ޙަސަން ޒަހީން
ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ މުޞްޙަފް ކަމަށް ބެލެވޭ މުސްޙަފްގެ ސަފުހާތަކެއް އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވަސިޓީގެ ލައިބްރަރީން ދާދިފަހުން ވަނީ ފެނިފައެވެ. މި ސަފުހާތައް ހޯދި ރިސާޗަރުން ބުނާ ގޮތުން، މި ސަފުހާތަކާއި އޭގައިވާ ލިޔުންތަކަކީ މީލާދީ އަހަރަށް ބަލާއިރު 1370 އަހަރުވެފައިވާ ލިޔުންތަކެކެވެ. އެހެންކަމަށްވާނަމަ އެފަތްފުއްތަކަކީ މީލާދީ ސަނަތުން 645 ގައި ލިޔެފައިވާ ލިޔުންތަކެކެވެ.

 ތާރީޚީގޮތުން ފެންނަ މި ޙަޤީޤަތައް ބަލާނަމަ، ޤުރްއާނުގެ އާޔަތްތައް ލިޔެވިފައިވާ މިސަފުހާތަކަކީ އިސްލާމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ޚިލާފަތުގެ ފަހުކޮޅުގައި ނުވަތަ ޢުޘްމާނުގެފާނުގެ ޚިލާފަތުގެ ކުރީކޮޅުގައި އަޞްޙާބު ބޭކަލުންގެ ތެރެއިން ބޭކަލެއްގެ އަތްޕުޅުން ލިޔުއްވައިގެން ގެންގުޅުއްވާފައިވާ ފަތްފުށްތަކެކެވެ. ބާމިންގހަމް ޔުނިވަރސިޓީގެ ޕްރޮފެސަރ ތޯމަސް ވިދާޅުވެފައިވަނީވެސް އެގޮތަށެވެ. މިކަމަށް އިތުރަށް ބާރުލިބިދޭ ސަބަބަކީ މިސަފްޙާތައް ލިޔެފައި ވަނީ ކީރިތިރަސޫލާގެ ދުވަސްވަރު ޙިޖާޒުކަރައިގެ ޢަރަބިން ލިޔެއުޅުނު ޙިޖާޒީ އަކުރުންކަމަށްވުމެވެ. އަދި ލިޔެފައިވަނީ ޖަނަވާރުގެ ހަމުގައިކަމަށް ވުމެވެ. ކީރިތިރަސޫލާ صلى الله عليه وسلم އަށް މާތްﷲ ޞުބްޙާނަހޫ ވަތަޢާލާ ވަޙީ ބާވާލައްވާފައިވަނީ މީލާދީ ސަނަތަށް ބަލާއިރު 610 ން 632 އަށެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ސުވަރުގެވަޑައިގަތީ މީލާދީ ގޮތުން 632 ވަނަ އަހަރުގައެވެ. މުސްލިމުންގެ ތިންވަނަ ޚަލީފާ އުޘްމާން ބުން އައްފާންގެ ޚިލާފަތައް ބަލާއިރު އެކަލޭގެފާނުންވަނީ ކީރިތި ޤުރްއާން ޖަމުޢުކުރައްވާފައެވެ. އެދުވަސްވަރު ވެސް އިސްލާމީ ތާރީޚުން ހެކި ލިބޭގޮތުގައި ޝާމްކަރައިގެ މީސްތަކުން ޤުރްއާން ކިޔަވަމުން ގެންގޮސްފައިވަނީ އުބައްޔު ބުން ކަޢުބުގެ ފަތްފުށްތަކުން އެކަލޭގެފާނުންގެ ޤިރާއަތަށެވެ. ހަމައެގޮތަށް ޢިރާޤުގައި ޤުރްއާން ކިޔަވަމުން ގޮސްފައިވަނީ ޢަބްދުﷲ ބުން މަސްޢޫދުގެ ފަތްފުށްތަކުން އެކަލޭގެފާނުންގެ ޤިރާއަތަށެވެ. އަދި އެނޫން މީސްތަކުން ޤުރްއާން ކިޔަވަމުން ގޮސްފައިވަނީ އަބޫމޫސަލް އަޝްޢަރީގެ ފަތްފުށްތަކުން އެކަލޭގެފާނުންގެ ޤިރާއަތަށެވެ. ސީރަތުގެ ޢިލްމުވެރިން ލިޔުއްވާފައިވާ ގޮތުގައި އެދުވަސްވަރު އަމިއްލަފުޅަށް ޤުރްއާން ލިޔުއްވައިގެން ގެންގުޅުއްވި އަޞްޙާބު ބޭފުޅުންގެ ތެރޭގައި މުޢާޒު ބުން ޖަބަލާއި، އިބްނު މަސްޢޫދާއި، ޒައިދު ބުން ޘާބިތާއި އިބްނު ޢައްބާސްފަދަ ބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ. އުޘްމާންގެފާނުންގެ ޚިލާފަތުގައި އެކަލޭގެފާނުން ޤުރްއާން ޖަމުޢުކުރެއްވުމަށްފަހު އަޞްޙާބު ބޭކަލުން އެބޭކަލުންގެ އަތްޕުޅުން ލިޔުއްވައިގެން ގެންގުޅުއްވި ޤުރްއާންގެ ފަތްފުށްތައް ވަނީ ނައްތާލައްވާފައެވެ.”3″ މި ހެކިތަކަށް ބަލާއިރު ބާމިންގ ހަމް ޔުނިވަރސިޓީގެ ލައިބުރަރީން ފެނިފައިވާ ކީރިތި ޤުރްއާންގެ މި ފަތްފުށްތަކަކީ މި ދެންނެވި ފަތްފުށްތަކުގެ ތެރެއިން ނައްތާނުލެވިވާ ފަތްފުށްތަކެއްކަމަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ތަފާތު ރިވާޔަތްތަކުން އެނގޭގޮތުގައި އެންމެ ފަހުން ނައްތާލާފައިވާ ޤުރްއާންގެ ފަތްފުށްތަކަކީ މަޝްޙޫރު ޞަޙާބީ ޢަބްދުﷲ  ބުން މަސްޢޫދުގެ އަތްޕުޅުއް ލިޔުއްވައިފައިވާ އެކަލޭގެފާނުން ގެންގުޅުއްވި ފަތްފުށްތައްކަން އެނގެއެވެ. ދިރާސީ ނަޒަރަކުން މި ފެނުނު ޤުރްއާންގެ ހަތަރު ސަފުހާއަށް ބަލައިލަމާ ތޯއެވެ. މިއީ ކީރިތި ޤުރްއާންގެ ސޫރަތުލްކަހަފުގެ 17 ވަނަ އާޔަތުން 31 ވަނަ އާތަޔާ ދެމެދުގެ ބަޔަކާއި ޠާހާ ސޫރަތުގެ ފުރަތަމަ އާޔަތުން އެސޫރަތުގެ 39 ވަނަ އާޔަތާ ހަމައަށް ލިޔެފައިވާ ލިޔުމަކާއި އަދި މަރްޔަމް ސޫރަތުގެ 91 ވަނަ އާޔަތުން 98 ވަނަ އާޔަތަށް ލިޔެފައިވާ ލިޔުއްވުންތަކެކެވެ. މުސްޙަފަށް ބަލާއިރު މިތިން ސޫރަތަކީ، މުޞޙަފުގައި ވިދިވިގެން އަންނަ ތިން ސޫރަތެވެ. އެއީ 18، 19 އަދި 20 ވަނަ ސޫރަތެވެ. ހަމައެއާއެކު ފާހަގަވެގެން ދިޔަ އަނެއްކަމަކީ 13 ޤަރުނަށްވުރެ ގިނަ ދުވަސްވެފައިވާ މި ޤުރްއާންގެ ލިޔުންތަކާއި މިއަދުވެސް ބޭނުންކުރަމުންދާ މުޞްޙަފުގެ މި ސޫރަތްތަކުގެ މި އާޔަތްތަކާ އެއްވެސް ފުށުއެރުމެއް ނެތްކަމެވެ. އެހެންވުމުން ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ ފަދައިން އެޤުރްއާން ޙިމާޔަތްތެރިވެފައިވާ މިންވަރު މިއަދު ހާމަވެއެވެ. އަދި އެފޮތަށް ޔަހޫދީންނާއި ނަޞާރާއިންގެ ފޮތްތަކުގައި ވާފަދަ އެއްވެސް ބަދަލެއް އަދި ތަފާތެއް ގެނެވިފައި ނުވާކަމުގެ ހެއްކަކަށް މިކަން ފުދެއެވެ. މިކަމުން ސާބިތުވަނީ ޤުރްއާނަކީ ބާވާލެއްވި ގޮތަށް އެއްވެސް އުނިއިތުރުކުރުމެއް ނެތި އޮތް ފޮތެއްކަމެވެ. އެއްވެސް ބަދަލެއް އެއަށް ގެނެވިފައި ނުވާކަމެކެވެ. ހަމައެއާއެކު އެންމެ ހައިރާންކަން ގެނުވި ކަމަކީ މި ފެނުނު މުޞްޙަފުގެ ފަތްފުށްތަކުގައި މާތްﷲ ގެ މި ވަޙީބަސްފުޅު ހިމެނިފައިވާ އާޔަތް އޮތްކަމެވެ. وَاتْلُ مَا أُوحِيَ إِلَيْكَ مِن كِتَابِ رَ‌بِّكَ ۖ لَا مُبَدِّلَ لِكَلِمَاتِهِ وَلَن تَجِدَ مِن دُونِهِ مُلْتَحَدًا މާނައީ “ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮތުން، ކަލޭގެފާނަށް وحىކުރެއްވި ތަކެތި ކިޔަވައިވިދާޅުވާށެވެ! އެކަލާނގެ كلمة ފުޅުތަކަށް ބަދަލުގެނެވޭނޭ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެހީއަށްއެދި، އެނބުރިވަޑައިގަންނަވާނެ ފަރާތެއް، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.” (ސޫރަތުލް ކަހަފު 27) ހަމައެއާއެކު ޠާހާ ސޫރަތުގެ ދެވަނަ އާޔަތާއި ތިންވަނަ އާޔަތުންވެސް ލިބިގެންދަނީ މިފަދަ ފިލާވަޅެކެވެ. مَا أَنزَلْنَا عَلَيْكَ الْقُرْ‌آنَ لِتَشْقَىٰ إِلَّا تَذْكِرَ‌ةً لِّمَن يَخْشَىٰ މާނައީ “ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް މި قرآن ބާވައިލެއްވީ، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ. (اللَّه އަށް) ބިރުވެތިވާ މީހަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ (ތިމަންރަސްކަލާނގެ އެ قرآن ބާވައެއް ނުލައްވަމެވެ.”) ބާމިންހަމް ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑޭވިޑް ތޯމަސް ވިދާޅުވެފައިވާގޮތުގައި މި ސަފުހާތައް އެ ޔުނިވަސިޓީގެ ލައިބްރަރީގައި ފާހަގަ ނުކުރެވި، އެހެންނަމަވެސް ރައްކާތެރިކަމާއެކު އޮންނަތާ ގާތްގަނޑަކަށް  ޤަރުނަކަށްވުރެ ގިނަ ދުވަސްވީއެވެ. މިފޮތުގެ ބައިތައް އެތާތެރޭގައި ހުރިގޮތަކަށް ހުރީއެވެ. އިންސާނުންގެ މާބޮޑު އަޅައިލުމެއް ނެތިއެވެ. އެކަމަކު ޤުރްއާނުގެ އެފަތްފުށްތައް ޙިމާޔަތް ވެފައިވާގޮތް ނިކަން ދެކިބަލާށެވެ! މާތްﷲ އެ ސަފުހާތައް ރައްކާތެރިކުރެއްވި ގޮތާމެދު ނިކަން ވިސްނާލަބަލާށެވެ. އެންމެ ޢަޖާއިބު އެއް ކަމަކީ މީގެ އެއް ފަތުގައި އައިސްފައިވަނީ ކަހްފު ބާގައިގެ މީހުން ތިން ސަތޭކަ އެތަކެއް އަހަރުވަންދެން ކަހްފު (ހޮހަޅަ) ގައި ނިދުމަށްފަހު ހޭލެވުނު ވާހަކަ ބަޔާންކޮށްދެއްވާ ﷲ ބާވާލެއްވި އާޔަތްތަކެވެ. އެމީހުންނަކީވެސް މާތްﷲ އާދަޔާ ޚިލާފުގޮތަކަށް ޙިމާޔަތްތެރި ކުރެއްވި ބަޔެކެވެ. ސޫރަތުލްކަހްފުގެ 25 ވަނަ އާޔަތާއި 26 ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا قُلِ اللَّـهُ أَعْلَمُ بِمَا لَبِثُوا ۖ لَهُ غَيْبُ السَّمَاوَاتِ وَالْأَرْ‌ضِ ۖ أَبْصِرْ‌ بِهِ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِ مِن وَلِيٍّ وَلَا يُشْرِ‌كُ فِي حُكْمِهِ أَحَدًا މާނައީ “އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން ތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، اللَّه އެވެ. އުޑުތަކާއި، ބިމުގެ غيب (ދެނެވޮޑިގަތުން) ވަނީ، އެކަލާނގެއަށެވެ. އެކަލާނގެ ބައްލަވާވޮޑިގަތުމާއި، އައްސަވާވޮޑިގަތުން ބޮޑުކަމާއެވެ! އެއުރެންނަށް އެކަލާނގެ ފިޔަވައި އެއްވެސް އެހީތެރިޔަކު ނުވެއެވެ. އަދި އެކަލާނގެ حكمފުޅުގައި އެއްވެސްމީހަކު ބައިވެރިޔެއް ނުކުރައްވަތެވެ.” މިއީ ކިހާބޮޑު މުޢުޖިޒާތެއް ތޯއެވެ. ހަމައެއާއެކު މި ފެނުނު މުޞްޙަފުގެ ހަތަރު ސަފުހާގެ ތެރެއިން ޠާހާ ސޫރަތުގެ 12 ވަނަ އާޔަތުން އެސޫރަތުގެ 39 ވަނަ އާޔަތާ ދެމެދު މާތްﷲ ވަޙީކުރައްވާފައިވާ އާޔަތްތަކަށް ބަލާއިރު ލިބޭ ހައިރާންކަމާއި އަޖައިބުކަން ކުޑައެއް ނޫނެވެ. މޫސާގެފާނު ފިރުޢައުނުގެ ބެލުމުގެ ދަށުގައި ބޮޑުކުރެއްވި ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތަކުންނެވެ. އަދި އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތްތަކުގެ ވާހަކަ ތަކުންނެވެ. އެއީ ﷲ ޚާއްޞަ ކަމެއް ދެއްވި ޚާއްޞަ އިންސާނަކަށް ދުނިޔޭގައި ﷲ އެދުވަސްވަރު ލެއްވި ޖައްބާރު ނުލަފާ ފިރުޢައުނު މެދުވެރިވެ ﷲ ދެއްވި އާދަޔާ ޚިލާފު ރައްކާތެރިކަމެއް ލިބުނު ގޮތުގެ ވާހަކައެވެ. މިއަދު ޤުރްއާނުގެ މިފަތްފުށްތައް ޣައިރު މުސްލިމުންގެ ބެލުމުގެ ދަށުގައި އޮންނަތާ ތޭރަ ޤަރުނު ވީއެވެ. ޤުރްއާނަކީ ދޮގު އެއްޗެއްކަން ސާބިތުކުރުމަށް އެބައިމީހުން ރެއާ ދުވާލު ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު މާތްﷲ އެމީހުންގެ ބެލެހެއްޓުމުގެ ދަށުގައި މިފަތްފުށްތައް ލައްވާ ކީރިތި ޤުރްއާނުގެ ތެދުކަމާ ޙައްޤުކަން އެކަލާނގެ އިރާދަފުޅުން އެވަނީ ސާބިތުކޮށްދެއްވާފައެވެ. މޫސާގެފާނު ފިރުޢައުނުގެ ބެލުމުގެ ދަށުގައި ބޮޑުކުރެއްވި ފަދައިން ޤުރްއާން ރައްކާތެރި ކޮށްދެއްވާފައެވެ. ތޭރަ ޤަރުނަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު އެއިން އެންމެ ކަލިމަޔަކަށްވެސް އެބައިމީހުންނަށް ބަދަލެއް ގެނައުމުގެ ބާރެއް އަދި އެކަލިމަތައް ނައްތާލުމުގެ ބާރެއްވެސް އެކަލާނގެ އެބައިމީހުންނަކަށް އަދި އެއްވެސް ފަނިފަކުސައަކަށްވެސް ނުދެއްވައެވެ. އަދި ޤުރްއާނަކީ މާތްﷲ ބާވާލެއްވި އެއްޗެއް ނޫންކަން ސާބިތުކޮށްދިނުމަށް އެބައިމީހުންނަށް ކުރެވުނު ކަމެއްވެސް ނެތެވެ. މިއީ މާތްﷲގެ ކުޅަދުންވަންތަކަމެވެ. އެކަލާނގެ ޙައްޤުވަންތަކަމާއި އިލާހުވަންތަކަމެވެ. ދެންއޮތީ ޔަހޫދީންނާއި ނަޞާރާއިން އެންމެ ބޮޑު ދޮގުގެ ގޮތުގައި ފަތުރަމުންދާ އެއް ވާހަކައެކެވެ. ޢީސާއަލައިޙި ސަލާމަކީ މާތް ﷲ ގެ ދަރިކަލެއްކަމަށް ދައްކާ ވާހަކައެކެވެ. އެކަންވެސް ވަނީ މި ފެނުނު މުޞްޙަފުގެ ގަނޑުތަކުގައި ބަޔާން ކޮށްދެއްވާފައެވެ. އެގޮތުން މި ފެނުނު މުޞްޙަފުގެ 4 ޞަފުޙާގެ ތެރޭގައި ސޫރަތު މަރްޔަމްގެ 91 ވަނަ އާޔަތުން 98 ވަނަ އާޔަތުގެ ނިޔަލަށް ވެއެވެ. މާތް ﷲ މި އާޔަތްތަކުގައި ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. މާނައީ “ފަހެ، ދަރިކަލަކު ހިއްޕެވުން رحمن ވަންތަ ރަސްކަލާނގެއަށް އެކަށީގެނެއް ނުވެއެވެ. رحمن ވަންތަ ރަސްކަލާނގެ حضرة އަށް އަޅެއްގެ ގޮތުގައި ނާންނާނޭ ހަމައެކަކުވެސް، އުޑުތަކުގައްޔާއި، ބިމުގައި ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެ އެއުރެން ހިމަނުއްވައި، ފުރިހަމަ عدد ކުރެއްވުމަކުން عدد ކުރެއްވިއެވެ. އަދި قيامة ދުވަހުން، އެއުރެންކުރެ ކޮންމެމީހަކު، އެކަލާނގެ حضرة އަށް އަންނަހުށީ، އެކަނިމާއެކަންޏެވެ. ހަމަކަށަވަރުން، إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) رحمن ވަންތަ ރަސްކަލާނގެ، އެއުރެންނަށްޓަކައި ލޯބިލައްވާނެތެވެ. ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ވާހަކަދައްކަވާ ބަހުން އެ قرآن ފަސޭހަކޮށްދެއްވީ، ކަލޭގެފާނު އެ ފޮތުން تقوى ވެރިންނަށް އުފާވެރިކަމުގެ خبر ދެއްވުމަށާއި، ދެކޮޅުވެރިވެގެންވާ މީހުންނަށް އެއިން إنذار ކުރެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންގެ ކުރިން ކިތައްކިތައް أمّة ހަލާކު ކުރެއްވިންހެއްޔެވެ؟ އެއުރެންކުރެ އެކަކުވެސް، ކަލޭގެފާނަށް ފެނިވަޑައިގަންނަވާތޯއެވެ؟ ނުވަތަ އެއުރެންގެ އެއްވެސް އަޑެއްބަޑެއް، ކަލޭގެފާނަށް އިވިވަޑައިގަންނަވާތޯއެވެ؟” މިއީ މުސްލިމުންނާ ކްރިސްޓިއަނުންނާ ދެމެދު މިއަދު އޮތް އެންމެ ބޮޑު މައްސަލައެވެ. އެހެނަސް މިމައްސަލަ އޮޅުވައިލުމަށް މި ފަތްފުށްތަކާ ކުޅެ މި އާޔަތްތަކަށް ގޮތެއް ހަދައިލުމުގެ ޚިޔާލާ ފިކުރުވެސް މިބައިމީހުންނަށް އައިސްފައެއް ނުވެއެވެ. އެއްވެސް ބަޔަކަށް ނޭނގި ޤުރްއާނުގެ މިއާޔަތްތައް ތޭރަ ޤަރުނުވަންދެން އޮތުމަށް ފަހު އެބައިމީހުންނަށް ފެނުމަކީ ވިސްނާ ފިކުރުކުރާ ބަޔަކަށް މާތް ﷲ ދެއްވި ވަރުގަދަ ފިލާވަޅެކެވެ. ޤުރްއާނަކީ މާތް ﷲ ގެ ޙައްޤު ތެދުކަމާމެދު ދެކޮޅު ހަދާ މީހުންނަށް ލިބިގެންދާ ވަރުގަދަ ފިލާވަޅެކެވެ. ކީރިތި ޤުރްއާންގެ މި ފެނުނު ޒަމާންވީ ފަތްފުށްތައް ކާބަން ޑޭޓިން ޓެސްޓް ހެދީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގެ ރޭޑިއޯކާބަން އެކްސަލަރޭޓަރ ޔުނިޓުންނެވެ. ނަމަވެސް މިއީ ޙައްޤު އެއްޗެއް ނޫންކަން ޘާބިތުކޮށްދިނުމަށް ކުރެވުނު އެއްކަމެއްވެސް އެމީހުންނަކަށް ނެތެވެ. ހަމަޔަޤީނުންވެސް މިއީ މުސްލިމުންގެ އިމާންތެރިކަން އިތުރުކުރުވާނެކަމެވެ. އިނގިރޭސީވިލާތުގައި ހަލުވިކަމާއެކު ފެތުރެމުންދާ އިސްލާމް ދީނުގެ ނޫރު އިތުރަށް ވަރުދަގަކުރުވާނެ ކަމެކެވެ. ހުރިހާވެސް ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. އެއީ ރައްބުލް ކާއިނާތެވެ.——————————— މަސްދަރުތައް:އިބްރާހީމް އަޙްމަދު، 2011 ކީރިތި ރަސޫލާގެ ސީރަތުއިބްރާހީމް އަޙްމަދު، 2012، އިސްލާމީ ތާރީޚާއި ޝަރީޢަތުގެ މަސްދަރުތައްބީބީސީ ވޯލްޑް ނިއުސްhttp://www.bbc.com/arabic/artandculture/2015/07/150721_uk_birmingham_koranޙިޖާޒީ ލިޔުމަކީ ރަސޫލާގެ ޒަމާނުގައި ވަޙީ ލިޔުއްވި ކާތިބުން ވަޙީލިޔުއްވަމުން ގެންދެވި ލިޔުމަށް ކިޔާނަމެކެވެ. (ޙުސްނީ ޝައިޚު ޢުޘްމާނު، ޙައްޤުއްތިލާވާ، މަކްތަބތުލްމަނާރު ، އަލްއުރުދުން،1990، ޞ 207)http://islamstory.com/ar/  جمع-القرآن-في-عهد-عثمان-بن-عفان 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. ކިއުންތެރިއެއް 2015-07-30

    ލިޔުއްވައިފައި އެބައޮތެވެ. "ދެން އޮތީ ޔަހޫދީންނާއި ނަސާރާއިން އެންމެ ބޮޑު ދޮގުގެ ގޮތުގައި ފަތުރަމުންދާ އެއް ވާހަކައެވެ. އީސާ ޢަލައިހިއްސަލާމަކީ މާތް ﷲގެ ދަރިކަލެއްކަމަށް ދައްކާ ވާހަކައެވެ." ލިޔުންތެރިޔާއާއި ކިއުންތެރީންގެ މައުލޫމާތަށްޓަކއި ދަންނަވަމެވެ. ޔަހޫދީން ފަހަރެއްގައި ވެސް އީސާގެފާނަކީ ﷲގެ ދަރިކަލެއް ކަމަކަށް ވާހަކައެއް ނުދައްކައެވެ. ދީނީ މަޒުހަބީ އަރައިރުންތަކުގެ ތެރެއަށް ނުގޮސް ދިވެހި އަދަބީ ލިޔުންތަކަށް ޚާއްސަވެފައި އޮންނަ ވެބުސައިޓެއްގެ ގޮތުގައި މިވެބުސައިޓު އޮތުން ބުއްދިވެރިއެވެ.

    (0)(0)