ޙަސަން ޒަހީން
ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ މުސްޙަފް ކަމަށް ބެލެވޭ މުސްޙަފްގެ ސަފްޙާތަކެއް އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވަސިޓީގެ ލައިބްރަރީން ދާދިފަހުން ވަނީ ފެނިފައެވެ. މި ސަފްޙާތައް ހޯދި ރިސާޗަރުން ބުނާ ގޮތުން، މިސަފްޙާތަކާއި އޭގައިވާ ލިޔުންތަކަކީ މީލާދީ އަހަރަށް ބަލާއިރު 1370 އަހަރުވެފައިވާ ލިޔުންތަކެކެވެ. އެހެންކަމަށްވާނަމަ އެފަތްފުއްތަކަކީ މީލާދީ ސަނަތުން 645 ގައި ލިޔެފައިވާ ލިޔުންތަކެކެވެ.

 ތާރީޚީގޮތުން ފެންނަ މި ޙަޤީޤަތައް ބަލާނަމަ، ޤުރްއާނުގެ އާޔަތްތައް ލިޔެވިފައިވާ މިސަފްޙާތަކަކީ އިސްލާމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ޚިލާފަތުގެ ފަހުކޮޅުގައި ނުވަތަ ޢުޘްމާނުގެފާނުގެ ޚިލާފަތުގެ ކުރީކޮޅުގައި އަޞްޙާބު ބޭކަލުންގެ ތެރެއިން ބޭކަލެއްގެ އަތްޕުޅުން ލިޔުއްވައިގެން ގެންގުޅުއްވާފައިވާ ފަތްފުށްތަކެކެވެ. ބާމިންގހަމް ޔުނިވަރސިޓީގެ ޕްރޮފެސަރ ތޯމަސް ވިދާޅުވެފައިވަނީވެސް އެގޮތަށެވެ.”1″ މިކަމަށް އިތުރަށް ބާރުލިބިދޭ ސަބަބަކީ މިސަފްޙާތައް ލިޔެފައި ވަނީ ކީރިތިރަސޫލާގެ ދުވަސްވަރު ޙިޖާޒުކަރައިގެ އަރަބިން ލިޔެއުޅުނު ޙިޖާޒީ”2″ އަކުރުންކަމަށްވުމެވެ. އަދި ލިޔެފައިވަނީ ޖަނަވާރުގެ ހަމުގައިކަމަށް ވުމެވެ. ކީރިތިރަސޫލާ صلى الله عليه وسلم އަށް މާތްﷲ ޞުބްޙާނަހޫ ވަތަޢާލާ ވަޙީ ބާވާލައްވާފައިވަނީ މީލާދީ ސަނަތަށް ބަލާއިރު 610 ން 632 އަށެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ސުވަރުގެވަޑައިގަތީ މީލާދީ ގޮތުން 632 ވަނަ އަހަރުގައެވެ. މުސްލިމުންގެ ތިންވަނަ ޚަލީފާ އުޘްމާންބުން އައްފާންގެ ޚިލާފަތައް ބަލާއިރު އެކަލޭގެފާނުންވަނީ ކީރިތި ޤުރުއާން ޖަމުޢުކުރައްވާފައެވެ. އެދުވަސްވަރުވެސް އިސްލާމީ ތާރީޚުން ހެކިލިބޭގޮތުގައި ޝާމްކަރައިގެ މީސްތަކުން ޤުރުއާން ކިޔަވަމުން ގެންގޮސްފައިވަނީ އުބައްޔުބުން ކަޢުބުގެ ފަތްފުއްތަކުން އެކަލޭގެފާނުންގެ ޤިރާއަތަށެވެ. ހަމައެގޮތަށް އިރާޤުގައި ޤުރުއާން ކިޔަވަމުން ގޮސްފައިވަނީ އަބްދުﷲބުން މަސްޢޫދުގެ ފަތްފުއްތަކުން އެކަލޭގެފާނުންގެ ޤިރާއަތަށެވެ. އަދި އެނޫން މީސްތަކުން ޤުރުއާން ކިޔަވަމުން ގޮސްފައިވަނީ އަބޫމޫސަލް އަޝްޢަރީގެ ފަތްފުއްތަކުން އެކަލޭގެފާނުންގެ ޤިރާއަތަށެވެ. ސީރަތުގެ ޢިލްމުވެރިން ލިޔުއްވާފައިވާ ގޮތުގައި އެދުވަސްވަރު އަމިއްލަފުޅަށް ޤުރުއާން ލިޔުއްވައިގެން ގެންގުޅުއްވި އަޞްޙާބު ބޭފުޅުންގެ ތެރޭގައި މުޢާޒުބުން ޖަބަލާއި، އިބްނު މަސްޢޫދާއި، ޒައިދުބުން ޘާބިތާއި އިބްނު އައްބާސްފަދަ ބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ. އުސްމާންގެފާނުންގެ ޚިލާފަތުގައި އެކަލޭގެފާނުން ޤުރުއާން ޖަމުޢުކުރެއްވުމަށްފަހު އަޞްޙާބުބޭކަލުން އެބޭކަލުންގެ އަތްޕުޅުން ލިޔުއްވައިގެން ގެންގުޅުއްވި ޤުރުއާންގެ ފަތްފުއްތައް ވަނީ ނައްތާލައްވާފައެވެ.”3″ މި ހެކިތަކަށް ބަލާއިރު ބާމިންގެ ހަމް ޔުނިވަރސިޓީގެ ލައިބުރަރީން ފެނިފައިވާ ކީރިތި ޤުރުއާންގެ މި ފަތްފުއްތަކަކީ މި ދެންނެވި ފަތްފުއްތަކުގެ ތެރެއިން ނައްތާނުލެވިވާ ފަތްފުއްތަކެއްކަމަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ތަފާތު ރިވާޔަތްތަކުން އެނގޭގޮތުގައި އެންމެ ފަހުން ނައްތާލާފައިވާ ޤުރުއާންގެ ފަތްފުއްތަކަކީ މަޝްޙޫރު ޞަޙާބީ ޢަބްދުﷲ ބުން މަސްޢޫދުގެ އަތްޕުޅުއް ލިޔުއްވައިފައިވާ އެކަލޭގެފާނުން ގެންގުޅުއްވި ފަތްފުއްތައްކަން އެނގެއެވެ. ދިރާސީ ނަޒަރަކުން މި ފެނުނު ޤުރުއާންގެ ހަތަރު ޞަފްޙާއަށް ބަލާލަމާ ތޯއެވެ. މިއީ ކީރިތި ޤުރުއާންގެ ސޫރަތުލްކަހަފުގެ 17 ވަނަ އާޔަތުން 31 ވަނަ އާތަޔާ ދެމެދުގެ ބަޔަކާއި ޠާހާ ސޫރަތުގެ ފުރަތަމަ އާޔަތުން އެސޫރަތުގެ 39 ވަނަ އާތާ ހަމައަށް ލިޔެފައިވާ ލިޔުމަކާއި އަދި މަރްޔަމް ސޫރަތުގެ 91 ވަނަ އާޔަތުން 98 ވަނަ އާޔަށް ލިޔެފައިވާ ލިޔުއްވުންތަކެކެވެ. މުސްޙަފަށް ބަލާއިރު މިތިން ސޫރަތަކީ މުސްޙަފުގައި ވިދިވިގެން އަންނަ ތިން ސޫރަތެވެ. އެއީ 18، 19 އަދި 20 ވަނަ ސޫރަތެވެ. ހަމައެއާއެކު ފާހަގަވެގެން ދިއަ އަނެއްކަމަކީ 13 ޤަރުނަށްވުރެ ގިނަ ދުވަސްވެފައިވާ މި ޤުރުއާންގެ ލިޔުންތަކާއި މިއަދުވެސް ބޭނުންކުރަމުންދާ މުސްޙަފުގެ މި ސޫރަތްތަކުގެ މި އާޔަތްތަކާ އެއްވެސް ފުށުއެރުމެއް ނެތްކަމެވެ. އެހެންވުމުން ކީރިތިޤުރްއާނުގައި ވާރިދުވެފައިވާ ފަދައިން އެޤުރްއާން ޙިމާޔަތްތެރިވެފައިވާ މިންވަރު މިއަދު ހާމަވެއެވެ. އަދި އެފޮތަށް ޔަހޫދީންނާއި ނަޞާރާއިންގެ ފޮތްތަކުގައި ވާފަދަ އެއްވެސް ބަދަލެއް އަދި ތަފާތެއް ގެނެވިފައި ނުވާކަމުގެ ހެއްކަކަށް މިކަން ފުދެއެވެ. މިކަމުން ސާބިތުވަނީ ޤުރުއާނަކީ ބާވާލެއްވި ގޮތައް އެއްވެސް އުނިއިތުރުކުރުމެއް ނެތި އޮތް ފޮތެއްކަމެވެ. އެއްވެސް ބަދަލެއް އެއަށް ގެނެވިފައި ނުވާކަމެކެވެ. ހަމައެއާއެކު އެންމެ ހައިރާންކަން ގެނުވި ކަމަކީ މި ފެނުނު މުސްހަފުގެ ފަތްފުއްތަކުގައި މާތްﷲ ގެ މި ވަޙީބަސްފުޅު ހިމެނިފައިވާ އާޔަތް އޮތްކަމެވެ. وَاتْلُ مَا أُوحِيَ إِلَيْكَ مِن كِتَابِ رَ‌بِّكَ ۖ لَا مُبَدِّلَ لِكَلِمَاتِهِ وَلَن تَجِدَ مِن دُونِهِ مُلْتَحَدًا މާނައީ “ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮތުން، ކަލޭގެފާނަށް وحىކުރެއްވި ތަކެތި ކިޔަވައިވިދާޅުވާށެވެ! އެކަލާނގެ كلمة ފުޅުތަކަށް ބަދަލުގެނެވޭނޭ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެހީއަށްއެދި، އެނބުރިވަޑައިގަންނަވާނެ ފަރާތެއް، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.” (ސޫރަތުލް ކަހަފު 27)ހަމައެއާއެކު ޠާހާ ސޫރަތުގެ ދެވަނަ އާޔާތާއި ތިންވަނަ އާޔަތުންވެސް ލިބިގެންދަނީ މިފަދަ ފިލާވަޅެކެވެ. مَا أَنزَلْنَا عَلَيْكَ الْقُرْ‌آنَ لِتَشْقَىٰ إِلَّا تَذْكِرَ‌ةً لِّمَن يَخْشَىٰ މާނައީ “ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް މި قرآن ބާވައިލެއްވީ، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ. (اللَّه އަށް) ބިރުވެތިވާ މީހަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ (ތިމަންރަސްކަލާނގެ އެ قرآن ބާވައެއް ނުލައްވަމެވެ.)” ބާމިންހަމް ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑޭވިޑް ތޯމަސް ވިދާޅުވެފައިވާގޮތުގައި މި ޞަފުޙާތައް އެ ޔުނިވަސިޓީގެ ލައިބްރަރީގައި ފާހަގަ ނުކުރެވި، އެހެންނަމަވެސް ރައްކާތެރިކަމާއެކު އޮންނަތާ ގާތްގަނޑަކަށް  ޤަރުނަށްވުރެ ގިނަ ދުވަސްވީއެވެ. މިފޮތުގެ ބައިތައް އެތާތެރޭގައި ހުރިގޮތަކަށް ހުރީއެވެ. އިންސާނުންގެ މާބޮޑު އަޅާލުމެއް ނެތިއެވެ. އެކަމަކު ޤުރްއާނުގެ އެފަތްފުއްތައް ޙިމާޔަތް ވެފައިވާގޮތް ނިކަން ދެކިބަލާށެވެ! މާތްﷲ އެ ޞަފުހާތައް ރައްކާތެރިކުރެއްވި ގޮތާމެދު ނިކަން ވިސްނާލަބަލާށެވެ. އެންމެ ޢަޖާއިބު އެއްކަމަކީ މީގެ އެއްފަތުގައި އައިސްފައިވަނީ ކަހްފު ބާގައިގެ މީހުން ތިން ސަތޭކަ އެތަކެއް އަހަރުވަންދެން ކަހްފު (ހޮހަޅަ) ގައި ނިދުމަށްފަހު ހޭލެވުނު ވާހަކަ ބަޔާންކޮށްދެއްވާ ﷲ ބާވާލެއްވި އާޔަތްތަކެވެ. އެމީހުންނަކީވެސް މާތްﷲ އާދަޔާ ޚިލާފުގޮތަކަށް ޙިމާޔަތްތެރި ކުރެއްވި ބަޔެކެވެ. ސޫރަތުލްކަހަފުގެ 25 ވަނަ އާޔަތާއި 26 ވަނަ އާޔަތުގައި އެކަލާންގެ ވަޙީ ކުރައްވާފައި ވެއެވެ. وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا قُلِ اللَّـهُ أَعْلَمُ بِمَا لَبِثُوا ۖ لَهُ غَيْبُ السَّمَاوَاتِ وَالْأَرْ‌ضِ ۖ أَبْصِرْ‌ بِهِ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِ مِن وَلِيٍّ وَلَا يُشْرِ‌كُ فِي حُكْمِهِ أَحَدًا މާނައީ “އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން ތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، اللَّهއެވެ. އުޑުތަކާއި، ބިމުގެ غيب (ދެނެވޮޑިގަތުން) ވަނީ، އެކަލާނގެއަށެވެ. އެކަލާނގެ ބައްލަވާވޮޑިގަތުމާއި، އައްސަވާވޮޑިގަތުން ބޮޑުކަމާއެވެ! އެއުރެންނަށް އެކަލާނގެ ފިޔަވައި އެއްވެސް އެހީތެރިޔަކު ނުވެއެވެ. އަދި އެކަލާނގެ حكمފުޅުގައި އެއްވެސްމީހަކު ބައިވެރިޔެއް ނުކުރައްވަތެވެ.” މިއީ ކިހާބޮޑު މުޢުޖިޒާތެއް ތޯއެވެ. ހަމައެއާއެކު މި ފެނުނު މުސްޙަފުގެ ހަތަރު ޞަފްޙާގެ ތެރެއިން ޠާހާ ސޫރަތުގެ 12 ވަނަ އާޔަތުން އެސޫރަތުގެ 39 ވަނަ އާޔަތާ ދެމެދު މާތްﷲ ވަޙީކުރައްވާފައިވާ އާޔަތްތަކަށް ބަލާއިރު ލިބޭ ހައިރާންކަމާއި އަޖައިބުކަން ކުޑައެއް ނޫނެވެ. މޫސާގެފާނު ފިރުއައުނުގެ ބެލުމުގެ ދަށުގައި ބޮޑުކުރެއްވި ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތަކުންނެވެ. އަދި އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތްތަކުގެ ވާހަކަ ތަކުންނެވެ. އެއީ ﷲ ޚާއްޞަ ކަމެއް ދެއްވި ޚާއްޞަ އިންސާނަކަށް ދުނިޔޭގައި ﷲ އެދުވަސްވަރު ލެއްވި ޖައްބާރު ނުލަފާ ފިރުޢައުނު މެދުވެރިވެ ﷲ ދެއްވި އާދަޔާ ޚިލާފު ރައްކާތެރިކަމެއް ލިބުނު ގޮތުގެ ވާހަކައެވެ. މިއަދު ޤުރުއާނުގެ މިފަތްފުއްތައް ޣައިރު މުސްލިމުންގެ ބެލުމުގެ ދަށުގައި އޮންނަތާ ތޭރަޤަރުނު ވީއެވެ. ޤުރުއާނަކީ ދޮގު އެއްޗެއްކަން ސާބިތުކުރުމަށް އެބައިމީހުން ރެއާ ދުވާލު ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު މާތްﷲ އެމީހުންގެ ބެލެހެއްޓުމުގެ ދަށުގައި މިފަތްފުއްތައް ލައްވާ ކީރިތިޤުރުއާނުގެ ތެދުކަމާ ޙައްޤުކަން އެކަލާނގެ އިރާދަފުޅުން އެވަނީ ސާބިތުކޮށްދެއްވާފައެވެ. މޫސާގެފާނު ފިރުއައުނުގެ ބެލުމުގެ ދަށުގައި ބޮޑުކުރެއްވި ފަދައިން ޤުރުއާން ރައްކާތެރި ކޮށްދެއްވާފައެވެ. ތޭރަ ޤަރުނަށްވުރެ ގިނަ ދުވަސްވެގެން ދިއައިރު އެއިން އެންމެ ކަލިމަޔަކަށްވެސް އެބައިމީހުންނަށް ބަދަލެއް ގެނައުމުގެ ބާރެއް އަދި އެކަލިމަތައް ނައްތާލުމުގެ ބާރެއްވެސް އެކަލާނގެ އެބައިމީހުންނަކަށް އަދި އެއްވެސް ފަނިފަކުސައަކަށްވެސް ނުދެއްވައެވެ. އަދި ޤުރުއާނަކީ މާތްﷲ ބާވާލެއްވި އެއްޗެއް ނޫންކަން ސާބިތުކޮށްދިނުމަށް އެބައިމީހުންނަށް ކުރެވުނު ކަމެއްވެސް ނެތެވެ. މިއީ މާތްﷲގެ ކުޅަދުންވަންތަކަމެވެ. އެކަލާނގެ ޙައްޤުވަންތަކަމާއި އިލާހުވަންތަކަމެވެ. ދެންއޮތީ ޔަހޫދީންނާއި ނަޞާރާއިން އެންމެ ބޮޑު ދޮގުގެ ގޮތުގައި ފަތުރަމުންދާ އެއް ވާހަކައެކެވެ. އީސާއަލައިޙި ސަލާމަކީ މާތްﷲގެ ދަރިކަލެއްކަމަށް ދައްކާ ވާހަކައެކެވެ. އެކަންވެސް ވަނީ މި ފެނުނު މުސްޙަފުގެ ގަނޑުތަކުގައި ބަޔާން ކޮށްދެއްވާފައެވެ. އެގޮތުން މި ފެނުނު މުސްޙަފުގެ 4 ޞަފުޙާގެ ތެރޭގައި ސޫރަތު މަރްޔަމްގެ 91 ވަނަ އާޔަތުން 98 ވަނަ އާޔަތުގެ ނިޔަލަށް ވެއެވެ. މާތްﷲ މި އާޔަތްތަކުގައި ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. މާނައީ “ފަހެ، ދަރިކަލަކު ހިއްޕެވުން رحمن ވަންތަ ރަސްކަލާނގެއަށް އެކަށީގެނެއް ނުވެއެވެ. رحمن ވަންތަ ރަސްކަލާނގެ حضرة އަށް އަޅެއްގެ ގޮތުގައި ނާންނާނޭ ހަމައެކަކުވެސް، އުޑުތަކުގައްޔާއި، ބިމުގައި ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެ އެއުރެން ހިމަނުއްވައި، ފުރިހަމަ عدد ކުރެއްވުމަކުން عدد ކުރެއްވިއެވެ. އަދި قيامة ދުވަހުން، އެއުރެންކުރެ ކޮންމެމީހަކު، އެކަލާނގެ حضرة އަށް އަންނަހުށީ، އެކަނިމާއެކަންޏެވެ. ހަމަކަށަވަރުން، إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) رحمن ވަންތަ ރަސްކަލާނގެ، އެއުރެންނަށްޓަކައި ލޯބިލައްވާނެތެވެ. ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ވާހަކަދައްކަވާ ބަހުން އެ قرآن ފަސޭހަކޮށްދެއްވީ، ކަލޭގެފާނު އެ ފޮތުން تقوى ވެރިންނަށް އުފާވެރިކަމުގެ خبر ދެއްވުމަށާއި، ދެކޮޅުވެރިވެގެންވާ މީހުންނަށް އެއިން إنذار ކުރެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންގެ ކުރިން ކިތައްކިތައް أمّة ހަލާކު ކުރެއްވިންހެއްޔެވެ؟ އެއުރެންކުރެ އެކަކުވެސް، ކަލޭގެފާނަށް ފެނިވަޑައިގަންނަވާތޯއެވެ؟ ނުވަތަ އެއުރެންގެ އެއްވެސް އަޑެއްބަޑެއް، ކަލޭގެފާނަށް އިވިވަޑައިގަންނަވާތޯއެވެ؟” މިއީ މުސްލިމުންނާ ކްރިސްޓިއަނުންނާ ދެމެދު މިއަދު އޮތް އެންމެ ބޮޑު މައްސަލައެވެ. އެހެނަސް މިމައްސަލަ އޮޅުވައިލުމަށް މި ފަތްފުށްތަކާ ކުޅެ މި އާޔަތްތަކަށް ގޮތެއް ހަދާލުމުގެ ޚިޔާލާ ފިކުރުވެސް މިބައިމީހުންނަށް އައިސްފައެއް ނުވެއެވެ. އެއްވެސް ބަޔަކަށް ނޭނގި ޤުރްއާނުގެ މިއާޔަތްތައް ތޭރަ ޤަރުނުވަންދެން އޮތުމަށް ފަހު އެބައިމީހުންނަށް ފެނުމަކީ ވިސްނާ ފިކުރުކުރާ ބަޔަކަށް މާތްﷲ ދެއްވި ވަރުގަދަ ފިލާވަޅެކެވެ. ޤުރުއާނަކީ މާތްﷲގެ ޙައްޤު ތެދުކަމާމެދު ދެކޮޅު ހަދާ މީހުންނަށް ލިބިގެންދާ ވަރުގަދަ ފިލާވަޅެކެވެ. ކީރިތި ޤުރާންގެ މި ފެނުނު ޒަމާންވީ ފަތްފުއްތައް ކާބަން ޑޭޓިން ޓެސްޓް ހެދީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގެ ރޭޑިއޯކާބަން އެކްސަލަރޭޓަރ ޔުނިޓުންނެވެ. ނަމަވެސް މިއީ ޙައްޤު އެއްޗެއް ނޫންކަން ޘާބިތުކޮށްދިނުމަށް ކުރެވުނު އެއްކަމެއްވެސް އެމީހުންނަކަށް ނެތެވެ. ހަމަޔަޤީނުންވެސް މިއީ މުސްލިމުންގެ އިމާންތެރިކަން އިތުރުކުރުވާނެކަމެވެ. އިނގިރޭސީވިލާތުގައި ހަލުވިކަމާއެކު ފެތުރެމުންދާ އިސްލާމް ދީނުގެ ނޫރު އިތުރަށް ވަރުދަގަކުރުވާނެ ކަމެކެވެ. ހުރިހާވެސް ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. އެއީ ރައްބުލް ކާއިނާތެވެ. ——————————————-މަސްދަރުތައް:އިބްރާހީމް އަހުމަދު، 2011 ކީރިތި ރަސޫލާގެ ސީރަތުއިބްރާހީމް އަހުމަދު، 2012، އިސްލާމީ ތާރީޚާއި ޝަރީޢަތުގެ މަސްދަރުތައްބީބީސީ ވޯލްޑް ނިއުސް“1”http://www.bbc.com/arabic/artandculture/2015/07/150721_uk_birmingham_koran“2”ޙިޖާޒީ ލިޔުމަކީ ރަސޫލާގެ ޒަމާނުގައި ވަޙީ ލިޔުއްވި ކާތިބުން ވަޙީލިޔުއްވަމުން ގެންދެވި ލިޔުމަށް ކިޔާނަމެކެވެ. ( ޙުސްނީ ޝައިޚު ޢުޘްމާނު، ޙައްޤުއްތިލާވާ، މަކްތަބތުލްމަނާރު ، އަލްއުރުދުން،1990، ޞ 207)“3”http://islamstory.com/ar/جمع-القرآن-في-عهد-عثمان-بن-عفان 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.