ބަދުރު ހަނގުރާމަ: 2

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (6)

ޢަބްދުﷲ ފާރޫގު ޙަސަން
           
ކޮންމެއަކަށް ދެޤާޞިދުން ވަޑައިގަތުމާއެކު މުސްލިމުން އެބޭކަލުން ވަށައިލިއެވެ. އެދެބޭކަލުންނާ ސުވާލުކޮށް ތަފްޞީލު އޮޅުން ފިލުންވަން ފެށިއެވެ. ޚަބަރުތައް ސާފުވެ މުސްލިމުންނަށް ފަތަޙަ ލިބުނުކަން ޔަޤީންވުމާއެކު މަދީނާގައި އުފާފާގަތިކަން ޢާއްމުވިއެވެ. ތަޙްލީލާއި ތަކުބީރުގެ އަޑުން މަދީނާގެ ފަރުބަދަތަކާއި ވާދީތައް ގުގުމަން ފެށިއެވެ. އަންޞާރުންގެ ކުރިޔަށް ތިއްބެވި ބޭކަލުންކުރެ ލަޝްކަރުގައި ބައިވެރިވެވަޑައި ނުގެންނެވުނު ބޭކަލުން ކައު ސާހިބާ صلّى الله عليه وسلّم އަށް ފަތަޙައިގެ މުބާރަކު ބާދީއާއި ތަހްނިޔާ ވިދާޅުވުމަށްޓަކައި ބަދުރާ ދިމާޔަށް އަވަސްވެވަޑައިގެންނެވިއެވެ.
ތަހްނިޔާގެ ވަފްދު
ކައު ސާހިބާ صلّى الله عليه وسلّم ރައުޙާއާ ހަމަޔަށް ވަޑައިގެންނެވޭ އިރަށް މަދީނާއިން އެކަލޭގެފާނަށް ތަހްނިޔާ ވިދާޅުވާން ވަޑައިގެންނެވި ބޭކަލުންނާ ބައްދަލުވެ ވަޑައިގެންނެވިއްޖެއެވެ. އެބޭކަލުން ތަހްނިޔާ ވިދާޅުވުމުން ސަލާމަތު ބިން ސަލާމާ رضى الله عنه ވިދާޅުވިއެވެ. “ތިޔަބޭކަލުން އަޅުގަނޑުމެންނަށް ތަހްނިޔާ ތިޔަ ވިދާޅުވަނީ ކޮންކަމަކާތޯއެވެ. އަޅުގަނޑުމެންނާ ބައްދަލުވީ ބޮލުން އިސްތަށިވެރިފައިތިބި މުސްކުޅީންތަކަކާއެވެ. އެބައިމީހުންނެކޭ ޖަމަލުތަކެކޭ އެއްގޮތެވެ.” ކައުސާހިބާ صلّى الله عليه وسلّم  އަށް އެއަޑު އިވިވަޑައިގަތުމުން ހިނިވަރުނަ ކުރެއްވިއެވެ. ޙަދީޘު ކުރެއްވިއެވެ. “އަޚާގެ ދަރިފުޅާއެވެ! އެއީ ޤައުމުގެ އަޝްރާފުންނެވެ.”   
       

އެއަށްފަހު އުސައިދު ބިން ޙުޟައިރު رضى الله عنه ، ކައު ސާހިބާގެ އަރިހުގައި ދެންނެވިއެވެ.
       

“އޭ މާތްﷲގެ ރަސޫލާއެވެ! ކަލޭގެފާނަށް ނަޞުރު ދެއްވައި ލޯފުޅަށް ފިނިކަން ދެއްވި މާތްﷲއަށް ޙަމްދުކުރަމެވެ. މާތްﷲ ގަންދެމެވެ. ކަލޭގެފާނަށް ދުޝްމިނުންނާ ހަނގުރާމަކުރައްވަން ޖެހިވަޑައިގަންނަވާނެކަން އަޅުގަނޑަށް ވިސްނުނުނަމަ އެއްގޮތަކަށްވެސް ބަދުރަށް ނުގޮސް މަޑެއްނުކުރީމުހެވެ. އަޅުގަނޑު ހީކުރީ ހަމައެކަނި ގާފިލާއާ ދިމާކުރައްވަން ކުރައްވާ ދަތުރުފުޅެއް ކަމުގައެވެ. ދުޝްމިނުންނާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަން ވިސްނުނުނަމަ އަޅުގަނޑު ފަހަރެއްގައިވެސް ފަސްވެއެއް ނުހުރީމުހެވެ.” ކައު ސާހިބާ صلّى الله عليه وسلّم ޙަދީޘު ކުރެއްވިއެވެ. “ތިޔަބުނީ ތެދެކެވެ!”
        އިތުރު ސާހިބާ صلّى الله عليه وسلّم މަދީނާއަށް އަރައިވަޑައިގަތީ ނަސްރާއި ކާމިޔާބީއާއި، ފަތަޙައާއެކު ނުހަނު ކީރިތިކަމާއި، ޝާނުޝައުކަތުގައެވެ. ވަށައިގެން ތިބި ދުޝްމިނުންގެ ހިތްތަކުގައި އޭރުވަނީ އެމާތް ސާހިބާއާމެދު ބިރުވެތިކަމާއި ޖެހިލުންވުން އުފެދިފައެވެ. ބަދުރުގެ ފަތަޙައިގެ އަސަރުގައި މަދީނާގެ މުޝްރިކުންގެ އެތައްބަޔަކު އިސްލާމްވިއެވެ. ޢަބްދުﷲ ބިން އުބައްޔު ބިން ސަލޫލާއި އޭނާގެ އެކުވެރީންވެސް ދުލުކުރިން ނަމަވެސް ޝަހާދަތްކިޔައި ބޭރުފުށުން އިސްލާމްވިއެވެ. ޢަބްދުﷲ ބިން އުބައްޔު ބޭރުފުށުން ނަމަވެސް އިސްލާމްވެ އިސްލާމީ ދައުލަތަށް ބޯލެނބުމަކީ ސިޔާސީ މައިދާނުގައި ކައު ސާހިބާ صلّى الله عليه وسلّم އަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ކާމިޔާބީއެކެވެ.


ބަދުރު ހަނގުރާމައިގެ ނަތީޖާ

 ބަދުރު ހަނގުރާމައަކީ ވަގުތުގެ ތާރީޚު ބަދުރުގެ ކުޑަކުޑަ މައިދާނަށް ޖަމާވުންކަހަލަ ކަމެކެވެ. އެތާރީޚު ޙަރަކާތްތެރިކުރުވާ ދެބާރު އެދެބާރުގެ ހިތުގެ އެދުމާއި ގަސްދާއި ޢަޒުމުގައި އެމައިދާނުން ބައްދަލުކުރިއެވެ. އެއްފަރާތެއްގައި ތިބީ ކާބަފައިންގެ ދީނާއި ބޯދާ އާދަކާދައާއި، ތިމާމެންގެ ވެރިކަމުގެ އާރާއިބާރާއި، އިޤްތިޞާދީ މަސްލަޙަތުގެ ދިފާޢުގައި ތެދުވި ބައެކެވެ. އަނެއްފަރާތުގައި ތިބީ މައްކާގެ ފަރުބަދަމަތީން ފާއްދައިލުމަށްފަހު މަދީނާގެ އުދަރެސް ދޮންކުރަމުން ގެންދިޔަ ތެދުމަގުގެ ނޫރު މުޅި ދުނިޔެއަށް ފަތުރައިލަން ޢަޒުމު ކަނޑައަޅައިގެން ތިބި މަދު މީސްކޮޅެކެވެ. އެއުރެން ދުށްގޮތުގައި ޖާހިލިއްޔަތުގެ އަނދިރި ފަރުދާ ކަހައިލައި ހިދާޔަތުގެ އަލިކަން ފަތުރައިލުމަކީ މުޤައްދަސް ވާޖިބެކެވެ.
       

ބަދުރުގެ މައިދާނުގައި ދެފަރާތުން ކުރިމަތިލީ އެއްބަޔަކު އަނެއްބަޔަކާ ބީރައްޓެހި ބިދޭސީ ދެބާރެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ބައްޕައާއި ދަރިފުޅެވެ. ބޮޑުބޭބެއާއި އޭނާގެ އަޚާގެ މޭގެ އެއްފަޅިއެވެ. ކޮއްކޮއާއި ބޭބެއެވެ. އެބޭބެ އާއި ދަނބިދަރިފުޅެވެ. ލޭގެ ތިމާގެކަން ހަނދާން ނައްތައިލުމަށްފަހު، އެއްބަޔަކު އަނެއްބަޔަކާ ހަތިޔާރާއެކު ބައްދަލުކުރީ އެބަޔަކު ޤަބޫލުކުރާ ޙަޔާތުގެ ތަޞައްވަރު ޙިމާޔަށް ކުރުމަށްޓަކައެވެ. އެމަޢުރިކާގައި އަންޞާރުން ހިތްޕުޅާއި ފުރާނަފުޅުން ކައު ސާހިބާއާ ބައިވެރިވެވަޑައިގަތީ ޢަރަބީންގެ އެންމެންގެ ކަނޑިތަކާއި ލޮންސިތަކާއި ތީރުތަކުގެ އަމާޒުފަތް ގަނޑަކަށް ވެވަޑައިގެންނެވީކަން އެނގިވަޑައިގެން ތިއްބަވައެވެ. އެއީ ވަރަށް ވަރުގަދަ އަދި އެހައިމެ އުނދަގޫ އިމްތިހާނެކެވެ. ކައު ސާހިބާ صلّى الله عليه وسلّم ގެ އިޚްލާސްތެރި ޞަޙާބީން އެއިމްތިޙާނު ކާމިޔާބުކުރެއްވިއެވެ. އެބޭކަލުން ސާބިތުކޮށްދެއްވީ އެބޭކަލުންނަކީ އިސްލާމީ ތަޙްރީކުގެ ދިދަ އުފުއްލަވާ އެދިދައިގެ ފާރަވެރީންކަމެވެ. ކުޑަވެސް އަމިއްލަ އެދުންފުޅެއްނެތް މަދަދުވެރީންކަމެވެ. އެހެންކަމުން ބުއްދިތައް އަންތަރީސްކޮށްލި ބަދުރުގެ މަޢުރިކާއަކީ އެމަޢުރިކާގެ ނަތީޖާއަށް ބަލާއިރު ތާރީޚުން ފެންނާން އޮތް އެފަދަ ހަމައެކަނި މިސާލެވެ. އޭގެ ދެވަނަ މިސާލެއް ފެންނާކަށެއް ނެތެވެ. އެމަޢުރިކާއަކީ، “އަބާބީލް ދޫނިތަކެއް” މެދުވެރިކުރައްވައި ޤުދުރަތުން އަނެއްކާވެސް އެތުގެ ލަޝްކަރެއް ބުރުއްސައިލެއްވީ ކަމުގައި މެނުވީ ދެންނެވޭކަށެއް ނެތެވެ.
       

ބަދުރުގައި މުސްލިމު މުޖާހިދުންގެ ސާދަ ބޭކަލުން ޝަހީދުވެ ވަޑައިގެންނެވިއިރު މުސްލިމުންވަނީ ދުޝްމިނުންގެ ހަތްދިހަ މީހުން ޤަތުލުކުރައްވައިފައެވެ. މުސްލިމުންގެ ކަނޑިތަކުގެ މިޔަދަށުވެފައިވަނީ އާދައިގެ ބައެއްނޫނެވެ. ޤުރައިޝުންގެ އިސް ޤާއިދުންނާއި ޒަޢީމުންނެވެ. ޢުތުބާއާއި، ޝައިބާއާއި، އަބުލްޙަކަމާއި، އަބުލްބުޚުތަރީއާއި، ޒަމްޢަތު ބުނުލް އަސްވަދާއި، ޢާޞު ބިން ހުޝާމާއި، އުމައްޔަތު ބިން ޚަލަފާއި، މުނައްބަހު ބުނުލް ޙައްޖާޖު ފަދަ ޤުރައިޝުންގެ އަޝްރާފުންނެވެ. މުސްލިމުންގެ އެންމެ މުޖާހިދަކުވެސް ޤުރައިޝުންނަށް އަތުލައިގަނެވުނަނުދެއްވައި މުސްލިމުން ވަނީ ޤުރައިޝުންގެ ހަތްދިހަ މީހަކު ހައްޔަރު ކުރައްވައިފައެވެ. މުސްލިމުންނާއި، މުޝްރިކުން ކުރިމަތިލި އެންމެ ފުރަތަމަ މަޢުރިކާގައި މިވަނީ ޤުރައިޝުންގެ އުނަގަނޑު ބިންދައިލެވިފައެވެ. ޤުރައިޝުންގެ ބޮޑާކަމާއި ކިބުރުވެރިކަން ވެއްޔާ މޮޑެވިފައެވެ. އިސްލާމީ ތަޙްރީކަށް ވަނީ ފިސާރި މަތިހަށިނަގައިގެން ތިބެ އިސްއުފުލައި އުދަރެސްތަކާ ދިމާޔަށް ބަލައިއުޅުމުގެ ޤާބިލުކަން ލިބިފައެވެ. މިސަބަބުތަކަށްޓަކައި ބަދުރު ހަނގުރާމަ ހިނގި ދުވަހަށް ކީރިތި ޤުރްއާނުގައި ނަންދެވިފައިވަނީ “ޔައުމުލް ފުރްޤާން” ގެ ނަމުންނެވެ. ބަދުރުގެ މަޢުރިކާއިން ބަޔާންވެގެން ދިޔައީ ޤުރައިޝުން އެނިޒާމެއްދެކެ އިންތިހާޔަށް ލޯބިވާ ޖާހިލިއްޔަތުގެ ނިޒާމާއި އިސްލާމް ދީނުގެ ނަބިއްޔާ މުޙައްމަދު صلّى الله عليه وسلّم ހުށަހަޅުއްވާފައިވާ ހިދާޔަތުގެ ނިޒާމާ ދެނިޒާމުންކުރެ ދިރިދެމިއޮތުމުގެ ޙައްޤު ލިބިގެންވަނީ ކޮން ނިޒާމަކަށްކަމެވެ. ފެތުރި ޢާއްމުވުމުގެ އެކަށޭނެކަން އޮތީ ކޮން ނިޒާމެއްގައިކަމެވެ. ޢަރަބިކަރައިގެ ޢާއްމުން ދަލީލުތަކުގެ ބިންގަލުގެ މަތީގައި މިދެ ނިޒާމުންކުރެ ނިޒާމެއް ޚިޔާރުކުރުމުގެ ވަގުތު ޖެހިއްޖެކަމެވެ. ޢަރަބީންގެ ކުރިމަތީގައި އޮތީ މުސްކުޅި ޖާހިލީ ނިޒާމާއެކު އަނގަވަތަށް ވެއްޓި ހަލާކުވެދިޔުމާއި އިސްލާމްކަމުގެ ހިތްގައިމު ފަޒާގައި އުފަލުން އުދުހުމާ ދެގޮތުންކުރެ އެއްގޮތެއް ޚިޔާރުކުރުންކަމެވެ.
       

ހަނގުރާމައިގެ މައިދާނަށް ޤުރައިޝުން ދޫކޮށްފައި ފިލައިގެން ދިޔުމުގެ ސަބަބުން މުސްލިމުން ޣަނީމާ ކުރި މުދަލުގެ އިތުރަށް އަސީރުންގެ ފިދުޔައިގެ ގޮތުގައިވެސް ޤުރައިޝުންނަށް ދެ ލައްކަ ފަންސާސް ހާސް ދިރުހަމު ދައްކާން ޖެހުނެވެ. މިއީ ޤުރައިޝުންގެ އިޤްތިޞާދަށް އަމާޒުވި ވަރަށް ނުސިޔާނު އެތިފަހަރެކެވެ. އެވަރުގަދަ އެތިފަހަރުގެ ސަބަބުން ޤުރައިޝުންގެ އިޤުތިޞާދު ވާގިނެތުނެވެ.
       

ބަދުރުގައި މުސްލިމުންނަށް ލިބުނު ނަޞްރުގެ ސަބަބުން ސިޔާސީގޮތުންވެސް ޢަރަބިކަރައިގެ މައްޗަށް ޤުރައިޝުންގެ އާރާއިބާރު ކުޑަވިއެވެ. ޤުރައިޝުންނަކީ ފައިބާ ބާރެއްކަން ޢަރަބީންނަށް ޤަބޫލުކުރެވުނެވެ. އިސްލާމީ ތަޙްރީކާއި މަދީނާގެ ސަރުކާރުގެ ބުރަދަން އިތުރުވިއެވެ. މުސްލިމުންނަކީ އަރަމުންދާ ބާރެއްކަން ޤަބޫލުކުރެވުނެވެ. އެހެންކަމުން ޢަރަބީންގެ މުސްތަޤުބަލުގެ އުންމީދު މަދީނާގެ ދައުލަތާ ގުޅައިލެވުނެވެ.
       

ޝައްކެތްނެތެވެ. ކައު ސާހިބާ صلّى الله عليه وسلّم ގެ ހިޖްރައަކީ އިސްލާމީ ތަޙްރީކުގެ ތަފާތު ދެދައުރެއްގެ އިންވަކި ކުރެވުމެކެވެ. އެއްދައުރަކީ ބައިމަދުކަމާއި، ނިކަމެތިކަމާއި، ބަލިކަށިކަމާއި، ބިރުވެރިކަމުގެ ދައުރެކެވެ. އަނެއް ދައުރަކީ ފައިތިލަ ސާބިތުކުރެވުމާއި، ވެރިކަން ޤާއިމުކުރެވުމާއި، ފަތަޙަ ލިބުމާއި، އިޤްތިޞާދީ ތަނަވަސްކަން އައުމުގެ ދައުރެކެވެ. އެދެދައުރުގެ ތަފާތު ޢާއްމު ލޯތަކަށް ހާމަކޮށްދިނީ ބަދުރު ހަނގުރާމައެވެ. އެހެންކަމުން ކީރިތި ޤުރްއާނުގައި މުސްލިމުންނަށް އެކަން ހަނދާންކޮށްދެއްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.
       

“ބިމުގައި ތިޔަބައިމީހުން އަދަދު މަދު، ނިކަމެތި ބަޔަކުކަމުގައި ވީހިނދު، ހަނދުމަކުރާށެވެ! (އެހިނދު) ތިޔަބައިމީހުންތިބީ (ޢަދާވާތްތެރި) މީހުން ތިޔަބައިމީހުން ޖަހައިގަނެގެން ގެންގޮސްފާނެކަމަށް ބިރުގަނެފައެވެ. ދެން އެކަލާނގެ ތިޔަބައިމީހުންނަށް ހިޔާވަހިކަން ދެއްވިއެވެ. އަދި އެކަލާނގެ ނަޞްރުން ތިޔަބައިމީހުންނަށް ގަދަކަން ދެއްވިއެވެ. އަދި ރަނގަޅު ތަކެތީން ތިޔަބައިމީހުންނަށް ރިޒުޤުދެއްވިއެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުވެރިވުމަށްޓަކައެވެ.” (އަލްއަންފާލް: 26)

(ނިމުނީ)

ޙަވާލާ:
1. މުޙުސިނެ އިންސަނިއްޔަތު     ނަޢީމު ޞިއްދީޤީ
2. އައްރަޙީޤުލް މަޚްތޫމު        މައުލާނާ ޞަފިއްޔުއްރަޙްމާނު މުބާރުކްޕޫރީ
3. ޕޭޣަމްބަރެ އަޢުޡަމް ވަ އާޚިރު  ޑޮކްޓަރ ނަޞީރު އަޙްމަދު ނާޞިރު
4. ޣަޒުވާތެ ރަސޫލުﷲ صلّى الله عليه وسلّم    ބްރިގޭޑިޔަރ ގުލްޒާރު އަޙްމަދު
5. ނަބީރަޙްމަތެ صلّى الله عليه وسلّم    މައުލާނާ ސައްޔިދު އަބުލްޙަސަން ޢަލީ ނަދުވީ
6. ރަޙްމަތުއްލިލްޢާލަމީން  ޤާޟީ މުޙައްމަދު ސުލައިމާން ސަލްމާން މަންޞޫރުޕޫރީ
7. ސީރަތުއްނަބިއްޔު     ޢައްލަމާ ޝިބްލީ ނުޢުމާނީ
                  ސައްޔިދު ސުލައިމާނު ނަދްވީ
8. ޖަންގެ ބަދުރު       މަސްޢޫދު މުފްތީ
9. ތަފްހީމުލްޤުރްއާން    ސައްޔިދު އަބުލްއަޢުލާ މައުދޫދީ
10 އަލްޤުރްއާނުލްކަރީމުގެ ދިވެހި ތަރުޖަމާ

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.