އާދަމް ނަޞީރު އިބްރާހީމް 
ރަމަޟާންމަހެއްގެ ހަވީރެވެ. ރާއްޖޭގެ ކޮންމެވެސް ޓީވީ ޗެނަލެއްގެ ހުށަހެޅުންތެރިޔަކު މާރުކޭޓުގައި ޙަރަކާތްތެރިވަމުން ދެއެވެ. ވަގުތުން ދުރަށް ދައްކާ ޕްރޮގްރާމެއް ގެނެސްދިނުމުގައެވެ. ކުރާ ކަމަކީ މާރުކޭޓުގައި ވިއްކާން ހުރި ތަކެތީގެ އަގުތައް އާންމުންނަށް އަންގައި ދިނުމެވެ. މި މަސައްކަތުގެ ތެރެއިން އޭނާ ދިޔަ އެއްތަނަކީ ފަތްކެޔޮ ނުވަތަ ދޮންކެޔޮ ވިއްކާ ގޮޅިއެއްގެ ކައިރިއެވެ.  ދެން އެ ގޮޅީގައި އިން މީހާ ގާތު އެބަ އެއްސެވެ. "ބޭބޭ! ދޮންކެޔޮގެ އަގު ކިހިނެއް؟" 
 
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

މި ސުވާލާ ގުޅިގެން ފޭސްބުކުގައި ދެ މީހަކު ދެ ސުވާލެއް ލިޔުނެވެ. އެކަކު ކޮށްފައި ވާ ސުވާލަކީ “ދޮންކެޔޮގެ” ހުންނަނީ މައްޗަންގޯޅީގައި ތޯ ނުވަތަ މާފަންނުގައި ތޯއެވެ. އަނެކަކުގެ ސުވާލަކީ  އެ  އިބާރާތް ގެނެވިފައި  ވާ ގޮތް ދިވެހިބަހުގެ ހަމަތަކަށް ފެތޭ ހެއްޔެވެ؟ “ދޮން ކެޔޮގެ އަގު” މި ގޮތަށް ކިޔަނީ ކީއްވެ ހެއްޔެވެ؟  މި ލިޔުމުގައި އަޅުގަނޑު މަސައްކަތް ކުރާނީ މީގެ ތެރެއިން ފަހު ސުވާލަށް ޖަވާބު ދިނުމަށެވެ.  ދޮންކެޔޮ މިއީ ރާއްޖޭގައި އާންމުކޮށް ހެދޭ މޭވާއެކެވެ. ތުއްތު ދަރިފުޅަށް ވަރަށް  ކުޑަ އިރުއްސުރެ ކާންދޭ، އަދި ކާން ދިނުމަށް ޑަކްޓަރުން ލަފާ ދޭ އެއްޗެކެވެ.  އެހެންކަމުން ތުއްތު އުމުރުން ކުޑަ ކުއްޖެއްގެ އުމުރަށް، ކުޑަ ކުއްޖެއްގެ އުމުރުން ނުވަރަ ފުރަޔަށް، އެއަށް ފަހު ވީހުގެ އަހަރުތަކަށް އަޅައި ޓީވީ ފަދަ ތަނަކުން ވަޒީފާއެއް ލިބޭ އިރު އޮންނާނީ ވަރަށް ގިނަ އަދަދަކަށް މި މޭވާ ކެވިފައެވެ. ހަމަ އެހެންމެ މި މޭވާޔާ ބެހޭ ގޮތުން ތާފާތު އެތައް އޮނިގަނޑެއްގެ ތަފާތު އެތައް ޖުމުލައެއް ނުވަތަ އިބާރާތެއް އޭނާގެ ދުލުން ވާނީ ބޭރުވެފައެވެ.  ދޮންކެޔޮ މި ލަފުޒަކީ ދިވެހި ބަހުގެތެރޭގައި އޭގެ ފުރޮޅުންތައް ވަރަށް ތަފާތު ލަފުޒެކެވެ. ބައެއް މިސާލުތަކަށް ބަލައިލަމާ ހިންގަވާށެވެ! 
ހ. ދޮންކެޔޮ ވަކެއް ކިހައި ވަރަކަށް ހެއްޔެވެ؟ ށ. ދެވައް ކެޔޮ ދޭނީ ކިހައި ވަރަކަށް ހެއްޔެވެ؟ ނ. ދޮން ކޭލުގެ އަގު މިހައި ބޮޑުވެގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ ރ. މިއީ ދެ ވައްތަރު ދެގަނޑު ކެޔޮ ހެއްޔެވެ؟ ބ. މި ތަނުން ފޮނި ވާނީ ކޮން ގަނޑެއްގެ ކޭލެއް ހެއްޔެވެ؟ ޅ. މާޅޮސް ކޭލާއި ފުސްކޭލާ ކުރެ ރިއްސިޔޮ ނުލަނީސް ފެނު ކައްކައިލައިގެން ކާން މީރު ވާނީ ކޮން ކޭލެއް ހެއްޔެވެ؟ ކ. ހަޑިކޭލޭ ކިޔަނީ ކިހިނެއް ހުންނަ ކޭލަކަށް ހެއްޔެވެ؟ އ. އެހެރަ ކެޔޮގަނޑުގެ ގިނަ ވައްވައް އެހެރީ ހާދަ ޒާތެއްގެ ކުލައެއްގައެވެ.މި އަށް ވުރެ އިތުރަށް މި އާއިލާގެ ތެރޭން އިބާރާތްތައް ގެންނަ ކަމަށް ވާ ނަމަ، އަދި ވެސް ތަފާތު ބައެއް މިސާލު ބަލައިލަމާ ތޯއެވެ! ބ. މުޅިން މި ފެންނަނީ ބޮންތިރަތްކޭލެވެ. ޅ. ފުސްކެޔޮ، ސަންފާ ކެޔޮ، ކަނދިލި ކެޔޮ ކަހަލަ ބާވަތްތައް މިހާރު ރާއްޖޭގައި ނެތީ ބާވައެވެ؟  ކ. މުލަ އަރީގެ ވައް ފަލަ ވީމާ އަގު ބޮޑިއްޔާ، މާ އަރިން ދެތިން ހަތަރު ވަރަކަށް ވައް ކެޔޮ ދިހަވަރަކަށް ރުފިޔާއަށް ދޭން ވީ ނޫން ހެއްޔެވެ؟  ކޮންމެޔަކަސް މި މިސާލުތައް މި ހުށަހަޅައިލީ، ދޮންކެޔޮ މި ލަފުޒު ދިވެހިބަހުގެ އިބާރާތްތަކުގެ ތެރޭގައި ފުރޮޅިގެން ހިމެނިގެން އަންނަ ތަފާތު ބައެއް ހަމަތައް ހާމަކޮށް ދިނުމަށެވެ. މައް ދިވެހީން މި ގޮތްގޮތް ދަސްކޮށް މި ގޮތްގޮތަށް ލިޔެ ކިޔައި އުޅުނީ އެންމެ ތުއްތު މަރުޙަލާއިން ފެށިގެން  އެމީހުންގެ ވެށީން ފޯރާފައި ވަނީ،  ސިކުނޑީގައި ކުރެހިފައި ވަނީ،  ދުލުކުރީގައި ހަރުލައިފައި ވަނީ، އަދި ގަލަމު ތުނޑަށް ގެނެވިފައި ވަނީ،  ‘ދޮންކެޔޮ’ މި ލަފުޒުކަމަށް ވާތީއެވެ. ‘ބަނާނާ’ މި ލަފުޒުކަމުގައި ނުވާތީއެވެ. އެހެން ވީމާ ޠަބީޢީ ގޮތުން ބަސް ދަސްވާ މަރުޙަލާގައި އިވުނު އިވުންތަކާއި ފެނުނު ފެނުންތަކުން މި ގޮތްތައް އެމީހުންނަށް ދަސްވެ، ފަރިތަވެ، އެ މައްޗަށް ދުލާއި ހިތް ހޭނިފައި ވަނީއެވެ.  މިޔާ ޚިލާފަށް އެންމެ ތުއްތު އިރުއްސުރެ ތުއްތު ދަރިފުޅަށް އިވޭ ލަފުޒަކީ، އަދި އޭނާ ލިޔެ ކިޔާ ލަފުޒަކީ ‘ބަނާނާ’ ކަމަށް ވާ ނަމަ، އިސްވެ ދެންނެވުނު ހަމަތަކަށް އޭނާ އިންތިހާއަށް ބީރައްޓެހި ވާނެއެވެ. ސަބަބަކީ އޭނާގެ ސިކުނޑީގެ ބަހާބެހޭ މަރުކަޒު  (lexicon) އަށް އެ  ބަދަލުތައް ވާނީ މުޅިން އާ ކަމަކަށެވެ.  ބަހުގެ މި ފަދަ ޤާބިލްކަމަކީ ސިކުނޑީގެ ބަހަވީ މަރުކަޒުގައި ދުރާލައި އެކަށައެޅިގެން ނޫނީ އެއްވެސް އިންސާނަކަށް ލިބޭނެ ޤާބިލުކަމެއް ނޫނެވެ.   ޝައްކެއް ނެތެވެ. ދޮންކޭލާއި ބަނާނާއަކީ އޭގެ ޒާތުގައި އެއް މޭވާއެކެވެ. ނަމަވެސް ޢިލްމީ ގޮތުން ބަލާއިރު، އެ ދެ ލަފުޒަކީ މުޅީން ތަފާތު ސިފަތަކެއް ލިބިގެން ވާ މުޅިން ތަފާތު ދެ އޮނިގަނޑެއްގެ ދެ ލަފުޒެވެ.  އެހެންކަމުން ދެ ލަފުޒުގެ ފުރޮޅުންތައް ވެސް މުޅިން ތަފާތު ވާނެއެވެ. ޒުވާނާއަށް ހުއްޓުން އަރަނީ، ނުވަތަ އޭނާއަށް  ގޯސް ހެދެނީ މި އޮޅިމަތީގައެވެ.  ބަހަވީ މަރުކަޒަށް މަގު އޮޅޭ ހިސާބުންނެވެ.  މި ޒަމާނުގައި އޯލެވެލް ނަގައިގެން ނިކުންނަ ގިނަ ކުދީންނަކީ ފަށާ ތަޢުލީމުގެ މަރުޙަލާއިން ފެށިގެން އިނގިރޭސި ބަހުން އުނގެނެމުން އަންނަ ކުދީންނެވެ. ފަހުގެ ދިރާސާތައް ކަށަވަރުކޮށްދޭ  ގޮތުގައި އެންމެ ޅަފަތުގެ ދުވަސްވަރު ބޭރު ބަހަކުން ތަޢުލީމު ދިނުމަކީ މާދަރީ ބަހަށް ނަފުރަތު ކުރުމުގެ ރޫޙު ދަރިވަރުގެ ކިބައިގައި އުފެދޭ ކަމެކެވެ (ވަލީދާ ޢީސާ، 2015). ނަތީޖާއަކީ މާދަރީ ބަހުގެ ލަފުޒުތަކަށް ވުރެ، ބޭރު ބަހެއްގެ ލަފުޒުތައް ދަރިވަރުގެ ދުލަށް ފަސޭހަކަމަށް ހެދިގަތުމެވެ. މިއާ އެކު  ގިނަ ފަހަރަށް ގޭތެރޭން ވެސް އެ ކަމަށް އެބަ ތަރުޙީބު ދެވެއެވެ.  އަޅުގަނޑުމެން ކުޑަ އިރު ކޮއްކޮޔަށް ކާން ދީ އުޅުނީ ދޮންކޭލެވެ. މިހާރު “ކޮއްކީ” އަށް ކާން ދެނީ ބަނާނާއެވެ. ނަތީޖާއަކީ ކޮއްކީ ބައްޕީއަކަށް ވާ އިރު، ނުވަތަ ކިޔަވައި ޑިގުރީ ނަގާ އިރު، ދިވެހިވެށީގެ  މައިގަނޑު ކާބޯތަކެތީގެ ނަން ހިމަނައިގެން ދިވެހިބަހުގެ ހަމަތަކަށް ފެތޭ ގޮތަށް އިބާރާތެއް ބުނާން ލިޔާން ނޭނގުމެވެ.  މަޝްހޫރު ބަހުގެ ޢިލްމުވެރިޔާ ރަބިންދުރަ ނާތު ޓޭގޯރު ވިދާޅުވެފައި ވާ ގޮތުގައި މި ފަދަ ހިތާމަވެރި ނަތީޖާގެ އަސްލަކީ ކުދީންގެ ތުއްތު އުމުރުގައި އެ ކުދީން މާދަރީބަހަށް ބީރަށްޓެހި ކުރުވުމެވެ.  މާދަރީބަހުން އުނގެނުމާއި އެ ބަހުން ބަސްމޮށެ ލިޔެކިޔައި އުޅުމުގެ ޙައްޤުން އެކުދީން މަޙުރޫމުކޮށް އެއްކިބާ ކުރުމެވެ. ޒަމާނާ ގުޅޭ ގޮތަށް އެ ކުދީން ބިނާ ކުރުމުގެ ނަމުގައި ޒަމާނުގެ ހޭލުމުގެ ތެރެއަށް އެ ކުދީން ފަނާ ކުރުމެވެ.  ވީމާ، ކުޑަވެސް ޝައްކެއް ނެތި އެނގޭ ގޮތުގައ މި ކޮށިކަމާއި މި ނުކުޅެދުންތެރިކަން ޒުވާނުންނަށް ލިބެނީ ތުއްތު އިރު، ކިތަންމެ ލޯބިން ނަމަވެސް، އެ ކުދީންނަށް  ބަނާނާ ކާން ދެވިފައި ވާތީއެވެ.  ބަނާނާގެ ބަދަލުގައި ދޮންކެޔޮ ކާންދީގެން ކުދީން ބޮޑު ކުރާ ނަމަ، ކުރީން ވެސް އެ ގޮތަށް ބޮޑެތިވެފައި އެ ތިބަ ކުދީންގައި ހުރި ބަލާޣާތްތެރިކަމާއި ތޫނުކަން މި އަދުގެ ދަރީންގެ ކިބައިގައި ވެސް ހުންނާނެކަމީ، ސާފު މެންދުރުގެ އިރު ފަދައިން ފާޅުވެ ފެންނާން އޮތް ސާބިތު ޙަޤީޤަތެކެވެ. ———————————————-     

About the author
3 Comments
  1. ޢޢޖއބ

    މުހިއްމު މެސެޖެއް. މޮޅު ލިޔުމެއް. ޝުކުރިއްޔާ، އަޚު ނަޞީރު

    (1)(0)
  2. سمير

    ވަރަށް ފައިދާހުރި ފިލާވަޅެއް. ހިތަށް އަރައި ފައިބާ ޝުއޫރު ގިނަކަމުން.............!
    އަޚް އާދަމް ނަސީރަށް ދަރުމަހުރި!

    (0)(0)
  3. އާދަމް ނަޞީރު އިބްރާހީމް

    އަލްއަޚު ޢަޒީޒު، އަލްއަޚު ސަމީރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

    (1)(0)