ބަދުރު ހަނގުރާމަ (2)

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (5)

ޢަބްދުﷲ ފާރޫޤް ޙަސަން
 
އަހަރެން އެހެން ބުނުމުން އަބޫލަހަބުގެ ގާތަށް ރުޅިއައިސްގެން އަހަރެންގެ މޫނުމަތީގައި ވަރަށް ބާރަށް ތަފާލެއް ޖަހައިފިއެވެ. އަހަރެންވެސް އަބޫލަހަބާ ހިފައިގެންފީމެވެ. އަބޫލަހަބު އަހަންނަށްވުރެ މާބާރު ގަދައެވެ. އޭނާ އަހަރެން ހޫރައިފައި ބިންމައްޗަށް ޖަހައިފިއެވެ. އަހަރެންގެ ބުރަކަށި މައްޗަށް އަރައި އިށީނދެއްޖެއެވެ. އެވަގުތު އުއްމުލް ފަޟުލު އެތާނގައި އޮތް ފޭލިގެއެއްގެ މުޑިއެއް ނަންގަވައި އެއިން އަބޫލަހަބުގެ ބޮލުގައި ޖެއްސެވުމުން އަބޫލަހަބުގެ ބޯ ވަރަށް ބޮޑަށް ފެޅިއްޖެއެވެ. އެކަމަނާ ވިދާޅުވިއެވެ. އޭނާގެ ސާހިބާ ރަށުގައި ވަޑައިގެން ނުއުޅުއްވާތީ ތިޔަ އުޅެނީ ހިތުހުރި ގޮތެއް ހަދައިލާން ކަމަށް ހެއްޔެވެ؟ އަބޫލަހަބު ދެރަވެގެން ތެދުވެގެން ހިނގައްޖެއެވެ. އަރަހުށި މާތްﷲ ޢަދަސާއެވެ ކިޔުނު ބައްޔެއްގައި އޭނާ ހައްޔަރު ކުރެއްވިއެވެ. މާތްﷲ ގަންދީ ބުނަމެވެ. ހަތްރޭވީތަނާ އޭނާ މަރުވެއްޖެއެވެ. އެބައްޔަކީ ޢަރަބީން ވަރަށް ބޮޑަށް ބިރުގަންނަ ބައްޔެކެވެ.

އެބައިމީހުން ވަރަށް ސުންޕާކަމުގައި ދެކޭ ގައިންގަޔަށް އަރާ ބައްޔެކެވެ. ޢަދަސާ އަކީ (Malignant Pustule) ނުވަތަ ރަތްމުލިއްސަކީ ދޮސް މުލިއްސެކެވެ. މިބާވަތުގެ މުލިހި ނެގުމާއެކު ދޮސްގަނެ ހަށިގަނޑު ކުނިވެއެވެ. އަބޫލަހަބު މަރުވިތާ ތިން ދުވަސްވީއިރުވެސް އެކަކުވެސް އޭނާއަކާ ކައިރިޔެއް ނުވެއެވެ. ކަފުންކޮށް ވަޅުލާކަށެއްވެސް ނުއުޅެއެވެ. ތިން ދުވަސް ފަހުން އޭނާގެ ހަށިގަނޑު ކުނިވެ، ފާވަސް ދުވާންފެށުމުން އަބޫލަހަބުގެ ދަރީން މީހުން މަލާމާތް ކޮށްފާނެތީ ބިރުން ބަބުރުންގެ ބަޔަކަށް އަގުދީގެން ދުރުގައި ވަޅުގަނޑެއް ކޮނެފައި ވަޅުލުވީއެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން ބަބަރުން ލައްވައި ވަޅުގަނޑެއް ކޮނުވައިފައި ދަނޑިން ކޮއްޕައި ފުރޮޅަމުން ގެންގޮސް އެވަޅުގަނޑަށް ވައްޓައިލައިފައި ދުރުގައިތިބެ ހިލައުކައި ފަސްއަޅައި ފޮރުވީއެވެ.

  މައްކާގެ އަހުލުވެރީންނަށް ބަދުރު ހަނގުރާމައިގެ ޚަބަރު ލިބުނީ މިދެންނެވި ގޮތަށެވެ. އެބައިމީހުންނަށް ކުރި ހިތި އަސަރާއި ވީދެރައިން ޤަތުލުވި މީހުންނާމެދު ރޮއިހިތާމަ ކުރުންވެސް މަނާ ކުރިއެވެ. މިކަމާ ގުޅޭގޮތުން ވަރަށް ޝައުޤުވެރި ޙާދިޘާއެއްވެސް ހިނގިއެވެ. އެޙާދިޘާއަކީ މައްކާގެ މީހުންކުރެ އަސްވަދު ބިން މުއްޠަލިބެވެ ކިޔުނު މީހަކާ ގުޅޭ ޙާދިޘާއެކެވެ. އޭނާއަކީ ލޯފަން މީހެކެވެ. އޭނާގެ ތިންދަރީން ބަދުރު ހަނގުރާމައިގައި ޤަތުލުވިއެވެ. އެއްރެޔަކު އޭނާއަށް އަޑު އިވުނީ އަންހެނަކު ހިތާމަކޮށް ރޯއަޑެވެ. އަސްވަދު އޭނާގެ އަޅެއްގެ ގާތުގައި ބުންޏެވެ. މަރުވި މީހުންގެ މައްޗަށް ރުއިމުގެ ހުއްދަ ލިބުނީތޯ ބަލައިބަލާށެވެ. ޤުރައިޝުން އެބައިމީހުންގެ ތެރެއިން މަރުވި މީހުންގެ މައްޗަށް ރޮނީހެއްޔެވެ؟ އަހަރެންވެސް އަހަރެންގެ ދަރިފުޅު އަބޫޙަކީމާގެ މައްޗަށް ރޯންބޭނުމެވެ. އަހަރެންގެ މޭގައިވަނީ އަލިފާންރޯވެފައެވެ. އަޅުކަލޭގެ ޚަބަރު ބަލަން ގޮސްފައި އެނބުރި އައިސް ބުންޏެވެ. އެކަނބުލޭގެ ރޮނީ އޭނާގެ ޖަމަލެއް ގެއްލިގެންނެވެ. އަސްވަދަށް އެއަޑު އިވުމުން އޭނާގެ އަމިއްލަ ނަފުސު މަތައެއް ނުކުރެވުނެވެ. ބޭއިޚްތިޔާރުގައި އޭނާ ކިޔައިފައިވާ ޅެމެއްގައި ވެއެވެ.

  “އެކަނބުލޭގެ ރޮނީ އޭނާގެ ޖަމަލެއް ގެއްލިގެން ހެއްޔެވެ؟ އެކަމާހުރެ އޭނާގެ ލޮލުގެ ނިދި ޙަރާމްވީ ހެއްޔެވެ؟ އޭ ކަނބުލޭގެއާއެވެ! ޖަމަލެއްގެ މައްޗަށް ނުރޯށެވެ! އަދި ކީއްހެއްޔެވެ؟ ބަދުރާމެދު ރޯށެވެ. އެތާނގައި ނަސީބުވަނީ ކުދިކުދި ވެފައެވެ. އާނއެކެވެ. ބަދުރާމެދު ރޯށެވެ. އެތާނގައި ވަނީ ބަނީ ޙަޞީޞާއި، ބަނީ މަޚްޒޫމާއި އަބުލްވަލީދުގެ ޤަބީލާގެ ބޮޑުންނެވެ. ރޯން ބޭނުންކަމުގައިވާނަމަ ޢަޤީލާމެދު ރޯށެވެ. ޙާރިޘާމެދު ރޯށެވެ. އެއީ ސިންގާތަކަށް ދޫނުކުރާ ފަދަ ސިންގާތަކެކެވެ. އެންމެންގެ ނަން ނުގެނެވޭނަމަ އަބޫޙަކީމާގެ މައްޗަށް ރޯށެވެ. އޭނާއާ އެއްވަރުގެ އެކަކުވެސް ނެތެވެ. ނިކަންދެކެ ބަލާށެވެ. އެބައިމީހުންނަށްފަހު ވެރިކަން ލިބިފައިވަނީ ބަދުރު ހަނގުރާމަ ނުހިނގިނަމަ ދުވަހަކު ވެރިކަމެއް ނުލިބޭނެފަދަ ބަޔަކަށެވެ.”


ޣަނީމާ މުދަލުގެ މައްސަލަ
  ހަނގުރާމަ ނިމުމަށްފަހުވެސް ކައު ސާހިބާ صلّى الله عليه وسلّم ތިން ދުވަސް ވަންދެން ބަދުރުގައި މަޑުކުރެއްވިއެވެ. ކައު ސާހިބާ މަދީނާއަށް ދަތުރުފެއްޓެވުމުގެ ކުރިން ޣަނީމާ މުދަލާމެދު މުޖާހިދުންގެ މެދުގައިވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. ހަނގުރާމައިގެ އެންމެ ފަހު ވަގުތު މުޖާހިދުންކުރެ ބައެއް ބޭކަލުން މަސައްކަތްކުރެއްވީ ދުޝްމަނުން ފައްސަވައި ދުރަށްލެއްވުމަށެވެ. އޭގެތެރެއިން އެއްބަޔަކު ހައްޔަރު ކުރައްވައި ބައެއް މީހުން ޤަތުލުކުރެއްވުމަށެވެ. ޖަމާޢަތެއްގެ ބޭކަލުން ތިއްބެވީ ކައުސާހިބާ صلّى الله عليه وسلّم ދިފާޢުކުރެއްވުމަށެވެ. ދުޝްމިނުންކުރެ ބަޔަކު، އިތުރު ސާހިބާއަށް ގެއްލުންދީފާނެތީ އެކަލޭގެފާނު ޙިމާޔަތްކުރެއްވުމަށެވެ. އަނެއްބައި ބޭކަލުން ގެންދެވީ ޣަނީމާ މުދާ އެއްކުރައްވަމުންނެވެ. ޣަނީމާ އެއްކުރެއްވި ބޭކަލުންގެ ނަޒަރުގައި އެތަކެއްޗަކީ އެބޭކަލުންގެ ޙައްޤެކެވެ. މުޝްރިކުންގެ ފަހަތުން ވަޑައިގެންނެވި ބޭކަލުން ވިދާޅުވާގޮތުގައި ޣަނީމާ ޙާޞިލުކުރެވުނީ އެބޭކަލުންގެ މަސައްކަތްޕުޅުގެ މޭވާއެއްގެ ގޮތުންނެވެ. ކައު ސާހިބާގެ ފާރަވެރީންގެ ނަޒަރުގައި އެންމެ މުހިންމު ވާޖިބެއް އަދާކުރެއްވީ އެބޭކަލުންނެވެ. އެހެންކަމުން މުޝްރިކުން ފައްސަވައިވަޑައިގެންނެވި ބޭކަލުންނާއި އިތުރު ސާހިބާގެ ފާރަޔަށް ތިއްބެވި ބޭކަލުންގެ ނަޒަރުގައި ދުޝްމިނުން ބަލިވީ ހުރިހާ މުޖާހިދުންގެ މަސައްކަތްޕުޅުންނެވެ. އެހެންކަމުން ޣަނީމާ ބެހެވޭން ޖެހެނީ އެންމެ ބޭކަލުންގެ މެދުގައި ހަމަހަމައަށެވެ. ޣަނީމާ އެއްކުރެއްވުމުގައި ހުރިހާ ބޭކަލުންނަށް ބައިވެރިވެވަޑައި ނުގެންނެވުނީ މަސްއޫލިއްޔަތުތައް ބެހިފައިވާ ގޮތުންނެވެ. މަންޠިޤީ ގޮތުން ބަލާއިރު ރަނގަޅު ގޮތަކީ އެއީއެވެ. މިބަޙުޘުގެ ހޫނުގަދަވާން ފެށުމުން އަރަހުށި މާތް ﷲ މިކަމުގައި އުފެދިދާނެ ފިތުނައަކުން މުސްލިމުން ސަލާމަތްކުރެއްވިއެވެ. ކީރިތި ޤުރްއާނުގައި ޣަނީމާ މުދަލުގެ ހުކުމް ބާވައިލެއްވިއެވެ.

  “ޣަނީމާ މުދަލާމެދު އެއުރެން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ޣަނީމާ މުދާ ވަނީ، ﷲ އަށާއި، ރަސޫލާއަށެވެ. ފަހެ، ﷲ އަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުންގެ ދެމެދުގެ ގުޅުންތައް އިސްލާޙުކުރާށެވެ! އަދި ތިޔަބައިމީހުން މުއުމިނުން ކަމުގައިވާނަމަ، ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ.!” (އަލްއަންފާލް: 1)

  މިއާޔަތް ބާވައިލެއްވުމުން ހުރިހާ ޣަނީމާ މުދަލެއް އިތުރު ސާހިބާއާ ޙަވާލުކުރެއްވުމަށް އެކަލޭގެފާނު މުޖާހިދުންނަށް އެންގެވިއެވެ. އެބޭކަލުން ކިޔަމަންތެރިކަމާއި، ތެދުވެރިކަމާއެކު އެކަމަށް އިޖާބަދެއްވިއެވެ. އިތުރު ސާހިބާ ޣަނީމާ އެއްކުރެއްވުމަށްފަހު ބައިތުލްމާލަށް ފަސްބައިކުޅަ އެއްބައި ނަންގަވައި މުޖާހިދުންގެ މެދުގައި އަނެއް ހަތަރުބައި ހަމަހަމަޔަށް ބައްސަވައިދެއްވިއެވެ. ހަނގުރާމައަށް ވަޑައިގެންނެވި ބޭކަލުންނެކޭ އެއްގޮތަށް އިތުރު ސާހިބާ އެކިއެކި މަސްއޫލިއްޔަތުތައް ހަވާލުކުރެއްވުމުގެ ސަބަބުން ހަނގުރާމައިގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައި ނުގެންނެވުނު ބޭކަލުންނަށްވެސް ބައި ދެއްވިއެވެ.

  ޣަނީމާގެ ދަހިވެތިކަމަކީ ޢަރަބީންގެ ޠަބީޢަތާ ގުޅިފައިވާ ކަމެކެވެ. ޢަރަބީންގެ ނަޒަރުގައި ލޫޓުމާރު ކުރުމަކީ ފަޚުރުވެރި ކަމެކެވެ. ޢަރަބީންގެ ހިތްތަކުން މިދެންނެވި ދަހިވެތިކަން ފޮހެލެއްވުމާއި، ހަނގުރާމައާ ބެހޭ ގޮތުން ޢަރަބީން ގެންގުޅެމުންއައި ނަޒަރިއްޔާ ބަދަލުކުރެއްވުމަކީވެސް ކައު ސާހިބާގެ މުހިންމަތުގެ އެއް މަޤްޞަދެކެވެ. އެވަގުތަށް ކޮންމެހެން ބޭނުންވެފައިވެސް އޮތް ކަމެކެވެ.

  އުޙުދު ހަނގުރާމައިގައި މުސްލިމުންނަށް ލިބިފައިއޮތް ބާޒީ އަތުންބީވެ ކުޅިފަސް ގެއްލުނީވެސް ޢަރަބީންގެ ތަބީޢަތުގައި އަށަގެންފައި އޮތް ޣަނީމާގެ ދަހިވެތިކަމުގެ ސަބަބުންނެވެ. ޤުރައިޝުންގެ ލަޝްކަރު ފައްސަވައި ދުރަށްލެއްވުމާއި، ކައު ސާހިބާގެ އަމުރުފުޅަށް އެންމެ ފުރިހަމަ މާނައިގައި ޢަމަލުކުރެއްވުމުގެ ބަދަލުގައި ޣަނީމާ އެއްކުރެއްވުމާ ދިމާޔަށް މުޖާހިދުންނަށް އެނބުރިވަޑައިގެންނެވުމުގެ ސަބަބުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުސްލިމުންނަށް ލިބިފައިއޮތް ފަތަޙައިގެ ރަނުގެ ފުރުސަތު ގެއްލުނެވެ. މުސްލިމުންގެ ފަހަތުން އައިސް ޙަމަލަދިނުމަށް މުޝްރިކުންނަށް މަގުފަހިވިއެވެ. ކައު ސާހިބާއަށާއި، މުސްލިމުންނަށް އިންތިހާ ދަރަޖައިގެ ބޮޑެތި ޖާނީ ގެއްލުންތަކެއް ލިބުނެވެ. ކައު ސާހިބާ صلّى الله عليه وسلّم ގެ އާދަޔާ ޚިޔާފު ހިތްވަރުފުޅާއި، ސާބިތުކަމާއި، ލާމަޘީލުމޮޅު ޤިޔާދަތު މުސްލިމުންނާއެކުގައި ނުވާނަމަ އެދުވަހު މުސްލިމުން ޙަލާކުވެ ހިނގައްޖެއީސްކަން ޔަޤީނެވެ.

  އެދުވަސްވަރުގެ އާދަކާދަ އޮންނަގޮތުން ކޮންމެ ތަނެއްގައި، ކޮންމެ ސަބަބަކާހުރެ ކުރެވުނު ހަނގުރާމައެއް ކަމުގައިވިޔަސް އިދިކޮޅު ފަރާތް ބަލިވެ ފަތަޙަލިބޭއިރަށް ސިފައިން އެނބުރިގަންނަނީ ފޭރުމާ ދިމާޔަށެވެ. މުދަލާއި، ފައިސާއާއި، އަންހެނުންނާއި، ފިރިހެނުންނާއި، ކުޑަކުދީންނާއި، މިނޫންވެސް އަތުޖެހުނު ކޮންމެ އެއްޗެއް ފޭރި ލޫޓުވުމަށެވެ. އެމީހަކު އަތުލައިގަތް އެއްޗެއް ފަރުދީގޮތުން އެމީހަކަށެވެ. އެއެއްޗެއްގައި އެހެންމީހަކަށް އެއްވެސް ހިއްސާއެއް އޮންނަކަމަކަށް ނުވެއެވެ. ސަރުކާރުތަކުންވެސް އެކަމަކާ ނުބެހެއެވެ. މިގޮތުން ފޭރޭތަކެއްޗަށް ކިޔައި އުޅެނީ ޣަނީމާއެވެ. އެބައިމީހުންގެ ނަޒަރުގައި ޣަނީމާއަކީ އެންމެ ޝަރަފުވެރި އާމްދަނީއެވެ. ސިފައިން އެބައިމީހުން ހައްޔަރުކުރާ މީހުން އަޅުވެތިކޮށް އަޅުންނަށާއި ކަނީޒުންނަށް ހަދައެވެ. ނުވަތަ ބާޒާރަށް ގޮސް ވިއްކައިލައެވެ. ނަތީޖާއެއްގެ ގޮތުން އެޒަމާނުގައި ދުނިޔޭގައި އަޅުން ގެންގުޅުން އޮތީ ހައްދުފަހަނަޅައިފައެވެ. އަޅުން ގަނެވިއްކުމުގެ ވިޔަފާރި ޢާއްމުވެފައެވެ. ހަމައެފަދައިން ޣަނީމާގެ ދަހިވެތިކަން ހަނގުރާމަތައް ޢާއްމުވުމުގެ ސަބަބަކަށްވެސް ވިއެވެ.

  “ގްރޭޓް ރޯމަން އެމްޕެޔަރ” ގައި އަޅުން ގެންގުޅުން ޢާއްމުވެފައި އޮތްވަރުން ރޯމަނުންގެ ބޮޑުންނާއި ތަނަވަސްކަމުގެ އަހްލުވެރީން އަމިއްލަޔަކަށް އިނގިލިކުރިވެސް ހަލުވައެއް ނުލައެވެ. އެބައިމީހުންގެ ގޭތެރޭގެ ކަމަކަށްވިޔަސް ބޭރުތެރޭގެ ކަމަކަށްވިޔަސް ޒާތީކަމަކަށް ވިޔަސް ހުރިހާ މަސައްކަތެއް ކުރުވަނީ އަޅުންލައްވައެވެ. އެބައިމީހުންގެ ދަނޑުވެރިކަމާއި، މަސައްކަތްތެރިކަމާއި، އަތުމަސައްކަތާއި، ތަޢުލީމާއި، ތަރުބިޔަތާއި، ހިތްއުފާކުރުމާއި، ކުޅިވަރާއި، ޘަޤާފީ ކަންތައްތަކާއި މިހުރިހާ ކަމެއްވެސް ހިނގަމުންއައީ އަޅުންނާއި ކަނީޒުން މެދުވެރިކޮށެވެ.

  ޢަރަބި މުޖްތަމަޢުގައިވެސް ކަންއޮތީ ދާދި މިކަހަލަ ގޮތަކަށެވެ. ޢަރަބީންގެ ތެރޭގައިވެސް އަޅުންނަކީ އިންސާނުންގެ ކިބައިން ހުއްދަނޫން ފައިދާ ހޯދާ މުޖްތަމަޢުގެ މަދަދުގާރުން ކަމުގައިއޮތީ ވެފައެވެ. އަޅުންގެ ވިޔަފާރިއަކީ އެންމެ މަންފާހުރި އެއްވިޔަފާރިކަމުގައި އޮތީ ވެފައެވެ. ހަނގުރާމައާއި، ތަޅާފޮޅުމާއި، އަޅުވެތިކުރުމުގެ އާދަ އަށަގަތުމުގެ އެންމެ ބޮޑު ސަބަބަކަށްވެފައި އޮތީ ޣަނީމާގެ ދަހިވެތިކަމެވެ. އެހެންކަމުން ޣަނީމާގެ ދަހިވެތިކަން ނައްތައިލުމަކީ ވާޖިބުކަމަކަށް ވަނީ ވެފައެވެ. އިންސާނީ ދަރިފަސްކޮޅު އަޅުވެތިކަމުން ސަލާމަތްކުރުމަށްޓަކައެވެ. އިންސާނީ މުޖްތަމަޢުގައި އަމަން އަމާންކަމާއި، ސަލާމަތާއި ރައްކައުތެރިކަން އަށަގެންނެވުމަށްޓަކައެވެ. އެކަންކަން ފުރިހަމަ ކުރެއްވުމަކީ ރަޙްމަތުގެ ނަބިއްޔާގެ އެންމެ އަސާސީ އެއް މަސްއޫލިއްޔަތެވެ. އެހެންކަމުން އިސްލާމްދީން ޣަނީމާއާ ބެހޭ ގޮތުން ހުށަހެޅި ނަޒަރިއްޔާއަކީ ޣަނީމާ މުދަލަކީ ސިފައިންގެ އެއްޗެއް ނޫންކަމެވެ. ދައުލަތުގެ މިލްކެއްކަމެވެ. ޣަނީމާ މުދާ ފޮރުވުމާއި ޣަނީމާ މުދަލަށް ޚިޔާނާތްތެރިވުމަކީ ބޮޑު ފާފައެއްކަމެވެ. ޣަނީމާ މުދާ ހޯދުމުގެ ބޭނުމުގައި ކުރާ ހަނގުރާމައަކީ މާތް ﷲގެ މަގުގައި ކުރެވޭ ޖިހާދެއްކަމުގައި ނުބެލެވޭނެކަމެވެ. އިސްލާމީ ޖިހާދުގެ ފަލްސަފާގައިވާ ގޮތުން ޖިހާދު ކުރެވޭނީ އިންސާނިއްޔަތު ދިރުވައި އާލާކުރުމަށެވެ. ޙައްޤާއި ބާޠިލު ވަކިކޮށް، ސިލްމާއި ސަލާމަތް ޤާއިމުކުރުމަށްޓަކައެވެ. ޖިހާދުކުރަން ޖެހެނީ މުދަލުގެ ދަހިވެތިކަމެއް މަޝްހޫރުވުމުގެ އެދުމެއްނެތިއެވެ.


ފަތަޙައިގެ އުފާވެރި ޚަބަރު މަދީނާއަށް
  މާތް ﷲގެ ނަޞްރާއި ފަތަޙައާއެކު ބަދުރު ހަނގުރާމަ ނިމުމުން އިސްލާމްދީނުގެ ނަބިއްޔާ صلّى الله عليه وسلّم އެކަމުގެ އުފާވެރި ޚަބަރު ދެއްވުމަށްޓަކައި ދެ ޤާޞިދަކު މަދީނާއަށް ފޮނުއްވިއެވެ. ޢަބްދުﷲ ބިން ރަވާޙާ رضى الله عنه މަދީނާގެ މަތީފަރާތަށެވެ. ޒައިދު ބިން ޙާރިޘަތު رضى الله عنه މަދީނާގެ ތިރީފަރާތަށެވެ.

  އޭރު ޔަހޫދީންގެ ދޮގު ޕްރޮޕެގެންޑާގެ ސަބަބުން މަދީނާގެ މަސްރަހު އޮތީ ވަރަށް ބޮޑަށް ގަރަނބުވެފައެވެ. ހަލަބޮލިވެފައެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى الله عليه وسلّم ޝަހީދުވެއްޖެކަމަށްވެސް ޔަހޫދީން އޮތީ އަޑު އަރުވައިފައެވެ. އެހެންކަމުން ޒައިދު ބިން ޙާރިޘަތު رضى الله عنه، ކައު ސާހިބާގެ ޖަމަލުކޮޅު ޤުޞްވާގައި ވަޑައިގަންނަވާތަން މުނާފިޤަކަށް ފެނުމުން ބުންޏެވެ. “ޙަޤީޤަތުގައިވެސް މުޙައްމަދު (صلّى الله عليه وسلّم) ޤަތުލުވެއްޖެއެވެ. ނިކަން ބަލައިބަލާށެވެ. މިއަންނަނީ އެކަލޭގެފާނުގެ ޖަމަލެވެ. އަހަންނަށް އެޖަމަލު ފާހަގަކުރަން އެނގެއެވެ. ޖަމަލުގައި މިއަންނަނީ ޒައިދު ބިން ޙާރިޘާއެވެ. ބަލިވެގެން ފިލައިގެން އަންނަނީއެވެ. އޭނާ އެވަނީ ބިރުންގޮސް ބަސްހުއްޓިފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ.”

(ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.