އެއް ހާސް އަހަރު (ނުވަ ވަނަ ބައި)

ކިޔާފައިވާ ޢަދަދު: 2953
އަޙުމަދު ރަޝީދު، ރިކާޒް، ލ. ފޮނަދޫ
(10 ޖޫން 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ކޮންތާކަށް އަހަރެން ތި ގެންދަނީ؟” މާނޭވާ ލަމުން ބިޝާރާ ސުވާލުކުރިއެވެ. ޔަރަސް އަޅާވެސް ނުލައެވެ. ރުއްގަނޑުތެރެއިން ބިޝާރާ ދަމަމުން ދިޔައީ ރުއްގަނޑުތެރެއިން ގަމުގެ މުުކުރިމަގާ ވީކޮޅަށެވެ. ވަކި ހިސާބަކަށް ދެވުމުން މަޑުކޮށްލިއެވެ. ފަސްއެނބުރި ބިޝާރާއަށް ބަލައިލިއެވެ. ބިޝާރާ މާނޭވާ ލަމުން ދިޔައެވެ.

“ޕްލީޒް ބުނެބަލަ އަހަރެން ތި ގެންދާ ތަނެއް؟” ކުރިއަށްވުރެން ބޮޑަށް މާނޭވާލަމުން އަނެއްކާ ވެސް ބިޝާރާ ސުވާލުކުރިއެވެ.

ދިޔަރެސް (21)

ކިޔާފައިވާ ޢަދަދު: 3942
މޫސާ ޞާޢިދު
(9 ޖޫން 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ވަސީމް އޭނާގެ ރަޙްމަތްތެރިޔާ ޢަލިމަނިކާއެކު އައިސް އެތަނަށް ވަނީ ޑޮކްޓަރުވެސް އިތުރަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރުމަށް އަސްޢަދަށް ބާރުލައިދީފައި ދިޔަތަނާހެނެވެ. ޢަލިމަނިކު ފެނުމާއެކު، ސުދާ ތުރުތުރުއަޅައިގަތެވެ. އޭނާ އަވަސްއަވަހަށް އެތަނުން ދުރަށް ޖެހިލިއެވެ. ޢަލިމަނިކަށް އޭނާގެ ވަސް އިޙްސާސް ނުކުރެވޭނެހާ ދުރަށެވެ.
އެތާ ނުހުރެ ތެޅިތެޅި އޮތް ހިތަކާއެކު ސުދާ ދިޔައީ ގެޔަށެވެ. ޢަލިމަނިކަށް ނުފެންނާނެހެން މަންމަ ވެސް ގޮވައިގެނެވެ. އޭރު ވެސް ހޮސްޕިޓަލްގައި ވަރަށްގިނަ އެހީތެރިން އަސްޢަދަށް އެހީތެރިވުމަށްޓަކައި ތިއްބެވެ.

ހަނދުމަވަނީ (1)

ކިޔާފައިވާ ޢަދަދު: 2692
އަޙްމަދު ރަޝީދު، ރިކާޒު، ލ. ފޮނަދޫ


ފެށުން

ހަނދުމަވަނީ’ މިއީ ޚިޔާލީ ވާހަކައެކެވެ. މި ވާހަކައިގައިވާ މީހުންނާއި، އެންމެހައި ޙާދިސާތަކާއި، ކަންކަމަކީ ޚިޔާލަށް އުފައްދާފައިވާ މީހުންނާއި، ކަންކަމާއި، ޙާދިސާއެވެ. މިއިން މީހަކާއި މިހާރު ދިރިހުރި ނުވަތަ ކުރިން ދިރިއުޅުނު މީހަކާ ނުވަތަ ޙާދިސާއަކާ ގުޅުމެއް ވާނަމަ، އަދި މީގައިވާ އެއްވެސް ކަމަކާއި މިހާރު ހިނގަމުންދާ ނުވަތަ ހިނގާފައިވާ ކަމަކާ ގުޅުމެއް ވާނަމަ ވެސް އެއީ އިއްތިފާޤުން ދިމާވެފައިވާ ގޮތެކެވެ.


މި ވާހަކަ ލިޔުމުގައި، އުރުދޫ ބަހުން ލިޔެފައިވާ ވާހަކައެއްގެ ޚިޔާލާއި، ބައެއް އިނގިރޭސި ފިލްމުތަކުން ނަގައިފައިވާ ޚިޔާލުތައް ހުންނާނެއެވެ.

ސާހިބާ (18)

ކިޔާފައިވާ ޢަދަދު: 3823
ފާޠިމަތު ނަހުލާ
(8 ޖޫން 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

މީނާ ތެދުވެ އެނދުގައި އިށީނދެލިއެވެ.އޭނާއަށް މިހާރު ޝަހުދު ދެކެ އެލޯބިވަނީ ކެތްނުކުރެވޭ ވަރަށެވެ. އެހެން ނަމަވެސް ޝަހުދަކަށް އެކަމެއް ނޭނގެއެވެ. ކިތަންމެ ދުވަހެއް ވިޔަސް، ނުބުނަނީހެއް ޝަހުދަކަށް އެކަމެއް ނޭނގޭނެއެވެ. މީނާ އެނދުން ތެދުވެއްޖެއެވެ. އޭނާ ބޭނުންވަނީ ޝަހުދު ގާތަށް ދާށެވެ. އެކަނިވެރި ވަގުތުތައް ޙިއްޞާކުރާނެ މީހަކު ޝަހުދުވެސް ބޭނުންވާނެއެވެ.

އަވަލައިގެން އައި ކަޅުކުކުޅު

ކިޔާފައިވާ ޢަދަދު: 4209

ގަބޫލުކުރަންދަތި ކުރީގެ ވާހަކަ ތަކުގެ ތެރެއިން….

އަވަލައިގެން އައި ކަޅުކުކުޅު

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

ޖިންނި އަވަލުމަކީ ވަރަށްކުރީއްސުރެ ވަމުން އަންނަ ކަމެއްކަމުގައި ގަބޫލުކުރެވި  ތަފާތު އެތަކެއް މީހުން އެކިވަކި ގޮތަށް އެފަދަ ވާހަކަތައް ކިޔައިދެމުން އަންނަ، އަދި މިހާރުވެސް އެފަދަ ވާހަކަތައް ދެކެވޭ ކަމެކެވެ. ސަބަބާއި ދޭތެރޭ ވެސް ތަފާތު ވާހަކަތަކެއް ދެކެއެވެ.  އެކަމުގެ ހަގީގީ ސަބަބު ތަކާއި  ސިއްރުތައް ނޭނގުމުގެ ތެރޭގައިވާ ކަމަށް ބޮޑަށް ގަބޫލުކުރަން ޖެހޭ ކަމެކެވެ. މިފަދަ އަވަލުން ނުވަތަ އަޅައިގަތުން އެކި ފަހަރު އެކި މީހުންނަށް ދިމާވެފައި ހުރިކަމަށް ކިޔައިދެނީ ވެސް ތަފާތު ގޮތްގޮތަށެވެ. ކުރާ/ ކުރެވޭ ކަމެއްގެ ސަބަބުން އެފަދަ އެއްޗަކަށް ކޮންމެވެސް ގޯނާއެއްވެ އުނދަގުލެއްވެގެން އަޅައިގަންނަނީކަމުގައި ބުނެވޭލެއް ތަންކޮޅެއް ގިނަކަމުގައި ފެނެއެވެ. އަނެއް ބަޔަކު ބުނެދޭގޮތުގައި އެއީ ކޮންމެހެން އެކަހަލަކަމެއް ވެގެންވާ ކަމެއްނޫނެވެ. އެއެއްޗެހީގެ ތެރޭގައި ވެސް ހިފިނުހުރެގެން އުޅޭ، ހަމައެއްލަމައެއް ނުގެންގުޅޭ އެއްޗެހި އުޅޭތީ އެ ފަދަ ތަކެތި ހަމަ، އެއްވެސް ކަމަކާނުލައި ވެސް އަޅައިގަނެގެން އުނދަގޫކުރާން ފަށައެވެ.

ކުދިވާހަކަ (52)

ކިޔާފައިވާ ޢަދަދު: 4468

އެތަނާއި މިތަނުން

ކުދިވާހަކަ (52)

ދަރަނިތައް ހަނދާން ނައްތައިލުން

ޢައްބާސް އިބްރާހީމް

ސިކަންދަރުލޯދީގެ ވެރިކަމުގެ ދުވަސްވަރުގައި ވަރަށް މަޝްހޫރު އަޅުވެރިޔަކު އުޅުނެވެ. އޭނާގެ ނަމަކީ ޒައިނުއްދީނެވެ. އޭނާގެ ޒުވާން ދުވަސްވަރުގައި ޒައިނުއްދީނަކީ ވަރަށް މުއްސަނދި އަދި ތިޔާގި ދިރިއުޅުމެއް އުޅުނު މީހެކެވެ. އަދި ނުހަނު ދީލަތި މީހެއްވެސްމެއެވެ. ދުވަސްތައް ފާއިތުވަމުންގޮސް މިހާތަނަށް އައިއިރު އޭނާވަނީ އަތްމަތި ހުސްވެ ވަރަށްބޮޑަށް ފަގީރުވެފައެވެ. ނަމަވެސް އޭނާގެ ދީލަތިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (27)

ކިޔާފައިވާ ޢަދަދު: 3266
ޢަލީ ޝަރީފު، ހ. ފިލިގަސްދޮށުގެ
(4 ޖޫން 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ބްރައިނީ އަސަރުން ފުރިފައިވާ ގޮތެއްގައި އަހައިލިއެވެ. “ބޮޑުދައިތާއެވެ! އޭނާއަކަށް ނުރައްކަލެއް ނުވާނެ ހެއްޔެވެ؟ މަރެއް ނުވާނެ ދޯއެވެ؟”
ބޮޑުދައިތަގެ އޯގާވެރި ނަސޭހަތާއި އުއްމީދުގެ ވާހަކަތައް އިިވެމުން ދިޔަ ހިނދު ބޮލުގެ އިޝާރަތުން ބްރައިނީ ގެންދިޔައީ ޖަވާބުދެމުންނެވެ.
“އަހަރެމެން އީމާންވާންވީ މާތް ރަސްކަލާންގެ ކުރައްވާނޭ ހެޔޮ މިންވަރަކަށެވެ. އިރާދަކުރެއްވިއްޔާ އޭނާގެ ދެފައިން ހިނގައިލައިފައި އަންނާނޭ ދުވަސް ދައްކަވާނެއެވެ.” ބޮޑުދައިތަގެ ވާހަކަ ނިންމައިލަމުން ބުންޏެވެ.

ދިޔަރެސް (20)

ކިޔާފައިވާ ޢަދަދު: 4083
މޫސާ ޞާޢިދު
(2 ޖޫން 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ސުދާ ނިކަން ބާރަށް ހިނގާފައި ގޮސް ޢަލިމަނިކު ހުރަސް ކުރިއެވެ. ޢަލިމަނިކަށް އޭނާގެ މޫނު ނުފެންނާނެހެނެވެ.
ނަމަވެސް، އެވަގުތު ޢަލިމަނިކަށް އޭނާގެ މޫނު ފެނުނެވެ. އިންތިހާއަށް ހާސްވުމުގެ ސަބަބުން ރަތްވެފައިވާ ސުދާގެ މޫނުމަތިން އާދަޔާ ޚިލާފު އެތައް ކަމެއް އޭނާއަށް ފާހަގަކުރެވުނެވެ. އެހެންކަމުން، ދެވަނަފަހަރަށް އެ މޫނު ދުށުމަށް އޭނާ ބޭނުންވިއެވެ. ހަތަރުކަޅި ހަމަކޮށް ސީދާ ސުދާގެ ލޮލަށް ބަލައި، އެ ލޮލުގެ ތެރޭން ކަންތައްތަކެއް ދެނެގަންނާން އޭނާ ބޭނުންވެއެވެ. އެހެންކަމުން، ސުދާ ދިޔަ ފަސް ވެސް އޭނާ ނިކަން ރަނގަޅަށް ބެއްޔެވެ.

ސާހިބާ (17)

ކިޔާފައިވާ ޢަދަދު: 3977
ފާޠިމަތު ނަހުލާ
(1 ޖޫން 2014 (އާދީއްތަ) ދުވަހު ޝާއިޢު ކުރި ބަޔާ ގުޅޭ)
“މީނާ……!” ޝަހުދަށް މަޑުމަޑުން ބުނެލެވުނެވެ. އޭނާހުރީ ޤަބޫލުކުރަން ދަތިވެފައެވެ.
“މީނާ…..އާދޭ އެތެރެއަށް…..” ބުނާނޭ އެއްޗެއް ނޭނގިފައި ހުރި ޝަހުދު ވަރަށް އާދައިގެ ގޮތަކަށް ބުނަން މަސައްކަތް ކުރިއެވެ. މީނާ މަޑުމަޑުން ކުރިއަށް ހިނގާފައި ގޮސް ކޮޓަރީގައި ހުރި ސޯފާގައި އިށީނެވެ. ކުރިމަތިން ހުރި ސޯފާގައި ޝަހުދު އިށީނެވެ. އޭނާއަށް ހަމަ މީނާއާ ދިމާއަށް ބެލެނީއެވެ. މިއަދު އެފެންނަނީ މީނާގެ ޙަޤީޤީ ރީތިކަމެވެ. މީނާގެ ޅަކަމާއި މަޢުޞޫމްކަން އަދި އޭނާގެ އަންހެންވަންތަކަން މިއަދު އެބަ ފާޅުވެއެވެ.

ބައިވެރިޔާ

ކިޔާފައިވާ ޢަދަދު: 2741
އިބްރާހީމް ޙުސައިން މަނިކު

“ބަލަ އިސްހާގު އަދިވެސް އަބައުޅެމު ދޯ. އަހަރެން ހީކުރީ މަސައްކަތް މުޅީން ނިންމާލައިފައި ދަޅަމަތީ ގެއަށް ހިނގައިދާނެ ކަމަށް.” ނިޝްތާ ބުންޏެވެ.  
 “ދާންވީ މަގުން ދިޔަ ނަމަ! ދެނަމާދު ވަގުތު ނުވަން ނަމަ! ދިޔަ ގޮތުން ލަސްވާ ގޮތް ވީ. މި ނަންގަންނަނީ އަޅުގަނޑުގެ ބައިވެރިއެއް އަތުން ވަށް ހޮޅިބުރިއެއް ވެއްޓި ތެޅުނު ވާހަކަ. ބުޑުގަނޑު ފަންގިފިލާގައި ހަރުކޮށް ހޮޅިބުރި އަޅުވަން އުޅުމުގެ ތެރޭގައި އަތުން ދޫވީ ” އިސްހާގު ބުންޏެވެ. އޭނާ ނިކުމެގެން އައީ ފުރާޅާއި މުއްޓާއި ކުލައާއި އަލި އައުކުރި ކޮޓަރިންނެވެ. އަލަށްލީ ކުލައިގެ ވަސްގަނޑު ބޮލަށް އެރުމުން ވަސް އަވަހަށް ފިލުވާލުމަށްޓަކައި ދޮރުތައް ހުޅުވައި އަޅައިލައިފައި ބޭރަށް ރޭގެ ތާޒާ ވައި ތެރެޔަށް ނިކުތީއެވެ. އޭނާގެ އަތުގައި މެދުމިނުގެ ބޮޑު ސިޓީއުރައެއްގެ ތެރޭގައި ކޮންމެސް އެއްޗެއް ބަންދުކޮށްލައިފައި އޮތެވެ.
   އިސްހާގު ފެނުމާއެކު ނިޝްތާގެ ލޮލަށް ހިނިތުންވުމެއް ވެރިވިކަން އިސްހާގަށް ފާހަގަކުރެވުނެވެ. ކައިރީގައި ހުރި ބިނާތަކުން މިތާ މަތިގެޔަށް ފޫދިފައި ހުރި އަލިފަނޑުކަމާ އެކު ވެސް ދެމީހުންގެ ދެމެދުގައި ވިއްސަކަށް ފޫޓުގެ ދުރުމިން ހުރުމާ އެކު ވެސް އިސްހާގަށް އެ ހިނިތުންވުން ނަގައިގަނެވުނެވެ. ހަމަ ލޮލަށް ވުރެ ބޮޑަށް ހިތުގެ ލޮލަށެވެ. ރަހުމަތުގެ ހިނިތުންވުމެއް ބާވައެވެ. ނުވަތަ އިއްތިފާގަކާ ގުޅިފައިވި ހިނިތުންވުމެއް ބާވައެވެ. އިއްތިފާގަކީ ހީނުކޮށް ހުއްޓާ ދިމާވުމެވެ. އިސްހާގު ނިންމީ އެގޮތަށެވެ. ނިޝްތާ އާ ދިމާ ނުވާތާ ދެ ދުވަސްވީއެވެ. އެ ދެ ދުވަސް އިސްހާގަށް ވެފައި އޮތީ ފުނަ ނެތް ބެރަކަށެވެ.
   “ބުޅި ކެނޑޭނީ ކެޔޮޅުން އަތުން.” އިސްހާގު މޫނުގައި ދެލޯވިއްދައިގެން ހުރެ ނިޝްތާ އަހައިލިއެވެ.     “ކީއްވެ ހޮޅިބުރި ތެޅުނު ވާހަކަ ގޭގައި ބުނެގެން އަހަންނަށް ނޭންގީ؟”
   “ހޮޅިބުރިއެއް ގަންނަން ފޮނުވައިގެން މިހުންނަނީ. ވެއްޓިއްޖެ ނަމަ ނުތެޅޭނޭ ހޮޅި ބުރިއެއް ނޫން. ނުވެއްޓޭ ނަމަ ގައިމު ވެސް ގިނަ ދުވަހަށް ހުންނާނޭ ހޮޅިބުރިއެއް. ވަކި މަރުކާއެއްގެ ހޮޅިބުރިއެއް ބޭނުންވާތީ އަދި އެއީ ބާޒާރުގައި ތަދު އަގުހުރި ބާވަތަކަށް ވެސް ވާތީ ފަސޭހައިން ނުފެނިގެން ކަންނޭނގެ ލަސްވަނީ. އަޅުގަނޑުގެ ބައިވެރިއެއްގެ އަތުން ލިބޭ ގެއްލުމުގެ ޒިންމާ އުފުލާނީ އަޅުގަނޑު. މިރޭ ތަން މުޅިން ނިންމާ ތަން ހަވާލުކުރާނެ ކަމަށް ނަންގެންފައި އޮންނާނީ. އެގޮތަށް އެކަން ކުރާނަން. ބޮޑެތި ކަންތައްތައް އެހެރީ ކޮށް ނިމިފައި”
   “ތިޔައީ ގޮތެއް ހުންނަ އިންސާނެއް ކަން މަށަށްވެސް އެނގޭ. އެހެންވެގެން ކަންނޭނގެ މަށަށް އިސްހާގު އެހައި ކަމުދިޔައީ. އަދި އިސްހާގު މިގޭ އާބާތުރަފިލުވުމަށް މަތިކުރި މީހާ ވެސް އެހައިވަރަކަށް އިސްހާގު ނަންކުރީ. އެހެން މަސައްކަތްތެރީން ވެސް އިސްހާގުގެ އުސޫލު ގެންގުޅޭ ނަމަ. އަދި ބުނާ ދުވަހަށް މަސައްކަތް ނިންމަން ގަދައަޅާ ނަމަ!”
   “އެހެން މީހުންނާ ދޭތެރޭ އެއްޗެއް ނަންގަންނާކަށް ނޭނގެ. އަޅުގަނޑު ނަންގަތީ އަޅުގަނޑާއި އަޅުގަނޑުގެ ބައިވެރީންގެ ވާހަކަ”
   ނިޝްތާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ހިތުގައި ޖެހުނެވެ. އިސްހާގު އޭނަޔާއެކު މަސައްކަތްކުރާ މީހުންނަށް ނިސްބަތް ކުރާއިރު އެއްފަހަރު ވެސް މުއައްޒިފުންނެކޭ ނުކިޔައެވެ.  އަބަދު ވެސް ކިޔާ އުޅެނީ އޭނާގެ ބައިވެރިންނޭއެވެ. އޭނާ މަސައްކަތެއްކުރަން ގޮސް އުޅުނު ރަށަކުން އެއްރޭ ފެނި މަންޖޯޅި ޖެހިގެން އަނެއްރޭ އިން ޒުވާން ޕަރީ ތިން އަހަރު އެކުގައި އުޅުމަށް ފަހު އިންޒާރެއް އިޝާރާތެއް ނެތި ކަސްމަތިންދީފައި ގޮސް އޭނާގެ ޒުވާން “ބައިވެރިޔަކާ” ގުޅުނީ “ބައިދީ” ގޮވުމަކީ ފަހެ އިސްތިރިއަކަށް ވާތީ ބާވައެވެ.
   ކޮންމެއަކަސް އިސްހާގުގެ  “ބައިވެރިޔާ” ނިޝްތާ  އަށް ވީ ވަރަށް ރީތި ބަހަކަށެވެ. އަދި އިސްހާގު އެބަސް ބުނެލައި އުޅޭ ހަންހާރަވެތި ރާގު ވެސް ނިޝްތާ އަށް ރީއްޗެވެ. މަޖާވެގެން ހުރެ ހިތާ ހިތާ ކިޔައިލެވުނެވެ. ބައިވެރިޔާ! ބައިވެރިޔާ! ބައިވެރިޔާ! އިސްހާގުގެ ރާގުގައި އައިބައިފިއްޔަށް ދަމައިލައިފައެވެ. އެދޮންމަތީގައި މެ އިސްހާގަށް ބަލައިލައިފައި ބުނެވުނެވެ.   
   “އަޅުގަނޑޭ ނުކިޔާ ބަލަ. މަށާ ވާހަކަ ދައްކަން އާދައިގެ ބަހުރުވަ ފުދޭނެ. ރޭގަނޑު ކައިފިންތަ؟”
   “ކާން ދާންވެފައި މިހިރީ. ކާނީ ކުދީންނާއެކު. ރަށުގައި ހުރި ނަމަ ކޮންމެ އިރެއްގެ ވެސް އާދަ”
   “ކޮންމެ ބައްޕައެއް ވެސް ތިޔަ އާދަ ގެންގުޅޭ ނަމަ. ބޯނެ ފިނި އެއްޗެއް ގެނެސްދެންތަ؟”
   “އެންމެ ރަނގަޅު” ކަމަށް ބުނެ އިސްހާގު ބޯޖައިލިއެވެ.
   ނިޝްތާ ޖީބުން ފޯނު ނަގައިފައި ތިރިޔަށް އެންގީ ދެތަށި ޖޫސް މައްޗަށް ގެނައުމަށެވެ. ދެން މަތިގޭ އަނެއްފަރާތުގައި ހުރި ތިން ޖޯލި ނިތުން ދައްކާލައިފައި ބުންޏެވެ. “ތިޔަ ހޮޅިބުރިއެއް އަންނަން ވަގުތު ނަގައިފާނެ. ހާސް ވެގެން ނޫޅެ ހިނގާ ޖައްސާލަން. ވަރުބަލިފިލުވާލާ ވައްޖައްސާލާ ހަދަން މަތިގެޔަށް އަރާ މިހިރީ”
   ނިޝްތާ ގޮސް ޖައްސާލީ ތިން ޖޯލިން މެދު ޖޯލީގައެވެ. އެއީ އެއް ދުވަހަކު ނިޝްތާ އަށް އިސްހާގު އަމިއްލަ އަތުން ވަރަށް ރީތިކޮށް ވަރަށް ފަށުއިކޮށް ހަދައި ގަތައިދީފައި ހުރި ތިން ޖޯއްޔެވެ. އޮނިގަނޑު ހެދީ ދަބަރު ނުޖަހާނޭ ހިމަ ދަގަނޑު ހޮޅިންނެވެ. ދާގަނޑު ގެތީ ކަފާސް ވެގެން ނުދާނޭ ނައިލޯނު ނަނުންނެވެ. ވަރުބަލި ފިލުވާލަން ވައިޖައްސާލަން ތިބެން ރަނގަޅުވާނެ ނޫންހޭ ބުނެފައެވެ. ނިޝްތާ މިރޭ ބަސް މިބުނީ އެބަހަށް ކަންނޭނގެއެވެ. ވާހަކައިގެ ތެރޭގައި ވަރަށް ގުޅޭ ގޮތެއްގައި ދުރު ދުރުން މިޒާތުގެ ކަތިބަސް ދޫކޮށްލަން ނިޝްތާ ވަރަށް ކުޅަދާނައެވެ. ނިޝްތާގެ ލަތީފީ ޒާތާއި ބަސްމަގުގައި އެހުންނަ ދަމާބާރަކުން ތާސީރަކުން ނޫންކަމެއް ވެސް ނޭނގެއެވެ. ކުޑަ ދަރިފުޅު ބޮލަށްޖަހައިފައި ސިތާރާ ވަކިވެގެން ދިޔަފަހުން އަމިއްލަ ގެޔަށް ގޮސް ވަންނަ ކޮންމެ ފަހަރަކު އިސްހާގަކީ ވެއްޓި ތެޅި ކުދިކުދިވެ އެތިކޮޅުތައް ބުރައިގެން ގޮސްފައިވާ އިންސާނެއްކަން އިހުސާސްކުރެވޭ ނަމަ މިގޭގައި ނިޝްތާގެ ހާޒިރުގައި އެތިކޮޅުތައް އެއްވެ އެކައްޗަކަށްވެ މީހާ ފުރާ ފުރިހަމަވެއެވެ. ނަފުސުގެ އަގު އުފުލި އިތުބާރު އާވެއެވެ. ނިޝްތާގެ  އުފާވެރި މިޒާޖުން އިސްހާގުގެ މިޒާޖު ދިއްލި ދޫ ވީއްލި މީހާ މުޅިން އެހެން މީހަކަށްވާ ކަހަލައެވެ. އެކަމަކު މިގޮތަށް ނިޝްތާއާ ބައްދަލުވެ އަނގަތަޅައިލަން ލިބޭ މީ އެންމެ ފަހު ފުރުސަތުކަން ނޭނގެއެވެ. މިރޭ މަސައްކަތުން އަތްދޮވެލައި ތަން ހަވާލުކުރުމަށް ފަހު ވަކިވެގެން ދެން ކޮންމެ މީހަކު ވެސް އެމީހަކު ދާ ކޮޅަކަށް ދާނީއެވެ. ދިގު ރާސްތާއެއް ކަޑައްތުކުރުމުގެ ތެރޭގައި ހަނި ހަނި ފާލަމެއް މަތިން ދިމާވެ މަގުގެ ޚަބަރު ދަބަރު ބަދަލު ކުރުމަށްފަހު ދެކޮޅަށް ގޮސް އޮބައިލާ ދެ ދަތުރުވެރީން ފަދައިންނެވެ.
   އިސްހާގު ނިޝްތާގެ ދެފަރާތުގައި ހުރި ދެ ޖޯއްޔަށް ބަލައިލިއެވެ. ކޮންމެ ފަރާތެއްގައި އިށީނަސް އިނދެވެން އޮތީ  ނިޝްތާއާ ޖެހިގެންނެވެ. ދުރުކަމެއް ނެތިއެވެ. އިސްހާގަކީ ވާތްތެރިއަކަށްވުމާ އެކު ވެސް  ޚިޔާރުކުރީ ނިޝްތާގެ ކަނާތަށްހުރި ޖޯއްޔެވެ. އުޑުމަތި ބަލަހައްޓައިގެން އޮވެފައި ނިޝްތާ އަހައިލިއެވެ.
   “ތަރިތައް ފެންނަން ހުއްޓަސް އުޑުމަތީން ފޫހިކަމެއް ނުފެނޭތަ؟”
   “ހަނދު އެރުމުން ފޫހިކަން ފިލައިދާނެ. މީ ސަތާރަ ވިލޭރޭ. ހަނދު ނާރާ ނަމަ ހަނދު އަރަން މިހާރު ހުންނާނީ ދޮންކޮށްފައި” އިސްހާގު އޮތް ތަނުން ކުޑަކޮށް ތެދުވެލައި އިރުމަތި ފަރާތަށް ބަލައިލަން ކަމަށް ކަރު އަނބުރާލިއެވެ. ޖެހިގެން ހުރި އުސް އިމާރާތުން އިރުމަތި ފަރާތު އުދަރެސް ނިވާވެފައި ވާކަން ވިސްނުނީ އެ ދަނޑިވަޅުގައެވެ. ހަމަ އެފަދައިން އަނެއް ފަރާތަށް ހުރި އުސް އިމާރާތުން ހުޅަނގު ފަރާތު އުދަރެސް  ވަނީ ނިވާވެފައެވެ. ދެއަތަށް އުސް ދެ ބިނާ ހުރި އިރު މިގެ ހީވަނީ ދެކުންނުގެ އުނގުގައި ވެޔޮތަކާއި ގަސްމުށިތަކުން ލައިވަށައިލެވިފައި އޮތް ގެއެއް ހެންނެވެ. ދެ އަތުން ދެ މޫސުމުގައި އަންނަ ގަދަ ވަޔާއި ވިއްސާރައިން ގެޔަށް ހިމާޔަތް ލިބިފައި ވަނީ ވަރަށް ވެސް މޮޅަށެވެ. ވައިގަދަ ރެއި ރެއި ވެސް މިތާ ބޭރުގައި ޖައްސައިލައިގެން ތިބޭކަށް މާ ދައްޗެއްނޫނެވެ. އިސްހާގު ތިރިވެލައި ޖޯލީގައި ހަމަޖެހިލިއެވެ.
   ދެމީހުންނަށް މެ ހުއްޓުމެއް އައީ މިގޭގައި ކިޔަވަން ފައިބައި އިންނަ ރީމާ ތަބަކެއްގެ ތެރޭގައި ދެ ތަށި ޖޫސް ހިފައިގެން ސިޑިން މައްޗަށް އަންނަ ތަން ފެނުމުންނެވެ. ރީމާ އެއައި ގޮތަށް އައިސް ދެމީހުން ކުރިމައްޗަށް އަދަބުވެރިކަމާ އެކު ހުއްޓިފައި ކޮންމެ މީހަކަށް ތައްޓެއް ފޯރުވައިލިއެވެ. ތަށީގައި ހިފަމުން ޝުކުރު އަދާކޮށްފައި ނިޝްތާ ރީމާއަށް އެންގީ ތަބަށް ތަޅުންމަތީގައި ބަހައްޓައިފައި ތިރިޔަށް ގޮސް ގޮނޑިސެޓުގެ ކަނުގައި ބާކީ ކުރެވިފައި ހުރި ކުޑަކުޑަ ތިރި މޭޒު ގެނެސް ދިނުމަށެވެ.
   ރީމާ އަންނަންދެން ދެމީހުން މޫސުމާ ގުޅޭގޮތުން ކުދި ކުދި ވާހަކަ ދައްކަމުން ޖޫސްތަށި ފޮދު ފޮދުން ބޮއިލަ ބޮއިލައި ތިބީއެވެ. ވާހަކަ ލާހިފީ ރީމާ ކުޑަ މޭޒު ގެނެސްދީފައި ނިޝްތާ ބުނި ބުނުމަށް ތަބައް ނަގައި މޭޒުމަތީގައި ބަހައްޓައިފައި ދިޔައިމައެވެ. އިސްހާގު އަތުގައި އޮތް ސިޓީއުރަ، އަތް މުނިމުނިކަވާ ކަހަލަ ގޮތަކަށް އެއް އަތުން އަނެއް އަތަށް ފުށުން ޖަހައިލަ ޖަހައިލާ އިންތަން ފެނިގެން ނިޝްތާ އަހައިލިއެވެ.
   ” އަތުން ދޫނުކޮށްލެވިގެން މިރޭ ތިޔަ އުޅެނީ ކޯއްޗެއް؟”
   ” މީ އިހުގެ ހިންދީ ފިލްމެއްގެ ވީޑިއޯ. ފިލްމަކީ “ވަގުތު”. ރައްޓެއްސަކު ހިންގާ ވީޑިއޯ ފިހާރަ އަކަށް ހަވީރު ގޮސް ވަދެލި ތަނުން މި ވީޑިއޯ ލޮލުގައި އަޅައިގަތުމުން އަލުން ބަލައިލާ ހިތް ވެގެން ގެންދަނީ”
   ” މާ ޚާއްސަ ފިލްމަކީތަ؟”
   “އެހެން މީހަކަށް ޚާއްސަ ނުވެދާނެ. އަހަރެމެންނަށް ވަރަށް ޚާއްސަ ފިލްމެއް. ޚާއްސަވީ ފިލްމުގައި ހިމެނޭ ރީތި ލަވައެއްގެ ސަބަބުން. އަދި ފިލްމުގައި ބަލްރާޖު ސާނީ މުހިންމު ބައެއް ކުޅޭތީ”
   “ސާނީ؟ އަހާ އުޅޭ ނަމެއް ނޫން.” ނިޝްތާ ބޯހޫރައިގެންފައި ބުންޏެވެ.
   އިސްހާގު ކިޔައިދިން ގޮތުގައި ސާނީ އަކީ އިލްމުވެރި އިހުގެ މޮޅު ފިލްމީ ތަރިއެކެވެ. މިހާރުގެ ތަރީން ތެރޭގައި ވެސް  ބޮޑުތަރި ފަދައިން ފާޅުވެ ފިޔަޖަހާނޭ ތަރިއެކެވެ. އިސްހާގު ބައްޕަޔަށް ދެވަނައެއް ނެތް ފަދަ ތަރިއެކެވެ. ގޮތްގަނޑު ދެއްކުމެއް ނެތް ގުދުރަތީ އެކުޓަރެކެވެ.  ސާނީގެ ރަން ދުވަސްވަރަކީ ހާހާއި ނުވަސަތޭކަ ފަންސާހާއި ފަސްދޮޅަހުގެ އަހަރުތަކެވެ. މިއަހަރުތައް ފުށު އަރަނީ ބައްޕަ ދަތުރު ކުރާން އުޅުނު ބައްޕަގެ ޗާރާ ދުވަސްވަރާއެވެ. ކޮންމެ ބަނދަރަކަށް ފައިބައިފައި ވެސް ބައްޕަ އިހަށް ބަލާނީ ސާނީ އުޅޭ ފިލްމެއް ސިނަމާތަކުގައި އަޅުވައިފައި އޮތްތޯއެވެ. އޮތް ނަމަ ކޮންމެ އަގެއް ދީގެން ވެސް  ފަހަތު ބަރީން ނުވަތަ ޖެހިގެން ހުރި ބަރީން ޖާގަ ހޯދާނެއެވެ.  ދޯ ބީގާ ޒަމީން ، ސީމާ، ސޯނޭކީ ޗިޅިޔާ، ކާބުލީވާލޭ، ހަގީގަތު މީ މިގޮތުން  ކޮޅުނބުގެ ނުވަތަ ކޮއްޗޭގެ ނުވަތަ ބުންބާގެ ސިނަމާތަކުން ބައްޕަ ބެލި ބައެއް ފިލްމުތަކެވެ. ކޮންމެ ފިލްމެއް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބެލިއެވެ.  “ވަގުތު” ފަސް ފަހަރު ބެލިއެވެ. ބެލީ މާލެއިން އޮލިމްޕަހުންނެވެ. ދަތުރުކުރުން ހުއްޓާލައިފައި އިސްހާގު މަންމަޔާ އިނދެގެން މާލޭގައި ދިރިއުޅެން ފެށި ފަހުންނެވެ. އިސްހާގު އުފަންވީ ވެސް އެ އަހަރު ތެރޭގައެވެ.  ‘ވަގުތުގައި’  ލާލާ ކިދަރުނާތުގެ ބައި ކުޅުނު ސާނީ ޒުވާންކަން މެދު އުޑުން ކެހިފައިވާ އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް ލޯބިން ކިޔައިދިން ލަވަޔަށް ބެރުޖެހީ ބައިވެރިޔާއެވެ. ލަވަޔަކީ މިހާރު ވެސް ދޭތެރެ ދޭތެރެއިން އިވޭ ލަވައެކެވެ. އިވިއްޖެ ނަމަ ނާރުތަކުގައި ލޭކައްކައިލާ ރީތި ލަވައެކެވެ. މިބުނާ ލަވަޔަކީ “އެމެރޭ ޒޮހޮރަ ޖަބީންއެވެ.” މަންނާޑޭ ކިޔައިފައިވާ ލަވައެކެވެ. ނިޝްތާ ވެސް ލަވަ އަހާނެ ކަންނޭނގެއެވެ.
    ލަވަވީ އިސްހާގު ބައްޕަ އަލާ ނުކެނޑުނު ލަވަޔަކަށެވެ.  މުސްކުޅިވެ ހަނދާންތައް ބަލިވީ އިރު ވެސް އެލަވައިގެ ހަނދާން ބަލިވެގެންނެއް ނުދިޔައެވެ. ލޮލުގެ ފެނުން ފުސްވީ އިރު ވެސް ދޭތެރެ ދޭތެރެއިން އެލަވައިގެ ވީޑިއޯ އަހާ ބަލާ އުޅުން ވީ ބައްޕަޔަށް މަތިވެރި މުނިފޫހި ފިލުމެއް ލިބުނު ކަމަކަށެވެ. މަރު ދުވަހަށް ދާން ދެން ވެސް މިކަން އޮތީ މިގޮތަށެވެ. އިސްހާގަށް ކަށަވަރުވާ ގޮތުގައި ބައްޕަ އެލަވަޔާ އެހައި ގަޔާވީ ހަމައެކަނި ލަވަ ބަހުރުވައިގެ ފަށުއިކަމަކުން ނޫނެވެ. ހަމައެކަނި ރާގުގެ ރީތިކަމުން މިޔުޒިކާއި ބެރުގެ ފޯރިއަކުންނެއް ވެސް ނޫނެވެ. އަދި ހަމަ އެކަނި ލަވަޔަށް ސާނީ މަންޒަރު ކުޅެލައިދިން ލާމަސީލު މޮޅުކަމުންނެއް ވެސް ނޫނެވެ. ބައްޕަ ލަވަޔާ އެހައި ގަޔާވީ މިހުރިހައި ކަމެއް ހުރުމާއެކު ޚުދު ބައްޕަގެ އަހުރަވެތި އަދި އުފާވެރި ކައިވެނީގެ ހަޔާތް ލަވަޔާއި ގުޅުވައިލެވުނުލެއް ރީތިކަމުން ތޯއްޗެކެވެ. މަންމަ ނިޔާވީ އަލަތު ކައިވެނި މަތީ ބައްޕަޔާ އެކު ސާޅީސް އަހަރުގެ ދިގު ހަޔާތެއް ވޭތުކުރި ފަހުންނެވެ. މިޒާތުގެ ކައިވެންޏަކީ އަހަރެމެން ދިވެހީންގެ ތެރޭގައި މަދު އެއްޗެކެވެ. އަމުދުން އިނދެ ވަރިކުރުން ވަކީން ގިނަ އެދުވަސްވަރުގައެވެ. އިސްހާގު ތިން ކައިވެނިކޮށް ދެބަނޑަށް ދަރީން ލިބި ތިން ވަނަ ކައިވެނި ރޫޅުމުން ވެސް ބައްޕަ ބުނި އެއްޗަކީ ” ދަރިފުޅު އަބަދު ވެސް ތި އިންނަނީ ޒަވި ޖަބީނަކާ ވިއްޔާއޭ. ނިކަން ޒޮހޮރަ ޖަބީނެއް ހޯދައިގެން ރީތި އުޅުމެއް އުޅެ ބަލާށޭ. “
   އިސްހާގުގެ ވާހަކަ ނިމުމުން ނިޝްތާ ފެށީ ހޭނށެވެ. އަދި ބުންޏެވެ. “މަށަށް ހީވަނީ ކަލޭމެން ދެބަފައިންނަކީ ވަރަށް ވެސް  އިޝްގީ ދެބަފައިން ހެން.”
   ” ކީއްތަވީ. އޭގައި ގޯހެއް އޮތީތަ؟” އިސްހާގު ރަކިވެގެން އޮވެ އަހައިލިއެވެ.
   ” ގޯހެއް ނެތް. ހަމަ ވަރަށް ރަނގަޅު ގޮތެއް. ބައިވެރިޔާ ފިޔަވައި ބައި ލިބޭ އެހެން ‘ބައިވެރިއެއް’ ނެތް ކަމަށް ދެކޭހައި ހިނދަކު. ބައިވެރި މަލަކީ ކަށި ހުރެދާނެ އެއްޗެއް ކަމަށް ބަލައިގެން އުޅޭހައި ހިނދަކު”
   ނިޝްތާގެ ވާހަކަކޮޅު އިސްހާގުގެ ހިތުގެ ތެރެއަށް ފޭދިގެން ދިއުމާއެކު ހަނދާނީ ފިކުރެއްގެ ތެރެއަށް ގެނބިފައި ހިނދުކޮޅަކު އޮތެވެ. ދެން ހިނިތުންވެލައިފައި ބުނެފިއެވެ.
   “ނިޝްތާ ވެސް ބަލައިލަން ރަނގަޅު ފިލްމެއް “ވަގުތަކީ”
   ” އަހަރެން ހިންދީ ފިލްމާ ވަރަށް ދުރުހެލި. ޚާއްސަކޮށް ނާޝިދު ނިޔާވީ ފަހުން”
    “ނާޝިދު ނިޔާވި ފަހުން އެހެން ކައިވެންޏެއްގެ ޚިޔާލެއް ނުކުރަންތަ؟”
   “ކުރަން. އެކަމަކު އަހަންނާއި ގުޅީ އަހަންނަށް ވުރެ ހަގު ބައެއް ޒުވާނުން. އަހަންނަށް ވިސްނުނު ގޮތުގައި އެމީހުން  އަހަރެން ދުށީ ރަން ބިސް އަޅާ ކުކުޅެއްގެ ގޮތުގައި”
  “އަހައިފައިވާ ގޮތުގައި ނާޝިދު ނިޔާވި ފަހުން ބައެއް ވަރަށް ރަނގަޅު މީހުންވެސް ބޭނުންވި ނިޝްތާ އަތުގައި ހިފަން- “
  “އާނ. އަދި މިގޭ ދޮށުން ބޮޑުމަސް ވެސް ތިލަވި. އެކަމަކު އަހަރެން އަމާނޯތް ގޮވަމުން ދުވެ ފިލީ. އެހެންނު! މީހުން ދައްކާނެ ފާޑު ފާޑުގެ ވާހަކަ. އަހަރެން ނާޝިދަށް ރަން ރުހޭ ބަސް އިއްވުމުން ވެސް މީހުން ކިޔާއުޅުނު އަހަރެން އެބަސް އިއްވީ ނާޝިދުގެ ގޮނޑިއާއި ގެދޮރުގެ އަވާގައޭ”
  “އެހެން ވީއިރު އެއީ ނިޝްތާ ލޯބިން ކުރި ކައިވެންޏެއްތާ؟”
  އިހަށް ލޯބިންނޭ ބުނެވޭކަށް ނެތެވެ. ފަހުން ލޯބިންނޭ ބުނާކަށް ޖެހިލުމެއް ނުވެއެވެ. ޅަފަތުގައި މައިބަފައިން ނިޔާވުމުން އުޅެން ޖެހުނީ ފަހަތު ފަޔަށް ބުރަ ކާފަޔަކާއި ދޮންމާމައެއް ގާތުގައެވެ.
ދެމީހުންނަކީ ވެސް އިހަށް ވަށި ވަށީން ހޯދި ކަނޑޫ ފަހުން ކަހައި ހިތިފިލުވާން ޖެހިފައި ތިބި ދެމީހުންނެވެ. އެކަކު މާޅަފުރައިގައި ހޯދި ކަނޑުލެވެ. އަނެކަކު މުސްކުޅި އަތަށް އެޅި ފަހުން ހޯދި ކަނޑުލެވެ. އެމީހުންގެ ހިތުގައި ކުލުނެއް ހައްދަވައިގެން ނެތް އަންހެންކުއްޖަކު ބެލުން އެމީހުންނަށް ވެފައި އޮތީ ދުއްތުރާލަކަށެވެ. “ހުރިހައި ބުރައެއް އަހަރެމެންނަށް ޖައްސާފައި ދެމަފިރީން މަރުވެގެން އެދިޔައީ ނު. މިހިރީ މަގޭ މައިން ބަފައިންނަށް ދޮންމާމަމެން ރައްދުކޮށް އުޅުނު ބަސްބަހެވެ.”
   މިފަދަ ފުރާޅެއްގެ ދަށުގައި ބޮޑުވާން ޖެހުމުން ނިޝްތާ އަށް ލޯތްބަކީ އަމުދުން ވެސް މުހިންމު އެއްޗަކަށް ވިއެވެ. ކަންމަތީފިހާރަޔަށް ނުދަރައި ވާނޭ ދިރިއުޅުމެއް އެހައިމެ މުހިންމުވިއެވެ. 
   ނާޝިދު އޭނާއަށް ވުރެ އުމުރުން ފަނަރަ އަހަރު ދޮށީ ނަމަވެސް އޭނާ އަށް ނިޝްތާ ރަން ރުހޭ ބަސް އިއްވީ އެއީ އުޅެވޭ މީހަކަށްވެފައި ފަތްފުށާއެކު ރަނގަޅަށް ދަންނަ އަބުރުވެރިއަކަށް ވާތީއެވެ. ރާޅު މުގުރާ ފުއްޓަރަކުން އޮމާން ބަނދަރަކަށް ގެންގޮސްދޭނޭ ބައިވެރިއެއް ކަމަށް ފެނުނީތީއެވެ. ވައުދުވީ ފަދައިން  ނާޝިދު އޭނާއަށް ލޯބި ދިނެވެ. ނާޝިދުގެ އުޅުންތެރި މަންމަ ނިޝްތާ އުޅުންތެރި އަކަށް ހެދިއެވެ. އޭގެ ދެމައިން ތިން އަހަރު ކުރީން ފޮއި ދުވަހެއްގެ ދެކޮޅު ނިޔާވުން ވެގެން ދިޔައީ ނިޝްތާގެ ހިޔާވަހި ދުނިޔެ ތަޅައިލި ހެވަނަ ކަމުގައެވެ. ލިބުނު ފުން ހިތާމަޔާއި ހުސްކަން ކުޑައިކުރީ  ދަރީންނަށް ދެގުނަ އިތުރަށް ލޯބި ދީގެންނެވެ. މަންމަގެ ލޯބީގެ އިތުރުން ބައްޕަގެ ލޯތްބާއި މާމަގެ ލޯތްބެވެ. މުޅި ދިރިއުޅުމަކީ ދަރީންކަމުގައި ވިއެވެ. ރޭދުވާ ކުރު ކުރީ ދަރީންގެ ޚިދުމަތުގައެވެ. ދަރީންގެ އެއްޗެހި ދޮވެ އިސްތިރިކުރުން ފައިވާން ފޮހެދިނުން ފޮތްފޮތުގައި ކަރުދާސްލުމަށް ދަންދެން ކޮށް އުޅުނީ އަމިއްލަ އަތުންނެވެ. ކާފަގޭގައި އުޅުނު އިރު އޭނާ އަށް އުނިވީ ހުރިހައި ކަމެއް އޭނާއަށް ދަރީން ލިބޭ ދުވަހަކުން އެ ދަރީންނަށް ފުރިހަމަކޮށް ދޭން ނަފުސަށް ވެގެންހުރި ވައުދު ފުއްދަމުން ގެންދިޔައީ އޭގެ އެންމެ ރުކުނެއް ވެސް ފަރަގެއް ފަސްކުރުމެއް ނެތި އަދާއަށެވެ.
   ‘ދޮންގޮއްޔެ’ ލޯބިން ކަނުވެފައިހުރި މަންމަގެ ލޯހުޅުވުނީ ދޮއްޓަށް އިން އަންހެންދަރިފުޅު ލާފުރާ ފުރިހަމަވުމަށް މެލޭކަރަޔަށް ގޮސް ހުރެފައި ފޮނުވި ސިޓީއަކާ ވިދިގެންނެވެ. ދަރިފުޅު ބުނެފައި އޮތެވެ.    “މަންމާއެވެ. ބައްޕަގެ އެކި އެކި ރައްޓެހީންގެ ވެސް އެހީއާ އެކު މަންމަ އަހަރެން ބޭރަށް ކިޔަވަން ފޮނުވުން އަހަންނަށްވީ އޭގެ ޒާތުގައި ވެސް ތައުލީމަކަށެވެ. އަދި ތަރުބިއްޔަތަކަށް މެއެވެ. އަމިއްލަ ކަންކަން އަމިއްލަޔަށް ކުރަން ދަސްވާން ފެށީ އަމިއްލަ ފިޔަފަޅައި އުދުހޭން ދަސްވީ މަންމަޔާ ވަކީން އުޅެން ފެށީމައެވެ. ކުރިން އަހަރެން ރޭނގަޑު މަންމަޔާ ނުލައި ގޭގެ ކިބަޅި ފަރާތަށް ދާން ބިރުގަނެއެވެ. މިހާރު އަހަންނަށް މަންމަޔާ ނުލައި ޖައްވަށް ދާންވެސް ދައްޗެއް ނޫނެވެ.” 
   ދަރީން އަމިއްލަ ދިރިއުޅުމަކަށް ހޭނޭނޭ ގޮތުން ބޮޑެތިކުރުމީ ކިހައި މުހިންމު ކަމެއްކަން ނިޝްތާ އަށް ވިސްނުނީ މިވާހަކަޔާ ވިދިގެންނެވެ. ހަގަށް ތިބި ދެފިރިހެން ދަރީން ދެން ބަލައި ބޮޑުކުރަމުން ދިޔައީ މި ވިސްނުމުގެ ދަށުންނެވެ. ދުވާލު ގިނައިރު އޮފީހުގައި އުޅެންޖެހިފައި ވާތީ މެންދުރަށް ކާއެތިކޮޅު ރޯފިލުވާލައި ދޭން ގެޔަށް ގެންނަ ތިމާގެ މީހެއް ފިޔަވައި ގޭގައި ބޭރު މީހުން ގެންގުޅުން ހުއްޓައިލީ ވެސް މިކަމަށް މަގު ފަހި ކުރުމުގެ ގޮތުންނެވެ. އަދި ވަޒީފާއެއް ހޯދީ ވެސް މި ގޮތުންނެވެ. ފައިސާ އަށް ބޭނުންވާތީ މެއެވެ. މީހުން ހީކުރިހެން ނާޝިދަކީ ޖަމާގައި ފައިސާތަކެއް އޮތް މީހެއް ނޫނެވެ. ރަނގަޅު އާމްދަނީއެއް ލިބެމުން އައި ނަމަވެސް އޭގެ ބޮޑު ބައެއް އޭނާ ހޭދަކޮށް އުޅުނީ އޭނާ އެބައެއް ހައްގުގައި އަޑު އުފުލައި ހެދި މީހުންގެ އެކި އެކި ބޭނުންތަކަށެވެ. އެދާއިރާގެ ބޭރުން ވެސް އެހީއަށް ބޭނުންވީ މީސް މީހުންނަށް އޭނާގެ މިންވަރުން އެހީ ފޯރުވުމަށެވެ. ޚާއްސަކޮށް ކިޔަވާކުދީންނަށެވެ. އޭނާއާއި އޭނާގެ އަނބި ދަރީން އުޅެމުން އައީ ވަރަށް ވެސް ސާދާ ދިރިއުޅުމެކެވެ. ގެދެބުރިއަށް ހުއްޓަސް މިހާރަށް މީ ދެން ހަމަ ވަރަށް އާދައިގެ ގެއެކެވެ. އާރުކާޓީ ފައިބަމުންދިޔަ މިގެއަށް މިއަދު ދިރުމާއި ވިދުން އައިސްފައިވާ ނަމަ ސިއްރަކީ އިސްހާގެވެ.
   ހީވީ އުޑުމައްޗަށް އެތައް ހަނދެއް އެއްފަހަރާ އެރިހެންނެވެ. ނިޝްތާގެ ދެވަނަ އަދި ހަގީގީ މާނަ އިސްހާގަށް ކުއްލިއަކަށް ނަގައިގަނެވުނެވެ. ކުރިން ނިޝްތާ ބުނެފައިވާ މަތި މަތީ މާނަ ފިޔަވައި އެހެން މާނައެއް ނެތް ކަމަށް ބެލި ބައެއް ބަސް ބަސް ވެސް އެއީ ދެމާނަލައި ބުނި އެއްޗެހިކަން މިހާރު ކަށަވަރުވެއްޖެއެވެ. އަދި އެއްރެއަކު ނިޝްތާ އަށް ނިސްބަތް ކޮށް ސަމާސާއެއް ކަމަށް ހަދާފައި އޮމާން އޮފު ކަޅަކީ އިސްހާގަށް އެންމެ ރީތި ކުލަވަރުކަމަށް ބުނުމުން ޖަވާބުގައި އިސްހާގަށް ނިސްބަތްކޮށް ކުރަކި ރަތް ދޮނަކީ ނިޝްތާއަށް އެންމެ ހިތްގައިމު ކުލަވަރު ކަމަށް ބުނި ބުނުމުގައި ސަމާސާއެއް ނެތްކަން ވެސް ކަށަވަރުވެއްޖެއެވެ. 
   ނިޝްތާގެ ހިތް އޭނާގެ ހަވާސާ މޫނުން ހުރީ ހާމަ ވޭވެއެވެ. އެކެއްގެ ހަޔާތުގެ ފޮތް އަނެކަކަށް ޓަކައި ހުޅުވައިލެވިފައި އޮތް އިރު ދެމެދުން އުތުރި އަރަމުންއައި ޖަޒުބާތުގެ އޮއިވަރު ދެމީހުން ހިފީ އެއް ފުޅޮޔަކަށް އެއް ހުރަޔަކަށެވެ. ވާހަކަޔަށް ފަހު ދެމެދަށް ވެރިވެފައި އޮތީ ހަނު ހިމޭންކަމެވެ. އިސްހާގުގެ ކަތިލޯ އެޅިފައި ހުރީ ނިޝްތާ އަށެވެ. 
   ކުރިން ފަހަތަށް ފުނާ އަޅައި ދަތިތަކުން ހައްޔަރު ކޮށް ފުރަގަހަށް ހުޅި ޖަހައިފައި ހުންނަ އިސްތަށިގަނޑު މިރޭ ދެފަރާތަށް ދެކޮނޑު މައްޗަށް އޮހިފައި އޮތީތީ ރޭގެ ރޯޅި އިސްތަށިގަނޑާއި ކުޅެމުން ސަމާސާކުރަމުން ދިޔައެވެ. އިސްތަށިގަޑު އެގޮތަށް ބާނި ބާންޏަށް ވީއްލި މިނިވަންވެފައި އޮތީމާ ވެސް ތޯއްޗެކެވެ. ނިޝްތާގެ މޫނު ފެންނަނީ އުމުރަށްވުރެ ޅަކޮންނެވެ. ކުޑަ ރީތި ފައިތިލައިން ކުޅެލަ ކުޅެލައި އޮތް، ވަދުގައި ރަތް ފިނިފެންމަލެއްޖެހި ފައިވާން ވެސް ކަރުވަޅުގައި ރަތް ފިނިފެންމަލެއް ޖެހި ފާސްކުރި ހެދުން ވެސް  މިކަމަށް އިތުރު ތާއީދެއް ދޭ ކަހަލައެވެ. ނަންބަރު އައިނު އެޅުމުން ގިނަ މީހުން ފެންނަނީ އުމުރަށް ވުރެ ހަރުކޮށްނެވެ. ނިޝްތާ މީ އޭގެ ދިމާ އިދިކޮޅެވެ. ސިއްރަކީ އައިނުގެ ހޯއްދުން ހެޔޮ ކަޅު ދުނިގަނޑުބާވައެވެ. އިސްހާގަށް ވުރެ ނިޝްތާ ހަގުވާނޭ މެއެވެ. އެކަމަކު އެކި ފަހަރު މަތީން ދެކެވިފައިވާ ވާހަކަތަކަށާއި ބަދަލު ކުރެވިފައިވާ ޚިޔާލުތަކަށް ބަލާއިރު އިސްހާގު ފަދަ ހިޔާބޮޑު ހޭޅިއެއްގައި އުޅެ ބޮޑުވުމުގެ ނަސީބު ލިބުނު ފިރިހެނަކަށް ވުރެ ނިޝްތާ ފަދަ ހިޔާ ހާވިޔާ ހޭޅިއެއްގައި އުޅެ ބޮޑުވި އަންހެނެއްގެ ދުނިޔަވީ ތަޖުރިބާ އާއި ބުއްދި ހީވަނީ މާ ހަރުދަނާ ހެންނެވެ. ބައިވެރީން ހޮވުމުގައި ނިޝްތާ އެހައި ބުއްދިވެރިވީ އެހަރުދަނާކަމުގެ އަލީގައި ނޫން ބާވައެވެ. ނުވަތަ އެއީ ނިޝްތާ އަށް ނުވަތަ އަންހެން ޖިންސަށް ޚާއްސަވެގެން ވާ ތޫނުފިލިކަމެއް ނޫނީ ހަރުދަނާ ކަމެއް ނޫން ބާވައެވެ.
   “އިސްހާގު ދެން މިރޭ ތިޔަ ކޮޓަރިއެއް ނިންމައި ހަވާލު ނުކުރެވިގެން ނީސްތާއްޓަށް އަރައިގެން އުޅޭނެ ކަމެއް ނެތް. އޮޑިއެއް ނިމުމަށް ފަހު ވެސް ކޮށްލަންޖެހޭ ހުރައްސާރަ ވަޑާން ހުރެދާނެ. އެކަން ކަން މާދަން ނޫން އަނެއް ދުވަހު ނޫނީ އޭގެ ފަހު ދުވަހު ނިންމިޔަސް އެންމެ ރަނގަޅު ވާނެ. މާދަމަޔަކީ ބަންދު ދުވަހަކަށްވާތީ އަހަރެމެން މިއުޅެނީ ދަތުރު ދާން. ދާނީ އޮޅަހައްޔަށް. ދާނޭ ރަށާއި ލާންޗު ހަމަޖައްސައި ދިނީ ނާޝިދު ރައްޓެހި އޮޑިވެރިއެއް. އޭނާގެ ހަމަ އެކަނި ފިކުރަކީ ލާންޗު ދުއްވާމީހާ ދާންވީ ރަށް ނުދަތުން. ރަށަށް ދާން އޮތް މަގުން ދަތުރުކޮށްފައި ނެތުން. އިއްޔެއެކޭ އެއްފަދައިން މާދަމާއަކީ ވެސް ހިނދި ދަހަނގު ދުވަހަކަށް ވެދާނޭ ކަން. ރޯ މާ ދުވާލު ލާންޗު އޮޑިދޯނި ފަހަރު މީހުން އަތުން ގިރިފަރު މުއްޔަށް އަރައިފައި ހުރިނަމަ ހުރީ މިފަދަ ދުވަސް ދުވަހު ކަން”
    ހިނދި ދުވަސް ދުވަހު ތެޔޮފާން ފެންމަތީގައި ހުންނަ ކެހިވެރި ދަޅައިގައި ގިރި ފަރު މުލި ވަކިކުރަން ދަތިވާނޭކަމާއި އަބަދުވެސް ހުންނަން ވާނީ ލޯހުޅުވައި ހަވަނަ ހިއްސަށް ބުރަވެގެންކަން މީހަކު ނުބުނެދިނަސް މާލިމީއެއްގެ ދަރިއެއްގެ ގޮތުންނާއި ދަތުރުފަތުރުގެ ތަޖުރިބާ ހުރި މީހެއްގެ ގޮތުން އިސްހާގަށް ވަނީ އެނގި ދަސްވެފައެވެ. އޭނާ ފުރަމާލެ ދަނެއެވެ. އޭނާ އޮޅަހަލި ދަނެއެވެ. މިރަށުން އެރަށަށް ދާން އޮތް މަގު ދަނެއެވެ. މަގުގައި ހުރި ފަޅު ފަޅާއި ގިރި ފަރު ދަނެއެވެ. ރަށަށް ކުރިން ވެސް ދެވިފައިވާތީ ރަށުގެ މަސައްކަތެއްގައި އުޅެވިފައިވާތީ ރަށުގެ ނެރެކޭ އެއްފަދައިން ރަށުގެ ތަންހެޔޮ ތަން ތަން ވެސް ދަނެއެވެ. އެއް ބޮލަށް އޮޔާއި ވަޔަށް ދޫކޮށް ނުލައި ދެއަތަށް ދެ ނަގިލިލައި ބޯސާޖަހައި ކަސްމަތިން ދީފައި ނުދެވޭހައި ގަދަޔަށް އޮޑިއަޅަން ޖެހެނީ މަޑުއިރުގައި ކަމަށާއި ދޮންފަޅަށް ފަނާއެއް ލައިގެން ނުހިފާނޭ ކަން ސިތާރާއާ އެކު ކުރި ދަތުރުގެ ތަޖުރިބާއިން ވަނީ ދަސްވެފައެވެ. މިވާހަކަ ކަތި ބަހުން ނިޝްތާ ގާތުގައި ބުނަން ވެސް ބުނެވިއްޖެއެވެ. ނިޝްތާ ހިނިތުންވެލިއެވެ. 
   “ދަތުރުގެ ތައްޔާރުތަކުން އަވަދިވެގެން ފެންވަރައިލައިގެން މައްޗަށް އަރައި މިހިރީ. އަނެއްކާ އޮފީހުގައި ވެސް މި ދެ ދުވަހަކު އުޅެން ޖެހުނީ އެހައިމެ ބުރަކޮށް. އިސްހާގު ވެސް މަސައްކަތް މަތިން ހަނދާން ނައްތާލައިފައި ހިނގާ ކުދީން ގޮވައިގެން އަހަރެމެންނާ އެކު ދަތުރުދާން. ފުރާނީ ހެނދުނު ހަޔެއް ޖަހައި އިރު އެއް ނަންބަރު ފާލަމުން. ބާއްޖަވެރި ވާނީ އާޖު ފާޖު ދަންނަ ބައިވެރިޔަކާ އެކު ކުރާ ދަތުރު. ނޫންތަ؟”
“އަސްލު ވެސް. މަށާއި މަގޭ ކުދީންނަށް ވެސް މިދަތުރު ވާނީ ވަރަށް އުފާވެރި ދަތުރަކަށް” އިސްހާގު ޖަވާބު ދިނީ މާނަވީ ގޮތަކަށް ނިޝްތާއަށް ބަލަހައްޓައިގެން އޮވެއެވެ. ހިންދިރުވާލައި ހޫނު ނޭވާއެއްލައިފައެވެ.
   ވަގު ހިނިތުންވުމަކާ އެކު ނިޝްތާ ބަލައިލީ  މަގުގެ އެއްކައިރީގައި އިންދާފައި ހުރި ހިޔާ ބޮޑު ގަހުން ބިނދިގެން މިތާ މަތިގެޔަށް ފައިބައިފައި އޮތް ފަތްކޯޅިތަކަށާއި ވެރިފައި އޮތް މާތަކަށެވެ. ފަތްތަށް ރޮލެވެ. މާތައް ތާޒާއެވެ. އިރުއޮއްސޭހައި އިރު ނެގި ފުސްތަކުން އެރިވަޔަށް ފައިބައިފައި އޮތް މާތަކާއި ފަތްކޯޅިތަކެވެ. މިހާރު އުޑުމަތި މުޅިން ސާފެވެ. ކޮޅިވިލާތައް ކެހި ކޮޅިމޫސުން ނިމި ހުޅަނގު ވައި އެއް ވަޔަކަށްވީތާއެވެ. ކުރިޔަށް އޮތީ ވައިވެރިވެ ފެންމަތި ތެޔޮފާންވުމުގެ ބިރެއްނެތް ފަހި ދަތުރެކެވެ. ރީތި ދުވަސްތަކެވެ.
   ހޮޅިބުރި ގަންނަން ދިޔަ މީހާ ހޮޅިބުރި ގަނެގެން އަތުވެއްޖެއެވެ. ތިރިޔަށް ގެޔަށް ދަނީކަމަށް ބުނެ އިސްހާގާ ވަކިވެލަމުން ނިޝްތާ އޮތް ތަނުން ތެދުވިއެވެ. އެކެއްގެ ހިތް ނިޔަތް އޮތް ގޮތް އަނެކަކަށް އޮޅިފައިނެތް ކަން އެނގޭ މީހެއްގެ އުފަލާއި އިތުބާރާ އެކުގައެވެ. ގެނެވުނު ހަރަކާތާއެކު އަތުގައި އަޅައިފައިވާ އުޅާބަޔާއި ކަންފަތު މުދި ތެޅިލިއެވެ. އެތަކެތީގެ ފެހި ވިދުވަރު ރަށް މަތީން ދިއްލައިލި ހަނދުވަރަށް އެޅިގެން ދިޔައެވެ.  
                      
(ނިމުނީ)
 

ނޯޓު: މި ވާހަކަ ފުރަތަމަ ނިކުމެފައި ވަނީ މިދިޔަ މަހު ނިކުތް “ފަތްތޫރަ” މަޖައްލާގެ 400 ވަނަ އަދަދުގައެވެ. އެއީ 2013 ވަނަ އަހަރުގެ ޖުލައި މަހުގެ އަދަދެވެ.”ލިޔުންތެރިންގެ ވެބްސައިޓް” ގައި މި ވާހަކަ މި ޝާއިޢުކުރަނީ ވާހަކަ ފަހުން ކިޔައިލުމުން ގެންނަން ފެނުނު ބައެއް ބަދަލާއެކުގައެވެ.