ހިތްވަރު ދެއްވުމުގެ އިނާމު

ކިޔާފައިވާ ޢަދަދު: 2089
މުޙައްމަދު ޒަކަރިއްޔާ ނައިފަރު 

މިއީ، މިއަހަރުގެ ޖުމްހޫރީ ދުވަހު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން، ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތް، ޅ.ނައިފަރު، މީޒާން އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ، މީގެ 34 އަހަރު ކުރީން، 1980 ވަނަ އަހަރުގެ އޯގަސްޓް 15 ވަނަ ދުވަހުގެ “ހަވީރު” ނޫހުގައި ލިޔުއްވާފައިވާ ލިޔުމެކެވެ. މި ލިޔުން އޭނާ ލިޔުއްވާފައިވަނީ، ރާއްޖޭގައި ޞިއްޙީ ޚިދުމަތް ކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ލިބިވަޑައިގަތުމާ ގުޅިގެންނެވެ. 

އިޚުލާޞްތެރި ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 2169
 
ލިޔުންތެރީންގެ ގުޅުން

ދިވެހިރާއްޖޭގެ ލިޔުންތެރީންގެ “ޢާއިލާ”ގައި ހިމެނިވަޑައިގަންނަވާ ބޭބޭފުޅުންނަށް އަދަބިއްޔާތުގެ ދާއިރާގެ އެކި ރޮނގުރޮނގުން އެކި ޚިދުމަތަށް އިނާމުލިބިވަޑައިގެންފައިވާތީ މިދަންނަވާ ބޭފުޅުންނަށް ލިޔުންތެރީންގެ ގުޅުމުގެ ފަރާތުން ވަރަށް އުފަލާއެކު ނުހަނު އިޚުލާޞްތެރި ތަހުނިޔާއެއް އަރިސްކުރަމެވެ.

ކަތިލީ ޖުހާގެ ގެރިކަމުގައިވާ ނަމަ، ޖުހާއަށް މަސްކޮޅެއް ލިބެންވާނެއެވެ!

ކިޔާފައިވާ ޢަދަދު: 5271
އަޙްމަދް ސަމީރު ޢަލީ
ސުރުޚީއަކަށް އަޅުގަނޑު މި ޚިޔާރު ކުރީ، މެދު އިރުމަތީގައި، އަރަބީންގެ ތެރޭގައި ވަރަށް މަޝްހޫރު ހަރުބަހެކެވެ. އެމީހަކު ކުރާ މަސައްކަތެއްގެ ފޮނި މީރުކަން، ނުވަތަ އެމީހެއްގެ ގައުމު މަޝްހޫރުކަން ހޯދާފައިވާ އެއްޗެއް، ނުވަތަ ކަމެއްގެ ރާހަތެއް އެތަންތަނުގެ އާންމު ރައްޔިތުންނަށްވެސް ކުރަންވާނޭ ކަމަށް ބުނާ ބުނުމެކެވެ.
 

ދިވެހިބަހުގައި ބެލްޓު އެޅުވުން

ކިޔާފައިވާ ޢަދަދު: 452
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
1960 ގެ ކުރީކޮޅު ރާއްޖެއަށް އިނގިރޭސި ތަޢުލީމު ތަޢާރުފުވުމާއެކު، ދިވެހި ބަހަކީ މުހިއްމު ބަހެއް ނޫންކަމުގެ އިޙުސާސް ދިވެހީންގެ ހިތްތަކަށް ވެއްދޭތޯ މަސައްކަތްކުރެވިފައިވެއެވެ. މި ދުވަސްވަރު ދިވެހި ބަހަށް ދެވޭ ސަމާލުކަން ކުޑަވިއެވެ. އަދި އިނގިރޭސިބަސް އެނގުމަކީ މީހާގެ މަތިވެރިކަން ހާމަވާ ކަމެއްކަމަށް ގަބޫލުކުރެވެން ފެށުނެވެ. ދިވެހީން ދިވެހިބަސް އިހުމާޅުކޮށްލައިފި ނަމަ އެ ބަހާ އަޅައިލާނެ ބަޔަކު ނުތިބޭނެކަން އޭރަކު ވިސްނައިގަންނާކަށް ނޭނގުނެވެ. ނަތީޖާއެއްގެ ގޮތުން އެ ދުވަސްވަރު ގެޔަކަށް ނަމެއް ކިޔަސް އިނގިރޭސި ނަމެއް ކިޔުމަކީ ފަޚުރެއްކަމުގައި  ދިވެހިން ދުށްޓެވެ.

ކޮންމެއަކަސް ރާއްޖޭގައި އިނގިރޭސި ތަޢުލީމު ޢާއްމުވެ، ޒުވާނުން އިނގިރޭސި ބަހަށް އަހުލުވެރިވެ އިނގިރޭސި ބަހަށް ދޯޅު ވުމުގެ ސަބަބުން ދިވެހި ބަހުގެ ތެރެއަށް އިނގިރޭސި ބަހުގެ ނުފޫޒު ފޯރަމުން ދެއެވެ. މިހެން ދިމާވާން މެދުވެރިވި ސަބަބުތައް ބައިވަރެވެ. އިނގިރޭސި ބަހުގެ ވަސީލަތުން ތައުލީމު ޙާޞިލުކުރި ދިވެހިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލުކުރުމަށްފަހު ރާއްޖެ އައިސް ޤައުމުގައި އިސް މަޤާމުތައް އަދާކުރިއިރު އެފަދަ މީހުންނަށް ދިވެހިބަސް އެނގެނީ ކިހާ ވަރަކަށްތޯ ބަލައެއް ނުލެވުނެވެ. މިފަދަ ފަރާތްތަކަށް ދިވެހި ބަހުން ޚިޔާލާއި ޝުޢޫރު ފާޅުކުރުމަށް އުނދަގޫވެއްޖެ ހިނދު އެއީ ދިވެހިބަހުގެ ފަޤީރުކަންކަމުގައި ނިންމަން ފެށުނެވެ. އެއީ މުޖްތަމަޢުގައި އެފަދަ މީހުންގެ ބަސް ވިކެން ފެށުމުން ދިމާވި ކަމެއްކަމަށް ގަބޫލުކުރެވެ އެވެ. ނަތީޖާއެއްގެ ގޮތުން ދިވެހި ބަހުގެ ބައެއް ހަމަތައް ގެއްލި، ދިވެހި ބަހާއި ބީރައްޓެހި ހަމަތައް ދިވެހިބަހުގެ ތެރެއަށް ވަންނަމުން ދިޔައެވެ. އެބަދެއެވެ. މި ގޮތުން ހަނދާނަށް އަންނަ ބައެއް ކަންތައް މިތާނގައި ފާހަގަކޮށްލާނަމެވެ.
1-    ވިލޭރޭ ގެ ބަދަލުގައި ދުވަހުގެ ރެޔަށް ބަދަލުވުން:

އިސްލާމީ އުޞޫލުންނާއި ދިވެހި ސަގާފަތުގައި އޮތް ގޮތުން ދިވެހިން ޤަބޫލުކޮށް އުޅުނީ ރޭދުވާ ދައުރުވުމުގައި ކުރިން އަންނަނީ ރޭގަނޑުކަމުގައެވެ. ކިޔައި އުޅުނީވެސް ރޭވެ އަލި ވިލެނީއެވެ. އަލިވިލި ރޭވަނީއްޔޭ ކިޔައެއް ނޫޅެއެވެ. ރަމަޟާންމަހު ހަނދު ފެނުމުން އެއީ ރަމަޟާން މަހުގެ ފުރަތަމަ ރޭކަމަށްކަނޑައަޅަމުއެވެ. ޖެހިގެން އަންނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ޢީދު ދުވަސް ވެސް އަންނަނީ ޢީދުވިލޭރެއަށް ފަހުގައެވެ. ހަފުތާގެ ދުވަސްތަކަށް ބަލާއިރުވެސް ހުކުރު ހޯމަވިލޭރެއަށް ގޭގޭގައި ޞަލަވާތް ކިޔަވައި ހަދަމުއެވެ. ދުވަސް އަންނަނީ ފަހުންނެވެ. އެހެންވީމާ އިސްލާމީ ދިވެހި ސަގާފަތުގައި ދުވާލަށްވުރެ ކުރިން އަންނަނީ ރޭގަނޑެވެ. ނަމަވެސް މި އުޞޫލު ދޫކޮށްލެވި ހޯމަދުވަހުގެ ރޭ، އަންގާރަ ދުވަހުގެ ރޭ ކިޔުން މިހާރު ޢާއްމުވެއްޖެއެވެ. މިއީ ދިވެހި ބަހުގައި މިހިރަ މުއްސަނދިކަން އިޙްސާސް ނުކުރެވޭ ބަޔެއްގެ ބަސް މުޖްތަމަޢުގައި ވިކެން ފެށުމުން ދިމާވި ގޮތެއްކަމަށް އަޅުގަނޑު ދަންނަވާހިތްވެއެވެ.

އިނގިރޭސި ބަހުގައި ހަޤީޤަތުގައި ރޭގަނޑާއި ދުވާލު ވަކިކޮށްފައެއް ނޯވެއެވެ. ރޭނގަނޑު 12 ޖެހީމާ އެއީ މޯރނިންގ (ހެނދުނު) ވީއެވެ. އެކަމަކު އަޅުގަނޑުމެން ކިޔަނީ އެއީ މެންދަމެވެ. މިއީ ތަފާތު ސަގާފަތްތަކުގައި ހުންނަ ތަފާތެވެ. އިނގިރޭސި ސަގާފަތަށް އެ ގޮތް ރަނގަޅެވެ. މައްސަލައަކީ ދިވެހިންނަށް ދިވެހި ސަގާފަތް ދޫކޮށްލެވޭ ކަމެވެ. ވީމާ، ހޮނިހިރު ދުވަހުގެރޭ ކިޔުމުގެ ބަދަލުގައި އާދީއްތަވިލޭރޭ، އާދީއްތަ ދުވަހުގެރޭ ކިޔުމުގެ ބަދަލުގައި ހޯމަވިލޭރޭ، ހޯމަ ދުވަހުގެ ރޭ ކިޔުމުގެ ބަދަލުގައި އަންގާރަވިލޭރޭ، އަންގާރަދުވަހުގެ ރޭ ކިޔުމުގެ ބަދަލުގައި ބުދަވިލޭރޭ، ބުދަދުވަހުގެ ރޭ ކިޔުމުގެ ބަދަލުގައި ބުރާސްފަތިވިލޭރޭ، ބުރާސްފަތި ދުވަހުގެރޭ ކިޔުމުގެ ބަދަލުގައި ހުކުރުވިލޭރޭ، ހުކުރު ދުވަހުގެ ރޭ ކިޔުމުގެ ބަދަލުގައި ހޮނިހިރުވިލޭރޭ  އެބަ ކިޔަމުއެވެ. ނަމަވެސް “ދުވަހުގެ ރޭ” އެއީ ބަހުގެ ތެރެއަށް ފަހުން އައި އެއްޗެއް ކަމަށް ގަބޫލުކޮށް “ވިލޭރޭ”ތައް ވެސް ބީވިޔަ ނުދީ ހިފަހައްޓަމާތޯއެވެ؟

ހަމައެކަނި ދިވެހިބަހުގެ މުއްސަނދިކަން ދެމެހެއްޓުމަށް ޓަކައެއް ނޫނެވެ. ދިވެހި ސަގާފަތަށް ޓަކައިވެސްމެއެވެ. އިނގިރޭސި ސަގާފަތަށް އިނގިރޭސިން އިޙުތިރާމްކުރާ ފަދައިން ހިންދީ ސަގާފަތަށް ހިންދީން ލޯބިކުރާ ފަދައިން އިސްލާމީ ދިވެހި ސަގާފަތަށް މި މުސްލިމު ދިވެހި އުންމަތުގެ އެންމެން އިޙުތިރާމްކުރަމާތޯއެވެ.

ދުވަހުގެ ރޭ އެއީ އަލަށް ތަޢާރުފުވި ބަހަކަށް ވާތީ އެ ބަސް ދިވެހިންގެ ތެރޭގައި ގެންގުޅުނަސް ދިވެހިން ކުރިން ގެންގުޅުނު ބަސް ވެސް ދޫކޮށްލައިގެން ވާކަށް ނޯންނާނެއެވެ. ބައެއް ޙާލަތްތަކުގައި ދުވަހުގެ ރޭ ކިޔަން ޖެހުނަސް ހުކުރުވިލޭރޭ ކިޔަން ޖެހޭ ޙާލަތްތަކުގައި ބުރާސްފަތި ދުވަހުގެ ރެޔޭ ކިޔުމުން އެ ރޭގެ ޤަދަރާއި އިޙުތިރާމް ހާމައެއް ނުވެ އެވެ.

އަޅުގަނޑު ކަންބޮޑުވަނީ އާ ލަފުޒެއް ބަހަށް ވަދެގެންނެއް ނޫނެވެ. އާ ލަފުޒެއް ދިވެހިބަހަށް ވަނުމާއެކު ލަފުޒެއް އުނިކުރެވޭތީއެވެ. އޭރުން ބަހަށް ލިބޭ ކުރިއެރުމެއް ނޯންނާނެ އެވެ. ވީމާ ދިވެހިބަހަށް އާލަފުޒުތައް ވައްދާއިރު ދިވެހިބަހުގައި ކުރިން ހުރި ލަފުޒުތައް ވެސް އެބަ ދަމަހައްޓާންޖެހެއެވެ. އަދި ބަހުގެ ސަގާފަތަށް އިޙްތިރާމު ވެސް ކުރާން އެބަ ޖެހެއެވެ. ބަސް މުއްސަނދިވާނީ އޭރުންނެވެ. ލަފުޒަކަށް ލަފުޒެއް އުނިކުރާ ނަމަ ލިބޭނެ ކުރިއެރުމެއް ނޯންނާނެތީއެވެ.
2-    އެއްޗަކާ ޙަވާލާ ދިނުމުގެ ބަދަލުގައި އެއްޗަކަށް ޙަވާލާ ދިނުން

ދިވެހިބަހުގައި ޙަވާލާ ދެނީ އެއްޗިއްސަކަށްނޫނެވެ. މީހަކަށް ނޫނެވެ. ކަމަކަށް ނޫނެވެ. އެއްޗިއްސާއެވެ. މީހުނާއެވެ. ކަންކަމާއެވެ. މިސާލަކަށް “ސިޓީއަށް ޙަވާލާދީ ދަންނަވަމެވެ” މިހެން ލިޔެ ކިޔައި ހެދުމަކީ ދިވެހިބަހުގެ އުޞޫލެއް ނޫނެވެ. ދިވެހި ބަހުގައި، ލިޔެ ކިޔައި ހަދަނީ “ސިޓީއާ ޙަވާލާދީ ދަންނަވަމެވެ” މިހެންނެވެ. މިވާހަކަ މިހެން ދަންނަވާއިރު މިކަން ޤަބޫލުފުޅުކުރައްވަން ދަތިފުޅުވާ މިންވަރަށް މިހާރު “ސިޓީއަށް” ޙަވާލާދީފައި ހުންނަކަން އަޅުގަނޑަށްވެސް އެނގެ އެވެ. ނަމަމެސް….. އާދެ! އެއީ ދިވެހި ގޮތެއް ނޫނެވެ. އެއީ… އަނެއްކާވެސް ދަންނަވަން ޖެހެނީ އެއީ އިނގިރޭސި ތަރުޖަމާއެއް ކަމަށެވެ. ވީމާ، މީހުންނާ، އެއްޗިއްސާ، ސިޓީއާ ޙަވާލާދޭން ދަސްކުރަމާ ހިންގަވާށެވެ! ދިވެހިބަހުގެ ސަގާފަތަކީ އެއީއެވެ.
3-    ވަގުތު ހޭދަކުރުމުގެ ބަދަލުގައި ވަގުތު ނެގުން

ވަގުތުނެގުމަކީ ދިވެހިބަހުގައި ބޭނުންކުރާ ގޮތެއް ނޫނެވެ. ދިވެހިބަހުގައި ވަގުތަކީ ހޭދަކުރާ އެއްޗެކެވެ. ވާ އެއްޗެކެވެ.

މިސާލަކަށް “ކިހާ ވަގުތެއް ނަގައިފިހެއްޔެވެ؟” ދިވެހިބަހުގައި މިހެން ކިޔައެއް ނޫޅެއެވެ. މީގެ ބަދަލުގައި ދިވެހިބަހުގައި ބޭނުންކޮށް އުޅެނީ “ކިހާއިރެއް ވެއްޖެހެއްޔެވެ؟” “ކިހާ ވަގުތެއް ހޭދަވެއްޖެހެއްޔެވެ؟” މިފަދަ ކޮތަކަށެވެ.

އަނެއްކާވެސް ދަންނަވަންޖެހެނީ އިނގިރޭސިބަސް ތަރުޖަމާކޮށްގެން ކޮންމެހެން އެ ގޮތަށް ބޭނުންކުރާކަށް ނުޖެހޭނެޔޭ އެވެ. ދިވެހިބަހަކީވެސް އުޞޫލުތަކަކާއި ހަމަތަކަކާއި ސަގާފަތެއް އޮތް ބަހެކޭ އެވެ. އިނގިރޭސިބަހުން ސިޓީ ލިޔާއިރު އނގިރޭސިބަހުގެ ސަގާފަތާ އެއް ގޮތަށް ޢަމަލުކުރެވދާނެ އެވެ. ދިވެހިބަހުން ލިޔާ ލިޔުންތަކުގައި ބޭނުންކުރުން ރަނގަޅުވާނީ ދިވެހިބަހުގެ ސަގާފަތާ އެއް ގޮތަށެވެ.
4-    ލަފާކުރާ ޢަދަދު ކިޔުމުގެ އުޞޫލުތައް ދޫކޮށްލުން:

ލަފާކޮށްފައި ޢަދަދު ބަޔާންކުރާއިރު ބޭނުންކޮށްއުޅޭ އުޞޫލުތަކެއް ދިވެހިބަހުގައި ހުރެއެވެ. ތަފާތު ޢަދަދުތަކަށް އަންނަ ތަފާތު ބަދަލާއެކީގައި ތަފާތު ގޮތްގޮތަށެވެ. ހުރިހައި ޢަދަދަކަށް އެއް ގޮތަކަށް “އެއްވަރަކަށް، ދެވަރަކަށް…… ހަވަރަކަށް” ކިޔުމަކީ ދިވެހިބަހުގެ ގޮތެއް ނޫނެވެ. ދިވެހިބަހުގައި ބޭނުންކޮށް އުޅޭ އުޞޫލަކީ، އެކަތި، ދޭތި، ދެތިން އެތި، ތިންހަތަރުއެތި، ފަސްހައެތި، ހައެއްކައެތި، ހަތްވަރަކަށް މީހުން، އަށެއްކަ ފޮތް، ނުވަވަރަކަށް، …… ވިއްސަކަށް…. ތިރީހަކަށް….. ސާޅީހަކަށް….. ފަންސާހަކަށް…… ފަސްދޮޅަހަކަށް، އަށްޑިހަވަރަކަށް، ނުވަދިހަ ވަރަކަށް،…. ސަތޭކައެއްހައި،…. ހާހެއްހައި،…. ލައްކައެއްހައި….. މިލިޔަނެއްހައި،…. މިފަދަ ގޮތްގޮތަށެވެ.
ވީމާ ދިވެހިބަހުގެ މިފަދަ މުއްސަނދި ސަގާފަތް ދަސްކޮށް އެޔަށް ޢަމަލުކުރަމާތޯ އެވެ!
5-    އަންނަ ބަޔަކަށް މަރުޙަބާ ކިޔުމުގެ ބަދަލުގައި ތަނަކަށް ނުވަތަ އެއްޗަކަށް މަރުޙަބާ ކިޔުން:

ދިވެހި ބަހުގެ ސަގާފަތުގައި ހިމެނިގެން މަރުހަބާ ކިޔަނީ ވާހަކަދައްކާ ފަރާތުން ދެވަނަ ފަރާތަށެވެ. ކުރުކޮށްދަންނަވާނަމަ ޕްރޮގްރާމެއް ހުށަހަޅާ ފަރާތުން އެ “ޕްރޮގްރާމަށް މަރުހަބާ” ކިޔުމުގެ ބަދަލުގައި ރަނގަޅު ގޮތަކީ “ޕްރޮގްރާމްގެ ފަރާތުން މަރުޙަބާ” ދެންނެވުމެވެ. އަޅުގަނޑުމެން ރަށެއްގައި ތިއްބައި އެ ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް މަރުޙަބާ ކިޔުމުގެ ބަދަލުގައި އެ ރަށުގައި ތިބެ އެ ރަށަށް މަރުޙަބާ ކިޔުމަކީ އަންނަ މެހުމާނުންނަށް މަރުޙަބާ ކިޔުން ކަމަށް ދިވެހިބަހުގެ ހަމަތަކަށް ބަލާ އިރު ބެލެވޭކަށް ނޯންނާނެ އެވެ.  އެހެންވީމާ އެހެން ބަހެއްގެ ސަގާފަތާ އެއް ގޮތަށް އެ ތަރުޖަމާ ދިވެހިބަހުން ދިވެހި ސަގާފަތާ ޚިލާފަށް ބޭނުންކުރުމަކީ ބަހުގެ ސަގާފަތާ ޚިލާފުކަމެއްކަމުގައި ނޫނީ ދެންނެވޭކަށް ނެތެވެ.
6-    ހިފެހެއްޓުމުގެ ބަދަލުގައި ގަނޑުކުރުން:

ގަނޑުކުރުމަކީ ފިނިގަދަކޮށްގެން، ދިޔާއެއްޗެއް ނުވަތަ މަޑުއެއްޗެއް ހަރުކުރުމެވެ. ނަމަވެސް މިހާރަކަށް އައިސް ބޭންކްގައި ހުންނަ ފައިސާވެސް ގަނޑުކުރާ ވާހަކަ ޚަބަރުތަކުން އިވެއެވެ. ފައިސާ ދޫނުކޮށް ހިފެހެއްޓުމުގެ މާނައިގައެވެ. މިއީ އިނގިރޭސި ލަފުޒެއްގެ ސީދާ ތަރުޖަމާ، އެ ބުނި ބުނުމެއްގެ ޙާލަތަށް ނުވިސްނައި ދިވެހިބަހުން ސީދާ ތަރުޖަމާ ބޭނުންކުރުގެ ނަތީޖާއެވެ.

ބެންކުގައި އޮންނަ އެކައުންޓެއް ނުހިނގާ ގޮތަށް ހިފެހެއްޓުމަކީ “ގަނޑުކުރުން” ކަމަށް މިހާރަކަށް އައިސް ކިޔައެވެ. މީހުން ގަބޫލުވެސް ކުރެއެވެ. ނަމަވެސް އަޅުގަނޑަކަށް މި ގޮތެއް ރީއްޗެއް ނޫނެވެ. އަޅުގަނޑުގެ ނަޒަރުގައި ބެންކެއްގައި މީހަކު ބަހައްޓައިފައި ހުންނަ ފައިސާއެއް ދޫނުކޮށް ބޭންކުން ހިފެހެއްޓުމަކީ ގަނޑުކުރުމެއް ނޫނެވެ. އެއީ ހަމަ “ހިފެހެއްޓުމެވެ.” އިނގިރޭސި ބަހުގައި “ފްރީޒް” ބޭނުންކުރާ ކޮންމެ ތަނަކަށް ގަނޑުކުރުން ބޭނުންކުރާކަށް ނުޖެހެ އެވެ. ބަހަުގެ ސަގާފަތާ ގުޅޭ ކަމެއްވެސް ނޫނެވެ.
7-    ލީކުވުން ؟

ލީކުވުމުގެ ބަދަލުގައި ދިވެހި ބަހުގައި ވަރަށް ރީތި ލަފުޒެއް އޮވެއެވެ. އެއީ “ނީރުމެވެ” ނީރުމަކީ ދިޔާއެއްޗެއް ފޭދިގެން މަދުމަދުން ނުކުތުމެވެ. އެހެން ނަމަވެސް ނީރާނީ ދިޔާ ތަކެއްޗެކެވެ، ސިއްރުކޮށްފައިވާ ކަމެއް ލީކުވާނީއެއް ނޫނެވެ. ބޭޒާރުވާނީއެވެ. ހާމަވާނީއެވެ. އަދި ފެންމަތިވެސް ވެދާނެއެވެ. ފަޅައިއަރައިވެސް ދާނެ އެވެ.

ތެދުފުޅެކެވެ! “ލީކުވުން” އެއީ އިނގިރޭސިބަހުން އައިސް ދިވެހިބަހަށް ވަދެ ދިވެހިވެފައިވާ ލަފުޒެކެވެ. ނަމަވެސް ކުރިން ވެސް ދިވެހިބަހުގައި އޮތް ލަފުޒު “ނީރުން” އުވައިލުމަށް ފަހު، އިނގިރޭސިބަހުން ގެނެވުނު ލަފުޒު އެކަނި ބޭނުންކުރާނަމަ ބަހަށް އެ ލިބެނީ މުއްސަނދިކަމެއް ތޯ އެވެ؟ ލީކުވުމަކީ މަޒާޒީ ގޮތުން ސިއްރެއް ބޭޒާރުވުން ކަމަށް ބެލެވެ އެވެ. ނަމަވެސް އަޅުގަނޑުގެ ނުކުތާ އަކީ އިނގިރޭސިބަހުގައި “ލީކް” ބޭނުންކުރާ ކޮންމެ ތަނެއްގައި ދިވެހިބަހުން “ލީކުވުން” ބޭނުންކުރާކަށް ނުޖެހެޔޭ ދަންނަވައިލުމެވެ. އަދި ދިވެހިބަހުގައި ކުރިއްސުރެ އޮތް “ނީރުން” ވެސް އެއްލައިނުލައްވައި ބޭނުންފުޅުކުރެއްވުން ކީއްތޯއޭ ދަންނަވައިލުމެވެ.
8-    ބެލްޓް:

އުނގަނޑުގައި އަޅާ ކަމަރާއި އިންޖީނުގައި ހުންނަ ދިއުޅިއާއި ބައެއް ކަހަލަ އެއްޗިހީގައި އަޅުވައިފައި ހުންނަ ބަންދު ފަދަ ހުރިހާ އެއްޗަކަށްވެސް އިނގިރޭސި ބަހުގައި belt   ކީ ކަމުގައި ވިޔަސް އަޅުގަނޑުމެން ބޭނުންކުރަމުން އައި ބައިވަރު ލަފުޒުތަކެއް ދޫކޮށް ހަމަ އެކަނި އެންމެ ލަފުޒެއް ބަލައިގަތުމަކީ ބަހަށް ލިބޭ އުނިކަމެކެވެ. ވީމާ ކަމަރާއި ބަންދާއި ދިއުޅިއާއި މިފަދަ ގިނަ ލަފުޒުތައް ދޫކޮށް އެ ހުރިހައި ލަފުޒެއްގެ ބަދަލުގައި ދިވެހިބަހުގައި “ބެލްޓު” އަޅުވާކަށް ނުވާނެ އެވެ.

މިފަދަ ކިތަންމެ މިސާލުތަކެއް ހުންނާނެއެވެ. މި ކަންކަން ފާހަގަކޮށްލަން އަޅުގަނޑު ބޭނުންވީ އެހެން ބަހެއްގެ ނުފޫޒުގެ ސަބަބުން ބަހުގައި ހުރި މުއްސަނދިކަން ގެއްލުނަ ނުދިނުމަށް ތިޔަ ހުރިހާ ބޭފުޅުންވެސް މަސައްކަތްކޮށްދެއްވާށޭ ދަންނަވައިލުމަށް ޓަކައެވެ.

——————-

“ޔަމްޔަމް” ޕްރޮގްރާމް ބެލުމަށްފަހު……

ކިޔާފައިވާ ޢަދަދު: 2939
އާމިނަތު ޙުސައިން މޫސާ
ކުޑަކުދީންނަށް ކައްކަން ދަސްކޮށްދޭ ޚާއްޞަ ޕްރޮގްރާމް (“ޔަމްޔަމް”) ބަލަން ގޭގައި ގިނަ ބަޔަކު ތިއްބެވެ. ކުޑަކުދީންނާއި ބޮޑެތި މީހުންނެވެ. އެކި ޢުމުރުގެ މީހުންނެވެ. އަޅުގަނޑު ވެސް ބަލަން އިނީމެވެ. ނަމަވެސް ހިތާމައާއި މާފާއެކު ދަންނަވަންޖެހެނީ ޕްރޮގްރާމް ބަލަން ތިބި އަޅުގަނޑުމެންނަށް (ހަމަ އެކަކަށް) އެ ތައްޔާރުކުރާނެ ގޮތެއް ނޭނގުނޭ އެވެ.

ދިވެހިންގެ މަސްވެރިކަމަށް ނަޒަރެއް….!

ކިޔާފައިވާ ޢަދަދު: 2563
އަބޫބަކުރު އާދަމް، ސިލްވަރބީޗް، ނ.މަނަދޫ
 
ދިވެހި މަސްވެރިކަން އެއީ ދިވެހިންގެ ޚާއްޞަ މަސައްކަތެއް 
                ދިވެހި ކާބަފައިންގެނެސްދިން ދިވެހި ވަންތަ މަސައްކަތެއް
 
ފަޚުރުވެރި   ޖޯޝާއެކީ އިހުގައި  އެވޭލާ  ކާބަފައިން 
                ގަދައަޅާ ކުރަމުން އެއީ  ގެންދިޔަ މުރާލި  މަސައްކަތެއް

ތިމާވެށި ރައްކާތެރިކުރުން މިއީ އެންމެންގެ ޒިންމާއެއް…..!

ކިޔާފައިވާ ޢަދަދު: 3655
އަބޫބަކުރު އާދަމް ސިލްވަރބިޗް ނ.މަނަދޫ
ތިމާވެށި އޭގެ ރައްކާތެރި މަޤާމެއްގައި އަބަދު ބާއްވަން
                 ތިމާދިރިހުރިހިނދެއްގައިވާނެޔޭ އެކަމަށް ނަޒަރު ހިންގަން
ރަށުގެ ގޮނޑުދޮއްތަކާއިރަށުގެ އެތަންމިތަނަށްމެކުނިނާޅާ
                 ރަށުގެ މާހައުލު އެންމެން އެކުވެގެންވީސާފުކޮށް ބާއްވަން 

ސާހިބާ (45)

ކިޔާފައިވާ ޢަދަދު: 3721
ފާޠިމަތު ނަހުލާ
(28 އޮކުޓޫބަރު 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)
މީނާހުރީ އެ ވާހަކަތައް އަޑުއަހާށެވެ. އެ މަންޒަރު ބަލާށެވެ. އޭނާ ހުރީ ހިސާބަކަށް ބިރުގެންފައެވެ. ޝަހުދު ފިޔާޒާއަށްޓަކައިވީ ޤުރްބާނީއާއި ތެޅުނު ޙާލު މީނާއަށް އެނގެއެވެ. އެ ފަދަ ގޮތަކަށް ޝަހުދު ކަންތައް ކޮށްފައި އެ ވަނީ، ފިޔާޒާދެކެ ވަރަށް ބޮޑަށް ލޯބިވާތީއެވެ. އެހެން އެކަން އޮތް އިރު، ފިޔާޒާގެ އެ އާދޭސްތަކުގެ ސަބަބުން ޝަހުދުގެ ހިތުގައި ފިޔާޒާގެ މައްޗަށްވި ދުވަސްވީ ލޯބި ހޭލައިގެންފާނެތީ މީނާ ބިރުގަނެއެވެ.
“އެކަމަކު……..” ޝަހުދު ވާހަކަ ދެއްކިއެވެ.

ރަށްރަށުގެ ނަން (1)

ކިޔާފައިވާ ޢަދަދު: 3902
ޢަބްދުއްރަޝީދު ޙުސައިން 
ކުރީއްސުރެ ރަށްރަށަށް ކީ ނަން މިއަދު އުވިގެން އެ ދިޔައީޔޭ
             ދަރިންނަށް ނޭނގިތިބެ އަދު އައު ނަމަށް ދޫ ހޭނި ނިމުނިއްޔޭ
 
މި ލަންކަންފިނޮޅަކީ އަދު ޕެރަޑައިސް އައިލެންޑު ނޫންތޯއޭ
             ދުލަށް އަދި ހިތުތެރަށް ކުޑަވެސް ސުވާލެއް ނުވަދެ އެނގުނިއްޔޭ

ކީރިތި ޤުރްއާނުގެ ޤިޔާސީ މިސާލުބަސްތަކަށް ބަލައިލުން

ކިޔާފައިވާ ޢަދަދު: 3725
އިބްރާހީމް ރަޝީދު މޫސާ
ކުރިން ވެސް ދެންނެވި ފަދައިން ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ ޤިޔާސީ  مَثَلއަކީ އެއްގޮތްވުމާއި އެއްވައްތަރުވުމުގެ ތެރެއިން ލައިފައި ނުވަތަ ތަމްސީލުކުރުމުގެ ތެރެއިން ލައިފައި މާނައެއް ސާފުކޮށްދިނުމަށް  ނުވަތަ ބަޔާންކޮށްދިނުމަށް ގެނެވޭ ވަޞްފެކެވެ. ނުވަތަ ވާހަކައެކެވެ. ބަލާޣައިގެ ޢިލްމުވެރިން މިއަށް  މުރައްކަބު ތަޝްބީހަ އޭ ނުވަތަ ތަމްސީލު އޭ ވިދާޅުވެއެވެ. މި ބާވަތުގެ މިސާލުގެ ތެރޭގައި ހިމެނޭ މިސާލަކީ މާތްﷲގެ ބަސްފުޅު ”  اللَّـهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖالْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِي اللَّـهُ لِنُورِهِ مَن يَشَاءُ ۚوَيَضْرِبُ اللَّـهُ الْأَمْثَالَ لِلنَّاسِ ۗ وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ  – اللَّه އީ، އުޑުތަކާއި، ބިމުގެ نور އެވެ. އެކަލާނގެ نور ފުޅުގެ مثال އަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثال އެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نور ފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثال ތައް ޖައްސަވައިދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. “