބޮޑަށް ހިތުގައި ޖެހޭ ކަހަލަ ޖަވާބަކަށްވެސް ވެދާނެކަން ނޭނގެއެވެ.

ނަމަވެސް ކުޑައިރުކޮޅެއް ފަހުން އަހަރެން ދެރަވިއެވެ. ވަރަށް ދެރަވިއެވެ. ނަޒީރުގެ ޖަވާބަކަށް އިންތިޒާރު ނުކޮށް ފޯނުގެ އަތްގަނޑު ބޭއްވުނީތީއެވެ. އަދި ނަޒީރާ ދިމާއަށް އެ ހުރިހާ ވާހަކައެއް ގޮވާލެވުނީތީއެވެ. އަހަރެން ނަޒީރުގެ ގެއަށް ދިޔަތާ މިވާ ދެތިން އަހަރު ދުވަހުގެ ތެރޭގައި ދުވަހަކުވެސް މިކަހަލަ އެއްޗެއް ނަޒީރާ ދިމާއަށް ބުނެފައެއް  ނޯންނާނެއެވެ. އަހަރެންގެ ހިތަށް އަރާހާ އެއްޗެއް، އެކަނިވާ ވަގުތުތަކުގައި، ކަރުނުން ދޮވެލަނީއެވެ. އަދި އެ ކަރުނަތައް ލޮލުން އޮހޮރާލައިގެން ހިތްހަމަ ޖައްސަނީއެވެ. ނަމަވެސް މިއަަދު އަހަރެންނަށް ކެތް ނުވީއެވެ. އިއްޔޭއްސުރެ އަހަރެންނާމެދު ކަންތައް ހިނގަމުން އަންނަ ގޮތާއި މިއަދު ހެދުނު އޮފީހަށް ފޯނުކުރުމުން ދިމާވިގޮތް މިހާރުވެސް، އަހަރެން ހިތުގައި ޖައްސަމުން ގެންދަނީއެވެ.

     ނަޒީރަށް ފޯނުކުރުމުން ވީ ގޮތް މަންމައަށް ކިޔައި ދިނީމެވެ. މަންމަ ވަަރަށް ނުރުހުނެވެ. މަންމަމެން ޤަބޫލު ކުރާގޮތުގައި ތިމާ އިނދެގެން އުޅޭ ފިރިމީހާއާ ދިމާއަށް އެކަހަލަ އެއްޗެހި ބުނުމަކީ ރަނގަޅު އަތްބަކު ކޮށްގެން ވާނޭ ކަމެއް ނޫނެވެ. ފިިރިންނާ އެކަހަލަ ޒުވާބު ކުރާ އަންހެނުންނަށް އާޚިރަތުގައިވެސް އަޛާބު ލިބޭނެއެވެ. އަނބިމީހާގެ ވާޖިބަކީ ހުރިހާ ޙާލެއްގައިވެސް ފިރިމީހާގެ ކިޔަމަނުގައި ވުމެވެ. އޭނާއަށް ޚިދުމަތް ކުރުމެވެ.

     ނަމަވެސް…. ނަަމަވެސް… މިއަދު އަހަރެންނަށް އެގޮތަކަށް ޤަބޫލެއް ނުކުރެވެެއެވެ. އަންހެނުންގެވެސް ޙައްޤުތަކެއް އޮންނާނެއެވެ. ފިރިމީހާ އަނބިމިހާ އަށް ކުރަންޖެހޭ އިޙްތިރާމުތަކަކާއި ބަހައްޓަންޖެހޭ ޤަދަރުތަކެއްވެސް އޮންނާނެއެވެ. ކައިވެނީގެ ގުޅުމަކީ ހަމައެކަނި އެއްކޮޅުން ހުރިހާ ޙައްޤުތަކަކާއި އިމްތިޔާޒުތަކެއް ލިބިދޭ ގުޅުމަކަށެއް ނުވާނެއެވެ.

     އަހަރެން މިރޭ ނިދޭތޮ މިއުޅެނީ މި ޚިޔާލުތަކުގެ ތެރޭގައެވެ. އެ ޚިޔާލުތަކުގެ ފަރުދާ ދޭތެރެދޭތެރެއިން ހިއްލައިލައިފައި ސިއްރުސިއްރުން ބަލަމުން އެދަނީ ނަޒީރެވެ. ނަޒީރާއި އަހަރެންނާ ދެމީހުން އެކުއެކުގައި އުފާއުފަލުން އުޅުނު އެކި ދުވަސް ދުވަހުގެ ހަނދާންތަކާ އެކުގައެވެ. “އަހަރެން އޭނާ ދެކެ ރުޅި އަންނަން މަސައްކަތް ކުރި ވަރަކަށް އަހަރެންނަށް އޭނާ ދެކެ ލޯބިވެވެނީއެވެ.” އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން މިރޭ މަސައްކަތް ކުރަމުން މިދަނީ މި ޚިޔާލުތައް ކަރުދާހުގައި ގަލަމުން ކުރަހާލެވޭތޯއެވެ. ނަމަވެސް ކޮންމެ ފަހަރަކު ލިޔަން ފަށާއިރަށް “ގަލަމުގެ ދެލި ހިކެނީއެވެ.” ނުވަތަ ޚިޔާލުގެ އޮއިވަރު މާ ބާރަށް ދެމިގެންދަނީއެވެ. ކޮންމެއަކަސް….

****************************************

     ފަރުދާގެ އަނެއް ފަރާތެވެ. ނަޒީރުގެ ނިދާ ކޮޓަރިއެވެ. ކޮޓަރީގެ އެއް ފަރާތުގައި ވަނީ ވަރަށް ބޮޑު ކުޑަދޮރެކެވެ. ދޮރުގައި ދަމާފައިވާ ފޮތިގަނޑު ވަޔާ ޙަރަކާތް ކުރަމުންދާތީ ދޮރުހުރީ ހުޅުވައިލައިފައި ކަން އެނގެއެވެ. ކޮޓަަރިއާ ގުޅިގެން ބޭރުގައި އޮތް ކުޑަކުޑަ ބަގީޗާއެއްގައި ހައްދައިފައިވާ އިރުދޭމަލާއި ހުވަނދުމާ ގަސްތަކުގައި ފޮޅިފައިވާ މާތަކުގެވަސް ކޮޓަރި ތެރެއަށް ފެތުރިފައިވެއެވެ.

     ކޮޓަރީގެ އަނެއް ފަރާތުގައި ވަނީ ޑްރެސިންގ ޓޭބަލަކާއި ބޮޑު އަލަމާރިއެކެވެ. އަދި ކޮޓަރިއާ ގުޅިފައިވާ ފާޚާނާއަށް ވަންނަން ހުރިދޮރެވެ. ކޮޓަރީގެ އެއްކޮޅުގައި ވަނީ ވަރަށް ފުޅާ އެނދެކެވެ. ޑަބަލް އެނދެކެވެ. އަނެއްކޮޅުގައިވަނީ ލިޔާ މޭޒަކާއި ފޮތް ބަހައްޓާ ކަހަލަ ހަރެކެވެ. ދެން ޖެހިގެން ހުރި ކޮޓަރިއަށް ވަންނަން ހުރި ދޮރެވެ.

     ނަޒީރު އޭނާގެ އެނދުގައި އޮށޯވެގެން އޮންނަތާ ވަރަށް ގިނައިރު ވެއްޖެއެވެ. އިރިއިރުކޮޅާ ފުރޮޅިލައެވެ. މިރޭ އޭނާވެސް އެ އުޅެނީ ކޮންމެވެސް ޚިޔާލު ތަކެއްގެ އުދާހުގައެވެ. ކޮންމެވެސް ޝުޢޫރުތަކެއްގެ ވޭނުގައެވެ. ނިދި މިރޭ އޭނާއަކާ މާ ރައްޓެއްސެއް ނޫނެވެ. މިރޭ އިރު އޮއްސެން އުޅެނިކޮށް ތެލެފޯނުން އޭނާއާ ޖަމީލާ ދެއްކި ވާހަކަ ތަކުގެ ސަބަބުން ނަޒީރަށް ވަނީ ވަރަށް އާދަޔާ ޚިލާފު އަސަރުތަކެއް ކޮށްފައެވެ.

     އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ ޖަމީލާޔާއި އޭނާއާއި ދެމީހުންގެ ޙަޔާތުގެ އުފާވެރި ދުވަސްތަކެވެ. ދެ މީހުން އެކުގައި އުޅެމުން ދިޔަ ފޮނި ދައުރުތަކެވެ. ޖަމީލާ  އޭނާގެ ޙަޔާތަށް އައި ފަހުން އަންނަމުން ދިޔަ ބަދަލު ތަކެވެ. އޭނާއަށެވެ. ޖަމީލާއަށެވެ. އެމީހުންގެ ދިރިއުޅުމަށެވެ. އެކަކު އަނެކަކަށް ކުރަމުން ދިޔަ އިތުބާރާއި ޔަޤީން ކަމެވެ. ހަމައެއާއެކު އެކަކު އަނެކަކުގެ މައްޗަށް ޑިޕެންޑްވެވެމުން ދިޔަ މަތިވެރިކަމެވެ.

     ނަޒީރު ފުރޮޅިލިއެވެ. އޭނާއަށް ފެނުނީ އޭނާ އޮށޯވެގެން އޮތް އެނދުގެ އަނެއްބައިގައި އޮތް ހުސްތަނެވެ. އެއީ ވޭތުވެދިޔަ އެތައް ރެއަކު ޖަމީލާ އޭނާ ކައިރީގައި ނިދަން އޮންނަ ތަނެވެ. ނަމަވެސް މިރޭ…

     ނަޒީރު އަނެއް ފަރާތަށް ފުރޮޅިލިއެވެ. އޭނާއަށް ހީވީ ޖަމީލާ ކޮޓަރިތެރެއަށް ވަދެގެން އަންނަ ހެންނެވެ. ކޮންމެ ރެއަކުވެސް ނިދަން އޮށޯންނަން އުޅޭއިރު ނަޒީރަށް ޓަކައި ކިރު ތަށްޓެއް ހިފައިގެން ޖަމީލާ އަންނާނެއެވެ. ބައެއް ރޭރޭ އޭނާ ހުންނާނީ ނިދާ ހެދުމުގައެވެ.

     ނަޒީރު ލޯ މަރައިލިއެވެ. އޭނާއަށް ހީވީ އިހަށްވުރެ މާކައިރިން ޖަމީލާ ފެނުނުހެންނެެވެ. އެހެންކަމުން އަވަސް އަވަހަށް ލޯ ހުޅުވައިލިއެވެ. ޖަމީލާއެއް ނެތެވެ. ކުޑަދޮރުގެ ފޮތިގަނޑު ވަޔާ ހެލިލީއެވެ.

     ކޮންމެއަކަސް މިކަހަލަ ޙާލެއްގައި ނަޒީރު އެރޭ ވޭތުކުރުމަށްފަހު އެހެން ދުވަސްދުވަހަށްވުރެ މާ ހެނދުނާ ތެދުވެއްޖެއެވެ. އަދި އޮފީހަށް ދާން ތައްޔާރުވާން ފަށައިފިއެވެ. ހެނދުނގެ މި ވަގުތަކީވެސް ނަޒީރަށް ޖަމީލާގެ ހަނދާންތައް ވަކީން ޚާއްޞަ ގޮތެއްގައި “އުދަނގޫ ކުރާ” ވަގުތުތަކެކެވެ. ސަބަބަކީ އޭރުގެ ކޮންމެ ހިނދުކޮޅެއް ގުޅިފައިވަނީ ޖަމީލާގެ ކޮންމެވެސް ކަމަކާ ކަމަށް ވާކަމެވެ. ގިނަ ދުވަސް ދުވަހު ނަޒީރަށް ހޭލެވެނީވެސް ޖަމީލާ ގޮވައިލީމައެވެ. ކޮފީ ތަށްޓެއް ހިފައިގެން އައިސް ހުރެއެވެ. ހެނދުނު އޮފީހަށް ދާން ތައްޔާރުވާއިރުވެސް ނަޒީރު ހަނދާންނެތިފައި ހުންނަ ވަރަށް ގިނަ ކަންތައްތަކެއް ހަނދާންކޮށްދޭނީ ޖަމީލާއެވެ.

     ނަޒީރު ފެންވަރައިގެން ނުކުތުމަށްފަހު ހެދުންލާ އަލަމާރި ހުޅުވައިލިއެވެ. އަނެއްކާވެސް އޭނާއަށް ހީވީ ޖަމީލާ އޭނާ ކައިރީގައި ހުރިހެންނެވެ. “މިއަދު ލައްވާނީ ތިޔަ ހަރަ ނޫ ގަމީސްނުންތޯ.” ޖަމީލާ ބުނިހެން ހީވިއެވެ. އެހެން ދުވަސްދުވަހެކޭ އެއްގޮތަށް މިއަދުވެސް އޭނާ ލާނެ ގަމީސްވެސް ޖަމީލާ ބުނެދެނީއޭ ހިތަށް އެރިއެވެ.

     ނަޒީރު ނޫ ގަމީސް ލައިފިައެވެ. ނަމަވެސް ބަލާލިއިރު އޭނާއަށް ލެވިފައި ހުރީ މުށިކުލައިގެ ފަޓުލޫނެކެވެ. އެހެންކަމުން ފަޓުލޫނާއި ގަމީސް ނުގުޅޭކަން އިޙްސާސް ކުރެވިއްޖެއެވެ. އެކަމަކު ބަދަލު ކުރާނީ ފަޓުލޫނު ކަމެއް ނުވަތަ ގަމީސްކަމެއް ކަނޑައެޅުނީ ކުޑައިރުކޮޅެއް ވީފަހުންނެވެ. އެންމެ ފަހުން ބަދަލު ކުރީ ފަޓުލޫނެވެ.

     ސައިމޭޒު ދޮށަށް ނަޒީރު އައުމާއެކު ވެސް ޖަމީލާ ހަނދާންވެގެން ދިޔައެވެ. މިއަދު ޖަމީލާ ގޭގައި ނެތީމާ ނަޒީރުގެ މަންމަ އޭނާއަށް ސައި ހަދައިދޭން އައިސް ހުއްޓެވެ. ނަމަވެސް އެކަމަކުން ނަޒީރުގެ ހިތަށް ޖަމީލާ ނެތުމުން ކޮށްފައިވާ އަސަރެެއް އެއްވެސް ލުއި ކަމެއް ގެނެހެއް ނުދެވެއެވެ. ނަޒީރަށް އިޙްސާސްވަމުން ދިޔައީ ޖަމީލާ ނަޒީރަށް ސައި އަޅައިދޭ ގޮތެވެ. މޭޒުމަތީގައި ހުންނަ އެކިއެއްޗެހި ވަކިވަކިން ނަޒީރަށް ތަޢާރަފުކޮށް ދޭ ގޮތެވެ. އަދި ބައެއް އެއްޗެތި ނަޒީރުގެ ތަށްޓަށް ލައިދޭ ގޮތެވެ. ނަޒީރަށް އެނގުމުން ވިސްނެމުން ދިޔައީ އޭނާއާ ޖަމީލާއާ ދެމެދުގައިވާ ގުޅުމުގެ މަތިވެރިކަމެވެ. ޖަމީލާ ނެތުމުން އޭނާގެ ޙަޔާތުން އުނިވެފައިވާ ބައިގެ ބޮޑުކަމެވެ. އެހެންނަމަވެސް އޭނާ މަސައްކަތް ކުރަމުން ދިޔައީ އެކަންތައް ހަނދާން ނައްތައިލެވޭތޯއެވެ. އަދި ކީއްތޯއެވެ. އޭރު އޭނާ ހީކުރަމުން ދިޔައީ މިއީ ގޭގައި އުޅޭތީ އޭނާއަށް ވަމުންދާ ގޮތެއް ކަމެވެ. އޮފީހަށް ދެވުނީމާ އޮފީހުގެ މަސައްކަތްތަކުގައި މަޝްޣޫލުވެވުނީމާ މި ހަނދާންތައް ފިލާނޭ ކަމުގައެވެ. މީގެ ކުރިންވެސް ވަމުން އައި ގޮތަށެވެ.

     ނަޒީރު އޮފީހަށް ހިނގައްޖެއެވެ. ފެންނަ ފެނުމުގައި އެހެން ދުވަސް ދުވަހެކޭ މާބޮޑު ތަފާތެއް ނެތިއެވެ. ނަމަވެސް އޭނާއަށްވެސް ނޭނގޭ ކަހަލަ ފުން އަސަރުތަކެއްގެ ތެރޭގަައެވެ. އޭނާގެ މޭޒުކައިރީގައި އިށީނުމާއެކު ދުވަހުގެ މަސަައްކަތްތަކާ ކުރިމަތި ލައިފިއެވެ. މޭޒުމަތީގައި ހުރި ސިޓީތައް ބަލައި އެއަށް ޖަވާބު ދިނުން އެއީ އޭނާ ކޮންމެ ދުވަހަކުވެސް އޮފީހުގެ މަސައްކަތް ފަށާ ގޮތެވެ. ނަމަވެސް މިއަދު އެ ސިޓީތައް ކިޔަން އުޅުއުޅެ އޭގައިވާ އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނުނެގުނެވެ. ކޮންމެ ސިޓީއެއް ދެތިން ހަތަރު ފަހަރު ކީއިރުވެސް އޭނާއަކަށް ނުވިސްނުނެވެ. ދޭތެރެ ދޭތެރެއިން އޭނާގެ ޚިޔާލު ގޮސް ގުޅެނީ ޖަމީލާއާއެވެ.

     “މިހާރު ނަޒީރުގެ ލޯބިވެރިޔަކީ އޮފީހުގެ މަސައްކަތެވެ.” ޖަމީލާ ބުނާ އަޑު އޭނާގެ ކަންފަތު ތެރޭގައި ތަކުރާރު ވަމުންދެއެވެ.

     “ނަޒީރު… ކީއްވެފައިތޯ! އަނެއްކާ ޒީނާ މާބަލީތޯ!” ސިހިގެން ގޮސްފައި ނަޒީރަށް ބަލާލެވުނީ އޭނާގެ ސެކްރެޓަރީ ޢަފީފާގެ އަޑަށެވެ. އޭރު ޢަފީފާ  ޓައިޕްކޮށްފައި ހުރި ސިޓީތަކެއް ހިފައިގެން އައިސް ނަޒީރުގެ މޭޒުމަތިގައި ބަހައްޓަނީއެވެ. އޭނާ ލައިގެން ހުރި ސެންޓްގެ ވަސް ނަޒީރަށް އިޙްސާސް ވިއެވެ. އެއީ އަބަދުވެސް އޭނާއަށް އިޙްސާސްވަމުންދާ ވަހަކެވެ. މިއަދާ ހަމައަށް ވަރަށް މީރުވަހެއްވެސް މެއެވެ. ނަމަވެސް މިއަދު އެވަސް މީރުވަހަކަށް ނުވިއެވެ. ނަޒީރު ޢަފީފާ އާ ދިމާއަށް ބަލާލިއެވެ. އޭނާގެ ހިމަތޮޅި ހަށިގަނޑަށެވެ. ކަޅު އިސްތަށިގަނޑަށެވެ. ނޫކުލަ ގަދަ ފުން ލޮލަށެވެ. އުފުލިފައިވާ ދެކޮލަށެވެ. ހިމަހޯދި އިނގިލިތަކެއް ލިބިފައިވާ ތުނިތުނި އަތްތިލައަށެވެ….

     “މިހާރު ނަޒީރުގެ ބައިވެރިއަކީ އޮފީހުގެ ސެކްރެޓަރީއެވެ.” ޖަމީލާގެ އަޑު ނަޒީރުގެ ކަންފަތް ތެރޭން އިކޯވެގެން ދިޔައެެވެ. އޭނާއަށް ހީވީ ވަރަށް ކައިރިން ގުގުރިއެއްގެ އާޑު އިވުނުހެންނެވެ. އެޔާއެކު އޭނާއަށް މުޅީން އައު ދުނިޔެ އަކަށް ހޭލެވުނު ކަހަލައެވެ.

     “އަހަރެންނާ ޖަމީލާއާ ދެމެދުގައި އުފެދެމުންދިޔަ ދުރުވުމުގެ ސަބަބަކަށް މިވަނީ އަނެއްކާ މި ޢަފީފާ ބާވައެވެ.” ކުއްލިއަކަަށް ނަޒީރުގެ ހިތަށް އެރިއެވެ. “އެކަމަކު އަހަރެން ފަހަރެއްގައިވެސް އެގޮތަށް ޚިޔާލެއް ނުކުރަމެވެ.”

     “އެހެނަސް ޢަފީފާ އަހަރެންނާ ވަރަށް ގާތް. އެކަން އަހަރެން ޤަބޫލު ކުރަންޖެހޭ. އަހަރެންގެ ދިރިއުޅުމުގެ ވަރަށް ގިނަ ވަގުތު ހޭދަކުރެވެނީ އޭނާ ކައިރީގައި… އެކަމަކު އެއީ އޮފީހުގެ މަސައްކަތުގައި. އޭނާގެ ކައިރީގައި އުޅުމުގެ ބޭނުމެއްގައެއްނޫން. ހަމަ އެކަނި އޮފީހުގައި އުޅެންޖެހިގެން…” ނަޒީރު ވިސްނަމުން ގެންދިޔައެވެ.

     “ނަޒީރު… ކީއްތޯވީ! ނިކަން ބުނުއްވަ ބައްލަވަ…!” ޢަފީފާ އަނެއްކާވެސް ބުންޏެވެ.
“ކަމެއްނުވޭ…” ނަޒީރަށް އެހެން ބުނެވުނީ މާބޮޑަށް އިޚްތިޔާރަކާ ނުލައެެެވެ. އޭނާ އޭރުވެސް އިނީ ފިކުރު ކުރާށެވެ.

     “ޢަފީފާ އަހަރެންނަށް އެހާ ރީއްޗެއްވެސް ނޫނެވެ.” އޭނާ ހިތަށް އެރިއެވެ. “އަހަރެންނާ ދޭތެރޭ ޖަމީލާ އެކަހަލަ އެއްޗެއް ހީކުރާނޭވެސް އަހަރެންގެ ހިތަކަށް ނާރައެވެ.”

     “އެކަމަކު އަހަރެންނަށް މާގިނައިރު އޮފީހުގެ މަސައްކަތުގައި އުޅެވުނީއެވެ.” ނަޒީރު އަމިއްލައަށް އޭނާގެ ކުށް ޤަބޫލު ކުރެވުނީއެވެ. އޭނާ މިހެން ބުނީ އޭނާގެ ހިތާ ހިތުންނެވެ. ނަމަވެސް ހީވީ ޢަފީފާއަށް އެ އަޑު އިވުނުހެންނެވެ.

     “އަނެއްކާ ޖަމީލާ ރުޅިދުރުވީތޯ؟” ޢަފީފާ އަހާލިއެވެ.

     ނަޒީރު ކައިރިއަށް ރުޅި އަންނަ ގޮތް ވިއެވެ. އޭނާގެ އަމިއްލަ މަސަލަތަކާ ބެހުމުގެ ޙައްޤެއް ޢަފީފާއަކަށް ނޯންނާނެއެވެ. އަމުދުން ޖަމީލާއާއި އޭނާއާ ދޭތެރެއަށް ވަނުމަކީ ޢަފީފާއަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަޒީރުގެ ހިތުގައި މިޝޫޢުރުތައް ހިނގަމުން ދިޔައެވެ. ނަމަވެސް ބައެއް ފަހަރު އޭނާއަށް ވަގުތު ނެތުމުގެ ސަބަބުން ޖަމީލާގެ ތެލެފޯނު ކޯލްތަކަށް ޢަފީފާ ލައްވާ ޖަވާބު ދެވިފައިވާކަން ހަނދާންވުމުން އޭނާއަށް ހެދެމުން އައިސްފައިވާ ގޯސް އަނެއްކާވެސް ނަޒީރަށް އިޙްސާސް ކުރެވުނެވެ. މިހާރު އޭނާ ބޭނުމީ ޢަފީފާ އޭނާ ކައިރިން ދުރަށް ދާށެވެ. ނަމަވެސް ކުއްލިއަކަށް އެހެން ބުނާނީވެސް ކިހިނެއްހެއްޔެވެ. ކޮންމެ ދުވަހެއްގެ ހެނދުނު އޮފީހުގެ މަސައްކަތް ފެށިގެންދަނީ ނަޒީރުގެ މޭޒުގެ އަނެއް ފަރާތުގައި ޢަފީފާ އިނދެގެންނެވެ. ސިޓީތަކުގެ ޖަވާބު ނަޒީރު ކިޔާ ދިނުމުން ނޯޓް ކުރުމަށް ޓަކައެވެ. އެ ދުވަހު ހުރި މައްސަަލަތައް ނަޒީރަށް ކިޔާ ދިނުމަށް ޓަކައެވެ. އަދި އެންމެ ފަހުން ނުވަގަޑި ސައި ޢަފީފާ އަތުން ނަޒީރަށް ގެނެސްދިނުމާ ހަމައަށެވެ.

     “މިއަދު މިއުޅެނީ ބޮލުގައި ރިއްސާތީ…” އެންމެ ފަހުން ބުނާނެ އެއްޗެއް ނެތިގެން ނަޒީރު ބުނެލިއެވެ. “މިއަދު މަސައްކަތް ކުރާ ހިތް ނުވަނީ…”

     “ބޮލުގައި ރިއްސަނީތޯ!” އެސްޕިރިން ގުޅައެއް ގެންނަންތޯ. އަޅުގަނޑު އަތުގައި ހުންނާނެ!” ޢަފީފާގެ އަޑުގައިވަނީ އޯގާވެރިކަމެވެ.

     “އެސްޕިރިން ރަނގަޅެއ ނުވާނެ!”

     “އެހެންވިއްޔާ ޕެނެޑޯލްވެސް ހުންނާނެ…”

     މިއަދު ނަޒީރު ޢަފީފާގެ ނަން ބޭނުން ކުރީ މުޅީން ފުރިހަމަ ކޮށެވެ. އެކަން ޢަފީފާއަށް ވަރަށްބޮޑަށް ފާހަގަ ކުރެވުނެވެ. އެއާއެކު ނަޒީރަށް މިއަދު އައިސްފައި މިވަނީ ކޮންކަހަލަ ބަދަލެއްކަން މުޅީން ނޭނގުނު ނަމަވެސް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެކަން އޭނާއަށް ވިސްނުނެވެ. އެހެންކަމުން އިތުރު އެއްޗެއް އޭނާއަކަށް ނުބުނެވުނެވެ.

     “އަހަރެން ހިތްހަމަ  ނުޖެހޭ ގޮތްތަކެއް ވަމުންދާތީ ދުވަސްކޮޅެއް ވެއްޖެ. އަދި ޒީނާގެ ބަލިވުން އޭގެ ތެރެއަށް އިތުރު ވުމުން މި ހުންނަނީ ވަރަށް ކަންބޮޑުވެފައި.” ނަޒީރު ބުނަމުން ދިޔައެވެ. އޭނާ އެ ވާހަކަތައް އެ ކިޔާ ދެނީ ވަކީން ޢަފީފާއަކަށް ނޫނެވެ. އޭނާގެ އަމިއްލަ ނަފުސާ ވާހަކަ ދެއްކެނީއެވެ. ނަމަވެސް މޭޒުގެ އަނެއް ފަރާތުގައި އިން ޢަފީފާ އެވާހަކަތައް އަހަމުން ދިޔައެވެ.

     “އަހަރެންނަށް މިހެންވާންފެށީ އޮފީހުގެ މަސައްކަތުގައި މާބޮޑަށް އުޅެވެން ފެށީމާ ކަންނޭނގެ… އަހަރެން ހީކުރީ މަސައްކަތް ތައް ކުރުމުން އަދި ކޮށް ނިންމުމުން ވަރަށް ބޮޑު ހިތްހަމަ ކޖެހުމެއް ލިބޭނެ ކަމަށް. އެކަމަކު ވީ އެހެންނެއް ނޫން… މަސައްކަތް ތަކެއް ނުވެސް ނިންމުން. އަބަދު ކުރަނެ މަސައްކަތް އޮތުމާއެކު އަބަދުވެސް ހުންނަންޖެހެނީ މަސައްކަތް ނުނިމޭ ކަމުގެ ހިތްހަމަ ނުޖެހުމުގައި… އަދި އެމަސައްކަތްތަކުގެ ސަބަބުން އަހަރެންގެ ޙަޔާތުގެ އެހެން އުފާތަކާ އަހަރެން އައީ ދުރުވަމުން…. ނޭނގި ނަމަވެސް ދުރުވަމުން…”

     “މިއަދު އަހަރެން މިވަނީ އަހަރެންގެ ގެއާ ވަކިވެފައި. އަހަރެންގެ ދަރިފުޅާ ވަކިވެފައި އަހަރެންގެ… އަހަރެންގެ…” ނަޒީރުގެ ވާހަކަތައް ކުއްލިއަކަށް ހުއްޓިއްޖެއެވެ. އޭނާ އަށް ހަމައެކަނި ޚިޔާލުކުރެވެނީ އަކީ ނޫންކަން އޭނާއަށް އިޙްސާސް ވީއެވެ. އޭނާއަށް ވާހަކަ ދެއްކެމުންދާކަން އޭނާއަށް ވިސްނުނީއެވެ.

     ނަޒީރު ގޮޑިން ތެދުވެއްޖެއެވެ. ޢަފީފާއަށް ފުރަގަސް ދެމުން ބުނަމުން ދިޔައެވެ.

     “އަފީފާ. މިއަދު އަހަރެން މިއުޅެނި ގެއަށް ގޮސްލަންކަމަށް… އޮފީހުން ޗުއްޓިއެއްް ނަގައިގެން… ޒީނާ ވަރަށް ބަލި. އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދާންވެގެން…”

********************************************

     ޖަމީލާއަށް ހީވީ ހުވަފެނެއް ފެނުނުހެންނެވެ. އޭނާގެ ކުޑަދަރިފުޅު ގޮވައިގެން ގޭގެ ފެންޑާ މައްޗަށް ނުކުތްތަނާ ބޭރުން ވަދެގެން އަންނަތަން ފެނުނީ ނަޒީރެވެ. ނަޒީރު މިގެއަށް އަތުވެދާނެ ކަމަށް ޖަމީލާއަށް ހީ ކުރެވިފައިވެސް ނެތެވެ. އަމުދުން މިހާ ހެނދުނާ އޮފީސްގަޑިވެސް ނުނިމެނީސް އޭނާ އަންނާނެ ކަމަށް ހިތަށް އެރުވުންވެސް ޖަމީލާއަށް ދައްޗެވެ.

     އެކަމަކު އެއީ ނަޒީރެވެ. އޭނާއަށް ޔަޤީނެވެ. އެ އަންނަނީ އޭނާގެ ނަޒީރެވެ. އޭނާގެ ދަރިފުޅުގެ ބައްޕައެވެ. ޖަމީލާއަށް  ހުރިތަނުން ގުޑާވެސް ނުލެވުނެވެ. ނަމަވެސް އޭނާ ބޭނުންވަނީ އަވަހަށް ގޮސް ނަޒީރުގެ އަތުގެ ތެރެއަށް ވަންނާށެވެ.

     ނަޒީރު  މަޑުމަޑުން އައިސް ޖަމީލާ ކައިރިއަށް ހުއްޓިއްޖެއެވެ. އޭނާއަކަށްވެސް ވާހަކައެއް ނުދެއްކުނެވެ. ޖަމީލާއަކަށްވެސް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ ލޯ ފުރިއްޖެއެވެ. ކަރުނުންނެވެ. އެކަމަކު އެއީ އުފަލުންނެވެ. ކުޑަކުޑަ ޒީނާ އޭނާގެ ބައްޕައާ ދިމާއަށް ބަލާލިއެވެ. ނަޒީރު ޒީނާ އުރާލިއެވެ. އަދިވެސް ވާހަކައެއް ނުދެއްކެއެވެ.

     ނަޒީރު ޖަމީލާގެ ދަތްދޮޅީގައި އަތް ޖައްސާލިއެވެ.

     “އަހަރެންނަށް މަޢާފުކުރޭ.” އެހެން އެއްވެސް އެއްޗެއް ނަޒީރަކަށް ނުބުނެވުނެވެ.

     “މަޢާފު ކުރަންވީ ނަޒީރު އަޅުގަނޑަށް ނޫންތޯ؟” ޖަމީލާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ.

     “ނޫން. ޖަމީ! އަހަރެންނަށް މާ ބޮޑަށް ފަރުވާ ކުޑަކުރެވުނީ އަހަރެންނަށް އިހުމާލު ވެވުނީ. އިހުމާލު ނުވާންވި ކަންތައްތަކާމެދު މާބޮޑަށް އިހުމާލު ވެވުނީ. އަހަރެންނަށް މަޢާފު ކުރޭ.”

     “އަޅުގަނޑު މަޢާފު ކުރަންޖެހޭ ވަރުކަމެއް ދުވަހަކުވެސް ނަޒީރު ކުރައްވާނެއެކޭ އަޅުގަނޑު ހިއެއް ނުކުރަން… އަޅުގަނޑަށް ގޯސް ޚިޔާލުތަކެއް ކުރެވުނީ. އަޅުގަނޑު ނަޒީރު ގަތު ނަންވެސް ނުގަނެ މިގެއަށް އައީ… އަޅުގަނޑަށް ކެތް ނުކުރެވުނީ. ނަޒީރުގެ މަސައްކަތްތަކުގައި ކުރިއަށް ދުރުވުމަށް އަޅުގަޑަށް ނަޒީރަށް އެހީވެ ނުދެވުނީ.”

     ނަޒީރުގެ އިނގިލިތައް ޖަމީލާގެ ތުންފަތުގައި ޖައްސާލިއެވެ.

     “ތިޔަހެން ނުބުނޭ ޖަމީ. ޖަމީ އަބަދުވެސް ނަޒީރަށް އެހީވެދޭ. އެކަން އަހަރެންނަށް ޤަބޫލު ނުކުރެވުނީ. ޖަމީ އަބަދުވެސް އަހަރެންގެ ހެވަށް އެދޭ. އަހަރެންގެ ހުރިހާ ކަމެއް ކޮށްދޭ… އަހަރެންނަށް އެކަމުގެ އަގު ވަޒަން ނުކުރެވުނީ. ދިރިއުޅުމުގައި، ޚާއްޞަކޮށް ކައިވެނީގެ ޙަޔާތުގައި، އަހަރެން ނުވާންވީ އިހުމާލެއް އަހަރެންނަށް ވެވުނީ. އެކަން މިހާރު އަހަރެންނަށް އިޙްސާސް ކުރެވިއްޖެ.” ނަޒީރު ބުނަމުން ދިޔައެވެ.

     “ދެން މިހާރު ހިނގާ! އަހަރެން މިއައީ އޮފީހުން ޗުއްޓީވެސް ނަގައިގެން. ވޭތުވެ ދިޔަ ދެއަހަރު އަހަރެން އުޅުނީ އަހަރީ ޗުއްޓީވެސް ނުހޯދާ. އެހެންވީމާ ޗުއްޓީއަށް 40 ދުވަސް އެބައޮތް. އަހަރެން ބޭނުންވަނީ އެހުރިހާ ދުވަހެއް ޖަމީއާއެކު ހޭދަކުރަން. އަހަރުމެންގެ ގުޅުން އަހަރުމެންގެ ލޯބި އަލުން އާ ކުރަން.”

     “އަޅުގަނޑުމެންގެ ލޯބި އަލުން އާ ކުރައްވަން ތިޔަ ބުނުއްވީ އެ ލޯބި ބާވީތޯ!” ޖަމީލާ ވަރަށް ފުން ނަަޒަރަކުން ނަޒީރުގެ ލޮލުގެ ތެރެއަށް ބަލައިލިފައި އަހާލިއެވެ.

     “ނޫން! މިބުނަނީ އެހެންނެއްނޫން! ނަމަވެސް ވަގުތާއި ޒަމާން. އެކިއެކި ޙާދިޘާތަކުގެ ކުލަ ބަދަލު ކުރާހެން އަހަަރުމެންގެ ލޯތްބަށްވެސް ވޭތުވެދިޔަ ދުވަސްތައް ޚަރީފު ކަމެއް ގެނެސްފައިވާ ހެން ހީވާތީ އަލުން އާ ކުރާ ވާހަކަ ބުނެވުނީ.”

     “އަޅުގަނޑުމެންގެ ލޯތްބަށް ޚަރީފު ކަމެއް ނާދޭ. ނުވެސް އަންނާނެ. ހަމަގައިމު އަޅުގަނޑު ނަޒީރު ދެކެ ވާ ލޯތްބަކަށް އެއްވެސް އުނިކަމެއް ނާދޭ.”

     ދެމީހުންގެ ވާހަކަ ހުއްޓާލަން ޖެހުނީ ޖަމީލާގެ މަންމަ ޖަމީލާއަށް ގޮވަމުން ގޭތެރެއިން ފެންޑާ މައްޗަށް ނުކުތީމައެވެ. ނަޒީރު ފެނުމުން މަންމަގެ މޫނުމަތިން ވަރަށް ބޮޑަށް އުފާވެރިކަން ފާޅުވިއެވެ.

     “އަހާނ! ނަޒީރު. ހާދަ ނުވަގުތެއްގައި.” މަންމަ ބުނެލިއެވެ.

     “ޒީނާ މާބަލިަވެ އުޅޭތީ އޮފީހުގައި އިނދެފައިވެސް އައީ.”

     “ޒީނާ މިހާރު ރަނގަޅުވެއްޖެ. ރޭއްސުރެ ހުން ގަދައެއްނުކުރޭ. މިއަދު ހެނދުނު ސައިވެސް ރަނގަޅަށް ބުއި.” މަންމަ ޖަވާބު ދިނެވެ.

     “ޖަމީލާ! ނަޒީރު ގޮވައިގެން ހުންނަނީ ފެންޑާމަތީގައިތަ؟ ވަންނަންވެސް ނުބުނަމުތަ؟” މަންމަ ޖަމީލާއާ ދިމާއަށް ބަލާލަމުން ބުންޏެވެ.

     “މަންމާ! މި ވަގުތު އަޅުގަނޑު ދެން ދަނީ… އަޅުގަނޑު މިއައީ ޖަމީލާ މެން ބަލާ. އިނގޭތޯ؟” ނަޒީރު ލަދުވެތި ގޮތަކަށް ބުނެލިއެވެ.

     “އާނ. ކަނބުލޯ ދެންދޭ. ދެން ނަޒީރާ އެކުގައި ނޫނީ މިގެއަށް ނާންނާތި… މަންމަ ކުރިންވެސް ބުނީމެއްނު. ނަޒީރު ކަނބުލޮއަށް ދެރަގޮތެއް ނަހަދާނެ…”

ޖަމީލާ ހަމަ އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ. ނަޒީރު އޭނާގެ އަތުގައި ހިފައިގެން ދޮރޯށިން ނުކުންނަން ހިނގައިގަތެވެ. ބޭއިޚްތިޔާރުގައި، ނަމަވެސް ހިތާއި ސިކުނޑިން އެދިގެން ހުރެ ޖަމީލާވެސް ހިނގައިގަތެވެ. ކުޑަކުޑަ ޒީނާވެސް ގޮވައިގެންނެވެ. މަންމަވެސް އެމީހުންނާއެކު ދޮރޯށްޓާ ހަމައަށް އައެވެ.

(ނިމުނީ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. މޫސާ

    ސަޅި މިހާރުގެ ބިޒީ މީހުންނަށް ޢިބްރަތަކަށް ފުދޭ! އައްބާސްބެއަށް ޝުކުރިއްޔާ!

    (0)(0)
Leave Comment