“ފަރިތަ” ބޮންބޭއަށް އަލަށް ކުރި ދަތުރު! މުޙައްމަދު ޙަމްދޫން ބޮންބޭ އަހަންނަށް ވަރަށް ފަރިތަ އެވެ. ޒަމާނީ ނަމުން ނަމަ މުމްބާއީއާ އަހަންނާ އޮތް ގާތްކަމަކީ އެ ރަށަށް ދަތުރުކޮށްގެން އުފެދިފައި އޮތް ގާތް ކަމެއް ނޫނެވެ. ކުޑައިރުން ފެށިގެން ގަވާއިދުން ހިންދީ ފިލްމު ބަލާތީ އެވެ. ބޮންބޭގައި އުފައްދައި ނެރޭ ހިންދީ ފިލްމްތައް ބަލަން “ވަކި ގަވާއިދެއް ނެތަސް”، މަޝްހޫރު ގިނަ ފިލްމުތައް ބަލައިފައިވާނެ އެވެ. އެހެންވެ ފިކުރީ ގޮތުން އަހަންނާ ގުޅިފައިވާ މި ސަހަރަށް…

“ފަރިތަ” ބޮންބޭއަށް އަލަށް ކުރި ދަތުރު!

މުޙައްމަދު ޙަމްދޫން

ބޮންބޭ އަހަންނަށް ވަރަށް ފަރިތަ އެވެ. ޒަމާނީ ނަމުން ނަމަ މުމްބާއީއާ އަހަންނާ އޮތް ގާތްކަމަކީ އެ ރަށަށް ދަތުރުކޮށްގެން އުފެދިފައި އޮތް ގާތް ކަމެއް ނޫނެވެ. ކުޑައިރުން ފެށިގެން ގަވާއިދުން ހިންދީ ފިލްމު ބަލާތީ އެވެ. ބޮންބޭގައި އުފައްދައި ނެރޭ ހިންދީ ފިލްމްތައް ބަލަން “ވަކި ގަވާއިދެއް ނެތަސް”، މަޝްހޫރު ގިނަ ފިލްމުތައް ބަލައިފައިވާނެ އެވެ. އެހެންވެ ފިކުރީ ގޮތުން އަހަންނާ ގުޅިފައިވާ މި ސަހަރަށް ދިއުމަށް އަބަދުމެ ހިތް އެދެ އެވެ. އެކަން އެންމެ ފަހުން ކާމިޔާބުވެއްޖެ އެވެ.

އިންޑިއާ އެމްބަސީން ދިން ދައުވަތެއްގައި ބޮންބޭއަށް ދިޔައީ މީޑިއާ ކައުންސިލުގެ މެންބަރެއްގެ ހައިސިއްޔަތުން ނެވެ. އެހެން ބައެއް މެންބަރުންނާއި މުވައްޒަފުން ވެސް ބައިވެރިވި އެވެ. މި ދަތުރު ތާވަލުކުރެވިފައި އޮތީ ހަތަރު ދުވަހަށް ނަމަވެސް އަހަންނާއި އެކުވެރި ޙަސަން ޝާކިރު މުޙައްމަދާއި އަޙްމަދު ރިފާއު ނިންމާފައި އޮތީ އިތުރު ދެ ދުވަހު މަޑުކޮށްލާފައި އަންނާށެވެ.

މާލެ އާއި ބޮންބޭ އެހައި ދުރު ނޫން ނަމަވެސް، ބެންގަލޫރުގައި ޖައްސާފައިވާ ދާން ޖެހުމުން ދަތުރު ދިގުވި އެވެ. ހެނދުނު ހެނދުނާ ފުރައިގެން، ބެންގަލޫރު ވައިގެބަނދަރުގައި ދެ ތިން ގަޑިއިރެއް މަޑުކުރުމަށް ފަހު ބޮންބޭއަށް ދެވުނީ އެރޭ އިރުއޮއްސުނު ފަހުންނެވެ. އަހަރެމެން ތިބެން ހަމަޖެހިފައި އޮތް ހޮޓަލަށް ގޮސް، އިދާރީ ކަންކަން ފުރިހަމަކުރުމަށް ފަހު ކޮޓަރިއަށް ވަދެ ތާޒާވެލައިގެން އެންމެ ދިޔައީ ރޭގަނޑުގެ ކެއުމަށެވެ. އިންޑިއާ އާއި އެހެން ވެސް ބައެއް ގައުމުތަކުގެ ކެއުންތަކުން މުއްސަނދިވެފައިވާ ސުފުރާއިން އަހަންނަށް ކަމުދިޔައީ، އިންޑިއާއޭ ބުނެފި ނަމަ ހާރަކަސް ތަރަވާހީހަކަސް ހިތަށް ވަންނަ ބިރިޔާންޏެވެ.

ކެއުމަށް ފަހު އެނދު ފެނުނު ކަމެކެވެ. ތަންޑާވީ އެވެ.

އަނެއް ދުވަހު ހޭލައިގެން އަހަންނާއި ރިފާ ނުކުތީ ދުވާށެވެ. އަހަރެމެން ދެ މީހުން ވެސް ދުވުމަށް ލޯބިކުރާތީ، ތަފާތު ތަނެއްގައި ދުވެލުން ތަޖުރިބާ ވެސް ކުރުމުގެ ބޭނުމުގަ އެވެ. ދުވަން ދިޔައީ ކައިރީގައި ހުރި ޕާކަކަށެވެ. އެކަމަކު ކެތެއް ނުވި އެވެ. ކުނި ޖަމާކޮށްފައި ހުރި ދިމާއަކަށްވާތީ ދުވާ ވަހުންނެވެ. އެހެންވެ ނުކުތީ ބޭރަށެވެ. ފަތިސް ވަގުތަށް ވުމުން މަގުތައް އަމާނެވެ. އެހެންވިޔަސް އެހައި ހިތްހަމައެއް ނުޖެހުނެވެ. ދެންމެދެންމެ އެއްޗެއްގައި ޖެހިދާނެހެން ހީވާތީ އެވެ. އެހެންވެ އަނބުރައި ހޮޓަލަށް ގޮސް އެތަނުގެ ޖިމަށް ވަދެ ދުވާ މެޝިނުގައި ދުވީ އެވެ. އެއަށް ފަހު ފަތާފެންގަނޑުގައި ވެސް ވަގުތުކޮޅެއް ހޭދަކޮށްލީމެވެ.

ފުރަތަމަ ދުވަހު އޮތީ ތިން ބައްދަލުވުމެކެވެ. އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާތަކުގެ ބެލެނެވެރި އޮފީހާއި އިންޑިއާގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ ހިންދުޖާ ގުރޫޕާއި އަދި ގޭޓްވޭހައުސް ތިންކް ޓޭންކާ އެކު އެވެ. މީގެ ތެރެއިން ހިންދުޖާ ގްރޫޕުގެ ބައްދަލުވުމަށް ފަހު ލިބުނު ހުސް ވަގުތު އަހަރެމެން ދިޔައީ ބޮންބޭގެ މޫނުމަތި ދެކިލުމަށެވެ. ހުޅަނގު ފަރާތުގައި، އިންޑިއާ ކަނޑާ ދިމާއަށް ވާގޮތަށް 20 ވަނަ ގަރުނުގައި ބިނާކޮށްފައިވާ “ގޭޓްވޭ އޮފް އިންޑިއާ” އާއި ތާރީހީ “ދަ ތާޖް މެހެލް ޕެލަސް ހޮޓެލް” ކައިރިއަށް ދިޔައީމެވެ. މިއީ 2008 ވަނަ އަހަރު މުމްބާއީއަށް ދިން ޓެރަރިސްޓް ހަމަލާގައި ގެއްލުން ލިބުނު ދެ ތަނެވެ. އިއްތިފާގުން އަހަރެމެން ދިޔަ ދުވަހުގެ ކުރީ ދުވަހަކީ އެ ހަމަލައަށް ނުވަ އަހަރު ފުރުނު ދުވަހެވެ.

އެތަނަށް ދެވުމާ އެކު ފޮޓޯ ނަގަން ފެށީމެވެ. އެތަނުގައި ވަރަށް ގިނަ ފޮޓޯގްރާފަރުން ވެސް ތިއްބެވެ. ވަގުތުން ފޮޓޯ ނަގައި ޕްރިންޓްކޮށްދިނުމުގެ ޚިދުމަތް ދިނުމުގަ އެވެ. އެއީ ވަރަށް ޝައުގުވެރިވި ކަމެކެވެ. ކުޑައިރު، ފިލްމު ލައްވާ ކެމެރާއިން ނަގާ ފޮޓޯއެއް ސާފުކޮށް ޕްރިންޓްކުރަން ދެ ތިން ދުވަސް ނަގަ އެވެ. އެކަމަކު ޑިޖިޓަލް ޒަމާނާއެކު އެކަންކޮށްލަނީ މަދު ހިނދުކޮޅެއްގެ ތެރޭގަ އެވެ.

“މި ފަހަރު ވާނެ މީގެ ޕްރިންޓަރެއް ގަންނަން،” ފޮޓޯގްރާފަރު ފޮޓޯ ނަގައި، މިނެޓެއް ވެސް ނުވަނީސް ފޮޓޯ ދިއްކޮށްލުމުން ޝާކިރު ބުންޏެވެ.

ދެ ވަނަ ދުވަސް ވަރަށް ޝައުގުވެރި އެވެ. އިންޑިއާގެ ހިއްސާގެ ބާޒާރުގެ އޮފީހަށް ދިއުމަށް ކުރި ގަޑިއެއްހައި އިރުގެ ދަތުރުގެ ފޫހިކަން ފިލުވައިދިނީ އަންވަރު އިބްރާހީމުގެ ޖޯކުތަކުންނެވެ. އޭނާ ކިޔާ ކޮންމެ ތިން ޖޯކަކަށް އަހަރެމެން ވެސް ޖޯކެއް ކިޔޭތޯ ބެލީމެވެ. އެކަމަކު ދަތުރާ ގުޅޭ ގޮތުން މަޖާ ގޮތަކަށް ޅެމެއް ވެސް ފަހުން ތައްޔާރުކުރި އަންވަރު، އަހަރެމެން ހެއްވައިލި ގޮތަށް އަހަރެމެންނަށް އެހެން މީހަކު ހެއްވައެއް ނުލެވުނެވެ. ހިއްސާގެ ބާޒާރުވީ އެންމެންނަށް ވެސް ވަރަށް އާ ތަނަކަށެވެ. އެކަމަކު ނުކުމެގެން ދިޔައީ، މައުލޫމާތުގެ ޚަޒާނާ މުއްސަނދިކޮށްލައިގެންނެވެ.

ހޮޓަލަށް އެނބުރި އައިސް މެންދުރުގެ ކެއުން ނިންމާލައިގެން ދެން މިސްރާބު ޖެހީ ދަތުރުގެ އެންމެ މުހިއްމު އެއް ބައްދަލުވުމަށެވެ. އިންޑިއާގައި ދާދި ފަހުން އުފައްދައި، މިހާރު އެންމެ ކުރީގައި ގުނޭ ރިޕަބްލިކް ޓީވީއަށެވެ. ހޮޓަލާ ކައިރީގައި ހުރި އެ ޓީވީގެ ސްޓޭޝަނަށް އަޅުގަނޑު ދިޔައީ، އެތަނުގެ ވެރިޔާ އަދި އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ އަރްނާބް ގޯސްވާމީ ލޮލު ކޮޅަށް ނަމަވެސް ފެންނާނެ ކަމަށެވެ. އެކަމަކު އެއަށް ވުރެ އަހަރެމެންގެ ނަސީބު ރަނގަޅެވެ. އަހަރެމެންނަށް ނިއުސްރޫމުން މަރުހަބާކީ ވެސް އޭނާ އެވެ. ޓީވީ ބަހުސްތަކުގައި ރުންކުރުކޮށް ފެންނަ އަރްނާބް އަހަރެމެންނާ ބައްދަލުކުރީ ތަފާތު މޫނަކައިގެންނެވެ. އޭނާއާ ބައްދަލުވެލުމަށް ފަހު ދެން ދިޔައީ އެ ސްޓޭޝަނުގެ ސްޓޫޑިއޯތަކަށެވެ. އަހަރެމެންނެކޭ އެއްވަރަށް، އަހަރެމެންނާ ހަވާލުވެގެން ދިޔަ، އިންޑިއާގެ ޚާރިޖީ ވުޒާރާގެ ދެ މުވައްޒަފުން ވެސް ފޮޓޯ ނަގައި ހެދި އެވެ. އެހައި ވެސް މަގުބޫލު އިސްޓޭޝަނެކެވެ.

އެއަށް ފަހު އަރްނާބް އަނެއްކައި ވެސް، އަހަރެމެންނާ ބައްދަލުކުރި އެވެ. ރާއްޖެއާ ބެހޭ ގޮތުން އޭނާ ވަރަށް މައުލޫމާތު ހޯދި އެވެ. އަހަރެމެން ވެސް އުފަލާ އެކު މައުލޫމާތު ފޯރުކޮށް ދިނީމެވެ. އިންޑިއާގެ ބޮޑު ދެ ޓީވީ ޗެނަލެއްގައި ކުރިން މަސައްކަތްކޮށް އެތައް އެވޯޑްތަކެއް ހާސިލުކޮށްފައިވާ އަރްނާބް ބުނީ، ކުރީގެ ވަޒީފާއިން ވަކިވެ ސިކުނޑި ތާޒާކޮށްލަން ދިޔައީ ރާއްޖެއަށް ކަމަށެވެ.

“އެއީ އަހަރެންގެ ހަޔާތުގެ އެންމެ ހިތްގައިމު ހަ ދުވަސް،” އަރްނާބް ބުންޏެވެ. “ކަލޭމެން ކިހިނެއްތަ އެހާ ރީތި ތަނެއްގައި އުޅޭއިރު މަސައްކަތްކުރަނީ؟”

އަހަރެން ޖަވާބު ދިނީމެވެ. “ވަރަށް އަރާމުގައި” ކަމަށް ބުނެ އެވެ. ވަށައިގެން މޫދު އޮންނާތީ އެވެ. އެކަމަކު އަހަރެމެންގެ އައްޔަ (އަލީ ޔޫސުފް) ބުނީ ރާއްޖޭގެ ރީތިކަމުގެ ފައިދާ އާއްމުންނަށް ނުކުރާ ކަމަށެވެ.

“ތިއީ ވަރަށް ސިޔާސީ ޖަވާބެއް،” ހިނި އައިސްފައި ހުރެ އަރްނާބް ބުންޏެވެ.

އަރުނާބާއި އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ ރަޖްދީޕް ސަރްދެސާއީއާ ބޮޑު ވާދަވެރިކަމެއް އޮންނަ ކަމަށް ކިޔާތީ އަހަމެވެ. ދާދި ފަހުން ރަޖްދީޕް ވަނީ އަރްނާބާ ބެހޭ ގޮތުން ޓީވީ އިންޓަވިއުއެއްގައި ވާހަކަދައްކައިފަ އެވެ. އަހަރެން އެ ވާހަކަ އަރްނާބް ގާތު ބުނީ އެވެ.

“އޭނާ (ސަރްދީޕް) އަހަންނާ ބެހޭ ގޮތުން ވާހަކަދެއްކީ ރަނގަޅަށްތަ؟ އަސްލު ބުނަންތައް ވާހަކައެއް. ރަޖްދީޕަކީ އަހަރެންގެ ކުރީގެ ބޮސް. ބޮހަކާއި މުވައްޒަފަކާ ދެމެދު އެއްވެސް ވާދަވެރިކަމެއް ނޯންނާނެ”

އޭނާ ނުސީދާކޮށް އެ ބުނި ބުނުން އަހަރެން ނެގީ ނަސޭހަތެއްގެ ގޮތަށެވެ. ވެރިންނަށް އިހުތިރާމް ކުރުމާ ބެހޭ ގޮތުން ނެވެ. ތިމާ ކިތަންމެ އުހަށް އެރިޔަސް ކުރިން ތިމާއަށް މަގުދެއްކި މީހުންނަށް އިހުތިރާމްކުރަން ޖެހޭނެ ކަމެވެ. ފިލްމުސްޓާރެއްހައި މަޝްހޫރު ނޫސްވެރިޔާއާއެކު އެކި ގޮތްގޮތަށް ފޮޓޯ ނެގުމަށް ފަހު އަހަރެމެން އެނބުރި ދިޔައީ ހޮޓަލަށެވެ. ދިޔަ މަގުމަތީ ބޮންބޭގެ މުސްލިމުންގެ އާބާދީ ބޮޑު މަޝްހޫރު މުހައްމަދު އަލީ މަގު ފެނުނެވެ. އަދި އެ މަގާ ދިމާއިން އިރުއޮއްސޭ މަންޒަރުގެ ފޮޓޯއެއް ނަގައި އިންސްޓަގްރަމަށް ދޫކޮށްލީމެވެ. ދަތުރުގައި އަހަރެން ނެގި ފޮޓޯތަކުގެ ތެރެއިން އެންމެ ގަޔާވީ އެ ފޮޓޯއަށެވެ. އެއީ ހިންދީ ފިލްމުތަކުގައި ވެސް ވަރަށް ގިނައިން ފެންނަ މަގެކެވެ.

ދަތުރުގެ ތިން ވަނަ ދުވަހު މެންދުރުކުރިން އޮތް ދެ ބައްދަލުވުމެއް ކެންސަލްވި އެވެ. އެ ދުވަހު ދެން އޮތީ، އިންޑިއާގެ އިތުރުން ދުނިޔޭގެ ވެސް އެންމެ ބޮޑު އެއް ފިލްމު ކުންފުނި ކަމަށްވާ ޔާޝްރާޖް އިސްޓޫޑިއޯއަށް ޒިޔާރަތްކުރުމެވެ. އަހަންނާ ބޮމްބޭއާ ދެމެދު ގުޅުން އުފައްދައިދިން އެތަކެއް ފިލްމަކީ އެ ކުންފުނީގެ އުފެއްދުންތަކެވެ. ވީރް-ޒާރާ އާއި ފަނާ އާއި ރަބް ނޭ ބަނާ ޑި ޖޯޅީ އާއި އޭކް ތާ ޓައިގާ އަދި ޖަބް ތަކް ހައި ކާން ފަދަ ފިލްމުތަކެވެ.

އެތަނުގެ ތެރެއަށް ރަނގަޅަށް ނުވަދެވެނީސް މަޝްހޫރު ބަތަލު އަކްޝޭ ކުމާރު ފެނުނެވެ. ޖެހިލުންވެގެން ކަމެއް ނޭނގެ އެވެ. ހިންދިރުވައިލެވުނެވެ. އަބަދުވެ ފިލްމުތަކުން ފެންނަ ބަތަލު އެހެރީ ލޯ މަތީގަ އެވެ. ފޯނު ނަގައި ފުރަތަމަ އުޅުނީ ސެލްފީއެއް ނަގާށެވެ. އެކަމަކު ވަށައިގެން ތިބި ހަށިފާރަވެރިން އެންގީ އެކަން ނުކުރުމަށެވެ. ވަރަށް މާޔޫސްވި އެވެ.

ސްޓޫޑިއޯގައި މާގިނަ ތަންތަނެއް ބެލޭ ގޮތެއް ނުވި އެވެ. ފިލްމް ޝޫޓިންތައް ކުރިއަށްދާތީ އެވެ. އެކަމަކު ޝާހްރުކް ޚާނާއި އާމިރު ޚާނުގެ މޭކަޕްރޫމަށް ވަނީމެވެ. އިތުރު އުފަލެއް ވެސް ލިބުނެވެ. އަހަރެންގެ އެންމެ މަގުބޫލު އެއް އެކްޓަރު ޕަރޭޝް ރާވަލް ފެނުމެވެ. އޭނާއާއެކު ވެސް ފޮޓޯއެއް ކަނޑާލެވޭ ގޮތެއް ނުވި އެވެ. ހުރިހައި މޮޅެއް ނުލިބޭނެތާ އެވެ!

އެތަނުން ނުކުމެގެން އައި މަގުމަތީގައި، އަމީތާބު ބައްޗަންގެ ގެ ވެސް ފެނުނެވެ. ފެންނަ ފެނުމަށް ވަރަށް ކުޑަ އެވެ.

“ހާދަ ކަމީނާއޭ (ގެއެކޭ) ދޯ؟”

ފޮޓޯއެއް ލުމާއެކު ރަށްޓެއްސަކު ބުންޏެވެ.

ދެން ދިޔައީ މަޝްހޫރު ޖުހޫ ޗޯޕަތީ ބީޗަށެވެ. އެއީ މުމްބާއީގެ އިތުރުން އިންޑިއާގެ ވެސް ވަރަށް މަޝްހޫރު ތަނެކެވެ. ރާއްޖޭގެ ސާފު ހުދު އަތިރިތަކާ ބަލާއިރު އެއްޗަކަށް ނުވެދާނެ އެވެ. އެކަމަކު އެތަނުން އިރުއޮއްސޭ މަންޒަރު ބަލައި ފޫހިނުވާނެ އެވެ. އެހާ ވެސް ހިތްގައިމެވެ. އެންމެ ބޮޑު މައްސަލައަކީ މީހުން ތޮއްޖެހިފައި އޮތުމެވެ. އެހެންވެ ހަމަޖެހިލައިގެން ހުރެވޭ ގޮތެއް ނުވި އެވެ.

ހަތަރު ވަނަ ދުވަހު އޮތީ ތާރީޚީ ތަނެއް ކަމަށްވާ ހާޖީ އަލީ ދަރްގަރަށް ދިއުމެވެ. ބޮމްބޭގެ ހުޅަނގު ފަރާތުން، ކަނޑު ބޭރުގައި، ފާލަމެއް ހުރަސްކޮށް ދެވޭ ގޮތަށް ހަދާފައިވާ މިތަނަކީ އިސްލާމީ އެކި މަޒްހަބުތަކުގެ މީހުން އަޅުކަންކުރަން ގޮސް އުޅޭ ތަނެކެވެ. އެތަން ބެލުމަށް ފަހު އަވަސްކޮށްލައިގެން އެންމެން މިސްރާބު ޖެހީ ހޮޓަލަށެވެ. އަނެއް ދުވަހު ފުރުމުގެ ކުރިން ބާޒާރުކޮށްލަން ދިއުމަށެވެ.

އަނެއް ދުވަހު ހެނދުނު ދަތުރުގެ ގިނަ ބައިވެރިން ފުރި ނަމަވެސް އަހަންނާއި ޝާކިރާއި ރިފާ މަޑުކުރީ އެވެ. ކުޑަކޮށް ރަށުތެރެ ބަލައިލާށާއި ބާޒާރުވެސް ކޮށްލުމުގެ ނިޔަތުގަ އެވެ. އެހެންވެ ބަދަލުވީ އަމިއްލައަށް ހިފި ގެސްޓް ހައުސްއަކަށެވެ. ދާދަރުގައި ހުރި ތަނެކެވެ. އެއީ ބޮމްބޭގެ އިތުރުން މުޅި އިންޑިއާގެ ވެސް ރޭލުގެ މައި މަރުކަޒެއް ހުންނަ ހިސާބެކެވެ. ވަރަށް ކާރޫބާރުބޮޑެވެ. ފިހާރަތަކާއި މަގުމަތީ ބާޒާރުތަކެވެ. ސައި ވިއްކާ ތަންތަނާއި ރެސްޓޯރެންޓްތަކެވެ. އެ ދުވަސް ވިޔަފާރިކުރުމުގައި ހޭދަކުރީމެވެ. އެރޭ ދިޔައީ ފިލްމެއް ބަލާށެވެ. މުމްބާއީގެ މަތީފަންތީގެ ވިޔަފާރި މަރުކަޒެއް ކަމަށްވާ ފީނިކްސް ހައި ސްޓްރީޓަށް ގޮސް އެތަނުގައި އަހަރެމެން އިނގިރޭސި ފިލްމެއް ބެލީމެވެ. ހިންދީ ފިލްމެއް ނުބެލީ ދެ ސަބަބަކާ ހުރެ އެވެ. އިނގިރޭސިން ސަބްޓައިޓްލްސް ނާރުވާތީ އަހަރެމެންނަށް ކިޔާނުކިޔާއެއް ނޭނގޭނެތީ އާއި ކަމުދާ ހިންދީ ފިލްމެއް ވެސް އަޅުވާފައި ނެތުމުންނެވެ.

ފަހު ދުވަހު އަހަރެމެން ހުސްކޮށްލީ ވަރަށް ޚާއްސަ މީހަކަށެވެ. މި ވާހަކަ ގެނައުން ލަސް ވެސް ވެއްޖެ އެވެ. އެއީ އިންޑިއާގައި ދިރިއުޅޭތާ 45 އަހަރުވީ ދިވެއްސެއް ކަމަށްވާ އަޙްމަދު ޕަޓޭލް އެވެ. ނުވަތަ އައްޑު އަތޮޅު މީދޫ އަހައްމައިދީ އެވެ. އުމުރުން 10 ވަރަކަށް އަހަރުގައި އިންޑިއާގެ ޖުރުރާތަށް ކިޔަވަން ދިޔަ ގޮތަށް އިންޑިއާގައި ދިރިއުޅުމެއް ބިނާކޮށްފައިވާ ކުޅަދަނާ އިންޖީނޭރެކެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރީއްސުރެ ރާއްޖޭގައި ވިޔަފާރި ވެސް ކުރެ އެވެ. ބޮމްބޭއަށް ދިއުމުގެ ކުރިން އަހަރެމެން އޮތީ އޭނާއަށް ގުޅައި ބައްދަލުވާން ރާވައިފަ އެވެ. އަހައްމައިދީ ހުރީ އަހަރެމެންނާ މެހުމާންދާރީ އަދާކުރާ ހިތުން ކެތްމަދުވެފަ އެވެ. ދަތުރުގެ މެދުތެރެއިން ވެސް އެއްރޭ ކޮފީތަޢްޓެއް ބޯލަން ބައްދަލުވީމެވެ.

ކޮންމެ އަކަސް އެ ދުވަހު އަހައްމައިދީ އަހަރެމެން އޭނާގެ ގެއަށް ގެންގޮސް ކާންދިނެވެ. ހުޅުމާލޭގައި އަހައްމައިދީ ހިންގާ ބޮންބޭ ދަރުބާރުން ލިބޭ ކެއުންތައްހައި މީރު ކެއުމެކެވެ. ތިން ވައްތަރަކަށް ކުކުޅު ހަދާފައި ހުއްޓެވެ. ދެ ވައްތަރެއްގެ ރޮއްޓެކެވެ. އެކަމަކު އަހަންނަށް އެންމެ ކަމުދިޔައީ ކުކުޅު ބަތްގަނޑެވެ.

ނަމުގެ ފަހަތަށް ޕަޓޭލް އިތުރުވެފައިވާތީ އާއި އިންޑިއާގައި އުޅޭތާ އެތައް އަހަރެއްވެފައިވާތީ އަހަރެމެން ހީކުރީ އަހައްމައިދީގެ ކިބައިން ދިވެހިވަންތަކަމެއް ނުފެންނާނެ ކަމަށެވެ. އެކަމަކު ފެނުނީ ތަފާތު މަންޒަރެކެވެ. ދިވެހި ބަހުން ފަރިތަކަމާ އެކު ވާހަކަދައްކަ އެވެ. އަހަންނަކީ އައްޑޫ މީހެއްކަން އެނގުމުން އައްޑޫ ބަހުރުވައިން ފެށިއެވެ. އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިވަންތަކަން އޭނާގެ ކިބައިގައި ވަރަށް ރަނގަޅަށް ހަރުލާފައިވެ އެވެ. އެކަމަކު ބޮންބޭ އޭނާއަށް ހަމަ ފެން ފަދަ އެވެ. އަހަރެމެންގެ އެކުވެރި ނަޢީމުގާތު އަހަންމައިދީއާ ބައްދަލުވި ވާހަކަ ބުނުމުން ބުނީ “ބޮންބޭއިން އަހަންމައިދިއަށް ނުވިކަމެއް މޯދީއަށް ވެސް ނުވާނެ” ކަމަށެވެ.

އެރޭ ވެސް ބާޒާރުކުރުމުގައި ހޭދަކުރުމަށް ފަހު އަހަރެމެން މާލެ އައުމަށް ފުރަން އެއާޕޯޓަށް ދިޔައީ ހެނދުނު 6 ގަޑި ބައިވީ ފަހުން ނެވެ. ބޮންބޭން ފުރައިގެން ބެންގަލޫރަށް ގޮސް އެތަނުގައި އަނެއްކާ ވެސް ދެ ތިން ގަޑިއިރެއް ހޭދަކުރަން ޖެހުނެވެ. އެކަމަކު އެތަނުން ވަރަށް ގިނަ ދިވެހިންނާ ބައްދަލުވި އެވެ. އެހެންވެ އެހިސާބުން ވެސް އިހުސާސްކުރެވެން ފެށީ އަމިއްލަ ގައުމަށް ދެވިއްޖެ ކަމަށެވެ. އެކަމަކު ގައުމަށް އާދެވުނު ކަމުގެ “އިހުސާސް އެންމެ ރަނގަޅަށް ކުރެވުނީ” އެއާޕޯޓުން މާލެ އައިސް ޓެކްސީއެއް ހޯދަން އުފުލަން ޖެހުނު ތުރާލާ ހެދި އެވެ.

“އިންޑިއާ އިން މާލެ އަންނަ ދޮޅު ގަޑިއިރު. އެއާޕޯޓް ފެރީ އިން ޓެކްސީ އެއް ހޯދަން ދެ ގަޑިއިރު،”

ހިތްހަމަނުޖެހިފައި ހުރެ ޓްވީޓެއްކޮށްލީމެވެ. ދެން އެންމެ ފަހުން އިތުރު ގޮތެއް ނެތިގެން، ޕިކަޕެއް ހޯދައިގެން އިތުރު އެހެން މީހަކާ ވެސް އެކު، އެއަށް ދަބަހާއި ފޮށިގަނޑު އަރުވައިގެން ގެޔާ ދިމާއަށް މިސްރާބު ޖެހީ އެވެ.

________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
5 Comments
  1. އަލީ ޙުސައިން

    މުޅި ލިޔުމުގެ މަގުސޮދަކީ ވެސް ރާއްޖެ ބަދުނާމުކުރުންކަން ފަހު ޕެރެގްރާފުން އެނގެއެވެ. ބަލަ، މާލެއަކީ ޓެކްސީއެއް ބޭނުންވާ ތަނެއް ނޫން. ބޮންބޭގައި ޓެކްސީއެއްގައި ދަނީ ކިހާ ދުރުމިނަކަށް ކަން ހުންނާނީ އެނގިފައެއްނު. ދަބަސް ކޮނޑުގަ އަޅުވައިގެން ގެޔަށް ދިޔަނަމަ ވީހެއްނު. އެކަމަކު ޓެކްސީއެއް ހޯދާން ދެގަޑިއިރު ހުރި ވާހަކަ އެއީ ކަނޑައެޅިގެން ދޮގެކެވެ. ރައްޓެއްސަކަށް ގޮވަިލި ނަމަ ވެސް ސައިކަލުގަި ބަލައި އައީހެވެ. ދެ ފޮށިގަނޑަކާ ދަބަހާ ހިފައިގެން ދެވުނީހެވެ. އަނެއްކޮޅުން ޓެކްސީގެ ފެންވަރަށް ބަލާއިރު އިންޑިއާގައި ހުންނަ ޓެކްސީގެ ފެންވަރާ މިތާގެ ޓެކްސީގެ ފެންވަރާ އަޅައި ނުކީ މިތާގެ ޓެކްސީގެ ފެންވަރު ރަނގަޅުވީމައެވެ. ތިއިން މީހަކު ރާއްޖޭގެ ރަނގަޅު ވާހަކައެއް ނުލިޔާނެއެވެ. އަބަދުވެސް އުޅޭނީ ބަދުނާމުކުރާށެވެ. މިހާރު މިސައިޓް ވެސް މިހާރަށް ވެ ނިމުނީހެއްްޔެވެ؟ މި ކޮމެންޓް ނުޖެހިޔަސް ހަމަގައިމުވެސް ކިޔާނެތާއެވެ.

    (0)(2)
  2. ދަރިވަރު

    ރަނގަޅު ވާހަކައެއް ނުލިޔާނެއޭ ބުނާކަށް ނެތީމެވެ. އެކަމަކު، އަޅުގަނޑަށް ފާހަގަކޮށްލެވުނު އެއް ކަމެއްގެ ވާހަކަ ދަންނަވާލާނަމެވެ. ކުޑައިރުއްސުރެ، ގަވާއިދުން ހިންދީ ފިލްމު ބައްލަވާ ކަމަށް ވިދާޅުވެފައި އެބައޮވެއެވެ. ހަމައެއާއެކު، ހައި ސްޓްރީޓަށް ވަޑައިގެންފައި އެތަނުގައި އިނގިރޭސި ފިލްމެއް ބެއްލެވީ، ކަމުދާ ހިންދީ ފިލްމެއް އަޅުވާފައިނެތުމުގެ އިތުރުން، ހިންދީ ފިލްމަށް އިނގިރޭސިން ސަބްޓައިޓްލް ނާރުވާތީ،ކިޔާނުކިޔާއެއް އެނގިވަޑައިނުގަންނަވާނޭތީ ކަމަށް ވެސް ވިދާޅުވެފައި އެބައޮތެވެ. ކަމުދާ ނުދާ އެއީ އެހެން މީހަކަށް ބުނަން އެނގޭ އެއްޗަކަށް ނުވެ ހިނގައިދާނެއެވެ. ނަމަވެސް، ކުޑައިރުއްސުރެ "ގަވާއިދުކޮށް" ހިންދީ ފިލްމު ބަލަމުން އައިސް ބޮޑުވެފައި ހުރި މީހަކަށް ހިންދީ ފިލްމެއްގައި ކިޔާނުކިޔާއެއް ނޭނގޭ ކަމަށް ބުނުމަކީ އެއްވަނަ ދަރަޖައިގެ ޖޯކެއް ކަމަށް ދަންނަވަންޖެހެއެވެ. ތިޔަ ބޭފުޅުން ވިދާޅުވަނީ ކީކޭތޯއެވެ؟

    (1)(1)
  3. ލުގްމާން

    ހިންދީ ފިލްމް ބަލަނީ ސަބްޓައިޓްލްއާ އެކު ކަމަށް ވަންޏާ ނޭގިދާނެ ނޫންތޯ އެބޭފުޅާއަށް ވެސް

    (0)(1)
  4. ލުގްމާން

    ހިންދީ ފިލްމް ބަލަން ވަކި ގަވާއިދެއް ނޯވެޔޭ ލިޔެފައި އެއޮތީ ނޫންތޯ. ޔައުނީ ހިންދީ ފިލްމް ބެލުމަކީ ހިންދީ އެނގެން ޖެހޭ ސަބަބެއް ނޫން.

    (0)(1)
  5. އާދައިގެމީހާ

    ރަނގަޅު ވާހަކައެއް. އަޅުގަނޑުމެން ތެރޭގައި ވެސް އެވަރެޖް މީހުންނަށްވުރެ ގަބު މީހުން ތިބެދާނެކަން ޖެހޭނީ ގަބޫލުކުރަން.

    (1)(0)
Leave Comment