އިބްރާހީމު ރަޝީދު މޫސާ
 
ޙުރްމަތްތެރި މަހެއް
ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރްމަތްތެރިވެގެންވާ މައްސަރުތަކެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަހެވެ. ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ކަން ބަޔާންކޮށް ދެއްވައި، ވަޙީ ކުރައްވަނީ " وَٱلْفَجْرِ وَلَيَالٍ عَشْرٍ  - ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ." އިބްނު ޢައްބާސުގެފާނާއި މުޖާހިދު ފަދަ ބޮޑެތި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ ޙައްޖުމަހުގެ ފުރަތަ ދިހަ ރެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި އާޔަތްތަކުގައި މި ހަނދާންކޮށް ދެއްވަނީ އަޅުގަނޑުމެންނަށް ޓަކައި ހުޅުވައިލަ ދެއްވި ޚައިރާތުގެ މޫސުމެއްގެ މަތިންނެވެ. އެކަލާނގެ އަޅުގަނޑުމެންނަށް މި ގޮވައިލައްވަނީ  އެކަލާނގެ ޙަޟްރަތަށް  އަލުން އައުމަށެވެ.

ޚާއްޞަ މޫސުމެއް
ކިޔަވާ ކުދިން އިމްތިޙާނު ކައިރި ވުމުން ޢަމަލު ކުރަނީ ކިހިނެއްތޯއެވެ؟ މި އިމްތިޙާނުން ފާސްވޭތޯ އެ ކުދިން ކިހާ މަސައްކަތެއް ކުރޭތޯއެވެ؟ އެކުދިންގެ މައިންބަފައިން ކިހާ ނަސޭހަތެއް ދޭތޯއެވެ؟ އެ ކުދިންނަށް  ކިހާ ހިތްވަރެއް ދޭތޯއެވެ؟ ހަމަ އެގޮތަށް ވިޔަފާރިވެރިން އުޅޭ ގޮތް ބައްލަވާށެވެ! އެމީހުންގެ މުދާތައް އަވަހަށް ، ރަނގަޅު އަގެއްގައި ވިއްކައިލެވޭތޯ ކިހާ އުކުޅުތަކެއް ހަދައިތޯއެވެ؟ ސޭލް އެޅުވުމާއި، ތަފާތު އިނާމުތައް ހުށައަޅައިގެން ވެސް މުދާކޮޅު ރަނގަޅު އަގެއްގައި ވިއްކާ ލެވޭތޯ މަސައްކަތް ކުރެއެވެ. އަދި ގިނަ ބަޔަކު ބޭނުންވާ މުދާ ގެނެވޭތޯ ވެސް ބަލައެވެ.
މިއީ ދުނިޔޭގެ ބާޒާރުގައި ކަން ހިނގަމުންދާ ގޮތެވެ. ރަޙްމާންވަންތަ ރަސްކަލާނގެ  އަޅުގަނޑުމެންނަށް ހުޅުވައިލަ ދެއްވާ ޚައިރާތުގެ މޫސުންތައް އެއަށް ވުރެ މާ ގިނައެވެ. އަޅުގަނޑުމެން މިހާރު މިވަނީ ޙައްޖު މަހުގެ ދިހަ ދުވަހުގެ ފޯވައްސާ ކުރިމަތި ލައިފައެވެ. މި ކަމަށްޓަކައި އަތުކުރި އޮޅައިލައި ﷲގެ ދަރުބާރުގެ ތެރެއަށް ވަދެވޭތޯ މަސައްކަތް ކުރަމާތޯއެވެ. މާތްﷲ ރުއްސުން ލެއްވި ޖާބިރު ބުނު ޢަބްދުﷲގެފާނު އަރިހުން ރިވާ ވެގެންވެއެވެ. ރަސޫލުﷲ  صلى االه عليه وسلم ޙަދީޘް ކުރެއްވިއެވެ.” إِنَّ الْعَشْرَ عَشْرُ الْأَضْحَى وَالْوَتْرَ يَوْمُ عَرَفَةَ وَالشَّفْعَ يَوْمُ النَّحْرِ  – “ހަމަކަށަވަރުން ދިހަ ދުވަހަކީ އަޟްޙާގެ ދިހަ ދުވަހެވެ.ވަތުރަކީ ޢަރަފާތު ދުވަހެވެ. ޝަފްޢަކީ ބޮޑު ޢީދު ދުވަހެވެ.” (رواه أحمد) މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުން ލެއްވި އިބްނު ޢައްބާސުގެފާނުގެ އަރިހުން ބުޚާރީ ރިވާކުރެއްވިއެވެ. ރަސޫލުﷲ – صلى الله عليه وسلم –  ޙަދީޘް ކުރެއްވިއެވެ. ” مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ فَقَالُوا يَا رَسُولَ اللَّهِ وَلَا الْجِهَادُ فِي سَبِيلِ اللَّهِ  ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : وَلَا الْجِهَادُ فِي سَبِيلِ اللَّهِ إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ – (“މި ދިހަ ދުވަހަށް ވުރެ، ﷲގެ ޙަޟްރަތުގައި ޞާލިޙު ޢަމަލުތައް ކުރުން ލޮބުވެތިކަން ބޮޑު ވެގެންވާ ދުވަސްތަކެއް ނުވެއެވެ.  އެބޭކަލުން ދެންނެވޫއެވެ. އޭ ﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް މެއެވެ. އެކަމަކު މީހަކު އޭނާގެ ނަފްސާއި މުދާ ހިފައިގެން ނުކުމެ އެއިން އެއްވެސް އެއްޗަކާ އެކު  އެބުރި ނައި މީހާ ފިޔަވައެވެ.”)( رواه البيهقى وأحمد)

ކުރެވިދާނެ ޞާލިޙު ޢަމަލުތައް
މި ދުވަސްތަކުގައި ކުރެވެން އޮތް ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ރޯދަ ހިފުން ހިމެނެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلمގެ އަނބިއަނބިކަނބަލުންގެ އަރިހުން ވާރިދުވެފައި ވެއެވެ. ” އެކަލޭގެފާނު ޙައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހާއި، ޢާޝޫރާ ދުވަހާއި، ކޮންމެ މަހަކު ތިން ދުވަހު ރޯދަފުޅު ހިއްޕެވިއެވެ.  ” ސަޢީދު ބުނު ޖުބައިރަކީ ޙައްޖު މަހަށް ހަނދު ބަލައިފި ނަމަ އަޅުކަން ކުރެއްވުމުގައި ހޭފުޅު ލައްވައި ހުންންވަން ވެގެން، ރޭގަނޑު ގޭގެ ބައްތި ނިއްވައި ނުލައްވާ ބޭކަލެކެވެ. ރަސޫލުﷲގެފާނު އާދަކޮށް މި މަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަފުޅު ހިއްޕެވި ބޭކަލެކެވެ. ޢަރަފާތު ދުވަހުގައި ރޯދަ ހިފުމާ ބެހޭ ގޮތުން ރަސޫލުﷲގެފާނަށް ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. ” يُكَفِّرُ السَّنَةَ الْمَاضِيَةَ وَالْبَاقِيَةَ  – އެ ކަމުގެ ސަބަބުން  އިސްވެދިޔަ އަހަރުގައި ކުރެވުން ( ކުދި) ފާފަތަކާއި ، ކުރިއަށް އޮތް އަހަރުގައި  ކުރެވޭ ( ކުދި) ފާފަތައް ފުއްސަވާ ދެއްވާނެތެވެ. ”

ޙައްޖު މަހުގެ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނައެވެ. މުސްލިމުންނަށް މާތްﷲ މި ދެއްވާ ފުރްޞަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބައެއް ކަމުގައި ވަމާ ހިނގާށެވެ! ހެޔޮކަން ބޮޑު މި ފަދަ ދުވަސްތަކުގައި ޞާލިޙު ޢަމަލުތައް ގިނަކޮށްގެން ﷲގެ ޙަޟްރަތުގައި މަތީ ވަނައެއް ލިބޭތޯ ވާދަ ކުރަމާ ހިނގާށެވެ.
މި ދިހަ ދުވހުގެ ތެރޭގައި ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި ﷲއަށް ޛިކްރު ކުރުން ވެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ބަހަކީ ޛިކްރެވެ.  އެއީ ދުނިޔެއާއި އާޚިރަތުގައި އެ ކަމުގެ ސަބަބުން ނަޖާވުން ލިބޭނެ ކަމެކެވެ. ޛިކްރު ކުރާ މީހާ ކުފްރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިޠާނާގެ މަޅީގައި ޖެހުމުންނާއި،  ނަރަކައިގެ ގިނި ހިލަތަކުގެ ފިހުމުން ރައްކައުތެރިކޮށް ދެއްވާނެއެވެ. ﷲއަށް ޛިކްރު ކުރާ މީހާގެ މައްޗަށް ﷲގެ ރަޙްމަތާއި މަލާއިކަތުންގެ ހެޔޮ ދުޢާ ލިބިގެންވާނެތެވެ . އެއީ މުއުމިނާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ.

ﷲގެ އިޚްތިޔާރު ކުރެއްވުން
އެކަލާނގެއީ އިރާދަކުރައްވާ ކޮންމެ އެއްޗެއް ހައްދަވައި ، އޭގެ ތެރެއިން އިރާދަ ކުރައްވައި އެއްޗެއް މާތް ކުރައްވައި، ޚިޔާރު ކުރައްވައި، ރަސްކަލާނގެއެވެ. އެކަލާނގެ ހަތް އުޑު ހައްދަވައި އޭގެ ތެރެއިން ހަތްވަނަ އުޑު ޚިޔާރު ކުރެއްވިއެވެ. އެކަލާނގެ ސުވަރުގެތައް ހައްދަވައި ފިރްދައުސު ނަމަކަށް ކިޔުނު، ސުވަރުގެ ޚިޔާރު ކުރެއްވިއެވެ. އެކަލާނގެ މަލާއިކަތުން ހައްދަވައި އެ ބޭކަލުންގެ ތެރެއިން ޖިބްރީލުގެފާނާއި ، މީކާއީލުގެފާނާއި، އިސްރާފީލުގެފާނު ޚިޔާރު ކުރެއްވިއެވެ. އެކަލާނގެ އާދަމުގެ ދަރިން  ހައްދަވައި އޭގެ ތެރެއިން މުއުމިނުތަކުން ޚިޔާރު ކުރެއްވިއެވެ. އެކަލާނގެ މުއުމިނުތަކުންގެ ތެރެއިން ނަބީބޭކަލުން ޚިޔާރު ކުރެއްވިއެވެ. ނަބީބޭކަލުންގެ ތެރެއިން ރަސޫލު ބޭކަލުން ، ރަސޫލު ބޭކަލުންގެ ތެރެއިން އުލުލްޢަޒްމުން ޚިޔާރު ކުރެއްވިއެވެ. އަދި އުލުލްޢަޒްމުންގެ ތެރެއިން ދެ ޚަލީލުން (ދެ މިތުރުން ) ޚިޔާރު ކުރެއްވިއެވެ. މިދެޚަލީލުންނަކީ ސަލާމު ލެއްވި އިބްރާހީމުގެފާނާއި ، އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދުގެފާނެވެ.  މި ދެ ޚަލީލުންގެ ތެރެއިން ، މާތްﷲ ވަނީ محـمد صلى الله عليه وسلم ޚިޔާރު ކުރައްވައި މާތް ކުރައްވައިފައެވެ.
ހެޔޮ ކަމުގެ ސަވާބު މަތިވެރި
މުސްލިމުންނަކީ އެމީހުންގެ ޢަމަލުތަކާއި، ވަގުތުތަކުގައި، ﷲގެ ބަރަކާތާއި ފުއްސެވުމާއި ،ރުއްސެވުމުގެ ތެރޭގައި އުޅޭ ބަޔެކެވެ. ކުރާ ޢަމަލުތަކުގެ ތެރޭގައި އެންމެ ބަރަކާތް އިތުރު ޢަމަލަކީ ﷲއަށް ކިޔަމަން ގަނެ ، ﷲގެ ޠާޢަތުގައި ކުރާ  އަމަލުތަކާއި ހޭދަ ކުރާ ވަގުތުތަކެވެ. މާތް ﷲ ވަޙީ ކުރައްވަނީ ” مَن جَآءَ بِٱلْحَسَنَةِ فَلَهُۥ عَشْرُ أَمْثَالِهَا  – (“ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ثواب ހުށްޓެވެ.”) (الأنعام : 160) ” ކީރިތި  ރަސޫލާ صلى الله عليه وسلم މި ކަން އިތުރަށް ބަޔާންކޮށް ދެއްވަމުން ޙަދީޘް ކުރެއްވިއެވެ. އަރަހުށި ﷲ ވަޙީ ކުރެއްވިއެވެ.” إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ ثُمَّ بَيَّنَ ذَلِكَ ، فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً ،  فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ ، وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً ، فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ سَيِّئَةً وَاحِدَةً  – “ހަމަކަށަވަރުން ﷲ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް ލިޔުއްވިއެވެ. އެއަށްފަހު އެކަލާނގެ އެ ކަންތައް ބަޔާންކޮށް ދެއްވިއެވެ. މީހަކު ހެޔޮ ކަމެއް ކުރުމަށް ގަސްތުކޮށް އެ ކަން ނުކުރިޔަސް އޭނާއަށް އެއް ހެޔޮކަން ފުރިހަމަކޮށް ކުރި ކަމުގެ ސަވާބު ﷲ ލިޔުއްވާނެއެވެ. އޭނާ އެކަން ކުރުމަށް ގަސްތުކޮށް އެކަން ކުރި ނަމަ އޭނައަށް ދިހަ ހެޔޮ ކަމުން ގޮސް ހަތް ސަތޭކައިގެ މިންވަރަށް އަދި އެއަށް ވުރެވެސް އިތުރު ގުނަ މިންވަރަށް ހެޔޮކަން ލިޔުއްވާނެއެވެ. އަދި މީހަކު ނުބައި ކަމެއް ކުރުމަށް ގަސްތުކޮށް އެ ކަމެއް ނުކުރި ނަމަ އޭނާއަށް ފުރިހަމަ ހެޔޮ ކަމެއް ކުރިކަމުގެ ސަވާބު ލިޔުއްވާނެއެވެ. އޭނާ ނުބައި ކަމެއް ކުރުމަށް ގަސްތުކޮށް އެކަން ކުޅަނަމަ އޭނާގެ މައްޗަށް ނުބައިކަމެއް ކުރިކަމަށް ލިޔުއްވާނެއެވެ.” (“رواه البخارى ومسلم و أحمد”)
 
ﷲއަށް ކިޔަމަން ގަތުމުގެ މުހިއްމުކަން
މި ބަސްފުޅުން އެނގެނީ ﷲއަށް ކިޔަމަންގަތުމުގައި ބަހެއް ބުނުމަކީ  ބަރަކާތެއް ކަމެވެ. ކިޔަމަންގަތުމުގެ އެންމެ ބަހަކީ ދިހަ ސަވާބެވެ. ހަމަ އެފަދައިން ކިޔަމަން ގަތުމުގެ ކޮންމެ ޢަމަލަކީ ވެސް ބަރަކާތެކެވެ. ނަމާދެއް ކުރުމުން ދިހަ ނަމާދު ކުރުމުގެ ސަވާބު ދެއްވާނެއެވެ. ޤުދްސިއްޔަ ޙަދީޘެއްގައި މާތްﷲ ވަޙީ ކުރައްވަނީ “أَمْضَيْتُ فَرِيضَتِي ، وَخَفَّفْتُ عَنْ عِبَادِي ، وَجَعَلْتُ لِكُلِّ حَسَنَةٍ عَشْرَ أَمْثَالِهَ”  – (“ތިމަންރަސްކަލާނގެ ފަރްޟުތައް  ވަނީ ކަނޑައަޅުއްވައިފައެވެ. އަދި ތިމަން ރަސްކަލާނގެ ތިމަންރަސްކަލާނގެ އަޅުންގެ ކިބައިން އެ ކަންތައްތައް ލުއިކޮށް ދެއްވީމެވެ. އަދި ތިމަން ރަސްކަލާނގެ ކޮންމެ ހެޔޮ ކަމަކަށް އެ ފަދަ ދިހަ ހެޔޮ ކަމުގެ ސަވާބު ލެއްވީމެވެ.”) (رواه البخارى وأحمد والبيهقى وابن حبان)
ﷲއަށް ކިޔަމަންގަތުމަކީ ފާފައިން ޠާހިރުވުމެއް ވެސް މެއެވެ. ނަމާދު ކުރުމަކީ ކުށްފާފަތަކުން ޠާހިރު ވުމެކެވެ. ރޯދައަކީ ކުށް ފާފަތަކުން ޠާހިރުވުމެކެވެ. ޒަކާތް ދިނުމަކީ ކުށް ފާފަތަކުން ޠާހިރުވުމެކެވެ.  ހަމަ އެ ފަދައިން ޙައްޖު ވުމަކީ ވެސް ފާފަތައް ފުއްސަވާ ދެއްވާ އަޅުކަމެކެވެ. މިހުރިހާ އަޅުކަންތަކެއް މި ދިހަ ދުވަހުގެ ތެރޭގައި ހިމެނެއެވެ.

ދީން ފުރިހަމަ ކޮށްދެއްވުން
ބަރަކާތްތެރިކަން އެންމެ ބޮޑު ޒަމާނަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މާތްﷲ މި ދުވަސްތައް ގަންދެއްވައި ބަސް ވަޙީ ކުރައްވައިފައިވާތީއެވެ. މާތް ﷲ ގަންދެއްވައި އެއްޗެއް މަތިވެރި އެއްޗަކަށް ، މާތް އެއްޗަކަށް ، މުހިއްމު އެއްޗަކަށް ވާން ޖެހޭނެއެވެ.

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި މާތްﷲ އަޅުގަނޑުމެންގެ  މި މަތިވެރި ދީން އިސްލާމުދީން ފުރިހަމަކޮށް ދެއްވުން ވެއެވެ. މި ދީން ފުރިހަމަ ވުމުގެ ސަބަބުން މި ދީނުގެ އަހްލުވެރީންނަށް ފުރިހަމަކަން ލިބެއެވެ. އެމީހުން ކުރާ އަމަލުތަކަށް ފުރިހަމަށް ސަވާބު ލިބެއެވެ. އެމީހުންގެ ޙަޔާތް އަމާންކަމާއި ރައްކައުތެރިކަން ލިބިފައިވާ ހެޔޮ ލަފާ ޙަޔާތަކަށް ވެއެވެ. އެމީހުންގެ ސުލޫކާއި އަޚްލާޤު ރިވެތި ސުލޫކު ކަމުގައި ވެދެއެވެ. އަޅުގަނޑުމެން ޤަބޫލު ކުރާ ދީން ފުރިހަމަ ވުމުގެ ސަބަބުން އަޅުގަނޑުމެންނަށް އެންމެ ސީދާ ތެދު މަގު އެނގި، އެ މަގަށް ތަބާވުމުގެ ނަޞީބު ލިބެއެވެ. މި ދީން ފުރިހަމަކޮށް ދެއްވާފައި ލޮބުވެތި ރަސޫލާ މި ދުނިޔެ ދޫކުރެއްވީ އަޅުގަނޑުމެންނަށް ކަޅާއި ހުދުން  އެނގޭނެ ފަދަ ސާފު އަމާން މަގެއް މައްޗަށް ނެރުއްވައިފައެވެ. ޔަހޫދީންގެ ޢިލްމުވެރިއަކު ، މާތްﷲ ރުއްސުން ލެއްވި ޢުމަރުގެފާނަށް ދެންނެވިއެވެ. ” ތިޔަ ބޭކަލުންގެ މައްޗަށް ބާވައިލައްވައިފައިވާ ފަދަ އާޔަތެއް އަޅުގަނޑުމެންގެ ފޮތުގައި އޮތް ނަމަ އަޅުގަނޑުމެން އެ އާޔަތް ބަވައިލެއްވި ދުވަސް ޢީދެއް ކަމުގައި ހެދީމުހެވެ. އެއީ ކޮން އާޔަތެއްތޯ ސުވާލު ކުރެއްވުމުން އޭނާ  ދެންނެވިއެވެ. އެއީ ” ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا    -މި އާޔަތެވެ. މި އާޔަތުގެ މާނައަކީ : “މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.”  (المائدة : 3)   

މި ދުވަސްތަކުގެ މާތްކަމުގެ ތެރޭގައި ﷲގެ ނިޢުމަތް މުސްލިމުންގެ މައްޗަށް ފުރިހަމަކޮށް ދެއްވުން ވެއެވެ. މި ކަމާ ވިދިގެން މީސްތަކުން މި ދީނަށް ބައިބަޔަށް ވަންނަން ފެށްޓެވެ.

ﷲގެ ނިޢުމަތްތައް ފުރިހަމަ ކުރެއްވި ފުރިހަމަ ކުރެއްވުމުގެ ތެރޭގައި،  އިސްލާމުދީން އެހެން ދީންތަކުގެ މައްޗަށް ފާޅު ކުރެއްވުން ހިމެނެއެވެ.  އެ ދުވަސްވަރު ޢަރަބި ކަރައިގައި ޔަހޫދީ ދީނާއި ، ނަޞްރާނީ ދީނާއި ، މަޖޫސީ ދީނާއި، ވަޘަނިއްޔަތު ވަނީ ފެތުރިފައެވެ. އިސްލާމުދީން ޢަރަބި ކަރައަށް ފެތުރި އެ ކަރައިގެ ބިންތަކުން އެހެން ހުރިހާ ދީންތަކެއް ވަނީ ފުހެވިގެން ގޮސްފައެވެ. މާތްﷲ ވަޙީ ކުރައްވަނީ ” هُوَ ٱلَّذِى أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِ  وَكَفَىٰ بِٱللَّـهِ شَهِيدًا  –  (“އެކަލާނގެއީ، ތެދުމަގާއި، حق دين އާއިގެން އެކަލާނގެ رسول އާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހާ دين ތަކުގެ މައްޗަށް، އެ دين ފާޅުކުރައްވައި މަތިވެރިކުރެއްވުމަށްޓަކައެވެ. ހެކިވެ ވޮޑިގެންވާ ކަލަކުކަމުގައި اللَّه ފުދެއެވެ.”) ( الفتح : 28)

 އެކަލާނގެ ދެއްވި ނިޢުމަތްތަކުގެ ތެރޭގައި މައްކާގެޙަރަމުފުޅު މާއްދީ ގޮތުންނާއި މާނަވީގޮތުން އަމާން ތަނެއްކަމުގައި ލެއްވުން ހިމެނެއެވެ. މާތްﷲ ވަޙީކުރައްވަނީ ” فِيهِ آيَاتٌ بَيِّنَاتٌ مَّقَامُ إِبْرَ‌اهِيمَ ، وَمَن دَخَلَهُ كَانَ آمِنًا”   – (“ފާޅުވެގެންވާ ހެކިތަކެއް އެތާނގައި ވެއެވެ. إبراهيم ގެފާނު ހުންނެވިތަން (އޭގެތެރެއިން) ވެއެވެ. އެތަނަށް (އެބަހީ: ގެފުޅުގެ حرم ފުޅަށް) ވަދެއްޖެ މީހާއީ، أمان ކަން ލިބިގެންވާ މީހަކު ކަމުގައިވިއެވެ.”) (آل عمران :97) މި ރަށުގެ އަމާންކަމަކީ މާތްﷲ ދެއްވައިފައިވާ އަމާންކަމެކެވެ. ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ ”  إِنَّ مَكَّةَ حَرَّمَهَا اللَّهُ وَلَمْ يُحَرِّمْهَا النَّاسُ فَلاَ يَحِلُّ لاِمْرِئٍ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ أَنْ يَسْفِكَ بِهَا دَمًا وَلاَ يَعْضِدَ بِهَا شَجَرَةً فَإِنْ أَحَدٌ تَرَخَّصَ لِقِتَالِ رَسُولِ اللَّهِ -صلى الله عليه وسلم- فِيهَا فَقُولُوا لَهُ إِنَّ اللَّهَ أَذِنَ لِرَسُولِهِ وَلَمْ يَأْذَنْ لَكُمْ وَإِنَّمَا أَذِنَ لِى سَاعَةً مِنْ نَهَارٍ وَعَادَتْ حُرْمَتُهَا الْيَوْمَ كَحُرْمَتِهَا بِالأَمْسِ  – (“ހަމަކަށަވަރުން ﷲވަނީ މައްކާ ޙުރްމަތްތެރި ކުރައްވައިފައެވެ. އިންސާނަކު އެރަށް ޙުރްމަތްތެރިއެއް ނުކުރެއެވެ. ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ މީހާއަށް އެ ރަށުގައި ލޭއޮހޮރުވުމާއި ގަސްގަހާގެހި ކަނޑައި އުފުރާ ހެނދުން ހުއްދަވެގެން ނުވެއެވެ. ފަހެ، މީހަކު ރަސޫލުﷲގެފާނަށް އެ ރަށުގައި ހަނގުރާމަކުރެއްވުން ހުއްދަކުރެއްވުނުކަމަށް  ބުނެފިނަމަ، ތިޔަބައިމީހުން އެމީހަކާ ދިމާއަށް ބުނާށެވެ. ހަމަކަށަވަރުން، މާތްﷲ އެކަމަށް ހުއްދަދެއްވީ އެކަލާނގެ ރަސޫލާއަށެވެ. ތިޔަބައިމީހުންނަކަށް ނޫނެވެ. ތިމަންކަލޭގެފާނަށް ހުއްދަ ދެއްވީ ދުވާލުގެ ގަޑިއެއްހާ އިރުގެ ވަގުތުކޮޅަކަށެވެ. އެ ޙުރްމަތްތެރިކަން އިއްޔެ ފަދައިން މިއަދު އިޢާދަ ވެއްޖެއެވެ.”) (رواه البخارى ومسلم والبيهقى والطبرانى والنسائى وأحمد والترمذى وابن خزيمة)  އަދިވެސް ޙަދީޘްކުރެއްވިއެވެ. ” لاَ يَحِلُّ لِأَحَدٍ أَنْ يَحْمِلَ الِسلَاحَ بِمَكَّةَ   – (“މައްކާގައި އެއްވެސްމީހަކަށް ހަތިޔާރު އުފުލުން ހުއްދަވެގެންނުވެއެވެ.”) (رواه مسلم وابن حبان عن جابر بن عبد الله)  މައްކާގައި އަމާންކަން ލިބިފައިވަނީ ހަމައެކަނި އިންސާނުންނަކަށް ނޫނެވެ. ޙައިވާނުންނަށާއި ގަސްގަހާގެއްސަށް ވެސް މި އަމާންކަން ލިބިފައިވެއެވެ. ދިރާސާކުރައްވާ ބޭކަލުން ވިދާޅުވާގޮތުގައި މައްކާގެ ޙަރަމްފުޅުގެ ސަރަޙައްދު ތެރޭގައި ޖަނަވާރުތައް ކޯޅޭތަނެއް ނުފެނެއެވެ. އެކަތި އަނެކައްޗަށް ގޯނާކުރާ ތަނެއް ނުފެނެއެވެ. ހުރިހާ ޖަނަވާރުތަކެއް ވެސް އުޅެނީ އެކުގައި ގުޅިގެންނެވެ.

————————————
ޙަވާލާ:
  رواه أحمد
  – رواه البيهقى وأحمد
  – ވ،ހި ލސގލ ،ހގފދިރނ
  – الأنعام : 160
   – رواه البخارى ومسلم و أحمد
  – رواه البخارى وأحمد والبيهقى وابن حبان
  – المائدة : 3
   – الفتح : 28
آل عمران :97
 رواه البخارى ومسلم والبيهقى والطبرانى والنسائى وأحمد والترمذى وابن خزيمة
رواه مسلم وابن حبان عن جابر بن عبد الله

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.