ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އީދަކީ އުފަލެވެ. އުފާ ފާޅުކުރުމެވެ. ދިވެހިބަސްފޮތުގައި ވެސް "އީދު"ގެ އެއް މާނައަކީ "އުފައު" ކަމަށް އޮވެއެވެ. ދުނިޔޭގެ އެހެން ބަސްބަހުގައި އީދުގެ މާނައިގައި ބޭނުންކުރާ ލަފުޒުތަކުގެ މާނައެއް ކަމަށް އޮންނަނީ އުފަލެވެ. ނުވަތަ އުފާވެރިކަމާ ގުޅޭ ކޮންމެވެސް ކަމެކެވެ. އެހެންވީމާ ޢީދު ދުވަހަކީ އުފާފާޅުކުރުމުގެ ދުވަހެވެ. ގާތްތިމާގެ އަޚުންނާއި އުޚުތުންނަށް ޒިޔާރަތްކޮށް ތަހުނިޔާކިޔައި ހެޔޮދުޢާ ކުރުމުގެދުވަހެވެ.
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page
އެކުވެރިކަމާއި އެއްބައިވަންތަކަމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅައިފައިވާ ކަމެކެވެ. ޢީދު ދުވަހަކީ މުސްލިމުން އެންމެ ގިނަ ބަޔަކު އެއްވެ، އުފާ ފާޅުކުރާން ކަނޑައެޅިފައިވާ ދުވަހެވެ. ޢީދުގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ މުސްލިމުންގެ އެއްބައިވަންތަކަން އާލާކޮށް ދިރުވުމެވެ. އެ ދުވަހު އެންމެންނަށްވެސް އިޙްސާސް ވަނީ އުޚުއްވަތްތެރި ކަމާއި އެއްބައިވަންތަކަމެވެ. ކުޑަ ކުދިންނާއި އަންހެނުން ވެސް ޢީދު ނަމާދަށް ނުކުތުމަށް އަންގަވާފައިވަނީ، ވީހާވެސް ގިނަ ބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީ މުޖުތަމަޢުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙު އާލާ ކުރުމަށްޓަކައިކަން ކަށަވަރެވެ. އެހެންކަމުން ޢީދު ދުވަހަކީ ހިތްތަކަށް އުފާވެރިކަން ގެނެސްދޭނެ ދުވަހެކެވެ. އިޖްތިމާޢީ އެއްބައިވަންތަކަމާއި ޢާއިލީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ.

އުފާފާޅުކުރުމުގެ ތެރޭގައި މަޖާކުރުމަކީ ވެސް އޮންނަ ކަމެކެވެ. ދީނީ މިންގަނޑުތަކާ ޚިލާފުނުވާގޮތުގެ މަތީން އުފާކޮށް މަޖާކުރުމަކީ އިންސާނާގެ ހިތަށް ވެރިވާ ފޫހިކަމުން ސަލާމަތްކުރުމަށްޓަކައި އޮތް ކަމެކެވެ. އެއްވެސް ޙާލެއްގައި އިސްލާމް ދީނަކީ ހިތާމަޔާއި މާޔޫސްކަމުގެ ދީނެއް ނޫނެވެ. އެއީ ދުނިޔޭގެ އުފަލަށް ފުރަގަސް ދޭ ދީނެއް ވެސް ނޫނެވެ. އެއީ އުފަލާއި ހިތްހަމަޖެހުމުގެ ދީނެވެ. ދީންވެރިވުމަކީ ނުވަތަ އަޅުވެރިވުމަކީ ދުނިޔޭގެ އުފާތަކުން މަޙްރޫމްވެގެން އުޅުމެއް ވެސް ނޫނެވެ. އިސްލާމް ދީނުގައި އޮންނަނީ ދުނިޔެއާއި އާޚިރަތުގައި ވެސް ހެޔޮގޮތް ހޯދުމަށްޓަކައި މަސައްކަތްކުރުމެވެ. ﷲ އަށް ދުޢާކުރާންވެސް އޮންނަނީ މިގޮތަށެވެ. ޢީދު ދުވަހުގެ މަޤްޞަދުތެރޭގައި، ހުއްދަ ގޮތުގައި މަޖާކޮށް ހެދުމުގެ ފުރުޞަތު މުސްލިމުންނަށް ފަހިކޮށްދިނުން ވެސް ހިމެނެއެވެ. ޢީދު ދުވަހު އިސްލާމީ މިންގަނޑުތަކާ ޚިލާފު ނުވާގޮތުގެ މަތީން މަޖާކޮށް، ހިތްތަކަށް އުފާވެރިކަން ގެނެސްދޭ ކަންތައް ކުރުން އިސްލާމް ދީން ވަނީ ހުއްދަ ކުރައްވައިފައެވެ.

އީދު ފާހަގަކުރުމަށްޓަކައި ރީތި ހެދުންލައި މީރު ކެއުން ކައި ހެދުމަކީ ޢިދުގައި ކުރާން އޮންނަ ކަމެކެވެ. ގާތްތިމާގެ މީހުންނަށް ޒިޔާރާތްކޮށް ހެޔޮ އެދުމުގެ ޝުޢޫރުފާޅުކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އީދަކީ ދިވެހީންގެ ސަގާފަތުގެ ތެރެއިން މި ޖީލަށް ވާރުތަވެފައިވާ ކަންތައްތައް ދިރުވައި އާލާކުރާން ވެސް ރަނގަޅު މުނާސަބަތެކެވެ.

އަހަރުގެ ހުރިހާ ދުވަހަކީ އުފަލާއި މަޖަލުގައި ހޭދަކުރާ ދުވަސްތަކެއް ކަމަށް ހަދާ ބަޔަކަށް އީދު ދުވަހުން ލިބޭނެ އުފާވެރިކަމެއް ނޯންނާނެއެވެ. އެހެންވެގެން މުސްލިމުންގެ ގޮތަކީ އުފާފާޅުކުރުމަށްޓަކައި ދެ ޢީދު ފާހަގަކުރުމެވެ. ޢިދުގައި އުފާފާޅުކޮށް މަޖާކޮށް ހެދުމެވެ. އެއީ ފިޠުތު ޢީދު ދުވަހާއި އަޟުޙާ ޢީދު ދުވަހެވެ. އެހެންވީމާ މުސްލިމުންގެ ގޮތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވައިފައިވާ ގޮތުގެ މަތީން ޢީދު ފާހަގަކޮށް އުފާފާޅުކޮށް އުޅުމެވެ. އެއީ މުސްލިމުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި މުހިއްމު ކަމެކެވެ.
މި ހުރިހާ ސަބަބުތަކަށް ނަޒަރު ހިންގައިލުމުން ކުލަގަދަކޮށް އީދުފާހަގަކޮށް އުފާ ފާޅުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އެއީ ކުރާންޖެހޭ އަދީ އާލާކުރާންޖެހޭ ކަމެކެވެ. އެކަމަކު އިސްލާމީ ގިޔުގަނޑުގެ ތެރޭގައެވެ.

——————————————–

About the author