{jcomments on}
ޑރ. ފާޠިމަތު ޝިފާ
ބޭސްވެރިކަމުގެ ވިޔަފާރީގައި އެންމެ ގިނައިން ވިކޭ އެއް ބޭހަކީ ލޭ މައްޗަށް ދިއުމުގެ ފަރުވާއަށް އުފައްދައިފައިވާ ބޭހެވެ. މިއިން ދޭހަކޮށްދެނީ ލޭމައްޗަށް ދިއުން އާންމުވެފައިވާ މިންވަރެވެ. ދިރާސާކުރާ މީހުން ބުނާ ގޮތުގައި ލޭ މައްޗަށް ދިއުމުގެ ފުރުޞަތު އިތުރުކުރުވާ ވަރަށް ގިނަ ސަބަބުތައް ދިރިއުޅުމުގެ ތެރެއިން މެދުވެރިވެއެވެ.

މެޑިކަލް ކޮލެޖް އޮފް ޖިއޯޖިޔާ އެޓް ޖިއޯޖިޔާ ރެޖެންޑްސް ގެ ލީޑް ސްޓަޑީ އޯތަރ، ޝަޔޮންގް ސޫ ވަނީ ލޭ މައްޗަށް ދާން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށްޓަކައި 1989 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް 400 މީހުން ހިމަނައިގެން ދިރާސާއެއް ކޮށްފައެވެ. މި ދިރާސާ ގައި ހިމަނާފައި ވަނީ އުމުރުން 5 އަހަރާއި 16 އަހަރާއި ދެމެދުގެ ހެދިބޮޑުވުމުގެ މަރުޙަލާ ކަޑައްތު ކުރަމުންދިޔަ ކުދިންނެވެ. ދިރާސާ ކުރެވެމުން ދިޔަ ދުވަސްވަރު މި ކުދިންނަކީ ލޭ މައްޗަށް ގޮސްފައި ނުވާ، އަދި އެއްވެސް ބޮޑު ބައްޔެއްގައި ފަރުވާ ކުރަން ޖެހިފައި ނުވާ ކުދީންނެވެ. އިޖްތިމާއީ އިޤްތިޞާދީ މިންގަނޑުތަކާއި، ތަޢުލީމު އުނގެނުމުގެ ފުރުޞަތު ވަނީ މި ކުދިންގެ ހާލަތަށް ފެތޭ ގޮތަށް ހަމަޖެހިފައެވެ. ދިރާސާ ކުރެވެމުންދިޔަ ދުވަސްވަރު، އެވްރެޖް ކޮށް 13ފަހަރެއްގެ މަތިން ޗެކް އަޕް ހެދި، 8 ފަހަރަށް ލޭގެ ޕްރެޝަރ މޮނިޓަރ ކުރެވުނެވެ. ލޭގެ ޕްރެޝަރ ބެލުމުގައި ބަލާ ދެ ކޮމްޕޯނެންޓް ކަމަށްވާ ސިސްޓަލިކް ބްލަޑް ޕްރެޝަރ (ހިތުން ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ލޭ ފޮނުވައިދޭ ވަގުތު ކޮޅު) އަދި ޑަޔަސްޓޮލިކް ބްލަޑް ޕްރެޝަރ (ހިތް އަރާމުކޮށްލާ ކުޑަ ހިނދުކޮޅު) ގައި ޕްރެޝަރ ހުރި މިންވަރު ރެކޯޑް ކުރެވުނެވެ.

މި ކުދިންގެ އުމުރުން 18 އަހަރު ފުރިހަމަ ވުމުން ވަނީ ސުވާލު ކަރުދާހެއް ދީގެން އެކުދިން ގެ ޖަވާބުތައް ނޯޓު ކުރުވައިފައެވެ. މި ކަރުދާހުގައިވާ ސުވާލުތައް އަމާޒުކޮށްފައިވަނީ ދިރާސާކުރެވެމުން ދިޔަ އަހަރުތަކުގައި އެކުދިން އުޅެބޮޑުވި މާހައުލުން ދިމާވުން އެކަށީގެންވާ ކަންތައްތަކެއްގެ މައްޗަށެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަސަރެއް ކޮށްފައިވޭތޯ އާއި ޖިންސީ ގޯނާ، ގެވެށި އަނިޔާ، ނުވަތަ އެނޫންވެސް ކުދިންގެ ކަރާމާތަށް އުނި ކަމެއް އަތުވެދާނޭ ފަދަ ނޭދެވޭ ޢަމަލެއް މި ކުދިން ބޮޑުވި މާހައުލުން މި ކުދިންނާއި މެދު ހިނގައިފައި ވޭތޯ ބެލެވުނެވެ. މީގެ އިތުރުން މަސްތުވާ ތަކެއްޗަށް ދެވިހިފާފައި ވޭތޯ، ކުށްކުރުމުގެ މާހައުލަށް ވަދެވިފައިވޭތޯ އަދި ސިކުނޑީގެ ބައްޔެއް ނުވަތަ އެހެން ބޮޑު ބައްޔެއް ޖެހިފައިވޭތޯ ބެލެވުނެވެ. 20އަހަރު ވަންދެން ކުރެވުނު މި ދިރާސާ އިން ހާމަ ވީ ގޮތުގައި ހާސް ކަމާއި ކަންބޮޑުވުމާއި ނުތަނަވަސް ކަމުގެ ތެރޭގައި ޅަފަތުގެ ގިނަ ދުވަސްތައް ހޭދަ ކުރި ކުދިންގެ އުމުރުން 30ގެ އަހަރުތަކުތެރޭގައި ލޭމަތި ވުމުގެ ނުރައްކަލާ ކުރިމަތި ލާންޖެހިފައިއެވެ. ސޫ ބުނާ ގޮތުގައި މި ހެކިތަކަށް އިތުރު ބާރުވެރިކަމެއް ގެނެސްދިނުމަށްޓަކައި މިއަށްވުރެ ފުޅާ ދާއިރާއެއްގައި މި ދިރާސާ ކުރުމުގެ މުހިންމުކަން ވަރަށް ވެސް ބޮޑެވެ.

 ޔޫ އެސް ގެ ސީ ޑީ ސީ (ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން) އިން ބުނާ ގޮތުގައި މީހެއްގެ ސިސްޓޮލިކް ޕްރެޝަރ 140 މިލިމީޓަރ މަރކިޔުރީ އަށް އަރާއިރުއޭނާ އެވަނީ ލޭމައްޗަށް ދާން ފަށާފައެވެ.

އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ނުވަތަ 70މިލިއަން މީހުންނަކީ ލޭމައްޗަށް ދާ މީހުން ކަމުގައި ސީ ޑީ ސީ އިން މަޢުލޫމާތު ދެއެވެ. އަދި މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް މައްޗަށް ގޮސްފައެވެ.

ދިރާސާ ތަކުން ދައްކާ ގޮތުގައި މައިންބަފައިންނާއި ބެލެނިވެރިންގެ ހިމާޔަތާއި ލޯބި ލިބިގެން ބޮޑެތިވާ ކުދިންނަށް ވުރެ ހެދިބޮޑުވަމުން އަންނަ ދުވަސްވަރު މަދުވެގެން 4ފަހަރެއްގައި ބޮޑު އަނިޔާ ލިބި، ވޭން ތަޙައްމަލް ކޮށްގެން ބޮޑެތިވާ ކުދިން ގެ ލޭ އާދައިގެ ހުންނަންވާ މިންގަނޑަށްވުރެ 9.3މިލިމީޓަރ މަރކިޔުރީ އާއި 7.6މިލިމީޓަރ މަރކިޔުރީ އަށް މައްޗަށް ޖެހިލައެވެ. އަންހެނުންނާއި ފިރިހެނުން، ކަޅު މީހުންނާއި ދޮންމީހުންގެ މެދުގައި ވެސް މި ކަން އޮތީ ހަމަ މި ނިސްބަތުގައެވެ.

ލޭ މައްޗަށް ދިޔުން … އަނބިފިރިކަމުގެ ގުޅުން ހީނަރުވާ ސަބަބެއް

ލޭގެ ޕްރެޝަރ މައްޗަށް ދާ ކޮންމެ ފަހަރަކީ އެކަމުގެ އަލާމާތް ތައް ފެންނަން ފަށާ ފަހަރެއް ނޫނެވެ. އެއްވެސް އަލާމާތެއް ނުފެނި ލޭގެ ޕްރެޝަރ މަތިވެފައި އެތައް ދުވަހަކު ބަލިމީހާއަށް ނުއެނގި ހުރުމަކީ ވަރަށް ގިނަ ފަހަރަށް ދިމާވާ ގޮތެކެވެ. މި ބައްޔަށް “ސައިލެންޓް ކިލަރ” އޭ ކިޔެނީމި ސަބަބަށްޓަކައެވެ. ނަމަވެސް މި ބަލީގެ ވަރަށް ކުރީކޮޅު މެ އިންސާނާގެ ޖިންސީ ހަޔާތް މިކަމުގެ ސަބަބުން ބަނަ ކޮށްލައެވެ. ފިރިހެނުން ގެ ލޭގެ ޕްރެޝަރ މައްޗަށް ދިއުމާއި ޖިންސީ މައްސަލަތަކާއި ގުޅުމެއްވާކަން ތަހުލީލު ތަކުން ދައްކާފައިވެއެވެ. ނަމަވެސް ދެމަފިރިކަމުގެ ގުޅުމުގެ ތެރެއިން ލިބެންވާ އަރާމާއި ލައްޒަތު ޙާސިލް ނުވާ އަންހެނުން ނަށް އެހެން ދިމާވަނީ ލޭމައްޗަށް ދިއުމާއި އެއްވެސް ގުޅުމެއް އޮވެގެންތޯ އަދި ވަނީ ފުރިހަމަ އަށް ޔަގީންކޮށް ނުދެވިއެވެ.

ގިނަ ދުވަސް ތަކެއް ވަންދެން ލޭގެ ޕްރެސަރ މަތިވެފައި ހުރެއްޖެ ނަމަ ކުދި ލޭ ނާރުތަކާއި ފަލަލޭ ހޮލި ތަކުގެ އެތެރެފަށަލައިގައިވާ ސެލްތައް (ހަތާ) ހަލާކުވެ، އެތެރެ ފަށަލަ ހަރުވެއެވެ. އަހަރެމެން ކާ ކާނާގެ ތެރޭގައި ހިމެނޭ ފެޓްސް ގެ ބައި ހަލާކުވެފައިވާ ސެލްތަކުގެ ދޭތެރެތަކަށް ވަދެ ލޭހޮޅިތައް ހިމަ ވެއެވެ. މީގެ ސަބަބުން ލޭ ފޮނުވައި ދިނުމަށް ހުރަސްތަކެއް ދިމާވެއެވެ. ޕްރެޝަރ މަތި ވެފައި ފަރުވާއެއް ނުލިބި ގިނަ ދުވަސް ވާނަމަ ޤުދުރަތީ ގޮތުން ލޭހޮޅިތަކުގައި ލައްވާފައިވާ އިލާސްޓިސިޓީ ގެ ބައި ކެނޑި ހަށިގަނޑުގެ ގުނަވަން ތަކަށް ލޭ ފޮނުވައި ދިނުމުގައި އިތުރު މަސައްކަތެއް ކުރަން ޖެހުމުގެ ސަބަބުން ހިތަށް ކުރާ ބާރު ބޮޑުވެއެވެ.

މިހެންދިމާވުމުން ޖިންސީ އެދުން ހާސިލް ކުރުމަށް ހިތް އެދޭ ވަގުތު ފިރިހެނާގެ ގުނަވަނަށް ލޭ ފޮނުވައި ދިނުން ދަށްވެއެވެ. ނަތީޖާ އަކީ އިރެކްޝަންއަކާއި ހަމައަށްވާސިލު ނުވުމާއި އިރެކްޝަން ހިފެހެއްޓުމުގައި ނުކުޅެދުމެވެ. މިހެން ވުމަށް kކިޔައި އުޅެނީ އިރެކްޓައިލް ޑިސްފަންކްޝަން އެވެ. މިއީ ލޭމައްޗައްދާ ފިރިހެނުންގެ މެދުގައި އާންމު ކަމެކޭވެސް ދެންނެވިދާނެ އެވެ. 

އެއްފަހަރު މިފަދަ ގޮތެއް ފިރިހެނަކަށް ދިމާ ވެއްޖެނަމަ ހާސްވުމަކީ ވަރަށް ގާތް ކަމެކެވެ. ދެވަނަ ފަހަރަށް އެގޮތަށް ދިމާވެދާނޭ ކަމުގެ ބިރަށް ޓަކައި އަނބިމީހާ އާއި ގާތް ވުމަށް ފަސްޖެހެވެއެވެ. އަނބި މީހާ ހިތްހަމަ ޖައްސައި ނުދެވިދާނޭ ކަމުގެ ބިރު ނުވަތަ ލަދު އިހްސާސް ކުރެވޭތީއެވެ. މިހެން ވުމުގެ ސަބަބުން ހަޔާތުގެ ބައިވެރިޔާ އާއި މެދު އޮންނަ ގުޅުން ހީނަރު ވެ މަޑުމަޑުން ދެފަރާތުގެ މަދުގައި ހިތްހަމަ ނުޖެހުން އުފެދި ކައިވެނި ރޫޅޭތަން ފެންނަނީ ވެސް މަދެއްކޮށެއް ނޫނެވެ. ލޭގެ ޕްރެސަރ މައްޗަށް ދިއުމަކީ އެދުންވެރިކަން ފުދުމަށް ހުރަސް އެޅޭ ކަމެއްކަމަށް ވުމާއިއެކު، އެކަމަށް އޮންނަ ޝައުޤުވެރިކަން ދަށް ވުމަކީ ވަރަށް އާންމު ކަމެކެވެ. ބައެއް ހާލަތްތަކުގައި ލޭގެ ޕްރެޝަރ ކޮންޓްރޯލް ކުރުމަށް ދެވޭ ބޭހުގެ ސައިޑް އިފެކްޓް ގެ ސަބަބުން ވެސް ޖިންސީ ހީނަރުކަން އާދެއެވެ. 

އަންހެނުންނަށް ދިމާވާ މިފަދަ ޖިންސީ މައްސަލަ ތަކާއި ލޭގެ ޕްރެޝަރާއި ހުރި ގުޅުން ތަފްސީލުކޮށް ކަމުގެ މާހިރުންނަށް ހޯދިފައި ނުވި ނަމަވެސް، ލޭގެ ޕްރެޝަރ މަތި ވުމާއި ގުޅިގެން  އަންހެނުންނަށް ވެސް ޖިންސީ ގޮތުންބަލިމަޑުކަމެއް އައުމުގެ ފުރުސަތު އޮތް ކަމަށް މާހިރުން ބުނެއެވެ. އަންހެނާގެ ކުރިމަތި ފަރާތަށް (ވެޖައިނާ އަށް) ލޭ ފޮނުވައިދޭން ޖެހޭ މިންވަރަށް ލޭ ފޮނުވައި ނުދެވުމާއި، ކުރިމަތި ފަރާތުގައި ހުންނަން ޖެހޭ ތެތްކަން ކެނޑި، ހިކިފައި ހުރުމުގެ ސަބަބުން ތަދު އިހުސާސް ކުރެވުމާއި، އެދުން ފުރިހަމަ ވުމުގައި ގިނަ ވަގުތު ނެގުން ނުވަތަ އެދުންއެއްގޮތަކަށްވެސް ފުރިހަމަ ނުވުން ހިމެނެއެވެ. މިފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ ޑޮކްޓަރަކާއި މަޝްވަރާ ކުރަން ވާނެއެވެ.

ލޭމައްޗަށް ދިއުމަކީ ތިމާގެ ބައިވެރިޔާ އާއި އެކު އޮންނަ އުފާވެރި ގުޅުމަށް ހުރަސް އެޅެން ވީ ސަބަބެއް ނޫނެވެ. ޑޮކްޓަރަށް ޒިޔާރަތް ކުރާއިރު ކަންކަން ފޮރުވުމުގެ ބަދަލުގައި މަޝްވަރާ ކުރާށެވެ. ބޭނުން ކުރަމުން ދާ ބޭހެއް ހުރިނަމަ އެބޭހުގެ މަޢުލޫމާތާއި، ދެމަފިރިކަމުގެ ގުޅުން ހީނަރުވެފައިވާނަމަ އެކަމުގެ ވާހަކައާއި އާދަޔާ ޚިލާފަށް ކަމަކާ ދެރަވެ މާޔޫސް ވާނަމަ ނުވަތަ ހާސްވެ ފިކުރު ބޮޑުވާނަމަ ޑޮކްޓަރާއި މިވާހަކަތަ ތައް ހިއްސާ ކުރާށެވެ. ޚާއްސަ ކޮށް ކުރިން ނުވާ ގޮތެއް ފަހަކަށް އައިސް ވަމުންދާ ނަމަ އެ ވާހަކަތައް ވެސް ފޮރުވުމެއް ނެތި ޑޮކްޓަރާއި ޙިއްސާ ކުރުމަކީ މުހިންމު ކަމެކެވެ. އޭރުން ބޭސް ބަދަލުކުރަން ޖެހޭފަދަ ހާލަތެއް ގައި ޑޮކްޓަރު އެ ބޭސް ބަދަލުކޮށް ދޭނެއެވެ. ބޭހުގެ ޑޯޒް ބަދަލު ކުރަން ޖެހޭ ނަމަ އެކަން ވެސް ޑޮކްޓަރަށް ދެނެގަނެވޭނެ އެވެ.

ލޭމައްޗަށްގޮސްފައިވާ މީހާ އަކީ ދިރިއުޅުމުގެ އުފާތަކާއި ދެމަފިރިކަމުގެ ގުޅުމުން މަހުރޫމު ވެފައިވާ މީހެއް ނޫނެވެ. ދިރިއުޅުމަށް ގެނެވޭ ހެޔޮ ބަދަލަކާއި އެކުވެސް ލޭ ގެ ޕްރެޝަރ ހަމަ މިނުގައި ހިފަހައްޓާލުމަށް އެހީ އަކަށް ވެދެއެވެ. ލޭ މައްޗަށް ދާތީ ބޭސް ކާން ފަށަން ވާނީ ޑޮކްޓަރެއްގެ ލަފާ ގެ މަތިން ލޭ މައްޗަށް ދާ ކަން ވަރަށް ބޮޑަށް ޔަގީން ކޮށްފައެވެ. ލޭގެ ޕްރެޝަރ ބަލާ ފުރަތަމަ ފަހަރު ލޭ މަތި ކަމަށް ދެއްކި ނަމަވެސް އެއީ އަދި ލޭ މައްޗަށް ދަނީ ކަމަށް ބަލައި ވަގުތުން ބޭސް ބޭނުން ކުރަން ފެށުމަކީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. ލޭ ބަލަން ޑޮކްޓަރ ކަށިގަނޑު ނަގާ ވަގުތު ލޭގެ ހިނގުމަށް ބަދަލުއައިސް ހިތް ނުތަނަވަސްވެ މީހާގެ ލޭގެ ޕްރެޝަރ އަށް ބަދަލު އަންނަނީ ވެސް މަދެއްކޮށެއް ނޫނެވެ. މިއަށް ކިޔަނީ “ވައިޓް ކޯޓް ހައިޕަރޓެންޝަން” އެވެ. ޑޮކްޓަރަށް ދައްކަން ބަލި މީހާ ދާ ވަގުތު އޭނާ ގެ ލޭގެ ޕްރެޝަރ މަތިވެ ސިއްހަތަށް ނުރައްކާ ވާ ހިސާބުގައި ވާ ނަމަ ވަގުތީ ގޮތުން ފަރުވާ އެއް ދޭން ފަށާފާނެއެވެ. ނަމަވެސް ޑޮކްޓަރުގެ ބެލުމުގެ ދަށުން ފަރުވާ ބަދަލުކުރަން ފެނިއްޖެ ޙާލަތުގައި ދާއިމީ ކޮށް ބޭސްބެނުން ކުރުމުގެ ބަދަލުގައި ކުރިއަށް ދެވޭނޭ އެހެނިހެން ގޮތް ތައް ބަލައި ޑޮކްޓަރ ގެ ލަފާ އާއި އިރުޝާދު ގެ ދަށުންދިރިއުޅުމުގެ އާދަ ތަކާއި ކެއިންބުއިމުގެ އާދަ އަށް ހެޔޮ ބަދަލެއް ގެނައުން މުހިންމެވެ.

ލޭ މައްޗަށް ދިއުމުން ފެނިދާނޭ ބައެއް އަލާމާތް ތައް:

•    އާދަޔާއި ޚިލާފު ބޮލުގައި ރިހުމެއް އިހުސާސް ކުރެވުން
•    މޭނުބައިކޮށް ހޮޑު ލަވާފައި ހުރުން
•    ކުޑަކަމު ދެވޭލެއް މަދު ވުން
•    ލޮލުގެ ފެނުމަށް ބަދަލު އައުން
•    މޭކަށިގަނޑު ދަށަށް ވާ ގޮތަށް ތަދުވުން
•    ނޭވާ ލުމަށް އުނދަގޫވުން
•    ކުޑަ ދުވަސްކޮޅެއްތެރޭ އާދަޔާ ޚިލާފް އަވަސްމިނެއްގައި ހަށިގަނޑުގެ ބަރުދަން އިތުރުވެ ދުޅަވުން
•    ގައިގައި ރިއްސާފައި ހުރުން

ލޭގެ ޕްރެޝަރ ހަމަ މިނުގައި ބެހެއްޓުމަށް ކުރެވެން އޮތީ ކޮން ކަމެއް؟

ޞިއްޙީ މައްސަލައެއް ނެތް މީހެއްގެ ސިސްޓޮލިކް ޕްރެޝަރ (މަތީގައި އިންނަ އަދަދު) ހުންނަން ވާނީ 120 މިލިމީޓަރ މަރކިއުރީ އަށް ވުރެ ދަށްކޮށެވެ. އަދި ޑަޔަސްޓޮލިކް ޕްރެޝަރ (ތިރީގައި އިންނަ އަދަދު) ހުންނަން ވާނީ 80 މިލިމީޓަރ މަރކިޔުރީ އަށް ވުރެ ދަށުގައެވެ. ނަމަވެސް ލޭ ގެ ޕްރެޝަރ ދަށްވީ ކަމުގައި ބަލާ މިންގަނޑު ތަކެއްވެސް ޑޮކްޓަރުން ގެންގުޅެއެވެ. ސިސްޓޮލިކް ޕްރެޝަރ 90މިލިމީޓަރ އަށްވުރެ ދަށް ވެއްގެ ނަމަ ނުވަތަ ޑަޔަސްޓޮލިކް ޕްރެޝަރ 60މިލިމީޓަރަށް ވުރެ ދަށް ވެއްޖެ ނަމަ އެއީ ލޭ ގެ ޕްރެޝަރ ދަށް ވީ ކަމުގައި ޑޮކްޓަރަކު ނިންމަފާނެއެވެ. މި ދެ އަދަދުން އެއް އަދަދު ދަށުގައި ހުރި ނަމަވެސް ލޭގެ ޕްރެޝަރ ހަމަ މިނަށް ގެނައުމަށް މަސައްކަތް ކުރަން ޖެހެއެވެ.
މިގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކަކީ:
•    ހަށިގަނޑަށް ފައިދާ ހުރި ރަނގަޅު ކާނާ ކެއިން ބުއިމުގެ ތެރޭ ހިމެނުން. ކާނާ ތައްޔާރު ކުރާއިރު ލޮނު ގެ ބައިމަދުކޮށްލުން
•    ގަވައިދުން ކަސްރަތު ކުރުން
•    ހާސްކަމާއި ފިކުރު ބޮޑުވާ ފަދަ ކަންކަމުން ދުރުހެލިވުން ނުވަތަ އެކަންކަން މެނޭޖް ކުރަން ދަސްކުރުން
•    ހަށިގަނޑުގެ ބަރުދަން ލުއި ކުރުން
•    ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުން

ލޭމައްޗަށް ނުދާ މީހާ ވެސް ދިރިއުޅުމުގެ އާދަތަކުގެ ތެރޭގައި މި ކަންކަން ހިމަނައިފި ނަމަ މުސްތަޤްބަލް ގައި ލޭ މައްޗަށް ދިއުމުގެ ފުރުސަތު ނުވަތަ ރިސްކު ކުޑަ ކުރެވިދާނެއެވެ.

————————————-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
2 Comments
  1. ޢޢޖއބ

    ޒަމާންތަކަކަށް ފަހު، ޑރ. ޝިފާގެ ޢިލްމީ ލިޔުމެއް މި ސައިޓުން ފެނުމުން ވަރަށް އުފާކޮށް މަރުޙަބާ ދަންނަވަމެވެ. ޝާކިރު ވިދާޅުވިހެން އާ ދިރުމެއް ސައިޓުން ފެންނަން ފަށައިފިއެވެ. ޑޮކްޓަރުގެ އަގުހުރި ލިޔުންތައް ދެން މާ ދޭތެރެ ދިގު ނުވެ ފެންނާނެ ކަމަށް އުންމީދުކުރަމެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ!

    (1)(2)
  2. ކިއުންތެރިއެއް 09-05-2015

    ތަދު ބޭހެއް ފަދަ އަގުހުރި މައުލޫމާތުކޮޅެއް. ބޭސްވެރި ކަމަނާއަށް ފަށްފަށުން ޝުކުރިއްޔާ

    (0)(1)