ރޯދަ މަހާ ގުޅިފައިވާ ހަނދާންތަކުން...!  (2)            

މާބިނުން މަނާ

އަޙުމަދު ޝިޔާމް
މިފަހަރު ލިޔެލަން ގަސްދު ކުރަނީ މިސްކިތާ ގުޅިފައިވާ ވާހަކައެކެވެ. އަޅުގަނޑު މެންގެއާއި އެންމެ ގާތުގައި ހުންނަ މިސްކިތަކީ މަސްޖިދު ސަލާޙުއްދީނެވެ. މިއީ ހުކުރު މިސްކިތާ ޢީދު މިސްކިތް ފިޔަވާ މާލޭގައި ތިން ވަނައަށް ހުކުރު ކުރަން ފެށި މިސްކިތެވެ. އެންމެފުރަތަމަ ދޫލަ އެޅި މިސްކިތުގެ ތެރޭގައިވެސް މި މިސްކިތް ހިމެނެއެވެ. ކުރިން ހުރި މިސްކިތް ތަޅާލުމަށްފަހު މިހާރު އެވަނީ އާ މިސްކިތެއް އެތަނުގައި ބިނާ ކޮށްފައެވެ. 
 

އެއް އަހަރެން ގެ ރޯދަ މަހު ދިމާވި ހާދިސާއެއް ލިޔެލާނަމެވެ. އެއީ 1970 ގެ އަހަރުތަކުގެ ފަހުކޮޅެވެ. ޞަލާޙުއްދީން މިސްކިތް ހުރި ބިމަކީ ކުރިން މީހުން ވަޅުލާ އުޅުނު ގަބުރުސްތާނެއް ވެސް އޮތްތަނެކެވެ. 1960 ގެ އަހަރު ތަކުގެ ތެރޭގައި އެ މިސްކިތުގެ ގަބުރުސްތާނު އޮތްތަނުން ވަނީ މީހުންނަށް ގޯތި ދީފައެވެ. މިސްކިތުގެ ދެކުނުން ހުރީ ބާއިންޖީނުގެ އެވެ. މިހާރު އެތަން އެވަނީ ސިޓީ  ޕާކަކަށް ހަދައިފައެވެ.  މިސްކިތުގެ މަގުމަތީ ދޮރުން ވަދެގެން މިސްކިތަށް އަރަން ދާން އޮންނަ މަގަށް އޮންނަނީ ކަށިވެލި ލައިފައެވެ. އެމަގުގެ ފުޅާ މިނުގައި ހުންނާނީ 5 ފޫޓު ވަރެވެ. ދެފަރާތުގައި ދޮޅުފޫޓު ހުންނަ ވަރުގެ ފާރު ބުރިއެއް ރާނާފައި ހުރެއެވެ. އެއީ ހަރިންމަ ވަކި ކުރުމަށެވެ. ހަރިންމަ ވަކި ކުރަނީ މީހުން ވަޅުލާ އުޅުނު ތަނަކަށް ވާތީއެވެ. އެބައިގައި ތަފާތު ގަސް ހައްދާފައި ހުރެއެވެ. މިސްކިތުގެ ވަޅަކީ ކުރީގެ ހިރިގަލުން  ހަދާފައި ވާ ވަޅެކެވެ. އެވަޅުދޮށުގައި އޮންނަނީ ތަޅުން އަޅައިފައެވެ. ތަޅުމަށް އެޅޭފެން ދާތަނުގައި ކަންކުން ފަތާ ކުދީނާ ފަތް ހައްދާފައި އޮވެއެވެ. ހަރިންމަތެރޭ ކަނާތްފަރާތުގައި ވަރަށް ބޮޑު ހުވަނދުމާ ގަހެއް ހުރެއެވެ. މިގަސް އިންދި ކަމަށް ވަނީ ދިވެހިބޭސްވެރިއެއް އަދި މުދިމެއް ކަމުގައި ވާ ބޮއި ދޮންމަނިކެވެ. މިމިސްކިތުގެ މުދިންކަން 10 ވަރަކަށް އަހަރު ވަން ދެން ބޮއި ދޮންމަނިކު ކުރެއްވިއެވެ. އެންމެ ގިނަދުވަހު މުދިންކަން ކުރެއްވީ ހަދީބީ މިސްކިތުގައެވެ. އެއީ މިހާރު މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީނެވެ. އެމިސްކިތުގައި 40 އަހަރު މުދިންކަން ކުރެއްވިއެވެ.           މި ދެންނެވި ހުވަނދުމާ ގަހަށް ފެންދީ ހެއްދުމުގައި މިސްކިތަށް އަރާމީހުންނާއި އަދި ޚާއްޞަ ކޮށް ދޮންމަނިކުގެ ދަރިފުޅު އަޙްމަދު މަނިކު ގެ ޙިއްސާ ވަރަށް ބޮޑެވެ. މިސްކިތު މަސައްކަތު މީހުންނަކީ ދޭތެރެ އަކުން ބަދަލު ވަމުން އަންނަ ބަޔެކެވެ. ކުރިން ހުރި މަސައްކަތު މީހާގެ ބަދަލު ގައި އާމީހަކު މިސްކިތު މަސައްކަތަށް ލައްވައިފިއެވެ. މީނާއަކީ ވަރަށް މުރާލި ހީވާގި މީހެކެވެ. ކޮންމެ ނަމާދު ގަޑިއެއް ޖެހުމުގެ ކުރިން މިސްކިތަށް އައިސް ފޮޅާ ސާފުކޮށް ވެސް ހަދައެވެ. ކުޑަ ދުވަސް ކޮޅެއް ވީތަނާ އެއްކަލަ މާގަހުން ” މާބިނުން މަނާ ” ފިލާ ގަނޑެއްގައި ލިޔެ ހަރުކޮށްފިއެވެ. މިކަން ކުރީ މަސައްކަތު މީހާއެވެ. މީނާ  ބުނާގޮތުންނަމަ މިކަން ކުރީ  އެންމެނަށް ރަނގަޅަކަށެވެ.      ހަވީރު މާ ފައްކާވެ ބިންނަން ވާއިރަށް މެންދުރު ބައެއް މީހުން މާބިނދެ ވިއްކާ ކަމަށް ބުނެފައެވެ. މިހެން ހެދުމަށް ފަހު ހުރިހާ މަލެއް ބިންނަނީ މީނާ އެވެ. އަދި މާ ދެނީވެސް އޭނާ ހިތަށް އެރި މީހަކަށެވެ. ކުރިން އެންމެނަށް އޮންނަ ފުރުސަތު ބަންދު ކޮށް މާގަސް ހައްދާ ބަލަހައްޓާ އަދި އޭގެ ވެރިޔަކީ މީނާ ކަމަށް ދަޢުވާ ކުރަން ފަށައިފިއެވެ. މިކަމާ ބައެއް މީހުން ހިތް ހަމަ ނުޖެހިގެން ޒުވާބުވެސް ކުރިއެވެ.        އޭރުވެސް ވަރަށް ގިނައިން ކުޑަކުދިން މިސްކިތަށް ގޮސް ހަދައެވެ. އެދުވަސް ވަރު ރަށުތެރެ މިހާރަށް ވުރެ އަމާން ކަމުން މައިން ބަފައިން ބިރެއްނެތި ޖެހުލުމެއް ނެތި ކުޑަކުދިން ތަންތަނަށް ފޮނުވާ ވެސް މެއެވެ. ހުކުރުދުވަސް ދުވަހު 12 ވަރަކަށް އަހަރުގެ ކުދިންނަށް ވެސް މިސްކިތުގައި ދޫލަ އަޅާފައި އޮންނަ ހިސާ ބަކަށް ނޭރޭނެއެވެ. އެ ޢުމުރުން ދަށުގެ ކުދިން ތިބެން ޖެހެނީ މިސްކިތު ފެންޑާގައި ކުނާ އަޅާފައި ވާތަނުގައެވެ. ދުރާލައި މާކުރިން އެތެރެއަށް ވަދެ ތިބޭ ކުދިން ވެސް މަސައްކަތު މީހާ އައިސް ނެރެއެވެ. އެކުދިންނާ ދިމާއަށް އަޑުލައިވެސް ހަދައެވެ. އޭނާގެ ބަސް ގަބޫލު ކޮށް ހިތާ ދެކޮޅަށް ނަމަ ވެސް އެކުދިން އެކަން ކުރާނެއެވެ.
އެއްދުވަހު މިސްކިތަށް އައިއިރު މާބިނުން މަނާ ފިލާ ގަނޑުގައި ތަތްކޮށްފައިވާ ކަރުދާސް ގަނޑެއް ނެތެވެ. ޖެހިގެން އައި ދުވަހު ފްލައިވުޑް ފިލާ ކޮޅެއްގައި މާކަރަކުން މާބިނުން މަނާ ޖަހާފައި ހުއްޓެވެ. މިފަހަރު އަކުރުތައްވެސް ހުރީ މާފަލަ ކޮށެވެ. ދެދުވަހެއް ވީތަނާ އެފިލާގަންޑުވެސް ބިންދާލައިފި އެވެ. އަނެއްކައި އާފިލާ ގަނޑެއްޖަހައިފިއެވެ. އެފިލާ ގަނޑުވެސް ބިންދާލައިފިއެވެ. މިކަންކުރާ ބަޔަކު ނުވަތަ މީހަކު ހޯދުމަށް ދަންގަޑީގައި ވެސް މީނާ މިސްކިތަށް އަންނަ ކަމަށް ވެއެވެ. މިކަން ކުރާ ބަޔަކު ނޭނގި ތަކުރާ ކޮށް މިކަން ހިނގާތީ   މީނާ ހުންނަނީ ރުޅި ގަދަ  ވެފައެވެ. ލާނެއް ފުރައިގެ ކުދިންނާ ދޭތޭރޭ ޝައްކު ކޮށް އެއްޗެތި ބުނެވެސް ހަދައެވެ. ފެންނަހައި މީހެއްކައިރީ އެވާހަކަ ދައްކައެވެ. އަނެއްކާ އާފިލާ ގަނޑެއް ހަރުކޮށްފިއެވެ. މިފަހަރު ހަރުކުރި ފިލާ ގަނޑުގައި މިސްކިތްތައް ބެލެހެއްޓުމާ ބެހޭ އޮފީސް ރިލިޖަސް އެފެއާޒްގެ  ތައްގަނޑު ޖަހާފައި ހުއްޓެވެ.          ފިލާ ގަނޑު ބެހެއްޓިތާ ތިންވަނައަށް ވީ ދުވަހު މާބޮޑު ހާދިސާއެއް ހިނގައިފިއެވެ. ރޯދަމަސް ކަމުން އަޅުގަނޑުވެސް އަސުރު ނަމާދަށް ދިޔައީ ތަންކޮޅެއް ކުރިންނެވެ. ކަމަކު ދާކަށް ނެތެވެ. މާގަސް އޮތީ ބިމާ ހަމަވެފައެވެ. މަސައްކަތު މީހާ ހުރީ އަތާއި ފައިން ތެޔޮހަން ގޮސް ތަންތަނުން ލޭ ހިލިފައެވެ. އަތާފައިގައި ކަށިވެލި ވެސް ތަތްލާފައި ހުއްޓެވެ. މުޅިމީހާ ހުރީ ދާހިތްލައިފޯވެފައެވެ. އެއޮއް ބޮޑުމީހާ ހުރީ ރޮވި ގިސްލެވިފައެވެ.  އެކަމަކު  ރުޅިވެރި ކަމާއި އެކު ބުނަމުން ދިޔައެވެ. އަހަރެންނަށް މި އަނިޔާ ދިންމީހާ ގޮވައިގެން ސިފައިންގެއަށް ދާނަމެވެ.          މިހާދިސާ ހިނގިތަން ދުށްމީހަކު ވީ ގޮތް އަޅުގަނޑަށް ކިޔައިދިނެވެ. އެދުވަސްވަރު ކުޅިވަރުގެ މައިދާނުގައި ނަން މަޝްހޫރު މީހަކު މެންދުރު ނަމާދު ވަގުތު ފާއިތު ވީފަހުން ނަމާދަށް އައިސް ނަމާދުކޮށް އަވަދިވެގެން، ހުވަނދުމާ ބިންނަން ހުއްޓާ މިސްކިތު މަސައްކަތުމީހާއަށް މިސްކަތަށް އާދެވުނެވެ. މާ ނުބިނުމަށް އޭނާ ކައިރިން އެދުނުކަމަށްވެއެވެ. ނަމަވެސް އެމީހާ ކަހާތަން ހިރުވައިވެސް ނުލައި މާ ބިންނަމުން ދިޔައީއެވެ. އެންމެ ފަހުން މިސްކިތު މަސައްކަތު މީހާ ރުޅިގަދަ ވެގެން މ ާބިންނަމުން ދިޔަ މީހާގެ މުލައްދަނޑީގައި ހިފާ ތަޅުވައި ގަތުމާއެކު އޭނާގެ އަތުގައި ހުރި ހުރިހާ މަލެއް ބިންމައްޗައް އޮހުމާ އެކު، މިސްކިތު މަސައްކަތު މީހާގެ އަތާފައިގައި ހިފާ އަތު ކޮޅަށް އުފުލައި ލުމަށް ފަހު މާގަހުގެ މެދަށް ޖެހީއެވެ. މާބިންނަން ހުރި މީހާ އަކީ އިސްކޮޅާ އެއްވަރަށް ރޫފަހުރި ހަށިގަނޑުގައި ވަރު ހުރި ބާރު ހުރި މީހަކަށް ވެފައި މަސައްކަތު މީހާ އަކީ އިސް ކޮޅުން ކުޑަ ހިކިމީހެއް ކަމުން އެކަން އޭނާއަށް ވީ ފެން ބޮއިފައި ވަޔެއް ލުން ކަހަލަ ކަމަކަށެވެ. މާގަސް ހިފެހެއްޓުމަށް ޖަހާފައި ހުރި ދިއްގާ މުޑިތަކާ ލަކުޑި ފަތިތަކާ އެކު މާ ގަސް އޮތީ ބިމާ ހަމަ ވެފައެވެ. މާ ބިންނަން ހުރިމީހާ ހިތުހުރި ވަރަކަށް މާ ބިނދެގެން ދިޔައީ އެވެ. މަސައްކަތު މީހާ ލެވިހަޅޭކަށް ކުޑަ ވެސް ފަރުވާލެއް އޭނާ ބެހެއްޓި ކަމަކަށް ނުވެއެވެ.           އެ ދުވަހަށް ފަހު މާބިނުން މަނާ ފިލާ ގަނޑު ގަހުން ނަގައިފިއެވެ. ކުރިން ވެސް ހުރި ގޮތަށް މާ ގަސްހަދައިފިއެވެ. އެންމެނަށް މާ ބިނދެވޭ ގޮތްވީ އެވެ.           މާ ގަހަށް މިނިވަންކަން ހޯދައި ދިން “ބަޠަލަކީ” ފަހުން އަޅުނގަޑުގެ ރައްޓެއްސެކެވެ. ކުޑައިރު ފުޓްބޯޅަ ބަލަން ގޮސް ހުންނަ އިރު ސާބަސް ވެސް ދެމެވެ. އެކަމަކު އޭރު އެއީ ރައްޓެއްސެއް ނޫނެވެ. ފަހުން ރައްޓެހިކަން އުފެދި އެކުގައި ސައި ބޯލެވޭ ވަރު ވިއެވެ. މިއަހަރު ރޯދަމަސް އަންނަން ގާތްވެފައި ވަނިކޮށް އޭނާއާ ބައްދަލު ވިއެވެ.  އެހެންކަމުން، އެހަނދާން އާ ވެގެން މިހާދިސާގެ ވާހަކަ އަހައިލީމެވެ. އެއީ ހިނގި ކަމެއް ކަމަށް ބުނެފައި ދެން ބުނީ އެ މީހާ އަކީ މިހާރު އޭނާގެ ރައްޓެއްސެއް ކަމުގައެވެ.—————————————–

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. ޝާހިދު

    😆

    (0)(0)