ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު ގ.މަންޒިލް
ތިރީގައި މިވަނީ ހިންދީ ލަވައެއްގެ ދިވެހި ތަރުޖަމާއެކެވެ. "ވޯ ސުބަހް ކަބީތޯ އާއޭގީ" ގެ ދިވެހި ތަރުޖަމާއެކެވެ. 1958 ގައި ކުޅެވުނު "ޕިހރް ސުބަހް ހޯގީ" (އަދި ފަތިސް އަންނާނެއެވެ.) މި ފިލްމުގެ ލަވައެކެވެ. މި ލަވައަކީ މަޝްހޫރު އުރުދޫ ޝާޢިރެއްކަމަށްވާ ސާހިރު ލުދިއާންވީ ހަމަ މި ސުރުޚީގެ ދަށުގައި ލިޔުއްވާފައިވާ ޅެމަކުން ނެގިފައިވާ ލަވައެކެވެ. މި ޅެމުގައި ޝާޢިރު ފާޅުކުރައްވާފައިވަނީ އޭނާގެ ޤައުމުގެ އުދަރެހުން މުޅީން އާފަތިހެއްގެ އިރެއް އެރުމުގެ އެދުމެއްގެ ވާހަކަތަކެވެ.

 އަމިއްލަ ޤައުމަށް ހެޔޮބަދަލުތަކެއް އައުމަށް ކުރެވޭ އުއްމީދެއްގެ ވާހަކައެވެ. ތަނަވަސް، އުފާވެރި ދިރިއުޅުމެއް ޤައުމުގެ އެންމެން ހިއްސާކުރާނޭ ދުވަހެއް އަންނާނޭކަމުގެ ވާހަކައެވެ. މިކަން ހާސިލުވެ ދިޔުމަށް އޮތް ހުރަސްތަކުގެ ވާހަކައެވެ. އިންސާނުންނަށް ގަދަރުކުރެވުން ހަމައެކަނި މުދަލާއި ފައިސާގެ މައްޗަށް ބިނާވެފައިއޮތުމުގެ ވާހަކަ އެވެ. މުޖުތަމަޢުގެ ކޮންމެ ފަރުދަކީވެސް، އޭނާގެ އަސާސީ ބޭނުންތައް ފުދި، އިންސާނީ ކަރާމާތް ލިބިގެންވީ މީހަކަށް ވާންޖެހޭކަމުގެ ވާހަކަ އެވެ. މުޖުތަމަޢުގެ ހާލަތު ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައިވާކަމުގެ ވާހަކައެވެ. އަންހެނުން އެމީހުންގެ ޢިއްފަތް ވިއްކާ، ތިމާގެކަމާ ރަހުމަތްތެރިކަމުގެ ގުޅުންތައް ކަނޑައި، އަމިއްލަ ޒަމީރު ވިއްކަމުންދާކަމުގެ ވާހަކަ އެވެ. އެއްބަޔަކު ފައިސާގެ ތަނަވަސްކަމުތެރޭގައި އުދުހޭއިރު އަނެއްބަޔަކު ވަޒީފާއެއްނެތި ބަނޑުހައި ހޫނުކަންމަތީ އެމީހުންގެ ހަޔާތް ވޭތުކޮށްލަން ޖެހިފައިވާ ވާހަކަ އެވެ. ޝާޢިރު ދެކިލައްވާގޮތުގައި، މިފަދަ ފާފަތަކުން މުޅި ޤައުމުވަނީ ފޯވެފައެވެ. ޝާޢިރު ދެކިލައްވާ ފަތިސް ގެނެވޭނީ ޤައުމު މިހާރު ދަތުރުކުރަމުންދާ ރާސްތާ ބަދަލުކޮށްލެވިގެންނެވެ. ޤައުމީ ހަޔާތުގެ ބިންގާ އާކުރެވި އަލުން ބިނާ ކުރެވިގެންނެވެ. މިކަން ކުރެވޭނީ، ޝާޢިރު ހާމަކުރައްވާގޮތުގައި، ހަމަ އަމިއްލަ މަސައްކަތުންނެވެ. އެތައް ޒަމާންތަކެއް ވަންދެން މި މަސައްކަތުގައި ގިނަބަޔަކު ވަނީ އެމީހުންގެ ހަޔާތް ގުރުބާން ކޮށްލާފައެވެ. މި އާފަތިސް، ޤައުމުގެ ހުރިހާ ފަރުދުންނަށް ތަނަވަސްކަމާ އުފާ ހިއްސާކުރަން ލިބޭނޭ ފަތިސް، ގެނެވޭނީ މި މަސައްކަތް ހުއްޓުނަނުދީ ކުރިޔަށް ގެންދެވިގެންނެވެ. މިލަވަ ދިވެހި ތަރުޖަމާއާއެކު އަޑުއައްސަވާލެއްވުމަށް މިގުޅުމަށްފިއްތަވާލައްވާށެވެ. https://www.youtube.com/watch?v=uErHkU-c3-E&feature=youtu.be
(އެއްވެސް ޝައްކެތް ނެތެވެ،އަހަރުމެން މިއެދޭ) ފަތިހުގެއިރު ކޮންމެވެސް ދުވަހަކުން އަދި އަރާނެއެވެ. (މިވޭތުކުރަމުންދާ) އަނދިރި ޒަމާންތަކުގެ އަޑީގައިވާ ރޭގަނޑުގެ ފަރުދާތައް ނެތިކޮށްލެވުމުންނެވެ.(އަދި) ހިތާމައިގެ ވިލާތައް ވިރި ނެތިދިޔުމުން ނެވެ.އުފާވެރިކަމުގެ ތަށި ފުރި އުތުރިއަރައި (އެންމެނަށް އެތަށިން ބޮވި، އުފާވެރިކަން ހިއްސާކުރެވި) ދިޔުމުންނެވެ.ބަނޑިބަނޑިލައްވަމުން ހަމަޔަށް އުޑުތައް ނަށަން ފެށުމުންނެވެ.އަދި (މުޅި) ދުނިޔެ (ވެސް) ރީތި ރާގުތަކަށް ލަވަކިޔައި (އުފާފާޅުކޮށް އުޅޭން) ފެށުމުންނެވެ.(އެއްވެސް ޝައްކެތް ނެތެވެ،) މި ފަތިހުގެ އިރު ކޮންމެވެސް ދުވަހަކުން އަދި އަރާނެއެވެ. (މި ކަންކަން ޙަޤީޤަތަކަށްވެ، އަހަރުމެން އެދޭ) ފަތިހުގެ އިރު، ކޮންމެވެސް ދުވަހަކުން، އަދި އަރާނެއެވެ. 
އެފަތިހެއްގެ އިންތިޒާރުގައި އެތައް އެތައް ޒަމާންތަކުންސުރެން،އަހަރުމެން އެންމެން މިދަނީ މަރުގެ (ރަހަ ލިބެމުންދާ) ހަޔާތެއް ބަރުދާސްތުކޮށް، އެތައް ޤުރުބާންތަކެއް ވަމުންނެވެ.ނުހަނު ހިތްގައިމު (މިޔުޒިކީ) ރާގުތައް ކުޅެ، (އަހަރުމެން އެންމެންގެ ހިތްތަކަށް ފިނިކަން ގެނެސްދޭނޭ) މި ފަތިހަށްޓަކައި،އަހަރުމެން އެތައްއެތައް ޒަހަރުތައްޓެއް ބޮއިފީމުއެވެ.ބަނޑުހައިވެ ކަރުހިތްކައިގެންފައި މިތިބި ފުރާނަތަކުގެ މައްޗަށް ކޮންމެވެސް ދުވަހަކުން ހެޔޮރަޙުމަތެއް ލައްވާނެތެވެ.ޝައްކެއްނެތް ގޮތުވައި، (އަހަރުމެން އެދޭ) މި ފަތިހުގެ އިރު (ކޮންމެވެސް ދުވަހުކުން) އަދި އަރާނެއެވެ. 
އަހަރެން ގަބޫލުކުރަމެވެ، މިއަދު، ކަލާގެއާ އަދި އަހަރެންގެވެސް ހުވަފެންތަކާއި އުއްމީދުތަކުގެ އެއްވެސް އަގެއްނެތެވެ.މި ދުނިޔެއަށް، ފަހަރެއްގައި، އަގެއް ދެވިފައި ވީނަމަވެސް އިންސާނުންނަކަށް އެއްވެސް އަގެއް ދެވިފައެއް ނެތެވެ.އިންސާނުންނަށް ޤަދަރުދީ އިޙުތިރާމު ކުރެވެނީ، (އެ މީހުން) ނުޙައްޤުގޮތުގައި ހޯދައިފައިވާ ފައިސާފޮތީގެ ބަރުދަނުގެ މައްޗަށްކަމަށް ނުބެލޭގޮތްވުމުން،(ދެން)، ޝައްކެއްނެތްގޮތުގައި، (އަހަރުމެން މި އެދޭ) ފަތިހުގެ އިރު (ކޮންމެވެސް ދުވަހުކުން) އަދި އަރާނެ އެވެ. އަންހެނާގެ ޢިއްފަތްތެރިކަން މުދަލާ ފައިސާއަށްޓަކައި ވިއްކައި އުޅުން ނެތިދިޔުމުން ނެވެ.(ދޭދޭ) ލޯތްބާއި (ގުޅުންތައް) ފައިތިލަދަށުލައި ޗިސްކޮށް، (އިންސާނާގެ) ޒަމީރު ވިއްކައި އުޅުން ހުއްޓުމުންނެވެ. (ކުރެވިދާ) އަމިއްލަ ހަޑި މުޑުދާރު ކުށްތަކާއި ފާފަތައް މަތީން ހަނދާންވެ، އެކަމާ ލަދުގަނެ، ދުނިޔެ އިސް ޖަހައި އުޅޭން ފެށުމުންނެވެ.(މިހެންވުމުން)، ޝައްކެއްނެތްގޮތުގައި، (އަހަރުމެން މި އެދޭ) ފަތިހުގެ އިރު (ކޮންމެވެސް ދުވަހުކުން) އަދި އަރާނެއެވެ. 
އެންމެފަހުން، ކޮންމެވެސް ދުވަހަކުން، މި (ހިތްދަތި) ދުވަސްތަކަށް ނިމުމެއް އަންނާނެއެވެ.ބަނޑުހައި ހޫނުކަމާއި އަދި (އެކަމާމަދު) ކުރާނޭކަމެއްނެތި، މަސައްކަތެއް ނުލިބިފައި ހުންނަންޖެހޭ، ބޭކާރީއެއްގެ ދުވަސްތަކެވެ.ކޮންމެވެސް ދުވަހަކުން ޙަޤީޤަތެއްނެތް މިބުދުތައް މުގުރި ހަލާކުވާނެ އެވެ.ފައިސާގެ އިހުތިކާރީ ބާރުގެ (ހަމައެކަނި ފައިސާއަށް ދެވިފައިވާ ނުފޫޒާއި ބާރުގެ) ބުދުތަކެވެ. މުޅީންއާ ނުހަނުހިތްގައިމު ދުނިޔެއެއްގެ ބިންގާ އެޅި، (އެ ދުނިޔެ) ބިނާ ކުރެވުމުންނެވެ.(މިފަދަ ދުނިޔެއެއް ބިނާކުރެވޭނޭ) ފަތިހުގެ އިރު ކޮންމެވެސް ދުވަހުކުން އަދި އަރާނެ އެވެ.  (ފާފަތަކުން ތެމިފޯވުމުން،) ދުނިޔެ، ހަށިފޮޅާލާފައި (މިހާރު ދަތުރު ކުރަމުންދާ މަގު) ބަދަލުކޮށްލުމުންނެވެ.ހުރިހާ ގައިދީން، އެ މީހުންގެ ގޮޅިތަކުން ސަލާމަތްވުމުންނެވެ.ފާފައިގެ ކިއްލާތައް ގޮވައި ފުނޑުފުނޑު ވުމުންނެވެ.އަނިޔާވެރިކަމުގެ ކަސްތަޅުތައް މުގުރާލައި ކުދިކުދި ކޮށްލެވިގެންނެވެ.މި ދުނިޔޭގައި (ވެރިކަންކޮށް) ސަރުކާރުތައް ހިންގުމަށްޓަކައި ޖަލުތަކުގެ ބޭނުން ނުޖެހުމުންނެވެ.(މިކަންކަން ޙަޤީޤަތަކަށްހަދައި އަހަރުމެން މި އެދޭ) ފަތިސް އަހަރުމެން ގެންނާނަމެވެ.(މި ކަންކަން ޙަޤީޤަތަކަށްހަދައި އަހަރުމެން މި އެދޭ) ފަތިސް ގެނެވޭނީ ހަމަ އަހަރުމެންގެ އަމިއްލަ މަސައްކަތުން ނެވެ.————————————-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.