ކިންގ ފައިޞަލް

ވިސްނުންތެރި، އެކަމަކު ފުންމިން ނޭނގޭ ސިޔާސަތުގެ ވެރިޔާ


އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު

އިދާރާގެ ނޯޓެއް:
މިއީ، މިމަހުގެ 18 ވަނަ ދުވަހު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި، ދިވެހި އަދަބިއްޔާތާއި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަލްމަޣުފޫރުލަހޫ އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) މީގެ 41 އަހަރު ކުރިން، ( ޖުލައި 1974 ގައި) ނުކުތް " އަމާޒު " ގެ 24 ވަނަ ޢަދަދުގައި ޝާއިޢުކުރައްވާފައިވާ ލިޔުމެކެވެ. މި ލިޔުން އަޅުގަނޑުމެން މި ނަކަލުކޮށްލީ އެ މަނިކުފާނުގެ އަދަބީ ޚިދުމަތުގެ ޒިކުރާ އައުކޮށްލުމުގެ ގޮތުންނެވެ.
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

މެދުއިރުމަތީގައި ހިނގި “އޮކްޓޯބަރ ހަނގުރާމަ” އަށް ފަހު ދުނިޔޭގެ سياسى އަދި إقتصادى مسرح އަށް ވަރަށްބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ، ހަނގުރާމައާއި ވިދިގެން عرب قوم ތައް ތެލުގެ ގޮތުން ދުނިޔެ ފިއްތާލި ފިއްތާލުމެވެ. އާދެ، ހަނގުރާމައިގައި مصر ހޯދި كاميابى އަށް ފަހު، عربىން ބޭނުންކުރި ތެލުގެ ހަތިޔާރުގެ ذريعة އިން އެބައިމީހުންނަށް އަނެއްކާވެސް قدر ކޮށް، އެއީ نفوذ ހުރި ބާރެއްކަމުގައި ދުނިޔޭގެ قوم ތަކަށް قبول ކުރަން ޖެހުނީއެވެ. މި نظرން ބަލާއިރު سعودى عربية ގެ مهمّ ކަން ވެސް ވަރަށް ބޮޑެވެ. އެތާނގެ ރަސްގެފާނު فيصل އަށް މިވަގުތު بين الأقوامى ميدان ގައި ލިބިވަޑައިގެންފައިވާ ބާރާއި حرمة އެއީވެސް މިދެންނެވި ފަދައިން عربى ންނަށް ލިބެމުންދާ كاميابى ގެ އެއް ސިއްރެވެ. މިހެނީ ދުނިޔޭގައި މިހާތަނަށް ފެނިފައިވާ ތެލުގެ 4/1 ވަނީ سعودى عربية ގައެވެ. އަދި ފައިސާގެ ގޮތުން ބަލާއިރު ހަމައެކަނި މިއަހަރުވެސް ތެލުގެ އާމްދަނީއިން އެތަނަށް 20 ހާސް މިލިޔަން ޔޫ.އެސް. ޑޮލަރ ލިބޭނޭކަމަށް ލަފާކުރެވެއެވެ.
سعودى عربية ގައިވާ ތެލުގެ ސަބަބުން އެތަނަށް ލިބެމުންދާ ޢަދަދު ނުކުރެވޭހާ ގިނަ ފައިސާ، ކިންގ فيصل އަށް ވަރަށް ޚާޢްޞަ ބާރުތަކެއް ލިއްބައިދެއެވެ. ހުޅަނގު ޤައުމުތަކަށް ތެލުގެ ގޮތުން ދަތިކޮށް ފިއްތާލުން، ދުނިޔޭގެ ފައިސާގެ މާރކެޓްއަށް ބުރޫއަރުވާލުން، އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އިޒްރޭލާއި ދެކޮޅަށް ކުރަންޖެހިދާނެ ހަނގުރާމައަކަށްޓަކައި، ބޭނުންހާ ޢަދަދަކަށް މިޒަމާނުގެ ގަދަފަދަ ހަތިޔާރުތައް އެއްކުރުން، މިހިރީ އޭނާއަށް ކުރެއްވިދާނޭކަންކަމެވެ.

އެމެރިކާގެ خارجى وزيرގައި ޑޮކްޓަރ ހެންރީ ކިސިންޖަރ މެދުއިރުމައްޗަށް ކުރެއްވި ދަތުރުތަކުގެތެރެއިން އެއް ދަތުރެއްގައި عربىންނާއި، އިޒްރޭލްގެ ދެކޮޅުވެރިކަން ހަމަޖެއްސެވުމަށް ކުރެއްވި މަސައްކަތްޕުޅުގައި ކިންގް ފައިޞަލްއާއި މަޝްވަރާ ކުރެއްވުމަށްޓަކައި ހަތަރު ފަހަރަށް އައްރިޔާޒަށް ވަޑައިގަތެވެ. އެރަށުގައި ހުންނަ ވަރަށް އާދައިގެ ގޮތަކަށް ޢިމާރާތް ކުރެވިފައިވާ ކިންގް فيصل ގެ ގަނޑުވަރަށް އެކި ޤައުމުތަކުގެ ރަސްރަސްކަލުންނާއި، ރައީސުން އަދި سياسى ލީޑަރުންނާއި، إقتصادى ماهرން މެދުނުކެނޑި زيارة ކުރެއެވެ. ރިޕޯޓަރުން ބުނާގޮތުގައި ކިންގް فيصل އަކީ، އަދިވެސް “ފުންމިން ނޭނގޭ ކަނޑެކެވެ.” އާދެ، އޭނާއަކީ ރަނގަޅަށް خبر ނުފިލާ شخصيّة އެކެވެ. އެއަށްފަހު މެދުއިރުމަތީގައި ހިނގި ހަނގުރާމައާއި ވިދިގެން عربىން ހަތިޔާރެއްގެ ގޮތުން ތެލުގެ ބޭނުން ކުރުން މެދުވެރިވިޔަ ނުދެއްވުމަށްޓަކައި އެއަހަރުގެ ހޫނު موسم ގައި އެކިއެކި بيان ތައް އޭނާ ދެއްވާ އުޅުއްވިއެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން އޭނާ ހުންނެވީ ސުކޫތުގައެވެ. އެއްވެސް مهمّ مسألة އެއްގެ މައްޗަށް خيال ހާމަ ނުކުރައްވާ ގޮތުގައެވެ. ނޫސްވެރީން އޭނާއާއި ބައްދަލުކުރުމުންވެސް ވަރަށް ހޫނު سلام އަކާއި، ރަހަމީރު ކޮފީތައްޓަކާއި، އަދި އާދައިގެ ގޮތެއްގައި ބައްދަލުވާ ދެމީހެއްގެ ދެމެދުގައި ދެކެވޭފަދަ ވާހަކަކޮޅެއް ފިޔަވައި ނޫސްވެރީންނަށް އިތުރު އެއްޗެއް ނުލިބެއެވެ. އެދުވަސްވަރު މެދުއިރުމަތީގެ مسألة އަށް ޞުލްޙަވެރި ޙައްލެއް ގެންނެވުމަށްޓަކައި ޑޮކްޓަރ ކިސިންޖަރއާއި، رئيس سادات މަސައްކަތް ކުރައްވަމުން ގެންދެވިއިރު  ކިންގް فيصل ހުންނެވީ މަތީގައި އެނބުރި އެނބުރި އޮންނަ ބާޒެއް ފަދައިން ދުރުގައެވެ.

سعودى عربية ގެ ރައްޔިތުންނަށް އެބައިމީހުންގެ ލޮބުވެތި ރަސްގެފާނު فيصل بن عبدالعزيز بن آل سعود ގެ ކޮންމެ ބަސްފުޅަކީ، ހަމައެކަނި قانون އެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީހަމަ ކަނޑައެޅިގެންހުރި ތެދުކަމުގައި އެބައިމީހުން ހިތުގެ އަޑީން قبول ކުރެއެވެ. ބޯލަނބައި ކިޔަމަންވޭމެއެވެ. ރަސްގެފާނުގެ ކޮއްކޯފުޅުކަމުގައިވާ ޕްރިންސް عبدالله ދާދިފަހުން، މެދުއިރުމަތީގެ ހަނގުރާމައާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވިއެވެ. ” އެމެރިކާގެ سياسى ލީޑަރުންނަށް ހިޒްމެޖެސްޓީ ކިންގް ފައިޞަލް ދެއްވި މަޝްވަރާތަކަށް އެމީހުން ޢަމަލުކުޅަނަމަ މިއިން އެއްވެސްކަމެއް ނުހިނގީހެވެ. ކަންހުރިނެތްގޮތް އޭނާ އެމީހުންނަށް ވަރަށް ރަނގަޅަށް ސާފުކޮށްދެއްވިއެވެ.”

ކިންގް فيصل ގެ ކިބައިގައިވާ އެންމެ ޚާއްޞަ އެއް ސިފައަކީ، ކަންކަމާމެދު، މާއަވަހަށް عمل ނުކުރައްވާ ގޮތެއް ގެންގުޅުއްވުމެވެ. އޭނާ މިގޮތުން ޢަމަލު ކުރައްވަނީ، ހަމައެކަނި صلح ގެނައުމަށްޓަކައި ހިންގަމުންދާ ޙަރަކާތްތަކާއި މެދުގައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އޭނާގެ قوم ގައިވާ އެންމެ މުހިންމު 4 ބާރާއިދޭތެރޭވެސް އޭނާ ބޭނުން ކުރައްވަނީ އަވަސް އަރައިނުގަންނަ سياسة އެކެވެ. މިދެންނެވި ހަތަރު ބާރަކީ، (1) ސަރުކަރުގައި ހިމެނޭ އެކިއެކިފަންނުގެ ތަޖުރިބާކާރުން  (2) ސިފައިން  (3) ބަދަވީންގެ قبيلة ތައް  (4) ދަންނަބޭކަލުން، މިއެވެ.  سعودى عربية އަށް އޭނާ ގެންނަވާ إصلاح ތައް ގެންނަވަނީ ތަނުގެ ދުވަސްވީ ދަންނަބޭކަލުންނާއި، ބޭރު قوم ތަކުގެ ޔުނިވަރސިޓީތަކުން تعليم حاصل ކޮށްގެން ދުވަހެއް ދުވަހަކަށްވުރެ އިތުރަށް އަންނަ ޒުވާނުންނާއި މިދެފަރާތްވެސް ހިތްހަމަޖެހެނެ އުޞޫލެއްގެ މަތީން މަޑުމަޑުންނެވެ. ސަރުކާރާއި ސިފައިންގެ لشكر ގައިވާ މިޒަމާނުގެ تعليم ލިބިފައިތިބި ޒުވާނުންނަށް އޭނާ خاصّ إمتيازއެއް ދެއްވާފައިވެއެވެ. އެބައިމީހުންނަށް “ދެވަނަ ކިންގޑަމް” ގެ ގޮތުގައި ބައެއްފަހަރު އިޝާރަތް ކޮށްލެވެއެވެ. އެބައިމީހުންނާއި ސަރކާރައި ގުޅުވާ واسطة އަކީ، ރަސްގެފާނުގެ ބޭފުޅުންނާއި، އޭނާގެ أخ ންނެވެ. އެބޭފުޅުންނަށް ވަނީ ހުޅަނގުގެ މަތީ تعليم حاصل ކޮށް ދެވިފައެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ މަތީ مقام ތައް ލިބިވަޑައިގެންފައިވަނީ ފައިޞަލްގެ ޢާއިލާގެ މެންބަރުންނަށެވެ.

ކިންގ فيصلއަށް ކެތްތެރިކަމާއި ވިސްނުންތެރިކަން ލިބިވަޑައިގެންފައިވަނީ އޭނާގެ ޤައުމުގައިވާ ބަދަވީންގެ އުޞޫލުތަކުން އެކަންޏެއް ނޫނެވެ. މީގެ 42 އަހަރު ކުރީން سعودى عربية ގެ خارجى سياسة ގެ މުގުލުގައި އޭނާ ހިއްޕެވީއްސުރެ އޭނާއާއި ބައްދަލުވެ އެކިއެކި ބަހުސް ހިނގާފައިވާ ޑިޕްލޮމޭޓުންގެ ފުށުންވެސް މެއެވެ. ކުރިމަތިވެފައިވާ ކޮންމެ މަސްއަލައަކަށް އެއްވެސް ދައްޗެއްނެތި ބޭނުންފުޅު ގޮތަކަށް އޭނާ مصراب ބަދަލުކޮށްލައްވައެވެ. ވާހަކަދެއްކެވުން حقيقية އާއި އެއްގޮތަށް ބެހެއްޓެވުމާއި، އަނެކާގެ ވާހަކަތައް ފޫއަޅުވާލައްވައި ބަލިކޮށްލެއްވުން، ނުވަތަ ކުޅަދާނަކަމާއިއެކު ވާހަކަ އޮޅުވާލައްވައި އަނެކަކު ވާވައްދަވައިލެއްވުން، މިއީ، އޭނާގެ منطقގައި ހިމެނޭ ކަންކަމެވެ. ނަމަވެސް އޭނާއާއި شاهى عائلة ގެ ބޭފުޅުންވެސް ޢަރަބި – އިޒްރޭލްގެ މައްސަލައާއިމެދު خيال ބަދަލުކުރައްވާން ޖެހިވަޑައިގަތުމުން، ޑިޕްލޮމެސީ މުޅީން ދޫކޮށްލައްވައެވެ. އެބޭފުޅުން ދައްކަވަނީ، قوم ތައް ބައިބައިކޮށް ހަލާކުކޮށްފަނިވި ނުރައްކާތެރި نفوذ ތަކުން سلامة ވުމުގެ އައްޑަނައަކީ، މާތްވެގެންވާ إسلام دين ކަމުގެ دليل ތަކެވެ.

سعودى عربية ގައިވާ އެންމެ خاصّ لشكر އަކީ، “ނޭޝަނަލް ގާރޑްސް” އެވެ. މި لشكر އެކުލެވިގެންވަނީ، މުޅީންވެސް ގަދަފަދަ ބަދަވީންގެ މައްޗަށެވެ. ސަރުކާރުގެ ހުރިހާ مهمّ مركزތަކެއް ބަލަހައްޓަނީ މި لشكر ގެ ފަރާތުންނެވެ. قوم ގެ ލެގިއުލަރ އާރމީ ރުކުރުވާލާފައިވަނީ سرحدّى ރޮނގުގެ އެކިއެކި ހިސާބުގައެވެ. ނޭޝަނަލް ގާރޑްސްގެ ކޮމާންޑަރއަކީ، ރަސްގެފާނުގެ ކޮއްކޯފުޅު ޕްރިންސް عبدالله އެވެ. އޭނާ މި مقام ގައި ހުންނެވުމުން ސަރުކާރުގެ މަތީ مقام ތަކުގެ ވެރީންކުރެ ރަސްގެފާނު، އެންމެ އިތުބާރު ކުރައްވާ ދެތިން ހަތަރު ބޭފުޅުންގެތެރެއިން އޭނާއަކީ، އެކަކުކަން ދޭހަކޮށްދެއެވެ. މިދެންނެވި ދެތިން ހަތަރު ބޭފުޅުންނަކީ، ރަސްގެފާނު ފިޔަވައި އެތާނގެ އެންމެބާރުގަދަ ހަތަރު ވެރީންނެވެ. އަދި ރަސްކަލަކު ހޮވުމަށްޓަކައި شاهى عائلة ގެ ހުރިހާ ގޮފިތަކުން އެއްތަންކުރެވޭ ފަންސާހަކަށް ޕްރިންސުންގެ مجلسގައި އެންމެ نفوذ ގަދަ ބައެއް ކުޅުއްވާނީވެސް އެ ހަތަރު ބޭފުޅުންނެވެ. 1964 ގައި فيصل އަށް ރަސްކަން ލިބިވަޑައިގަތުމުން އޭނާގެ އެއްބައްޕާފުޅު ޕްރިންސް خالدއަށް ولى عهد ކަމާއި، ބޮޑުވަޒިރުގެ 1 ވަނަ نائب ކަން ދެއްވިއެވެ.  މީގެ ދެ އަހަރެއްހާ ދުވަސްކުރިން އެމެރިކާގައި ޕްރިންސް خالد ހިތްޕުޅުގެ ވަރަށްބޮޑު އޮޕަރޭޝަނެއް ކުރެއްވިއެވެ. ވީމާ އޭނާއަށް تخت ހުށަހެޅިއްޖެނަމަ ޞިއްޙީ ޙާލަތު މެދުވެރިކުރައްވައި އެކަމުން عذرވެރިވެވަޑައިގަންނަވާނޭކަމަށް سياسي تجربة كار ން ލަފާކުރެއެވެ. އެމީހުންގެ نظرގައި ދެން ރަސްކަލަކު ހޮވަންޖެހޭ ފަހަރަކުން އެކަމަށް ހޮވޭނޭ ބޭފުޅަކީ، ޕްރިންސް فهد އެވެ. މިހާރު އޭނާއަކީ، وزيرالدّاخلية  އެވެ. އަދި ބޮޑުވަޒީރުގެ 2 ވަނަ نائب މެއެވެ. އޭނާގެ ޢުމުރުފުޅުން ވީ ފަންސާހަކަށް އަހަރެވެ.

سعودى عربية ގައިވާ ކުޑަވެސް نفوذ އެއްހުރި سياسي جماعة އަކީ شاهى عائلة ގެ ދެހާސް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯރޑްއެކެވެ. މި ބޯރޑްގެ ئيس އަކީ ކިންގް فيصل އެވެ. ހުޅަނގުގެ نظرން ބަލާއިރު މިނިވަންކަމާއެކު އެތަނުގެ سياسة ގެ މައްޗަށް ވާހަކަދައްކައި خيالات ބަދަލުކުރާ ބަޔަކީ، ހަމައެކަނި މިއީއެވެ. ރަސްރަސްކަލުން عزل ކޮށް ހަދާބަޔަކީ، މިޖަމާއަތުގެ ކުރިޔަށްތިއްބެވި ފަސްސާހަކަށް ޕްރިންސުންނެވެ.

شاهى عائلة ގެ ދުވަސްވީ ޕްރިންސުންނާއި މިހާރުގެ ޕްރިންސުންވެސް حجازކަރައިގެ بدوينންގެ ބޯދާ أصولތަކަށް ވަރަށްބޮޑަށް إحترام ކުރައްވައެވެ. ބައެއް ފަހަރު ބައެއް ޕްރިންސުން ވެރިކަން ކުރާ ރަށުން ނުފެންނަގޮތް ދިމާވެއްޖެނަމަ، އެތަނަށް زيازة ކުރާ مهمان ން ގާތު ބުނެލެވެނީ “އެމަނިކުފާނު ޝިކާރަކުރެއްވުމަށް ރަށުންބޭރަށް ވަޑައިގެންނެވީ” ކަމަށެވެ. ނަމަވެސް حقيقة ގައި އެޕްރިންސްއަކު އެވަގުތަކު އުޅުއްވާނީ بدوين ންގެ قبيلة ތަކަށް زيارة ކުރައްވައި އެކިއެކި ހަދިޔާތަކާއި އެހީފޯރުވައި ހެއްދެވުމުގައެވެ.

إقتصادى ކަންކަމުގައި فيصل عمل ކުރައްވަނީ މުސްކުޅި أصولތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. نتيجة އެއްގެ ގޮތުން قومގެ މުއްސަނދިކަން ހާމަކޮށްދޭފަދަ ކަންކަމާއި، ނިކަމެތީންނަށް އެހީވުމުގެ مهمّ ޕްރޮގްރާމްތައް އެއީ އެތާނގައި ނެތްކަމެއްކަމުގައި ރިޕޯރޓަރުން ބުނެއެވެ. ނަމަވެސް ترقّى ކުރުމުގެ މަސައްކަތް ކުރިޔަށްވުރެ މާހަލުއިކޮށް މިހާރު ހިނގަމުން އެބަދޭމެއެވެ. މިއަހަރު ތެލުގެ آمدنىގެ ގޮތުގައި އެތަނަށް ލިބޭނެކަމަށް ލަފާކުރެވޭ 20 ހާސް މިލިއަން ޔޫ.އެސް.ޑޮލަރ ޖަމާކުރެވޭނީ ޝޯރޓްޓާރމް ޑިޕޮޒިޓްގެ ގޮތުގައި ހުޅަނގު قوم ތަކުގެ ބޭންކްތަކުގައެވެ. سعودى عربية ގެ އަވަށްޓެރި ކުވެއިތު ފަދައިން ތަނުގެ މުއްސަނދިކަން އެންމެންގެ މައްޗަށް ފެތުރުވުމަށްޓަކައި އެއްވެސް ރޭވުމެއް އެތާނގައި އަދި ރޭވިފައެއް ނުވެއެވެ. އެތާނގެ ސަރުކާގެ މުވައްޒަފުންގެ ތެރެއިން އެންމެދަށުގެ މުސާރަވެރިއަކަށް މަހަކު ލިބެނީ 230 ޔޫ.އެސް. ޑޮލަރއެވެ. وزيرންފަދަ މަތީ مقام ތަކުގެ ވެރީންނަށް އަހަކު 35 ހާސް ޔޫ.އެސް.ޑޮލަރއަށް ވުރެ ބޮޑު މުސާރައެއް ނުދެވެއެވެ. سعودى عربية ގައި ބައެއް صحّى ޕްރޮގްރާމް ފެށިފައި ވިޔަސް ހިލޭ ބޭސްފަރުވާ ލިބުމަކީ، ބައެއް ހިސާބުހިސާބުގައި މިހާރުވެސް ވަރަށް ދަތިކަމެކެވެ. ސަރުކާރުގެ ފަރާތުން ގެދޮރު އަޅައިދިނުމަކީ އެތާނގައި އަދި އެއްގޮތަކަށްވެސް ނުފެށޭ ކަމެކެވެ. ތަނުގެ أهل ވެރިންގެ އަމިއްލަ ވިޔަފާރިއާއި މަސައްކަތްތައް ކުރިއެރުވުމުގެ މައްޗަށް ސަރުކާރުގެ ފަރާތުން ވަރަށް ބާރުއަޅައިދެއެވެ. ބޭރު މީހަކު އެތާނގައި ވިޔަފާރިއާއިބެހޭ އެއްވެސް ކަމެއް ފަށަން ބޭނުން ވެއްޖެނަމަ، އެމީހަކަށް އެކަމެއް ކުރެވޭނީ ތަނުގެ أهل ވެރިޔަކު ޕާރޓްނަރއަކަށް ހަދައިގެންނެވެ. މިގޮތުން ބޭރު މީހުން އެންމެގިނައިން ގުޅެން އެދޭ ވިޔަފާރިވެރިންނަކީ، شاهى عائلة ގެ މެންބަރުންކަން އެއީ حيران ވާން ޖެހޭ ކަމެއް ނޫނެވެ. އެބޭފުޅުންގެ އެކިއެކި مشروع ތަކަށް، އެތަކެއް މިލިޔަން ޑޮލަރގެ ލޯން، ބޭރުގެ قوم ތަކުގެ ބޭންކްތަކުން ދިނުމަކީ، އާދައިގެ ކަމެކެވެ.

ސަރުކާރުގެ ބައެއް مهمّ مقام ތައް، شاهى عائلة އާއި ގުޅުމެއްނެތް، މަތީ تعليم ލިބިފައިވާ މީސްމީހުންނަށް فيصل ދެއްވާފައިވެއެވެ. އެއީ، وزارة އާއި، ޕެޓްރޯލިއަމްއާއިބެހޭ وزارة އާއި، إقتصاد އާއިބެހޭ وزارة ފަދަ وزارة ތަކެވެ. އެ وزارة ތަކުގައި ހިނގާ ޓެކްނިކަލް مسألة ތަކުގައި ގޮތެއް އެކަށައެޅުމަކީ، تجربة كار ماهرންގެ ކަމަކަށް ވިޔަސް ސަރުކާރުގެ ހުރިހާ ބޮޑެތި مسألة ތަކެއް ނިންމަވަނީ فيصل އަމިއްލަފުޅަށެވެ. تجربة كار ންގެ مشورة އާއި އޭނާގެ خيالފުޅާއި ތަފާތުވެއްޖެ ފަހަރަކުވެސް مسألة  ނިންމަވާނީ އޭނާގެ خيالފުޅުގެ މައްޗަށެވެ.

ކިންގް فيصل އަވަހާރަވުމަށްފަހު، ނުވަތަ ރަސްކަމުން ދުރުވެވަޑައިގަތުމަށްފަހު، އެތާނގެ ވެރިކަމުގެ ބާރު އެހާހަނި ދާއިރާއެއްގައި ބަންދުވެފައި އޮންނާނޭކަމާއިމެދު ބައެއް سياسى ވިސްނުންތެރީން ޝައްކުކުރެއެވެ. އެބައިމީހުންގެ خيالގައި ދެން އިސްކުރެވޭ ރަސްކަލަކު، ބޮޑުވަޒީރަކު عيّن ކުރައްވާނެއެވެ. އަދި قوم ގެ سياسة ރޭވުމުގައި އޭނާއަކީ، نفوذ ހުރި حركات ތެރިއަކަށް ވާނޭމެއެވެ.             

——————————–
About the author
1 Comment
  1. ޢާއިޝަތު ރީނާ މުންޑޫ

    ކޮންމެ އެއްޗެއްގެ ވެސް އަދި ކޮންމެ މީހެއްގެ ވެސް ހަގީގީ ބޭޏުން ހާމަވެ އެނގިގެންދަނީ އެ އެއްޗެއް ނުވަތަ އެ މީހަކު ނެތި ދިޔުމުންނެވެ. އުޒ. ޢަބްދުﷲ ޙަމީދަކީ މިޤައުމު ދުށް ވަރަށް އަގުހުރި ދަރިއެކެވެ. މާތް ﷲ އަޚު ޙަމީދުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. ޢާއިލާގެ ބޭފުޅުންނަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ! އާމީން

    (1)(0)