އަޙްމަދް ސަމީރު ޢަލީ

އަޅުގަނޑުމެންގެ ތެރޭގައިވެސް އަދި ހުޅަނގުގައިވެސް ދެކެވޭ އެއްވާހަކައަކީ، އެމީހެއްގެ ނަމާއި އެމީހެއްގެ ނަސީބާއި ކާމިޔާބީއާއި ގުޅުމެއް ހުރޭބާއެވެ! ދެންމެ އަޅުގަނޑު މި ލިޔުނު ޖުމްލައާއިމެދު މި މަޒުމޫނުގެ ތެރެއިން އިންސާފު ކޮށްދެއްވާށެވެ!


އަރަބި ބަހުގައި الرِّفْد ގެ މާނައަކީ މީހުންނަށް އަޅައިލުން، ހޭހަންކޮށްދިނުން، އޯގާވެރިކަމާއި ދީލަތިވުން ދޭހަވާ މިފަދަ މާނައެކެވެ! ހަނގުރާމައިގެ ދުވަސްވަރުނަމަ އެ ހަނގުރާމައެއްގައި މުސްލިމުންގެ ފަރާތުގައި، ސުލްހައިގެ އާދައިގެ ހަމަ ހިމޭން ދުވަސްވަރު ކީރިތި ރަސޫލާގެ މިސްކިތްޕުޅުގެ ހަރިންމަ ތެރޭގައި ބަލިމީހުންނަށް ހޭހަން ކޮށްދެއްވަން ފެއްޓެވި އެންމެ ފުރަތަމަ ނަރުހަކީ رُفَيْدَةُ بنت سعد الأنصارية އެވެ. ރުފައިދާ އަކީ ހަމަ الرِّفْد މި ލަފުޒުން އެކުލެވިފައިވާ ބަހެކެވެ. އަރަބި ބަހުގައި ކުޑަކޮށްލުމުގެ ގޮތުން މިގޮތަށް ޔާ އެއް އިތުރު ކުރެއެވެ. އިނގިރޭސި ބަހުގައި ލީފް ލީފްލެޓް، ބުކް ބުކްލެޓް ކިޔާފަދައިންނެވެ. އަރަބިން ހަމީދު ހުމައިދު،  ނަޒީރު ނުޒައިރު މިއީ މާނައަށް މާ ބޮޑު ބަދަލެއް ނައިސް ނަމަށް އަންނަ ކުޑަ ބަދަލެކެވެ.  ވީމާ ރުފައިދާގެ މާނައަކީ ބަލިމީހުންނަށް އެހީތެރިވާ، ހޭހަންކޮށްދޭ އޯގާވެރި ތުއްތު އަންހެން ކުއްޖާ ކަމުގައި ބުނެވިދާނެއެވެ!
ރުފައިދާގެ ބައްޕާފުޅަކީ، ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ހިނދު ހިތްވަރު ދެއްވައި ވާގިވެރިވި އަންޞާރު ބޭކަލުންގެ ތެރޭގައި ހިމެނުނު  سعد الأنصاري އެވެ. ރުފައިދާ އަލް އަސްލަމިއްޔާ ކިޔުނީ އަސްލަމް ވަންހައަށް ނިސްބަތްވެވަޑައިގަންނަވާތީއެވެ.
ކީރިތި ރަސޫލާ އިސްލާންދީނަށް ގޮވައިލެއްވި ދުވަސްވަރު، އަރަބީންނަކީ އެމީހުންގެ ތެރޭައި ލިޔަންކިޔަން ދަންނަ މީހުން މަދު ބައެކެވެ. ޚާއްސަކޮށް ލިޔަންކިޔަން ދަންނަ އަންހެނުންނަކީ އެދުވަސްވަރުގައި ތަދު ބައެކެވެ. މިފަދަ ދުވަސްވަރެއްގައިވެސް ރުފައިދާ އަކީ ލިޔަންކިޔަން  ދެނެވަޑައިގެން ހުންނެވި އަތްމަތި ވަރަށް ތަނަވަސް ބޭކަނބަލެކެވެ.
ސުލްހައިގެ ހަމަހިމޭން ދުވަސްވަރުވެސް އަދި ހަނގުރާމައިގެ އެންމެ ނުރައްކާތެރި ވަގުތުގައިވެސް  އާދައިގެ ބަލީގެ މީހުންނަށާއި ހަނގުރާމައިގައި ޒަޚަމްވާ މީހުންނަށް ބޭސްފަރުވާ ކޮށްދެއްވީ އޭނާގެ އަމިއްލަފުޅު ފައިސާ ހޭދަ ކުރައްވައިގެންނެވެ. އިސްލާމުންނަށްޓަކައި، މާތް ﷲ ގެ މަގުގައެވެ. ބޭސްކޮށްދެއްވައި ފަރުވާދެއްވުމަށް ހިތްޕުޅުގައިވާ އާދަޔާ ޚިލާފު ލޯތްބެއްގެ ސަބަބުން އެކަމަނާގެ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވަވައި އެރޮނގުން އޭނާ ކުރިޔަށް ވަޑައިގެންނެވޭނެ ގޮތްގޮތް ފަހިވިއެވެ. މުސްލިމުންގެ ތެރޭގައި ނަންހުރި ބޭކަނބަލަކަށްވިއެވެ.
އުޙުދު ހަނގުރާމަ އާއި ޚަންދަޤު ހަނގުރާމަ އަދިި ޚައިބަރު ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ހަނގުރާމައިގެ އެންމެ ނުރައްކާ ވަގުތުވަގުތެވެސް އެމީހުންގެ ތެރެއަށް ވަދެވަޑައިގެން  އިސްލާމުންނަށް ހިތްވަރު ދެއްވައި ޒަޚަމުވާ މީހުންނަށް ޖެހިލުމެއް ނެތި ފަރުވާދެއްވާތީ الفدائية ގެ ލަގަބުން މަޝްހޫރުވެވަޑައިގަތެވެ. މާނައަކީ އަމިއްލަ ފުރާނަ ޤުރުބާންކޮށްލަން ޖެހިލުންނުވާ މީހާއެވެ! އެކަމަނާގެ ‘ ފުރަތަމަ އެހީ’ގެ ފޭލިގެ އެއްތަނުން އަނެއްތަނަށް ގެންދަވަނީ ޖަމަލު މަތީގައެވެ. ބޭހާއި ބޭސްކުރަން ބޭނުންވާނެ ހުރިހާ އާލާތެއްވެސް ގެންދަވަނީ ހަމަ މިފަދައިންނެވެ. މިފަދަ ކަންކަން ދިރާސާކުރައްވާ ބޭބޭފުޅުން ލިޔުއްވާ ގޮތުގައި ކިތަންމެ ނިކަމެތި ފެށުމެއްނަމަވެސް، ރުފައިދާ އެ ފެއްޓެވި މަސައްކަތަކީ މިޒަމާނުގެ ” ފީލްޑް ހޮސްޕިޓަލް’ ގެ ފެށުމެވެ. އާދެ އެހީއަށް ބޭނުންވާ ހިސާބުގައި ތައްޔާރުކުރެވޭ ވަގުތީ ހޮސްޕިޓަލެކެވެ. އެންމެ ފުރަތަމަ އެކަމެއް ކުރެއްވީ މުއްސަނދި، ދީލަތި އަރަބި އިސްލާން އަންހެނެކެވެ! ލީޑަރުންނަކީ އެހެން ލީޑަރުން އުފައްދާ މީހުންނޭ ބުނެއެވެ. ރުފައިދާ އަކީ ބޭސްކުރެއްވުމުގެ އިތުރުން އެހެން އަންހެނުންނަށް ކިޔަވައިދެއްވައި ތަމްރީނުދެއްވި ބޭކަނބަލެކެވެ!
އަސްލަމް ވަންހައިގެ މި އިއްޒަތްތެރި ރުފައިދާ ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޚައިބަރު ހަނގުރާމައިގެ ޣަނީމާގެތެރެއިން އެކަމަނާއަށް ކީރިތި ރަސޫލާ، ހަނގުރާމައިގައި ބައިވެރިވި ފިރިހެނަކަށް ދެއްވިވަރަށް ރުފައިދާ އަލް އަސްލަމިއްޔާއަށް ބައެއް ދެއްވިކަމަށްވެއެވެ!
ޚައިބަރު ހަނގުރާމައިގައި ރުފައިދާ އާއި އެކަމަނާގެ އެހީތެރިން  ކުރެއްވި މަސައްކަތުގެ ބުރަކަމުން އެ ކަނބަލުންގެ ހީވާގި މަސައްކަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ހަނގުރާމައިގެ އަނިޔާލިބުނު މީހުންނަށް އެހީތެެރިވި ނަރުހުންނަށް ކީރިތި ރަސޫލާ ހަނދާނީ ހަދިޔާއެއް ދެއްވިކަމަށްވެއެވެ. މިކަމާ އުފަލުން އެކަނބަލުންގެ ތެރެއިން އެއް ބޭކަނބަލަކު  ވިދާޅުވިގޮތުގައި ” ވަﷲ އެވެ! ކީރިތި ރަސޫލާ، އަޅުގަނޑުމެންގެ ޚިދުމަތް ފާހަގަ ކުރެއްވުމުގެ ގޮތުން އެދެއްވި ހަދިޔާ، އަޅުގަނޑު ނިދިޔަސް، ހޭލައި ހުންނައިރުވެސް އަޅުގަނޑާއި ދެތަނެއް ނުވާނެއެވެ!” މިހެންވިދާޅުވެ އޭނާ އަވަހާރަވުމުންވެސް ކީރިތި ރަސޫލާ ދެއްވި ހަދިޔާ އޭނާ އާއި އެކު ވަޅުލުމަށް ވަސިއްޔަތް ކުރެއްވި ކަމަށްވެއެވެ!
އިނގިރޭސިވިލާތުގެ ފްލޯރެންސް ނައިޓިންގޭލް މިފަދަ މަސައްކަތަކައިގެން އިސްނެންގެވީ ރުފައިދާ އާއި އެކުވެރި ޞަޙާބިއްޔާތު މިފަދަ މަސައްކަތެއް އަމިއްލަ ފައިސާއިން ކުރެއްވިތާ 13 ގަރުނު ފަހުންނެވެ! އިސްލާމީ ތާރީޚުގެ ފަތްފުއްތަކުން އަޅުގަނޑުމެން ފަޚުރުވެރިވާ ފަދަ ލައްކަ މިސާލު ފެނެއެވެ. އަޅުގަނޑުމެންގެ ދަރިވަރުން މަތީ ތައުލީމަށް ބޭރަށް ދާއިރު މިފަދަ މައުލޫމާތު އެނގިފައިވާނަމަ ލަދުން އިސްދަށަށް ޖަހަންޖެހޭފަހަރުފަހަރު މަދުވާނެއެވެ!
އަޅުގަނޑުމެންގެ ފަޙުރެއް ކަމުގައިވި އެ މަރްހޫމާއިންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވެވުން އެދި ދުޢާ ދަންނަވަމެވެ. އާމީން.———————————-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
2 Comments
 1. މަރީ

  😆 ޝުކުރިއްޔާ ސަމީރު!

  (0)(0)
 2. މޫސާ

  މާޝާﷲ! ވަރަށް ބަލާގާތްތެރި ލިޔުމެއް! ލޮލުން އަންނަނީ އުފާވެރިކަމުގެ ކަރުނަ. ނަމަވެސް މިއަދުގެ މުސްލިމުންގެ ހާލަތު.....
  ސަމީރަށް ޝުކުރާއި ސާބަސް ރައްދުކުރަން. ތިއީ މިގުޅުމުގެ ދަންޑަހެލު

  (0)(0)