މުޙައްމަދު އިސްމާޢީލު ފުޅު، ނައިފަރު
ދިވެހިމުޖްތަމަޢުގައި އާދަޔާ ޚިލާފަށް މިހާރު ކެންސަރބަލި އިތުރުވަނީތޯ، ނޫނީ އެބަލި ދެނެގަތުމުގެ ފުރްޞަތު ކުރިޔަށްވުރެ ބޮޑަށް މިހާރު ތަނަވަސްވެފައިވާތީ ފަސޭހައިން އެބަލި މިހާރު ދެނެގަނެވެނީތޯ، މިއީ މިއަދުގެ އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިވާ މުހިންމު ސުވާލެކެވެ.
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

  މީގެތަންކޮޅެއް ކުރީގެ އަހަރުތަކަށް ބަލައިލާއިރު މީލާދީން 1970ގެ އަހަރުތަކާއި ހަމަޔަށް އައިއިރުވެސް ކެންސަރ ބަލީގެ ވާހަކަޔަކީ، މާގިނައިން ދިވެހީން ދައްކައިއުޅުނު ވާހަކައެއް ނޫނެވެ. ނަމަވެސް ކެންސަރބަލީގެ މީހުންނާއި، ހިތުގެ ބަލީގެ މީހުންނާއި، ހަކުރުބަލީގެ މީހުންނާއި، އަދި މިނޫނަސް ގައިންގަޔަށް ނާރާ ބަލިބަލީގައި ދުވަސްތައް ހޭދަކުރަމުންދިޔަ މީހުން މަދުމަދުންނަމަވެސް އޭރުވެސް ދިވެހީންގެތެރެއިން ފެންނަމުން ދިޔައެވެ. ނަމަވެސް ޞިއްޙީ ޚިދުމަތްތެރީން އެދުވަސްވަރު އެންމެ ބޮޑު އިސްކަމެއް ދިނީ ބޭރަށްހިންގުމާއި، މެލޭރިޔާއާއި، ކެއްސުންބައްޔާއި، ޖުޒާމްބަލިފަދަ ގައިންގަޔަށް އަރާ ބަލިބަލީގެމައްޗަށެވެ. އަދި ރާއްޖޭގައި އޭރު ގިނަމީހުން މަރުވަމުންދިޔައީވެސް މިދެންނެވިފަދަ ބަލިބަލީގައެވެ. ނަމަވެސް މިއަދުމިވަނީ ހުޅަނގުންޖެހުނު ވައި އިރުން ޖެހެންފަށައިފައެވެ. ގައިންގަޔަށް އަރާ ބަލިބައްޔާއި އެއްފަދައިން ނުވަތަ އެއްވުރެވެސް ބޮޑަށް މިއަދު އިސްކަން ދޭންޖެހިފައި މިވަނީ ގައިންގަޔަށް ނާރާ ބަލިބައްޔާއި މެދުގައެވެ. އޭގެތެރޭން ފާހަގަކޮށްލަންޖެހޭ މުހިންމު އެއްބައްޔަކީ ކެންސަރުބައްޔެވެ.   ބައެއް ދިވެހީން ބުނާގޮތުގައި ކެންސަރުބައްޔާއި ހިތުގެބައްޔާއި، ހަކުރުބައްޔާއ، ލޭމައްޗަށްދިއުންފަދަ ބަލިބައްޔަކީ މިއަދަކު އާއްމުވެ ފެތުރެމުންދާ ބަލިބައްޔެއް ނޫނެވެ. މިއީ ކުރިންވެސް އުޅޭ ބަލިބައްޔެވެ.  އޭރު މިބަލިބަލި ދެނެގަނެވޭނެ މަގުތައް ތަނަވަސްވެފައި ނެތުމުގެ ސަބަބުން ފަސޭހައިން ބަލި ނޭގެނީއެވެ. ނަމަވެސް ބަލި ތަޙްލީލުކުރެވޭނެ ފަސޭހަ މަގުތައް މިއަދު ތަނަވަސްވެފައިވާތީ ފަސޭހައިން މިބަލިބަލި ދެނެގަތުމުގެ ފުރްޞަތު މިއަދު ތަނަވަސްވެފައި ވަނީއެވެ.  ފަހަރެއެއްގައި މިއީ ރަނގަޅު ނިންމުމަކަށްވެސް ވެދާނެއެވެ. ނަމަވެސް މިހިސާބުން ދެން އުފެދޭ ސުވާލަކީ ދުނިޔޭގައި ޓެކްނޮލޮޖީ ނުހަނު ބޮޑަށް ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ކެންސަރބައްޔާއި، އަދި މިނޫނަސް ގައިންގަޔަށް ނާރާ ބަލިތައް ހަލުވިކަމާއެކު ފެތުރެމުންދާތީ އެކަން ކޮންޓްރޯލުކުރުމުގެ ބޭނުމުގައި ބޮޑެތި ޖަލަސާތަކާއި، މަހާސިންތާތައް ބާއްވާ،  އަޑުއުފުލަމުން މިގެންދަނީ ކީއްވެގެންތޯ ކުރެވޭ ސުވާލެވެ. ޔޫރަޕާއި އެމެރިކާގެ ގިނަ ޤައުމުތަކަކީ މިފަދަ ބަލިތައް ތަޙްލީލުކޮށް ދެނެގަތުމުގެ ޤާބިލުކަން  ވަރަށްކުރިއްސުރެ ލިބިފައިވާ ޤައުމުތަކެއްކަމާމެދަކު ޝައްކެއްނެތެވެ. ނަމަވެސް އެޤައުމުތަކުންވެސް ކެންސަރުފަދަ ބަލިތައް އިތުރުވަމުންދާތީ މިހާރު މިގެންދަނީ ނުހަނުބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.  ކޮންމެގޮތެއްގައިނަމަވެސް ކެސަރބަލި ޖެހިގެން ފަރުވާހޯދަމުންދާ މީހުންނާއި އެބަލިޖެހިގެން މަރުވާ މީހުންގެ އަދަދު ދުނިޔޭގެ ފެންވަރުގަޔާ ރާއްޖޭގެ ފެންވަރުގައި ހަލުވިކަމާއެކު އިތުރުވަމުންދާކަން އެއީ މިއަދުގެ ތަފާސްހިސާބުތަކުން ފެންނަމުންދާ ޙަޤީޤަތެކެވެ. ކެންސަރބައްޔާ ބެހޭ ދުނިޔޭގެ އާހޯދުންތަކަށް ބަލާއިރު 1960މ. ގައި އުފަންވި ކޮންމެ 2 ކުދީންކުރެ އެއްކުއްޖަކީ އެކުދީންގެ ޙަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ކެންސަރބަލި ޖެހުމުގެ ފުރްޞަތު އޮތްބައެއްކަމަށް ސައެންޓިސްޓުން މިހާރު ދަނީ ބުނަމުންނެވެ، ޑަބްލިޔޫ. އެޗް. އޯ. އިން ބުނެފައިވަނީ ދެކުނުއިރުމަތީ އޭޝިޔާއިގައި ކޮންމެ އަހަރަކުވެސް 1.1 މިލިއަން މީހުން ކެންސަރބަލި ޖެހިގެން މަރުވާކަމުގައެވެ. އަދި އަލަށް ކެންސަރބަލި ޖެހޭމީހުންގެ ގޮތުގައި އަހަރަކު 1.7 މިލިއަން މީހުން ރަޖިސްޓްރީ ކުރެވެމުންދާކަމުގައެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު ކެންސަރބަލި ޖެހޭމީހުންގެ އަދަދު މިހާތަނަށް ޤަވާއިދުން ރެކޯޑްކުރެވިފައި ނެތްނަމަވެސް ހަމައެކަނި 2011މ. ވަނަ އަހަރު މަރުވި މީހުންގެތެރެއިން %8.3 މީހުންނަކީ ކެންސަރބަލީގައި މަރުވި މީހުންކަމަށް ލިޔުންތަކުން ދައްކައެވެ. އެހެންކަމަށްވާނަމަ ކެންސަރުގެ ޙާލަތު މިހާރު މިވަނީ ރެޑް އެލާޓާ ކައިރިޔަށް ގޮސްފައި ނޫންބާވައޭ ހިތަށްއަރައެވެ. އަދި ހާލަތު މިދެންނެވި ހިސާބަށް ބަދަލުވަމުން ދާއިރު ބަލި އިތުރުވަމުންދާ ސަބަބުތައް ހޯދުމަށްޓަކާ ކަމާބެހޭ އެއްވެސް ދާއިރާއަކުން އެއްވެސް ދިރާސާއެއް މިހާރު ހަދައިފިތޯ އެއީވެސް މިހާރު ހިތުގައި އުފެދޭ ސުވަލެކެވެ. ހަމަގައިމުވެސް މިފަދަ ރިޕޯރޓެއް މީޑިޔާ މެދުވެރިކޮށް ޝާއިޢުކުރެވިފައިވާތީއެއް އަދި އަޅުގަނޑެއް ނުދެކެމެވެ. ކޮންމެއަކަސް ކެންސަރބަލީގެ ހާލަތު މިދެންނެވި ހިސާބަށް ގޮސްފައިވާއިރު ބަލި ފެތުރުމަށް މެދުވެރިވާ ސަބަބުތަކާ މެދުގައިވެސް ބަލައިލަމާ ހިނގާށެވެ. މިކަމާގުޅޭ ގިނަ ސަބަބުތައް އަދިވެސް ވަނީ ޔަޤީންކަމާއެކު އެއްޗެއް ބުނެވޭ ހިސާބެއްގައެއް ނޫނެވެ. އިތުރު ހޯދުންތަކަށް އަދިވެސް ވަނީ ބޭނުންވެފައެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ އެކިކަހަލަ ކެމިކަލްތަކަކީ، ކެންސަރު ޖެހޭ މާއްދާއެއްކަމަށް ބުނެއެވެ. ނަމަވެސް ކެމިކަލްގެ މާއްދާތަކަކީ ވަރަށް ގިނަ އެއްޗެކެވެ. އަދި ކެމިކަލްގެ މާއްދާތަކާ ދުރައްޖެހިލެވޭނެ ގޮތެއްވެސް މިއަދަކު އޮތްހެނެއްވެސް ހިޔެއްނުވެއެވެ.  ސައެންސްވެރީންގެތެރޭގައި މިއަދު ދެކެވޭ އެންމެ އާއްމު އެއްވާހަކަޔަކީ އޯޒޯން ފަށަލަ ތުނިވާ ވާހަކައެވެ. ކީއްވެގެންހެއްޔެވެ. ޖައްވަށް އަޅުގަނޑުމެން ދޫކުރާ ކެމިކަލްގެ މާއްދާތަކުގެ ސަބަބުންނެވެ. އޭގެ ގިނަކަމުންނެވެ. އެހެންކަމަށްވާނަމަ މުޅިޖައްވު މިވަނީ ކެމިކަލްގެ މާއްދާތަކުން ތަޣައްޔަރުވެފައެއް ނޫންހެއްޔެވެ. މިކަމާމެދު ދެބަސްވެވޭނެ އެއްވެސްތަނެއް އެބައޮތްހެއްޔެވެ. އޭގެއިތުރުން ކެމިކަލްގެ ހަތިޔާރުން ކުރާ ހަނގުރާމަތައް ދުނިޔޭގެ ހުރިހާހިސާބެއްގައި އިތުރުވަމުންދާއިރު، އޭގެސަބަބުން ޖައްވުގައި ފެތުރޭ ކެމިކަލްގެ ވިހަމާއްދާތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާނެކަމާމެދު ޝައްކުކުރާނެ ތަނެއް ފަހެ އެބައޮތްހެއްޔެވެ؟ މިއީ އަޅުގަނޑުމެން ނޭވައިލަމުންދާ ޖައްވާއި، މާޙައުލުގެ ޙާލަތު އޮތްގޮތެވެ.  ދެންއޮތީ އަޅުގަނޑުމެންގެ ވަށައިގެން މިއޮއް ބޮޑު ކަނޑުގެ ވާހަކައެވެ. ގޮނޑުދޮއްތަކާއި ކަނޑުގެ ލޮނުގަނޑު އަޅުގަނޑުމެންނަށް މިފެންނަނީ ވަރަށް ކުލަ އަލިކޮށެވެ. އަދި އެހާ  ސާފުކޮންވެސްމެއެވެ. ނަމަވެސް ކެމިކަލުގެ މާއްދާތަކުން ކަނޑުތައް ތަޣައްޔަރުވަމުންދަނީ ކިހާމިންވަރަކަށްކަމެއް ވަޒަންކޮށްލަންވެސް ނޭގެއެވެ. ނިޔުކްލިއަރ ޕްރޮގްރާމްތަކާއި އަދި މިނޫންވެސް މިފަދަ ޕްރޮގްރާމްތައް ހިންގާ ޤައުމުތަކުން މަސައްކަތް ނިންމާ ބާކީވާ ކުނިބުނިތައް ފާޅުގައްޔާއި ، ސިއްރުގައި  އުކާލަމުން ގެންދާ ކުނިގޮނޑުތަކަކީ ބޮޑެތި ކަނޑުތަކެވެ. ބޮޑެތި ހުރިހާ ކަނޑުތަކެއްހެންވަނީ ކުދިކުދި ކަނޑުތަކާ ގުޅިފައެވެ. އެހެންކަމަށްވާނަމަ އުކާލާ ކެމިކަލްގެ ކުނިބުނީގެ އަސަރު ހުރިހާކަނޑުތަކަށް ކުރާނެކަމާމެދު ދެބަސްވެވޭނެހެއްޔެވެ. އަދި އެކަނޑުތަކުގައި ދިރިއުޅޭ މަސްމަހާމެއްސައް އެކަމުގެ ނުރަނގަޅު އަސަރު ނުކޮށްހުންނާނެހެއްޔެވެ. އަދި ކެމިކަލްގެ އަސަރުކޮށްފައިވާ މަސް އަޅުގަނޑުމެން ކެއުމުން އެކަމުގެ ނުރަނގަޅު އަސަރު އަޅުގަނޑުމެންގެ ހަށިގަނޑަށް ނުކޮށް ހުންނާނެހެއްޔެވެ.   މިދަންނަވައިލެވުނީ އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލާއި ވަށައިގެންވާ ކަނޑުތަކުގައި ކެމިކަލްގެ ޙާލަތު ހުރިގޮތުގެ ވާހަކައެވެ. ދެން ދަންނަވައިލަންއޮތީ އަޅުގަނޑުމެން ކައިއުޅޭ ކާނާގެ ބާތްތަކުގެ ވާހަކައެވެ. މިއީވެސް ވާހަކަދައްކައިނުލާ ދޫކޮށްލެވޭވަރުގެ ކަމެއްނޫނެވެ. އެކަމަކު މިވާހަކަދައްކަން ފަށާނީވެސް ކިހާހިސަބަކުން ބާވަޔޭ ހިތަށްއަރައެވެ. އެހެންވިއްޔާ ފުރަތަމަ ބޯފެންފޮދާމެދު ބަލައިލަމާ ހިނގައިބަލާށެވެ. ގިނައިން މިހާރު އަޅުގަނޑުމެން ބޭނުންކުރަނީ ބަންދުކޮށްފައިވާ ފުޅީގެ ފެނެވެ. ފުޅީގައި ފެން ބަންދުކުރުމުގެކުރިން އެފެން ސާފުކުރަން ޖެހޭނެއެވެ. އޭގައި ޖަރާސީމެއް ވާނަމަ އެޖަރާސީމެއް މަރާލަން ބޭނުންވާނެއެވެ. އަދި ގިނަދުވަހު ފުޅީގައި ފެން ސާފުކޮށް ބެހެއްޓުމަށްޓަކާ އެކަމަށްވެސް ކޮންމެވެސްކަހަލަ ބޭހެއް ބޭނުންކުރަން ޖެހޭނެއެވެ. މިއިން ކޮންމެކަމަކަށްވެސް ބޭނުންކުރަންޖެހެނީ ކޮންމެވެސް މޮޅުނަމެއްކިޔާ ކެމިކަލެއްގެ ބާވަތެކެވެ. ކަން މިހެންހުރިއިރު ބޯފެންފޮދުގެ ސަލާމަތްކަމަކީ ހަމައެކަނި ޖަރާސީމުން ސަލާމަތްވުންކަމަށް ބަލާނަމަ އެއީ މައްސަލައެއް ނޫނެވެ. އެމަޤްޞަދު ޙާޞިލުވާނެއެވެ. އެކަމަކު ފުޅީގައިވާ ފެނުގައި އެކުލެވިފައިވާ ކެމިކަލްގެ މާއްދާތަކާމެދު ބުނާނީ ފަހެ ކީކޭހެއްޔެވެ.  ދެންއޮތީ ކެއުމަށް އަޅުގަނޑުމެން ބޭނުންކުރާ މޭވަޔާއި، ތަރުކާރީ އާއި، ގޮވާމުގެ ބާވަތްތަކުގެ ވާހަކައެވެ. މިތަކެއްޗަށް ބޭނުންވާ މީހުންގެ އަދަދު މިހާރު ދުނިޔޭގައި މިލިޔަނުން ބިލިޔަނަށް މިހިރަ އިތުރުވެގެންދަނީއެވެ. ނަތީޖާއެއްގެގޮތުން ތަކެތީގެ ޑިމާންޑު އެއްދުވަހުން އަނެއްދުވަހަށް މިދަނީ އިތުރުވަމުންނެވެ. އުފެއްދުންތެރީންގެ މަސްއޫލިއްޔަތަކަށް މިހާރުވެފައިމިއޮތީ ހައްދާ މޭޔާއި ތަރުކާރީއާއި ގޮވާމުގެ ބައިތައް އިތުރަށް އުފައްދައި އަވަހަށް ކާންލިބޭނެ ގޮތްތަކެއް ހޯދައިދިނުމެވެ. މަހެއްހާދުވަހުން ފޯދޭ ގަސް ހަފްތާއަކުން ފޯދޭނެ ގޮތަކެއް ހޯދިގެންނޫނީ މިއަދު ވާކަށް ނެތެވެ. ކުރެވެން އޮތްހާވެސް ކަމަކީ ނުވާދުވަހު ގަސްތަކާއި، ވެޔޮތައް އަވަހަށް ފޯދޭނެ ގޮތްތަކަކަށް މަގުފަހިކުރުމެއް ނޫންހެއްޔެވެ. އިރާދަކުރެއްވިއްޔާ މިދެންނެވި ޓެކްނޮލޮޖީ މިއަދު އަޅުގަނޑުމެންނަށް ލިބިގަނެވިއްޖެއެވެ. ދެތިން ފޫޓަށް ހެދުމުން ކުރިން ގޮވާންކަނޑަން ލިބޭ ގަސްގަހުން، މިހާރު އަށެއްކަ އިންޗިއަށް ގަސް ބޮޑުވާއިރު ގޮވާންކަނޑަން ލިބެއެވެ. އަދި މޭވަޔާ ތަރުކާރީވެސް ކުރިޔާ އަޅައިބަލާއިރު މާއަވަހަށް މިހާރު ކާންލިބެއެވެ. އަދި ކޮބައިހެއްޔެވެ. އެހާ މުއްދަތު ކުރުކޮށްލިބޭ މޭވާފަދަ ތަކެތި ދޮންވެ ފައްކާވުމަށް  ނަގާ ވަގުތުކޮޅުވެސް މިހާރު އެހާ ކުރުވެއްޖެއެވެ. ހަމައެކަނި ކެޔޮގަނޑެއް ދޮންކޮށްލުމަށް މިހާރު ބޭނުންވަނީ ދެތިންހަތަރު ގަޑީއިރެވެ. ބޭނުންކޮށްލާ  މޮޅު ކެމިކަލްގެ ސްޕްރޭތަކުން އެކަން ހަމަޖައްސައިލަދެއެވެ. ނޫނީ ދަޅިގަނޑަށް ޖަހާލާ އެންމެ ކުޑަކުޑަ އިންޖެކްޝަނަކުން އެކަންވެސް ފުރިހަމަކޮށްލާދެއެވެ.  މުޢުޖިޒާތެއްކަހަހަލަ މިބޮޑު ބަދަލު މިގެނެސްދިނީ ކޮންއެއްޗަކުންކަން އެނގޭ ހެއްޔެވެ. އާއެކެވެ. އެއީ ބޭނުންކުރެވުނު ތަފާތު ބާވަތްބާވަތުގެ ކެމިކަލްގެ މާއްދާތަކެވެ. އަދިކޮބައިހެއްޔެވެ. ގަސްގަހަށް ޖެހޭ ބަލިބައްޔަށާއި ގަސްތަކަށް ގެއްލުންދޭ އެކިކަހަލަ ސޫފިތައް ނައްތާލުމަށް ޕެސްޓިސައިޑްގެ ނަމުގައި ޖަހަމުންދާ ކެމިކަލްގެ ބާވަތްތައްވެސް މީގެތެރޭގައި އެކުވެގެންދާނެކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. މިއީ ބޭނުންކުރާ ތަރުކާރީއާއި މޭވަޔާއި ގޮވާމުގެ ބާވަތްތައް އަޅުގަނޑުމެންނަށް ލިބޭއިރު އެތަކެތީގެ ހާލަތު ހުންނަގޮތުގެ ވާހަކައެވެ.   ކެންސަރބަލި ޖެހުމަށް މެދުވެރިވާކަމަށް ބުނާ ކެމިކަލްގެ ވާހަކަތައް މިހިސާބުން ހުއްޓާލާފައި ކެންސަރުޖެހޭކަމަށް ބުނާ   ރޭޑިއޭޝަނާބެހޭގޮތުންވެސް ބަލައިލަމާ ހިނގާށެވެ. މިއީވެސް ދައްކަންވެއްޖެނަމަ ކޮޅުންލާން އޮތް ވާހަކައެއްނޫނެވެ. ފުރަތަމަވެސް ބުނަންއޮތީ އަތުން ވީއްލައިނުލެވިގެންއުޅޭ “ލޯބިލޯބި” މޯބައިލް ފޯނުގެ ވާހަކައެވެ. މިއަދު ދިވެއްސަކަށް ވަނީ މޯބައިލް ފޯނެއް އަތުގައި އޮތިއްޔާއެވެ. އެއްފޯނެއްވެސް ނޫނެވެ. ދެތިންހަތަރު ފޯނުންވެސް އަލާނުކެނޑޭ މީހުން މަދެއްނޫނެވެ. ފޯނުގެ ކޮންމެ ރިންގަކީވެސް، އަދި  ފޯނުން މުވާޞަލާތު ކުރާ ކޮންމެ ހިނދުކޮޅަކީވެސް އެފޯނަކުން ބޭރުވާ ރޭޑިއޭޝަންގެ އަސަރު ފޯނު ބޭނުންކުރަމުންދާ މީހާއަށް ފޯރާނެ ކަމެކެވެ. ފަހަރެއްގައި އެއީ މަދު މިންވަރެއްގެ ރޭޑިއޭޝަނަކަށްވެސް ވެދާނެއެވެ. އެކަމަކު ގިނަފަހަރު ބޭނުންކުރާނަމަ މަދުމިންވަރު އޮންނާނީ ގިނަވާށެވެ. މިއަދުގެ އާ ހޯދުންތައް ބުނަނީ މިއީވެސް ނުރަނގަޅު އަސަރުތަކެއް ހަށިގަނޑަށް ކުރުވާ ރޭޑިއޭޝަނެއްކަމުގައެވެ. އަޅުގަނޑުމެން ގިނަ ފިރިހިނުން ފޯނު ގެންގުޅެވެނީ ގަމީހުގެ ޖީބުގައެވެ. އެއީ ހިތާ އެންމެ ކައިރި ހިސާބެވެ. އެހެންކަމަށްވާނަމަ ފޯނުގެ ކޮންމެ ރިންގް ޓޯނަކުންވެސް އާދަޔާޚިލާފު އަސަރުތަކެއް ހިތަށް ކޮށްފާނެކަމާމެދު ޝައްކުކުރާނެ ޖާގަ އެބައޮތްހެއްޔެވެ.  މިހިސާބުން އުފެދޭ މުހިންމު ސުވާލަކީ ރޭޑިއޭޝަންގެ އަސަރު ނުހަނުގަދަޔަށް ހުންނަ މުވާޞަލާތީ ބާރުގަދަ އެންޓެނާތައް، ގިނަމީހުން އެއްވެއުޅޭ ތަންނާއި، ހޮސްޕިޓަލްތަކާއި، އަދި ސްކޫލުތަކުގެ ސަރަޙައްދުތަކުގައި، ޖަހަމުން މިގެންދަނީ ޞިއްޙީ ގޮތުން ކޮށްފާނެ އަސަރުތަކާމެދު ބަލަންވީ މިންވަރަށް ބެލުމަށްފަހުގައިބާވައެވެ.     ކެންސަރުބައްޔާ ރޭޑިއޭޝަންއާ ހުރި ގުޅުންތަކާބެހޭގޮތުން ވާހަކަދައްކަމުންދާއިރު ބޭސްފަރުވާގެ ގޮތުގައި ކޮންމެހެން ކުރަންޖެހޭ ބައެއްކަހަލަ ތަޙްލީލުތަކަކީވެސް ނުރައްކާތެރި ރޭޑިއޭޝަންގެ އަސަރު ހަށިގަނޑަށް ފޯރާނެ ކަންކަމެވެ. އެކްސްރޭ އާއި އެކިކަހަލަ ސްކޭންތަކަކީވެސް އޭގެ ސަބަބުން ރޭޑިއޭޝަންގެ އަސަރު ހަށިގަނޑުގެ ތެރެއަށް ފެތުރިގެންދާނެ ކަންކަމެވެ. މާބަނޑު މީހުން އެކްސްރޭ ރޫމާ ކައިރިނުވުމަށް އިންޒާރުތައް ބަހައްޓާފައި ހުންނަނީވެސް  މިދެންނެވި ސަބަބުތައް އޭގައި އެކުލެވޭތީ ބަނޑުގައިވާ ދަރިފުޅަށް އޭގެ އަސަރެއް ކޮށްފާނެތީއެވެ.  ދެންވާހަކަދައްކަންއޮތީ ދުންފަތުގެ އިސްތިޢުމާލުގެ ވާހަކައެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ކެންސަރުބަލި ޖެހުމަށް މަގުފަހިވާކަމެއްކަން ޤަބޫލުނުކުރާނެ ދިވެއްސަކު މަދުވާނެއެވެ. އެއީ އެވާހަކަތައް ރޭޑިޔޯތަކުންނާ ޓީވީ ތަކުން އަބަދުހެން ކިޔަމުންދާތީއެވެ. އަދި ހަމައެއާއެކު ބިޑިސުއްޓާ ސިގިރެޓް ބޯމީހުން އެޢަމަލުކުރާއިރު އެތަކެތި ބޯމީހުންގެ އިތުރަށް ކައިރީގައި ތިބޭ މީހުންނަށްވެސް އެކަމުގެ އަސަރުތައް ފޯރާނެކަން ޤަބޫލުނުކުރާނެ މީހަކުވެސް މަދުވާނެއެވެ. އެހެންކަމަށްވާނަމަ ދިވެހި މުޖްތަމަޢުގައި ދުންފަތުގެ އިސްތިޢުމަލުގެ އަސަރު ނުކުރާނެ މީހަކު ހުނަނާނެބާވައެވެ. ކެންސަރބައްޔާ ބެހޭގޮތުން ދަންނަވައިލެވުނު މަދު ނުގުތާތަކުގެ އަލީގައި ދިވެހި މުޖްތަމަޢުގެ މިއަދުގެ ޙާލަތު ހުރި މިންވަރު ކޮންމެވެސް މިންވަރަކަށް މިހާރު ތަޞައްވަރު ކޮށްލެވިދާނެކަމަށް އަޅުގަނޑު ހީކުރަމެވެ. އަދި މިދެންނެވި ކަންކަމުގެ އިތުރަށް ފާހަގަކޮށްލަންޖެހޭ އިތުރު އެހެންކިތަންމެ ކަންތައްތައްކެއްވެސް އެބަހުއްޓެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ވަށައިގެން މިއަދު އަޅުގަނޑުމެންގެތެރޭގައި މިއޮތީ ޢިމާރާތްކުރުމެވެ. ސިމެންތި ކުޑިތައް މިއޮތީ ވައިގެތެރޭގައި ނުހަނު ގިނަވެފައެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޞިއްޙަތަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއްތޯ، މިކަމުގައި ކެންސަރބައްޔާ އެއްވެސް ގުޅުމެއް ހުރިތޯ އެއީވެސް ފާހަގަކޮށްލުން މުހިންމު ކަމެކެވެ.  ދެންއޮތީ ކެންސަރުބަލީން ރައްކާތެރިވުމާބެހޭގޮތުން ވާހަކަދައްކައިލުމެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ކެންސަރބަލިން ރައްކާތެރިވުމުގައި ކުރަންޖެހިފައިވާ ކަންތައްތަކަކީ ހަމައެކަނި ފަރުދީ ފެންވަރުގައި ކުރެވެންހުރި ކަންކަމެއް ނޫނެވެ. އަދި މުޖްތަމަޢުގެ ފެންވަރުގައި ނޫނީ ޤައުމީ ފެންވަރުގައިވެސް އެކަނި ކުރެވެންހުރި ކަންކަމެއް ނޫނެވެ. ބައިނަލްއަޤވާމީ ފެންވަރުގަޔާ ދޭދޭ ޤައުމުތަކުގެ ފެންވަރުގައި ކުރަންޖެހިފައިހުރި ކަންތައްތައްވެސް މަދެއްނޫނެވެ. މިހާރު މިއޮތީ އަތުން ފޭހުނު އިލޮށިކޮޅު އަމިއްލަ ލޮލަށް ހެރޭގޮތް ދިމާވެފައެއްނޫންހެއްޔެވެ.  ކެންސަރބައްޔާމެދު ކޮންމެމީހަކުވެސް ބިރުގަނެއެވެ. އެކަމާބެހޭގޮތުން ކުރަންޖެހޭ ޓެސްޓްތައް ހަދައި ބަލައިލުމަށް ވަރަށް ގިނަމީހުން ޖެހިލުންވެއެވެ. ނަމަވެސް ބުނަންހެއްޔެވެ. އެންމެ ބުއްދިވެރި ގޮތަކީ ކެންސަރބައްޔާމެދު ކިރިޔާވެސް ޝައްކެއްވާނަމަ އަވަހަށް ޓެސްޓްކޮށް ބަލައިލުމެވެ. އެއީ ކީއްވެގެން ހެއްޔެވެ. ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަނެ ފަރުވާކުރެވިއްޖެނަމަ ކެންސަރބައްޔަކީވެސް ސަލާމަތް ވާނެ ބައްޔަކަށްވާތީއެވެ. ނަމަވެސް ކެންސަރބަލީގެ އަލާމަތްތަކަކީ އަދިވެސް އިތުރަށް ހޯދަންޖެހިފައިވާ ކަންތައްތަކެއްކަން ހަންދާންނައްތައިނުލާށެވެ.  ތިރީގައި މިދަންނަވައިލަނީ ކެންސަރބައްޔާބެހޭގޮތުން ޓެސްޓްކުރުމަށްޓަކާ އަވަހަށް ސަމާލުކަން ދޭންޖެހޭނެކަމަށް ކަމާބެހޭގޮތުން ތަޖްރިބާކާރުން  މިހާތަނަށް ފާހަގަކޮށްފައިވާ މުހިންމު ބައެއް ކަންތައްތަކުގެ ވާހަކައެވެ. އޭގެތެރެއިން އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވައި ޑޮކްޓަރެއްގެ ނުވަތަ ހެލްތް ވާކަރެއްގެ މަޝްވަރާހޯދުން މުހިންމު ވާނެއެވެ. 1- ގިނަދުވަހު ނުފިލާ ހުންއައުން2- ހަމުގައި ހުންނަ އުންފަދަ ތަންތަނަށް ބަދަލުއައުން (މީގެތެރޭގައި ދުޅަވުމާ ތަދުވުންފަދަ ކަންތައް ހިމެނެއެވެ.)3- ބޮޑުކަމުދިއުމުގެ ނިޒާމަށް ބަދަލުއައުން (މީގެތެރޭގައި ބަނޑުހިކުމާއި ލޭއައުންވެސް ހިމެނެއެވެ.)  4- އަނގަޔާ ކަރުތެރޭގައި ފާރު އުފެދި ފަސޭހަނުވެ ލަސްވާގޮތްދިމާވުން  5- އެއްޗެތި ދިރުވަން އުނދަގޫވެ އެކަން ގިނަދުވަހަށް ދެމިގެންދިއުން  6- ކާހިތްނުވުމާއި،އާދަޔާޚިލާފަށް ބަރުދަން ލުއިވުން 7- ކުޑަކަމުދިއުމުގެ ނިޒާމަށް ބަދަލުއައުން (މީގެތެރޭގައި ލޭއައުމާއި ކުޑަކަމުދިއުމުގެ ކޮންޓްރޯލު ނެތުން ހިމެނެއެވެ.)  8- ހަށިގަނޑުގެ އެކިހިސާބުގައި ގަނޑުލާގޮތްވުން 9- ނުފިލާގިނަދުވަހަށް އެއްތަނެއްގައި ތަދެއްހުރުން 10- ފުރަގަސްފަރާތުން ނުވަތަ ކުރިމަތީފަރާތުން ލޭއައުން 11- ނުނިދުން   —————————————

About the author