ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (2)

ކިޔާފައިވާ ޢަދަދު: 5328
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(21 ސެޕްޓެމްބަރ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ދިވެހި ރާއްޖޭގެ ވައިގެ ބަނދަރުގައި:

އަޅުގަނޑުމެން ތިބި ބޯޓު ވައިގެ ބަނދަރަށް ތިރިކުރަން އައި އިރު ބޯޓު ޖައްސައި ދުވެލި މަތަވަންދެން ދުއްވަން އޮންނަ ރަންވޭއެއް އަޅުގަނޑަކަށް ނުފެނުނެވެ. އެއްފަރާތުން ފެންނަނީ ވެރިކަން ކުރާރަށް މާލެއެވެ. އަނެއް ފަރާތުން ފެންނަނީ ކުދި ކުދި ޖަޒީރާ ރަށް ތަކެކެވެ! އެވަގުތުވެސް އަޅުގަނޑު ހޯދީ، އިބްނު ބަތޫތާ ސިފަ ކުރެއްވި ދިވެހި ރުށްދަނޑު ތަކެވެ. ނަމަވެސް ހުޅުލެއިންވެސް، އަދި ކައިރީގައިވާ ވެރިރަށުންވެސް އަޅުގަނޑަށް މާގިނަ ރުކެއް ނުފެނުނެވެ. އަޅުގަނޑަށް ފަހުން ވިސްނުނު ގޮތުގައި އެމީހުން ބިމަށް ބޭނުންޖެހިފައިވާލެއް ބޮޑުކަމުން ރުއްކަނޑަން މަޖުބޫރުވީއެވެ. އަދި ހުޅުލެއިން ބިން އިތުރު ކުރުމުގެ ބޭނުމުގައި ކަނޑުން ވެލި ނަގައިގެން ވަށައިގެން އޮތް ފަޅުން ބައެއް ހިއްކާފައިވާ ކަންވެސް އަޅުގަނޑަށް އެނގުނެވެ. މިއީ ވަރަށް ބޮޑު ޚަރަދެއް ކަމާއި، މިކަމުގައި އެކުވެރި ދައުލަތްތަކުގެ އެހީ ދިވެހީންނަށް ލިބުނުކަމަށް ޚަބަރު ލިބުނެވެ.

ސާހިބާ (32)

ކިޔާފައިވާ ޢަދަދު: 3683

ފާޠިމަތު ނަހުލާ

(14 ސެޕްޓެމްބަރ 2014 (އާދީއްތަ) ދުވަހު ޝާއިޢޫކުރި ބަޔާ ގުޅޭ)

ހަމަ އެންމެ ފަހަރަކު ނަމަވެސް މީނާގެ ލޯބީގެ އަސަރުގައި ހިތް ފުރާލަން ޝަހުދު ބޭނުންވިއެވެ. އެންމެފަހު ފަހަރަށް ވިޔަސް ވަކިވުމުގެ ކުރިން ޝަހުދުގެ ހަނދާނުން ފޮހެނުލެވޭފަދަ ހަނދާންތަކެއް ދިނުމަށް މީނާ ބޭނުންވިއެވެ. މީނާ ބޭނުންވީ ޝަހުދުގެ އެ ފިރިހެންވަންތަ ކަމުގައި ހުރި ފުރިހަމަކަމެއް ބަލައިލާށެވެ. މީނާގެ ޙާލަތު މިހާރު އެހުރީ މީނާއަށް ބޭނުން ހިސާބަށް ދެވޭފަދަ ގޮތަކަށް ވެސް ނޫނެވެ.

ދުނިޔޭގެ އެއް ޢަޖައިބު ކަމުގައިވާ ދިވެހިރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (1)

ކިޔާފައިވާ ޢަދަދު: 5206
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ


މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ އަކީ 1930 ގައި ސައޫދީ އަރަބިއްޔާގެ އުތުރުގެ ސަހަރަކަށް އުފަން ބޭކަލެކެވެ. މިހާރު އަދާ ކުރައްވާ މަގާމަކީ رابطة العالم الإسلامي ގެ ސެކެޓްރީ ޖެނަރަލްގެ އެހީތެރިޔާގެ މަގާމެވެ. ރާބިތާގައި އަދާކުރެއްވި މަގާމުތަކުގެ ސަބަބުން އެމަނިކުފާނު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރު ކުރެއްވިއެވެ. ދަތުރުނާމާގެ އިތުރުން  ތަފާތު މައުޟޫތަކަށް އެމަނިކުފާނު ސަތޭކަ ފަސްދޮޅަހަކަށް ފޮތް ލިޔުއްވާފައިވެއެވެ. އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކާއި ބެހޭ 125 ފޮތާއި  އިސްލާމީ ދަޢުވާ އާއި ގުޅުންހުރި ފަނަރަ ފޮތާއި އަރަބި ބަހާއި އެ ބަހުގެ އަދަބިއްޔާތާއި ބެހެ ފަނަރަ ފޮތް ލިޔުއްވައި އެފޮތްތައް މިހާރުވެސް ވިކެމުން ދެއެވެ. އަދި ޗާޕު ކުރަންވެފައިހުރި އިތުރު ސަތޭކަ ފޮތް ލިޔުއްވައި ނިންމަވާފައިވާކަމަށް ވެއެވެ!

އެތަނާއި މިތަނުން ކުދިވާހަކަ (58)

ކިޔާފައިވާ ޢަދަދު: 3788

ބާޒާއި ހިޔަޅު

ޢައްބާސް އިބްރާހީމް

ބާޒަކާއި ހިޔަޅެއް ރަޙްމަތްތެރި އަވަށްޓެރިންގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެމުން ގެންދިޔައެވެ. ބާޒުގެ ހާލި ހަދާފައިވަނީ، ގަހެއްގެ މަތީ އޮފިގަނޑެއްގައެވެ. ހިޔަޅު އޭތީގެ ނިދާތަން ހަދައިގެން އުޅެނީ އެ ގަހުގެ ތިރީގައެވެ.

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު

ކިޔާފައިވާ ޢަދަދު: 633
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ އަކީ 1930 ގައި ސައޫދީ އަރަބިއްޔާގެ އުތުރުގެ ސަހަރަކަށް އުފަން ބޭކަލެކެވެ. މިހާރު އަދާ ކުރައްވާ މަގާމަކީ رابطة العالم الإسلامي ގެ ސެކެޓްރީ ޖެނަރަލްގެ އެހީތެރިޔާގެ މަގާމެވެ. ރާބިތާގައި އަދާ ކުރެއްވި މަގާމުތަކުގެ ސަބަބުން އެމަނިކުފާނު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރު ކުރެއްވިއެވެ. ދަތުރުނާމާގެ އިތުރުން  ތަފާތު މައުޟޫތަކަށް އެމަނިކުފާނު ސަތޭކަ ފަސްދޮޅަހަކަށް ފޮތް ލިޔުއްވާފައިވެއެވެ. އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކާއި ބެހޭ 125 ފޮތާއި  އިސްލާމީ ދަޢުވާ އާއި ގުޅުންހުރި ފަނަރަ ފޮތާއި އަރަބި ބަހާއި އެ ބަހުގެ އަދަބިއްޔާތާއި ބެހެ ފަނަރަ ފޮތް ލިޔުއްވައި އެފޮތްތައް މިހާރުވެސް ވިކެމުން ދެއެވެ. އަދި ޗާޕު ކުރަންވެފައިހުރި އިތުރު ސަތޭކަ ފޮތް ލިޔުއްވައި ނިންމަވާފައިވާކަމަށް ވެއެވެ!
މީގެ ފަންސަ ތިރީހަކަށް އަހަރު ކުރިން އޭނާ ދިވެހި ރާއްޖެ ވަޑައިގެންނެވިއިރު މިރާއްޖޭއޮތް ގޮތް އޭނާގެ ގަލަންކޮޅުން ސިފަ ކޮށްދެއްވާފައިވާ ގޮތް މިހާރުގެ ދިވެހީން އެނގޭހިތްވާނޭ ކަމުގެ އުންމީދުގައި މި ފޮތް ތަރުޖަމާކޮށް މި ވެބް ސައިޓުގައި ޝާއިޢު ކުރާހިތްވީއެވެ. އޭނާ ފާހަގަ ކުރެއްވި ކަންތައް ލިޔުއްވާފައިވާ ގޮތަށް ބަދަލެއް ނުގެނެސް ދިވެހި ބަހަށް ފުރުޅާލެވޭތޯ އަޅުގަނޑު ވަރަށް މަސައްކަތް ކުރީމެވެ. އިބާރާތުގައި ކުރަކި ކަމެއް ހުރިނަމަ އެއީ އަޅުގަނޑުގެ ނުކުޅެދުމެވެ. އެކުށުން އޭނާ ބަރީއައެވެ!  -ސަމީރު
 
ފޮތް ހުޅުވައިލުން:
 

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު

الحمد لله رب العالمين والصلاة والسلام علي عبده و رسوله الامين محمد و علي آله و صحبه أجمعين.
އިބްނު ބަތޫތާ  ލިޔުއްވިއެެވެ. ” ހަމަ ކަށަވަރުންވެސް ދިވެހި ރާއްޖެއަކީ ދުނިޔޭގެ އެއް އަޖައިބެވެ.” މަޝްހޫރު ސައްޔާހު އިބްނު ބަތޫތާ އެހެން އެ ލިޔުއްވީ ހަމަ ޔަގީނުންވެސް ސަބަބެއް އޮވެގެންނެވެ. އެހެނީ، ދިވެހި ރާއްޖެއާއި ބެހޭގޮތުން އޭނާ އެހެން ލިޔުއްވީ ދުނިޔޭގެ ވަރަށް ބޮޑު ބައެއް  ދެކެވަޑައިގެންފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އާދަޔާއި ޚިލާފު ތަފާތު ކަންތައް އެމަނިކުފާނު ދެކެވަޑައިގަތެވެ. ނަމަވެސް ‘ އަޖައިބެއްފަދަ ތަނެއް’ ކަމުގައި ލިޔުއްވީ ހަމަ އެކަނި ދިވެހި ރާއްޖެއާއި ބެހޭގޮތުންނެވެ! ދިވެހި ރާއްޖެއަށް ދަތުރެއް ކުރަން އަޅުގަނޑު ނިންމީ މިހެންވެއެވެ! 
މި ދެންނެވީ ދިވެހި ރާއްޖެއަށް ދާހިތްވި އެއް ސަބަބެވެ. އަނެއް ސަބަބަކީ އެއީ އިސްލާން ގައުމަކަށް ވެފައި ދިވެހި ރައްޔިތުންނަކީ އިސްލާމުންކަމުގައިވާތީއެވެ. އަދި މި ބައި މަދު ކުޑަ ގައުމަށް  އަޅުގަނޑުމެންގެ ފަރާތުން ތަފާތު އެހީއަށްވެސް ބޭނުންވާނެތީއެވެ. އަޅުގަނޑު ހިތަށް އެރިއެވެ. ފަހަރެއްގައި އަޅުގަނޑު މެދުވެރިވެގެންވެސް ދިވެހި ރާއްޖެއަށް ކޮންމެވެސް ވަރެއްގެ އެހީއެއް ވެވިދާނެއެވެ. އެއީ  رابطة العالم الاسلامي  ގެ މައި އޮފީހުގައި އެދުވަސްވަރު އަޅުގަނޑު އަދާ ކުރަމުން އައި ވަޒީފާގެ ގޮތުންނެވެ. އަޅުގަނޑުމެން އެހީވަނީ ސިޔާސީ ކަންތަކާއި ނުބެހި، އިސްލާމީ ސަގާފަތާއި ގުޅުން ހުރި ކަންކަމުގައެވެ.
އިސްވެ ދެންނެވި ކަންކަމުގެ އިތުރުންވެސް އަޅުގަނޑަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ދަތުރުކޮށް ދެވޭ ރަށްރަށުގެ މައުލޫމާތު އެއްކުރާ ހިތްވާ މީހަކީމެވެ! ދިވެހި ރާއްޖެއަކީ ވަރަށް އެކަހެރި ހިސާބެއްގައި އޮތް ގައުމެކެވެ. އަޅުގަނޑުމެން އާންމު ގޮތެއްގައި ކުރާ ދަތުރުތަކުގައިި މަތިންދާ ބޯޓް ބަދަލުކޮށްލަން މަޑުކޮށްލަން ޖެހޭ ހިސާބެއްވެސް ނުމެނޫންމެއެވެ. އަދި މިފަދަ އިސްލާމީ ގައުމަކަށް ދަތުރު ކުރާ މީހުންގެ އެއް ވާޖިބެއް ކަމަށް ވާންޖެހޭނީ، އެ ޒިޔާރަތްކުރާ އިސްލާމީ މުޖްތަމައުތަކާ ބެހޭގޮތުން މައުލޫމާތު ހޯދައި ލިޔެ އެހެން މީހުންނަށް އެ ފަދަ ރައްޔިތުންގެ ހާލު އަހުވާލު އަންގައިދިނުމެވެ.
ވީމާ، ތިޔަ ބޭފުޅުންގެ ކުރިފުޅުމައްޗަށް އަޅުގަނޑު މި ހުށަހަޅައިލަނީ މީލާދީން 1978 އަހަރުގެ ފަހު ދުވަސްކޮޅު ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރުގެ ހަނދާންތަކެވެ.
 
މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
 
٢٥ ذوالحجة ١٤٠٠/ 3 ނޮވެމްބަރ 1980
 
————————————————

ބުދަ 6 މުޙައްރަމް 1399 / 6 ޑިސެމްބަރު 1978 
 
ކޮޅުނބުން މާލެއަށް:

 
ދިވެހި ރާއްޖޭގައި ވެރިކަން ކުރާ ރަށާކީ މާލެއެވެ. އެ ނަން ކިޔަނީ އެފްރިކާ ބައްރުގެ ހުޅަނގު ބިތުގައިވާ މާލީގެ ނަން ކިޔާ ކަހަލަ ގޮތަކަށެވެ. ނަމަވެސް އީބީފިލީގެ ބަދަލުގައި ލާމު އެބެފިއްޔަކަށް ވާކަހަލަ ގޮތަކަށެވެ!
މި ކުޑަ ރަށަށް މާލޭސިޓީ ކިޔުން އެންމެ އެކަށީގެނެއް ނުވެއެވެ. މި ރަށަކީ ވަށައިގެން ކަނޑު އޮތް ޖަޒީރާއެކެވެ. އެއީ ވެރިކަން ކުރާ ސަހަރެވެ. އެމީހުންގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެއްރަށެވެ. އެއީ ވެރިކަން ކުރާ ރަށޭ ބުނުމުން ބައެއް މީހުންގެ ހިތުގައި އުފެދޭ ޚިޔާލަށްވުރެ އެ ރަށުން ލިބޭ ޚިދުމަތްތައް މަދެވެ. އެހެންވާ ސަބަބަކީ ވެރިކަން ކުރާ ރަށަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުންނެވެ. މިސާލަކަށް، ވައިގެ ބަނދަރު އޮންނަނީ ޖެހިގެން އޮތް ވަކި ޖަޒީރާއެއްގައެވެ. އެއީ އެފަދަ ތަނަކަށް އެކަށީގެންވާ ބިމެއް މާލެއިން ހުސްކުރެވެން ނެތުމުންނެވެ! މާލެއަށް ކަރަންޓު ދޭ އިންޖީނުގެއަށް ބޭނުންވާ އަނދަނަ ރައްކާކުރާ ބޮޑެތި ތާނގީތައްވެސް ބަހައްޓާފައި ހުންނަނީ މާލެއާއި ވަރަށް ކައިރީގައިވާ ކުޑަ ފަޅު ރަށެއްގައެވެ. މިކަހަލަ ކަންކަމާއި ހުރެ އެމީހުންގެ ވެރިރަށް މާލެއަށް އަރަބި ބަހުން އެންމެ ކިޔަން އެކަށީގެންވަނީ ” ޖަޒީރަތު މާލެ” މިހެންނެވެ!
 
ސިލޯނުގެ ވެރިރަށް ކޮލަމްބޯގައި އަޅުގަނޑު ހުރި ހޮޓަލުން ނިކުތީ (ދިވެހި ރާއްޖެއަށް ދާން) ފުރަން ހަމަ ޖެހިފައިވާ ގަޑިއަށްވުރެ 2 ގަޑިއިރު ކުރިންނެވެ. ދެއެކުވެރިން އަޅުގަނޑު ފުރުވަންއައެވެ. އެކަކީ ސައޫދީ އަރަބިއްޔާގެ އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނި ސިލޯނުމީހެކެވެ. ބައިގަޑިއެއްހާ އިރު ދުއްވުމަށްފަހު ބައިނަލް އަގުވާމީ ވައިގެ ބަންދަރަށް އައިސް މެހެމާނުން މަޑު ކުރާ މާލަމުގައި މަޑުކޮށްލީމެވެ. މިހެންވާން ޖެހުނީ އަޅުގަނޑު ފުރަން ދާ ޚަބަރު ކަމާބެހޭ ފަރާތްތަކަށް އަންގާފައިވުމުންނެވެ. މިއީ އަޅުގަނޑު މާ ގަބޫލު ކަމެއް ނޫނެވެ. އެހެނީ މިކަހަލަ މާލަންތަކަކީ ވަރަށް އެކަނިވެރި ތަންތަނަށްވާތީއެވެ. އާންމުންގެ ތެރޭގައި ނަމަ އަޅުގަނޑު މާ ފޫހި ފިލީހެވެ!  އަޅުގަނޑަށް މަޑުކުރަން ޖެހުނު ޝަރަފުވެރި މާލަމުގެ އެކަހެރިކަމުގެ ސަބަބުން އިވެނީ ހިނގާ ކަންކަމުގެ އަޑެވެ، ކަމެއް ހިނގާތީއެއް ނުފެނެއެވެ! 
 
ބޯޓު ފުރަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ދެ ގަޑިއެއްހައި އިރު ލަސްވެ، އެންމެ ފަހުން ބޯޓަށް އަރަން ގޮވައިފިއެވެ. ބޯޓަށް އަރައި  ކޮޅުކޮޅަށް ބަލައިލިއިރު އަރިބި ހެދުމެއްގައި ހުރި މީހަކީ ހަމަ އެކަނި އަޅުގަނޑެވެ. އަޅުގަނޑު ދިވެހިރާއްޖެއަށް މި ދަނީ ރައީސުލް ޖުމްހޫރިއްޔާއަށް ސިޓީފުޅެއް ހިފައިގެން ކަމަށްވާތީ އަޅުގަނޑުމެންގެ ރަސްމީ ހެދުމުގައި ހުންނަން ޖެހުނީއެވެ. ދިވެހި ރާއްޖޭގެ ބައިނަލް އަގުވަމީ ވައިގެ ބަނދަރުން އަޅުގަނޑާއި ބައްދަލުކުރާނެ ފުރަބަންޑާރަވެރިންވެސް ތިއްބަވާނެކަމަށް ލަފާކުރެވޭތީވެސް މެއެވެ.
 
ސިލޯނުގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރުން މަތިންދާ ބޯޓް ނައްޓައިލުމުން އަޅުގަނޑަށް ފާހަގަވި އެންމެ ރީތި މަންޒަރަކީ ބޯކޮށް ހެދިފައިވާ ރުއްދަނޑުތަކެވެ. ދުވާލުގެ ގަދަ ހޫނުން ސިލޯނުގެ ރައްޔިތުން ރައްކާތެރިކުރަން ލިބިފައިވާ ބިޔަ ގުދުރަތީ އަވިކުޑަތަކެއް ފަދައެވެ. ސިކުންތަކު އެތައް ސަތޭކަ ފޫޓަށް މަތިންދާ ބޯޓު އަރަމުން ދާއިރު މި ފެނުނު ރުއްތަކުން، އަޅުގަނޑުމެން އަރަބި ކަރާގައި ހައްދާ ކަދުރު ރުއްދަނޑުތަކުގެ ހަނދާންވެސް އަޅުގަނޑުގެ ހިތުގައި އައުވިއެވެ.
 
މަތިންދާ ބޯޓުގެ އަރާމު ގޮނޑީގައި ގަޑިއަކު އެތައް ސަތޭކަ ކިލޯމީޓަރުގެ ބާރު މިނުގައި ދިވެހި ރާއްޖެ އާއި ދިމާއަށް ބޯޓު އުދުހެމުން ދިޔައިރު އަޅުގެނޑުގެ ހިތަށް އަރަމުން ދިޔައީ، އަލްމަރްޙޫމް އިބްނު ބަތޫތާގެ ދަތުރު ތަކުގައި އޭނާއަށް ފެނިވަޑައިގެންފައި ވާނެ ބިރުވެރި ކަންކަމެވެ! ދެކުނު އިންޑިޔާގެ މަލަބާރު އައްސޭރިން ދިވެހި ރާއްޖެއަށް އޭނާ ދަތުރު ކުރެއްވީ ދިހަ ދުވަހުންނެވެ! ގާތް ގަނޑަކަށް ހަމަ އެ ދުރުމިނުގެ ދަތުރެއް މިހާރު އަޅުގަނޑު  މި ކުރަނީ ގަޑިއެއްހައި އިރުގެ ތެރޭގައެވެ! އަޅުގަނޑު ހިތަށް އެރިއެވެ. މި ހުރީ ދުނިޔޭގެ އާދައެވެ. އޭނާ އެ އުފުއްލެވި ބުރަ އާއި ނުރައްކަލުން ފުރިގެންވި ދަތުރު ތަކަށްވެސް ކިޔަނީ ހަމަ ‘ ދަތުރެވެ’ ! އަޅުގަނޑުމެން މިހާރު މި ކުރާ އަރާމު ދަތުރު ތަކަކީވެސް ހަމަ ‘ ދަތުރެވެ’ ! ނަމެއް ރައްދުވާ އެއްޗެއްގެ ތަފާތު ބޮޑުވުމުން އެއަށް ކިޔާ ނަންވެސް ބަދަލުވާން ޖެހެނެތާއެވެ! އަޅުގަނޑުމެން އިންސާނުން ނަކީ އުފުލަން ޖެހިއްޖެ ނަމަ ކިތަންމެ ބޮޑު ބުރައެއްވެސް އުފުލާނޭ ބައެކެވެ. ކުރީގެ ދަތުރުވެރިން ކަމަކަށް ނުހެދި، އެމީހުންގެ ނަޒަރުގައި ކުދި ކުދި ކަންކަމަކީ އަޅުގަނޑުމެނަށް މިހާރު މާ ބޮޑެތި ކަންކަމެވެ! އަޅުގަނޑުމެން މިޒަމާނުގެ މީހުންނަކީ މާ ޝަކުވާ ގިނަ ބައެއްތާއެވެ!
އަޅުގަނޑުމެން ތިބި ބޯޓު ދިވެހި ރާއްޖޭގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރުގައި ޖައްސަން ހަމަޖެހިފައިވާ ވަގުތުގެ ވިއްސަކަށް މިނެޓު ކުރިން ބޯޓު ތިރިކުރަން ފަށައިފިކަން އަޅުގަނޑަށް ފާހަގަވިއެވެ. މިހާ ކުރިން ބޯޓު ތިރިކުރަން ފެށުމުން އަޅުގަނޑު ހިތަށް އެރީ އެހާ  ކުރިން ތިރިކުރަން ފެށުމުގެ ސަބަބުން ދިވެހި ރާއްޖޭގެ ރީތި ކުދިކުދި ރަށްތައް މާ ގިނަ އިރަކު އަޅުގަނޑުމެންނަކަށް ނުފެންނާނެއެވެ. އެއީ ބޯޓު ދުއްވާ ޕައިލެޓު އެހާ ކުރިން  ވަައިގެ ބަނދަރަށް އަމާޒު ހިފީމައި، މާގިނައިރު ދިވެހި ރާއްޖެ މަތީގައި ބުރުޖަހައިލަން ނުއޮންނާނެ ކަން އަޅުގަނޑަށް ޔަގީންވުމުންނެވެ!
 
(ނުނިމޭ )

ވިސްނުން ތޫނުކަން ތާޒާކަންމަތީ ދެމެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންކަން

ކިޔާފައިވާ ޢަދަދު: 4817

އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެނަށް ލިބިފައިވާ ވިސްނުމުގެ ތޫނުކަމަކީ ގުދުރަތީ ކޮންމެ ކަމެކޭ އެއްގޮތަށް މަޑުމަޑުން އިތުރުވަމުން ފުރިހަމަވަމުން ގޮސް މަޑުމަޑުން ދަށަށް ދާނޭ ކަމަކެވެ. ހިތާމައަކީ ވިސްނުން ތޫނުކަމުގެ އިތުރުން، އަޅުގަނޑުމެންގެ ސިއްހަތާއި ތާޒާކަމާއި ހަލުވި ކަމާއި ގައި ބާރުވެސް އުމުރުން ދުވަސް ވާން (މުސްކުޅިވާން) ފެށުމުން ދަށަށް ދާ ކަމެވެ. ނަމަވެސް އަޅުގަނޑު ދެންމެ މިލިޔުނު ކޮންމެ ކަމަކީ ކުޑަ ހިތްވަރެއް ލައިގެން ދަށަށް ދިއުން ފަސްކުރެވެން ނުވަތަ ދަށަށް ދާ މިންވަރު ލަސް ކުރެވެން ހުރި ކަންކަމެވެ.

އޭރުގެ ފަތްފުށްތަކުން…. (90)

ކިޔާފައިވާ ޢަދަދު: 2237

(ވޭތިވެދިއަ ޒަމާން)

الفاضل ބޮޑުފެންވަޅުގޭ سيدى


އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ (އަލްޤާޟީ ޙުސައިން ޢަފީފުއްދީން) – ރަޙިމަހުﷲ – އަކީ، ލިޔުންތެރިއެކެވެ. އެއަށްވުރެ މާ މަޝްހޫރު، ކުޅަދާނަ ޅެންވެރިއެކެވެ. ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި “ޙިމާރުލް ޤައުމު” ގެ ނަމުގައި މަޝްހޫރުވެފައިވާ ޝާޢިރަކީ، އެމަނިކުފާނެވެ. އެމަނިކުފާނަކީ، ވާހަކަ ލިޔުންތެރިއެއްވެސް މެއެވެ. ލިޔުއްވާފައިވާ މަޝްހޫރު ވާހަކަތަކުގެ ތެރޭގައި “ދިއްލީގޭ އިބްރާހީމް ދީދީގެ ވާހަކަ” އާއި “މާމަކުނުދޫ ބޮޑު ޢީސަގެ ވާހަކަ” ފާހަގަ ކޮށްލެވެއެވެ. އަދަބީ ފޮތްތަކަށް ބަލައިލާއިރު، “ދިވެހި ޅެންހެދުމުގެ މަސައްކަތްތެރިކަމުގެ ރަންތަރާދު” އާއި “ކަންޒުލް އަދަބު” އާއި “އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ އިހުގެ ޅެންތައް” ފާހަގަ ކޮށްލެވެއެވެ. 

ބައްޕަގެ ހެޔޮނަސޭހަތް…!

ކިޔާފައިވާ ޢަދަދު: 2440
މިއީ ލިޔުންތެރީނގެ ގުޅުމުގެ މެންބަރުންނަށް ޝާއިޢުކޮށްފައިވާ ޅެމެކެވެ.

އަބޫބަކުރު އާދަމް، ސިލްވަރބީޗް، ނ.މަނަދޫ

ހެޔޮބަސް އަހައިގެން ހެޔޮލަފާ އުޅުމެއް އުޅޭށޭ ދަރިފުޅާ
              ހެޔޮ  ނިޔަތުގައި   ހެޔޮއަމަލުތައް ފަށްފަށް ކުރާށޭ  ދަރިފުޅާ
އަންނަނިވި ކުރިމަގު އަލިކުރަންއޮތް ރޫހުގައި ހިތްވަރުކުރަން
              އަންގާ  ނަސޭހަތް ތެރިވަމޭ  ހިޔަހާސް ފަށުން އެދި ދަރިފުޅާ

އެ ވާހަކަ އާއި މި ވާހަކަ (3)

ކިޔާފައިވާ ޢަދަދު: 2890
އެ ވާހަކަ އާއި މި ވާހަކަ (3)
އެއްކޮށް، ލިޔުނީ: އަޙްމަދު އަޖުމަލް ޙާމިދު

ފަންސުރުގެ މަޤްޞަދު

ފަންސުރު ހަދާމީހާ ފަންސުރު ހަދާ ނިންމާފައި ފޮށްޓަށް ލުމުގެ ކުރިން އިހަށް އެއްފަރާތެއްގައި އެ ބޭއްވިއެވެ.

“ތިބާ ބާޒާރަށް ނެރުމުގެ ކުރިން، ތިބާއަށް އެނގެންޖެހޭ ފަސްކަމެއް އަހަރެން ތިބާއަށް ބުނެދޭނަމެވެ.” އޭނާ ފަންސުރަށް ބުންޏެވެ. “އެ ކަންކަން ހަނދުމަނެތިނުކޮށް އަބަދުވެސް ހަނދާން ބަހައްޓާށެވެ. އޭރުން ތިބާ ތިބާގެ ފެންވަރުން އެންމެ ރަނގަޅު ފަންސުރަކަށް ވާނެއެވެ.

އެ ވާހަކަ އާއި މި ވާހަކަ (2)

ކިޔާފައިވާ ޢަދަދު: 2489

އެ ވާހަކަ އާއި މި ވާހަކަ (2)

އެއްކޮށް، ލިޔުނީ: އަޙްމަދު އަޖުމަލް ޙާމިދު

ސައި ޖޯޑު

އެއްފަހަރަކު ޖަޕާންގެ ޢިލްމުވެރިޔެއްގެ ގާތަށް ޒުވާނަކު އުނގެނުމަށް ދިޔައެވެ. އޭގެ ދެމީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިއްބެވެ. އެއަށްފަހު އެ ޢިލްމުވެރިޔާ އޭގެ ދެމީހުންނަށް ސައިތައްޔާރުކުރަން ފެށިއެވެ. އޭނާ އޭނާގެ މެހުމާނުގެ ޖޯޑަށް ފުރެންދެން ސައި އެޅިއެވެ. އެ ފުރި ބަންޑުންވަމުން ދިޔައިރުވެސް އޭނާ ސައި އެޅުން ހުއްޓައެއް ނުލިއެވެ. އެ ޒުވާނާ ސައި ބަންޑުންވާތަން ބަލަން އިނެވެ. އަދި އެންމެފަހުން ކެތް ނުކުރެވިގެން ބުންޏެވެ.