ޓެކްނޯލޮޖީ ކުރިއަރާފައިވާ މިޒަމާނުގައި އަތުލިޔުމަށް ޖާގަ އެބައޮތްބާވައޭ ކުރެވޭ ސުވާލަކީ ދޭތެރެދޭތެރެއިން އިވޭ ސުވާލެކެވެ. މިއީ ތައުލީމީ ދާއިރާގައި ބަހުސު ކުރެވޭ މައްސަލައެކެވެ. އެކި ކަހަލަ ދިރާސާކޮށް، އަތު ލިޔުމުގެ ފައިދާއާއި ގެއްލުމެއް އޮތް ނަމަ އެ ގެއްލުމެއްގެ މައްޗަށް އެކި ކަހަލަ އިލްމީ ލިޔުންތައް ލިޔެފައި އެބަ ހުއްޓެވެ. ޒަމާނުއްސުރެ އިންސާނުން ފާޅުކުރަން ބޭނުންވާ ޝުޢޫރުތައް ކުރެހުމުގެ ސިފައިގައި ނޫނީ ލިޔުމުގެ ސިފައިގައި ފާޅުކޮށް ރެކޯޑުކުރެވެމުން އައިސްފައިވެއެވެ. މިހެންކަމުން އަތުލިޔުމަކީ މުހިންމު ހުނަރެއްކަމަށް ވަނީވެފައެވެ. އެހެނަސް…

ޓެކްނޯލޮޖީ ކުރިއަރާފައިވާ މިޒަމާނުގައި އަތުލިޔުމަށް ޖާގަ އެބައޮތްބާވައޭ ކުރެވޭ ސުވާލަކީ ދޭތެރެދޭތެރެއިން އިވޭ ސުވާލެކެވެ. މިއީ ތައުލީމީ ދާއިރާގައި ބަހުސު ކުރެވޭ މައްސަލައެކެވެ. އެކި ކަހަލަ ދިރާސާކޮށް، އަތު ލިޔުމުގެ ފައިދާއާއި ގެއްލުމެއް އޮތް ނަމަ އެ ގެއްލުމެއްގެ މައްޗަށް އެކި ކަހަލަ އިލްމީ ލިޔުންތައް ލިޔެފައި އެބަ ހުއްޓެވެ.

ޒަމާނުއްސުރެ އިންސާނުން ފާޅުކުރަން ބޭނުންވާ ޝުޢޫރުތައް ކުރެހުމުގެ ސިފައިގައި ނޫނީ ލިޔުމުގެ ސިފައިގައި ފާޅުކޮށް ރެކޯޑުކުރެވެމުން އައިސްފައިވެއެވެ. މިހެންކަމުން އަތުލިޔުމަކީ މުހިންމު ހުނަރެއްކަމަށް ވަނީވެފައެވެ. އެހެނަސް މިޒަމާނަކީ ޓެކްނޯލޮޖީގެ ޒަމާނެވެ. އަތުލިޔުމަކީ ބޯދާކަމެއްކަމަށް ބެލެވޭ ޒަމާނެވެ. މަދުރަސާތަކުގެ ކުލާސްތަކުގައިވެސް ކޮމްޕިއުޓަރާއި ލެޕްޓޮޕް، ޓެބްލެޓްތަކާއި ސްމާޓްފޯނުތައް ބޭނުންކުރާ ޒަމާނެވެ. މިފަދަ ޒަމާނެއްގައި އަތުލިޔުމަށްއޮތީ ކޮންޖާގައެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބުހޯދާލަން ކުޑަދިރާސާއެއް ކޮށްލީމެވެ. ފެނުނު ބައެއް ޚިޔާލު ހިއްސާކޮށްލާނަމެވެ.

ސައިކޮލޮޖިސްޓުންނާއި ނިއުރޯސަޔަންޓިސްޓުން ކުރަމުންދާ ދިރާސާތަކުގެ މައްޗަށްބުރަވެ ދުވަހެއްދުވަހަކަށްދަނީ އަތުލިޔުން ކިޔަވައިދިނުމުގެ މުހިންމުކަން ފާހަގަކޮށް އެކަމަށް ބާރުއަޅަމުންނެވެ. އާދޭހެވެ! ކޮމްޕިއުޓަރާއި ކީބޯޑުތަކުގެ ކުރިއެރުން ފެންނަ އަދުގެ ދުނިޔޭގައެވެ.

ކީބޯޑުން ލިޔުމުގެ ބަދަލުގައި އަތުލިޔުމުން ފަށައިގަންނަކުދިން އަވަހަށް ކިޔަންދަސްކުރާކަމަށް ދިރާސާތަކުން ދައްކައެވެ. ހަމައެހެންމެ މިކުދިންނަށް ޚިޔާލުފާޅުކުރުމަށާއި މަޢުލޫމާތު ރައްކާކުރުމަށް ނުވަތަ ދެނެގަތުމަށް ފަސޭހަވެއެވެ.

“އަތުން ލިޔާއިރު ސިކުނޑީގައިވާ ޚާއްޞަ ނިއުރަލް ސަރކިޓެއް މަސައްކަތްކުރަން ފަށާ. މީގެ ސަބަބުން ސިކުނޑި ހުޅުވި، ލިޔެފައިވާ ބަސްތަކާމެދު ޚިޔާލު ކުރެވެންފަށާ،” ޕެރިސްގެ ކޮލެޖް އޮފް ފްރާންސްގެ ސައިކޮލޮޖިސްޓެއް ކަމުގައިވާ ސްޓެނިސްލާސް ޑަހޭން ބުނެފައިވެއެވެ. ޑަހޭން އިތުރަށް ބުނެފައިވަނީ މިކަމުގެ ސަބަބުން ކުއްޖާއަށް ދަސްކުރުން ފަސޭހަވެ، އޭނާގެ އުނގެނުމުގެ ހަލުވިމިނަށް އެދެވޭ އަސަރެއްކުރާކަމަށެވެ.

އަތުލިޔުމަކީ ސިކުނޑީގެ މަސައްކަތް ހަލުވިކޮށްދޭ ކަމެއް

އިންޑިއާނާ ޔުނިވަރސިޓީގައި 2012 ވަނައަހަރު ސައިކޯލޮޖިސްޓް ކެރިން ޖޭމްސް އާއި އޭނާގެ ޓީމުންކުރި ދިރާސާތަކުންވެސް ފްރާންސްގެ މިދިރާސާއަށް ބާރުދެއެވެ. ކެރިން ޖޭމްސްގެ ޓީމުން ލިޔަންކިޔަން ދަސްކޮށްފައިނުވާ ކުޑަކުދިންތަކަކަށް އަކުރެއް ނުވަތަ ފާހަގައެއް ހުށަހެޅިއެވެ. އެކުދިން ކުރަންޖެހުނު ކަމަކީ މިއަކުރު ނުވަތަ ފާހަގަ އުފެއްދުމެވެ. މިކަން ކުރުމަށް އެކުދިންނަށް 3 ގޮތެއް ހުށަހެޅުނެވެ.


 1. ތިކިތަކަކުން އައުޓްލައިން އަޅާފައިވާ އަކުރުގެ މަތިން އިނގިލި ގެންދިޔުން.
 2. އެއްޗެއް ނުލިޔެއޮތް ހުސްކަރުދާސް ގަނޑެއްގައި އެކުރެހުން.
 3. ކޮމްޕިއުޓަރެއްގައި އެ އަކުރު/ފާހަގަ ޓައިޕްކުރުން.

އެއަށްފަހު މިކުދިން “ބްރެއިން ސްކޭނަރ” އަކަށްލާފައި އަކުރު ނުވަތަ ފާހަގަ އަލުން އެކުދިންނަށް ދެއްކިއެވެ.

މިދިރާސާއިން ދެއްކިގޮތުގައި، ހުސްގަނޑެއްގައި އަމިއްލައަށް އަކުރުއެޅި ކުދިންގެ ސިކުނޑީގެ ތިންބައެއްގައި ހަރަކާތް އަވަސްވިއެވެ. މިއީ ބޮޑެތި މީހުންވެސް ލިޔެކިޔުމުގައި ސިކުނޑި ބޭނުންކުރާ ބައިތަކެވެ. މިއާއި ޚިލާފަށް އަނެއް 2 ގްރޫޕުގެ ކުދިންގެ ސިކުނޑީގެ މަސައްކަތް ކުޑަވެފައި ބާރުދެރަކަން ފާހަގަކުރެވުނެވެ. ޑރ. ކެރިން ޖޭމްސް މިކަމަށް އިތުރު ދިރާސާއެއްވެސް ހެދިއެވެ. މި ދެދިރާސާގެ ނަތީޖާ ދެއްކިގޮތުގައި އަމިއްލަ އިނގިލިތައް ބޭނުންކޮށްގެން އަކުރު ނުވަތަ ފާހަގަ އުފެއްދި ކުދިންގެ ސިކުނޑީގެ ހަރަކާތް އަވަސްވެ ދަސްކުރުމަށް އިތުރަށް މަގުފަހިވިއެވެ. މި ދިރާސާއިން ޑރ. ޖޭމްސްގެ ނިންމުމަކީ އަތުލިޔުމަށް މަސައްކަތްކުރި ކުދިންގެ ކިބައިގައި ދަސްކުރުމުގެ ހުނަރު ފުޅާވެފައިވާކަމެވެ. ދަސްކުރުމާއި އުނގެނުމުގައި އަތުލިޔުމުގެ ފައިދާ ބޮޑުކަމެވެ.

އަތުލިޔުން ކުރިއެރުމުން ޚިޔާލުތަނަވަސްވޭ

ވޮޝިންގްޓަން ޔުނިވަރސިޓީގައި މަސައްކަތްކުރާ ސައިކޮލޮޖިސްޓެއް ކަމަށްވާ ވަރޖީނިޔާ ބާރނިންޖަރ ކުރި ދިރާސާއަކުން ދެއްކިގޮތުގައި، ކީބޯޑު ބޭނުންކޮށްގެން ލިޔުމާއި އަތުންލިޔުމާއި ގުޅިފައިވަނީ ސިކުނޑީގެ ތަފާތު ދެބަޔަކާއެވެ. އަދި މި ދެބައިގެ މަސައްކަތުގެ ނަތީޖާ ނުކުންނަނީ ތަފާތުކޮށެވެ. އަތުލިޔުން ބޭނުންކުރާކުދިންގެ ކިބައިގައި، ލަފުޒު އެކުލަވާލުމުގެ ހުނަރު ހަލުވިވެފައި ޚިޔާލުގެ ތަނަވަސްކަންވެސް ކުރިއަރާކަމަށް ފާހަގަކުރެވުނެވެ. މިކުދީންގެ ސިކުނޑި މަސައްކަތްކުރާގޮތުގެ ފޮޓޯތަކަށް ރިއާޔަތްކޮށް ބަރނިންޖަރ ބުނަނީ އަތުލިޔުމާއި ޚިޔާލުތަނަވަސްވުމާދެމެދު ވަރަށްބޮޑު ގުޅުމެއް ވާކަމަށް ފާހަގަކުރެވޭކަމަށެވެ. އަތުލިޔުން ފަރިތަކުދިންގެ ސިކުނޑީގެ މަސައްކަތް ހަލުވިވެފައި، ތަފާތުޚިޔާލުތަކަށް ތަންދޭ މިންވަރު އެކުދިންގެ ސިކުނޑިން ފުޅާކޮށް ދައްކައިދެއެވެ.

ކީބޯޑާއި އެހެނިހެން އެލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ލިޔުންތައް އުފެއްދޭ މިޒަމާނުގައި އަތުލިޔުމުގެ މުހިންމުކަން ބޮޑުވަނީ މިކަމުގެ ސަބަބުން ސިކުނޑީގެ މަސައްކަތް ހަލުވިވާތީ އެކަންޏެއްނޫނެވެ. އަތުލިޔުމަކީ އިންސާނުންގެ އެކިޖީލުތަކުގެ ޘަޤާފަތާ ގުޅިފައިވާކަމެވެ. ހަމައެހެންމެ އަތުލިޔުމަކީ ކޮންމެމީހަކަށްމެ އެމީހަކަށް ޚާއްޞަ އަމިއްލަވަންތަކަމެއް އެކުލެވޭކަމެކެވެ. މިއީ، ކީބޯޑުތަކުން ނުލިބޭނެ އަދި ދައްކައިނުދެވޭނެ ކަންކަމެވެ. ފޮތްލިޔުންތެރިއެއް ކަމުގައިވާ އެލެކްސް ޕްރެސްޓަން އޭނާގެ އެންމެފަހުގެ ފޮތް އަތުންލިޔަން ނިންމުމާގުޅިގެން އެކަމާގުޅޭގޮތުން ސުވާލުކޮށްލީމާ އޭނާ ބުންޏެވެ. “ކޮމްޕިއުޓަރުން ލިޔުމުގެ ބަދަލުގައި ފޮތްއަތުންލިޔަން ފެށުމުން ތަފާތު އިހުސާސްތަކެއް ކުރެވެއެވެ. އަތުން ލިޔަންފެށުމުން ވާހަކައަށް އަންނަ ބަދަލުތައް ސިފަކުރުމަށް ފަސޭހަވެއެވެ. އަދި ލިޔުމަކީ ހުނަރެއްގެ ގޮތުގައި ދެކެން ފަސޭހަވެއެވެ. އަދި ފޮތުގައި އުޅޭ އެކި ޝަޙުސިއްޔަތުތަކާއެކު އުފެދޭ ގުޅުން ބަދަހިވެއެވެ.”

‘ބުލެޓް ޖާރނަލް’ އުފެއްދި ރައިޑަރ ކެރޯލް މިކަމަށް ތާއީދުކޮށް ބުނެފައިވަނީ، “ކަރުދާހުގައި ގަލަމުން ލިޔުމުގައި އިހުސާސްކުރެވޭ ވަރުގަދަ ބާރެއްވެއެވެ. އެއީ ސިކުނޑިން ދޫކޮށްލެވޭ ޚިޔާލު ގޮސް ކަރުދާހުގައި ޖެހޭ ދަނޑިވަޅުގައި އެޚިޔާލު އެނބުރި ލިޔުންތެރިޔާއާއި ދިމާއަށް ބަލައިލާ ދަނޑިވަޅެވެ. މިއީ ކޮމްޕިއުޓަރު ކީބޯޑުން ލިޔާއިރު ނުލިބޭނެފަދަ ވަރަށް އަސަރުކުރުވަނިވި އިހުސާސެކެވެ.”

އަތުލިޔުމަކީ އިންސާނުންނާ ޝުޢޫރުފާޅުކުރުމާ ދޭތެރޭގައި އޮންނަ ވަރަށްގާތް، ވަރަށްޒާތީ، ވަރަށްހިތްގައިމު ގުޅުމެކެވެ. މިގުޅުންވަނީ އަހަރެމެންގެ ވިސްނުމާއި، އަހަރެމެންގެ ޘަޤާފަތާއި، އަދި އަހަރެމެންގެ ނަފްސުގެ އަމިއްލަވަންތަކަމާވެސް ގުޅިލާމެހިފައެވެ. އަތުލިޔުމުގެ ސަބަބުން ސިކުނޑީގެ މަސައްކަތް ހަލުވިކޮށްދީ، ޚިޔާލުތަނަވަސް ކޮށްދޭކަމީ މިހުނަރު އުވިގެންނުގޮސް އޮތުމުގެ އެންމެބޮޑެތި ސަބަބުތައް ކަމުގައި ނޫނީނުވާނެއެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
4 Comments
 1. އިސްމާޢީލް ނަޝީދު

  އަޅުގަނޑުމެން ކޮންމެ މީހަކު ކިޔާލުން މުހިއްމު ލިއުމެއް. ޝުކުރިއްޔާ މަރްޔަމް ތަޥްފީޤާ.

  (4)(0)
 2. އެނޮނީމަސް

  ދިވެހި ދިރާސާއެއް ނެތީ ކީއްވެބާ؟
  ހައްތާވެސް ބޭރުމީހުން ގެ ވާހަކަ.ޤަޥްމު ކިތަންމެ ކުޑަޔަސް މަދަރުސާތަކާއި ސްކޫލްތަކާއި ކޮލެޖް ތަކާއި
  ޔުނިވަރ ސިޓީތައްވެސް މި ރާއްޖޭގައި އެބަހުރި ނޫންބާ
  އަމިއްލަ ޤަޥްމުން ފާހަގަ ކުރެވޭ ކަމެއް ހަމަ ނެތީބާ
  މިރާއްޖޭގައި މި މަސްނޫޢީ ސިކުނޑިތައް ފާޅުވީއިރުވެސް އަތުލިއުމާއި އަތުމަސައްކަތް
  ދުނިޔޭގެ އެހެން ތަންތަނާއި އަޅާ ބަލާއިރު އުޅެނީ އަހުރެންގެ ނަޒަރުގައި ވަރަށް
  މަތީ ފެންވަރުގައި ކަމަށް ދެކެމު

  (0)(0)
  • އެނޮނީމަސް

   ވަރަށް ރަނގަޅު ވާހަކައެއް. ރާއްޖޭގައި އަތުލިޔުމުގެ ހުނަރަށް ވަރަށްމޮޅު ބޭފުޅުން އަޅުގަނޑު ވެސް ދަންނަން. އެހެނަސް އަތުލިޔުމާއި ސިކުނޑީގެ ގުޅުމާއި ބެހޭގޮތުން ދިވެހިރާއްޖޭގައި ދިރާސާއެއް ހަދާފައިވާކަމެއް އަޅުގަނޑަކަށް އެނގިފައެއްވެސް ހޯދިފައެއްވެސް ނެތް. ވަރަށް ބޮޑަށް މަޢާފަށް އެދެމު.

   (0)(0)
 3. މާލިމީ

  ތިޔައީ ބޭރުމީހުން ލިޔެފައި ހުންނަ ލިޔުން ތަކުގެ ތަރުޖަމާއެވެ. ވަޅިއުލުން ކެއުމަށްވުރެން ރަގަޅީ އަތުން މޮޑެގެން ކެއުންތޯ އާއި މާލޭގައި ކާރާއި ސައިކަލުގައި އުޅުމަށްވުރެން ރަގަޅީ ހިނގާފައި އުޅުންތޯ މިހުންނަނީ ލިޔުންތެރިންގެ ދިރާސާތައް ކުރަންޖެހޭ ކަންކަމެވެ. އަމަލީ ސިފައެއްގައި ލިޔުންތެރިޔާ ބޭނުންވާ ގޮތަކަށް ކަމެއް ނުހިނގާނެއެވެ.

  (0)(0)
Leave Comment