އިބްރާހީމް ސަލީމް
ޖަޕާނު ޕޯސްޓުން 1.39 ޓްރިލިޔަން ޖަޕަނީޒް ޔެން (11.5 ބިލިއަން ޔޫ.އެސް ޑޮލަރު) ސްޓޮކް މާރކެޓްގައި ލިސްޓްކޮށްގެން ހޯދާން ކުރާ މަސައްކަތަކީ، މިއަހަރުގެ ތެރޭގައި މިހާތަނަށް ދުނިޔޭގައި ލިސްޓްކޮށްގެން ހޯދާ އެންމެ ބޮޑު އެއް ފަންޑެވެ.

ޖަޕާނު ސަރުކާރު ޙިއްޞާ އޮންނަ މި ބިޔަ ކުންފުނީގެ ޕްލޭނަކީ، ފާއިތުވި 30 އަހަރުގެ ތެރޭގައި މިހާ ބޮޑު ޢަދަދެއްގެ ޙިއްޞާ ޢާންމުންނަށް ވިއްކައިގެން ފަންޑު ހޯދާ އެއް ކުންފުންޏަށްވުމެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރު (ފުރަތަމަ ތިންމަސް ދުވަސް) ގައި ޖަޕާނުގެ އިޤްތިޞާދު ހީނަރުވުމުގެ ސަބަބުން އިޤްތިޞާދު ރަނގަޅުކުރުމަށް ޖަޕާނުގެ ސަރުކާރުން އެކުލަވާލައިފައިވާ އިޤްތިޞާދީ ސިޔާސަތުގެ ދަށުން މިހާ ބޮޑު ޢަދަދެއްގެ ޙިއްޞާ ވިއްކުމުގެ މަޤްޞަދަކީ ޖަޕާނުގެ އިޤްތިޞާދާއި އަދި ސްޓޮކް މާރކެޓްގެ ޙަރަކާތައް އިތުރުކުރުމެވެ.
“އަހަރުމެންގެ އުއްމީދަކީ އިކޮނޮމިކް ސައިކަލް އޭގެ ރަނގަޅު މިސްރާބަށް ގެނައުން” ކަމަށް ޖަޕާނު ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިހައިޑީ ސަގާ ވިދާޅުވީ ޢާންމުންނަށް ޙިއްޞާ ވިއްކަން ހުށަހެޅުމަކީ ޢާންމު ފަރުދުން ފަހަށް ރައްކާކުރާ ފައިސާ ބޭންކް ޑިޕޮޒިޓްކުރުމުގެ ބަދަލުގައި ޙިއްޞާގެ ބާޒާރުގައި އިންވެސްޓްކުރުމަށް ބާރު އަޅައިދޭ ކަމެއްކަމަށެވެ. މިއަހަރުގެ ކުރީކޮޅު ޖަޕާނުން ހާމަކުރި ގޮތުގައި އިޤްޞާދުގެ ދުވެލި 0.3 އިންސައްތަ ޖޫން މަހުގެ ނިޔަލަށް ދަށަށްދާނެ ކަމަށް  ލަފާކޮށްފައިވީ ނަމަވެސް 0.4 އިންސައްތަ ދަށްވެފައިވާ ކަމަށް ދައްކައެވެ. އަލުން މުރާޖަޢާކުރުމުން ޙިއްޞާގެ މާރކެޓް 0.5 އިންސައްތަ ދަށަށްދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އިޤްތިޞާދު ދިރާސާކުރާ ފަރާތްތަކުން އިޤްތިޞާދީ ހާލަތު އެހާ ފަސޭހައިން ރަނގަޅުވާނެކަމަށް ލަފައެއްނުކުރެއެވެ.

ޖަޕާނުގެ އިޤްތިޞާދު ކުރިއެރުމުގެ އެންމެ ބޮޑު ބައިވެރިންނަކީ އެކްސްޕޯރޓްކުރާ ފަރާތްތަކާއި އަދި ކޮންޒިއުމަރުންނެވެ. ކޮންޒިއުމަރުންގެ ބައިވެރިވުމަކީ ގާތްގަނޑަކަށް ޖަޕާނުގެ އިޤްތިޞާދުގެ 60 އިންސައްތައެވެ. ޖަޕާނު ޕޯސްޓް ހޯލްޑިންގެ ގާތްގަނޑަކަށް 80 އިންސައްތަގެ ޙިއްޞާއަކީ ޖަޕާނުގެ އިންވެސްޓަރުންކަމަށް ރިޕޯޓުތައް ބުނެއެވެ. ޖަޕާން ޕޯސްޓް ހޯލްޑިންގައި ގާތްގަނޑަކަށް 195،000 (އެއް ލައްކަ ނުވަދިހަ ފަސް ހާސް) މުވައްޒަފުން މަސައްކަތްކުރާ އިރު މިކުންފުނީގެ 25،000 (ފަންސަވީސް ހާސް) ޕޯސްޓް އޮފީސް ގޮފިތައް ހުރެއެވެ. އަދި މީގެ އިތުރުން ޢާންމުންގެ ޙިއްޞާ އޮންނަ ޖަޕާން ޕޯސްޓް ހޯލްޑިންގ ކުންފުންޏަކީ ޖަޕާނުގެ ބޮޑެތި ބޭންކްތަކާއި އިންޝުރެންސް ފަދަ ވިޔަފާރިތައް ކޮންޓްރޯލް ކުރާ ކުންފުންޏެކެވެ.

ތަރައްޤީވެފައިވާ ޤައުމުތަކުން އިޤްތިޞާދީ ޙަރަކާތްތަކަށް ބޭނުންވާ ފައިސާ ލޯނުގެ ގޮތުގައި ނެގުމުގެ ބަދަލުގައި ޢާންމު ފަރުދުންގެ ބައިވެރިވުން އޮންނަ ފަދަ ނިޒާމަކުން ބިޔަ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ، ޙިއްޞާ ފަދަ މާލީ ޕްރޮޑަކްޓްތައް ވިއްކައިގެން ހޯދުމަކީ ޢާންމު ފަރުދުން ފަހަށް ރައްކާ ކުރުމަށް އެޅޭ ހެޔޮފާލަކަށް ވެގެންދެއެވެ. އަދި ބޭކާރު ޚަރަދުކުރުމުގެ ބަދަލުގައި ފަހަށްރައްކާކުރާ ފައިސާއިން އެފަރާތްތަކަށް ނަފާ ލިބި، ބިޔަ ކުންފުނިތަކުގެ ވިޔަފާރީގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މިފަދަ ވިޔަފާރިއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ އަސަރު  ރައްޔިތުންނަށް ކުރާނެއެވެ. އަދި ޙިއްޞާގައި އިންވެސްޓްކުރާ ފަރާތްތައް ކަމަށްވާ ޢާންމު ފަރުދުންގެ ޖީބުތަނަވަސްވެ، އެބައިމީހުންގެ ފުދުންތެރިކަން އިތުރުވާނެއެވެ. އަޅުގަނޑުމެން އެންމެންނަކީވެސް ޖަޕާނުގެ ރައްޔިތުން ފަދައިން ބޭކާރު ޚަރަދު ކުޑަކުރާ އަދި ލިބޭ އާމްދަނީން ބައެއް ކޮންމެ މަހަކުވެސް ޤައުމީ އަދި ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި ފަހަށް ރައްކާކުރާ ބަޔަކަށް ވަމާ ހިނގާށެވެ.

—————————-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. ކިއުންތެރިއެއް

    މީ ވަރަށް ބޭނުންތެރި ސިލްސިލާއެއް. މިވެބްސައިޓުން އަދި ރަޢްޖޭގައި ނުކުންނަ އޮންލައިން ނޫސްތަކުން ވެސް މަދުން ނޫނީ ނުލިބޭ ޒާތެއްގެ (މިޒަމާނުގެ ދުނިޔޭގެ އިގުތިސާދާ ބެހޭ) އަގުހުރި މައުލޫމާތުކޮޅެއް. ސަލީަމށް ފަށްފަށުން ޝުކުރިއްޔާ. ސަލީމްގެ އިތުރު ލިޔުއްވުންތައް މިވެބުސައިޓުން ފެންނަމުން ދާނޭ ކަމަށް އުންމީދުކުރަން.

    (0)(0)